ވިސްނަން އޮވެފައި އޭނާ ފޯނު ހޯދާލިއެވެ. މެލެކް ނަންބަރު ފަރިތަކަމާއެކު ޖަހާލިއެވެ. އޭނާ ކަންފަތުގައި ފޯނު ޖެހުމުގެ ބަދަލުގައި ސްޕީކަރަށް ފޯނު ލިއެވެ. އޭނާ ހީކުރިގޮތަށް މެލެކް ފޯނަށް ޖަވާބު ނުދިނެވެ. ކުއްލިއަކަށް ދޮރު ހުޅުވާލިއެވެ. އެއާއެކު އެންމެ ފުރަތަމަވެސް އޭނާއަށް ފެނުނީ ލޫލުގެ ދޮންދޮން މޫނެވެ. ލޫލުގެ ވަސް މުޅި ކޮޓަރިތެރޭގައި ހިފާލިއެވެ. ބާޒިލް ފެނުމުން ލޫލު ހީގަތެވެ.
"މިއަދު ވަރަށް ބަސްއަހައޭ މިދަރި" ބާޒިލް އަތަށް ލޫލު ދީފައި ޒޭބާ ބުންޏެވެ.
"އިހަށް މަޑުކޮށްބަލަ. އެއްޗެއް ދައްކާލަންތަ؟" ޒޭބާ ބުންޏެވެ.
އިރުކޮޅަކުން ލޫލު ބޭންދީ ތަށިމުށިތަކުގެ މަތީގައެވެ. އެނދާ ތަންކޮޅެއް ދުރުގައެވެ. ދެން ޒޭބާ އައިސް އިށީނީ އެނދުގައެވެ. ބާޒިލްވެސް އެއް އަތްމައްޗަކަށް ލޫލު އަށް ބަލަހައްޓައިގެން އިނެވެ. ލޫލު އަތްދިއްކޮށްލާފައި ކުޑަކޮށް ބޮޑާހާކާލިއެވެ. އެއާއެކު ޒޭބާ އަތްދިއްކޮށްލާފައި އަންނާށޭ ބުންޏެވެ. ލޫލު އެނދާ ގާތަށް ފިރުކެން ފެށިއެވެ. ހިތްހަމަޖެހޭ ހިސާބަށް އާދެވުމާއެކު އެނދުގައި ހިފަހައްޓާފައި ކޮޅަށް ތެދުވިއެވެ. ހިފަހައްޓައިގެން ލޫލު ކޮޅަށް ހުރިއިރު ލޫލުގެ ކުޑަކުޑަ ދެފައިގައި ތުރުތުރު އަޅަމުން ދިޔައެވެ. ބާޒިލްއަށް ހެވުނެވެ. ލޫލު ހިއްލާލާފައި މޭމަތީގައި ބޭންދިއެވެ.
"މާޝާﷲ.. ހާދަ މޮޅޭ ބައްޕި ދޫނި" ބާޒިލް ބުންޏެވެ.
"ކޮންއިރަކު ހިފަހައްޓައިގެން ކޮޅަށް ހުންނަން ފެށީ" ބާޒިލް އަހާލިއެވެ.
"މިއަދު ތިރީގަ ކުޅެން ބައިންދާފަ ކޫ އެރީ ނަމާދަށް. ކޫގެ ހެދުމުގަ ހިފައިގެން ކޮޅަށް ތެދުވީ. އޭނަ ވެއްޓިދާނެތީ ކޫ އަށް ޖެހުނީ ނަމާދު ދޫކޮށްލަން އެވަގުތަށް" ޒޭބާ ކިޔައިދިނެވެ. އެންމެފުރަތަމަވެސް އޭނާ ބޭނުންވީ އެ އިފާވެރި ހަބަރު މެލެކް އާ ހިއްސާކުރާށެވެ. އެހެނީ މެލެކް އަކީ ލޫލުގެ މަންމައަށް ވާތީއެވެ. އެކަމަކު އެ ހަބަރު ދޭނެ ގޮތެއް ނޭނގުނެވެ. މެލެކް ފޯނެއް ނުނަގައެވެ. ކަންތައްވެފަ އޮތް ގޮތުން ފޯނު ނަގާނެ ކަމެއްވެސް ނޭނގެއެވެ.
"މެލެކް މިރޭ ނާދޭތަ؟" ބާޒިލް އަހާލިއެވެ.
"މިއަދު އެރަށުގަ އުޅުނީމަ ކަންނޭނގެ. ވަރުބަލިވެފައޭ ބުނި. ހެނދުނު އަންނާނަމޭ ބުނީ" ޒޭބާ ބުންޏެވެ.
ބާޒިލް އަށް އެނގުނެވެ. މެލެކް ވަރުބަލިވީއެއް ނޫނެވެ. ވިސްނަނީ އެވެ. ކުރިމައްޗަށް އަރަން ނުކެރުނީއެވެ. މެލެކް އަށް ނުގުޅާ އިހަށް މަޑުކޮށްލާނީއެވެ. މެލެކް ވިސްނަން ވަގުތު ދޭނީއެވެ. ވިސްނާފަ ރަނގަޅު ގޮތަކަށް ނިންމުން ނިންމާނެނަމަ ކިތަންމެހާވެސް ރަނގަޅެވެ.
****
ގަޑިން އެގާރަ ގަޑި ސާޅިސް ހަތެކެވެ. ކޮޓަރި އެއްކޮށް ހިމޭންވުމުން މައިލީން ފަހަތް ބަލައިލިއެވެ. މެލެކް ނިދީއެވެ. އޭނާ ފާހާނައަށް ދާން ތެދުވި ވަގުތު ފޯނު ރިންގުވާން ފެށިއެވެ. ބަލައިލިއިރު ގުޅަނީ އަހަދުﷲ އެވެ. ފާހާނައިން ނިކުމެލާފައި މިގުޅަނީ އޭ މައިލީން ބުންޏެވެ. އިރުކޮޅަކުން އޭނާ ފާހާނައިން ނިކުމެގެން އައިސް ފޯނު ހިފައިގެން ނިކުތީ ކޮޓަރިން ބޭރަށެވެ. މިހުރިހާއިރު ހޭލާ އޮތް މެލެކް ދެލޯ ހުޅުވާލިއެވެ. މުށުތެރޭގައި އޮތް ބޭސްގުޅައަށް އެނާ ބަލައިލިއެވެ. އިރުކޮޅެއްފަހުން ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެގިލިއެވެ. ކައިރީގައި ހުރި ފެންފުޅިން ފެން ކޯވަރަކާއެކު އޭނާ ބޭސްގުޅަ ކާލިއެވެ. މައިލީން ދިނުމުން އޭނާ ބޭސްގުޅަ ކައިނުލީ އެހާ އަވަހަށް ނިދަން ބޭނުންނުވާތިއެވެ. ވިސްނާލަން ވަގުތުކޮޅެއް ބޭނުންވާތީއެވެ. ހަމަ ގައިމުންވެސް ދެންމެ ކާލި ބޭސް ގުޅައިގެ ސަބަބުން މާގިނައިރު ވިސްނަން އޭނާއަށް ނޯވެވޭނެކަން އޭނާއަށް އެނގެއެވެ.
ބާލިސް ދަށުގައި އޮތް ފޯނު ވައިބްރޭޓްވިކަން އިހުސާސްވުމުން އޭނާ ފޯނު ނަގާފައި ބަލައިލިއެވެ. ވައިބަރ އަށް ބާޒިލްގެ މެސެޖެއް އައިސްފައި އޮތެވެ. މެސެޖް ހުޅުވަން ނުހުޅުވަން އިނދެފައި އޭނާ ހުޅުވާލިއެވެ. އެއާއެކު ފެނިގެން ދިޔަ ފޮޓޮއިން ބޭއިހްތިޔާރުގައި މެލެކްގެ ތުންފަތް މަތިން ހިނިތުންވުމެއް ފާޅުވިއެވެ. ބާޒިލްގެ މޭމަތީގައި ލޫލު ބާއްވައިގެން އޮވެ ނަގާފައި އިން ސެލްފީއެކެވެ. ލޫލު އޮތީ ނުހަނު ބޮޑަށް ހީލައިގެންނެވެ. ލޫލުގެ މޫނުކޮޅުގައި މެލެކް އިނގިލި ޖައްސާލިއެވެ. އެއީ އޭނާގެ ހިތުގެ ހަމަޖެހުމެވެ. ލަސްލަހުން މެލެކްގެ ނަޒަރު ބާޒިލް އަށް ހުއްޓުނެވެ. އެއާއެކު އޭނާގެ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. ހަވީރުގެ މަންޒަރުތައް އޭނާގެ ސިކުނޑީގައި ރޯލްވާން ފެށިއެވެ. ބަސްބުނުމަކާނުލާ ބާޒިލް ބުނަން އުޅުނީ ކީކޭ ކަން މެލެކް އަށް ވިސްނުނެވެ. އެކަމަކު ގަބޫލުކުރަން ދަތިވަނީއެވެ. އެއީ ގޯހެއްކަން އޭނާގެ ސިކުނޑި ތަކުރާރުކޮށް ހަނދާންކޮށްދެނީއެވެ. ބާޒިލް ކުރަނީ ސަމާސާއެއް ކަމަށް އޭނާގެ ހިތް ބުނަނީއެވެ. ބާޒިލް ލޯބިވަނީ ސާރާދެކެއެވެ. ލޯބިނުވާނަމަ ކައިވެންޏެއް ކުރަން ނޫޅޭނެއެވެ. ސާރާވެސް ބާޒިލްދެކެ ލޯބިވެއެވެ. މިއަދު ވޯޑުގެ ދޮރު ކައިރީގައި ސާރާ ބަލަހައްޓައިގެން ހުރިގޮތް އަދިވެސް އޭނާއަށް ފެންނަ ކަހަލައެވެ. ސާރާ ހީކުރާނެ ގޮތެއްވެސް ނޭނގެއެވެ. ވާން އުޅޭ ދެމަފިރިންގެ ދެމެދުގައި ބޮޑު ކޯޅުންގަނޑެއް ނުއުފެދުނިއްޔާ ވެދާނެއެވެ. ބާލީސް މަތީގައި ބޯ އަޅާލާފައި މެލެކް އެނބުރުނީ އަނެއް ފަރާތަށެވެ. ދެލޯ ބޮޑުކޮށްގެން އޮތްއިރު އޭނާގެ ދެއަތްތިލައިގެ ތެރޭގައި ފޯނު އޮތެވެ. ދެން ހަދާނެގޮތަކާމެދު އޭނާއަށް ވިސްނެނީއެވެ. ބާޒިލް ކުރިމައްޗަށް އަރަން ޖެހޭނެއެވެ. ކޮންމެސް ޖަވާބެއް ދޭން ޖެހޭނެއެވެ. ނޭނގެނީ ދޭނެ ޖަވާބެކެވެ. ހިތުގައި އޮތްގޮތަށް އަދި ހާމަކުރެވޭކަށް ނެތެވެ. ސާރާ ކަންތައްކުރާނެ ގޮތެއްވެސް ނޭނގެއެވެ. ނިންމުމެއް ނިންމާއިރު ހަތަރުކޮޅުން ވިސްނަންޖެހެއެވެ. ކުއްލިއަކަށް ކޮޓަރި ބޭރުން މައިލީންގެ އަޑު އިވިލިހެން މެލެކްއަށް ހީވިއެވެ. ހަމަ އެސިކުންތުގައި ފޯނު ބާލިސް ދަށަށް ކޮށްޕާލާފައި މެލެކް ހަށިގަނޑު ދަމާލިއެވެ. އޭނާ އަނެއްފަރާތަށް އެނބުރިލިއެވެ. އެނދު ކައިރިއަށް މައިލީން އައުމުގެ ކުރިން އޭނާ ދެލޯ މަރާލިއެވެ.
****
ހެނދުނު ހޭލިގޮތަށް ސާރާ އެންމެ ފުރަތަމަވެސް ބަލައިލީ ފޯނެވެ. އޭނާ އުންމީދު ކުރި އިންސާނާގެ އެންމެ ކޯލެއްވެސް މެސެޖެއްވެސް ނެތެވެ. ހަމަ އެހިނދުގައި ސާރާގެ ދެލޮލުގެ އަރިމަތިން ކަރުނައެއް ފައިބައިގެން ދިޔައެވެ. އޭނާ ތެދުވެ ދެފައި ވަށްކޮށްލާފައި އެނދުގައި އިށީނެވެ. ގައި މަތީގައި އޮތް ކުއިލްޓް އެއްކައިރި ކޮށްލާފައި ދެލޮލުން ފޭބި ކަރުނަތައް ފޮހެލިއެވެ. އޭނާ ބާޒިލް އަށް ގުޅާލިއެވެ. ދެ ފަހަރު ރިންގުވުމާއެކު ބާޒިލް ފޯނު ބިޒީކޮށްލިއެވެ. ސާރާ ރުޅިއައެވެ. ފޯނު އެނދުމައްޗަށް ޖަހާފައި ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. އަތުން ބާޒިލް ބީވެގެންދާކަށް އޭނާ އަށް ނުރުހެވެއެވެ. ކޮންމެ ހާލެއްގައިވެސް އޭނާ ބާޒިލް ހާސިލްކުރަން ބޭނުންވެއެވެ. ބާޒިލްދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ. އޭނާ އަލުން ފޯނު ނަގާފައި ބާޒިލްއަށް މެސެޖެއް ފޮނުވާލިއެވެ. ބާޒިލްގެ ޖަވާބެއް ނާންނާނެކަން އޭނާއަށް އެނގެއެވެ. އޭނާ ތެދުވެގެން ތުވާލި ހިފައިގެން ގޮސް ވަނީ ފާހާނާއަށެވެ. މާގިނަ އިރު ނުވަނީސް ފެންވަރައިގެން ނިކުމެ ތައްޔާރުވެލިއެވެ. އޭނާ އެޅީ އޭނާ ލާ ހެދުންތަކުގެ ތެރެއިން ބާޒިލް އަށް އެންމެ ކަމުދާ ހެދުމެވެ. އެއީ އުފަން ދުވަހުގެ ހަދިޔާއަކަށް ބާޒިލް ދިން ހެދުމެކެވެ. ކަކުލާ ހަމައަށް އަންނަ އެ ހެދުމާއެކު އެއާ ގުޅޭ ކަޅު ކުލައިގެ ސްކިނީއެއްވެސް ދިނެވެ. އޭނާ އެހެދުން ލީ ބާޒިލް ހިތްހަމަޖައްސައިދޭށެވެ.
"ސާރާ" ދޮރުން ނުނިކުމެވެނީސް ސިހާމާ ގޮވާލިއެވެ.
"ކޮންތާކަށް؟"
"ހެޕީކޯނާއަށް. އަންނާނަން ވަރަށް އަވަހަށް"
ގެއިން ނިކުމެގެން ހިނގާފައި ހެޕީކޯނާ އާ ދިމާލަށް ސާރާ ދިޔައެވެ. ބާޒިލް ހުރީ ގޭގައި ކަން އޭނާ ޒޭބާ އަށް ގުޅާފައި ޔަގީން ކުރިއެވެ. ބާޒިލް އާ ދައްކާނެ ވާހަކަތައް ހިތުގައި ރާވަމުން އޭނާ ދޮރާށި ހުޅުވާލާފައި އެތެރެއަށް ވަނެވެ. އޭނާ އާ ފުރަތަމަ ދިމާވީ ގޭތެރެއިން ނިކުތް މައުސޫމާ އާއެވެ.
"ސާރާ..." މައުސޫމާ ހައިރާންވިއެވެ. މާ ހެނދުނަކާ ސާރާ ގޭތެރެއިން ފެނުމުންނެވެ.
"ބް... ޒެއްލު ބަލިކޮށް އުޅޭތީ މިއައީ" ސާރާ ހިނިތުންވެލިއެވެ.
"ވެއްޖެ ކޮޓަރީގަ" މައުސޫމާ ބުންޏެވެ. ސާރާ އެކޮޓަރިއަށް ދާކަށް މައުސޫމާ ބޭނުމެއް ނުވެއެވެ. އެ ގުޅުން ނިމުމަކަށް ބޭނުންވާކަން ބާޒިލް އޮތީ އޭނާ ކައިރީގައި ބުނެފައެވެ. އެހެންމަވެސް ސާރާ ކައިރީގައި އެހެން ބުނާކަށް އޭނާއަށް ނުކެރުނެވެ. މައުސޫމާ ދޮރާއްޓާ ދިމާލަށް ދިޔުމުން ސާރާ ހިނގައިގަތީ ބާޒިލްގެ ކޮޓަރި އާ ދިމާލަށެވެ. ކޮޓަރި ދޮރު ކައިރީގައި ހުއްޓިފައި އޭނާ ފުން ނޭވައެއް ދޫކޮށްލިއެވެ. ނުބުނެ އެގޮތަށް އައުމުން ބާޒިލް ރުޅިއަންނާނެކަން އޭނާއަށް އެނގެއެވެ. އެހެންނަމަވެސް އޭނާއަށް ކެތްނުވީއެވެ. ކޮންމެ ގޮތަކުން ނަމަވެސް އޭނާ ހުރީ ބާޒިލް ރުއްސަން ބޭނުންވެފައެވެ. މޭގައި އަތް އަޅާލާ ހަމަޖެހިލުމަށްފަހު އޭނާ ދޮރުގައި ޓަކިޖަހާލިއެވެ. މާގިނައިރު ނުވަނީސް ބާޒިލް ދޮރުހުޅުވާލިއެވެ. ކުރިމަތީގައި ހުރި ސާރާ ފެނުމުން ބާޒިލް ދެބުމަ ގޮށްޖަހާލިއެވެ.
"ހައި.... ކިހިނެއްތަ؟" ސާރާ އަހާލިއެވެ.
ސާރާ އަޅައިގެން ހުރި ހެދުމަށް ބާޒިލް ބަލައިލިއެވެ. މީގެކުރިން އެ ހެދުމުގައި ސާރާ އޭނާއަށް ރީއްޗެކެވެ. އެހެން ކުދިންނާ ތަފާތުކަން ވެސް ފާހަގަވެއެވެ. މިއަދު އެއްވެސް ތަފާތެއް އޭނާއަށް ނުވިއެވެ. މެލެކް ނޫން އެހެން އެއްވެސް އަންހެންކުއްޖެއް އޭނާއަށް ރީތިނުވާނެއެވެ. ސާރާ އަމިއްލަ ނަޒަރެއް އޭނާގެ ހެދުމުގެ މެއާ ހަމައިން ފަޔާ ހަމައަށް ދިނެވެ. އުންމީދުކުރެވުނީ ބާޒިލްގެ ފަރާތުން ތައުރީފުގެ އެންމެ ލަފްޒެއްވެސް އިވޭނެ ކަމަށެވެ. އެކަމަކު ބާޒިލްގެ ސަމާލުކަމެއް ނުލިބުނެވެ. އެއީ ސާރާގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނު ވަގުތުކޮޅެކެވެ. އެހެންނަމަވެސް އެގެއަށް އޭނާ އައީ ކޮން ބޭނުމަކުކަން ހަނދާންކޮށްލާފައި ހުރިހާ ހިތާމަތަކެއް ދިރުވާލިއެވެ.
"ރަނގަޅު" ބާޒިލް ބުންޏެވެ.
"އެތެރެއަށް ވަންނާކަށްވެސް ނުބުނާނަންތަ؟" ސާރާ ބުންޏެވެ.
"ކީއްކުރަން ތިއައީ؟"
"ޒެއްލު ކައިރިއަށް މިއައީ. ވާހަކަދައްކާލާހިތުން" ސާރާގެ އަޑު މަޑުވިއެވެ.
ސާރާ އެތެރެއަށް ވަންނާކަށް އޭނާ ބޭނުމެއް ނުވެއެވެ. ދިމާލަށް އެގޮތަށް ބުނަން ނުކެރުމުން އޭނާ ދޮރުފަތުން ދޫކޮށްލާފައި އެތެރެއަށް ހިނގައިގަތެވެ. ހިނިތުންވެލަމުން ފަހަތުން ސާރާ ވަނެވެ.
އެކަކުވެސް ބަހެއް ނުކިޔާ ހިނދުކޮޅެއް ފާއިތުވެގެން ދިޔައެވެ. ބާޒިލް އާ ކުޑަތަންކޮޅެއް ދުރުގައި ސާރާ އިށީނދެލިއެވެ. ބާޒިލް އަށް ބަލަހައްޓައިގެން އިނދެފައި މަޑުމަޑުން އަތް އުފުލާލާފައި ބާޒިލްގެ ނިތްމަތީގައި ޖައްސާލިއެވެ. ސާރާގެ އެ ކުޑަކުޑަ އަމަލުންވެސް ބާޒިލް ގަޔާނުވީކަން އޭނާ މަޑުމަޑުން ދުރުވެލިގޮތުން ސާރާ އަށް އެނގުނެވެ.
" ޒެއްލު" ސާރާ ގޮވާލިއެވެ. ސާރާގެ އަޑު އައިގޮތުން ބާޒިލް ސާރާ އިނީ ރޮވިފައިކަން ބާޒިލް އަށް އެނގުނެވެ.
"ޝަކުވާ ކުރާކަށް އަހަރެން ބޭނުމެއްނޫން. އެކަމަކު އަހަރެންގެ ހިތަށް ވަރަށް ތަދުވޭއެބަ. އަހަރެން... އަހަރެން ޒެއްލުދެކެ ހާދަ ލޯބިވެޔޭ. އަހަންނަށް ކުށެއް ކުރެވުނިއްޔާ މައާފްކުރޭ. ތިގޮތަށް އަހަރެން ދުރުކުރަން ނޫޅޭ.... އައި ޕްރޮމިސް އަހަރެން އެއްވެސް ޝަކުވާއެއް ނުކުރާނަން. އެއްވެސް ކަމަކަމަށް މަޖުބޫރެއްވެސް ނުކުރާނަން. ޒެއްލުގެ ހިތްހަމަޖެހުމަކީ އަހަރެންގެ ހިތްހަމަޖެހުން. ލޫލު އަކީ އަހަރެންގެވެސް ދަރިއެއް. ހުރިހާ ލޯތްބެއް އަހަރެން ލޫލުއަށް ދޭނަން" ސާރާ އަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ.
"ސްޓޮޕް ސާރާ..." ބާޒިލް ބުންޏެވެ.
"އަހަންނަށް ބަލާލަބަލަ. އެންމެ ފަހަރަކު ނަމަވެސް ޒެއްލު ލޯބިން ބަލައިލިޔަސް އަހަރެން ހާދަ ހިތްހަމަޖެހޭނޭ" ސާރާ ބުންޏެވެ.
ބާޒިލް އެނދުން ތެދުވިއެވެ. އޭނާ ކުރިއަށް ހިނގައިގަނެފައި ހުއްޓުނެވެ. ސާރާ އަށް ހަގީގަތް އަންގައިދޭންވީ ވަގުތު ޖެހުނީކަން އޭނާގެ ސިކުނޑި ވިސްނައިދިނެވެ.
"މަރުކަޒުން ސާރާ އަށް ފެނުނު މަންޒަރަކީ މިހާރު ހަގީގަތަކީ" ބާޒިލް ބުންޏެވެ.
ސާރާ ހުއްޓުން އެރި ކަހަލައެވެ. ބާޒިލްގެ ދުލުން ބޭރުވެގެން ދިޔަ ލަފުޒުތައް ގަބޫލުކުރަން އޭނާގެ މުޅި ހަށިގަނޑު ދެކޮޅުހެދިއެވެ.
"މެލެކް އެއީ އަހަރެންގެ އަލަތު އަނބިމީހާ. އަހަރެން މެލެކް ދޫކޮށްނުލާނަން. އަހަރެން ބޭނުންވަނީ މެލެކްއަށް އަންބެއްގެ ހުރިހާ ހައްގުތަކެއް ފުރިހަމަކޮށްދޭން. މިހުރިހާ ދުވަހު އަހަންނަށް ނުވިސްނުނީ. އެކަމަކު މިހާރު ވިސްނިއްޖެ. އަހަރެންގެ ހިތެއް ދެން ބަދަލެއްނުވާނެ" ބާޒިލް ބުންޏެވެ.
ސާރާ ތެދުވެގެން އައިސް ބާޒިލް ކުރިމަތީގައި ހުއްޓުނެވެ. ބާޒިލް އާ ހަތަރުކަޅި ހަމަކޮށް ބަލައިލިއެވެ.
"އަހަންނަށް ބަލާލަބަލަ ޒެއްލު" ބާޒިލްގެ ދެއަތުގައި ހިފާލާފައި ތަޅުވާލަމުން ސާރާ ބުންޏެވެ.
ބާޒިލް ސާރާއަށް ބަލައިލިއެވެ. އޭނާ ނިކަން އަވަހަށް ނަޒަރު ބަދަލުކޮށްލިއެވެ. ސާރާގެ މޫނުމަތީގެ އަސަރުތަކާއި ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް އަދި ދެލޮލުން ފާޅުވަމުންދިޔަ އަސަރުތައް ބާޒިލް އަށް ބުނެދިނީ ހަގީގަތުގައިވެސް ސާރާ ބާޒިލްދެކެ ވާ ލޯތްބެވެ. އެކަމަކު މިއަދު އެ ލޯބީގެ ބަދަލުގައި ދޭނެ އެއްވެސް އެއްޗެއް އޭނާގެ އަތުގައި ނެތެވެ.
"ސާރާ. އަހަންނަށް މައާފްކުރޭ... އަހަންނަށް ...... " ބާޒިލް ބުންޏެވެ.
"ހަމަ އެންމެ... އެންމެ ފުރުސަތެއް އަހަންނަށް ދީ. ދުވަހަކުވެސް ދުވަހަކުވެސް އަހަރެން ޒެއްލު ނުރުހޭ ގޮތަކަށް ނޫޅޭނަން. ބުނި ކޮންމެ ކަމެއް ކުރާނަން" ސާރާ ބުނަމުން ދިޔައެވެ. ހިތަށް ކެތްނުވެގެން ގޮސް އޭނާ ބާޒިލްގެ ގައިގައި ފަހަތުން ލައްވެލިއެވެ. ބާޒިލް ގޮތްހުސްވިއެވެ. ސާރާ އަށް އެހާ އަސަރުކޮށްފައި ހުރި ވަގުތެއްގައި އިތުރަށް ސާރާ ދެރަކޮށްލަން އޭނާއަށް ނުކެރުނެވެ.
"އަހަރެން ޓައިމް ބޭނުން. އިހަށް ސާރާ ގެއަށް ދޭ" ބާޒިލް ބުންޏެވެ.
ޒެއްލު ބުނީތީ އަހަރެން މިދަނީ. އަހަރެން ޒެއްލުގެ ކޯލަކަށް އިންތިޒާރު ކުރާނަން" ސާރާ ބުންޏެވެ.
ސާރާ ނިކުމެގެން ދިޔުމުން އެދިޔަ ބާރުމިނުގައި ގޮސް ބާޒިލް ދޮރުލެއްޕިއެވެ. އޭނާ އައިސް އިށީނީ އެނދުގައެވެ. ހަދާނެގޮތް އޭނާ ހުސްވިއެވެ. މެލެކްދެކެ ކެތްނުވާ ދަރަޖައަށް އޭނާއަށް ލޯބިވެވިއްޖެއެވެ. ދުނިޔެ އެއްކޮޅުން އަނެއްކޮޅަށް ޖެހުނަސް މިހާރު އޭނާއަށް ދޫކޮށްނުލެވޭނެ ލޯތްބަކީ މެލެކް އެވެ. އޭނާގެ ހަޔާތަށް އިތުރު އަންހެނަކު ގެންނަން މިހާރު އޭނާ ބޭނުމެއް ނުވެއެވެ. އޭނާގެ ފަރާތުން މެލެކް އަށް އުނިވި ލޯތްބާ އަޅާލުން އެހެން އަންހެނަކަށް ބަހައިގެން ދޭން އޭނާގެ ހިތް ނުރުހެއެވެ. އޭނާ ބޭނުންވަނީ ސާރާ އާ ދުރަށް ދާށެވެ. ދެފަރާތުގެ އާއިލާގެ ރުހުމާއެކު މެލެކްގެ އަތުގައި މުޅި އުމުރަށް ހިފާށެވެ. އޭނާގެ ދެލޮލުގެ ތެރޭގައި މެލެކް ގައިދުކޮށްލާށެވެ. އެކަކު އަނެކަކުގެ ދެލޮލުން ދުނިޔެ ދެކޭށެވެ. އެހެންނަމަވެސް ސާރާގެ އާދޭސްތަކުގައި ކޮޅުފައިން ޖަހަން ޖެހުމުން އުނދަގޫ އިހުސާސްތަކެއް ކުރުވަމުން ދިޔައެވެ. ސާރާ ގެ ހިތް ދެވަނަ ފަހަރަށް ހަލާކުކޮށްލަން ޖެހުމުން ދުވަހަކުވެސް އޭނާއަށް ހަމަޖެހިގެން އުޅެވޭނެ ހެއްޔެވެ. ބާޒިލްގެ ބޮލުގައި އިންތިހާއަށް ރިއްސައިގަތެވެ.
****
ޖޫސްތަށި ހިފައިގެން ޒޭބާ އައީ ބާޒިލްގެ ކޮޓަރި އާ ދިމާލަށެވެ. ސާރާ އައިސްފައި ދިޔަފަހުން ބާޒިލް ކޮޓަރިން ނުނިކުމެއެވެ. ކޮޓަރީގައި ޓަކިޖަހާލާފައި ޒޭބާ މަޑުކޮށްލިއެވެ. ދޮރު ހުރީ ހުޅުވާފައޭ ބުނުމުން ޒޭބާ އެތެރެއަށް ވަނެވެ. ފޯނު ހިފައިގެން ބާޒިލް އޮތީ އެނދުގައެވެ. ޒޭބާ ވަތްކަން އެނގުމުން ތެދުވެ ހެޑްބޯޑުގައި ލެގިލިއެވެ.
"މަންމަ ހިނގައްޖެ ކޮމިޓީ ބައްދަލުވުމަކަށް. ދަމުން ކޫ އަށް ކޮމާންޑްދީފަ ދިޔައީ މިގަޑީގަ ޒެއްލުއަށް ކޮންމެސް ފްރެޝް ފުރުޓެއްގެ ޖޫސް ދޭން. މި ބޯލާ. މިއީ ކަރާ ފަނިތައްޓެއް" ޒޭބާ ބުންޏެވެ.
"ލޫލު ނިދީތަ؟ މެލެކް މިއަދު ނުބުނޭތަ ލޫލު ގެނެސްދޭން" ބާޒިލް ބުންޏެވެ.
"ހެނދުނު ލޫލު ނިދީމަ މެލީ ނާދޭ. އެކަމު ނުދެކެންތަ. އޭރުގަ ސާރާ މިކޮޓަރީގަ ޒެއްލު އާ ވާހަކަދައްކަން ހުއްޓަ މެލީ އައިސްފަ އެދިޔައީ ލޫލު ގޮވައިގެން. ކޫ ބުނިން ދަމުން ޒެއްލުއަށް ލޫލު ދައްކާލާފަ ގެންދައްޗޭ. ވެދާނެ ސާރާ ހުރީމަ ވަންނަން ނުކެރިގެން ދިޔައީ ކަމަށް" ޒޭބާ ބުންޏެވެ.
ބާޒިލް އެނދުގައި ހަށިގަނޑު ސީދާކޮށްލިއެވެ. ކޮޓަރީ ދޮރުވެސް ހުރީ ހުޅުވާފައެވެ. ސާރާ ކޮޓަރި ތެރޭގައި ހުރިތަން މެލެކް އަށް ރީއްޗަށް ފެންނާނެއެވެ. ސާރާ ބައްދާލިތަންވެސް ފެންނާނެއެވެ. އަނެއްކާ އަނެއް ކަންތަކެވެ. މެލެކް ހުންނާނީ ވަރަށް ހިތްހަމަނުޖެހިފައެވެ.
****
މެންދުރުގެ ވަގުތެވެ. ލޫލު އުރާލައިގެން މެލެކް ނިކުތީ ގޭ ދޮރުކައިރިއަށެވެ. މެންދުރުގެ ދިލަ ހޫނު މުޅި ރަށް ވަށާލާފައިވާ ކަހަލައެވެ. ގަދަ އަވީގެ ސަބަބުން މަގުމައްޗަށް ދެލޯ ސީދާކޮށްލަން ކެރޭ އިންސާނެއް ނެތެވެ. އެހެންނަމަވެސް ޖެހެމުން ދިޔަ ވައިން، އަވީގެ އަސަރު ބައެއް ފަހަރު މަޑުކޮށްލައެވެ. ލޫލު ގޮވައިގެން މެލެކް މިސްރާބުޖެހީ އަތިރިމައްޗާ ދިމާލަށެވެ.
"މިހާ ހޫނު ގަދައިރު ދަރިފުޅު ކޮންތާކަށް"
މެލެކް ދާތަން ތަބައްސުމް އަށް ފެނުނީ ހުޅުވާފައި ހުރި ކުޑަދޮރުންނެވެ. އޭނާ މެލެކް އާ ސުވާލުކުރީ ކުޑަދޮރުން ބޯދިއްކޮށްގެން ހުރެއެވެ.
"މި ދިމާލު ގަސްތައް ކައިރިއަށް. ގޭތެރޭގަ އޮވެއޮވެ ފޫހިވީމަ މިދަނީ" މެލެކް ޖަވާބުދިނެވެ.
"އިހަށް މަޑުކޮށްބަލަ" ތަބައްސުމް ބުންޏެވެ.
އެހާ އަވަހަށް ތަބައްސުމް ނިކުމެގެން އައިސް މެލެކް ކައިރީގައި ހުއްޓިއްޖެއެވެ. މެލެކްގެ ކޮނޑުގައި ތަބައްސުމް އަތް ޖައްސާލިއެވެ.
"ދަރިފުޅު ރަނގަޅުތަ؟" ތަބައްސުމް އަހާލިއެވެ.
"ކިހިނެއްވީ މަންމާ"
"މަންމައަށް ހީނުވާތީ. ކަމެއް ވަންޏާ ނުބުނެ ނުހުންނައްޗޭ. ކީއްވެ ގަސްދޮށަށް ތިދަނީ. މިތާ ގޯތިތެރެއަށް ވެސް ނުލާހިކު ރީތި ވައިއެބަޖެހޭ" ތަބައްސުމް ބުންޏެވެ.
"އަޅުގަނޑު ބައްޔެއްނޫން. ވަރަށް އަވަހަށް އަންނާނަމޭ. ނުލާހިކު ދާހިތުން މިދަނީ. މަންމަ ހާސްނުވެބަލަ. މީހުން ދައްކާ ފާޑުފާޑުގެ ވާހަކަ ނާހާނަން. ބޭކާރު ކަންކަމާ ނުވިސްނާނަން. އަޅުގަނޑު ހަނދާން އެބަހުރި މަންމަމެން ބުނާ ވާހަކަ. އަޅުގަނޑު ނޯމަލްއެއް ނޫންކަން"
"މަންމަ ދަންތަ؟" ތަބައްސުމް އަހާލިއެވެ.
"ނޫނެކޭ މަންމާ.... މަންމަ ތިއުޅެނީ ބައްޕައަށް ބަތްޕެން ކައްކައެއްނު. ބައްޕަވެސް އޮތީ ރޯގާ ޖެހިފައެއްނު. މަންމަ ހުރޭ ބައްޕަ ކައިރިގަ. ބަލާބަ ލޫލު އެ އުޅެނީ މިހާރު ލަސްވެގެން... މެލީ ގެ ލޯބިކޮޅު..." ލޫލުގެ ބޮޑު ދެކޮލުގެ ދެފަރާތުގައި ދެ އިނގިލިން ކޮށްޓައިލަމުން މެލެކް ބުންޏެވެ.
މެލެކް ހިނގައިގަތް މަންޒަރު ބަލަން ތަބައްސުމް ހުއްޓެވެ. މެލެކް ނުބުންޏަސް އެނާ އަށް އެނގެއެވެ. މެލެކް ހުރީ ކޮންމެވެސް ކަމަކާ އުނދަގޫ ވެފައެވެ. ގޭތެރެއިން އެ އުޅެނީ ހަމަޖެހުމެއް ނުލިބިގެންނެވެ. މެލެކްގެ ސިކުނޑީގައި އެނބުރެނީ ކޮންކަމެއް ހެއްޔެވެ؟ ތަބައްސުމް ގޭތެރެއަށް ވަތްއިރުވެސް ހުރެވުނީ މެލެކް އާ މެދު ވިސްނުމުގައެވެ. އެންމެންނާ ވަކިން އެގޮތަށް މެލެކް ދާން ދޫކޮށްލުން އެއީ ރަނގަޅަށް ކުރެވުނު ކަމެއްބާއޭ އޭނާގެ ހިތަށް އެރިއެވެ. ޓީވީ ރެކްމަތީގައި އޮތް ފޯނު ނަގައިގެން އައިސް ތަބައްސުމް އިށީނީ ސޯފާގައެވެ. އޭނާ ގުޅީ މައިލިން އަށެވެ. މެލެކް ގެ ފަރާތުން ކިތަންމެ ކުޑަ ތަފާތެއް ފެނުނަސް މައިލީން އޮންނަނީ ގުޅަން ބުނެފައެވެ. ތަބައްސުމް ގުޅީ އެހެންވެއެވެ.
"އަޅާނުލާ މަންމާ. މެލީ އެކަނި ދޫކޮށްލާ. މަންމައަށް އެނގެއެއްނު ބާޒިލް އާ މެލީ އާ ދެމެދު ކަންތައްގަނޑެއް ހިނގާކަން. ބޯ ހަމަޖެހުނީމަ އައިސްދާނެ. އެކަމު ލަސްވަންޏާ ވީ ހިސާބެއް ބަލާލަންވާނެ" މައިލީން ބުންޏެވެ.
(ނުނިމޭ)