ވާހަކަ

ދޭނުހޭ ކަލާ - 1

5

ވިއްސާރަ ރެއެކެވެ. ގަދަވަޔާއެކު ވެހެން ފެށި ވާރޭގެ އަޑު ހަމަހިމޭންކަން ވެރިވެފައި އޮތް އެޕާޓްމެންޓް ތެރޭގައި ގުގުމާލައިފިއެވެ. ހުޅުވާފައި ހުރި ބެލްކަނީގެ ދޮރުގެ ފަރުދާތައް ވެސް ނުސިޔާނު ރޯޅީގެ ހަމަލާތަކުން ވިހުރިލައެވެ. ދުރުދުރުން އުދަރެހުން ފާޅުވެލި ވިދުވަރުގެ އަލިން ބޯމަތިކުރަމުން އައި ވިލާގަނޑުގެ ނުރައްކާތެރިކަން ހާމަކޮށްދިނެވެ. ސޯފާގައި ނިދި ޖެހިފައި އިން އަސަލް ސިހުނީ އިވުނު ބާރު ގުގުރީގެ އަޑަށެވެ. ބެލްކަނީގެ ބިއްލޫރި ދޮރު ވެސް ގުގުރީގެ އަޑަށް ތެޅިލައިފިއެވެ. ސިހިފައި އަސަލްއަށް ލޯހުޅުވާލެވުނެވެ.

ނިދި މޫނުގައި އަސަލްއަށް އަތްތިލަ ހިންގާލެވުނެވެ. ސޯފާގައި އިނދެވުނު ގޮތުން ކަނދުރާއަށް ހުރީ ތަދެއް އަރާފައެވެ. ކަނދުރާމަތިން ފިރުމާލަމުން އަސަލްއަށް އޭނަގެ ފޯނު ހޯދާލެވުނެވެ. ފޯނު އޮތީ ސޯފާ ކުރިމަތީ ހުރި ބިއްލޫރި މޭޒު މަތީގައެވެ. ފޯނާއި ޖެހިގެން އޭނަ ތައްޔާރުކުރި ކޮފީ މަގު ހުއްޓެވެ.

ފޯނު ނަގަމުން އަސަލްއަށް ބަލައިލެވުނެވެ. ފޯނުން ފެނުނީ ފަޅުކަމެވެ. މެސެޖެއް ނެތްތަނުގައި ކޯލެއް ވެސް އައިސްފައި ނެތެވެ. ދެން އަސަލްގެ ސަމާލުކަން ހުއްޓުނީ ގަޑިން ވީ އިރަކަށެވެ. އޭރު މެންދަމުން އަލިވެ އެކެއް ޖަހައިފިއެވެ. އިންތިޒާރުގައި އިންދާ ނިދިޖެހުނުތާ އިރުގަނޑެއް ވީއެވެ.

މެސެޖު އެޕްލިކޭޝަން އަސަލް ހުޅުވާލިއެވެ. އޭނަ ފޮނުވި މެސެޖުތައް ހުރީ ކިޔާފައެވެ. ނަމަވެސް ރައްދު ދީފައެއް ނެތެވެ. އެއާއެކު އަސަލްގެ މޫނުން ފާޅުވީ ނުރުހުމެވެ. ކަޅުކަން ގަދަ ބުމަ ގޮށްޖެހި ކަތުރުކަށިގަނޑަށް ވާންވެލައިފިއެވެ. ހަށިފުރާ ފުންނޭވާއެއް ދޫކޮށްލެވުނީ ހިއްސުތަކުގެ މައްޗަށް ކުރި ހޯދަން އުޅުނު ރުޅިވެރިކަން ކޮންޓްރޯލް ކުރެވޭތޯއެވެ.

ނަންބަރަކަށް ގުޅާލަމުން ފޯނު ކަންފަތުގައި ޖައްސާލެވުނެވެ. ރިންގު ދިގުލާން ފެށުމުން އަސަލްގެ މޫނު ބަނަވުން ނޫންކަމެއް ނުވިއެވެ. ދެލޯ ވެސް އޭނައަށް ހަނިކޮށްލެވުނެވެ. ފޯނު ކެނޑޭއިރަށް އަނެއްކާ ވެސް ގުޅާލިއެވެ. މިފަހަރު އަސަލް ގުޅަން އުޅުނު ނަންބަރުން ބިޒީކޮށްލީ އެވެ. އައި ރުޅީގައި އިތުރަށް ގުޅާކަށް އަސަލް ނެހެދި އެވެ.

ސޯފާ މައްޗަށް ފޯނު އެއްލާލާފައި، ބިއްލޫރި މޭޒު މަތީ ހުރި ކޮފީ މަގު ނަގައި ތުނބުގައި ޖައްސާލިއެވެ. ހީހޫވެފައި ހުރި ކޮފީގެ ރަހައާއެކު އަނގަޔަށް ގޮތެއް ހަދާލެވުނެވެ. މަގު އަނބުރާ މޭޒު މަތީ ބެހެއްޓި އެވެ. އޭނަގެ މޫޑު އިތުރަށް ޚަރާބުވުން ނޫންކަމެއް ނުވިއެވެ. ބެލްކަނީގެ ދޮރުން ވަންނަމުން ދިޔަ ފިނިފިނި ރޯޅިތަކުން އަސަލްއަށް އުނދަގޫވުމާއެކު އޭނަ ކޮޅަށް ތެދުވުނީ ބެލްކަނީގެ ދޮރު ލައްފާށެވެ.

އުމުރުން ސައުވީސް އަހަރުގެ އަސަލް އަކީ ފިރިހެންވަންތަ ޒުވާނެކެވެ. ދިގު އިސްކޮޅެކެވެ. ބައިމަތި ފުޅާވެފައި ރޫފަ ރަނގަޅެވެ.

އައިސްފައި ހުރި ރުޅީގައި އަސަލްއަށް ބެލްކަނީގެ ދޮރު ލެއްޕުނީ ތަންކޮޅެއް ބާރަށެވެ. ދޮރަށް ފުރަގަސް ދެމުން އޭނަ ހިނގައިގަތީ ސޯފާއާއި ދިމާއަށެވެ. ބިއްލޫރި މޭޒުގެ ފައިލާކޮޅު ކައިރިއަށް ހުއްޓިލަމުން މޭޒު މަތީ ހުރި ކޮފީ މަގު ހިފައިގެން އަސަލް މިސްރާބުޖެހީ ބެދިގެއާއި ދިމާއަށެވެ.

ސިންކު ތެރެއަށް ކޮފީ އޮއްސާލައި ފެން އިސްކުރަށް ދޫކޮށްލިއެވެ. ދޮވުނު ޖޯޑު ހިފައިގެން އޭނަ ހުއްޓުނީ ކިޗެން ކައުންޓަރު މަތީ ހުރި ''ނެސްޕްރެސޯ'' ބްރޭންޑްގެ ކޮފީ މެޝިން ކުރިމައްޗަށެވެ. މެޝިނުގައި ކޮފީ ޕޮޑު ހުރިތޯ ބަލައިލެވުނެވެ.

ޒަމާނީ ފެންވަރަށް ހަދާފައި ހުރި ބަދިގޭގެ ޑިޒައިނުން އެތަން ފަރުމާކުރި މީހާގެ ހުނަރު އަންގައި ދިނެވެ. އެއީ ޚުދު އަސަލްގެ ދެއަތުން ފަރުމާ ކުރި ތަނެކެވެ. އަލަތު ކައިވެންނަށް ދެކުނު ހުރިހާ ހުވަފެންތަކާއި އުއްމީދެއް މުޅި އެޕާޓްމެންޓު ތައްޔާރުކުރުމުގައި އޮއްސާލެވުނެވެ. މުއްސަނދިކަމުގެ ކުލަވަރު ކޮންމެ ދިމާއަކުން ފެނުނަސް، ދިރުމެއްގެ އަސަރެއް ނެތެވެ. އެއް އިރެއްގައި އުފާވެރިކަމުގެ ހުނުމުން ގުގުމާލަފައި އޮތް މާހައުލަށް މިހާރު ވެރިވެފައި ވަނީ ފަޅުކަމާއި ވީރާނާކަމެވެ. އޮޔާލާ ގޮސްފައިވި އުފާވެރިކަމުގެ ތޮށިގަނޑެކެވެ.

ކޮފީ މެޝިން އޮންކޮށްލުމާއެކު ''ބްރްރް'' އަޑާއެކު މެޝިން މަސައްކަތްކުރަން ފެށިއެވެ. ލައިގެން ހުރި ހުދުކުލައިގެ ގަމީހުގެ އަތުކުރި އުޅަނބޮއްޓާ ހަމައަށް އަސަލް އޮޅާލިއެވެ. ކަރުގައި އޮތް ޓައީ ވެސް ނަގައި ފަޓުލޫނުގެ ޖީބަށް ލިއެވެ. ކޮފީގެ މީރު ވަސް ނޭފަތުގައި ޖެހުނެވެ. އެހެންޏާ ކޮފީގެ ވަހުން އަސަލްގެ ތުންފަތަށް ހިނިތުންވުމެއް ގެެނެސްދޭނެއެވެ. އެހެނަސް، މިފަހަރު މޫނަށް ވެރިވެފައިވި ނުރުހުމުގެ ކުލަވަރަށް ފަނޑުކަމެއް ނައެވެ.

ކިޗެން ކެބިނެޓުގައި އުނަގަނޑު ޖައްސާލަމުން ހަށަން ބަނދެލެވުނެވެ. އަސަލްގެ ނަޒަރު ހުއްޓުނީ ބޮޑުކޮޓަރީގެ ފާރުގައި ހަރުކޮށްފައި ހުރި މާސިންގާ ފޮޓޯގަނޑަށެވެ. އޮރެންޖް ކުލައިގެ ފަނޑުއަލިކަމުގެ ތެރޭން އެފޮޓޯގަނޑު ފެނުމާއެކު، ގޮށްޖެހިފައިވި ބުމަ ދުރުކޮށްލެވުނެވެ. ނިތުގައިވި ރޫތައް ފިލައި މާޔޫސްކަން އަސަލްގެ މޫނަށް ވެރިވާން ފެށިއެވެ.

ހުދާއި ޕީޗްކުލައިން ފަރުމާކޮށްފައިވި ކައިވެނީގެ ހެދުމުގައި ޤައިލާ ފެންނަމުން ދިޔައީ ލޮބުވެތި ހިނިތުންވުމަކާއެކުގައެވެ. އުފާވެރިކަން އެދެލޮލުގައި ބަބުޅައެވެ. އަތުގައި އޮތް ހުދު ފިނިފެންމަލާއި ކާނޭޝަން މަލުގެ މާމާބޮޑިއާއެކު އަސަލްގެ ކޮނޑުގައި އަތްއަޅުވާލައި، އަސަލްއާއި ހަތަރުކަޅިހަމަކޮށްގެން ހުރިއިރު ރަމްޒުކޮށްދެނީ ދެމަފިރިންގެ ދެމެދުގައި އޮތް ލޯތްބެވެ.

އަލަތު ކައިވެނީގެ އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ. މުސްތަޤުބަލާއި މެދު އެކުގައި ދެކުނު ފޮނި ހުވަފެންތަކެވެ. ލޯތްބާއި އުއްމީދެވެ. އެކަކު އަނެކަކަށްވި ވަޢުދާއި އިޤުރާރުތަކެވެ.

އެދުވަސްތައް ކޮބާ ހެއްޔެވެ؟ އެމަންޒަރުތައް ބަދަލުވެފައިވަނީ ކީއްވެގެން ހެއްޔެވެ؟ އޭނައަށް ހެދުނު ގޯހަކީ ކޮބައި ހެއްޔެވެ؟ ކައިވެނީގެ ބިންގަލުގައި ރެނދުލީ ކޮން ހިސާބަކުން ހެއްޔެވެ؟ އުފާވެރިކަމުގެ ހިނިތުންވުންތައް މިލައިގެން ދާން ފެށީ ކޮން އިރަކު ހެއްޔެވެ؟ ލޯބި ވޭނަށް ބަދަލުވެ ސަޒާއަކަށް ވީ ކީއްވެގެން ހެއްޔެވެ؟ މިއީ ތަޤުދީރުގެ ނުބައި ސަމާސާއެއް ހެއްޔެވެ؟ ހަޔާތުގެ މަންޒިލް އަނބުރާ ހާސިލް ވެވިދާނެ ހެއްޔެވެ؟ އުފާވެރިކަމުން ރަންގުވެފައިވި އެދުވަސްތައް އަނބުރާ ލިބިދާނެ ހެއްޔެވެ؟ އިތުބާރާއި ސުލްހަވެރިކަން ޤާއިމު ކުރެވިދާނެ ހެއްޔެވެ؟

ކޮފީ މަގު ހިފައިގެން އަސަލް އިށީނީ ބްލެކް ވުޑުން ފަރުމާކޮށްފައި ހުރި ކާމޭޒު ދޮށުގައެވެ. އެކީ އެއްފަހަރާ ފަސް މީހުންނަށް ހަމަޖެހިލައިގެން ކެވޭނެ ތަނަވަސްކަން ހުރި މޭޒެއްކަމަކު، މިއިން ޒަމާނަކު އެތަން ބޭނުންކޮށްފައިވާ ހެނެއް ހިޔެއް ނުވެއެވެ. މުޅި ކާގެއާއި ބަދިގެއިން ވެސް ފެންނަނީ ފަޅުކަމެވެ. ބަޔަކު ދިރިއުޅޭ ތަނެއް ހެން ވެސް ހިޔެއް ނުވެއެވެ. މުޅި އެޕާޓްމެންޓުން ހާމަކޮށްދެނީ އަސަލްގެ ވޭނީ ފަލްސަފާއެވެ. ރޫހު ގެއްލިފައިވާ މަންޒަރެވެ.

އާވި އަރަމުންދާ ކޮފީގެ ރަހަ އަސަލް ބަލާލިއެވެ. އޭރު ވެސް އޭނަގެ ވިސްނުމާއި ގުޅިފައިވަނީ ހާވިޔާވަމުންދާ އޭނަގެ ހަޔާތެވެ. ކުރީގެ ދިރިއުޅުމަށް އެނބުރި ރުޖޫޢަވެވޭނެ ކަމުގެ ޔަޤީންކަމެއް ނެތުމުންނެވެ.

މޮޅިވެރިކަން އަސަލްގެ ދެލޮލުގައި ވިއެވެ. ވަރުބަލިކަމާއެކު ކޮނޑު އެލުވާލެވުނެވެ. ތުނިކޮށްލެވިފައިވި ތުނބުޅީގައި އޭނައަށް އަތްތިލަ ހިންގާލެވުނެވެ. ބޮލުގެ އެއްފަޅީގައި ރިއްސާހެން ހީވާތީ ލޮލުގެ ކަރުނަ ވަޅުގައި ބޮނޑުވާ އިނގިލި ޖައްސާ ބާރުކޮށްލެވުނެވެ. ދިރިއުޅުން ގޮސްފައިވާ ހާލަތުން އަސަލް ވަނީ ގޮތް ހުސްވެފައެވެ. ކައިވެނީގެ ގުޅުން ދަމަހައްޓަން ކުރެވުނުހާ މަސައްކަތެއް ކުރެވިއްޖެއެވެ. އަނބިމީހާއަށް ލޯތްބާއި އޯގަތެރިކަމާއެކު ވިސްނައިދެވޭތޯ އުޅެފިއެވެ. އަމިއްލަ އުފާވެރިކަމާއި ޢާއިލީ ގުޅުން ވެސް އަނިބީމާހާއަށްޓަކައި ޤުރުބާން ކުރެވިއްޖެއެވެ. ދުވަސްވީ އެކުވެރިންނާއި ވެސް ދުރުވެވިއްޖެއެވެ. އަނބިމީހާގެ ހިތް ރުއްސަންށެވެ. ނަމަވެސް އަލިމަގެއް ނުފެނުނެވެ. ކައިވެންޏަށް ހަ މަސް ވީއިރުގައި އޭނައަށް އިހުސާސް ކުރެވެނީ އެކަނިވެރިކަމާއި ހިތްދަތިކަމެވެ. ނާއުއްމީދުގެ ހިތިރަހަ އަރުބުޑަށް ފޭދުނުތާ އެތައް ދުވަހެކެވެ. އުއްމީދެއް ނުވާ ހުވަފަނެއްގައި ކުލަ ޖައްސަން ހުންނަންވީ ހެއްޔެވެ؟ ނަފުސާނީ ދުޅަހެޔޮކަން ގެއްލި މީހާ ރުޅިވެރިކަމުގެ އާރެއްގައި ބެހިގެންދާ އިރު ވެސް ހުންނަންވީ ހެއްޔެވެ؟

މިހާރު އަސަލް އޮފީހުގައި ހޭދަކުރާ ވަގުތުތައް ވެސް ވަނީ ގިނަ ވެފައެވެ. އެބަދަލު އޭނަ ގެނައީ ޤައިލާއާއި ކުރެވޭ ޒުވާބުތައް މަދުކުރުމުގެ ނިޔަތުގައެވެ. ކުދިކުދި ކަންތަކާއި އަރައިރުންވެ ޒުވާބުކޮށްކޮށް އަސަލް މުޅިން ބަލިކަށި ވެއްޖެއެވެ. ދުލުން ބަސް ހުސްވެ މީހާ ހިމޭން ވެއްޖެއެވެ. އޭނައަށް ރަނގަޅަށް އެއްކަމެއް ކުރެވޭކަމަކަށް ނުވެއެވެ. އޮފީހުގައި ގިނަ ވަގުތު ހޭދަކުރަން ފެށުމުން ޖެހުނީ އިތުރު މައްސަލަތަކެވެ. އަސަލް ވަގުތު ނުދެނީ ލޯބިނުވާތީކަމަށް ބުނެ އެންމެފަހުން ބޭވަފާތެރިކަމުގެ އިލްޒާމު ވެސް އޭނަގެ ބޮލުގައި ޤައިލާ އަޅުވައިފިއެވެ. އެހުރިހާ ކަމަކަށް އަދިވެސް ކެތްކުރަންވީބާވައޭ އަމިއްލަ ޒަމީރާއި ސުވާލުކުރެވުނު އަދަދެއް ނޭނގެއެވެ. އިހު އޮތް ލޯތްބެއް މިހާރު ނުވެސް ނެތެވެ. ރުޅިއާއި ނަފުރަތު ނޫން އިހުސާސެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކުލުނާއި އޯގާތެރިކަން ވެސް އޮތީ ފަހުނޭވާވަޅަށް އެޅިފައެވެ.

އަސަލްގެ އެކަނިވެރިކަމުގެ ބައިވެރިޔަކަށްވީ ވެހެމުން ދިޔަ ވާރެއެވެ. ކޮފީ މަގު ތުނބުގައި ޖައްސާލަމުން ކޯވަރެއް ބޯލެވުނެވެ. އޭނަގެ ބޮލުގެ ރިހުން ގަދަވުން ނޫންކަމެއް ނުވިއެވެ. ވިސްނަންޖެހޭ އިތުރު ކަމެއް ވެސް އޮތީ ބޯމަތިވެފައެވެ. އޮފީސް ނިންމާލާފައި އޭނަ އައީ ޤައިލާއާއި އެވާހަކަ ހިއްސާކުރަންށެވެ. ނަމަވެސް، އެޕާޓެމެންޓުން އޭނައާއި ބައްދަލުކުރީ ހަމަހިމޭންކަމެވެ. އެންމެ ކުޑަމިނުން ދިޔަ ތަނެއް ވެސް ޤައިލާ އޭނައަށް އަންގާނުލިއެވެ. މެސެޖުތައް ބަލާފައި ރައްދެއް ނުދިނެވެ. ގުޅުމުން ފޯނު ނެގީކީ ނޫނެވެ.

ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި ވަނިކޮށް އެޕާޓްމެންޓްގެ ދޮރު ހުޅުވުނު އަޑު އަސަލްއަށް އިވުނެވެ. ކޮފީ މަގު މޭޒު މަތީ އަސަލް ބެހެއްޓިއެވެ. އޭނަ އެނބުރިލީ ދޮރާއި ދިމާއަށެވެ. ކާކޮޓަރިއާއި ބޮޑު ކޮޓަރި ވަކިކުރަން ތިރި ފާރެއް ހުއްޓަސް ރީއްޗަށް އެޕާޓެމްޓްގެ މައިދޮރު ފެނެއެވެ.

އަސަލް ބަލަން އިންދާ ދޮރު ހުޅުވާފައި ވަނީ ޤައިލާ އެވެ. ޤައިލާއަށް އަސަލް ފެނުނު ހެނެއް ހިޔެއް ނުވެއެވެ. ނޫނީ އަޅާނުލީއެވެ.

ވާރެޔާ ކުޑަކޮށް ތެމިފައި ހުރި ޤައިލާ އުނަގަނޑާ ހަމައަށް އަންނަ އޭނަގެ ބުޅި އިސްތަށިގަނޑުގައި އަތްފުނާ އަޅާލިއެވެ. ވާރޭގެ އަސަރު ފިލުވާލަން އުޅުނު ކަހަލައެވެ. ދޮރުކައިރީ ހުރި ފައިވާން ހަރުގަނޑު ކައިރިއަށް ހުއްޓިލަމުން އަރައިގެން ހުރި އުސްކަށީގެ ފައިވާން ފަޔާ ވަކިކޮށްލިއެވެ. އެއާއެކު އޭނަ ލައިގެން ހުރި ގަޔަށް ބާރު ރަތްކުލައިގެ މެކްސީގެ ފަސްބައި ޓައިލްސް މައްޗަށް ތެފުރިލިއެވެ.

ޤައިލާއަކީ މެދުމިނުގެ އިސްކޮޅެއްގެ ވެރިޔެކެވެ. އޮމާން ރީތި އަލި މޫނެއް ލިބިފައި ވެއެވެ. ބުޅި އިސްތަށިގަނޑާއި، މުށިކުލައިގެ ރީތި ކަޅި ރަވައިން ޤައިލާގެ ރީތިކަން އިތުރުކޮށްދެއެވެ. ޒަމާނީ ފެޝަނަށް މަރުދޭނެއެވެ. ގަޔަށް ބާރު ހެދުން ލުމަކީ އޭނަގެ އާދައެކެވެ. ހަށިގަނޑުގެ ވަނާތައް ހެދުން އެޅުމުގެ ވައްޓަފާޅިން ފާޅުކުރަން ބޭނުންވަނީ އެކަމަށް އޭނަ ބުރަ މަސައްކަތްކުރާތީއެވެ. ފަތިސް ނަމާދަށް ހޭނުލެވުނަސް ހެނދުނުހެނދުނާ ރައްޓެހިންނާއެކު ޖިމަށް ދާނެއެވެ. ހަވީރު ޒުމްބާ އެވެ. ރޭގަނޑު އެކުވެރިންނާއެކު މަޖާ ކުރުމުގައެވެ. ޤައިލާގެ ދުވަހުގެ ތާވަލުން އަސަލްއަށް ޖާގައެއް ނެތެވެ. ފިރިމީހާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަށް އިހުމާލުވެވޭކަމެއް ވެސް ޤައިލާއަށް ރޭކާނުލައެވެ. އޮފީހުގެ ވަރުބަލިކަމާއެކު ގޭތެރޭގެ ކަންތައް ކުރަން ޖައްސަނީ އަސަލް އަށެވެ.

އަސަލް ބަލަން އިންދާ ޤައިލާގެ ފޯނަށް ކޯލެއް އައެވެ. އަތުގައި އޮތް ކްލަޗުން ފޯނު ނަގައި ވަގުތުން ޖަވާބު ދީފިއެވެ. ބައްތިރީސް ދަތް ސޭލް އަޅުވާލައިގެން ފޯނުން ޤައިލާ ވާހަކަދެއްކި މަންޒަރު ބަލަން އަސަލް އިނީ ބުމަ ގޮށްޖަހައިގެންނެވެ. ޝައްކާއި ވަހުމުތަކުން އަސަލްގެ ސިކުނޑިއަށް ބާރު ބޮޑުވާން ފެށިއެވެ. ޤައިލާއަށް ޝައްކުކުރާކަށް އަސަލް ބޭނުމެއް ނޫނެވެ. ޝައްކާއި ވަހުމަށް ދިރު ލިބިއްޖެނަމަ ހަމަޖެހުން ގެއްލިގެން ގޮސްފާނެތީއެވެ. އެހެން ނަމަވެސް، ލޮލަށް ފެންނަމުން އެދާ މަންޒަރުތަކުގެ މާނަ އެނޫން ގޮތަކަށް އަސަލްއަކަށް ނުނެގުނެވެ.

ލަސް ނޭވާއެއް އަސަލްއަށް ދޫކޮށްލެވީ ރުޅި ކޮންޓްރޯލްކުރުމަށެވެ. ބާރުކޮށްލެވިފައިވި މުށް ވެސް ހުޅުވާލެވުނެވެ. އަސަލް އިންތިޒާރުކުރީ ޤައިލާއަށް އޭނަ ފާހަގަވަންދެކަށެވެ.

''ޔާ، އައިމް އިންސައިޑް، ހެހެހެހެ... ޔޫ ކޭން ކޭން ގޯ ނައު...'' ހިނި އައިސްފައި ޤައިލާ ވާހަކަދެއްކިއެވެ. އޭނަގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ކާމޭޒުދޮށުގައި އިން އަސަލް ފެނިފައެވެ. ޤައިލާގެ މޫނަށް ވެރިވީ ސިހުމުގެ ކުލަވަރެވެ. ދެވަނަ ސިކުންތުގައި މޫނު ހަދައިފިއެވެ. އަސަލް ފެނި ޤައިލާގެ އުފާވެރިކަމަށް ނިމުމެއް އައި ކަހަލައެވެ.

''ބާއްވަނީ...'' ޤައިލާ ފޯނު ކަނޑާލިއެވެ.

ޤައިލާ ފޯނު ތިރިކޮށްލަމުން އަސަލްއަށް ބަލަން ހުއްޓެވެ. އަސަލް އެއްޗެއް ނުބުނެ އޭނައަށް ބަލަހައްޓައިގެން އިންނަން ފެށުމުން ޤައިލާއަށް މޫނު ކުނިކޮށްލިއެވެ. ތުންއަނބުރާލާފައި އޭނަ އަވަސްވެގަތީ ކޮޓަރިއަށް ވަންނާށެވެ.

''އެލީ...'' އަސަލް ގޮވާލިއެވެ. ޤައިލާއަށް އައި ފޯނުކޯލާއި ވާހަކަދެއްކި ރާގުން ހިތުގައި ރުޅިވެރިކަން އުފެދުނަސް އަސަލް ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުގައެވެ. ރުޅި އިސްކޮށްގެން އެއްވެސްކަމަކަށް ހައްލެއް ނުލިބޭނެތީއެވެ.

''ކިހިނެއްވީ؟...'' ބޮޑުކޮޓަރީގެ ސޯފާގެ ފުރަގަހުން ހުއްޓި ހުރެފައި ޤައިލާ ބުނެލިއެވެ. އަސަލްއާއި ވާހަކަދައްކަން ބޭނުންނުވާކަށް ޤައިލާގެ ރާގުން ހާމަކޮށްދިނެވެ.

''ކޮންތާކަށް ގޮސްފަ ތިއައީ؟... އަހަރެން އެލީގެ އިންތިޒާރުގައި ހުންނަތާ ކޮން އިރެއް، ކީއްވެތަ އަހަރެން ގުޅުމުން ފޯނު ބިޒީކޮށްލީ؟، ފޯނު ނުގެންޏާ ކީއްވެތަ އަހަރެންގެ މެސެޖުތަކަށް ރިޕްލައި ނުދެވުނީ؟...'' އަސަލް ގޮނޑިން ތެދުވެލިއެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން އޭނައާއި ޤައިލާގެ ދެެމެދުގައިވި ދުރުކަމަށް ނިމުމެއް ގެނެވޭތޯ އަސަލް އުޅުނެވެ. އޭނައަށް ޤައިލާގެ ގާތަށް ދެވުނެވެ. އެހެނަސް ހިތާހިތުގެ ދުރުމިން ކަނޑައްތު ނުކުރެވުނެވެ.

''ކީއްކުރަންތަ އަހަރެން ދާހާ ތަނެއް އަސަލް ބަލަނީ؟... އަހަރެން މީ އަސަލްގެ އަޅެއްތަ؟...'' ޤައިލާ ޖެހުނީ އަސަލްއާއި ދުރަށެވެ. މޭމަތިން ދެއަތް ހުރަސްކޮށްލަމުންނެވެ. ލައިގެން ހުރި ކަރުބޮޑު މެކްސީނ، ޤައިލާގެ ހަށިގަނޑުގެ ވަނާތައް ހާމަވެއެވެ. ޤައިލާގެ ހެދުން އެޅުމުގެ ވައްޓަފާޅިއާއި ގުޅިގެން ވެސް އެތައް ނަސޭހަތެއް އަސަލް ދީފިއެވެ. ޤައިލާ އައީ ރުޅިއެވެ. އޭނަގެ މިނިވަންކަމަށް ހުރަސް އަޅަނީއޭ ބުނެ ރޯންފެށީނުން އަސަލްއަށް މަޖުބޫރުވީ އަމާންކަން ދޭށެވެ. ކަރުނައިގެ ބާރުގައި ޤައިލާ ވަނީ އޭނަގެ ހުރިހާ މުހުތާދެއް އަސަލްގެ ފަރާތުން ހާސިލްކޮށްފައެވެ.

''ތިހެން އަހަރެން ނުބުނަމެއްނު، ކާކުތަ ގުޅީ؟......'' އަސަލް ކުރި ސުވާލާއެކު ޤައިލާގެ ސިނގުރުޅިގަނޑު ފާޅުވެލިއެވެ. ހީވީ އެއީ އަސަލް ކޮށްގެން ނުވާނެ ސުވާލެއް ހެންނެވެ. އޭނަގެ މިނިވަންކަމަށް ކުރި މަލާމާތެއް ކަހަލައެވެ.

''ޑޯންޓް ބީ އެ ކޮންޓްރޯލް ފްރީކް... ރިދޫ ގުޅީ، ޤަބޫލު ނުކުރެވެންޏާ ފޯނު ނަގާފަ ބަލާބަލަ، އަސަލްއަށް ނުކުރެވިގެން އުޅޭ ކަމަކީ އެއީއެއްނު، އަބަދު އަހަންނަށް ޝައްކުކުރުމުގަ، އަން، ބަލާބަލަ، އަހަރެން ދޮގެއް ނަހަދަން!...'' ޤައިލާ އަޑަށް ބާރުލާފައި ބުންޏެވެ. ފޯނު ހުޅުވަމުން އަސަލްއަށް ދައްކާލީ ޖަދަލުކުރުމުގެ ބޭނުމުގައެވެ.

ޤައިލާގެ ފޯނު ސްކްރީނަށް އަސަލް ނަޒަރެއް ދިނެވެ. ތެދެކެވެ. ގުޅާފައި އިނީ ޤައިލާގެ ގާތް އެކުވެރިޔެއްކަމުގައިވާ ރިދާ އެވެ. އެއަށްވުރެން ބޮޑަށް އަސަލްގެ ސަމާލުކަން ހުއްޓުނީ ރީސެންޓް ހިސްޓްރީ އަށެވެ. އޭނަ ގުޅާފައި ހުރި ވަރު ޤައިލާއަށް އެނގޭ ހާލު އެކަމަށް އަމަލުކޮށްފައި ނުވާތީއެވެ. އޭނައާއި ވާހަކަދެއްކުން އެއީ ޤައިލާ ނުރުހޭ ކަމެއް ކަހަލައެވެ.

އަސަލްއަށް ފުރަގަސްދީފައި ކޮޓަރިއަށް ވަންނަން އުޅުނު ޤައިލާގެ ހިކަނދިމަސްގަނޑުގައި ހިފައި އޭނައާއި ދިމާއަށް އަސަލް އަނބުރާލިއެވެ. އަދި ގާތަށް ގެނައެވެ. އަސަލްގެ މޭގައި ޤައިލާ އަތް ވިއްދާލީ ދުރުގައި ހުންނާށޭ ބުނާ ފަދައަކުންނެވެ. ޤައިލާގެ އަމަލުތަކުން އަސަލް އޭނައާއި ގަތްވާން ބޭނުންނުވާކަން ހާމަކޮށްދިނެވެ. އެކަން ފާހަގަ ކުރެވުނު އަސަލްގެ މޭގައި ރިހުމެއް އުފެދުނެވެ. ރުޅިއާއި ހިތާމަޔާއި މާޔޫސްކަން މަސްހުނިވާން ފެށިއެވެ.

''އަހަރެން މީ އެލީގެ ފިރިމީހާ... ފިރިމީހާގެ ހައިސިއްޔަތުން އެލީ ދާ ތަންތަން އެނގުމުގެ ހައްޤު އަހަންނަށް ލިބިގެންވޭ...'' އަސަލް ބުންޏެވެ.

''ފައިން!، އަހަރެން ދިޔައީ ރިދޫގެ ބާތްޑޭ ޕާޓީއަށް، އެހެންވެ އެމީހުންނާއެކުގަ އުޅުނީ، ކުރިން ވެސް އަހަރެން އޮތްނާނީ އަސަލް ގާތު ބުނެފަ... ދެން ކޮން ރުޅިއެއް ތިއަންނަނީ؟، ކަންކަން ހަނދާން ނެތޭ ހިސާބުގަ ތިއުޅެނީ...'' ދެލޯ ހަނިކޮށް އަސަލްއަށް ޤައިލާ ބަލައިލި އެވެ.

''ކޮންއިރަކު އަހަރެން ގާތު ބުނީ...'' އަސަލްއަށް ބުނެވުނެވެ. ޤައިލާ އޭނަ ގާތު އެބުނި ވާހަކައެއް ހިއްސާކުރި ދުވަހެއް ޔަޤީންކޮށްލަން ސިކުނޑިއަށް ބާރުލިޔަސް ހަނދާނެއް ނުވިއެވެ. އެއާއެކު އަމިއްލަ ނަފުސާއި އަސަލްއަށް ސުވާލުކޮށްލެވުނެވެ. ސިކުނޑީގެ ހަލަބޮލިކަމުގެ ތެރޭން ހަނދާނުން ކައްސާލީ ހެއްޔެވެ؟

''އަސަލްގެ ގޮތް ތީ، އަހަރެން ދައްކާ ވާހަކައަކަށް ސަމާލުކަމެއް ނުދެވޭނެ، އަހަންނަށް ޓައިމެއް ނުދެވޭނެ، އަސަލްއަށް އެނގޭތަ އަހަރެންގެ އެކުވެރިން އެކަނި ތަންތަނަށް ދިޔައީމަ ދައްކާ ވާހަކަ، ފިރިމީހާ ކޮބާހޯ، ކީއްވެހޯ އަހަންނާއެކު ނާންނަނީ، ކޮންމެ ފަހަރަކު އަހަންނަށް ޖެހެނީ ދޮގު ހަދަން... އަހަރެން ދޮގުވެރިއަކަށް ހެދީ ވެސް ހަމަ އަސަލް.... އަސަލްއަށް މުހިންމީ އަސަލްގެ މަސައްކަތެއްނު، އެއަށްފަހު އަސަލްގެ ފެމިލީއެއްނު، އަހަންނަށް ވަގުތު ދޭން ޖެހުނީމަ ހުންނަނީ ބުރަވެފަ... ވަރަށް ފޫހިވޭ، އަހަރެން ބުނާ އެއްޗިސް ވެސް ހަނދާން ނެތޭ ހިސާބުގަ ތިހުރީ... ދޫކުރޭ، މި ބުނީނު އަހަރެންގެ އަތުން ދޫކުރާށޭ...'' ޤައިލާ ހަޅޭއްލަވައިގަތެވެ. ލޮލަށް ކަރުނަ ގެންނަމުން އަސަލްގެ މޭގައި ގޮށްމުށުން ޖަހައިފިއެވެ.

''ސޮރީ، އަހަރެން...'' އަސަލް ބުނަން އުޅުނެވެ. އޭގެ ކުރިން ޤައިލާ ވާހަކަދައްކަން ފަށައިފިއެވެ. އަސަލް ކުށްވެރިކުރަމުންނެވެ.

''އަހަރެން ވަރުބަލިވެއްޖެ، އަބަދު އަސަލްގެ ކަމަކީ އަހަންނާ ޒުވާބުކުރުން، ޝައްކުކުރުން...'' އަސަލްގެ އަތްފޮޅުވާލާފައި ޤައިލާ ދުރަށް ޖެހުނީ ލޯއަޅާލަމުންނެވެ. ''އަހަންނާ ރީއްޗަށް އަސަލް ވާހަކަދެއްކިއްޔާ ކީއްތަވާނީ؟... އައިމް ޔޯ ވައިފް...''

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟