''އަހަރެން މި ވާހަކަދައްކަނީ ރީއްޗަކަށް ނޫންތަ... މިހާ ލަސްވަންދެން ޤައިލާ ބޭރުގަ އުޅުނީމަ އަހަރެން ކަންބޮޑުވާނެކަމެއް ނޭނގޭތަ؟...'' މަޑުމައިތިރިކަމާއެކު އަސަލް ބުންޏެވެ. ސުލްހަ ޤާއިމުކުރަން އަސަލް ކިތަންމެ މަސައްކަތެއް ކުރިޔަސް ޤައިލާގެ ފަރާތުން ފެނުނީ ދެކޮޅުވެރިކަމެވެ. އަސަލްއާއި ޖަދަލުކުރަން ފައިވިއްދާލާފައި ހުރި ކަހަލައެވެ.
''އަހަރެން ދާހާ ތަނެއް އަސަލް ބަލަން ޖެހޭތަ؟، ގައިމު އަސަލް އޮފީހުގަ ހޭދަކުރާ ވަގުތާއި ކުރާ ކަންތައް އަހަރެން ނުބަލަމެއްނު!، އެމިނިވަންކަން އަހަަރެން ދެމެއްނު!، އޮފީހުގައޭ ކިޔާފަ ރޭގަނޑު ލަހުން ގެއަށް އައީމަ އަހަރެން އަޑުގަދަ ކުރާނަމަ ކޮބާ ހާލަކީ...'' ކޯތާފަތުގައި ރޮނގުދަމާލި ކަރުނަ ތިކި ޤައިލާ ފޮހެލީ ރުޅިވެރިކަމާއެކުގައެވެ.
''ޤައިލާ...'' އަސަލް ގޮވާލިއެވެ.
''އަހަންނަށް ގޮވާނެ ކަމެއް ނެތް!...'' ޤައިލާ ރުންކުރު ރާގަކަށް ބުނެލިއެވެ. ''އަސަލް އުޅޭ ގޮތަކާ މެދު އަހަރެން ސުވާލު ކުރަން ފަށައިފިއްޔާ ވާނީ ކިހިނެއް؟...''
ޤައިލާގެ ޖުމްލައިން އަސަލް ހިތްހަމަނުޖެހުނެވެ. އޭނަގެ ކެތްތެރިކަން ކޮޅުން ލާ ހިސާބަށް ހިނގައްޖެއެވެ. ވާހަކައިގެ މިސްރާބު ޤައިލާ ގެންދާނެ ދިމާ ކުރިން ވެސް އަސަލްއަށް ލަފާކޮށްލެވުނެވެ. ޤައިލާގެ ނަޒަރުގައި އަސަލް ކުށްވެރި ނުވާނެ ގޮތެއް އުޑުދަށުގައި ނުވާ ކަހަލައެވެ. އެފަދަ ތުހުމަތުތައް އޭނަގެ ބޮލުގައި އަޅުވާތީ ޤައިލާ މަތިން އަސަލް މިހާރު ފޫހިވާން ފަށައިފިއެވެ. ހިތުގައި އޮތް ލޯތްބަށް ކިލަނބުކަން އައިސްފިއެވެ. ރުޅިވެރިކަމުގެ ގިނި އަލިފާން މޭގައި ރޯވެ، ލޯބި ނަފުރަތަށް ބަދަލުވެދާނެ ކަމުގެ ބިރުހީވާން ފަށައިފިއެވެ.
ދެމަފިރިން އެކަކުއަނެކަކަށް އިތުބާރު ނުކުރެވޭނަމަ ކައިވެނީގެ ގުޅުމުގައި ދެމިތިބުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ކައިވެނީގެ އަމާޒަކީ އުފާވެރި ދިރިއުޅުމެއް ބިނާ ކުރުމެވެ. އެކުގައިވި ވަޢުދާއި އަހުދުތަކުގައި ދެމި ތިބުމެވެ. ޢާއިލާއެއް ބިނާ ކުރުމެވެ. އެލަނޑުދަނޑިތައް ހާސިލްވާނީ ކައިވެނީގެ ގުޅުން ވަރުގަދަ ވެގެންނެވެ. އެގުޅުން ވަރުގަދަކޮށްދީ އާރޯކަން ގެނެސްދެނީ ލޯތްބާއި، އިތުބާރާއި ވަފާތެރިކަމުންނެވެ. ރަހުމާއި ކުލުނުންނެވެ. ދެމަފިރިން އަދާކޮށްދޭން ޖެހޭ ހައްޤުތައް އަދާކޮށްދީގެންނެވެ. އެއިން އެއްވެސް ކަމެއް އިސްފަސްވެ ނޫނީ އުނިވެއްޖެނަމަ ކައިވެނީގެ ގުޅުމަށް ބުރޫއަރައި މައްސަލަޖެހެން ފަށާނެއެވެ. ކައިވެނި ދަމަހައްޓަން އުނދަގޫ ވާނެއެވެ. އަސަލްއަށް ދިމާވެފައިވަނީ އެހާލަތެވެ.
ޤައިލާގެ ބޯހަރުކަމާ ހުރެ އަސަލް ދޭ ނަސޭހަތުން ކުރާ މަންފާއެއް ނެތެވެ. ޤައިލާގެ ނަޒަރުގައި އޭނައަށް ގޯހެއް ނެހެދޭނެއެވެ. އޭނައަކީ ''ޕާފެކްޓް'' މީހާއެވެ. ގޯސް ހެދޭނީ އަސަލް އަށެވެ. ކުށްވެރި ކުރެވޭނީ ވެސް އަސަލް އެވެ.
ޤައިލާ އެނބުރުނީ ކޮޓަރިއަށް ވަންނާށެވެ. އަސަލްގެ ވާހަކަތައް އޭނައަށް މުހިންމެއް ނުވިއެވެ. ހަލުވި ފިޔަވަޅުތަކުގައި އޭނަ ގޮސް ކޮޓަރިއަށް ވަންނަމުން އަތުގެ ކޮޅަށް ދޮރު ޖަހައިފިއެވެ. އެއަޑު މުޅި ތަނުގައި ގުގުމާލިއެވެ. އެމަންޒަރު ބަލަން ހުރެފައި އަސަލްއަށް އޭނަގެ ނިތުގައި ބޮޑުވާ އިނގިލި ހިންގާލެވުނެވެ. ދެފަރާތަށް ބޯހޫރާލަމުން ކޮޓަރިއަށް ވަންނަން އޭނަ ހިނގައިގަތެވެ. ދޮރުގެ ތަޅުގައި ހިފައި އަނބުރާލަމުން ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
*****
ޤައިލާ އީނި އެނދުގައެވެ. މޫނުގައި ދެއަތް އަޅައިގެން ރޯށެވެ. ހިމޭންކަން ވެރިވެފައި އޮތް މާހައުލުގައި ޤައިލާގެ ގިސްލުމުގެ އަޑު ގުގުމައެވެ. ހިމަހޯލި އިނގިލިތަކުން ފޭދެނީ ކަރުނައެވެ. ކަރުނައިގެ ބާރުގައި އޭނަގެ ގާތަށް އަސަލް ގެނައެވެ. އެއީ ޤައިލާގެ އާދައެވެ. އަސަލްއާއި ޒުވާބުކޮށްފައި ރޯނީއެވެ. ކަރުނުން އޭނަގެ މުހުތާދުތައް ހާސިލް ކުރާނެއެވެ. އެއީ ހުޝިޔާރުކަމާއެކުގައި ޤައިލާ އަތުރާލާ ދަންތުރައެކެވެ. އެންމެފަހުން މަޢާފަށް އެދެން ޖެހޭނީ ވެސް އަސަލް އަށެވެ. ޤައިލާ ރުއްސާށެވެ.
''އެލީ...'' އަސަލް އެނދުގައި އިށީނެވެ. ޤައިލާ ރޮމުން ދިޔަ މަންޒަރު ބަލަން އަސަލްއަށް ފަސޭހައެއް ނުވިއެވެ. ގިސްލުންތަކުގެ އަޑު ކަންފަތުގައި ޖެހުމުން އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ. ފިނި ހިތަކާއިގެން ޤައިލާއާއި ކުރިމަތިލެވުނުނަމައެވެ.
އަސަލް އިށީނުމާއެކު ޤައިލާ ޖެހުނީ ދުރަށެވެ. މޫނުން އަތް ނަގައި، ކަރުނުން ފުރިފައިވި ދެލޮލުން އަސަލްއަށް ޤައިލާ ބަލައިލީ އޭނައަށް އެހާލަތު މެދުވެރިކުރުވީ އަސަލްއޭ ބުނާ ހާލުގައެވެ.
''ޔޫ އޯލްވެއިސް ހާޓް މީ...'' ޤައިލާ ޝަކުވާ ކުރިއެވެ. ލޮލުން ފޭދުނު ކަރުނަ ފޮހެލަމުން އެތެރެއަށް ނޭފަތް ދަމާލިއެވެ.
''ސޮރީ...'' އަސަލް މަޢާފަށް އެދުނެވެ. އޭނަ ހުރީ ދެރަވެފައެވެ.
''ސޮރީއޭ ބުނުމުން އަސަލްއަށް ހީވަނީ ހުރިހާ ކަމެއް ރަނގަޅުވީ ކަމަށްތަ؟، ތީ ފިރިހެންނުންގެ ވައްތަރު، ރޮއްވާލާފަ ސޮރީއޭ ބުނެވުނީމަ ހީވަނީ ހުރިހާކަމެއް ރަނގަޅުވީއޭ...'' ޤައިލާ ކޮޅަށް ތެދުވުނެވެ. އޭނަގެ އަތުގައި އަސަލް ހިފުމުން އަތް ފޮޅުވާލިއެވެ.
އަސަލް ގޮވާލުމުން ވެސް ޤައިލާ މަޑެއް ނުކުރިއެވެ. މޫނު ކުނިކޮށްލާފައި ޤައިލާ ވަނީ ފާޚާނާ އަށެވެ. އޭގެ ކުރިން އަސަލްއާއި ދިމާއަށް ފަތިވަރު ގޮވާލިއެވެ. ފާޚާނާގެ ދޮރު ލެއްޕުމާއެކު އަސަލްއަށް އިސްޖަހާލެވުނެވެ.
''ކިހިނެއްތަ އަހަރެން އަހަރެން ހަދަންވީ؟، މިހެން އަބަދަކު ނޫޅެވޭނެ، މީ ދިރިއުޅުމެއް ނޫން، ކައިވެނި ސަލާމަތްކުރަން ހާދަ މަސައްކަތެއް ކުރެވިއްޖެޔޭ، ބައެއް ފަހަރު ހީވޭ ޤައިލާ އަހަރެން ދެކެ ލޯބި ނުވާހެން، އެކަމަކު ލޯބި ނުވަންޏާ ކައިވެންޏެއް ނުކުރާނެތާ، ދެމީހުން ބޭނުން ވެގެން ލޯބި ވާތީ ކައިވެނި ކުރީ، އެކަމަކު މިހާ އަވަހަށް މައްސަލަ ޖެހެން ފެށީ ކީއްވެތަ؟... ކަޕްލްސް ތެރަޕީއަށް ދާން ޚިޔާލު ދިނީމަ އެކަމާ ވެސް ޤައިލާ އެއްބަހެއް ނުވި، އަހަރެން ދެކެ އައީ ރުޅި......'' އަސަލްގެ ސިކުނޑިއަށް ބާރު ބޮޑުވެ އޭނަގެ ބޮލުގައި ރިއްސަން ފެށިއެވެ. ވިސްނަން އިނދެފައި އޭނަ އެނދުން ތެދުވުނެވެ.
ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަމުން އަސަލް ހުއްޓުނީ ދާވަށިގަނޑު ކައިރިއަށެވެ. ދާވަށިގަނޑު ފެނުމާއެކު އަސަލްއަށް ބޯހޫރާލެވުނެވެ. އޭތި ހުރީ ފުރިގެން ބަނޑުންވެފައެވެ. އަސަލް ހުރީ އެކަން ޤައިލާއަށް ފާހަގަ ވޭތޯ އެވެ. އެކަމަކު ޤައިލާއަށް ފެނުނު ކަމަކަށް ނުވިއެވެ. ބިންމައްޗަށް ވެއްޓިފައި ހުރި ޤައިލާގެ އެތެރެއިންލާ އެއްޗިސް ދާވަށިގަނޑަށް ލީ އަސަލް އެވެ. އެފަދަ ކިތަންމެ ކަމެއް ޤައިލާގެ ފަރާތުން އަސަލްއަށް ފެނެއެވެ. އަންބެއްގެ ފަރާތުން ލިބެން ޖެހޭ ސަމާލުކަމާއި އަޅާނުން ހަޤީޤަތުގައި އަސަލްއަކަށް ނުލިބެއެވެ. ގިނަ ފަހަރަށް އެދެމެދުގައި އޮތްނަނީ ޖިސްމުގެ ގުޅުމެކޭ ހީވާ ފަހަރު މަދެއް ނޫނެވެ. ފަހަކަށް އައިސް އެގުޅުން ވެސް ކުރިއަކަށް ނުދެއެވެ. ޤައިލާގެ ހުރިހާ އުނިސިފަތަކާއެކުގައި އޭނަ ޤައިލާ ޤަބޫލުކުރީ ވާ ލޯބިންނެވެ. ލޯބީގެ ހައްޤުގައި އަސަލް އުއްމީދުކުރީ ޒަވާޖީ ހަޔާތް ކާމިޔާބުވެދާނެ ކަމަށެވެ. ނަމަވެސް ނިއުޅެމުންދާ މަންޒަރުތަކުން ތަސްވީރުކޮށްދެނީ ތަފާތު ވާހަކައެވެ. ހަޤީޤަތަށް ލޯމަރާލައިގެން އޭނައަށް ހުރެވޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟
އެޕާޓްމެންޓްގެ ހަތަރު ފާރުން ބޭރުގައި އަސަލްއާއި ޤައިލާއަކީ ފުރިހަމަ ޖޯޑެކެވެ. ލޯބީގެ ލާމަސީލުނަމޫނާއެކެވެ. އެއީ އެކުވެރިންގެ ލޮލުގައި ޤައިލާ އަޅުވާލާ އަނދުނެކެވެ. އެކުވެރިންގެ ދުލުން އޮހޭ ތައުރީފުގެ ބަސްތަކަށް ޤައިލާ ދޭ ސަމާލުކަން ކައިވެނީގެ ގުޅުން ދަމަހައްޓަން ދޭނެ ނަމައޭ އަސަލްގެ ހިތަށް އަރައެވެ.
ހަށިގަނޑާއި ވަކިކޮށްލި ގަަމީސް ދާވަށިގަނޑަށް ލާފައި ފަޓުލޫނު ވެސް އަސަލް ބޭލިއެވެ. ފާޚާނާގެ ދޮރު ހުޅުވާލާފައި ޤައިލާ ނިކުތީ އެވަގުތެވެ.
ހަށިގަނޑު ނިވާކޮށްގެން ހުރި ބާތްރޯބްގެ ވާގަނޑަށް ބާރުކޮށްލަމުން، ރީތިވާ މޭޒުގެ ގޮނޑީގައި ޤައިލާ އިށީނެވެ. އެއްފަހަރު ވެސް އަސަލްއަށް ޤައިލާ ބަލައިނުލިއެވެ. އަސަލް ހުރި ފިޔަވަޅު މަތީގައި ޤައިލާއަށް ބަލަން ހުއްޓެވެ. ޤައިލާ ހީވަނީ އޭނަގެ އަމިއްލަ ދުނިޔެއެއްގައި އުޅޭ ހެންނެވެ. އަސަލް އެތާ ހުރިކަމަށް ވެސް ޤައިލާ ނުހެދިއެވެ. ނިދުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ނައިޓް ޓައިމް ސްކިން ރޫޓީން ފުރިހަމަކުރަން އޭނަ ފެށިއެވެ.
ރީތިވާ މޭޒުގެ ލޯގަނޑުން ފާޚާނާއަށް ވަންނަން ދިޔަ އަސަލްއަށް ޤައިލާ ސިއްރުސިއްރުން ބަލައިލިއެވެ. ހަމައެކަނި ބޮސްކާކޮޅުގައި އަސަލް ހުރިއިރު ކަސްރަތުން ބާރުޖެހިފައި ހުރި ހަށިގަނޑުގެ މަސްތަކުގެ ފުރިހަމަކަން ފެނެއެވެ. އަސަލްއަށް ބަލަން އިނދެފައި ޤައިލާ ޗޮކެއް ކަނޑާލިއެވެ. ގަޔާ ނުވި ކަހަލައެވެ. އަރިއަކަށް ތުންފަތް ވެސް ދަމާލިއެވެ.
''އެއްޗެކޭ ބުނިންތަ؟...'' ފާޚާނާގެ ތަޅުގައި ހިފާލި އަސަލްއަށް ޤައިލާ އެއްޗެއް ބުނިހެން ހީވެގެން ޤައިލާއަށް ނަޒަރެއް ދިނެވެ.
ޤައިލާ އަޑުއިވުނުކަމަށް ވެސް ނުހެދިއެވެ. އަސަލް ފާޚާނާއަށް ވަދެ ދޮރު ލެއްޕީ ޤައިލާ އަނގައިން ނުބުނުމުންނެވެ.
މޫނުގައި މޮއިސްޗަރައިޒާ އުނގުޅަމުން ދަނިކޮށް ޤައިލާގެ ފޯނަށް މެސެޖެއް އައެވެ. ޓްލެގްރާމުން އައި މެސެޖު ހުޅުވާލާފައި ނިކަން ހެވިފައި ޖަވާބު ދޭން ފެށިއެވެ. ރުޅިވެރިކަމުގެ އަސަރު ފިލައި އުފާވެރިކަމުގެ ހިނިތުންވުމެއް ތުންފަތާއި ކުޅެލިއެވެ. ރީތިވެލައިގެން ބާތްރޯބާއެކުގައި އޭނަ އެނދަށް ވެއްޓިގަތެވެ. އުއްޑުން އޮވެފައި ބާލީހެއްގައި ބައްދާލިއެވެ. އަތުގެ އިނގިލިތައް ހަލުވިކަމާއެކު ފޯނުގެ ސްކްރީންގައި ހަރަކާތްކޮށްލިއެވެ. ދެލޮލުގައި ވަނީ ތަފާތު ބެބުޅުމެކެވެ.
އަސަލް ފެންވަރާލައިގެން ނިކުތީ އުނުގައި ތުވާލި އޮޅައިގެންނެވެ. ފެނުގެ އަސަރު އެކުލެވިގެންވި ފަން އިސްތަށިގަނޑުގައި އަތްތިލަ ހިންގާލަމުން އޭނަ ގޮސް ހުއްޓުނީ އަލަމާރި ކުރިމައްޗަށެވެ. އަލަމާރީގެ ވަތްގަނޑުން ނެގި ސޯޓު ލަމުން އެނދުގައި އޮތް ޤައިލާއަށް އަސަލް ބަލައިލިއެވެ. ޤައިލާގެ މޫޑު ރަނގަޅުވެފައިވާކަން ހާމަކޮށްދިނީ ތުންފަތުގައިވި ހިނިތުންވުމުންނެވެ. ހައިރާންކަން ވެސް އަސަލްއަށް ލިބުނެވެ. ސުވާލު އުފެދުނަސް އިތުރަށް އެއްޗެއް ބުނާކަށް އަސަލް ބޭނުމެއް ނުވިއެވެ. އޭނަ ހުރީ ވަރުބަލި ވެފައެވެ. ހެނދުނު އޮފީހަށް ދިޔަ ގޮތަށް ގެއަށް އާދެވުނީ ރޭގަނޑު ދިހައެއް ޖެހި ފަހުންނެވެ. މާދަމާއަށް ވަގުތު ހުސްކުރަން ޖެހޭތީ އޮފީހުގެ މަސައްކަތްތައް ނިންމާށެވެ. މަންމަގެ ފަރާތުން މިއަދު މެންދުރު ލިބުނު ފޯނުކޯލް މަތިން އަސަލް ހަނދާންވީ ދެނެވެ. އޭނަ ޤައިލާއާއި ހިއްސާކުރަން އުޅުނު ވާހަކައަކީ އެއީއެވެ. ނަމަވެސް އުފެދުނު ހައިޖާންގަނޑުގެ ސަބަބުން ފުރުސަތު ނުލިބުނީއެވެ.
ހަރުގަނޑުގައި ތުވާލި އަޅުވާފައި އަސަލް ގޮސް އިށީނީ އެނދުގައެވެ. ޤައިލާގެ ނަޒަރު ފޯނާއި ވަކިވެ އަސަލްގެ މޫނަށް ހުއްޓުނެވެ. މާ ނޫންކަމަށް ހަދާފައި ފޯނުގެ ސްކްރީން ވެސް ނިއްވާލިއެވެ. ސިއްރުވެރިކަން ޤައިލާގެ ހަރާކަތްތަކުގައި ވެއެވެ.
''އެލީ، އަހަރެން ބޭނުން ވާހަކައެއް ދައްކަން...'' އަސަލްގެ ސަމާލުކަން ހުއްޓިފައިވަނީ ޤައިލާ އަށެވެ. ވާހަކައިގެ މުހިންމުކަން ޤައިލާއަށް އަންގައިދޭން އުޅުނު ކަހަލައެވެ.
''އަހަރެން ހަމަޖެހިގެން ހުރިއްޔާ އަޅެ އަސަލްއަށް އުނދަގޫވަނީތަ؟، އަނެއްކާ ތިއުޅެނީ އަހަރެން ކުށްވެރިކުރަންވެގެން... މިނިވަންކަން ނެތި އަހަރެން ބަންދުކޮށްގެން ގެންގުޅެންތަ އަސަލް ބޭނުންވަނީ؟...'' ނުރުހުންވެފައި ޤައިލާ އެހިއެވެ.
''އަހަރެން އެހެން ބުނެފިންތަ؟...'' އަސަލްއަށް ވެސް ކޮށްލެވުނީ ސުވާލެކެވެ.
''ދެން ކީކޭ ކިތަންތަ ތިއުޅެނީ!...'' ޤައިލާގެ އަޑު ބާރެވެ. އެހާ ފޯރީގައި ފޯނުން މެސެޖުކުރަނިކޮށް، އޭނަގެ އުފަލަށް އަސަލް ހުރަސް އެޅުމުން އެކަމުގެ ހޫނުކަން ބޭރުކޮށްލީއެވެ.
''ރުޅި ނައިސް އަހަންނާ ވާހަކަ ދައްކަފާނަންތަ؟...'' އަސަލް އެދުނެވެ. އަސަލްގެ މޫނާއި އަޑުން ހާމަކޮށްދެނީ ވަރުބަލިކަމެވެ. މިހެން ދުވަސްތައް ދާނަމަ ހާލަކީ ކޮބާ ހެއްޔޭ އަމިއްލަ ޒަމީރާއި ސުވާލުކޮށްލެވުނެވެ.
''އަސަލް ކަންތައް ކުރަނީ މީހަކު ލޯބިން ދައްކާ ގޮތަކަށްތަ؟، އަހަންނަށް ޝައްކުކޮށް އިލްޒާމު އަޅުވާ އިރުގައިވެސް އަހަރެން ހުންނަންވީ އުފަލުގަތަ؟، ހެވިފަތަ؟، އަސަލްއަށް ހުޝާމަދު ކުރުމުގަތަ؟...'' ހަށިގަނޑު ސީދާކޮށްލައި، އެނދުގެ ހެޑްބޯޑަށް ޤައިލާ ލެނގިލިއެވެ. މޭގައި ދެއަތް ހުރަސްކޮށްލަމުންނެވެ.
''އަހަރެން ޝައްކެއް ނުކުރަމެއްނު، އެލީ ދިޔަ ތަނެއް ބަލަންވެގެން އަހަރެން ސުވާލުކުރީ، އަހަރެން މަޢާފަށް އެދެފީމެއްނު، ރިދޫގެ އުފަންދުވަސްކަން އަހަރެން ހަނދާނެއް ނެތް، ހަނދާން ހުރިނަމަ ސުވާލެއް ނުކުރާނަން...'' އަސަލް ބުންޏެވެ.
''އަހަރެންގެ ރައްޓެއްސެއްެ ވީމަ އަސަލް ހަނދާނެއް ނުހުންނާނެ...'' ޤައިލާ ތުންއަނބުރާލިއެވެ.
''އަހަރެންގެ ރައްޓެހިންނަކީ ހަމަ އެލީގެ ރައްޓެހިން...'' އަސަލް ބުންޏެވެ. އެއާއި ވިދިގެން ދޭނެ ރައްދެއް ނެތުމުން، ޤައިލާ އިހުތިޔާރުކުރީ ހިމޭންކަމެވެ. އަސަލް ހާމަކުރީ ތެދު ވިއްޔާއެވެ. އަސަލްގެ ދިރިއުޅުމުގެ މައްޗަށް އޭނަގެ ނުފޫޒު ފޯރުވަމުންދާ މިންވަރު ރަނގަޅަށް އެނގޭތީއެވެ. އޭނަގެ މުހުތާދުތައް ހާސިލްކުރަން ޒަމާންވީ އެކުވެރިންނާއި އަސަލް ދުރުކުރުވީ ޚުދު ޤައިލާއެވެ.
''މަންމަ މާދަން މާލެ އަންނާނެ...'' ދުރުދުރުން ފެށުމުގެ ބަދަލުގައި އަސަލް ދިޔައީ ސީދާ އޭނަގެ މައުޟޫޢު އަށެވެ. އޭނަގެ ހާސްކަމާއި ގުޅިފައިވާ އަސްލު ސަބަބަކީ އެއެވެ. މަންމައަށް އޭނައާއި ޤައިލާގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ހިލަންވާކަށް އަސަލް ބޭނުމެއް ނޫނެވެ. އޭރުން މަންމަ ކަންބޮޑުވެދާނެއެވެ. މިހާރު ވެސް މަންމަ ހުންނަނީ އޭނައާއި މެދު ފިކުރުބޮޑުވެފައެވެ. ޢާއިލާގެ ގާތަށް ނުދާތީއެވެ. މަންމަމެންނާއި ވަކިން ރަށުން ބޭރުގައި އުޅޭތީއެވެ. ޗުއްޓީއަކަށް ވެސް ރަށަށް ނުދާތީ ގުޅައިގެން ޝަކުވާ ކުރާނެއެވެ. ޤައިލާ ގޮވައިގެން އައިސްދިނުމަށް އެދޭނެއެވެ. މަންމަގެ އާދޭސްތަކުން އަސަލްއަށް ފުން އަސަރުތަކެއް ކުރެއެވެ. ޢާއިލާގެ ގާތަށް ދާން އޭނަ ކިތަންމެހާ ވެސް ބޭނުމެވެ. ނަމަވެސް އެއްބާރުލުން ނުލިބެނީ ޤައިލާގެ ފަރާތުންނެވެ. ބޭރު ޤައުމުތަކަށް ރައްޓެހިންނާއެކު ދިއުމަކީ ޤައިލާގެ އާދައެކެވެ. ރަށަށް ދާން ޚިޔާލު ދިނަސް ޤައިލާ ރުޅިއަންނާނެއެވެ. ރަށަށް ދާން ޤައިލާ އެހާ ބޮޑަށް ފޫހިވާ ސަބަބެއް އަސަލްއަކަށް ނޭނގެއެވެ. ވިސްނާވިސްނާ އެސުވާލަށް ޖަވާބެއް ނުލިބުނެވެ. އެއީ ޤައިލާ ވެސް އުޅެބޮޑުވި ރަށް ވިއްޔާއެވެ.
މާލޭގައި ދިރިއުޅުމަކީ އަސަލް ގަޔާވާކަމެއް ނޫނެވެ. އޭނައަށް ކަމުދަނީ ރަށްފުށުގެ ދިރިއުޅުމެވެ. މާލޭގެ ހަލަބޮލިކަމާއި ދުރުން ވަގުތު ހޭދަކޮށްލަން ލިބުނަސް ނަފުސަށް ހަމަޖެހުން ގެނެސްދެއެވެ. ހަމައެއާއެކު އޭނަގެ ޢާއިލާ އޮތީ ރަށުގައެވެ. މަންމައާއި ބައްޕައެވެ. ލޯބިވާ މާމައެވެ. ޒަމާންވީ އެކުވެރިންނެވެ. އެހުރިހާ ގުޅުމަކަށް މިއަދު ވަނީ ބުރުއަރައި ހީނަރުވެފައެވެ.
''އަހަރެން ބުނި އެއްޗެއް އެލީއަށް އަޑުއިވުނުތަ؟...'' ޤައިލާގެ ހިމޭންކަމުން އަސަލްއަށް އުނދަގޫވިއެވެ.
''ހޫނ...'' ދަމާލާފައި ޤައިލާ ބުނެލިއެވެ. ''އަޑުއިވުނު...''
ޤައިލާގެ ފަރާތުން ފާޅުވި ފަރުވާކުޑަކަމުން އަސަލް ހިތްހަމަނުޖެހުނެވެ. ނުރުހުމުގެ އަސަރާއެކު އޭނައަށް ބުމަ ކައިރިކޮށްލެވުނެވެ.
''މަންމަ އަންނައިރު މިހެން އަރައިރުންވާކަށް އަހަރެން ބޭނުމެއް ނޫން...'' އަސަލް ބުންޏެވެ. ޤައިލާއަށް އަމުރުކުރަން އަސަލްއަށް ފަސޭހަކަމަކަށް ނުވިއެވެ. އެހެނަސް އެފިޔަވަޅު ނަގަން ޖެހޭ ހިސާބަށް ކަންތައް ހިނގައްޖެކަމަށް އޭނަ ޤަބޫލުކުރެއެވެ.
''އަސަލްއެއް ނޫންތަ އަހަންނާ ޒުވާބުުކުރަނީ؟...'' ޤައިލާ ލޯހަދާލިއެވެ.
''ދެން ހެޔޮ، މިހާރު މިކަމަށް ހައްލަން ހޯދަން އެބަޖެހޭ...'' އަސަލް ބުންޏެވެ. އަސަލްގެ އަޑުގައި އެކުލެވިގެންވި ހަރުކަށިކަން އިހުސާސްކުރެވި ޤައިލާ ހުއްޓުންއެރިއެވެ.
''ކީއްކުރަން މަންމަ އަންނަނީ؟...'' އިރުގަނޑެއް ފަހުން ޤައިލާ ސުވާލުކޮށްލިއެވެ. ޤައިލާގެ ފަރާތުން ފެނުނު ޝައުޤުވެރިކަމުން އަސަލްއަށް ހަމަޖެހުން ގެނެސްދިނެވެ. މިފަހަރު ޤައިލާއަށް ރަނގަޅު ބަދަލެއް އައިސްފާނެ ކަމަކަށް އުއްމީދުކުރެވުނެވެ.
''ރަމިއްތަ ޗެކަޕް ހަދާއިރު އަންނަނީއޯ ބުނީ...'' އަސަލް އޮޅުންފިލުވައިދިނެވެ. ''ތައިރޮއިޑް ނެގިފަހުން ކުޑަކޮށް ބިލިކޮށް އުޅޭތީ އޮޕަރޭޝަން ކުރި ޑޮކްޓަރަށް ދައްކާލަން އަންނަނީ...''
''މަންމަ އޭނައާއެކު ހަމަ އަންނަން ޖެހޭތަ...'' ޤައިލާގެ މޫނުން ފެނުނީ ފޫހިކަމެވެ.
''ވަޓް؟...'' ކުއްލިޔަކަށް ޤައިލާއަށް އައި ބަދަލުން އަސަލްއަށް ލިބުނީ ހައިރާންކަމެވެ.
''މަންމަ އޭނައާއެކު އަންނަން ޖެހޭހޭ މިއެހީ...'' ޤައިލާގެ އަޑު ބާރުވާން ފެށިއެވެ.
''މަންމަގެ އެންމެ ގާތް އެކުވެރިޔާއެއީ، އެލީއަށް ވެސް އެނގޭނެ... ތިހާ ރުޅިއަންނަން ޖެހޭ ސަބަބަކީ ކޮބާތަ؟...'' އަސަލްއަށް އަހާލެވުނެވެ.
''އަބަދު އަސަލްގެ ފެމިލީއަށް މުހިންމުވާނީ އެމީހުން، ރަމިއްތަ އެކަންޏެއް ނޫން ދޯ އަންނަނީ؟... މައިހާ ވެސް އާދޭ ދޯ؟، އެހެން ނުބުނެވިގެނެެއްނު ތިއުޅެނީ...'' ޤައިލާ ހަޅޭއްލަވައިގަތެވެ. މައިހާގެ ނަން ޤައިލާގެ ދުލުން ނިކުތީ އާދަޔާ ޚިލާފު ރުޅިވެރިކަމާއެކުގައެވެ. އަސަލްއަށް ފާހަގަ ވިއެވެ. އޭނައަށް ލިބުނީ އިތުރު ހައިރާންކަމެކެވެ.
''ރަމިއްތައާއެކު މޭއި ވެސް އަންނާނެއެއްނު...'' އަސަލްއަށް ބުނެވުނެވެ. ''ކީއްވެތަ ތިހެން ވާހަކަ ތި ދައްކަނީ، އެވެސް ޢާއިލީ ބައެކޭ...''
''އެކުވެރިން ޢާއިލާއަކަށް ނުވާނެ...'' ޤައިލާ ރައްދުދިނެވެ. ''މިތާކު މައިހާއަކަށް ނުހުރެވޭނެ...''
''މޭއި މިތާ މަޑުކުރާނެޔޭ ބުނެފިންތަ؟، ކީއްވެ ތިހެން އެލީ ވާހަކަ ދައްކަނީ؟... އެއީ އެލީގެ ވެސް ރަހުމަތްތެރިއެއް ނޫންތަ؟...'' ޤައިލާއަށް އައި ބަދަލު އަސަލްއަށް ނަގައެއްނުގަނެވުނެވެ.
އަސަލްގެ ސުވާލާއެކު ޤައިލާގެ ހަރަކާތްތައް މަޑުޖެހިލިއެވެ. އަސަލްއަށް ބަލަމުން ޤައިލާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އައިސްފައި ހުރި ރުޅިގަނޑު އިތުރަށް ސިއްރުކުރާކަށް ޤައިލާ ނޫޅުނެވެ. އެއިހުސާސްތައް ސިއްރުކޮށްގެން ހުންނަތާ ލައްކަ ގިނަ ދުވަސް ވެއްޖެއެވެ.
''މަންމަ ހުއްޓަސް އަހަންނަށް ހެޔޮ، އެކަމަކު މައިހާއާއި އޭނަގެ މަންމަ މިތާ ހުންނާކަށް އަހަރެން އެއްބަހެއް ނުވާނަން، އަބަދު އަސަލްގެ ޢާއިލާއަށް މުހިންމުވާނީ މައިހާ، ނޫނީ އޭނަގެ ޢާއިލާ... އަހަރެން ނުފެންނާނެ، ޔޯ ފެމިލީ ހޭޓްސް މީ!...'' ޤައިލާ ޝަކުވާތައް އަމުނާލިއެވެ.
''މިހާރު ކޮން ވާހަކައެއް ތި ފަށައިގަތީ؟...'' އަސަލްގެ ބޮލުގައި ރިއްސަން ފެށިއެވެ. ޤައިލާގެ ޝަކުވާތަކަށް ނިމުމެއް ނުވާ ކަހަލައެވެ. އޭނަގެ ޢާއިލާއަށް ވެސް ޤައިލާ ހިތްހަމަޖެހޭ ފަދައިން ކަމެއް ނުކުރެވެއެވެ. މިފަހަރު ޤައިލާގެ ރުޅިވެރިކަން އޭނަގެ އެންމެ ގާތް އެކުވެރިޔާއަށް އަމާޒުވުމުން އަސަލްއަށް ހިމޭނުން ނުހުރެވުނެވެ.
(ނުނިމޭ)