ވާހަކަ

ރުހުން ދީފާނުހޭ - 73

9

މެލެކް ފުންނޭވައެއް ދޫކޮށްލިއެވެ. އެއް އަރިއަކަށް މޫނު އަނބުރާލައިގެން އޮތްއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ލޫލުއަށެވެ. ކުއްލިއަކަށް ކޮޓަރި ދޮރުހުޅުވާލާފައި ވަނީ މައިލީން އާއި ޑޮކްޓަރަކާއި ނަރުހެކެވެ. މައިލީން އައިސް މެލެކްގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. މައިލީންގެ ތުންފަތުގައިވީ ތަފާތު ހިނިތުންވުމެކެވެ.

"ވަރަށް ބޮޑަށް މަރުހަބާ މެލެކް" ޑޮކްޓަރު ބުންޏެވެ. މެލެކް ދެބުމަ ގޮށްޖަހައިލަމުން ޑޮކްޓަރަށް ބަލައިލިއެވެ.

"ރިޕޯޓްތައް ބުނާގޮތުން މެލެކް ޕްރެގްނެންޓް"

މެލެކްއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. މީގެކުރިން އޭނާ ބަލިވެއިނދެ ދަރިއަކު ވިހާފައި ހުއްޓަސް އިހުސާސް ކުރެވިގެން ދިޔައީ މިއީ ބަނޑުބޮޑު ކަމަށް ހަބަރު ލިބުނު ފުރަތަމަ ފަހަރު ހެންނެވެ. ކުރިން ބަނޑުބޮޑުވި ހަނދާނެއް ، ވިހޭ ހަނދާނެއް އޭނާގެ ނެތެވެ. ޔަގީނުންވެސް މިފަހަރު ވެގެން ދާނީ ހާއްސަ ފަހަރަކަށެވެ. އެކަމަކު ކިހިނެއް ހެއްޔެވެ؟ ދިރިއުޅުން މިވަނީ އަޑިއަޅާލާފައެވެ. މިފަހަރުވެސް ޖެހޭނީ ރޯށެވެ. ދެލޯމަރާލައިގެން އޮތްއިރު ބާޒިލް އާއެކު އޭނާއަށް ހޭދަކުރެވުނު ވަގުތުތައް ޕްލޭކޮށްފައިވާ ސާފު ފިލްމެއްގެ މަންޒަރުތަކެއް ފަދައިން އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އެއީ ބާޒިލް ހަމަ ގަސްތުގައި އޭނާއަށް ދިން އަނިޔާއެއްގެ ގޮތުގައި ސިފަކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. މެލެކް ބޭނުންވީ އޭނާގެ ކަސިޔާރުވެފައިވާ ވިސްނުން ރަނގަޅު ކުރާށެވެ. ޑޮކްޓަރު އެދިނީ ބަލިވެ އިން ހަބަރެވެ. އެވެސް އޭނާގެ ހަލާލު ފިރިމީހާ އަށެވެ. މެލެކްގެ ލޮލުގެ އަރިމަތިން ކަރުނައެއް ފައިބައިގެން ދިޔައެވެ. ދެން ވާނެ ގޮތެއްވެސް ނޭނގެއެވެ.

"އަލްހަމްދުލިއްލާހް" މެލެކް ބަލައިލީ އޭނާގެ ބޮލުގައި ފިރުމާލި ތަބައްސުމް އަށެވެ.

"މެލެކްގެ ހަށިގަނޑު ވަރަށް ދެރަ. ފުރިހަމަ ފަރުވާއެއް ނުލިބިއްޖެނަމަ ދެމައިންގެ ފުރާނައަށްވެސް ނުރައްކާވެދާނެ. ކުރިއަށް މިއޮތް ހަތަރު ގަޑިއިރުގެ ތެރޭގައި މެލެކްގެ ހަށިގަނޑަށް ހަތަރު ޕޮއިންޓްގެ ލޭ ނާޅައިފިނަމަ ކޮންމެ ގޮތެއްވެސް ވެދާނެ. އިރުކޮޅަކުން ދުރުވާނެ އަންހެނުންގެ ހާއްސަ ޑޮކްޓަރެއް. އަންހެނުންގެ ޑޮކްޓަރު ސްކޭންކޮށްފަ ބުނެދެއްވާނެ ކިތައް މަސް ކަން. ދެން މިހާރު ލޭ ލިބޭތޯ މަސައްކަތްކުރަންވީ. އަޅުގަނޑުމެންގެ ލެބޯޓްރީގަ މިވަގުތު އޭބީ ނެގެޓިން ނެތް. ހޯދަން އެންމެ ދަތި ގްރޫޕް އެއީ. ވަރަށް އަވަސްކޮށްލަން ފެނޭ" ޑޮކްޓަރ ކިޔައިދެއްވިއެވެ. އެހިނދު ތަބައްސުމްގެ މޫނުމަތިން ނުތަނަވަސްކަމެއް ވެރިވެގެން ދިޔައެވެ.

މައިލީން އާއެކު ޑޮކްޓަރު ބޭރަށް ނިކުތުމުން ތަބައްސުމް މެލެކްގެ މޫނުގައި ފިރުމާލިއެވެ. މޫނުގައި ބޮސްދިނެވެ. އޭނާއަށް ކުރެވުނު ޝައްކު ޔަގީނަށް ބަދަލުވެގެން ދިޔައީއެވެ. އެ ހަބަރު ދެފަރާތުގެ އާއިލާއަށް ވެސް ދޭންޖެހޭނެއެވެ. ހާއްސަކޮށް ދަރިފުޅުގެ ބައްޕަ އަށެވެ. ބާޒިލްއަށް އެ ހަބަރު ދޭންޖެހޭ މީހަކީ މެލެކްއެވެ. ތަބައްސުމް މެލެކްއަށް ވިސްނައިދޭނެއެވެ.

"މަރުހަބާ... ދެވަނަ ދަރިފުޅު ދޯ" ނަރުސް ކުއްޖާ އަހާލިއެވެ. މެލެކް ހީލަމުން ބޯޖަހާލިއެވެ.

"ވަރަށް ބަލައިގެން އުޅެންވާނީ. އެއްވެސް ކަމަކާ ވިސްނުމަކީ އެހާ ރަނގަޅު ކަމެއްނޫން. ވަރަށް ހެޕީކޮށް ހުންނަންވާނީ. ފުރުޓްސް ވެޖީސް ގިނައިން ކާންވާނެ. ގިނައިން ފެންބޯން ވާނެ. ބޭސްތައް ބަރާބަރަށް ކާންވާނެ" މެލެކްގެ ބްލަޑް ޕްރެޝަރ ޗެކް ކުރަމުން ނަރުސް ކުއްޖާ އިރުޝާދު ދެމުން ދިޔައެވެ.

****

ގޭ މަސައްކަތެއްގައި އުޅުނު އައްޒާމް ނިކުތީ މެންދުރު ކެއުމަށް ހެޕީކޯނާއަށް ދިޔުމަށެވެ. ސައިކަލަށް މައްސަލައެއް ދިމާވެ ދުއްވާނުލެވިގެން އުޅެނިކޮށް ޖީބުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ބަލައިލިއިރު މައިލީން އެވެ. އޭނާ ފޯނު ނެގިއެވެ. މެލެކްގެ ހަބަރު މައިލީން ދިނެވެ. އެހިނދު އައްޒާމްއަށް ހީވީ ފައިދަށުން ބިންގަނޑު ކެހިގެން ދިޔަހެންނެވެ. ލޭ ނުލިބެންވީ ސަބަބެއް ނޭނގުނެވެ. ހޯދަން އުނދަގު ވައްތަރަށް ވިޔަސް ލޭ ދެވޭނެ އެކަކު ކޮންމެސް ތަނެއްގައި ހުންނާނެއެވެ. އައްޒާމް ނިކަން އަވަހަށް ފޯނު ބޭއްވިއެވެ. އޭނާ ބަނޑުހައިވެގެން ކާން ދާން އުޅުނުކަން ހަނދާން ނެތިއްޖެއެވެ. އޭނާ ވަނީ އަލުން ގޯއްޗަށެވެ. ފޯނު ހިފައިގެން އިނދެ ނަންބަރުތަކަށް ގުޅަމުން ދިޔައެވެ. ރަނގަޅު ގޮތެއް ނުވުމުން އޭނާ ރައްޔާނަށް ގުޅާފައި ގެއަށް ގެނައެވެ. ގޭތެރޭގެ ހުރިހާ މަސައްކަތެއް ރައްޔާނާ ހަވާލުކޮށްފައި އެންމެ އަވަހަށް ފުރޭނެގޮތެއް އޮތްތޯ އޭނާ ބެލިއެވެ. އެއީ ކާން ނައިސްގެން ބާޒިލް ގުޅި ވަގުތެވެ. އެބަދަމޭ ބުނެފައި އައްޒާމް ފޯނުކޯލު ކުރުކޮށްލިއެވެ.

ހެޕީކޯނާއަށް އައްޒާމް ދިޔައީ ރައްޔާނުގެ ސައިކަލު ފަހަތުގައެވެ. ދެބަފައިން އެކުގައި އެތެރެއަށް ވަތްއިރު އެންމެން ސިޓިންގރޫމުގައި ހަމައަށް ތިއްބެވެ. އައްޒާމް ހުރިގޮތުން ކަމެއް ގޯސްވެއްޖެކަން އެންމެ ފުރަތަމަވެސް ފާހަގަވީ ބާޒިލްއަށެވެ.

"މެލެކްގެ ހާލު ވަރަށް ގޯސްވެއްޖެ. ހޮސްޕިޓަލުގަ އޮތީ" އައްޒާމް ބުންޏެވެ.

ބާޒިލްއަށް އިނދެވުނު ތަންވެސް ނޭނގުނެވެ. ނޭވާ ހާސްވީ ގަތްބިރެއްގެ ސަބަބުންނެވެ. ހާލު ގޯސްވާންޖެހުނީ ކީއްވެތޯ އަހާނުލެވިގެން އުޅެނިކޮށް އަނެއްކާވެސް އައްޒާމް ވާހަކަދެއްކިއެވެ.

"ލޭ ހޯދަން ޖެހިއްޖެ"

އާއިލާ އެންމެން ތެޅިގަތެވެ. ޒޭބާ އާއި މައުސޫމާ އެވަގުތު ތަބައްސުމްއަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. ލޭ ހޯދުމުގެ ކަންތަކުގައި އެންމެން އުޅެން ފެށިއެވެ. ބާޒިލްވެސް ފޯނު ނެގިއެވެ. އޭނާ ބޭނުންވީ މެލެކްގެ ހާލަތު އެނގޭށެވެ. އޭނާ ގުޅީ މެލެކް އަށެވެ. ވިއްސަކަށް ފަހަރު ގުޅިއިރު ރިންގުވެފައި ކެނޑެނީއެވެ. އޭނާ ފޯނު ހިފައިގެން ދެކޮޅަށް ހިނގަމުން ދިޔައެވެ. ތަބައްސުމް އާއި މައިލީންގެ ނަންބަރަށް ވެސް ގުޅިއެވެ. އޭނާއަށް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ހާސްކަމާއެކު އައިސް ހުސްކޮށް ހުރި ގޮނޑިއެއްގައި އިށީނެވެ.

"ދޮންތަބެ..." ޒޭބާ ކުއްލިއަކަށް ހަނދާންވިއެވެ.

ދެފައި ވަށްކޮށްގެން ސޯފާގައި އިށިންގޮތަށް ޒޭބާ ގުޅީ ހިބާ އަށެވެ. އެއީ މާލޭގައި ތިބުމަށްފަހު ހިބާ އާއި އީތަން ފުރަން އެއާޕޯޓަށް ދިޔަ ވަގުތެވެ. މެލެކްއަށް ލޭ ނުލިބިގެން އުޅޭ ހަބަރު ދިނުމާއެކު ވަގުތުން ހިބާ އާއި އީތަން މިސްރާބުޖެހީ ހޮސްޕިޓަލާ ދިމާލަށެވެ. ދެމަފިރިން ފުރުން ކެންސަލްކޮށްލިއެވެ. މިވަގުތު މުޅި އާއިލާއަށް މުހިންމުވީ މެލެކް އެވެ. އެއިން އެކަކަށްވެސް ނޭނގެނީ މެލެކް ބަލިވެ އިންކަމެވެ.

"އެ ހަމަޖެހުނީ އިރާދަކުރެއްވިއްޔާ" ޒިޔާދު ބުންޏެވެ.

އައްޒާމަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. ގޮނޑީގައި ހަމަޖެހިލިގޮތަށް އޭނާ މޫނުމަތީގައި ހުރި އުދާސްތައް ދެއަތުން ފޮހެލިއެވެ. ލިބެންޖެހޭ ހިތްހަމަޖެހުން އަދިވެސް ނުލިބެއެވެ. އަބަދުވެސް ކޮންމެ ކަމެއް މެލެކްއަށް ކުރިމަތިވާތީ އޭނާގެ ކަންބޮޑުވުން ފިލައިގެން ނުދެއެވެ. މެލެކް އޭނާ އާ ދުރަށް ނުފޮނުނަމައޭ އެތައްފަހަރަކު ހިތަށް އަރައިފިއެވެ.

"ކުއްލިއަކަށް ކިހިނެއްވީ؟" މައުސޫމާ އަހާލިއެވެ.

"ނޭނގެ. މައިލީން ކައިރީގަވެސް އަހާނުލެވުނު. ގުޅަންވީ ކަންނޭނގެ" އައްޒާމް ބުންޏެވެ.

ކުއްލިއަކަށް މައިލީންގެ އަޑު ޖެހުމާއެކު އެދިމާލަށް އެންމެން ބަލައިލިއެވެ. މައިލީން އަށް ބާޒިލް ގުޅަން ކުރި މަސައްކަތް ކާމިޔާބުވީއެވެ.

"މެލީއަށް ކިހިނެއްވީ؟" ބާޒިލް އަހާލިއެވެ.

ވާހަކަދެއްކުމުގައި މައިލީން ފަސްޖެހުނުކަން އެންމެންނަށްވެސް ފާހަގަވިއެވެ. ހުރިހާމީހުން ތިބީ މައިލީން ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ.

"މެލީ އެއްގޮތަކަށްވެސް ނުކައި. ވަރުދެރަވީ. މިއަދު ހެނދުނު ހޮޑުތަކެއްލާފަ އަނބުރައިގަތީ. ކުރީގަވިހެން ޕްރެޝަރ ލޯ ވެފަ ހުރީ މިކޮޅަށް ގެނައިރު. ލޭ މަދުކަމަށް ބުނީ. ދެންމެ ހިބާ ގުޅި. އެބައާދޭ އެމީހުން" މައިލީން ތަފްސީލު ދިނެވެ.

"އަހަންނަށް ވާހަކަދައްކާލެވޭނެތަ؟ ހޭލާތަ އޮތީ. އަހަރެންގެ އަޑު މެލީއަށް އިވޭނެތަ؟" ބާޒިލްގެ އަޑުގައިވީ ކެތްތެރިކަން ކުޑަކަމެވެ. މެލެކް އާ ވާހަކަދައްކާލާހިތުން އޭނާގެ ހިތް ތެޅިފޮޅެނީއެވެ.

"މެލީ .... މައި ލަވް...."

****

މެލެކް މޫނު އަނބުރާލީ އަނެއްފަރާތަށެވެ. އެބަގުޅަމޭ ބުނެފައި މައިލީން ފޯނު ކަނޑާލިއެވެ. އޭނާގެ ދެލޮލުގެ އަރިމަތިން ކަރުނައެއް ފައިބައިގެން ދިޔައެވެ. ބާޒިލްގެ އަޑު ޖެހުމުން މިފަހަރު މާބޮޑަށް އޭނާ ހިތުގައި ޖެހިއްޖެއެވެ. ބާޒިލްއަށް އެހާ އަދަބު ދިނުމަކީ އެންމެ ރަނގަޅު ގޮތްތޯ އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. އޭނާއަށް ބަނޑުގައި އަތް ޖައްސާލެވުނެވެ. އެހިނދު ސިކުނޑީގައި ތަސްވީރުވެގެން ދިޔައީ ބާޒިލް އާއެކުގައި ހޭދަކުރެވުނު ލޯބިވެތި މަންޒަރުތަކެވެ. ދެމަފިރިންގެ ލޯބީގެ ނިޝާނެއް އޭނާގެ އެތެރޭގައި ވިންދުޖަހަމުންދާކަން އެނގުނު ހިނދު އޭނާއަށް ހެއްދެވިފަރާތަށް ހަމްދުކޮށްލެވުނެވެ. އެހެންނަމަވެސް ބާޒިލް އަށް މިހަބަރު ނުދީ ނުވާނެއެވެ.

"ބައްޕަ ކައިރީގަ ކީއްވެ ނުބުނީ؟" މެލެކް ވާހަކަދެއްކި އަޑަށް މައިލީން އާއި ތަބައްސުމް ބަލައިލިއެވެ.

"އެއީ ބައްޕަ ރަށުގަ ހުރީމަ. ބައްޕައަށް އެނގުމުގެ ކުރީގައި އެނގެންޖެހޭ އެހެން މީހަކު ހުރިކަން ދަރިފުޅު ހަނދާން އެބަހުރިތަ؟ ބާޒިލްއަށް ނޭނގި ބައްޕަ ކައިރީގަ ބުނުމަކީ އެހާ ރަނގަޅު ގޮތެއް ނޫން" ތަބައްސުމް ބުންޏެވެ.

"ދެން މަންމަމެން ބުނަންވީނު ބާޒިލް ކައިރީގަ" މެލެކް ބުންޏެވެ.

"ދަރިފުޅު ނުބުނާނަންތަ؟" ތަބައްސުމް ބުންޏެވެ.

"އަޅުގަނޑު ނުބުންޏަސް މަންމަމެންނަށް ބުނެވިދާނެއްނު" މެލެކް ބުންޏެވެ.

ބަނޑުބޮޑުވި ވާހަކަ ސިއްރުކުރަން މެލެކް ބޭނުމެއް ނުވެއެވެ. ބާޒިލް އަކީ ދަރިފުޅުގެ ބައްޕައަށް ވީމައެވެ. އެއީ ކުއްޖާގެ ބައްޕައަށް އެނގެންޖެހޭ މުހިންމު ކަމަކަށް ވީމައެވެ. މެލެކް ދުރު ބަލަން އޮތެވެ. އެއީ ހޮސްޕިޓަލަށް އާދެވުނު ވާހަކަ ބުނުމަށް ހިބާ މައިލީންއަށް ގުޅި ވަގުތެވެ. ފޯނުން ވާހަކަދައްކަމުން މައިލީން ނިކުތީ ބޭރަށެވެ. އެހީތެރިޔާއަށް ހާއްސަ އެނދުގައި ނިދިފައި އޮތް ލޫލު ގެ މަގަތުން ބާލީހެއް ބާއްވާފައި ތަބައްސުމް އައިސް އިށީނީ މެލެކްގެ އެނދު ކައިރީގައި ހުރި ގޮނޑީގައެވެ. ކެނިއުލާ ގުޅާފައި އޮތް އަތުގައި ތަބައްސުމް ފިރުމާލިއެވެ. މިވަގުތު އޭނާ ބޭނުންވަނީ ލޯތްބާއެކު މެލެކް އަށް ވިސްނައިދޭށެވެ.

"ދަރިފުޅާ. ކުރިން މަންމަ މިވާހަކަ ދެއްކީމަ ދަރިފުޅު ކައިރިއަށް ރުޅި އައީ. މިފަހަރު މަންމަ އުންމީދުކުރަން އެފަދަ ރުޅިގަނޑެއް ދަރިފުޅު އިހުތިޔާރު ނުކުރާނެ ކަމަށް. މިހާރު ތިވަނީ ދެވަނަ ދަރިފުޅަށް ބަނޑުބޮޑުވެފަ. މިއީ ވިސްނަންޖެހޭ ވަގުތެއް. ބާޒިލް އާ މެދު ދަރިފުޅުގެ ހިތް ކިލަނބުވެފައި ވިޔަސް ގޯހެއް ނަހަދައްޗޭ. ދަރިފުޅުގެ ދިރިއުޅުން. ހޭވާއި ނުބައި ބުނެދޭން ތިބީ ދަރިފުޅުގެ މައިންބަފައިން" ތަބައްސުމް ދެއްކި ވާހަކަތައް މެދުކަނޑާލާފައި ރުޅިވެރިކަން މިފަހަރު މެލެކް އިސްނުކުރިއެވެ. އޭނާ ހިމޭނުން އޮތެވެ.

"އެހެންވެއެއްނު މިބުނަނީ މަންމަމެން ބުނޭ ބާޒިލް ކައިރީގަ. ދަރީން މުހިންމު ވިއްޔާ އޭނަ އަންނާނެއްނު. އަޅުގަނޑަށް އެނގޭ އޭނައަށް މުހިންމު ވާނީވެސް ދަރީން. އެހެންވީމަ މިކަން ބާޒިލްއަށް އެނގުމަކުން އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް" މެލެކް ބުންޏެވެ.

****

ރޭގަނޑުގެ ކެއުމުގެ ވަގުތެވެ. ފަތިހު ފުރަން އުޅޭ ވާހަކަ އައްޒާމް ބުނީ ކެއުން ނިންމާލާފައި އާއިލާ އާ އެކުގައި ސިޓިންގރޫމުގައި ތިބެފައެވެ. ފޯނަށް ބަލަން އިން ބާޒިލް ކުއްލިއަކަށް ގޮނޑީގައި ހަށިގަނޑު ސީދާކޮށްލިއެވެ. މިހުރިހާއިރު އޭނާ އިނީ މައިލީން އާ މެސެޖުކޮށްގެން ވާހަކަދައްކާށެވެ. މެލެކްގެ ހާލަތު އޮޅުންފިލުވާށެވެ. މެލެކް ބަނޑުބޮޑުވި ހަބަރާއެކު ކުރި ސްކޭންގެ ފޮޓޯއަކާއި މެލެކް ގެ ފޮޓޯއެއްވެސް ފޮނުވިއެވެ. ބާޒިލްއަށް ގަބޫލުކުރަން ދަތިވެފައި އިނދެފައި ފޯނުގައި ނިކަން ބާރަށް ދެތުންފަތްޖައްސާ ބާރުކޮށްލިއެވެ. ހެއްދެވިފަރާތަށް ހަމްދުކޮށްލާފައި މައުސޫމާ އިން ދިމާލަށް އެނބުރިލިއެވެ.

"މެލީ ޕްރެގް..." ބާޒިލް ބުންޏެވެ.

މައުސޫމާ އަށް އިވުނު ގޮތްބާއޭ ހިތަށް އެރިއެވެ. ޒިޔާދު އާއި އައްޒާމް ވެސް ހައިރާންވެފައި ބާޒިލްއަށް ބަލަން އިނެވެ.

"ކީކޭ...؟ ކާކު ބުނީ މެލީތަ؟" ޒޭބާ އިނީ ކެއްމަދުވެފައެވެ.

"ދޮނާ. ސީރިޔަސްކޮށް. ބަލާބަ. އެހެންވެ އަނބުރައިގަތީ. އެހާވަރުދެރަވެ ހޮޑުލީ" މައިލީން ފޮނުވި ފޮޓޯތައް ބާޒިލް ފަހަރަކު މީހަކަށް ދެއްކިއެވެ. ﷲ އަށް ހަމްދުކޮށްލުމަށްފަހު އައްޒާމް ގުޅީ މެލެކްގެ ފޯނަށެވެ. އޭނާ ބޭނުންވަނީ ސީދާ މެލެކްގެ ދުލުން ބުނާ އަޑު އަހާށެވެ. މިހުރިހާއިރު އެހަބަރު އޭނާއަށް ނުލިބޭތީ ކުޑަކޮށް ދެރަވެސްވިއެވެ. އެހެންނަމަވެސް ހާލަތުގެ ގޮތުން އޭނާ ހިތްހަމަޖައްސާލިއެވެ. މެލެކް ފޯނު ނެގުމުން އައްޒާމް ސްޕީކަރު އޮންކޮށްލިއެވެ. އެ އުފާވެރި ހަބަރު އެންމެންގެ ހާޒިރުގައި ބުނާ އަޑު އިއްވަން އޭނާ ބޭނުންވެއެވެ. ބާޒިލް އިންނާނީ މެލެކްގެ އަޑުއަހާލާހިތުންކަން އޭނާއަށް ޔަގީނެވެ. ދަރިފުޅުގެ ބޯހަރުކަން ސިއްރުކުރަން އޭނާ ބޭނުންވިޔަސް މިހާރު އެއީ އެންމެންނަށް އެނގޭ ކަމެކެވެ.

"ކިހިނެއްތަ ބައްޕަގެ ދަރިފުޅު؟" އައްޒާމް އަހާލިއެވެ.

"ރަނގަޅު. މިހާރު ގައިގަ ވަރުވެސް ޖެހިއްޖެ. މަދުވި ލޭ ފޮދުވެސް އެތެރެއަށް ހިނގައްޖެ. އަލްހަމްދުލިއްލާހް" މެލެކް ބުންޏެވެ.

"އަލްހަމްދުލިއްލާހް" އައްޒާމް ބުންޏެވެ.

"ދަރިފުޅު އެއްވެސް ހަބަރެއް ބައްޕައަށް ނުދެވި އެބައޮތްތަ؟" އައްޒާމް އަހާލިއެވެ.

"ނޫން... ލައްބަ.... މިދެނީ މަންމަ އަތަށް. މަންމަ ބުނާނެ" މެލެކް ބުންޏެވެ.

"އުނހު. މިވަގުތު ބައްޕަ މިއިނީ ދަރިފުޅުގެ ފިރިމީހާގެ ގޭގަ. ދަރިފުޅުމެން ދިޔަފަހުން ބައްޕަ އާއި ދޮންތަބެ އަދި ރައްޔާނުގެ ކެއުން ބުއިމުގެ ހުރިހާ ކަމެއް ބަލަހައްޓަނީ ދަރިފުޅުގެ ފިރިމީހާގެ އާއިލާ އިން. ދަރިފުޅަށް ހިއެއް ނުވޭތަ ތިބުނަން އުޅޭ ވާހަކަ މިގޭ އެންމެންނަށް އެނގެންޖެހޭ ހެނެއް. އެންމެންނަށް ދަރިފުޅުގެ އަޑު އެބައިވޭ. ދަރިފުޅު ބުނާނެ އިރަކަށް އެންމެން އިންތިޒާރުއެބަކުރޭ" އައްޒާމް ވާހަކަދެއްކިއެވެ.

މެލެކްގެ ހިތް އަވަސްވެލިއެވެ. އެންމެން ތިބިކަމަށްވަންޏާ އެ މަޖިލީހުގައި ބާޒިލް ވެސް އިންނާނެއެވެ. ބަނޑުބޮޑު ވާހަކަ ބުނަންވީ ހެއްޔެވެ؟ މިއީ ރަނގަޅު ފުރުސަތެކެވެ.

"އަ.... އަޅުގަނޑު.... "

"ބުނޭ ދަރިފުޅު. އެންމެން ތިބީ އަޑުއަހަން"

"މީ... ލޫލު ބިގް ސިސްއަކަށް ވަނީ. ބައްޕަ އަށް އަނެއްކާ ކާފަ ކިޔަނީ" މެލެކް ބުންޏެވެ.

އެހިނދު ބާޒިލްއަށް ދެލޯ މަރައިލެވުނެވެ. އޭނާގެ އެސްފިޔަތައް ކަރުނުން ތެމިގެން ދިޔަކަން އެނގޭނީ ހެއްދެވިފަރާތަށެވެ. ވަގުތުން މެލެކްގެ އޭނާގެ މޭގައި ބޮނޑިކޮށްލާހިއްވިއެވެ. ގައިގައި ފިރުމާލާހިއްވިއެވެ. ބަނޑުގައި ބޮސްދޭން ބޭނުންވިއެވެ. މީގެކުރިން މެލެކް އެ އުފާވެރި ހަބަރު ދިނުމުން އޭނާއަށް ނުކުރެވޭ އިހުސާސް މިފަހަރު ކުރެވިއްޖެއެވެ. އޭނާގެ ފަރާތުން މެލެކްއަށް އުނިވި ލޯތްބާއި އޯގާތެރިކަން އެންމެ ފުރިހަމައަށް ދޭން ބޭނުންވިއެވެ. އެކަމު އެ ފުރުސަތު މެލެކް ދޭނެބާވައެވެ؟ ހަމައެކަނި ދުރުގައި ހުރެގެން އެ މޫނު ދެކިލުމުގެ ހުއްދަ ދޭނެބާވައެވެ؟ ގައިގައި އަތްނުލާ ހިތުގައި ފިރުމާލަން ހަމަ އެންމެ ފުރުސަތެއް ދޭނެ ހެއްޔެވެ؟

"އަލްހަމްދުލިއްލާހް. މާތްﷲ ދަރިފުޅަށް ހެޔޮ ރަހްމަތް ލައްވާށި. ދަރިފުޅު ދެކިލާހިއްވެސްވެއްޖެ" މައުސޫމާ ބުންޏެވެ.

"ވާއު މެލީ... ކޮންގްރާ.... " ޒޭބާގެ ބުންޏެވެ.

"ދަރިފުޅު ރަނގަޅަށް ބަލައިގެން ދެން އުޅެންވާނީ. ރަނގަޅަށް ކާންވާނެ. ގާތުގައި ތިބި މީހުންގެ ބަސްގަބޫލުކުރަންވާނެ. ރަނގަޅަށް އަރާމުކުރަންވާނެ" މައުސޫމާ ކިޔަމުން ދިޔައެވެ.

"އެއީ ތެދެއް. ގުދުވެފައި ބަރު އެއްޗެހީގަ ނުހިފާތި. ހިމޭނުން ހުންނާތި. މިދަނޑިވަޅުގައި ލޫލުވެސް ނޫރައިފިއްޔާ ރަނގަޅުވާނީ"

ބާޒިލްގެ އާއިލާގެ ފަރާތުން ދުރުގައި ތިބެވެސް މެލެކްއަށް ދެމުންދާ ލޯބި ފެނުމުން އައްޒާމް ހައިރާންވިއެވެ. ހަގީގަތުގައިވެސް މި އާއިލާ އަކީ މެލެކްއަށް ލެއްވި ރަހުމަތެކެވެ. އެކަން ދަރިފުޅަށް ވިސްނޭނެނަމައެވެ. އައްޒާމް ބާޒިލްއަށް ބަލައިލިއެވެ. ބާޒިލް އިނީ މާޔޫސްވެފައެވެ. ދެރަވެފައެވެ. އެހެންނަމަވެސް ތުންފަތްމަތިން ފަނޑު ހިނިތުންވުމެއް ހިނދުކޮޅަކަށް ނަމަވެސް ފެނިލައިފިއެވެ.

"ނިކުމޭ ކޮފީއަށް ދާން" ބާޒިލް ކިޔާލީ ރައްޔާން ފޮނުވާލި މެސެޖެވެ.

****

ސާޅީސް އަށްގަޑިއިރު ހޮސްޕިޓަލުގައި ބޭއްވުމަށްފަހު މެލެކް ގެއަށް ފޮނުވާލީ ގައިގައި ވަރުޖެހި މީހާ ހަމަޔަކަށް އެޅުމުންނެވެ. ގޭތެރެއަށް ވަންއިރު ފޯނުގައި ހުރި ތަބައްސުމް ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން ހުރެފައި މެލެކް ބަލައިލިއެވެ.

"ކިހާއިރަކަށް ގެއަކަށް އާދެވޭނީ؟" ތަބައްސުމް ބުންޏެވެ.

"އެހެންތަ. މިއާދެވުނީ ގެއަށް. މައި ވެއްޖެ ލޫލު ގޮވައިގެން ފިހާރައަކަށް ވަދެ. ގެއަށް ވަދެ ހަމަޖެހިފަ ގުޅާލާނަން އަދި" ތަބައްސުމް ބުންޏެވެ. އޭރު ދެމައިންނަށް ކޮޓަރި އާ ހަމައަށް ވަދެވިއްޖެއެވެ. އެނދުގައި މެލެކް ބައިންދާފައި ގެނައި އެއްޗެހި ހިފައިގެން ތަބައްސުމް ނިކުތީ ބޭރަށެވެ. އިރުކޮޅެއްފަހުން އައި އިރު މެލެކްއަށް ގެނައި ކާއެއްޗެހި ހުއްޓެވެ.

"ބައްޕަ އަންނަނީތަ؟" ކައިރީގައި ތަބައްސުމް އިށީނުމުން މެލެކް ބުންޏެވެ.

"އާނ ދަރިފުޅުމެންގެ ކުއްޖަކު ބަލިވިއްޔާ ބައްޕަ ނައިހެއް ނުހުންނާނެއްނު. އެއީ ކުރީގެ ބައްޕައެއް ނޫނެއްނު. އެކަމަކު މަންމަ ބުނެފިން ދަރިފުޅު މިހާރު ހަމަޔަކަށް އެޅިއްޖޭ" ތަބައްސުމް ބުންޏެވެ. އޭނާ ދިޔައީ ސަމްސަލުން މެލެކްއަށް ކާންދެމުންނެވެ.

"މާގިނައިން ނުކެވޭނެ މަންމާ" މެލެކް ބުންޏެވެ.

"އުނހު. މި ހުސްކުރަންޖެހޭނެ. އަޑުއެހީމެއްނު ޑޮކްޓަރު ދެއްކި ވާހަކަތައް" ތަބައްސުމް ބުންޏެވެ.

ދެފަރާތަށް މެލެކް ބޯހޫރާލިއެވެ. މޭބޮޑުވެފައި އިނދެވެސް ކެއުން ނޫންގޮތެއް އޭނާއަށް ނެތޭ ހީވިއެވެ. ބަލިވެ އިނުމުން ކައިރީގައި އޯގާތެރިވާން ތިބި މީހުންގެ ބަސްގަބޫލުކުރަން ޖެހޭނެކަންވެސް އޭނާއަށް އެނގެއެވެ.

"ދެން މިހާރު ބާޒިލް ގާތުގަ ބުނެފިންތަ؟" ތަބައްސުމް ބުންޏެވެ.

"އެގޭ އެންމެން ތިބި ތަނެއްގަ އަޅުގަނޑު ވާހަކަދެއްކީ. އޭނައަށް ވެސް އިވޭނެއްނު" ފަރުވާކުޑަ ގޮތަކަށް މެލެކް ބުންޏެވެ.

"ދަރިފުޅު ބުނަންޖެހޭނީ އެންމެންގެ ކައިރީގަ ބުނާގޮތަކަށް ނޫން. ބާޒިލް ގާތުގަ ވަކި ބުނަންޖެހޭނެ. އެއީ ދުރުމީހެއް ނޫން. މިހާރު ދަރިފުޅު ތިހެން ބާޒިލް އާ ވަކިން އުޅޭކަށް މަންމައަކަށް ރުހުމެއް ނުދެވޭނެ. އެއީ ހާލަތު ބަދަލުވެފަވީމަ. ދަރިން ބޮޑެތިވާންޖެހޭނީ މައިންބަފައިންގެ ގާތުގަ ތިބެގެން. މިހާރު ދަރިފުޅު ވިސްނަންޖެހޭނީ އަމިއްލަ މީހާގެ އުފަލަކަށްނޫން" ތަބައްސުމް ވާހަކަދައްކަން އިނދެ ތަށި އެއްކޮށް ހުސްކުރުވައިފިއެވެ.

"އޯކޭ. އުފާވެއްޖެތަ؟ ތިވެސް ހުސްވީ. މަންމަ ހަމަ ގަސްތުގަ ވާހަކަ ގިނަކުރީ" މެލެކް ބުންޏެވެ.

"މަންމަ މިދަނީ މިރެއަށް ކާއެއްޗެއް ރޯފިލުވަން. ދޮނާ އައިސް ބޭސްތައް ވަކިކޮށްދޭނެ. ހިނގާ އެފަރާތަށް ކުޑަކޮށް ހިނގާލަން" ތަބައްސުމް ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟