ވާހަކަ

ރުހުން ދީފާނުހޭ - 75

7

"މަންމަ އުންމީދު ކަނޑައެއްނުލަން. މެލީ އަދި އަންނާނެ. އެދަރި މާލެއަށް ދިރިއުޅުން ބަދަލެއް ނުކުރާނެ. އެއަށް ވުރެ ބޮޑަށް މިތާ ތިބި މީހުންދެކެ އެމަންޖެ ލޯބިވޭ. ބަލަން ތިބޭތި. މާގިނަ ދުވަހެއް ނުވާނެ" މައުސޫމާ ބުންޏެވެ.

"ތިހެންވިއްޔާ ކިތަންމެހާވެސް ރަނގަޅު" އައްޒާމް ބުންޏެވެ.

"ކިހާ އިރަކު ފުރަނީ؟" ޒިޔާދު އަހާލިއެވެ.

"މާދަމާ މެންދުރެއްހާއިރަށް ﷲ އިރާދަކުރެއްވިއްޔާ މަންޒިލަށް ފޯރާނެ" އައްޒާމް ބުންޏެވެ.

****

ލޯގަނޑު ކުރިމަތީގައި ހުރި މެލެކް އަރިވެލާފައި އޭނާގެ ހަށިގަނޑަށް ބަލައިލިއެވެ. ހަތަރު މަހުގެ ބަނޑު އޭނާ ލައިގެން ހުރި ގަޔަށް ބާރު ޓީޝާޓު މަތިން ކިރިޔާ އުފުލިލާފައި ހުރި ކަމެވެ. ހަތަރުމަހަށް އެޅިއިރު އޭނާ ހަމަޔަކަށް އެޅިއްޖެއެވެ. މީހަކު ކައިރީގައި އޭނާ ނުބުނި ނަމަވެސް އޭނާގެ ދިރިއުޅުމުގައި މިހާރު މަދުވަނީ އެންމެ ކަމެކެވެ. ދަރީންގެ ބައްޕައެވެ. އޭނާގެ އަލަތު ލޯތްބެވެ. ލޯގަނޑުން ފެންނަން ހުރި އޭނާގެ އަމިއްލަ ސޫރައަށް ކަޅިޖަހާނުލާ އޭނާ ހުރީ ބަލާށެވެ. އެ ސޫރަ އާ އޭނާ ސުވާލުކޮށްލި ކަހަލައެވެ. މިގޮތުގައި ހުރެވޭނީ ކިހާ ދުވަހަކު ހެއްޔެވެ؟ ބާޒިލް ކައިރިއަށް ދުވަހަކުވެސް އެނބުރި ނުދާނެ ހެއްޔެވެ؟ ދަރިފުޅު ދުނިޔެއަށް އުފަން ވާނީ ދަރިފުޅުގެ ބައްޕަގެ ޣައިރު ހާޒިރުގައި ހެއްޔެވެ؟ ދަރީން ބޮޑެތި ވާނީ ބައްޕަގެ ލޯތްބާ ނުލާ ހެއްޔެވެ؟ ނޫނެކެވެ. ބާޒިލް ބޭނުމެވެ. ބާޒިލް ގާތުގައި ހުންނަންޖެހޭނެއެވެ. މެލެކްއަށް ސިހުން ލިބުނީ ރީތިވާ މޭޒުމަތީގައި އޮތް ފޯނު ރިންގުވާ އަޑަށެވެ. އޭނާ ފޯނަށް ބަލައިލާފައި ހިނިތުންވެލިއެވެ.

"ޓެން މިނެޓްސް ތެރޭގަ މިދަނީ" ފޯނު ކަންފަތުގައި ޖަހާލިގޮތަށް މެލެކް ބުންޏެވެ.

އޭނާގެ ހަރަކާތްތައް އަވަސްކޮށްލިއެވެ. އަލަމާރިން ނެގި ކަޅުކުލައިގެ ބޮޑު ހެދުން ގަޔަށް ވައްޓާލީ ލައިގެން ހުރި ޓޮޕްކޮޅު މަތިންނެވެ. ބުރުގާ އަޅާލުމަށްފަހު ދަބަސް ހިފައިގެން ނިކުތެވެ. އެއީ ލޫލު ނިންދަވާފައި ތަބައްސުމް ކޮޓަރިން ނިކުތް ވަގުތެވެ.

"ލޫލު ނިދީތަ؟" މެލެކް އަހާލިއެވެ.

"ނަސީބަކުން ނިދައިފި ވަރަށް ފަސޭހައިން" ތަބައްސުމް ބުންޏެވެ.

"މަންމަވެސް ހިނގާބަލަ ދާން" މެލެކް ބުންޏެވެ.

"އާނ ހިނގާ. ލޫލު ބަލަން ކަންމަތީ ފިހާރައިގެ ސޭޓު ގެނެސްފަ ދާނީ..." ތަބައްސުމްއަށް ހެވުނެވެ.

"އާނ އެހެންޏަ... ދަރިފުޅު ދޭ. އަވަހަށް ގެއަށް އަންނައްޗޭ. މިއީ ރަށް ފުށެއް ނޫން. މާލެ. އަންހެންކުދީން ބޭރުގައި ގިނަވަގުތު އުޅުމަކީ މިކަހަލަ ތަނެއްގަ ރައްކާތެރިކަމެއް ނޫން" ތަބައްސުމް ބުންޏެވެ.

"އޯކޭ... ލޫލު ހޭލައިފިއްޔާ ގުޅައްޗޭ. މަންމަ ހާސްނުވެބަލަ. ޝިނާ އަންނާނެ ބަލާ" ތަބައްސުމްގެ ގައިގައި ބައްދައިލަމުން މެލެކް ބުންޏެވެ.

"ދެން އަވަހަށް ދޭ. ޝިނާއަށް މަންމަގެ ސަލާމް ބުނައްޗޭ" ތަބައްސުމް ބުންޏެވެ.

****

ގަޑިން ދިހަ ގަޑި ބައެވެ. ގޭތެރެއިން އިވެނީ ހުޅުވާފައި ހުރި ޓީވީ އިން ގެނެސްދެމުންދިޔަ ދިވެހި ޕްރޮގްރާމެއްގެ އަޑެވެ. ޓީވިއަށް ސަމާލުކަންދީގެން އިނީ ޒިޔާދު އެވެ. ގާތުގައި އިން އަނބިމީހާ އާ ޒިޔާދު ސުވާލުކޮށްލިއެވެ. ހަބަރެއް ނުވުމުން އޭނާ މައުސޫމާއަށް ބަލައިލިއެވެ. މައުސޫމާގެ ނަޒަރު ހުއްޓިފައިވަނީ ޓީވީއަށެވެ. އެހެންނަމަވެސް އޭނާގެ ވިސްނުމާ ފިކުރު ވަނީ މާދުރުގައެވެ. ޓީވީގެ އަޑު މަޑުކޮށްލާފައި މައުސޫމާގެ ގާތަށް އޭނާ ޖެހިލިއެވެ. މައުސޫމާގެ އަތުގައި ހިފާލިއެވެ. އެހިނދު ސިހިފައި ޒިޔާދަށް މައުސޫމާ ބަލައިލިއެވެ.

"ކޮން ވިސްނުމެއްގަ. އަހަރެން ހާދަ ވާހަކައެއް ދައްކައިފީމޭ" ޒިޔާދު ބުންޏެވެ.

"ވިސްނުމެއްގައެއް ނޫން" މައުސޫމާ ބުންޏެވެ.

"ދަރިން ކައިރީގަ ނެތީމަ ދޯ" ޒިޔާދު ބުންޏެވެ.

މައުސޫމާ ޒިޔާދަށް އަނެއްކާވެސް ބަލައިލިއެވެ. އޭނާގެ ސިކުނޑީގައި ވަނީ ކީކޭ ކަން މިފަހަރު ފިރިމީހާ ދެނެގަނެއްޖެއެވެ.

"ވިސްނޭނެތާ. ކަންކަން މިހެރަ ބަދަލުވާގޮތެއްވެސް ނޭނގޭ. ކައިވެންޏަށްފަހު ތިން އަންހެންދަރީން ފިރިންނާއެކު ހިނގައްޖެ. ދެން އައީ މަގޭ މެލެކް. ކުޑަ ދުވަސްކޮޅެއްގެ މެހެމާނެއް ފަދައިން ކުރިމަތީގަ އުޅެލާފަ އެދިޔައީ. ހުރި ހަމައެކަނި މާމަ ދަރިފުޅުވެސް ގެއްލިއްޖެ. ހިނދުކޮޅެއްގެ ޒިޔާރަތަކަށްފަހު އަނެއްކާވެސް އަންހެންދަރީން ލޯމަތިން ގެއްލިއްޖެ. މިފަހަރު ބާޒިލް.... ޔާ ﷲ މިނޫން ދުވަހެއް މިއަޅާއަށް ދައްކަވާށި" މައުސޫމާގެ އަޑުގައި ރިހުމެއްގެ އަސަރުވިއެވެ.

"ކެތްކުރޭ އަނބިގޮއްޔޭ. މިއީ އަހަރެމެންނަށް ލިބެން އުޅޭ އުފާވެރިކަމެއްގެ ފެށުމަށްވެސް ވެދާނެއްނު... ﷲ އަންގަވާފައިވަނީ ކޮންމެ އުނދަގޫ ކަމަކަށްފަހު ފަސޭހަކަމެކޭ. ހިތްހަމަޖައްސާލާ" ޒިޔާދު ބުންޏެވެ.

"އެކަލާނގެ އާ ވަކީލުކޮށްލައިފިން... ޒިޔާދު ދާންވީނު ނިދަން. އެސޮރު ގެއަށް އައިމަ މަ ދާނަން. މާދަމާ ފުރާތީ އޮފީހުގަ ނިންމަން ހުރި ބައެއް ކަންކަން ކޮށްލާށޭ ބުނެފަ ދިޔައީ" މައުސޫމާ ބުންޏެވެ.

ޒިޔާދު ދިޔުމުން ސޯފާގައި އިނީ މައުސޫމާ އެކަންޏެވެ. އޭނާ އެކަނި އިންނަން ޖެހުމުން ޓީވީ އިން ދަރުހެއް އަންނަ ޗެނަލަކަށް ބަދަލުކޮށްލިއެވެ. ބާޒިލް ވަދެގެން އައީ އޭގެ ކުޑައިރުކޮޅެއް ފަހުންނެވެ.

"ކޮފީ ގެންނަންވީތަ؟" ކައިރީގައި ބާޒިލް އިށީނުމުން މައުސޫމާ ބުންޏެވެ.

"ބޭނުމީ މަންމަގެ އުނގުގަ ބޯއަޅާލައިގެން އިހަށް އޮށޯވެލަން" ބާޒިލް ބުންޏެވެ.

މައުސޫމާގެ އުނގުގައި ބޯ އަޅައިގެން އޮތް ބާޒިލް އޮތީ ހަށަމަށް ދެއަތް ނަގައިގެންނެވެ. އެއްފަހަރު ޓީވީ އަށް އަނެއްފަހަރު ބާޒިލްގެ މޫނަށް މައުސޫމާ ބަލައިލައެވެ. އޭނާގެ އެއް އަތުގެ އިނގިލިތަކުން ބާޒިލްގެ އިސްތަށިތަކާ ކުޅެލިއެވެ. ހީވާކަހަލައެވެ. ދިރިއުޅުމުގައި އެންމެ ބޮޑެތި ތަކުލީފުތަކާއި އަޑިގުޑަންތައް ހުރަސްޖެހުނު ދަރިއަކީ މިއީއެވެ.

"ހަތަރު މަސް މަންމާ. ހީވެސްނުކުރާހާ އަވަހަކަށް ހިނގައްޖެ. އަދިވެސް މިހުންނަނީ އަދަބުގަ" ބާޒިލް ބުންޏެވެ.

"ދަރިފުޅަށް ހީވަނީ ކިހިނެއް؟" ބާޒިލް ދެލޯ ހުޅުވާލީ މައުސޫމާ ވާހަކަދެއްކި އަޑަށެވެ.

"ތިބުނީ؟" ބާޒިލް ބުންޏެވެ.

"މަންމައަށް އެނގޭ ޒެއްލުގެ ހިތުގަ އުންމީދެއް އޮތްކަން. މަންމައަށް އެނގޭ ޒެއްލު ވަރަށް ހިތްވަރުގަދަކަންވެސް. ހިތްއެދޭކަމެއް ދޫކޮށްލައިގެން އެއްދުވަސް ކީއްކުރަން ހިނދުކޮޅެއްވެސް އިންސާނަކަށް ކެތްކުރަން ދަތިވާނެ. ލޯތްބާ ނުލާ ދަރިފުޅު ހަތަރު މަސް ދުވަސް ހޭދަކޮށްފި. މެލެކް ބޭނުންވި ގޮތަށް ދުރުގަ ހުރެފީމު. ދަރިފުޅަށް މަންމަ ސާބަސްދެން"

ބާޒިލް ހީލާފައި މައުސޫމާގެ އަތްތިލައިގައި ބޮސްދިނެވެ. ތެދުވެ އިށީނދެފައި މައުސޫމާގެ ކޮނޑުގައި އެއްއަތުން ވަށާލާފައި ގާތަށް ޖައްސާލިއެވެ.

"މެލީގެ ދުރުކަން އަހަރެން ހިތްވަރުގަދަ މީހަކަށް ހެދީ. މެލީއަށް މިހާރު އެނގޭނެތާ އެހެން އަންހެނެއް އަހަރެންގެ ހިތުގައި އޮތްނަމަ މިހާރު އަހަރެން ހުންނާނީ އެ އަންހެނެއްގެ ހިދުމަތުގައިކަން. ހީވަނީ އަހަރެންގެ ހިތް ބޭނުންވާ ގޮތް މެލީ އަށް ސާބިތުކޮށްދެވިއްޖެހެން. އިތުރަށް ބޭނުންވިޔަސް ހަމަ މި އަޒުމުގަ ދުރުގަ ހުރެދާނަން. ތެދެއް ބުނަންތަ މަންމާ! މިފަހަރު އަހަރެންގެ ވިސްނުން ވަރަށް ޕޮޒިޓިވް. ހިތަށް އަރަނީ ކޮންމެ ހާލެއްގަ އުޅެން ޖެހުނަސް މިރަށަށް މެލީ އާ ލޫލު ނުލާ ނާންނާނަމޭ. މަންމަ ދުއާ ކޮށްދެއްޗޭ"

"މަންމަގެ ކޮންމެ ދުއާ އެއް ވަނީ ތިކުދިންނާއެކު" ބާޒިލްގެ މޫނުގައި މައުސޫމާ ފިރުމާލިއެވެ.

****

އާ ދުވަހަކަށް އިރު ފެނުން ތޮޅިލައިފިއެވެ. މެލެކްއަށް ހޭލެވުނީ އޭނާގެ މޫނުމަތީގައި އެއްޗަކުން ޖެހުނު ވަގުތު ކުޑަކޮށް ތަދުވެގެންނެވެ. ދެލޯ ހުޅުވާލާފައި ބަލައިލިއިރު އޭނާގެ ބޮލާ ދިމާލުން ހަތަރު މުށްގަނޑު ޖަހައިގެން އޮތީ ލޫލު އެވެ. ހެޑްބޯޑުމަތީގައި އޮތް ފޯނު މެލެކް ބަލައިލިއެވެ. އަދި ކިރިޔާ ފަހެއް ޖެހީއެވެ. މިހާ ފަތިހާ މިފަހަކަށް އައިސް ލޫލު ނުހޭލައެވެ. ހޭލިޔަސް މެލެކް އަށް އުނދަގުލެއް ނުކުރާނެއެވެ. މިއަދު ލޫލު އިނީ ރަނގަޅު މޫޑެއްގަހެން ހީވެއެވެ. އަނެއްފަރާތަށް މެލެކް ބަލައިލިއިރު ތަބައްސުމް އިނީ މުސައްލަ މަތީގައެވެ. މެލެކް ހޭލައްވަން ލޫލު އުޅުނު ގޮތް ފެނި ތަބައްސުމް އިނީ ހިނިއައިސްފައެވެ.

"މަންމަ ހައިރާންވެއްޖެ. ރޭގަ ތިނެއް ޖެހިއްސުރެ ފެށިގެން މަންމަ މިގޮވަނީ ދަރިފުޅަށް ދަމުނަމާދަށް. މިރޭ ދެލޯ ހުޅުވާވެސްނުލި. ރޭގަ ވަރަށް ލަހުންތަ ނިދީ" ތަބައްސުމް އަހާލިއެވެ.

"ނޫން. ހަމަ ހޭވެރިކަމެއްނުވީ. މިއަދު ލޫލު ކިހިނެއްވެގެން މިއުޅެނީ. ކޯޗެއްތަ މޫނު މައްޗަށް ވައްޓާލީ. ބަލާބަ އޭސީ ރިމޯޓް ވައްޓާލާފަ މަންމިއަށް ތަދުކޮށްލާފަ ހެވިފަ އިންވަރު" ލޫލުގެ ދަތްދޮޅީ ކޮޅުގައި ފަސްއިނގިލީ ކޮޅުން ކޮށްޓައިލަމުން މެލެކް ބުންޏެވެ.

"ދެންވެސް އަވަސްކޮށްގެން ނަމާދަށް އަރަން އުޅޭ. މަންމަ މި ނިކުންނަނީ މި މަންޖެ ގޮވައިގެން ބޭރަށް"

ލޫލު ގޮވައިގެން ތަބައްސުމް ބޭރަށް ނިކުތުމުން މެލެކް ފާހާނާއަށް ވަނެވެ. މޫނުދޮންނަ ކުރިމަތީގައި އޭނާ ދަތްއުނުގުޅަން ހުރީ ވިސްނަމުން ދިޔައީ އޭނާއަށް ފެނުނު ހުވަފެނަކާ މެދުގައެވެ. ހުވަފެން ފެނުނުތާ މިގިނަ ވަގުތެއް ވީހެނެއް ހިއެއް ނުވެއެވެ. ލޫލުގެ ސަބަބުން ހޭލެވުނީ ހުވަފެނުގައި އޮވެފައެވެ. ކުރިމަތީ ހުރި ލޯގަނޑުން އޭނާގެ މޫނު ފެންނަހާ ސާފުކޮށް އެ ހުވަފެން އޭނާގެ ސިކުނޑީގައި ވަނީ ހަރުލާފައެވެ. މެލެކްއަކީ އާންމުގޮތެއްގައި ހުވަފެން ފެންނަ މީހެއް ނޫނެވެ. ގިނަފަހަރަށް ހުވަފެނުގައި ފެންނަ އެއްޗެއް ހަނދާނުގައިވެސް ނުހުރެއެވެ. މީހަކަށް ކިޔައިދޭކަށް ވެސް ނޭނގެއެވެ. ހުވަފެނުގައި ބާޒިލް ފެންނަންވީ ކީއްވެ ހެއްޔެވެ؟ ގައިމުން ރޭގަ ނިދުމާ ހަމައަށް ބާޒިލްގެ މެސެޖެއްހާ ހިސާބުވެސް ނުލިބެއެވެ. ގުޅާވެސް ނުލައެވެ. ހައިރާންވަނީ ހުވަފެން ފެނިގެނެއް ނޫނެވެ. އޭނާއަށް ފެނުނީ ކޮޓަރީ އެނދު ކައިރީގައި ބާޒިލް ހުއްޓައެވެ. ގާތުގައި ހުރީ ކޮން އަންހެނެއް ހެއްޔެވެ؟ ސާރާ ހެއްޔެވެ؟ މެލެކް އަތުން ބުރުސް ދޫވެއްޖެއެވެ. ހިތްބިރުގަނެ މޫނަށް ދެތިން ގޮށި ފެން ޖެހިއެވެ. އަންހެނެއް ގޮވައިގެން މިގެއަށް ކޮންމެހެން އަންނާނެ ކަމެއް ނެތެވެ. މެލެކް ހިތާހިތުން ބާޒިލްއަށް ކުދި ކިޔަން ފެށިއެވެ. ފާހާނާއިން ނިކުތްގޮތަށް އޭނާ ނަމާދަށް އެރިއެވެ. އެނދުމަތީގައި އޮތް އޭނާގެ ފޯނު ދިއްލޭތަން ފެނުނީ ސަލާމްދިން ވަގުތުގައެވެ. ޒިކުރު ތަސްބީހަ ކިޔުމަށްފަހު މުސައްލަ ހިފައިގެން އައިސް އޭނާ އިށީނީ އެނދުގައެވެ. ފޯނު ބަލައިލިއރު ގުޅާފައި އޮތީ ބާޒިލް އެވެ. ބޭއިހްތިޔާރުގައި ފޯނުން ފެންނަން އިން ބާޒިލްގެ ނަމުގެ މަތީގައި އިނގިލިތައް ބީއްސާލިއެވެ. ބާޒިލްގެ މެސެޖެއް އައީ ވެސް ހަމަ އެވަގުތުއެވެ.

"ވަރަށް އުފާވެރި ދުވަހެއް. މިއަދު މިހުރީ ވަރަށް އުފަލުން. އެނގޭތަ! ރޭ އެއްކޮށް އަހަރެން އުޅުނީ މެލީ އާއެކު. ހުވަފެނުގަ. މީހުން ބުނަނީ ތެދެއް. ހަގީގީ ދިރިއުޅުމަށް ވުރެ ހުވަފެނީ ދުނިޔެ މާ ހިތްގައިމު. އަހަރެން ސިއްރެއް ބުނަން ބޭނުން. މެލީގެ ކަންފަތް ދޮށުގަ. ހެހެހެ... ކޮބާ ބައްޕިގެ ދޮންކަމަނަ... އަހަރެން މަތިން ލޫކުގެ ކޮލުގައި ވަރަށް ލޯބިން ބޮސްދެއްޗެ. ބުނައްޗެ ބައްޕި ވަރަށް މިސްވެޔޭ. އަދި އެއްވާހަކަ.... ނިކަން ވަރަށް ލޯބިން މެލީގެ ބަނޑުގައި އަތްލަބަލަ. ދެލޯމަރާލާފަ ދަރިފުޅަށް ބުނެދީބަލަ ބައްޕި އެބަހުއްޓޭ ހަމަ މިހެން ފިރުމާލެވޭނެ ވަގުތެއްގެ އިންތިޒާރުގަ"

ކީއްވެ ކަމެއް ނޭނގުނެވެ. އެތައްފަހަރަކު އެމެސެޖުތައް އޭނާ ކިޔައިފިއެވެ. ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެއްޖެއެވެ. އޭނާ ބަނޑުގައި އަތްޖައްސާލިއެވެ. ދެލޯމަރާލިއެވެ. ބާޒިލްގެ މެސެޖުގައިވާ ގޮތަށް ލަފްޒުތައް އަތުރާލިއެވެ. ކުރެވުނީ ކީއްކަން އެނގުމުން އޭނާ އަވަސް އަވަހަށް ފޯނު ބާއްވާފައި ތެދުވިއެވެ. ނަމާދު ސާމާނުތައް އެތަކެތީގެ މަގާމުގައި ބަހައްޓާފައި އޭނާ ކޮޓަރިން ނިކުތެވެ. ކޮޓަރި ދޮރުލައްޕާލުމަށްފަހު މަޑުޖެހިލިއެވެ. އަދި އެއްފަހަރު އޭނާގެ ބަނޑުގައި އަމިއްލައަށް އަތްޖައްސާލިއެވެ.

"ނޫޅެން. ވަރަށް ހިތުގަޖައްސާފަ ތިހުންނަނީ. ނުކުރާނަން މަޢާފެއް" ހިތާހިތުން މެލެކް ބުންޏެވެ.

****

މެންދުރު ކައި ނިމިގެން ތަބައްސުމް އާ ލޫލު ހަވާލުކޮށްފައި މެލެކް ތައްޔާރުވެލިއެވެ. ޝިނާގެ ފޯނު ކޯލު ލިބުނީ ދާދި ދެންމެއަކު އެވެ. ޝިނާ އާ އެކު ތަނަކަށް ދާންވީއެވެ. މާލެ އައިފަހުން މެލެކްއަށް ލިބުނު ރަނގަޅު ރަހުމަތްތެރިއަކަށް ޝިނާ ވެއްޖެއެވެ. ދެކުދީން އެކުގައި ހޭދަކުރާ ވަގުތުތައް ގިނަވެއްޖެއެވެ. ކިރިޔާ ވަގުތެއް ލިބޭއިރަށް ޝިނާ ހުންނަނީ މެލެކް ކައިރީގައެވެ. މިއަދުވެސް ޝިނާގެ ފޯނު ކޯލު ލިބުމާއެކު މެލެކް ތައްޔާރުވާން ފެށިއެވެ. ލޫލު އަތަށް ކުޅޭއެއްޗެއް ދީގެން އެނދުގައި އިން ތަބައްސުމް އިނީ ލޯގަނޑު ކުރިމަތީގައި ރީތިވާން ހުރި މެލެކްއަށް ބަލާށެވެ.

"މިއަދު ވަރަށް ކާއެއްޗެހި އިސްރާފުވެއްޖެ ދޯ. މަންމަ ކީއްކުރަން އެހާ ބައިވަރު އެހެދީ" ބުރުގާ އަޅަން ހުރި މެލެކް ބުންޏެވެ.

"ގިނައެއް ނުވާނެ. ކާން ތިބި އަނގަތަކަށް ވާވަރަށް ހެދީ" ތަބައްސުމް ބުންޏެވެ. ތަބައްސުމް އަށް ބަލައިލާފައި މެލެކް ހީލިއެވެ.

"ދަރިފުޅު އަބަދުވެސް ތިހެން އުފަލުގަ ހުންނަން މަންމަ ބޭނުންވަނީ. ތިހެން ބޭރަށް ގޮސް އުޅޭއިރު ވިސްނަންވާނެ ތިމާއަކީ މާބަނޑު މީހެއްކަން. ތިގަންނަން ދާ އެއްޗެއް ގަނެގެން މަންމަ ބޭނުންވަނީ އަވަހަށް ދަރިފުޅު ގެއަށް އަންނަން. މިއީ މެންދުރު ވަގުތު. ބޭރުގަ އުޅޭއިރު އަތުގަ ފެންފުޅިއެއް ބާއްވާތި" ތަބައްސުމް ވާހަކަދެއްކިއެވެ.

"މަންމައަށް އެނގޭތަ ޝިނާ މިއަދު ދާން އެއުޅޭ ތަނެއް. ސެލޫންއަކަށް. ޝިނާއަށް ވެގެންވަންޏާ އޭނަ ފާހަނައަށް ވަންނާނީ އަޅުގަނޑު ގޮވައިގެން. ހެހެހެ... ސީރިޔަސްކޮށް މަންމާ ޝިނާ އެއީ ހާދަ ރަނގަޅު ކުއްޖެކޭ" މެލެކް އައިސް ކުޅެން އިން ލޫލު އުރާލިއެވެ. މޫނުގައި ބޮސްދިނެވެ. ކުއްލިއަކަށް ބާޒިލްގެ މެސެޖު މަތިން ހަނދާންވެފައި އަދި އެއްފަހަރު ލޫލުގެ ކޮލަށް ބޮސްދިނެވެ. ދަރިފުޅުގެ ބައްޕި ބުނި ވަރަށް ލޫލު މަތިން ވަރަށް މިސްވެޔޭ"

ތަބައްސުމް މެލެކްއަށް ބަލައިލީ ގަބޫލުނުކުރެވިފައެވެ. ބާޒިލްގެ ވާހަކައެއް އިސްވެ މެލެކް ނުދައްކާތާ ކުރިއަށް މިދަނީ ހަތަރުވަނަ މަހެވެ. މިއަދު ކުއްލިއަކަށް ބާޒިލްގެ ވާހަކަ ފެށުމުން ހައިރާންކަން ލިބުނެވެ.

"ތިއީ ހަމަ ބާޒިލް ބުނި ވާހަކައެއްތަ؟ ބާޒިލް އާ ވާހަކަދެއްކީތަ؟" ތަބައްސުމް އަހާލިއެވެ.

"ނޫޅެން ދައްކަން. އެއީ އޭނަ ކޮށްފަ އިން މެސެޖެއް. އޭނަ ލޯބިވަނީ ލޫލުދެކެ. އަޅުގަނޑުދެކެ އެހާ ލޯބިވާނަމަ ކިއްވެ އަޅުގަނޑު މިހުރި ހިސާބަށް ނާންނަނީ. މިއީ ހަތަރުވަނަ މަސް" މެލެކް ބުންޏެވެ.

"މެލީއެއް ނޫންތަ ބާޒިލްއަށް މަނާކުރީ. މަންމަގެ ނަޒަރުގަ ބާޒިލް ގޯހެއްނޫން. ދަރިފުޅު ތިއީ އަނބިމީހާ. ބާޒިލްގެ ހާލު ބެލުމާ ބާޒިލްއަށް ހިދުމަތްކޮށްދިނުމަކީ ދަރިފުޅުގެ މައްޗަށް ވާޖިބެއް. ހަލާލު އަނބިމީހާގެ މަގާމުގައި ހުރެ މިކަންކަމުން ދަރިފުޅު ރެކިގަނެގެން ތިހުންނަނީ ދަރިފުޅަށްވެސް ސުވާލުވެވޭނެ ދުވަހެއް އަންނާނެ. އެދުވަހަކުން މުޅި ދުނިޔެވެސް ދަރިފުޅަށް ލައުނަތް ދޭނެ. އަދިވެސް ވަގުތު އެބައޮތް ދަރިފުޅާ. އެއީ އަދިވެސް ފިރިމީހާ. ގޮތްދޫކޮށްފަ ދަރިންނަށްޓަކައި ނަމަވެސް ތިރުޅިގަނޑު ދޫކޮށްލާ" ތަބައްސުމް ފޫންނޭވައެއް ދޫކޮށްލިއެވެ. އޭނާ އަމިއްލަ ނަފްސަށް ހިތްހަމަޖެހުނެވެ. މިގޮތަށް މެލެކްއަށް އޭނާ ބުނެދޭން އުޅޭތާ ކިހާ ދުވަހެއް ވެއްޖެހެއްޔެވެ؟ މިނުނީ މިގޮތަށް ވާހަކަދައްކަން މެލެކް ހުއްދައެއްވެސް ނުދެއެވެ.

"ފާފައިގެ ވާހަކަދައްކައިގެން ހާދަ ބިރެކޭ ތިގަންނަވާލީ. މިނޫނީ ތިވާހަކަދައްކަން މަންމައަށް ވަގުތު ނުލިބުނީތަ؟" މެލެކް ބުންޏެވެ.

"ދަރިފުޅު ކާކަށް ފުރުސަތު ދިނީ ވާހަކަދައްކަން. މިހުރިހާ ދުވަހު އެންމެން ހިމޭނުން ތިބީ. އޭރުވެސް ދަރިފުޅުގެ ނިންމުމާ މަންމަމެން ތިބީ މުޅިއަކުން ރުހިގެނެއްނޫން. ގަބޫލުކުރަން ކައިވެނިކުރި ފަހުން ބާޒިލްގެ އަމަލުތައް ދަރިފުޅާ މެދު ހުރީ ރަނގަޅަކަށް ނޫންކަން. އެކަމަކު އިންސާނަކަށް ކޮންމެ ވަގުތެއްގައިވެސް ހިދާޔަތް ދައްކައިވައިފާނެ" ތަބައްސުމް މެލެކްގެ ދެއަތުގައި ހިފަހައްޓާލިއެވެ. މެލެކް ބުނިހެން މިވާހަކަތައް ދައްކަން ފަހަރެއްގައި މިއީ އެންމެރަނގަޅު ވަގުތެއް ކަމުގައި ނުވެދާނެއެވެ. އެހެންނަމަވެސް ހިމޭނުން މެލެކް ހުރުމުން އޭނާ އެވާހަކަ ކުރިއަށް ގެންދަން ބޭނުންވީއެވެ. ބޭނުންވީ އޭނާގެ ވާހަކަތަކުން މެލެކްއަށް އަސަރު ކުރުވާށެވެ.

'އޯކޭ މަންމާ. ކުރިން އެގޮތަށް ކަންތައްކުރެވުނީ އަޅުގަނޑުވެސް ހާޓްވެފަ ހުރީމަ. ކުއްލިއަކަށް ހަނދާންތައް އައިތަނާ އެންމެ އުނދަގޫކުރި މަންޒަރުތަކަށް ވީ އެމަންޒަރުތައް" މެލެކް ބުންޏެވެ.

"ތިހެންވިއްޔާ ބާޒިލް އަންނާށޭ ބުނިއްޔާ ރަށަށް ދާނަންތަ؟ ދަރިފުޅަށް އެނގެއެއްނު ދަރިފުޅުގެ ދިރިއުޅުން ހަމަޖެހިފަ އޮތް ތަނަކީ އެއީކަން" ތަބައްސުމް ބުންޏެވެ.

"އެހެނެއްނުދާނަން. އޭނަ ކީއްތަވާނީ އަޅުގަނޑުމެން ބަލާ އޭނަ އައިއްޔާ" މެލެކް ބުންޏެވެ.

"ދަރިފުޅު ތިގޮތަށް ބުނިންތަ؟" ތަބައްސުމް އަހާލިއެވެ.

"އެގުޅަނީ ޝިނާ ލަސްވެގެން. މިދަނީ މަންމާ. މިދިޔައީ މިއައީ އެނގޭ" ދަބަސް ހިފައިގެން މެލެކް ކޮޓަރިން ނިކުންނަން ދިޔައެވެ.

ތަބައްސުމް ﷲ އަށް ހަމްދުކޮށްލިއެވެ. މިއަދު ވާނީ އުފާވެރި ދުވަހަކަށެވެ. މެލެކްގެ ދިރިއުޅުން އަނެއްކާވެސް ކޮޅަށް ޖެހިގެންދާނެ ދުވަހަކަށެވެ.

****

ބޭރުން ކުރަންދިޔަ ކަންތައް ނިންމާލުމަށްފަހު ސައިކަލުގައި މެލެކް ގޮވައިގެން ޝިނާ ގޮސް މަޑުކޮށްލީ ރެސްޓޯރެންޓެއްގެ ކުރިމައްޗަށެވެ. އޭނާ ބޭނުންވީ މެލެކް ގެއަށް ގެންދިޔުމުގެ ކުރިން ފިނި އެއްޗެއް ދޭށެވެ. ރަނގަޅު ހިސާބެއްގައި ހުރި މޭޒެއް ކައިރީގައި ދެކުދިން ޖައްސާލިއެވެ. ފިނި އެއްޗަކަށް އޯޑަރުދީފައި ޝިނާ ފޯނު ބަލައިލިއެވެ.

"މެންދުރު ކެއިފަހުން އަދި މާގިނައިރެއް ނުވޭ. ކީއްކުރަން މިތަނަށް ތިއައީ. ގެއަށް ދާން ބޭނުމީ" މެލެކް ބުންޏެވެ.

"ފިނި އެއްޗެއް ދޭން މިއައީ މެލީއަކަށް ނޫނޭ. ބޭބީ އަށް. މާބަނޑުއިރު ޑީހައިޑްރޭޓް ނުވާނެ ގޮތަށް އުޅެން އިތުރަށް ސަމާލުކަންދޭންޖެހޭނެ" ޝިނާ އިނީ ހިނިއައިސްފައެވެ.

ހީލާފައި މެލެކް ސަމާލުކަންދިނީ އަތުގައި އޮތް ފޯނަށެވެ. ތަބައްސުމް ދެއްކި ވާހަކަތަކަށްފަހު އޭނާ ބޭނުންވަނީ ބާޒިލް އާ ވާހަކަދައްކާށެވެ. ކުރިން މެސެކުކޮށް ކުރާކަމެއް އޮޅުންފިލުވާށެވެ. އޭނާ އިނީ ކުރަން ގުޅަން ނުކެރިފައެވެ. ބާޒިލްގެ ހަބަރެއް ވާނެ އިރެއްގެ އިންތިޒާރުގައެވެ. ފޯނުން ފެންނަން އިން ބާޒިލްގެ ނަންބަރަށް ބަލަހައްޓައިގެން އިނދެފައި ނިޔަފަތި ހަފަން ފެށިއެވެ.

"ކޯޗެއް ތިވިސްނަނީ؟" ޝިނާ އަހާލިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟