ބާޒިލް ދެލޯމަރާ ބާރުކޮށްލިއެވެ. އޭނާގެ ހިތުގައި ވަނީ ސާރާއެއް ނޫނޭ ބުނަން ކިތަންމެ ބޭނުންވިޔަސް މެލެކްގެ ކުރިމަތީގައި އެކަން ހާމަކުރަން އޭނާ ނުކުޅެދުނެވެ. ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން އޭނގެ ބޮލުގައި ރިއްސައިގަތެވެ. ދެއަތުން ބާޒިލް ބޮލުގައި ހިފެހެއްޓިއެވެ.
"ކިހިނެއްވީ؟ މާބޮޑަށް ރިއްސަނީތަ؟ އެބަ އަންނަން ސިސްޓަރ އެއް ގޮވައިގެން" މެލެކް ދާން އުޅުނު ވަގުތު ބާޒިލްގެ މެލެކްގެ އަތުގައި ހިފެހެއްޓިއެވެ. ހައިރާންވެފައި މެލެކް ބަލައިލިއެވެ.
"މަޑުކުރޭ" ބާޒިލް ބުންޏެވެ.
މެލެކް އަލުން ގޮނޑީގައި އިށީނެވެ. ބާޒިލް މެލެކް އާ ހަތަރުކަޅި ހަމަކޮށް ބަލައިލިއެވެ.
"ބޮލުގަ ރިއްސުން އެއްކޮށް ހުއްޓުވިދާނެ މެލެކް ސާރާގެ ވާހަކަދެއްކުން އެއްކޮށް ހުއްޓާލިއްޔާ" ބާޒިލް ބުންޏެވެ.
"ވަޓް...؟ ސާރާ..."
"ސާރާގެ ވާހަކަ މެލެކް ނުދައްކަބަލަ" ބާޒިލް ތަކުރާރު ކުރިއެވެ.
އޯކޭ... ހަމަޖެހިލާ" އަލުން ގޮނޑީގައި އިށީނދެލާފައި މެލެކް ބުންޏެވެ.
ދެފަރާތުން ވާހަކަނުދައްކާ ހިނދުކޮޅެއް ފާއިތުވެގެން ދިޔައެވެ. މެލެކް ލަސްލަހުން ބާޒިލް އަށް ބަލައިލިއެވެ. ބާޒިލްގެ މޫނުމަތިން އެއްޗެސް ކަމެއް މެލެކް އަށް ދެނެނުގަނެވުނެވެ. ސާރާގެ ވާހަކަ އަހަން ބާޒިލް ބޭނުންނުވާ ސަބަބެއް އެނގެން ބޭނުންވިއެވެ. އެކަމަކު ބާޒިލް މަނާ ކުރީ ދެންމެގައެވެ. ސާރާ އާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކޭނެ ހިތްވަރެއް މެލެކް އަށް ނުލިބުނެވެ.
"އަތް ދީބަލަ" މެލެކް ބަލައިލީ ބާޒިލްގެ އަޑަށެވެ.
"ކީކޭ..." އަޑުއިވުނީ ރަނގަޅަށްތީ މެލެކް ޔަގީންކޮށްލަން ބޭނުންވިއެވެ.
"އަހަރެން މިބުނީ މެލެކްގެ އަތްތިލަ އަހަރެންގެ އަތަށް ލައިދީބަލާށޭ" މެލެކް އަށް ސާފުވާނޭހެން ބާޒިލް ބުނެދިނެވެ.
ބާޒިލް ދިއްކޮށްލައިގެން އޮތް އަތަށް މެލެކް ބަލައިލިއެވެ. އޭނާ ހިތް ބުނި ފަދައިން ބާޒިލްގެ އަތުތެރެއަށް އޭނާގެ އަތްތިލަ ލިއެވެ. އެހިނދު މެލެކްގެ އަތްތިލއިގައި ހިފާލާފައި ގާތަށް ބާޒިލް ދަމާލިއެވެ. އަތަށް ވާންވުމުން މެލެކް އަށް ޖެހުނީ ގޮނޑިން ތެދުވެ ބާޒިލްގެ މޫނާ ގާތަށް ޖެހިލާށެވެ. ބާޒިލް ކުރަންއުޅޭ ކަމެއް ނޭނގިގެން މެލެކް މޫނުމަތިން ހާސްކަން ފެނިލިއެވެ.
"ކީއްކުރަން ތިއުޅެނީ؟" މެލެކް އަހާލިއެވެ.
ބާޒިލްގެ ފަރާތުން ޖަވާބެއް ނައެވެ. މެލެކް ބާޒިލް އަށް ބަލައިލިއެވެ. ބާޒިލް އޮތީ ދެލޯ މަރާލައިގެންނެވެ. މެލެކްގެ އަތް ގެންގޮސް ބާޒިލް ޖެއްސީ އޭނާގެ މެއާ ދިމާލުން ހިތާ ވީ ފަޅީގައެވެ. މެލެކްގެ ހިތުގެ ވިންދު އާދަޔާހިލާފަށް ވިންދުޖަހަން ފެށުމުން އަނެއްކާވެސް މެލެކް އަށް ބަލައިލެވުނީ ބާޒިލްގެ މޫނަށެވެ. ބާޒިލްގެ އެ އަމަލުތައް މަނާކުރަން ދަތިވެގެން އުޅޭފަދަ ގޮތަކަށް މެލެކް ދެފަރާތަށް ބޯހޫރަމުން ދިޔައެވެ. އޭނާއަށް އިތުރު ހައިރާންކަމެއް ލިބިގެން ދިޔައީ ހަމަ އެ ސިކުންތުގައި މެލެކްގެ އަތްތިލައިގައި ބާޒިލް ބޮސްދިނުމުންނެވެ. މެލެކް ދުރުކޮށްލަން އުޅުނު އަތްތިލައަށް ބާޒިލް ބާރުކޮށްލިއެވެ.
"ބާޒިލް..." މެލެކް ބުންޏެވެ.
ހަމަ ދަނޑިވަޅުގައި ދެވަނަ ފަހަރަށް ވެސް މެލެކްގެ އަތްތިލައިގައި ބާޒިލް ބޮސްދިނެވެ. މިފަހަރު މެލެކް ގަދަކަމުން ބާޒިލްގެ އަތުތެރެއިން އޭނާގެ އަތް ދަމައިގަތެވެ. ބާޒިލް އަށް އެއްޗެއް ބުނާނޭ ފުރުސަތެއް ނުދީ މެލެކް ފުރަގަސްދިނެވެ.
"ދަނީ..." މެލެކް ހިނގައިގަތީ ބާޒިލް އަށް ބަލައިލުމެއް ނެތިއެވެ. ވޯޑުގެ ދޮރުކައިރީގައި ނިވާވެގެން ހުރި ސާރާ މެލެކް އަށް ފެނުނީ ނިކުތްފަހުންނެވެ.
****
މައިލީން ސައިބޮއެގެން ތެދުވަން އުޅެނިކޮށް ކައިރީގައި އައްޒާމް އައިސް އިށީނެވެ. އޭނާ މައިލީން ކައިރިން އެދުނީ އަދި މަޑުކޮށްލުމަށެވެ. އިރުކޮޅެއްފަހުން ބަދިގެ އިން ނިކުމެގެން ތަބައްސުމް އައީ އިތުރު ޖޯޑަކާ ފެންބޯނެ ތައްޓެއް ހިފައިގެންނެވެ.
"ތާބާވެސް އިށީނދެބަލަ ސައިބޯން" އައްޒާމް ބުންޏެވެ.
ތަބައްސުމް އިށީނުމުގެ ކުރިން އައްޒާމް އަށް ކަޅު ސައި އެޅިއެވެ. ތަށި ކައިރިކޮށްލާފައި އޭނާ އިށީނެވެ.
"ރައްޔާނު އާ މެލެކް ސައިބުއީތަ؟" އައްޒާމް އަހާލިއެވެ.
"ޔާނު އައިގޮތަށް ހިނގައްޖެ ޑިއުޓީއަށް. މެލީ ދެންމެ ހޮސްޕިޓަލުން އައީ. ކޮޓަރިއަށް ވަދެއްޖެ. ގޮވާލަންތަ؟" މައިލީން ބުންޏެވެ. މައިލީން ދާން އުޅުމުން އައްޒާމް ދެފަރާތަށް ބޯހޫރާލިއެވެ. އޭނާ ހިމޭނުން އިނދެ ސައިބޮމުން ދިޔައެވެ.
"ބޮލަށް ލައިގެން ތިއުޅޭ ކަމެއް މިތަނަށް ވައްޓާލަބަލަ" ތަބައްސުމް ބުންޏެވެ. ކަމަކާ އުނދަގޫވެގެން އުޅޭހެން އައްޒާމްއަށް އިނުމުން ތަބައްސުމް ބުންޏެވެ. އައްޒާމްގެ އަމަލުތައް ހުރިގޮތުން ކަމަކާ ވިސްނާކަން ތަބައްސުމް އަށް ފާހަގަވާތާ އިރުކޮޅެއް ވެއްޖެއެވެ.
"އަހަރެމެންގެ ނިންމުން ބަދަލުކުރަން އެބަޖެހޭ ތާބާ" އައްޒާމް ބުންޏެވެ. ތަބައްސުމް އާއި މައިލީން ހައިރާންވެފައި އައްޒާމްއަށް ބަލައިލިއެވެ.
"އަހަރެމެން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެއީ ދެމަފިރިން ނޫން ކަމަކަށް ނުވާނެ. ބާޒިލް ބަލިވެ އޮތް ވާހަކަ ބުނުމުން މިއަދު އަހަރެންގެ ހަގުދަރިފުޅު އުޅުނު ގޮތް އަހަރެންގެ ލޮލަށް ފެނުނު. އެކުއްޖާގެ ސިކުނޑީގައި ބާޒިލްގެ ހަނދާންތައް ނެތަސް ހިތުގައި ބާޒިލްއަށްޓަކައި އިހުސާސެއް އެބަވޭ. މިއަދު އެމަންޖެއަށް ބަނދަރުމަތިން އަހަރެން ނުފެނުނު" އައްޒާމް ބުންޏެވެ.
"އެއީ ތެދެއް. އަޅުގަނޑަށްވެސް އެކަން ފާހަގަވާތާ ދުވަސްކޮޅެއްވެއްޖެ" މައިލީން ބުންޏެވެ.
"އަހަންނަށްވެސް ކުދިކުދި ކަންތައްތައް ފާހަގަވޭ. އެކަމަކުވެސް ބާޒިލްގެ އަތްމައްޗަށް އަހަންނަކަށް މެލެކް ދޫކޮށެއް ނުލެވޭނެ. އެއީ ނަމެއްގަ ތިބި ދެމަފިރިން. މެލެކްގެ ހަނދާންތައް ހުރިނަމަ ބާޒިލްގެ ހަޔާތުގައި އެންމެ ހިނދުކޮޅެއްވެސް މެލެކް ނުބެހެއްޓީމުސް. ފަހަތަށް ގޮސްފައި އޮތް ކަމެއް އަހަރެމެންނަށް ބަދަލެއް ނުކުރެވޭނެ. އެކަމަކު ކުރިއަށް އޮތް ނުރައްކަލަކުން މެލެކް ސަލާމަތްކުރަން މަސައްކަތްކުރުން ނޫންގޮތެއް އަހަރެމެންނަށް ނެތް" ތަބައްސުމް ބުންޏެވެ.
އައްޒާމް ފުން ނޭވައެއް ދޫކޮށްލިއެވެ. ކަޅު ސައި ތަށިން ކޯވަރެއް ބޯލާފައި އޭނާ އަނެއްކާވެސް ތަބައްސުމް އަށް ބަލައިލިއެވެ.
"މެލެކް އެއްކޮށް ރާއްޖެއިން ބޭރަށް ފޮނުމުވުމުގެ ވިސްނުން އަހަރެން ދޫކޮށްލައިފިން" އައްޒާމް ބުންޏެވެ.
ކުއްލިއަކަށް ނިންމުން އައްޒާމް ބަދަލުކުރުމުން ތަބައްސުމް ކުޑަކޮށް ހިތްހަމަނުޖެހޭ ގޮތް ވިއެވެ. އެހެންނަމަވެސް އެއްޗެއް ނުބުނެ އޭނާ ހިމޭނުން އިނީ އައްޒާމް ނިންމާފައި އޮތް ގޮތް ހާމަކުރަންދެނެވެ.
"ދަރިންނަށް ޓަކައި އަހަރެންގެ ހިތުގައިވެސް އުންމީދުތަކެއް އެބަވޭ. އަހަރެން ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނާޅާނަން ދަރީންނަށް ގެއްލުންވާނެ ގޮތަކަށް. އަމުދުން އަހަރެންގެ މެލެކް. އެއީ އަހަރެންގެ ފަރާތުން ހާއްސަ އެހީތެރިކަމަކާ އަޅާލުން ބޭނުންވާ ކުއްޖެއް. އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް އެންމެން މާލެ ބަދަލުވާން. މިކޮޅުގަ އަހަންނާ ރައްޔާނު ތިބޭނަން. މިހެން މިބުނީ އިމާރާތްކުރަމުންދާ ތަން އަހަރެން ބޭނުންވާ ފެންވަރަށް ހެދޭން އަދި އެއްއަހަރު ދުވަސް ނަގާފާނެ" އައްޒާމް ގެ ވާހަކަތައް ކުރިއަށް ގެންދިޔައިރު މައިލީން އާއި ތަބައްސުމް ހިމޭނުން އަޑުއަހަން ތިއްބެވެ.
"ބައްޕަ ބޭނުންވަނީ ދަރިފުޅުގެ ކައިވެނި މާލޭގެ ކުރުވަން. އޭރުން ދަރިފުޅުވެސް ހުންނާނީ ޑރ އަހަދުﷲ ގެ މައިންބަފައިންނާ އެއްފަސްގަނޑެއްގަ. އެކަކަށް މަދުވާނެ އެއްވެސް އެއްޗެއް ނޯންނާނެ..." މައިލީން އަށް ބަލައިލަމުން އައްޒާމް ބުންޏެވެ.
"ދަރިފުޅުގެ ތި ހިމޭންކަމަކީ މިކަމާ ދަރިފުޅު ނުރުހޭކަން ބައްޕަ އަންގައިދޭ ނިޝާނެއްތަ؟ އެހެންވިއްޔާ ބައްޕަ...."
"ނޫން... ނޫން..." މައިލީން އައްޒާމްގެ އަތުގައި ހިފާލިއެވެ. "ބައްޕަގެ ތި ނިންމުމަކީ މެލީއަށް ރަނގަޅަކަށް ނިންމި ނިންމުމެއް. މިހުރިހާ ދުވަހު އަޅުގަނޑުވެސް މެލީއަށްޓަކައި އެތައް ކަމެއް ގުރުބާންކޮށްފިން. މި ލިބުނީ އަދި އެއްފަހަރު ގުރުބާންވާނެ ފުރުސަތެއް. އަޅުގަނޑު އަހަދު އާ ވާހަކަދައްކާނަން" މައިލީން ބުންޏެވެ.
ދެން އައްޒާމް ބަލައިލީ ތަބައްސުމް އެވެ. ތަބައްސުމްގެ ނުރުހުމުގައި ވެސް އެކަން އޭނާއަށް މުޅިން ނިންމޭކަށް ނެތެވެ. ތަބައްސުމް އަކީ އޭނާގެ ހަށިގަނޑުގެ އެއްބައެވެ.
"ތިހެންވިއްޔާ އަހަރެންގެވެސް ޝަރުތެއް އެބައޮތް. އެއީ މެލީއަށް އެނގުމަކާނުލާ އެކުއްޖާއަތުން އެތައް ހެއްގެއް އެބަގެއްލޭ. އެހެންވީމަ މެލީ މާލޭގަ ހުންނަންޖެހޭނީ ލޫލު އާ އެކުގަ. ލޫލު ބޮޑުވާންޖެހޭނީ މެލީ ގާތުގަ ހުރެ. އަހަންނަށް އެނގޭ މިކަމަށް މެލީ ނުރުހޭނެކަން. އޭނާގެ ނަޒަރުގަ ލޫލުއަކީ އޭނަގެ ދަރިއެއް ނޫން. މީހެއްގެ ދަރިއެއް ގޮވައިގެން ނުދާން އޭނާ މަސައްކަތްކުރާނެ. އެހެންވީމަ މިކަމަކަށް އަހަރެމެން ޖެހޭނީ މެލީ ރުއްސަން" ތަބައްސުމް ބުންޏެވެ.
"ހިނގާ ތިހުރިހާ ކަމެއް ވަގުތަށް ދޫކޮށްލަމާ. މިކޮޅުން ފުރުމުގެ ހުރިހާ ކަމެއް އަހަރެން ނިންމާނަން" އައްޒާމް ބުންޏެވެ.
"މިސާލަކަށް ބާޒިލް މެލެކް ބޭނުންވެގެން އައިއްޔާ ކިހިނެއްހަދާނީ؟" މައިލީން ބުންޏެވެ.
"ބާޒިލްއަށް ހިތްބުރައެއް ނުކުރަން. އެކަމަކު މެލީއެއް ނުދެވޭނެ" އައްޒާމް ބުންޏެވެ.
****
ސިހާމާ އަނެއްކާވެސް އައިސް ސާރާގެ ކޮޓަރީގައި ޓަކި ދީފިއެވެ. ކުރިއެކޭ އެއްގޮތަށް ހަބަރެއް ނުވިއެވެ. ސިހާމާގެ މޫނުމަތިން ކަންބޮޑުވުމެއް ފެނިލިއެވެ. ހެޕީކޯނާއިން އައިފަހުން ސާރާ ހުންނަނީ ފާޑަކަށެވެ. ސުވާލުކުރުމުން އެއްވެސް ޖަވާބެއް ނުދިނެވެ. ފަހުން ކޮޓަރިއަށް ވަދެ ތަޅުލިގޮތަށް ނުވެސް ހުޅުވިއެވެ. ތިންދުވަހަށް ރަށް ކައިރީގައި އޮތް ރިސޯޓަކަށް ކުންފުނީގެ މަސައްކަތެއް ކުރަން ފުރަންދިޔަ ޝާފިއު އެތައް ފަހަރަކު ސާރާގެ ވާހަކަ އަހައިފިއެވެ. ތެދަށް ޝާފިއު ކައިރީގައި ސާރާ އާއި ބާޒިލްގެ ގުޅުން ހީނަރުވެފައިވާ ވާހަކަ ބުނާކަށް ނުކެރުނެވެ. އެހެންކަމުން އިރުކޮޅަކާ އޭނާ ސާރާގެ ކޮޓަރީގައި އެދަނީ ޓަކި ދެމުންނެވެ.
ސާރާ ދޮރު ނުހުޅުވާނެކަން އެނގުމުން ސިހާމާ އައީ ސޯފާ އާ ދިމާލަށެވެ. ޓީވީ ހުޅުވައިގެން އިނދެފައި އޭނާ ވިސްނާލިއެވެ. ސާރާގެ ހަބަރެއް ނުވިއްޔާ އެއީ ދެރަކަމެކެވެ. ވީގޮތެއް ބަލަން ޖެހޭނެއެވެ. ކޮޓަރިން އެއްވެސް އަޑެއް ނީވެއެވެ. ދޮރުދަށުން އަލިކަމެއް ނުފެނެއެވެ. ޑަބަލް ތަޅުދަނޑި ވީތަނެއްވެސް ނޭނގެއެވެ. ދިމާލަށް ހުރި މޭޒުމަތީގައި އޮތް ފޯނު ސިހާމާ ނެގިއެވެ. އޭނާ ސާރާގެ ފޯނަށް ގުޅިއެވެ. ނަސީބަކުން މިފަހަރު ސާރާ ފޯނު ނެގިއެވެ. ސިހާމާ އަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.
"ސާރާ... ނަސީބެއްނު ފޯނު ނެގިކަން. ދޮރުހުޅުވަބަލަ" ސިހާމާ ބުންޏެވެ.
ސާރާ ބަހެއް ނުކިޔައެވެ. އިރުކޮޅަކުން ފޯނު ކެނޑިއްޖެއެވެ. ސިހާމާ ދެވަނަ ފަހަރަށްވެސް ގުޅިއެވެ. އިރުކޮޅަކުން ކޮޓަރި ދޮރުހުޅުވި އަޑު އިވުނެވެ. ސިހާމާ ފަހަތަށް ބަލައިލިއެވެ. ސާރާ ނިކުމެގެން އަންނާނެކަމަށް ހީކުރެވުނަސް ސާރާ ނުނިކުތެވެ. ސިހާމާ ކޮޓަރި އާ ދިމާލަށް ހިނގައިގަތެވެ. ކޮޓަރިއަށް ވަދެފައި އެންމެފުރަތަމަވެސް އޭނާ ކޮޓަރީގެ ލައިޓްތައް ޖެއްސިއެވެ. އެނދު ކައިރީގައި ސާރާ އިނެވެ. އިސްތަށިގަނޑު ހޭވިފައެވެ. ސިހާމާ ހައިރާންވިއެވެ. މިއަދު އެގޭގައި ހިނގީ ކޮންކަމެއްކަން އެނގެން އޭނާ ބޭނުންވިއެވެ. ސިހާމާ އިށީނީ އެނދުގައެވެ.
"ސާރާ، ކަމެއްވީތަ؟ ކިހިނެއްވީ؟ ކީއްވެ ރޮވެނީ" ސިހާމާ އަހާލިއެވެ.
ސާރާގެ އަޑުބޭރުވީ އެވަގުތުއެވެ. އިސްޖަހައިގެން އިނފދެ ސާރާ ރޮމުން ދިޔައެވެ. މަޑުމަޑުން އޭނާ ސިހާމާގެ އުނގުގައި ބޯ އެޅިއެވެ. ސާރާ ރޯތަން އޭނާއަށް ނުފެންނަތާ ކިހާ ދުވަހެއް ހެއްޔެވެ؟ ބޮޑުކަމެއް ނުވާނަމަ އެގޮތަށް ސާރާ ނުރޯނެއެވެ.
"ބާޒިލް އެއްކޮށް ގުޅުން ކަނޑާލީތަ؟" ސިހާމާ އަހާލިއެވެ. އެހެން ބުނިތަ ބާޒިލް؟" ސިހާމާ ބުންޏެވެ.
"ބާޒިލް އަހަންނަށް ގެއްލިއްޖެ. މިހާރު އެއީ އަހަރެންގެ މީހެއް ނޫން" ރޮވޭވަރުން ސާރާ އަށް ވާހަކަދައްކަން ވެސް ދަތިވިއެވެ.
ސިހާމާ ވަރަށް ބޮޑަށް ހިތުގައިޖެހުނެވެ. ސާރާގެ އިސްތަށިގަނޑުގައި އޭނާ ފިރުމަމުން ދިޔައެވެ. ހިތާހިތުން ބާޒިލް އަށް ނަފްރަތުވެސް ކުރެވުނެވެ.
"ބާޒިލްއަށް އެވީ ކިހިނެއް؟" ސާރާ އަހާލިއެވެ.
"އިހަށް ހުއްޓާލަބަލަ. ފެންފޮދެއް ބޯލައިގެން ހަމަޖެހިލަބަލަ. ހިނގާ ހަމަޖެހިގެން ވާހަކަދައްކާލަން" ސިހާމާ ބުންޏެވެ.
ސިހާމާގެ އެތައް މަސައްކަތަކުން ސާރާގެ ރުއިން ހުއްޓުވުނެވެ. ތިރިން ސާރާ ނަގައިގެން ގެނެސް އެނދުގައި ބޭންދިއެވެ. ސާރާގެ ހޭވިފައިވާ އިސްތަށިގަނޑު އެއްކޮށްލާފައި ބާލިސް މަތީގައި އޮތް ވޫލުކޮޅުން އައްސާލިއެވެ. ރޮއެރޮއެ މީހާގެ ދެލޯ ވަނީ ރަތްވެ ދުޅަވެފައެވެ. މޫނުމަތި ވަނީ ރަތްވެފައެވެ. ސާރާގެ ނޭފަތުން ފައިބަމުން ދިޔަ ފެންތައް ޓިޝޫއަކުން ސާފުކޮށްލީ ސިހާމާ އެވެ.
"ދައްތަ މިއަދު ވަރަށް ދެރަވެއްޖެ" ސިހާމާ ބުންޏެވެ.
ސިހާމާ ދިއްކޮށްލި ފެންތަށިން ކޯވަރެއް ބޯލާފައި ސައިޑުކަބަޑު މަތީގައި ބެހެއްޓިއެވެ.
"ދެން ކިޔާބަލަ" ސިހާމާ ބުންޏެވެ
މަރުކަޒު ތެރެއިން އޭނާއަށް ފެނުނު މަންޒަރު ކިޔައިދިނެވެ. އެވަގުތު އޭނާއަށް ކުރެވުނު އިހުސާސާއި މެލެކް ބަލަހައްޓައިގެން ހުރި ވާހަކަވެސް ބުންޏެވެ. އޭނާއަށް ހުރިހާ ކަމެއް ފެނިއްޖެކަން އެނގުމުންވެސް އެއްވެސް ވާހަކައެއްދައްކަން ބާޒިލް ބޭނުންނުވިއެވެ. އަނެއްކާވެސް ސާރާގެ ދެލޮލުން ހޫނު ކަރުނަތައް ފައިބައިގަތެވެ.
"ބާޒިލް މީ ހާދަ ނުބައި އިންސާނެކޭ. އެގޮތަށް އޭނާއަށް ކަންތައްކުރެވިގެން ނުވާނެ. މިއީ ފުރަތަމަ ފަހަރެއްނޫން. ދެވަނަ ފަހަރު މިފަހަރު އަހަރެން މަޑުން ނުހުންނާނަން. ސާރާވެސް ހުރެގެން ނުވާނެ" ސިހާމާ ބުންޏެވެ.
"އަހަރެންގެ ހިތަށް ހާދަ ތަދެއް އެބަވެޔޭ ދައްތާ. އަދިވެސް ހީވަނީ އެމަންޒަރު ފެންނަހެން" ސާރާ ބުންޏެވެ.
ސާރާގެ ދެލޯ ކައިރި ސިހާމާ ފޮހެދިނެވެ. ސާރާއަށް ޓަކައި އޭނާގެ ހިތް ހަމްދަރުދީ އިން ފުރުނެވެ.
"އަޅާނުލާ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް އެކަން ހަނދާނުން ފޮހެލާ" ސިހާމާ ބުންޏެވެ.
ސިހާމާގެ ގައިގައި ލެގިލައިގެން އިނދެ ސާރާ ރޮމުން ދިޔައެވެ. ސިހާމާ ދިޔައީ ސާރާގެ ބުރަކަށީގައި ފިރުމަމުންނެވެ. އެހެން އިނދެ އޭނާ ވިސްނިއެވެ. މިއީ ރޭވުމެކެވެ. މި ރޭވުން ރޭވީ މައުސޫމާ އާއި ތަބައްސުމް އެވެ. އެމީހުން ބޭނުންވަނީ ބާޒިލްގެ ހަޔާތުން ސާރާ ދުރަށް ދާށެވެ. ވަރުގަދަ ކުޅިވަރެއް ކުޅެލާނަމެވެ. ބާޒިލް ޖެހޭނީ ދެވަނަ އަނބީގެ ގޮތުގައި ނަމަވެސް ސާރާ ގަބޫލުކުރާށެވެ. އޭނާ އިތުރަށް ސާރާ އާ ވާހަކަނުދައްކައެވެ. ވާހަކަދެއްކި ވަރަކަށް ސާރާގެ ހިތަށް ކުރާ އަސަރު ބޮޑުވާނެއެވެ. އޭނާ ސާރާގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައެވެ.
****
ދުވަހުގެ އިރުއޮށްސުނު ވަގުތު ބާޒިލް ގެއަށް ދޫކޮށްލިއެވެ. އޭނާ ގޮވައިގެން ގެއަށް އައީ ޒިޔާދެވެ. ސިޓިންގރޫމު ގައި އިން މައުސޫމާ ބާޒިލް ފެނުމާއެކު ގޮސް އަތުގައި ހިފިއެވެ. ބާޒިލްއަށް ގެއަށް އާދެވޭނެ ރަހުމަތެއް އެކަލާނގެ ލެއްވި ކަމަށްޓަކައި މައުސޫމާގެ ހިތް އުފަލުން ފުރުނެވެ.
"އޭނަ ކޮޓަރިއަށް ގެންދޭ. އަހަރެން އަންނާނަން މިސްކިތަށް އަރާލާފަ" ގެނައި ކޮތަޅުތައް މައުސޫމާ އަތަށް ދީފައި ޒިޔާދު ބުންޏެވެ.
ބާޒިލް ގޮވައިގެން މައސޫމާ ކޮޓަރިއަށް ވަނެވެ. އެނދުގައި ބާޒިލް އޮށޯންނަން އޭނާ އެހީވެދިނެވެ. ކުއިލްޓް ބާޒިލްގެ ގައިމަތީ އަޅާފައި އިސްތަށިގަނޑުގައި ފިރުމާލިއެވެ. މަންމަގެ އޯގާތެރި އެ އަމަލުން ބާޒިލްގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އޭނާ އަވަސް އަވަހަށް އެހެން ދިމާލަކަށް ބަލަން ފެށިއެވެ.
"މަންމަ އަންނާނަން ކާއެއްޗެހި ހިފައިގެން" މައުސޫމާ ބުންޏެވެ.
ބާޒިލް ބޯޖަހާލިއެވެ. ތެދުވެ އުޅޭކަށް އަދިވެސް އޭނާގެ ހަށިގަނޑު ތަނެއް ނުދެއެވެ. ހުން ނެތް ނަމަވެސް ކޮންމެވެސް ވަރަކަށް ބޮލުގައި ތަދެއް ހުއްޓެވެ. ކޮޅަށް ތެދުވުމުން ބޮލުގައި އެނބުރުމެއް ހުރެއެވެ.
"މަންމަ މިދަނީ އެނގޭ" މައުސޫމާ ބުންޏެވެ. ބާޒިލް ބޯޖަހާލިއެވެ.
މައުސޫމާ ދޮރު ލައްޕާލަން އުޅެނިކޮށް ބާޒިލް ގޮވާލިއެވެ. މައުސޫމާ ހިނިތުންވެލިއެވެ. ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުން އެއީ ބާޒިލް އެ ނަމުން ގޮވާލި ދެވަނަ ފަހަރެވެ.
"އެއްޗެއް ބޭނުންވީތަ؟" މައުސޫމާ އަހާލިއެވެ.
"ލޫލު ގެނެސްދީބަ" ބާޒިލް ބުންޏެވެ.
"ކޮޓަރިއަށް ވަނުމުގެ ކުރިން ބުނާނަން ކޫ ކައިރީގަ ލޫލު ގޮވައިގެން އަންނަން" މައުސޫމާ ބުންޏެވެ.
ކޮޓަރީގައި އެކަނިވުމާއެކު ބާޒިލްގެ ހަފަރާތުން މެލެކްގެ ހަނދާންތައް ވަށާލިއެވެ. ހޮސްޕިޓަލުގައި ހިނގި ކަންތައް އޭނާގެ ސިކުނޑީގައި އެނބުރެން ފެށިއެވެ. އޭނާގެ ހިތުގައި އޮތް އެއްޗެއް މިހާރު މެލެކް އަށް އެނގޭނެއެވެ. އަނގައިން ނުބުނެ އޭނާ މެލެކް އަށް ލޯބިވާކަމުގެ އިޝާރާތެއް ދީފިއެވެ. ލޯބިވާކަމަށް އިގްރާރުވެވުމުން ކޮންމެސް ވަރެއްގެ ހިތްހަމަޖެހުމެއް ހިތަށް ލިބިއްޖެއެވެ. އެހެންނަމަވެސް ހިތުގައި ކަންބޮޑުވުމެއް ވިއެވެ. މެލެކް ދެން ކަންތައްކުރާނީ ކިހިނެއް ކަމެއް ނޭނގެއެވެ.
ވާހަކަދައްކާނެ ކަމެއްވެސް ނޭނގެއެވެ. ނޫނެކެވެ. ވާހަކަދައްކާނެއެވެ. މެލެކްގެ ހިތުގައި އޮތީ ކީކޭ ކަމެއް ނޭނގުނަސް މެލެކްގެ ފަރާތުން ކުދިކުދި އިޝާރާތްތައް ހުރީ ލިބިފައެވެ. ވިސްނަން އޮވެފައި އޭނާ ފޯނު ހޯދާލިއެވެ. މެލެކް ނަންބަރު ފަރިތަކަމާއެކު ޖަހާލިއެވެ. އޭނާ ކަންފަތުގައި ފޯނު ޖެހުމުގެ ބަދަލުގައި ސްޕީކަރަށް ފޯނު ލިއެވެ. އޭނާ ހީކުރިގޮތަށް މެލެކް ފޯނަށް ޖަވާބު ނުދިނެވެ. ކުއްލިއަކަށް ދޮރު ހުޅުވާލިއެވެ. އެއާއެކު އެންމެ ފުރަތަމަވެސް އޭނާއަށް ފެނުނީ ލޫލުގެ ދޮންދޮން މޫނެވެ. ލޫލުގެ ވަސް މުޅި ކޮޓަރިތެރޭގައި ހިފާލިއެވެ. ބާޒިލް ފެނުމުން ލޫލު ހީގަތެވެ.
"މިއަދު ވަރަށް ބަސްއަހައޭ މިދަރި" ބާޒިލް އަތަށް ލޫލު ދީފައި ޒޭބާ ބުންޏެވެ.
"އިހަށް މަޑުކޮށްބަލަ. އެއްޗެއް ދައްކާލަންތަ؟" ޒޭބާ ބުންޏެވެ.
(ނުނިމޭ)