ނަޒްމާން އެއްފަހަރު އެ ފޮޓޯއަށް އަނެއްފަހަރު ކުރިމަތީގައި ދާދި ގާތުގައި ހުރި ރޫހީނަށް ބަލައިލިއެވެ. ތަސްވީރުގައި އެ ހުރީ މައުސޫމު، ފިކުރުތަކުން ހުސްވެގެން ހުރި އުފާވެރި މޫނެކެވެ. އެއްވެސް މޭކަޕެއް ނެތުމާއެކުވެސް ޖަންބުކުލަ އަރާ ކޯތާފަތާއި ތޫނު ކަޅިރަވަ، ނަޒްމާނަށް މި ތަސްވީރުގައި ހުރި އަންހެންކުއްޖާ ދެކެ ލޯބި ވެވުނީ ސަބަބެއް ނެތި ނޫނެވެ.
އެކަމަކު މިއަދު އޭނާގެ ކުރިމަތީގައި ހުރި ރޫހީންގެ މޫނުމަތީގައި ހުރީ މާޔޫސްކަމެއްގެ އަސަރެވެ. އެ މާޔޫސްކަމާއި ވަގުތާއި ހާލަތުގެ ވޭނުން އުދާސްވެފައި ހުރުމާއެކުވެސް އަދިވެސް ރޫހީން ހާދަހާވާ ރީއްޗެވެ. ދެ ކުދިންގެ މަންމައަކަށް ވިއްޔާ ވާނީ ކީއް ހެއްޔެވެ. އެތަކެއް އަހަރުތަކެއް ފަހުން ދެވަނަ ފަހަރަށް މި ފުރުސަތު ނަގާލާކަށް ބޭނުމެއް ނޫނެވެ.
"އަހަރެން، ހީނާއަށް ޔަގީންކޮށްދޭން ކުރާނެ އިތުރުކަމެއް ނުވިސްނޭ، ހީނާ ބުނެބަލަ އަހަރެން ކުރަންވީ ކީއް؟ ބުނި ކޮންމެ ކަމެއް ކޮށްދޭނަން، ހީނާގެ އެ ނަލަނަލަ ސްމައިލް، އެ އުފާވެރިކަން އަނބުރާ ހޯދައިދޭން ކޮންމެ ކަމެއްވެސް ކުރަން ކެރޭނެ، ހުކުމަށް ގެންދާނެކަން އެނގޭ، އެކަމަކު މަ ބޭނުން ވަނީ މަގޭ އަތްނބެއްގެ ގޮތުގައި ހުރެގެން ދާން، ކޮންމެ މަހަކު ބައްދަލު ކުރަން ދާނަން، ގުޅާނަން، މާގިނަ ދުވަހެއް ވަންދެން ނުވެސް ބާއްވާނަން، ޕްލީޒް، މިފަހަރު ފިލައިގެން ނުދޭބަލަ،"
ނަޒްމާން އޭނާގެ ވޮލެޓު ކައިރީގައި ހުރި މޭޒުމަތީގައި ބާއްވަމުން އެނބުރި ރޫހީންގެ އަތުގައި ހިފައިލިއެވެ.
"ހީނާ... ގަބޫލު ކުރެވޭނީ ކިހިނެއް ކީއްކުރީމަ....؟"
"އަނ، އަނ އެންމެ ރަނގަޅު، ގަބޫލުކުރީޔޯ، އެހެންވެއްޖެއްޔާ ވިލިނީ އަކީ ކާކު....؟"
އެންމެފަހުން އެ ސުވާލު ރޫހީން ކޮށްފިއެވެ.
އެއީ ބައްދަލުވެ އެނގުނު ވަގުތުން ފެށިގެން ވިލިނީގެ ގިނަ ވާހަކަތަކުގައި ހުރި ހީރޯއަކީ ނަޒްމާން ކަމަށްވާތީއެވެ. ނަޒްމާނުގެ ރަހުމަތްތެރިކަމުގެ ވާހަކަ ލާނާ ނުދައްކާ ދުވަހެއް މަދުވާނެއެވެ. އަދި ބައެއް ފަހަރު ޖެއްސުމަށް ލާނާއާއި ނަޒްމާނާ އަޅުވައިކިޔުންވެސް އޮތީ އާންމުވެފައެވެ.
ދެފަހަރަކު މުއްދަތަށް ދިޔައިރު ލާނާއާއި ރޫހީނާއި ތާތި އެކުގައި ގެންދިޔައެވެ. އެއީ ފުރަތަމަ ފަހަރަށް ރޫހީނަށް ނަޒްމާން ފެނުނު ފަހަރެވެ. އެކަމަކު އެ ދުވަހު އެންމެންގެ ތެރެއިން ނަޒްމާން ގޮވީ ލާނާއަކަށް ނޫނެވެ. ރޫހީނަށެވެ. އެ ވަގުތު ލާނާ އެހެންމީހަކާ ވާހަކަދައްކަން ދުރުގައި ހުރީމަ ކަމަށްވެސް ވެދާނެއެވެ. ސީނިއާ އޮފިސަރެއް ގޮވާލުމުން ހިނިތުންވެލުމަކާއެކު ކީކޭތޯ އަހާލީ ރަސްމީ އުސޫލަކުންނެވެ. ނަޒްމާން ކޮންމެވެސް ޖަވާބެއް ދޭން އުޅުނު ކަންނޭނގެއެވެ. އެކަމަކު އޭގެ ކުރިން ލާނާ އެ ދެމެދަށް ވަދެ ނަޒްމާނަށް ގޮވާލިއެވެ.
"އުހޫމް، ހޭންޑްސަމް، މިކޮޅު އިންޗާޖުތަ؟"
ނަޒްމާން މާގިނަ ވާހަކައެއް ނުދައްކައެވެ. ކުޑަކޮށް ހީނލާފައި "އުނހު ނޫން، އަދި މިކޮޅުގައި މުޅިން ހުންނާކަށް ހަމަނުޖެހޭ، ހަމަ މާދަންވެސް ދާން ޖެހިދާނެ، ކިހިނެއް އެނގެނީ، ދޫނިދޫ ޕޯސްޓިންވެސް އައިސްދާނެ، އޭރަށް ގޮތްގޮތަށް އުޅުނަ ނުދޭނަން އިނގޭ، ފްރެންޑުންނަށް އެ ވާހަކަ އަންގާލުން ރަނގަޅުވާނެ،" ލޮލުގެ ކުޑަކޮޅުން ރޫހީނަށް ނަޒްމާން ބަލަމުންދިޔަކަން ހުދު ރޫހީނަށްވެސް އެނގެއެވެ. އެކަމަކު ނުވިސްނީ އެއީ ހަގީގަތުގައިވެސް އޭނާއަށް ވަކިންދޭ ނަޒަރެއް ކަމެވެ.
"ޕްލީޒް، ހީނާ، މިރޭ އެހެން ހުރިހާ ކަމެއް ހަނދާން ނައްތާލާފައި ހަމައެކަނި އަހަންނަށް ބަލައިބަލަ،"
އަނެއްކާވެސް ހިޔާލުގެ ވާފަށް ކަނޑައިގެން ދިޔައީ ނަޒްމާނުގެ އަޑަށެވެ. "ޑްރިންކްސް،" އެފެސްގެ އާފަލު ދެފުޅި ހިފައިގެން ހުރި ނަޒްމާނުގެ މޫނަށް ފަރުވާތެރިކަމާއެކު ރޫހީން ބަލައިލިއެވެ. "އެޕަލް، އެނގޭ ހީނާއަށް މީރު ވާނެކަން،"
ރޫހީންގެ މެއަށް ފިނިވެގެން ދިޔައެވެ. ގަބޫލު ކުރަން އުނދަގޫ ވިޔަސް ހަގީގަތް އެ ފެންނަނީ ކުރިމަތިންނެވެ. ގާތުންނެވެ. ތެދެކެވެ. އޭނާއަށް ފިޒީ ބުއިންތަކުން އެންމެ މީރު ރަހައަކީ އާފަލުގެ ރަހައެވެ. އެހާ ބޮޑަށް މީހަކަށް އޭނާ އެނގިދާނެ ކަމަކަށް ދުވަހަކުވެސް ހިއެއް ނުކުރެއެވެ. އަލަތު ފިރިމީހާއަށް އޭނާގެ އެފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވިފައެއް ނެތެވެ. މިގޮތަށް އޯގާތެރިކަމާއެކު އޭނާއާ ވާހަކަދައްކައި ހަމައެކަނި އޭނާގެ މޫނަށް ބަލައިލުމުން ހިތްހަމަޖެހުން ހޯދާފައެއް ނެތެވެ. އަވަސް އަރުވާލައިގެން ކައިވެނި ކުރެވުނު މޮޔަ ހީވިއިރު ދެކުދިން ތިއްބެވެ. ކުރާނީ ކީއްހެއްޔެވެ. ވަގުތާއި ހާލަތު އޭނާއަށް އޯގާތެރިވީއިރު އޭނާގެ އަމިއްލަ ނަފުސާއި ހިތް ވަނީ ވަރުބަލިވެ ފޫހިވެފައެވެ.
"އުނހު، ފޫހިވާކަށް ނުވޭ، އަހަރެން މި ހުރީނު، ހީނާ ވަރުބަލިވިޔަކަ ނުދޭނަން،" އަޖައިބެކެވެ. ނަޒްމާނަށް އޭނާގެ ހިތުގެ އަޑު އިވުނީ ކިހިނެއް ހެއްޔެވެ.
ރޫހީން ފުންނޭވާއެއް ލިއެވެ. ހިތްވަރުކޮށްލާފައި ނަޒްމާނާ ހަތަރުކަޅި ހަމަކޮށްލިއެވެ. އޭނާއަކީވެސް ހިއްސުތަކާއި އިހުސާސްތައް ހަމައަށް ހުރި އަންހެނެކެވެ. އުފަލާއި ހިތްހަމަޖެހުމާއި ލޯތްބަށް، އޯގާތެރިކަމާއި އަޅާލުމާއި ސަމާލުކަމަށް ނޭދެނީ ކޮން އިންސާނެއް ހެއްޔެވެ. އަމުދުން އެއީ އަންހެނުންގެ އެންމެ ބޮޑު ބަލިފަޔޭ ބުންޏަސް ރަނގަޅުވާނެއެވެ. ވީއިރު ނަޒްމާނުގެ އެހާ ބޮޑަށް އޯގާތެރިވުން، އެހާ ބޮޑަށް ގާތްވުން، ރޫހީނަށް އަސަރު ނުކުރުވާނެ ހެއްޔެވެ.
ކުއްލިއަކަށް ރޫހީން ސިހިއްޖެއެވެ. ހިނިތުންވުމެއް ވެރިވި މޫނުމައްޗަށް ކަންބޮޑުވުމާއި ނުރުހުމުގެ ކުލަ ވެރިވެއްޖެއެވެ. އަދިވެސް އޭނާގެ ސުވާލަށް ޖަވާބު ނުދީ ނަޒްމާނު އެ އުޅެނީ ކޮންކަމެއް ލިބޭތޯ ހެއްޔެވެ.
"އަހަރެންގެ ސުވާލަކަށް ޖަވާބެއް ނުދެމެއްނު، މަ އެހީ ވިލިނީ އަކީ ކާކުހޭ؟"
ނަޒްމާނަށް ބޯހޫރާލެވުނެވެ، މިއީ ކޮންކަހަލަ އަންހެނެއް ހެއްޔެވެ. އެކަމަކުވެސް އޭނާއަށް މި އަންހެންމީހާ ދެކެ ފޫހިވެ ރުޅި އަންނާނެ ހިތްވަރެއް ނުލިބެއެވެ. ބަސްނާހާ ހިތުގެ ގޮތް ދޫނުކުރުމުގެ ކުރިމަތީ އޭނާއަށް ޖެހެނީ ހަތިޔާރު ބަހައްޓާށެވެ.
"އޮހްހޯ. ވިލިނީ އެއީ ސުކޫލު ދައުރުގެ ރައްޓެއްސެއް. އަހަރެމެން ގުރުއާނާއި ޓިއުޝަނަށް ދިޔައީ މަޖީދުގެއަށް، އެއީ ކުޑައިރުގެ އެކުވެރިކަން އޮތް ހިސާބު، ބޮޑުވިފަހުން އަހަރެމެންގެ އާއިލާގެ އެކުވެރިކަން ބޮޮޑުވުމުން އޭގެ ތެރެއިން އަހަރެމެންގެ އެކުވެރިކަން ވެސް ދެމިގެން ދިޔައީ، ވިލިނީ ކައިވެނި ކުރީ އޭނާ ލޯބިވާ މީހާއާ، ދެން ލިބުނީ ދަރިފުޅު، އޭރު އަހަރެން ރާއްޖެއަކު ނުވެސް ހުންނާނެ، މާލެ އައިސް ވަޒީފާއަށް ނުކުތްތަނާހެން ފުރަތަމަ ކޭސް އައީ ވިލިނީގެ ފަރާތުން، ގެވެށި އަނިޔާއާ ދެކޮޅަށް، ކޮންމެހެން ވިލިނީ ވެގެނެއް ނޫން، އެގޮތަށް ކޮންމެ އަންހެނަކުވިޔަސް އަދި ފިރިހެނަކު ވިޔަސް އެހީއަށް އެދިގެން އައިސްފިނަމަ މަ އެހީވާނަން، އެކަމަކު މަށަށް އެހީއެއް ވެވުމުގެ ކުރިން އަނެއްކާވެސް އެ ދެމީހުން ކައިވެނި ރުޖޫއަ ކޮށްފި، ދެން، މާގިނަދުވަހެއް ނުވެ ގޭތެރެއިން ސިއްރުސިއްރުން ދައްކަން ފެށީ ކަމަގެ ވާހަކަ، ޅިޔަންބެއާ އެކު ސައިކަލު ދުއްވާ ވާހަކަ، މޫދުން ފެންނަ ވާހަކަ، އެކަހެރި ތަންތަނުން ރޭގަނޑު ލަސްގަޑިތަކުގައި ފެންނަ ވާހަކަ، އަދި ދެން ދެތިންމަސް ފަހުން، އިވުނީ އެ ވާހަކަ،"
ނަޒުމާނުގެ އަޑުގައި މާބޮޑު ތަފާތުކަމެއް ރޫހީނަަށް ފާހަގައެއް ނުކުރެވުނެވެ. ނަޒްމާނުގެ އެއްވެސް ޝައުގެއް ނެތް ކަމަށް ވަންޏާ، ވިލިނީ އެގޮތަށް ވާހަކަ ދައްކަނީ ކީއްވެގެންބާވައެވެ.
"ވިލިނީއަކީ ވަރަށް ގާތްކޮށް އެންމެނާވެސް ވާހަކަދައްކާ މީހެއް، ފާހަގައެއް ނުވޭތަ، އޭނައާ އެކުގައި އުޅެފަ ތިއައީ، ހީނާއަށް އޭނަ އެނގޭވަރަށް ވުރެ މާބޮޑަށްވެސް އަހަންނަށް އޭނަ އެނގޭނެ. އަހަރެން އެއް ނަންބަރަށް ދިޔަޔަސް މަށާވެސް ވާހަކަދައްކާ ފާޑަށް ސަމީރާވެސް ރަމީޒާވެސް ވާހަކަ ދައްކާނީ، އެކަމެއް ފާހަގައެއް ނުކުރެވޭތަ؟"
ނަޒްމާނު އެ ދެއްކީ ދޮގު ވާހަކަތަކެއް ނޫނެވެ. އެއީ ވިލިނީގެ ފަރާތުން ފެންނަ ސިފަތަކެކެވެ. އެހެންކަމަށް ވިޔަސް ނަޒްމާނާ ބެހޭ ގޮތުން ވިލިނީ ދައްކާފައިވާ ވާހަކަތަކަކީ ކޮންމެ މީހަކަށްވެސް ވިސްނާލަން މަޖުބޫރުވާނެ ފަދަ ވާހަކަތަކެކެވެ.
"ދެން ކީއްވެ، ވިލިނީ އެހެން ބުނަނީ، އެންމެން ގާތުގައި އެއް ވާހަކައެއް ކިޔަނީ، ނަޒްމާނު އޭނައާ ހެދި މޮޔަވެފަ ހުންނަ ވާހަކަ، ގޮޅީގައިވެސް އެހާ ކަންކަން ކޮށްދެނީ އެހެންވެގެނޭ ބުނަނީ ކީއްވެ؟"
ރޫހީންގެ ސުވާލަށް ނަޒްމާން ހީނގަތް އަޑު އިވުމުން ހައިރާންވެފައި ބަލައިލެވުނެވެ. ނޫނެކެވެ. ނަޒްމާނަކީ ރީތި ފިރިހެނެކެވެ. އަނހާ އަސްތާއެވެ. އޭނާގެ ލާނެތް ހިތްވެސް ކޮންމެފަދަ ވާހަކައެެއްވެސް ބުނެފާނެއެވެ. އަޖައިބެކެވެ.
"އޮހްހޯ. ހީނާ، ތީ ނޭނގޭ ވަރުގެ ވާހަކައެއްވެސް ނޫން ދޯ؟ އަމިއްލައަށް ނިކަން ރަނގަޅަށް ހަނދާންކޮށްފައި ބުނެބަލަ، ދޫނިދޫ ފިހާރައިން ބޭނުން އެއްޗެއް ގެނެސްދޭން ހުއްދަ ދިނީ ކާކަށް؟ ފިހާރައަށް ދާން ގޮޅިން ނެރުނީ ކާކު؟ ފިހާރައިން ނުކުތުމުން ގޮވާ ގެންގޮސް ހަޓް ކައިރީ ހުރެގެން ވާހަކަ ދެއްކީ ކާކާ؟ ކޮންމެ ރެއަކު އެއްފަހަރު އެއް ނަންބަރަށް ވަދެ، އެންމެން ފެންސަށް އަރާ ތިބޭ ގަޑީގައި އަހަރެންގެ ނަޒަރު ހުންނަނީ ކޮން ދިމާއަކަށް؟ އަފޫގެ ޑިއުޓީގައި ބޭރަށް ނެރެގެން އަފޫ ނޫނީ ސައްޕު ނުވަތަ ސުދޫ ގަސްދޮށަށް ގެންދަނީ ކާކު؟ ވިލިނީ ކޯޓަށް ގެންދާ ދުވަސްތަކުގައި ނިޔަފަތިކަނޑަން، ބޭރު ކުނިކަހަން، ރޯނު ހަލާކުވެފައި ހުރުމުން އެތަން ހަދަން، ޑޮކަށް ނަން ނޯޓު ނުކުރިޔަސް މެޑިކަށް ގެންދާ ބަހަނާގައި ގޮޅިން ނެރެގެން ގެންދަނީ ކާކު؟ ގައިމުވެސް ވިލިނީއެއް ނޫން،"
އެއީ ތެދެކެވެ. ނަޒްމާން އެ ހުރިހާ ވާހަކައެއް އެހާ ފުރިހަމައަށް ހަނދާން ހުރީތީވެ ރޫހީން ހައިރާންވެސް ވިއެވެ.
"އާދެބަލަ. ހަމަޖެހިގެން މިތާ އިށީނދެބަލަ. ބޮޑާ ހާކާނެ ވަގުތު ދޭނަމޭ،"
މިފަހަރު ރޫހީނަކަށް ނަޒްމާނާ ދެކޮޅެއް ނުހެދުނެވެ. ބަސްއަހާ ކުޑަކުއްޖަކު ފަދައިން ނަޒްމާނު، އޭނާގެ އަތުގައި ހިފައިގެން ގެންދަން އުޅުމުން މަޑުމަޑުން ގޮސް ސޯފާގައި އިށީނދެއްޖެއެވެ. އޭނާގެ ހިތާއި ނަފުސު އުފާވެރި ރާގަކަށް ނަށާލި ކަހަލައެވެ. ބަހާރު މޫސުމުގެ ފިނި ރޯޅިއެއް އައިސް މޫނުގައި ބީހިލީހެން ހީވިއެވެ. އަސްތާއެވެ. މިވަނީ ކޮންކޮން ގޮތްތަކެއް ހެއްޔެވެ.
"ބުނަން، ތިއަށްވުރެ ވަކިން ހާއްސަ ދެވަނަ އަންހެނެއް މި ނަޒްމާނަށްޓަކައި ނުހުންނާނެ، މާޒީ އޮތްތާނގައި ބާއްވާ، މިވަގުތު އަހަރެން މިހުރީ ހީނާއަށް ހުރިހާ އުފަލެއް ހޯދައިދޭން ތައްޔާރަށް، ވެދިޔަ ތަނުގެ ވާހަކަ ދައްކަންވީ ކީއްކުރަން، ދެން އޮތީ ޖަލު ހުކުމުގެ ވާހަކަ، ހުކުމް ކުރިޔަށްދިނިއްޔާތާ، އެންމެ ފަހަރަކުވެސް އަހަރެންގެ މީހަކަށް ވާން ތައްޔާރޭ ބުނެބަލަ، މުޅި ދުނިޔެ ދެކޮޅަށް އޮތަސް ހީނާ މަށާއެކުގައި ހުރިއްޔާ ހުރިހާ ދިމާއަކުން ސަލާމަތް ކުރާނަން،"
ރޫހީނަށް ހިނިތުންވެލެވުނީ ބޭއިހުތިޔާރުގައެވެ. ނަޒްމާނުގެ ދެލޮލުން އޭނާއަށް ޔަގީންކަންް ފެނުނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ކޮންމެގޮތެއް ވިޔަސް ނަޒްމާނާ މެދު އޭނާގެ ހިތުގައި ވިންދު ޖަހަން ފެށިކަމާ މެދު ދެކޮޅެއް ނުހެދޭނެއެވެ.
(ނުނިމޭ)