ވާހަކަ

އަލިވިލުން - 16

މިފަހަރު ރޫހީނަކަށް ނަޒްމާނާ ދެކޮޅެއް ނުހެދުނެވެ. ބަސްއަހާ ކުޑަކުއްޖަކު ފަދައިން ނަޒްމާނު، އޭނާގެ އަތުގައި ހިފައިގެން ގެންދަން އުޅުމުން މަޑުމަޑުން ގޮސް ސޯފާގައި އިށީނދެއްޖެއެވެ. އޭނާގެ ހިތާއި ނަފުސު އުފާވެރި ރާގަކަށް ނަށާލި ކަހަލައެވެ. ބަހާރު މޫސުމުގެ ފިނި ރޯޅިއެއް އައިސް މޫނުގައި ބީހިލީހެން ހީވިއެވެ. އަސްތާއެވެ. މިވަނީ ކޮންކޮން ގޮތްތަކެއް ހެއްޔެވެ.

"ބުނަން، ތިއަށްވުރެ ވަކިން ހާއްސަ ދެވަނަ އަންހެނެއް މި ނަޒްމާނަށްޓަކައި ނުހުންނާނެ، މާޒީ އޮތްތާނގައި ބާއްވާ، މިވަގުތު އަހަރެން މިހުރީ ހީނާއަށް ހުރިހާ އުފަލެއް ހޯދައިދޭން ތައްޔާރަށް، ވެދިޔަ ތަނުގެ ވާހަކަ ދައްކަންވީ ކީއްކުރަން، ދެން އޮތީ ޖަލު ހުކުމުގެ ވާހަކަ، ހުކުމް ކުރިއަށްދަނިއްޔާތާ، އެންމެ ފަހަރަކުވެސް އަހަރެންގެ މީހަކަށް ވާން ތައްޔާރޭ ބުނެބަލަ، މުޅި ދުނިޔެ ދެކޮޅަށް އޮތަސް ހީނާ މަށާއެކުގައި ހުރިއްޔާ ހުރިހާ ދިމާއަކުން ސަލާމަތް ކުރާނަން،"

ރޫހީނަށް ހިނިތުންވެލެވުނީ ބޭއިހުތިޔާރުގައެވެ. ނަޒްމާނުގެ ދެލޮލުން އޭނާއަށް ޔަގީންކަންް ފެނުނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ކޮންމެގޮތެއް ވިޔަސް ނަޒްމާނާ މެދު އޭނާގެ ހިތުގައި ވިންދު ޖަހަން ފެށިކަމާ މެދު ދެކޮޅެއް ނުހެދޭނެއެވެ.

****************

ވިލާގަނޑުގައި ވައި ގަދަވުމާއެކު ގަސްތައް ބާރަށް ތެޅިގަތް އަޑު އިވިފައި ގޮޅީގެ ކުޑަދޮރު ކައިރީ އިށީނދެގެން އިން ރޫހީން ސިހިއްޖެއެވެ. އޭނާގެ ލޮލުން ނިރާލި ކަރުނަ ކޯތާފަތް މަތިން ތިރިއަށް ފައިބަމުން ދިޔައެވެ. އެރޭގެ ހަނދާން، އޭނާގެ ހިތުގައި ބިންވަޅު ނެގިފައި އެހެރީ ކޮންފަދަ ވަރުގަދައަކަށް ހެއްޔެވެ. އެރެއާއި އެ ހަތަރު ދުވަސް ނަޒްމާނު އޭނާ ގެންގުޅުނީ ރާނީއެއް ފަދައިންނެވެ. ނަޒްމާނުގެ ސަމާސާ ވާހަކަތަކާއި ލާނެތް ބަސްތަކުން އޭނާއަށް ދުވަހަކުވެސް ނުލިބޭ ފަދަ އުފާވެރިކަމެއް ދިނެވެ. އެ ހަތަރު ދުވަހު އޭނާ އެއްވެސް އެހެން ކަމަކާ މެދު ފިކުރު ކުރާކަށް ނުޖައްސައި ހިތްފުރޭވަރަށް ލޯބި ދިނުމަށް ނަޒްމާން ނުކުރާ ކަމެއް ނެތެވެ.

މަރުވަމުން ދިޔަ އުއްމީދުތައް ރޯޝަން ކޮށްދިން ނަޒްމާނަށް އާއެކޭ، އަހަރެން އެއްބަހޭ ބުނި ވަގުތު ނަޒްމާން އުފަލުން ފުންމައިގަތް ގޮތް އަދިވެސް އޭނާ ހަނދާން އެބަހުއްޓެވެ. އެކަމަކު ވަގުތު، އެ އުފާވެރިކަން ދެމި އޮތަކަ ނުދިނެވެ. ނަޒްމާނުގެ މަންމަމެން ގެއަށް އައީ ކުއްލިއަކަށެވެ. މަންމަމެން ހަވީރު އަންނާތީވެ، ރޫހީން މަންމަމެން ގާތަށް ގެންދަން މެންދުރު ތައްޔާރުވާނަމޭ ކިޔާފައި ނިދި ދެމީހުންނަށް އަނެއްދުވަހުގެ މެންދުރުގެ ކުރިން ތޫފާނެއް އަންނާނެ ކަމުގެ އެއްވެސް ހިލަމެއް ވެފައި ނެތެވެ.

ނަޒްމާނުގެ މަންމަގެ ބާރު ޒީލަގަދަ އަޑު އަދިވެސް ރޫހީންގެ ކަންފަތުގައި ހަރުލާފައި އެބަހުއްޓެވެ. ނަޒްމާނުގެ އަތްދަނޑިމަތީ ބޯ އަޅާލައިގެން ނިދާފައި އޮތްތަން ފެނުމުން ނަޒްމާންގެ މަންމައާއި އާއިލާގެ އެހެން މީހުންގެ ނަޒަރުގައި އޭނާގެ އެއްވެސް އަގެއް އޮންނާނެ ހެއްޔެވެ. ބާރު ހަޅޭކުގެ އަޑާއެކު ފުންމައިގެން ތެދުވި ގޮތަށް އެނދުންވެސް ފޭބުނީ ބޭއިހުތިޔާރުގައެވެ. އެއީ ލަދުވެތި ވަގުތުކޮޅެކެވެ. އެވަގުތު ލަދުން ބިންގަނޑު ފަޅާލާފައި އަޑިއަށް ދެވޭނެ ނަމައޭ ހާސްފަހަރު ރޫހީންގެ ހިތަށްއެރިއެވެ.

"ހިލޭ ފިރިހެނުންގެ އުނގަށް އައިސް ވެއްޓިގަންނަ ތިކަހަލަ އަންހެނުންނަށް ކިޔާނަން އެނގޭތަ، ފައިސާ ބޭނުން ވަރަކަށް ލިބިދާނެ، އެކަމަކު ރަންޑިއަކަށް މިގޭގެ ޅީދަރި،"

"މަންމާ...." ނަޒްމާނުގެ ބަރު އަޑުގައި ހުރި ރުޅިވެރިކަމާއި ހިތްހަމަނުޖެހުން ކޮންމެ މީހަކަށްވެސް އިހުސާސް ވާނެއެވެ.

އެ ވަގުތުވެސް ނަޒްމާން ރޫހީންގެ އަތުން ދޫކޮށެއް ނުލައެވެ. އެކަމަކު ދޫކޮށްލީ ރޫހީނެވެ. އެ ވަގުތަކު ނޫނެވެ، އެކަމަކު އޭގެ ފަހުން ނަޒްމާނުގެ މަންމަ ވަކިން އައިސް ވާހަކަދެއްކުމަށްފަހުގައެވެ. ދަރިފުޅުގެ ކުރިމަތީގައި ހަތިޔާރު ބެހެއްޓިނަމަވެސް ނަޒްމާނުގެ މަންމަ ރޫހީން އެގޭގެ ޅީދަރިއަކަށް ވާން ރުހޭނެ ހެއްޔެވެ. މަންމަގެ އާނބަސް ލިބުމުން އުފާވެފައި، ފެންވަރައިގެން ތައްޔާރުވާން ދިޔަ ނަޒްމާނަކަށް ދެންވީ ގޮތެއް ނޭނގޭނެއެވެ.

"އޭ އަންހެނާ، ކަލޭ ބޭނުންވަރަކަށް ފައިސާ ދީފާނަން، މަގޭ ދަރިފުޅުގެ ހިތުން ކަލޭގެ ނަން ފޮހެލާފައި މިގެއިން ދާން އުޅޭ، އެނޫނީ ކަލެއަށް މި ރައިހާނާއަކީ ކިހާ ވަރެއްގެ ކާކުކަން ބުނެދޭން ޖެހިދާނެ، އޭރުން ހުރިހާ ހިތާމައެއް ކުރަންޖެހޭނީ ކަލޭގެ މައިންބަފައިންނާއި އާއިލާއާއި ދަރިން،" ރައިހާނާގެ އެ ވާހަކައިން އެމީހުން އެހާ ކުއްލިގޮތަކަށް އައިސް އެތިބީ އެންމެ ފުރިހަމައަށް ހުރިހާ މައުލޫމާތެއް އެނގިގެން ކަން ދެނެގަންނާކަށް ރޫހީނަކަށް އުނދަގުލެއް ނުވިއެވެ.

"އަދި އެއަށްވުރެ މާމޮޅު ގޮތެއްވެސް ވެދާނެ، ނަޒްމާނަކީ މަގޭ ދަރިއެއް، އެކަމަކު ކަލޭ ކަހަލަ އަންހެނަކާ ވައިއެޅިގެން އުޅެންޏާ އޭނާގެ ވަރަ ބިންދާކަށް މި ރައިހާނާ ފަހެއް ނުޖެހޭނެ، މާ ރީއްޗެއް ނުވާނެ، ގޮޅީގައި އޮތް ކުށްވެރިއަކު ގޭބަންދަށް ގެންނަން ރިޝްވަތު ދިންކަމަށް އަޑު އެރީމަ، އެވެސް ހެއްކާ ގަރީނާއާއެކު،"

މަންމަމެންނާ ދިމާއަށް ބަހެއް ބުނުމުން ކެތްނުކުރެވުނު ވަރަށްވުރެ ބޮޑަށް ރޫހީނަށް އަސަރު ކުރީ ދެނެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. އޭނާގެ ސަބަބުން ނަޒްމާނަށް އެއްވެސް ގެއްލުމެއް ވާކަށް ނުރުހެވުނެވެ. ރައިހާނާގެ ޝަރުތާ އެއްބަސްވާކަށް ވަގުތުތަކެއް ނުނަގައެވެ. އެކަމަކު އޭނާ އެކަން ކުރީ ފައިސާ ބޭނުންވެގެނެއް ނޫނެވެ. އެންމެ ލޯ ލާރިއެއްވެސް އޭނާ ބޭނުން ނުވިއެވެ. އެކަމަކު އެ ވަގުތުން ވަގުތަށް އޭނާ ނަޒްމާނުގެ ހަޔާތުންނާއި އެގެއިންވެސް ނުކުމެގެން ދިޔައީއެވެ. އަބަދުގެ އަބަދަށެވެ.

ނަޒްމާން ޝަކުވާ ކުރިއެވެ. އޭނާ ހޯދަން މޮޔައެއް ފަދައިން އޭނާގެ މަންމަގެ ފޯނަށާއި އާއިލާގެ އެހެން ދަންނަ އެންމެންގެ ނަންބަރަށް ގުޅިއެވެ. އެކަމަކު އެއްވެސް ވާހަަކައެއް ދައްކަން ރޫހީން އެއްބަހެއް ނުވިއެވެ.

(ނުނިމޭ)