ބާޒިލް އެދުނީ ދެމައިންގެ ފޮޓޮއެއް އޭނައަށް ފޮނުވައިދިނުމަށެވެ. ތަބައްސުމްއަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ. އޭނާ ބާޒިލް އެދުނު ފަދައިން ކަންތައް ކޮށްދިނެވެ. ފޯނު މުށުތެރެއަށް ލައިގެން އިންދާ ތަބައްސުމްގެ ފޮޓޯތައް އޭނާއަށް ލިބުނެވެ. އެއް ފޮޓޮއެއް ނޫނެވެ. އެތައް ފޮޓޮއެކެވެ. ބާޒިލް އެ ހުރިހާ ފޮޓޯތަކަށް ފޫހިކަމެއް ނެތި އެތައް އިރަކު ބަލަން އިނެވެ. އެހެން އިންދާ ކުއްލިއަކަށް އޭނާ ސިހުނީ ކޮޓަރީ ދޮރުގައި ޓަކިޖަހާލި އަޑަށެވެ. ދެން އިވުނީ ބޭރުން ޒޭބާގެ އަޑެވެ.
"ކޫ ވަންނަން އެބަ" ޒޭބާ ބުނެލި އަޑު އިވުނެވެ.
ޒޭބާ އެތެރެއަށް ވަނީ ކުޑައިރުކޮޅަކު މަޑުކޮށްގެން ހުރެފައެވެ. ޒޭބާގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. އޭނާ ހީކުރިގޮތާ ހިލާފަށް ބާޒިލް އިނީ އޮފީހަށް ދާން ތައްޔާރުވެގެނެއް ނޫނެވެ. ފޯނު އަތަށް ލައިގެން ގަބުވެފައި އިންނަ މީހަކު ފަދައިން އޭނާ އިނީ ޒޭބާއަށް ބަލާށެވެ. ޒޭބާ އައިސް އިށީނީ ބާޒިލްގެ ކައިރީގައެވެ.
"ނުދަނީތަ އޮފީހަށް" ޒޭބާ އަހާލިއެވެ.
"ދާހިތެއްނެތް. އެއްކަމެއްވެސް ކުރާހިތެއްނުވޭ" ބާޒިލް ބުންޏެވެ. ފޯނު އެއްފަރާތުގައި ބާއްވާފައި ދެފަރާތުން ފަހަތުގައި ދެއަތްތިލަ ވިއްދައިލަމުން ބާޒިލް ބުންޏެވެ.
"ތިހެން ހެދީމަ ކަމަކުނުދާނެ. މިއީ ޒެއްލު އެންމެ ހިތްވަރުކުރަންވީ ވަގުތު" ބާޒިލްގެ އަތްމަތީގައި ޒޭބާ އަތް އަޅާލިއެވެ.
"ނުވާނެ އަހަންނަކަށް. މިދުވަސް އަންނާނެކަން ކުރިން އެނގުނުނަމަ.... މިހާރު މިއިނގެނީ ވޭނަކީ ހަމައެކަނި ހަށިގަނޑުގެ ބޭރުފުށުގަ ހުންނަ ޒަހަމުގައި އަޅާ އެއްޗެއް ނޫންކަން. އޭރު މެލީވެސް މިހާ ހިތާމަކުރާނެ ދޯ. އަހަރެންގެ އަނބިމީހާ އާއި ދަރިފުޅު ގޮވައިގެން މިގެއިންވެސް ނުވީތާކަށް މިރަށުން ފުރައިގެންވެސް ދިޔައީ. އަހަރެންގެ ފަރާތުން ގައިގައި އަތްނުލާ ދިން އަނިޔާތަކަށް ކެތްނުވެގެން އެވަރުގެ ނިންމުމެއް މެލީ އެނިންމީ. ކޮބާ އަހަރެންގެ ބޭނުމަކީ މިތާ. އަހަރެން ކިހިނެއް ކެތްކުރާނީ. މެލީ އަހަންނަކާ ވާހަކައެއްނުދައްކާ. ފޯނު އޮތީ ނިއްވާފަ. ކިހާ ދުވަހެއް ވަންދެން ކަމެއްވެސް ނޭނގޭ މި ވޭނުގަ އަހަރެން ގަނަތެޅެންވީ. މެލީ އަހަންނަކަށް ބުނެނުދިން އެއެއްވެސް. އަހަރެން އެންމެ ދެރަވަނީ މެލީ އަހަންނާ އަނގައިން ނުބުނާތީ. މެލީ ގޮވައިގެން ލޯބިން އުޅެލަން އަހަންނަށް ލިބުނީ ހާދަ މަދު ވަގުތުކޮޅެކޭ. މިހާރު ހިތަށް އަރާ މެލީގެ ހަނދާންތައް ނައި ނަމައޭ..."
ބާޒިލް އިސްއޮބާލިއެވެ. ޒޭބާއަށް ކަރުނަތައް އޭނާ ސިއްރުކުރީއެވެ. އެހެންނަމަވެސް ކަރުނައަކީ އޭގެ ޒާތުގައި އެއްވެސް ބާރެއް ލިބިގެންވާ އެއްޗެއް ނޫނެވެ. ހައްދުން ބޭރުވެއްޖެނަމަ އިންސާނާ އެންމެ ބޭނުންނުވެފައި ހުންނަ ވަގުތުގައިވެސް ފައިބައިގެން ދާން ސިކުންތެއްވެސް ނުނަގާނެއެވެ. ބައެއްފަހަރު ކަރުނަ އިންސާނާ ބޭޒާރުކުރާނީ އެ އިހުސާސް އެންމެ ފޮރުވަން ބޭނުންވާ ވަގުތުގައެވެ.
"ތި ބުނެވޭ އެއްޗެއް އެބަ އިނގޭތަ؟" ޒޭޔބާ އަތްއެޅީ ބާޒިލްގެ އަތްމަތީގައެވެ.
"އަހަރެން ކިހިނެއް މިވާވަރު ބުނެދޭނީ" ބާޒިލް މޫނުމަތީގައި ދެއަތް އެޅިއެވެ.
"އަޅޭ... ކީކޭ ދެން ބުނާނީ. އަދިވެސް އެއީ ޒެއްލުގެ އަނބިމީހާ. މެލީ ނޫޅޭ ވަރިވާކަށް. އެންމެންނަށް ވެސް އެނގުނު މެލެކް އެގޮތަށް އެކަންތައް ކުރަނީ ހިތާ ދެކޮޅަށްކަން" ޒޭބާ ބުންޏެވެ. ބާޒިލް ދެފަރާތަށް ބޯހޫރަމުން ދިޔައެވެ. އެވާހަކަތައް އޭނާއަށް ގަބޫލުނުކުރެވެއެވެ. މެލެކް ހަމަ ވަކިވީއެވެ. ފަހަރެއްގައި މުޅި އުމުރަށެވެ. ބާޒިލްގެ ހިތާ ސިކުނޑި ބުނެދެނީ އޭނާއަށް އެގޮތަށެވެ.
ކޮޓަރި ބޭރުން މައުސޫމާ ގޮވާލި އަޑު އިވުނެވެ. ކޮޓަރިއަށް އައި ބޭނުން ޒޭބާ ހަނދާންވީ ދެނެވެ.
"ހިނގާ. ސައިބޯން މަންމަ އެގޮވަނީ. ހިނގާބަލަ އެގޭ ތިން ފިރިހެނުން ހުރިހާ ގަޑިއެއްގަ ކާނީ މިގެއިން. ޒެއްލު ނެތިއްޔާ ވަރަށް ސުވާލުކުރާނެ" އަތަށް ދަމަށް ފެށުމުން އެންމެފަހުން ބާޒިލް ތެދުވިއެވެ. ކަމެއް ކުރާހިއްނުވެފައި ހުރެވެސް އޭނާ ސައިބޯން ދިޔައެވެ.
****
ލޫލުއަށް ކާންދޭން އިނީ މައިލީން އެވެ. ހިނގަން ފެށުމުން ގޭތެރޭގައި މިހާރު ޖެހެނީ އަބަދު ލޫލު ފަހަތުން ދުވާށެވެ. ތަށިތެރެއަށް ރޮއްޓެއް ފިލުވައިގެން މެލެކް އިނެވެ. ކާން ހިތަށްވެސް ނާރައެވެ. އޭނާއަށް ހަމަ ދުނިޔެއަށް އާދެވުނީ ތަބައްސުމް ކޮށްޓައިލުމުންނެވެ.
"ކީކޭ މަންމާ" މެލެކް ބުންޏެވެ.
"މަންމައަކަށް ހިއެއްނުވޭ މިތަނަށް އައިސްގެންވެސް ދަރިފުޅަށް ހަމަޖެހުމެއް ލިބޭހެނެއް" ތަބައްސުމް ބުންޏެވެ.
ތަބައްސުމްގެ މޫނަށް ބަލަން އިނދެފައި މެލެކް އަށް ކުރެވުނުހާވެސް ކަމަކީ ތަބައްސުމްގެ ކޮނޑުގައި ބޯ އަޅާލުމެވެ. އިސާހިތަކު އޭނާގެ ދެލޮލުގެ އަރިމަތިން ކަރުނައެއް ފައިބައިގެން ދިޔައެވެ.
"މިއީ ހާދަ ދަތި ކަމެކޭ މަންމާ. މިދުވަސްވެސް ހިނގައިދާނެ. މިކަން އަޅުގަނޑަށް ވާނެ" މެލެކް ބުންޏެވެ.
ތަބައްސުމް އިތުރަށް އެ މައުލޫއަށް ވާހަކަނުދެއްކިއެވެ. ލޫލުއަށް ކާންދީ ނިންމާލައިގެން މައިލީން ވެސް އައީ އެވަގުތުއެވެ.
"ނިންމާލީތަ؟ އެއްކޮށް ކެއި ތަ؟" މައިލީންގެ އިނގިލީ ކުރީގައި ހިފައިގެން ހުރި ލޫލުއަށް ބަލައިލަމުން ތަބައްސުމް ބުންޏެވެ. މެލެކްވެސް އެވަގުތު މައިލީން އަށް ބަލައިލިއެވެ. މައިލީންގެ ކައިރީގައި ހުސް ނެޕީކޮޅުގައި ހުރި ލޫލު ފެނުމުން ކާއެއްޗަކާ ނުލާވެސް މެލެކް އަށް ހީވީ އޭނާގެ ބަނޑުފުރުނު ހެންނެވެ. މެލެކްއަށް ހެވުނެވެ.
"ބޭރަށް ނިކުމެފަ ހުރި ބަނޑުކޮޅު ބަލާބަލަ. ރޮއްޓާ ގަރުދިޔަ ވަރަށް މީރުވެއްޖެ ލޫލުއަށް" މައިލީން ބުންޏެވެ.
"ބާޒިލްގެވެސް. އަޅުގަނޑު އަތުން މޮޑެލާފަ މުރަނގަ ފަތްކޮޅެއް ފިލުވާފަ ދިނިއްޔާ ކިތަންމެ ހިތްހަމަނުޖެހިފަ ހުއްޓަސް ކާނެ" ލޫލުއަށް ބަލަން އިނދެ މެލެކް ބުންޏެވެ.
މައިލީން އާއި ތަބައްސުމް އެކަކު އަނެކަކަށް ބަލައިލިއެވެ. މެލެކް އިސްތިރިކޮށްލިއެވެ. މިދެއްކުނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ؟ ނޭނގުމުގެ ތެރެއިން ހިތުގައި އޮތް އެއްޗެއް މިއޮށް ނިކުންނަނީއެވެ. ބާޒިލްގެ ހަނދާންތައް އޭނާއަށް އުނދަގޫކުރަމުންދާކަން ސިއްރުކުރަން އޭނާ ބޭނުންވިއެވެ.
"ބާޒިލްގެ ވާހަކަ މިހާރުދެން ދަރިފުޅު ދައްކާނެ ކަމެއްނެތެއްނު. ދަރިފުޅުގެ ތި ނިންމުމުގެ ސަބަބުން ބާޒިލްއަށް ވެސް ވަނީ އަސަރުތަކެއް ކޮށްފަ" ތަބައްސުމް ބުންޏެވެ.
މެލެކްގެ ތުންފަތްމަތީގައިވި ހިނިތުންވުން މަޑުމަޑުން ފަނޑުވިއެވެ.
"ނުކުރާނެ އޭނައަށް އަސަރެއް. މަންމައަށް ނޭނގުނަސް އަޅުގަނޑަށް އެނގޭ. އޭނަގެ ދަރިއަކު އަޅުގަނޑުގެ ގާތުގަ ހުރީތީ އޭނައަށް ކުރި އަސަރެއް ވިއްޔާ ކުރީ ލޫލުއަށްޓަކައި. އެހެންނޫނަސް ކިތައްދުވަހު އެގޭ މަންމަމެންނަށްޓަކައި ދެއްކުންތެރިކަން އޭނަ އިސްކުރީ" މެލެކް ވާހަކަދެއްކިއެވެ.
"ދެން ތިވާހަކަ ހުއްޓާލާ" މައިލީން ބުންޏެވެ.
ގޭތެރޭގަ ބާޒިލްގެ ވާހަކަދައްކަން މައިލީން ބޭނުމެއް ނުވެއެވެ. އޭނާ ބޭނުންވަނީ މެލެކް ހިނިތުންވާށެވެ. މެލެކްގެ ހިތަށް އުނދަގޫކުރާ ކޮންމެ ކަމަކުން އޭނާ ދުރުކުރާށެވެ. މާޒީގެ ހަނދާންތައް އޭނާގެ ހިތުން ފޮހެލާށެވެ. އަނެއްކާވެސް މެލެކް ނިންމުމެއް ނުނިންމާހާ ހިނދެއްގައި އެއްވެސް މީހަކު އެވާހަކަތައް ނުދައްކާށެވެ. އޭނާ އުންމީދު ކުރެއެވެ. ކިތަންމެ ވަގުތެއް ނެގިޔަސް އާއިލީ ގުޅުން ރޫޅިގެންދިޔަ މެލެކް ނުދޭނެއެވެ. އެހާތަނަށް މެލެކްއަށް ވަގުތު ދޭށެވެ.
"ދަރިފުޅު މީގެފަހުން ރަނގަޅަށް ކާންވާނެ. ތިގޮތަށް ނުކައި ހުންނަން މަންމައަށް އެއްބަހެއް ނުވެވޭނެ" ތަބައްސުމް ބުންޏެވެ.
"އެއީ ތެދެއް. މަންމި ނުކަންޏަކާ ލޫލުއެއްވެސް ނުކާނެ" ތިރީގައި ކޮޅަށް ހުރި ލޫލު ނަގާ އުނގުމަތީގައި ކޮޅަށް ބަހައްޓަމުން މައިލީން ބުންޏެވެ. މެލެކް ބަލައިލިއރު ލޫލު ހުރީ ހީލައިގެންނެވެ.
"މިދަނީ މިދައިތަ ރީތިކޮށްލަން. މެލީ އަންނަންވާނީ ކައިގެން" ލޫލު ގޮވައިގެން ދަމުން މައިލީން ބުންޏެވެ.
"މަންމަ މޮޑެދެންތަ؟" ތަބައްސުމް އަހާލިއެވެ.
އެހާ ލޯބިން މަންމަ ވާހަކަދެއްކީތީ މެލެކް އަށް ނޫނެކޭ ބުނާކަށް ނުކެރޭނެއެވެ. ރޮށިތަށި މޮޑެގެން އައިސް މެލެކް ކައިރީގައި ތަބައްސުމް އިށީނެވެ. މެލެކްއަށް މީރުވާނެހާ މަސްމިރުހާ ތެތްލި ފަތްވެސް އަޅައިގެންނެވެ. އެހެންނަމަވެސް މެލެކް މޭބޮޑުވެގެން އައެވެ. އެއްފަހަރު އޯކަށް ދެމިގަތެވެ. އެކަމަކު ގޮނޑިން ނުތެދުވެއެވެ. އަނގައަށް ގޮތެއް ހަދާލައިގެން މެލެކް އިންނަން ފެށުމުން ތަބައްސުމްއަށް ބަލަން އިނދެވުނީ ހައިރާންވެފައެވެ.
"ކިހިނެއްތިވަނީ؟ މިއީ ދަރިފުޅަށް ހާދަ މީރު އެއްޗެކޭ" ތަބައްސުމް ބުންޏެވެ.
"ނޭނގެ މަންމާ. އެއްވެސް އެއްޗެއް މިހާރަކު މީރެއްނޫން. ކާހިތެއްވެސް ނުވޭ" މެލެކް ބުންޏެވެ.
"ޑޮކްޓަރަށް ދައްކަން ދާންވީނު" ތަބައްސުމް ބުންޏެވެ.
"އެހެރީ ތޮޅި މިރުސްތަ؟ ވާއޮ ދެން ކެވިދާނެ. އެކަމު މަންމަ އަތުން" މެލެކް ބުންޏެވެ.
ތަބައްސުމް ހިނިތުންވެލާފައި މެލެކް އާ ގާތަށް ޖެހިލިއެވެ. ތޮޅި މިރުސް އަޅާފައި ހުރި ތަށިތެރެއިން އެއް މިރުސް ނަގާފައި މެލެކް އަތަށް ދިނެވެ. ކޮންމެ ސުވަލަކަށްފަހު މިރުހުން ތަންކޮޅެއް މެލެކް ކާލާނެއެވެ. ތަބައްސުމް ފުރަތަމަ ސުވާ މެލެކް އަނގައިގެ ތެރެއަށް ލަވާލިއެވެ. މެލެކް ކެތްތެރިކަމާއެކު އޯކަށްނުދެމި ކަމުން ދިޔައެވެ. ތަބައްސުމް ޑޮކްޓަރަށް ދައްކާ ވާހަކަ ބުނުމުން އެވާހަކަ މެލެކް އޮށްބާލީއެވެ. އޭނާ ކޮންމެހެން ކާހިއްވެގެނެއް ނޫނެވެ. ޑޮކްޓަރަށް ދައްކަން ދާން ބޭނުންނުވީއެވެ.
****
ދެ ހަފްތާ ފާއިތުވެގެން ދިޔައިރުވެސް މެލެކްގެ ދިރިއުޅުމަށް މާބޮޑު ބަދަލެއް ނައެވެ. ހަނދާނުން ފިލުވާލަން ބޭނުންވި އެއްވެސް ކަމެއް އޭނާއަށް ހަނދާން ނައްތާލެވޭގޮތެއް ނުވިއެވެ. އޭގެ ބަދަލުގައި އެ ހަނދާންތަކުން އޭނާގެ ހިތަށް ލިބެމުންދާ ވޭނާއި ކެކުޅުންތައް ދިޔައީ އިތުރުވަމުންނެވެ. ބާޒިލް އާ އަމިއްލައަށް ދުރުވެ ދިރިއުޅުން ވަކި ދިރިއުޅުމަކަށް ބަދަލުކުރިފަހުން އުންމީދުކުރި ފަދަ އެއްވެސް ބަދަލެއް ދިރިއުޅުމަށް ނައެވެ. އެ ހަނދާންތަކާ ދުރުނުވެވުނު ތަނުގައި އެކަނިވެރިކަންވެސް ފިލައި ނުދިޔައެވެ. ކޮންމެ ހިނދަކުން އޭނާއަށް އެދެވެމުން ދިޔައީ ބާޒިލް އަށެވެ. ބާޒިލްގެ އަޑުއަހާލާ ވާހަކަދައްކާހިތުން އެ ތެޅިފޮޅެން ފަށައިފިއެވެ. ދެކިލާހިތުން ފޯނު ހުޅުވަން ހިތަށް އެރި އަދަދެއްވެސް ނޭނގެއެވެ. އަނެއްކޮޅުން ބުނެދޭން ނޭނގޭ އުނދަގޫތަކެއް އޭނާގެ ހަށިގަނޑަށް ވަމުން ދިޔައެވެ. ކާއެއްޗެއް ކާހިއްނުވެ މިހާރު އަބަދު ހޮޑުލެވެއެވެ. ބޯއަނބުރާ ވަރުބަލިވާ ގޮތް ވެއްޖެއެވެ. މިހާރު އެތައް ފަހަރަކު ޑޮކްޓަރަށް ދައްކާ ޓެސްޓްތައް ހަދަން ދާން މައިލީން އާއި ތަބައްސުމް ބުނެފިއެވެ. ގެއިން ބޭރަށް ބޯދިއްކޮށްލަން ބޭނުންނުވާއިރު ޑޮކްޓަރު ކައިރިއަށް ދާނެ ގޮތެއް އޭނާއަށް ނުވިސްނެއެވެ.
ނިދާފައި އޮތް ލޫލުއަށް ބަލައިލާފައި މެލެކް ކޮޓަރިން ނިކުތެވެ. ބަނޑުހައިވެގެން ކެތްނުވާވަރު ވުމުން އޭނާ ގޮސް ވަނީ ބަދިގެއަށެވެ. ނަސީބަކުން އެވަގުތު ގޭތެރެއިން އެހެންމީހަކު ފެންނާކަށް ނެތެވެ. އައިސްއަލަމާރި ދޮރުހުޅުވާލާފައި އޭގައި އޭނާ ކާހިއްވާ އެއްޗެއް ހުރިތޯ އެކި ދިމާލަށް ކަޅި ހިންގަމުން ދިޔައެވެ. އޭނާގެ ލޮލުގައި އަޅައިގަތީ މަތީ ބައިގައި ހުރި އައިސް ކްރީމް ތައްޓެވެ. ކިރިޔާވެސް ހިތްދެވުނު އެއްޗަކީ އެއީ ކަމަށްވުމުން އޭނާ އެ ހިފައިގެން އައިސް ގޮނޑިއެއްގައި އިށީނެވެ. ވަކިން ހުރި ކުޑަ ތައްޓަކަށް އައިސްކްރީމް އަޅައިގެން ލަސްލަހުން ކާން އިނދެފައި ކައިރީގައި ބާއްވާފައި އޮތް ފޯނަށް ބަލައިލިއެވެ. އޭނާ ފޯނު ހުޅުވާލިއެވެ. ކުއްލިއަކަށް އެނާއަށް ސިހުން ލިބުނީ އެ ފޯނަށް ބާޒިލް ގެ ނަންބަރުން ގުޅަން ފެށުމުންނެވެ. މެލެކް އަތުން ސަމްސާ ދޫވެގެން ނުވެއްޓުނީ ކިރިޔާއެވެ. ބާޒިލް އެ ހުންނަނީ އެހާ ފުރުސަތަކަށް ބަލަން ހެއްޔެވެ؟ އޭނާގެ ދެލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައެވެ. ހިތުގައި އުފެދުނީ ޝަކުވާގެ މައްޗަށް ޝަކުވާއެވެ. ބާޒިލްގެ ހިތުގައި ހަގީގަތުގައިވެސް އަނބިމީހާއަށްޓަކައި ލޯތްބާ އޯގާތެރިކަން އޮތްނަމަ ދެ ހަފްތާ ފާއިތުވެގެން ދިޔައިރު ގުޅާނުލީ ކީއްވެގެން ހެއްޔެވެ؟ ލޫލުގެ ހާލު ނުބެލީ ކީއްވެގެން ހެއްޔެވެ؟ މީހެއްގެ ހާލު އޮޅުންފިލުވަން ބޭނުންވާނަމަ ބާޒިލްއަށް އެކަން ކުރެވޭނެ ކިތަންމެ ގޮތެއް މިގޭތެރޭގަ އެބަހުއްޓެވެ. އެންމެފަހަރަކުވެސް ބާޒިލްގެ ހިތަށް އެއްޗެއް ނޭރިއެވެ. ހަމަ ފޯނު ހުޅުވާލާއިރަށް މިހާރު ގުޅުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟ ފޯނު އޮތްގޮތަށް ބަންޑުން ބާއްވާފައި އޭނާ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. ތަށި ގެންގޮސް ޒިންކަށްލާފައި އޭނާ އައިސް ގޮނޑީގައި އިށީނެވެ. ކުއްލިއަކަށް މޭބޮޑުވެ އޯކަށްދެމެން ފެށުނެވެ. ކޮޓަރިއަށް ވަދެވުނީ ކިރިޔާއެވެ. އެނާ ނުހިފެހެއްޓި ހޮޑުދުއްވާލެވުނީ ލައިގެން ހުރި ހެދުމަށާއި ކޮޓަރިއަށެވެ. ތަބައްސުމް އާއި މައިލީންއަށް އައިސް ކޮޓަރިއަށް ވަދެވުނުއިރު އަނގަމަތީގައި އަތް އަޅައިގެން ހުރެ ފާހާނައަށް މެލެކް ވަންނަނީއެވެ.
"މިއީ އެހާ ރަނގަޅު ކަމެއްނޫން މަންމާ. މިކަން ބަލަންޖެހޭ. މެލީ ކިތަންމެ ނުރުހުނަސް ކޮންމެފަހަރަކު މެލީ ބޭނުންވާގޮތަށް ކަންތައްކޮށްދިނުމަކީ އެންމެރަނގަޅު ގޮތެއްނޫން" މައިލީން ބުންޏެވެ.
"ތިކަމާ މަންމަ އުޅޭނަން. ދަރިފުޅު މިތަން ސާފުކޮށްލަން ތައްޔާރުކޮށްލާ. މަންމަ މިވަންނަނީ ފާހާނައަށް. އެންމެކުރިން ފެންތައްޓެއް ގެނެސްދީ " ލައިގެން ހުރި ހެދުމުގެ އަތުކުރި މައްޗަށް ޖައްސާލާފައި ހޮޑުތަކުގެ މަތިން ފައިތިލަ ޖައްސަމުން ފާހާނާ އާ ދިމާލަށް ހިނގައިގަތެވެ. މެލެކް ބަލައިލީ އޭނާގެ ބުރަކަށީގައި މީހަކު އަތްޖައްސާލުމުންނެވެ. ތަބައްސުމް ފާހާނާ ތައްޓަށް ބަލައިލިއެވެ. ގޮހޮރުގައި ކާއެއްޗެއް ހުރިއްޔާ އެ ހުރިހާ އެއްޗެއް މެލެކް ބާލައިފިއެވެ. މަންމަ އާ ހަތަރުކަޅި ހަމަކޮށް އެއްޗެއް ބުނާނެހާވެސް ގައިގައި ހިތްވަރެއް މެލެކްގެ ނެތެވެ. މެލެކް ގެނެސްދިން ފެންތަށިންވެސް މެލެކްއަށް ދިރުނީ ކުޑަ މިންވަރެކެވެ.
"ދަރިފުޅު އިހަށް ގެނެސްބަލަ މެލީގެ ހެދުމެއް. ދެން ނިކުމެ ގުޅާބަލަ ބައްޕަގެ ޑްރައިވަރަށް" ތަބައްސުމް ބުންޏެވެ.
ފެންވަރުވާ މެލެކްގެ ހެދުން ބަދަލުކޮށްލެވުނީ ތަބައްސުމްއަށް އެތައް މަސައްކަތަކުންނެވެ. ކޮޓަރިއަށް ވައްދާ އެނދުގައި ބޭންދިތަނާ މޫނުމައްޗަށް އަނދިރިވާކަމަށް މެލެކް ބުންޏެވެ. އެވަރުންވެސް ޑޮކްޓަރަށް ނުދާނަމޭ ބުންޏެވެ. ތަބައްސުމް ހަރުއަޑުން މެލެކްއަށް އިންކާރު ކުރިއެވެ. މެލެކްއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.
"ހަސަންބެ އައިސްފި. މަންމަ މަޑުކުރޭ ލޫލު ކައިރީގަ. އަޅުގަނޑު ހަބަރެއްވާނަން އެކޮޅަށް ގޮސްފަ" މައިލީން ބުންޏެވެ.
ކާރު ނައްޓާލުމާއެކު ތަބައްސުމް ގޭތެރެއަށް ވަދެ ދޮރުލައްޕާލިއެވެ. މެލެކް އާ މެދު އޭނާގެ ހިތުގައި ޝައްކުތަކެއް އުފެދިއްޖެއެވެ. މެލެކް ފެންވަރުވާ ހެދުން ބަދަލުކުރުވިއިރު މެލެކްގެ ހަށިގަނޑުން އޭނާއަށް ކަމެއް ފާހަގަވިއެވެ. އަންހެންދަރިއަކަށް ބަދަލެއް އައިސްފައިވާނަމަ އެކަން މަޔަކަށް ނޫނީ އެންމެ އަވަހަށް ފާހަގަވާނެ މީހަކު ނުހުންނާނެއެވެ. ތަބައްސުމް އިނީ ވިސްނުމެއްގައެވެ. އޭނާއަށް ހީވި މި ހީވުން އަނެއްކާ ހަގީގަތަކަށް ވެދާނެ ހެއްޔެވެ؟ ހަގީގަތަކަށް ވިއްޔާ މިކަން ވެގެންދާނީ ބާޒިލް އާއި މެލެކްގެ ދިރިއުޅުން ކޮޅެއްގައި ޖެހި ދެކުދީންނަށް އުފާވެރި މުސްތަގުބަލެއް ލިބޭނެކަމުގެ އުންމީދެއް ކަމަށް ހެއްޔެވެ؟ ނޫނީ... ނުބައިކޮށް ވިސްނަން ތަބައްސުމް ބޭނުމެއް ނުވިއެވެ. ހުރިހާކަމެއް ވާނީ ރަނގަޅަށެވެ. އޭނާ މައިލީންއަށް ގުޅާލާފައި ކިހާ ހިސާބަކަށް ދެވިއްޖެތޯ ޔަގީންކޮށްލިއެވެ. މައިލީން ދިން ހަބަރަކުން ތަބައްސުމްއަށް އެންމެ ހިނދުކޮޅަކަށް ވެސް ދެން ކެތެއްނުވާނެއެވެ. މެލެކްގެ ހަބަރު ހުސްވީ ކާރު ތެރޭގައެވެ. ތަބައްސުމްއަށް ހީވީ މޭގަނޑު އަނގައަށް އައި ހެންނެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް އޭނާއަށް ހީވީ ދެން އަނެއްކާވެސް ދިގު މުއްދަތަކަށް މެލެކް ދެލޯ ނުހުޅުވާނެ ހެންނެވެ. ލޫލު ނިދާފައި އޮތަސް ނަގައިގެން އޭނާ ބޭނުންވީ އަވަހަށް ހޮސްޕިޓަލަށް ދާށެވެ.
****
ހޮސްޕިޓަލުގެ އަވަސް ފަރުވާދޭ ބައިގައި މެލެކްއަށް ފަރުވާދޭން ފެށުނެވެ. މައިލީން މަޑުކޮށްލައިގެން ހުރީ ނަރުހުންގެ ޖަގައިހައިގައެވެ. އޭނާ އިނީ ހާސްވެ ނިޔަފަތިގަނޑު ހަފާށެވެ. މެލެކްއަކީ ކޮންކަހަލަ ބައްޔެއް ތަހައްމަލުކުރާ ޕޭޝަންޓެއްކަން އެނގުމުން އެއްފަހަރާ ގިނަ ޑޮކްޓަރުންތަކެއް މެލެކްގެ ގާތުގައި އުޅުނެވެ. މައިލީން ހުރީ ޑޮކްޓަރެއް ނިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. ކުއްލިއަކަށް އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ތަބައްސުމް ކަން އެނގުމުން އޭނާ އައީ ދޮރުން ނިކުންނާށެވެ. ކުރިމަތީގައި ލޫލު ގޮވައިގެން ހުރީ ތަބައްސުމް އެވެ. ރޮވިފައެވެ. މޫނުމަތީގައި ވަނީ ހާސްކަމެވެ.
"އަދި ވަކި އެއްޗެއް ނުބުނޭ. މަންމަ މިތާ އިށީނދެލައިގެން އިނދޭ" ތަބައްސުމް ގޮވައިގެން ގޮސް ގޮނޑިއެއްގައި ބޭންދުމަށްފަހު މައިލީން އެތެރެއަށް ވަނެވެ. ޑޮކްޓަރ ހައިޝަމް އައީ ވެސް އެވަގުތުއެވެ.
"އެންމެފަހުން ޕޭޝަންޓް ކާއެއްޗެއް ކެއީ ކޮންވަގުތަކު؟ ޑރ ހައިޝަމް އަހާލިއެވެ.
"ހެނދުނު ސައިބުއީ. ވަރަށް ކުޑަކޮށް" މައިލީން ބުންޏެވެ.
"ބީޕީ ވަރަށް ލޯ. ލޯ ހުޅުވައިގެން އޮތީ. ވާހަކައެއް ނުދައްކާ. ޓެސްޓްތައް ހަދާލާނަން. ނަތީޖާތައް ބަލާފަ އެއްޗެއް ބުނަން އެނގޭނީ. މިހާރު އައިވީއެއް ގުޅާފަ އޮންނާނީ. ޕޭޝަންޓް ކައިރިއަށް ވަދެލާފަ ވާހަކަދައްކާތޯ ބަލަންވާނެ. ވާހަކަނުދައްކަންޏާ އަޅުގަނޑުމެން ޖެހޭނީ އިތުރު އިވެސްޓިގޭޝަންތައް ކުރިއަށް ގެންދަން" ޑރ ހައިޝަމް ބުންޏެވެ.
"އެހެން ހުރިހާ ކަމެއް ރަނގަޅުތަ؟" މައިލީން އަހާލިއެވެ. އެނާ ބޭނުންވީ އިތުރަށް ޔަގީންކުރާށެވެ.
"ޑރ މައިލީން! ކަންބޮޑުވާވަރުގެ އެއްވެސް ކަމެއް ނުވޭ. އޮކްސިޖަން ލެވެލް ރަނގަޅު. ހުމެއްވެސް ނެތް. ހަބަރު ހުސްވީ ބްލަޑް ޕްރެޝަރ ލޯވެގެން ގޮސްހެން ބޮޑަށް ލަފާކުރެވެނީ" ޑރ ހައިޝަމް ބުންޏެވެ.
މައިލީން ހީލާފައި ޑޮކްޓަރަށް ޝުކުރުއަދާކޮށްލިއެވެ. އޭނާ ބޭރަށް ނިކުމެ ތަބައްސުމް އަށް މެލެކްގެ ހަބަރު ކިޔައިދިނެވެ. މެލެކް ކައިރިއަށް އޭނާ އެންމެ ފުރަތަމަ ވައްދަން ބޭނުންވީ ތަބައްސުމްއެވެ. އެއީ މައިމީހާ އަށް ވީމައެވެ. އޭނާ ލޫލު އުރާލާފައި މެލެކް އޮތް އެނދު ނަންބަރު ބުނެދިނެވެ. އެތެރެއަށް ތަބައްސުމް ވަނުމުން އޭނާ ގޮނޑީގައި އިށީނެވެ. އަހަދުﷲ އަށް ގުޅާފައި މެލެކްގެ ހާލަތު ކިޔައިދިނެވެ.
****
ނަތީޖާތައް އައުމުގެ ކުރިން މެލެކް ރޫމަކަށް ގެންދެވުނެވެ. އެއީ މައިލީން ބޭނުންވެގެންނެވެ. އެހީތެރިޔާ އޮންނަ އެނދުގައި ލޫލު އިން އިރު ލޫލު އަތުގައި އޭނާ ގެންގުޅޭ ކުޅޭކުޅޭ ފޯނު އޮތެވެ. މައިލީން ނިކުތީ މުހިންމު ކަމެއްގަ ބޭރަށެވެ. ތަބައްސުމް މެލެކް ކައިރީގައި އިށީނދެގެން އިންއިރު އިނީ އަތްތިލައިގައި ފިރުމާލަ ފިރުމާލައެވެ.
"ކޮންއިރަކު ގެއަށް ގެންދާނީ؟" މެލެކް އަހާލިއެވެ.
"އިހަށް ރަނގަޅުވެބަލަ" ތަބައްސުމް ބުންޏެވެ.
"ކޮންކަމެއް ގޯސްވީ. ރިޕޯޓްތައް ލިބިއްޖެތަ؟" މެލެކް އަހާލިއެވެ.
"ދޮނާ އެދިޔައީ އެކަމާ. މިހާރު އަންނާނެ" ތަބައްސުމް ބުންޏެވެ.
މެލެކް ފުންނޭވައެއް ދޫކޮށްލިއެވެ. އެއް އަރިއަކަށް މޫނު އަނބުރާލައިގެން އޮތްއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ލޫލުއަށެވެ. ކުއްލިއަކަށް ކޮޓަރި ދޮރުހުޅުވާލާފައި ވަނީ މައިލީން އާއި ޑޮކްޓަރަކާއި ނަރުހެކެވެ. މައިލީން އައިސް މެލެކްގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. މައިލީންގެ ތުންފަތުގައިވީ ތަފާތު ހިނިތުންވުމެކެވެ.
"ވަރަށް ބޮޑަށް މަރުހަބާ މެލެކް" ޑޮކްޓަރު ބުންޏެވެ. މެލެކް ދެބުމަ ގޮށްޖަހައިލަމުން ޑޮކްޓަރަށް ބަލައިލިއެވެ.
"ރިޕޯޓްތައް ބުނާގޮތުން މެލެކް ޕްރެގްނެންޓް"
(ނުނިމޭ)