ވާހަކަ

ރުހުން ދީފާނުހޭ - 74

1

"އޯކޭ. އުފާވެއްޖެތަ؟ ތިވެސް ހުސްވީ. މަންމަ ހަމަ ގަސްތުގަ ވާހަކަ ގިނަކުރީ" މެލެކް ބުންޏެވެ.

"މަންމަ މިދަނީ މިރެއަށް ކާއެއްޗެއް ރޯފިލުވަން. ދޮނާ އައިސް ބޭސްތައް ވަކިކޮށްދޭނެ. ހިނގާ އެފަރާތަށް ކުޑަކޮށް ހިނގާލަން" ތަބައްސުމް ބުންޏެވެ.

***

ގަޑިން ބާރަޖަހަން ދެ މިނެޓް ހުއްޓެވެ. ނުނިދި ދެފަރާތަށް ފުރޮޅެން އޮތް މެލެކް ތެދުވެ ހެޑްބޯޑުގައި ލެގިލިއެވެ. ބަނޑުހައިހޫނުކަމުގެ އިހުސާސްވުމުން އޭނާއަށް ބަލައިލެވުނީ މެދުގައި ނިދާފައި އޮތް ލޫލުގެ އަނެއްފަރާތުގައި އޮތް ތަބައްސުމްއަށެވެ. މުޅިދުވަހު ގޭތެރޭގެ މަސައްކަތުގައި އުޅުމަށްފަހު ތަބައްސުމް ނިނީ ވަރުބަލިވެގެންނެވެ. އަނެއްކޮޅުން ތިނެއް ޖަހާއިރު ހޭލާނެއެވެ. މެލެކް އެނދުން ފޭބީ އެއްވެސް މީހަކަށް އުނދަގޫކުރަން ބޭނުންނުވުމުންނެވެ. ފޯނު ހިފައިގެން ކޮޓަރިން އޭނާ ނިކުތެވެ. ލައިޓުތައް ނިއްވާފައި ހުއްޓެއްކަމަކު ގޭތެރެއަށް އައްޔެވެ. ބަދިގެ އާ ދިމާލަށް ދަނިކޮށް އޭނާ ސިހުނީ މައިލީންގެ ކޮޓަރި ދޮރުހުޅުވާލި އަޑަށެވެ. ކުރިމަތީގައި ހުރި މެލެކް ހިޔަންޏެއްހެން ފެނުމުން މައިލީން ދިޔައީ ސިހިގެންނެވެ.

"މިއީ މަށޭ ދޮނާ" މެލެކް ބުންޏެވެ.

މެލެކްއަށް އެނގެއެވެ. ދެން މައިލީން ލަވައިގަންނާނީ ހަޅޭކެވެ. މުޅި ގެ ހޭލައްވާލާނެއެވެ. ވަގު ކަލޭގެ ގެ ދޫކޮށް ދާވަރު ކުރާނެއެވެ.

"ވަގެއް ކަމަށް ހީކުރީ" މައިލީން ބުންޏެވެ.

"ނަސީބެއް މިފަހަރު އަޑުގަދަކުރަން ފެށުމުގެ ކުރިން ދޮނާ ހުއްޓުވުނުކަން" މެލެކް ބުންޏެވެ.

"ކޮންކަމަކު ނިކުމެ ތިއުޅެނީ" މައިލީން އެހިއެވެ.

"ވަރަށް ހައިވެގެން މިދަނީ. ކާން ބޭނުމީ. ނެތްތަ ގަރުދިޔަ" މެލެކް އަހާލިއެވެ.

"ވަޓް؟ ގަރުދިޔަ؟ މިގަޑީގަ" މައިލީން ބުންޏެވެ.

"ހުސް ގަރިދިޔަ ބޯ ހިއްވަނީ. ކުޑަކޮށް ކުޅިކޮށްލައިގެން ލުނބޯ ޖަހައިގެން" މެލެކް ބުންޏެވެ.

މައިލީންއަށް ހެވުނެވެ. މާބަނޑުވުމުން އެކިމީހުން ކާހިއްވާނީ އެކި އެއްޗެހިކަން އޭނާއަށް އެނގެއެވެ. އޭނާ އައިސް މެލެކް އަތުގައި ހިފާލިއެވެ.

"ހިނގާ" މެލެކް ގޮވައިގެން މައިލީން ހިނގައިގަތެވެ.

"މަންމަ ނިދައިފި ދޯ" މައިލީން އަހާލިއެވެ.

"އާނ. ކޮންއިރެއް. މަށާ ދޮނާ މިތިބީ މިގޭގަ ހޭލާ" މެލެކް ބުންޏެވެ.

"އަހަދު ގުޅައިގެން މިހުރިހާއިރު. ނިދާ ގަޑިވީމަ މާބޮޑަށް މިސްވަނީ އޯ" މައިލީން ބުންޏެވެ.

"ދޮނާ ކިހާ ލަކީ. ކިހާ ލޯބިވާ މީހެއް ތިލިބުނީ. އެ އުޅެނީ ދޮނާ ނެތީމަ މިސްވާވަރުން ނުނިދިގެން" މެލެކް ބުންޏެވެ.

"މިސްވާ މީހުން އެބަ އެނގެއެއްނު. ތިފޯނަށް ބަލަން ނީނދެ ނަގާބަލަ" މައިލީން ބުންޏެވެ.

ހުއްޓިފައި އިން ކަހަލަ ގޮތަކަށް މެލެކް އިނީ އެ ކޯލު މިސްވަންދެން ބަލާށެވެ. ދެވަނަ ފަހަރަށް ވެސް ބާޒިލް ގުޅިއިރު މެލެކް އިނީ ހުއްޓުންވެފައެވެ. އޭނާބެ ހިތް ދެގޮތަށް ވާހަކަދައްކާ ވަރުންނެވެ. ހިތް ގޮތެއް ނިންމާނެ އިރެއް ނޭނގިފައެވެ. އޭނާ ބޭނުންވި ގޮތަށް ކާއެއްޗެހި ހިފައިގެން އައި އިރުވެސް މެލެކް އިނީ ހަމަ އެހެންނެވެ. މައިލީން މެލެކްގެ ގާތުގައި އިށީނެވެ. ތިންފަހަރު ގުޅުމަށްފަހު އިތުރު ކޯލެއް ނާދެއެވެ. މެލެކް އަދިވެސް ބަލަން އިނީ ފޯނަށެވެ. އިތުރަށް ބާޒިލްގެ ކޯލެއް ނައުމުން އޭނާ މާޔޫސްވެއްޖެއެވެ.

"ފެނެއެއްނު ދޮނާ އަށް. ދެން ނުގުޅާނެ. ކަމަކަށް ބޭނުންވެފަ ހުރި މީހެއް ވިއްޔާ ގުޅާނީ އެންމެ ތިންފަހަރުތަ؟" މެލެކް ބުންޏެވެ.

"މެލީގެ ކޮންކަހަލަ ވިސްނުމެއް ތިހުންނަނީ؟ މެލީ މިތަނަށް އައިސް ތި ފޯނު ހުޅުވިފަހުން ބާޒިލް ގުޅީ އެންމެ ތިންފަހަރުތަ؟" މައިލީން ހިތްހަމަނުޖެހުނެވެ.

"މެލީއަށް ކީއްވެތަ އަބަދު ބާޒިލްގެ ކުށް ފެންނަނީ؟ ތިގުޅުން ހީނަރުވެގެން ގޮސް ތިހިސާބަށް ދިޔުމުގެ ފަހަތުގަ މެލީގެ ހަމަ އެއްވެސް ކުށެއް ނެތްތަ؟ ދޮނާއަކަށް ހިއެއްނުވޭ"

"އަޅުގަނޑު ކޮންކަމެއް ކުރީ؟"

"ވިސްނާލަބަލަ... މެލީ ހެދި ކޮންމެ ގޮތެއް ގަބޫލުކޮށްގެން އޭނަ އެހުންނަނީ. މެލީ ބުނީ ރަނގަޅަށް. ބާޒިލް އިނީ މެލީދެކެ ލޯބިންނެއްނޫން. އާއިލާ އިން މަޖުބޫރުކޮށްގެން. އޭރުވެސް ބާޒިލްގެ ހަޔާތުގައި ސާރާ ހުރި. އެހުރިހާކަމެއް މާޒީއަށް ވެއްޖެ. އިންސާނަކު ކުރެވުނު ފާފައަށް ތައުބާވެ ރަނގަޅު މަގު އިހްތިޔާރުކުރީމަ އެއްވެސް މީހަކަށް އޭނަ މާޒީގަ ކުރި ފާފައަށް އަދަބު ދިނުމުގެ ހައްގެއް ލިބިގެންނުވޭ. އެއްވެސް އިންސާނަކަށް ހެއްދެވިފަރާތަށް ވުރެ މައްޗެއް ނުވެވޭނެ. އަޅަކު ތައުބާވުމުން އެކަލާނގެ އެ އަޅެއްގެ ތައުބާ ގަބޫލުކުރައްވާ. ކަން އެހެން އޮތްއިރު މެލީ ތިއީ ކާކު؟ ބާޒިލް ކުރީކީ ނުފުއްސަވާވަރުގެ ފާފައެއް ނޫން" މައިލީން ކިޔަމުން ދިޔައެވެ. އިނގިލީގެ ނިޔަފަތިގަނޑު ހަފަމުން ދިޔަ މެލެކް އެއްބަހެއްވެސް ނުކިޔައެވެ.

މެލެކް އިންގޮތުން މައިލީން ވާހަކަތައް އެހިސާބުން ހުއްޓާލިއެވެ. ސިކުނޑީގެ ކޮންމެވެސް ހިސާބެއްގައި އެވާހަކަތައް ހަރުލައިފިކަން ޔަގީނެވެ. އެހެންނޫނަމަ އެހެން ހިމޭނުން ނުއިންނާނެއެވެ. ބާޒިލް އާ އެއްކޮޅަށް ވާހަކަދެއްކުމުން މިހާރު ފާޅުގައި މެލެކް އެއްޗެއް ނުބުނެއެވެ. އެހެންކަމުން މެލެކްގެ ވެސް ކުށެއް އޮތްކަން މަޑުމަޑުން އިހުސާސްކޮށްދެން އެބަޖެހެއެވެ.

"ލޫލުގެ ފަހަރުގަ މެލީ ސައިބޯނިވެސް ކެއި. މަންމަ އާ މައުސޫމާއްތަ އުޅުނީ ސައިބޯނި ފުޅިތައް ފޮރުވައިގެން. މިފަހަރު ނިޔަފަތި ތަ މީރީ؟" މައިލީން އަހާލިއެވެ.

މެލެކްއަށް ހެވުނެވެ. ލޫލުއަށް ބަނޑުބޮޑުއިރު އޭނާ ސައިބޯނި ކެއި ކަން އެނގުމުން އަނގައަށް ނުބައި ގޮތެއް ހަދާލިއެވެ. އޭނާ އަނގައިގެ ތެރެއިން ނިޔަފތިގަނޑު ނެގިއެވެ. ހީލައިގެން އިން މައިލީން މެލެކްގެ މޫނުގައި ފިރުމާލިއެވެ. އަބަދުވެސް ހިނިތުންވެގެން އިންނަން ބުންޏެވެ. ކާން ގެނައި ބޯތަށި ގާތަށް ޖައްސާލާފައި އަވަހަށް ބޯލާށޭ ބުންޏެވެ.

"އަވަސްކުރޭ. ރޭގަނޑުގެ ނިންޖަކީ މާބަނޑު މީހަކަށް ވަރަށް މުހިންމު އެއްޗެއް" މައިލީން ބުންޏެވެ.

މެލެކްއަށް އެއްކޮށް ހުސްނުކުރެވުނެވެ. ވަކި ހިސާބަކުން މޭނުބައި ކޮށްލިއެވެ. މައިލީން ގެނެސްދިން ފެންތަށި ބޯލައިގެން ދެކުދީން އައިސް އެކުއްޖެއްގެ ކޮޓަރިއަށް ވަނެވެ. އެނދުގައި އިށީނދެފައި މެލެކް ފޯނަށް ބަލައިލިއެވެ. ބާޒިލްގެ މެސެޖުތަކެއް ހުއްޓެވެ. މެލެކް ފަހަރަކު މެސެޖެއް ހުޅުވައިގެން ބަލަން ފެށިއެވެ. މުޅީންވެސް ލޯބިވާކަން ހާމަކޮށްދީފައިވާ މެސެޖްތަކެވެ. މެލެކް އެގޮތަށް ކަންތައްކުރާތީ ދެރަވާ ވާހަކަ ބުނެފައެވެ. ތަކުރާރުކޮށް މަޢާފަށްއެދިފައެވެ. މެލެކް އާއި ލޫލޫ ދެކެން ބޭނުންވާވަރު ހާމަކޮށްދީފައެވެ. ފޯނުން ވާހަކަދައްކާހިއްވާ ވާހަކައެވެ. އެކުގައި ދިރިއުޅެން ބޭނުންވާ ވާހަކައެވެ. އެންމެފަހު ނޭވާ ވެސް މެލެކްގެ އުނގުގައި އޮވެ ދޫކޮށްލަން ބޭނުންވާ ވާހަކައެވެ. އެންމެފަހު ފުރުސަތު އޭނާއަށް ދިނުމަށް އެދިފައެވެ. މެސެޖުތައް ކިޔާ ނިމުނުއިރު މެލެކްއަށް އިނީ ރޮވިފައެވެ. އޭނާ ވަރަށް ބޮޑަށް ހިތުގައިޖެހިއްޖެއެވެ. އެތައްއިރަކު އޭނާ ވިސްނަން އޮތެވެ. އެންމެފަހުން އޭނާ ފޯނު ނަގާފައި ބާޒިލްއަށް މެސެޖެއް ލިޔަން ފެށިއެވެ. ވަކި ހިސާބަކުން ލިޔުނު ހުރިހާ އެއްޗެއް ފޮހެލިއެވެ. އަނެއްކާވެސް ލިޔަން ފަށައެވެ. ތިން ލައިނަށް ވުރެ ގިނަވުމާއެކު ބޭކާރު ވާހަކަތައް ގިނަވެއްޖެހެން ހީވެ ތަކުރާރުކޮށް ލިޔެ ލިޔެފައި ފޮހެމުން ދިޔައެވެ. އެންމެފަހުން އޭނާއަށް ލިޔެވުނީ އެންމެ ޖުމްލައެކެވެ. "ވަރަށް އަވަހަށް ދެވަނަ ފަހަރަށް ބާޒިލް ބައްޕައަކަށް ވާނެ" އޭނާ މެސެޖު ބާޒިލްއަށް ފޮނުވާލިއެވެ. މެސެޖު ހަމަ ލިބުމާއެކު ކަންނޭނގެއެވެ. ބާޒިލް ގުޅަން ފެށިއެވެ. މެލެކް ހައިރާންވިއެވެ. އޭނާ ފަދައިން ބާޒިލްގެ ދެލޮލުގައިވެސް ނިދީގެ އަސަރު ނެތީ ހެއްޔެވެ؟ މެލެކް އިނީ ދެ ވިސްނުމެއްގައެވެ. ފޯނު ނަގަންވީކަމެއް ނުނަގަންވީކަމެއް ނޭނގެއެވެ. ފޯނަށް ބަލަން އިންދާ ކޯލު ކެނޑިއްޖެއެވެ. އިރުކޮޅަކުން އައި މެސެޖު މެލެކް ހުޅުވާލިއެވެ.

"މެލީ ފޯނު ނުނެގިޔަސް އަހަރެން ރުޅިއެއްވެސް ނާންނާނެ. ފޫއްސެއްވެސް ނުވާނެ. ވަރަށް ލޯބިވޭ. ޕްލީޒް އެންމެފަހަރަކު ތި އަޑު އިއްވާލަބަލަ"

މެލެކް ފޯނުގެ ސްކްރީން ނިއްވާލިއެވެ. ބޯ އަޅައިގެން އޮތް ބާލީހުގެ އެއްފަރާތުގައި ފޯނު ބާއްވާފައި ނިދުމަށް ދެލޯ މަރާލިއެވެ.

****

އަނެއް ދުވަހެވެ. ގޭތެރެ ކުނިކަހަން ހުރި ތަބައްސުމް އަޅައިގެން ހުރި ބުރުގަލާއި ކަންފަތާ ދެމެދަށް ފޯނު ކޮށްޕާލައިގެން ހުރެ ދިޔައީ ވާހަކަދައްކަމުންނެވެ. އެވަގުތު ގޭތެރެއިން އެއްވެސް ކުއްޖަކު ނުފެނެއެވެ. އެއްޗެއް ގަންނަން މައިލީން ބޭރަށް ނިކުތްފަހުން އިރުކޮޅެއް ވެއްޖެއެވެ. ލޫލުއަށް ކާންދީގެން މެލެކް ވަނީ ކޮޓަރއަށެވެ.

"އަލްހަމްދުލިއްލާހް. މިހާރު ވަރަށް ރަނގަޅު. މިހާރު ބާޒިލްގެ ވާހަކައެއް ދެއްކިޔަސް ރުޅިއަކުންވެސް ނޫޅޭ. ﷲ އިރާދަކުރެއްވިއްޔާ ގޯހެއް ނުވާނެ"

ކުނިކަހައި އޭނާ ނިންމާލީވެސް ފޯނުގައި ހުރެގެންނެވެ. އައިސްއަލަމާރިން ފިނިފެންފުޅިއަކާ ބިއްލޫރި ތައްޓެއް ހިފައިގެން އައިސް އޭނާ ސޯފާގައި އިށީނެވެ.

"އަހަންނަކަށް ނުފެނޭ ތިކޮޅު މަސައްކަތްތައް ނިންމާލާފަ އަންނާކަށް. އިހަށް މަޑުކުރޭ. މެލީ ހަމަޔަކަށް އަޅުވައިގެން ތިކޮޅަށް ދާން އެއްބަސްކުރުވޭތޯ އަހަރެން ބަލާނަން"

ފެންވަރަން ދިޔުމަށް އޭނާ ތެދުވި ވަގުތު މައިދޮރުގެ ތަޅު ހުޅުވުނު އަޑު އިވުނެވެ. ބޭރުން އަންނާނީ މައިލީން ކަން އޭނާއަށް އެނގެއެވެ. ސިޑިއާ ދިމާލަށް ދަނިކޮށް މައިލީން އެތެރެއަށް ވަދެއްޖެއެވެ. ތަބައްސުމް ހައިރާންވީ މައިލީން ކައިރީގައި ހުރި އަންހެންކުއްޖާ ފެނިފައެވެ. ކޮންމެސްތަނަކުން ދުށް ހަނދާނެއް ވިއެވެ. އެ އަންހެންކުއްޖާއަކީ ކާކުކަން ދެނެގަންނަން އޭނާ ވަގުތުކޮޅެއް ނެގިއެވެ.

"ޝިނާ" ތަބައްސުމް ހަނދާން ނުވެގެން އުޅޭހެން ހީވުމުން ހީލައިގެން ހުރި ޝިނާ އަމިއްލައަށް ބުނެލިއެވެ.

ތަބައްސުމް ހިނިތުންވެލިއެވެ. ދެ އަންހެންކުދީން ކައިރީގައި އައިސް ހުއްޓުނެވެ. އޭނާ ޝިނާގެ ބުރަކަށީގައި ފިރުމާލިއެވެ. ޝިނާ ފެނުމާއެކު އޭނާއަށް އިހުސާސް ކުރެވިގެން ދިޔައީ ގާތްކަމެވެ. އެ އަންހެންކުއްޖާގެ ހުންނަނީވެސް އެފަދަ މިޒާޖެއް ވިއްޔާއެވެ. ހިތްހެޔޮކަމާ ސާދާކަމުގެ ބޮޑު ފިހާރައެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

"ދައްތަ ދޯ މި ކުއްވެރިވީ. އެންމެފަހަރަކު ވިއްޔާ ފެނުނީ...." ޝިނާގެ އަތުގައި ތަބައްސުމް ހިފާލިއެވެ. ޝިނާ ސޯފާގައި ބައިންދާފައި ގާތުގައި ތަބައްސުމް އިށީނެވެ. މައިލީން ބަދިގެއަށް ދިޔައީ ޝިނާއަށް ބޯލާނެ އެއްޗެއް ބަލައެވެ.

"ތަންކޮޅެއް ކުރިން އައިނަމަ ދައްތަމެންނާއެކު މެންދުރުގެ ކެއުމުގަ ބައިވެރިވެވުނީހެއްނު" ތަބައްސުމް ބުންޏެވެ.

"ވަރަށް ގަދައަށް މެންދުރު މިއަދު ކާންލިބުނީ. ދިވެހި ކެއުމެއް. ފަހަރިގެ މަންމަމެން ގެއިން. އެކަމަކު މިގެއިން ދައްތަމެން ދިން ކޮންމެ އެއްޗެއް ވިޔަސް ކައިގެން ދާނީ" ޝިނާ ބުންޏެވެ.

ލޯބިވެތި ބެލުމަކުން ޝިނާގެ މޫނަށް ތަބައްސުމް ބަލަން އިނެވެ. މީހުންނާ އަވަހަށް ރަހްމަތެރިވެވޭ ކަހަލަ ހިތްހެޔޮ މިޒާޖެއްގެ ކުއްޖެކެވެ. މޫނުމަތިން ރައްޓެހިގޮތެއް ހުރެއެވެ. ރީތި ކުއްޖެއް ނަމަވެސް ބޮޑާކަމެއްނެތް ސާދާ އަންހެންކުއްޖެކެވެ. ދިމާވި ވާހަކަދެއްކި ކޮންމެ މީހެއްގެ ހިތް މިލްކު ކުރާނެކަން ޔަގީނެވެ.

"ތެންކިޔޫ.." މައިލީން ދިއްކޮށްލި ކަރާ ފަނި ތަށީގައި ހިފަމުން ޝިނާ ބުންޏެވެ.

"ދަރިފުޅަށް ޝިނާ ފެނުނީ ކޮންތަނަކުން؟" ތަބައްސުމް އަހާލިއެވެ.

"ގޭޓު ކައިރިން. ކުރިން ގޮވާލީމަ އަޅުގަނޑަށް އެނގުނީ. މިއީ ދޯ ޔާނު ހޯދަން އެރޭ އައި މީހަކީ" މައިލީންބެ އަޑުގައިވީ ސަމާސާއެވެ.

"ލައްބަ. އެއްރޭ އައިން ޔާނު ހޯދަން ރަށުގަ ހުއްޓަ" ފަނި ތަށިން ކޯވަރެއް ބޯލަމުން ޝިނާ ބުންޏެވެ.

"މިހާރު މިކޮޅަށް ބަދަލުވީތަ؟ ޝިނާ އަތޮޅުގަ މަސައްކަތް ކުރީމޭ ބުނީމެއްނު" ތަބައްސުމް ބުންޏެވެ.

"ލައްބަ. މިހާރު މިހުންނަނީ ގޭގަ. މި ވިސްނަނީ ވަޒީފާ މިނިސްޓްރީއަކަށް ބަދަލުކުރަން. ދިރިއުޅުމަށް ވަރަށް ބޮޑު ބަދަލެއް ގެންނަން މަޖުބޫރުވެއްޖެ" ޝިނާގެ ތުންފަތުގައިވި ރަކި ހިނިތުންވުމަށް ތަބައްސުމް ބަލައިލިއެވެ. އެވާހަކަތައް މައިލީންއަށް ނުވިސްނުނަސް ތަބައްސުމްގެ ސިކުނޑި ވިސްނައިގެންފިއެވެ.

"އޭރުން ރަނގަޅުވާނެތަ؟ ޝިނާ ތިއީ ފުލުހުންގެ މަތީ މަގާމެއްގަ ހުރި ކުއްޖެއްނު" ތަބައްސުމް ބުންޏެވެ.

"ލައްބަ. އަޅުގަނޑުގެ ކޮލިފިކޭޝަނާ ގުޅޭ ފެންވަރުގެ މަގާމަކަށް މިބަދަލުވަނީ. މިހާރު ގާތްގަނޑަކަށް ހުރިހާ ކަމެއް ނިމިއްޖެ" ޝިނާ ބުންޏެވެ.

"ޔާނު އާ ދެކުދިން މިހާރު ރައްޓެހިވެގެންތަ ތިއުޅެނީ؟" މައިލީން އަހާލިއެވެ. އެއީ އޭނާ އެންމެ އެނގެން ބޭނުންވި ކަމެވެ. ރައްޔާނުގެ ފަރާތުން ދެކުދީންގެ ގުޅުން ކައިވެންޏަކާ ހަމައަށް ދިޔަސް އެނގޭނެކަމެއް ނޭނގެއެވެ.

"ނޭނގެ.... ހެހެހެ... ޔާނު ކައިރީގަ އަހާލަބަ" ޝިނާ ލަދުގަންނަ ގޮތް ވިއެވެ.

ތަބައްސުމް މައިލީންއަށް ބަލައިލާފައި ދެން އެފަދަ ސުވާލެއް ނުކުރުމަށް ލޮލުގެ އިޝާރާތުން ބުނެލިއެވެ. ޝިނާ ލަދުގަތްތަން ފެނުމުން ތަބައްސުމް ހަމްދަރުދީވިއެވެ.

"މެލީ ކޮބާ؟ ޔާނު ބުނި މެލީ ބައްޔޭ. ކޮންމެހެން މިއައީވެސް މެލީ ބަލި ވާހަކަ ބުނީމަ" ޝިނާ ބުންޏެވެ.

މައިލީން ފޯނު ނަގާފައި މެލެކްއަށް ގުޅާލިއެވެ. ހޯދަން މީހަކު އައިސް ވާހަކަ ބުނެފައި ފޯނު ކަނޑާލިއެވެ.

"އެކަހަލަ އެއްޗެއް ބުނީމަ ނޫނީ މެލީ ކޮޓަރިން ނުނެރެވޭނެ" މައިލީން ހީލަމުން ބުންޏެވެ.

އިރުކޮޅެއްނުވެ މެލެކް އައެވެ. ޝިނާ އަށް މެލެކް ބަލައިލިއެވެ. ޝިނާ އިނީ ހީލައިގެންނެވެ. ބަދަލުގައި ޝިނާއަށް މެލެކް ހިނިތުންވެލިއެވެ. ޝިނާގެ ހިނިތުންވުން ފެނި ނޭނގޭ ގާތްކަމެއް އުފެދިގެންދިޔަ އިހުސާސެއް ކުރެވުނެވެ. އެހެންނަމަވެސް އެއީ ކާކު ކަމެއް އޭނާއަށް ނޭނގުނެވެ. ތަބައްސުމް އާއި މައިލީންއަށް މެލެކް ވަކިވަކިން ބަލައިލިއެވެ. އޭނާގެ ބެލުން ހުރިގޮތުން ބުނީ ކީކޭކަން މައިލީން އަށް އެނގުނެވެ.

"މީ ޝިނާ" ޝިނާ ސަލާމަށް އަތްދިއްކޮށްލިއެވެ.

"މެލެކް ސަލާމްކޮށްލިއެވެ. ތަބައްސުމް އިން ގޮނޑިގެ އަތްގަނޑުމަތީގައި މެލެކް އިށީނެވެ. ހަމައެކަނި ނަން ބުނެގެން އޭނާއަށް ނުފުދުނެވެ.

"ޝިނާ މީ ކާކުކަން މެލީއަށް ނޭނގޭ ދޯ" މައިލީން ބުންޏެވެ.

"އަދި ނޭނގިފަ މީނީ" މެލެކް ބުންޏެވެ.

"ހީވަނީ ދުވަސްކޮޅަކުން އަހަރެމެންނާއެކު އެއް ގެއެއްގަ އުޅެން ވަރަށް އަވަހަށް ޝިނާ އަންނާނެހެން" މައިލީން ބުންޏެވެ.

ޝިނާ ހީލަމުން އިސްޖަހާލިއެވެ. މައިލީން ބުނި އެއްޗެއް އެއްކޮށް ފަހުމުވާން މެލެކް ހިނދުކޮޅެއް ނެގިއެވެ.

"އޯ ޔާނުގެ ކަންތައް ދޯ... "މެލެކް ބުންޏެވެ.

"ޝިނާ ދޯ. އެނގޭތަ ޔާނު ބުނި ޝިނާ އަންނާނެ ވާހަކަ. އަންނާނެ ދުވަހެއް ގަޑިއެއް ނުބުނޭ. ކުޑަމިނުން ނަންވެސް ނުބުންޏޭ" މެލެކް ހީލިއެވެ. އޭނާ އިށީނީ ތަބައްސުމް އިން ގޮނޑީގެ އަތްގަނޑު މަތީގައެވެ.

"އެހެންނުވާނެ. އެއްދުވަހު ޝިނާ އައޭ. އެދުވަހު މަންމަ އާ ވާހަކަވެސްދެއްކި. އިރުކޮޅަކު އިނދެފަ ދިޔައީ" ތަބައްސުމް ބުންޏެވެ.

"އެދުވަހު އައިސް މަންމަ އާ ވަކިން ބައްދަލުކޮށްލާފަ ދިޔައީ ދޯ. ދެން ކޮންއިރަކުން މެރީކުރަނީ؟" މެލެކް ބުންޏެވެ.

ޝިނާ އަށް ދޭނެ ޖަވާބެއް ނޭނގެއެވެ. އޭނާ އުޅެނީ ރައްޔާނު އާ ލޯބީގެ ގޮތުން ގުޅިގެން ކަމެއް އަދިވެސް އޭނާއަށް ޔަގީނެއް ނުވެއެވެ. ރައްޔާނު އޭނާއަށް ގުޅައެވެ. ހާލު ބަލައެވެ. ބައެއްފަހަރު ދިރިއުޅުމުގެ ވާހަކަތައް އަހައެވެ. ޝިނާގެ އާއިލާގެ ކަންކަން އޮޅުންފިލުވައެވެ. ދުވަހަކުވެސް ރައްޔާނުގެ ހިތުގައި އޮތް އެއްޗެއް ހާމައެއް ނުކުރެއެވެ. ޝިނާގެ ހުށަހެޅުން ގަބޫލުކުރިކަން ބުނުން ފިޔަވައި އިތުރު ވާހަކައެއް ނުބުނެއެވެ. ކައިވެނި ކުރާނެ ދުވަހަކާއި ރައްޔާނު ވިސްނާފަ އޮތް ގޮތެއް އަދި ނުބުނެއެވެ. ގުޅާ ކޮންމެފަހަރަކު ޝިނާ ލޯބިވާވަހަކަ ރައްޔާނަށް އިއްވާލައެވެ. އެއަށް ރައްޔާނު ދޭ ހަމައެކަނި ޖަވާބަކީ ހަމައެކަނި ހީލުމެކެވެ. އެކަން އިނގެނީ ރައްޔާނު ހީލާ އަޑު އިވޭތީއެވެ.

"އަދި ނޭނގެ" ޝިނާ ބުންޏެވެ.

"ރައްޔާނު އަދި ދައްތަމެން ކައިރީގަވެސް ކައިވެންޏަކާ ގުޅޭ އެއްވެސް ވާހަކައެއް ނުދައްކާ. ރައްޔާނަކީ ނިކަން ލަދުރަކި ކުއްޖެއް. ބޭނުންވާ ކަމެއްގެ ވާހަކަ އެސޮރުގެ އަނގައިން ނެރެވޭނީ ނިކަން މީހަކު ވަރަށް މަސައްކަތްކޮށްގެން. އެކަމަކު ވަރަށް ހަރުދަނާ ވާނެ. ކޮންމެ މަސައްކަތެއްވެސް ކުރަން ކެރޭނެ. ގާތްމީހުން ދެކެ ވަރަށް ލޯބިވާނެ. ރައްޔާނުގެ މައިންބަފައިން މިދުނިޔޭގައި ނެތް. އެކަމަކު އެއީ ހަމަ ދައްތަމެންގެ އުފަން ދަރިއެއްފަދަ ކުއްޖެއް. ރައްޔާނުގެ ކައިވެންޏާ ގުޅޭ އެންމެ ކުޑަ ހަރަދުން ފެށިގެން އެންމެ ބޮޑު ހަރަދުވެސް ﷲ އިރާދަކުރެއްވިއްޔާ ކުރާނީ ދައްތަމެން. އެއީ މި އާއިލާގެ ހުރި ހަމައެކަނި ފިރިހެން ދަރިއަކީ"

ތަބައްސުމްގެ ވާހަކަތައް އަހަން ޝިނާ އިނެވެ. އޭނާ އިނީ އިސްއޮބާލައިގެން ދެއަތުގެ އިނގިލިތަކާ ކުޅޭށެވެ. ރައްޔާނުގެ ނޭނގޭ ބައެއް ކަންކަން ތަބައްސުމްގެ ފަރާތުން އޭނާއަށް އެނގިއްޖެއެވެ.

"ދެން މިހާރު އާއިލާ ކުއްޖަކަށްވަނީނު. ގުޅުން ބާއްވަންވާނެ އެނގޭ. ގުޅާނަން ވަރުގަދަ ކެއުމެއް ހަދާލާފަ" މައިލީން ބުންޏެވެ.

****

ވަގުތުތަކެއް ފާއިތުވެގެން ހިނގައްޖެއެވެ. ކަލަންޑަރުން ފަހަތަށް ދިޔަ ދުވަސްތަކެކެވެ. ހީވެސްނުކުރާހާ އަވަހަށެވެ. ބާޒިލްގެ އިންތިޒާރަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އަދިވެސް މެލެކް އޭނާއަށް ދިން އަދަބަށް ނިމުމެއް ނާދެއެވެ. އޭނާ އަށް ކެތްތެރިކަން ﷲ ދެއްވައިފިއެވެ. ދިރިއުޅެން ދަސްކޮށްފިއެވެ. ﷲ އެންގެވިގޮތަށް އުޅެގެން މެލެކްގެ ހިތް ރުއްސޭނެކަމުގެ ޔަގީންކަން އޭނާއަށް ލިބިއްޖެއެވެ. ކުރީން މެލެކްއަށް ކުރާ މެސެޖަކަށް ޖަވާބެއް ނުދެއެވެ. މިހާރު ބަރާބަރަށް ޖަވާބުދެއެވެ. ދެމައިންގެ ފޮޓޯއެއް ފޮނުވަން އެދުނިއްޔާ ފޮނުވަނީ ހަމައެކަނި ލޫލުގެ ފޮޓޮއެވެ. ވީޑިއޯ ކޯލެއް ކުރިއްޔާ ލޫލު ނޫނީ ނުދައްކައެވެ. ކުޑަމިނުން ބަހެއްވެސް ނުބުނެއެވެ. ލޯބިވާވަހަކަ ބުނިއްޔާ ހިޔާރުކުރަނީ ހިމޭންކަމެވެ. ހަނދާންވާވަހަކަ ބުންޏަސް އެއްޗެއް ނުބުނެއެވެ. ފުރަތަމަ ދެތިންމަހު އެކައުންޓަށް ރުފިޔާ ފޮނުވާއިރަށް އަނބުރާ އޭނާއަށް ފޮނުވައެވެ. ފަހުން އެބައި ކެނޑިއްޖެއެވެ. ބާޒިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ މިހާރު ހިތާމައެއް ނުކުރެއެވެ. މަޑުމަޑުން ނަމަވެސް މެލެކްގެ ރުހުން އޭނާއަށް ލިބެމުންދާކަމުގެ އިހުސާސް އޭނާއަށް ކުރެވެއެވެ. ކުއްލިއަކަށް އޭނާ ސިހުނީ ދޮރުފަތުގައި ޓަކިޖަހާލި އަޑަށެވެ. އޭނާ ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ މައުސޫމާ އެވެ.

"ދަރިފުޅުގެ ބަފައިބެ އެބައިން. އާދޭ ބޭރަށް" މައުސޫމާ ބުންޏެވެ.

އިރުކޮޅަކުން ބާޒިލް އައިސް ކާމޭޒު ކައިރީގައި އިށީނެވެ. އައްޒާމް ބާޒިލް އާ ސަލާމްކޮށްލިއެވެ. ރަނގަޅުތޯ އޮޅުންފިލުވިއެވެ. ބާޒިލް ހީލުމަކުން ހުރިހާ ސުވާލެއްގެ ޖަވާބުދިނެވެ.

"ތައްޔާރުތަ؟" އައްޒާމް އަހާލިއެވެ.

"އޮފީހުން ނިންމަންޖެހޭ ކަމެއް ވިއްޔާ ނިންމައިފިން. ދެރަވޭ މަންމަމެން އެކަނި މިތާ ތިބޭތީ" ބާޒިލް ބުންޏެވެ.

"މައިންބަފައިން ކައިރީގަ އަބަދު ދަރީން ނުތިބޭނެއްނު. ބަލާބަލަ ބައްޕަމެންގެ ދިރިއުޅުން. ދަރީންނަށްޓަކައި މިރަށުގައި ބައްޕަ ގެދޮރު އިމާރާތްކުރީ. އެއްވެސް ދަރިއަކު ބައްޕަމެން ކައިރީގައި ނެތް. މެލެކްގެ ދިރިއުޅުން އެވަނީ މާލެއަށް ބަދަލުކޮށްފަ. އެދަރި މިތަނަށް އަންނާކަށް ބޭނުމެއްނުވޭ. ދެންހުރި މައިލީން. އަހަދުﷲ ގެ ދެފައިގައި ކަސްތޮޅު އަޅުވައިގެން ބައްޕަމެންގެ އުފަލަށްޓަކައި ކިހިނެއް އަބަދު މިތަނުގަ ބަހައްޓާނީ. ދަރިފުޅު ހާސްނުވޭ އެއްވެސްކަމަކާ. މިއީ އެއް އާއިލާއެއް. ބައްޕަމެންވީ ހާލެއްގަ އެމީހުންވެސް ވާނެ. އެމީހުން ވީ ހާލެއްގަ ބައްޕަމެން ވާނެ" ބާޒިލްގެ ބުރަކަށީގައި އައްޒާމް ޖަހާލިއެވެ. މައުސޫމާ އާއި ޒިޔާދު އެކަކު އަނެކަކުގެ މޫނަށް ބަލައިލާފައި ހީލިއެވެ.

"މަންމަ އުންމީދު ކަނޑައެއްނުލަން. މެލީ އަދި އަންނާނެ. އެދަރި މާލެއަށް ދިރިއުޅުން ބަދަލެއް ނުކުރާނެ. އެއަށް ވުރެ ބޮޑަށް މިތާ ތިބި މީހުންދެކެ އެމަންޖެ ލޯބިވޭ. ބަލަން ތިބޭތި. މާގިނަ ދުވަހެއް ނުވާނެ" މައުސޫމާ ބުންޏެވެ.

"ތިހެންވިއްޔާ ކިތަންމެހާވެސް ރަނގަޅު" އައްޒާމް ބުންޏެވެ.

"ކިހާ އިރަކު ފުރަނީ؟" ޒިޔާދު އަހާލިއެވެ.

"މާދަމާ މެންދުރެއްހާއިރަށް ﷲ އިރާދަކުރެއްވިއްޔާ މަންޒިލަށް ފޯރާނެ" އައްޒާމް ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟