ވާހަކަ

ރުހުން ދީފާނުހޭ - 42

7

ގެނެސްފައި ހުރި ޗިޕްސްތައް ކަމުން އަހަދުﷲ މައިލީންގެ މޫނަށް ބަލަމުން ދިޔައެވެ. ކުއްލިއަކަށް އޭނާ ބުނެލި އެއްޗަކުން މައިލީންގެ ހަރަކާތްތައް ހުއްޓުނެވެ. މައިލީންގެ ތުންފަތަށް ވެރިވި ހިނިތުންވުން ބުނެދިނީ އަހަދުﷲ ގެ ދުލުން އެ ޖުމްލަ ތަކުރާރުވާ އަޑު އަހަން އޭނާ ބޭނުންވާ ކަމެވެ.

"އަހަރެން އިންތިޒާރު ކުރާނަން މައި އެހެން ބުނާނެ ދުވަހަކަށް" އަހަދުﷲ ބުންޏެވެ.

"އަހަދުގެ ތި އިންތިޒާރުގައި މާތްﷲ ބަރަކާތް ލައްވާށި" މައިލީން ބުންޏެވެ. އަހިނދު އަހަދުﷲ ގެ ތުންފަތަށްވެރިވީ މާނަފުން ހިނިތުންވުމެކެވެ.

****

މޫދު ކައިރީގައި ކަކުނިތަކާ ގޯނާކުރަން ހުރި މެލެކް އަށް ބަލަހައްޓައިގެން ރައްޔާން ހުއްޓެވެ. އޭނާ ބައެއްފަހަރު ފޯނު ނަގައިގެން މެލެކްގެ އެ މަންޒަރުތައް ފޯނަށް ރެކޯޑުކުރަމުން ދިޔައެވެ. މެލެކް ހަމަ ބަލާލާއިރަށް ފޯނު ޖީބަށް ލައެވެ. އެންމެފަހުން ވަރުބަލިވެގެން މެލެކް އައިސް ރައްޔާން އިށީނދެގެން އިން ގާގަނޑުގެ އަނެއްފަރާތުގައި އިށީނެވެ. މާދުރުން މޫދުގައި ތިބި ބަޔަކަށް އޭނާ ނަޒަރު ހުއްޓާލިއެވެ.

"ރޭގަނޑުގެ ހަނދުވަރުގަ އޭނަ އާ އެކު މިކަހަލަ ތަނަކަށް އައިސްލަން ބޭނުންވަނީ" މެލެކް ބުންޏެވެ.

"ކޮން އޭނައެއް. ބާޒިލް އޭ ބުނެބަލަ" ރައްޔާން ބުންޏެވެ. މެލެކް ހީލިއެވެ.

"ބައްޕަމެން އަހަރެން މާލެ ގެންދިޔައިމަ މިކަހަލަ ހިތްގައިމު މަންޒަރުތަކެއްވެސް ނުފެންނާނެ ދޯ" މެލެކް ބުންޏެވެ.

"ބޭބެ އާއި ދައްތަ ކޮންމެ ކަމެއްވެސް ނިންމަނީ ދަރިންނަށް ރަނގަޅަށް. ކޮންމެ ކަމަކަށްވެސް ރުހެންވާނެ" ރައްޔާން ބުންޏެވެ.

"އެކަމު ބުނަން އަހަރެން މާލެ ދާނީ ޔާނު ގެ ގާލްފްރެންޑް ދެއްކީމަ. އަހަންނަށް އެނގެއޭ ސިއްރުން މީހަކާ ވާހަކަދައްކާކަން" މެލެކް ބުންޏެވެ.

ރައްޔާން ޖަހާލީ ހިނިގަނޑެކެވެ. އޭނާ ލޯބީގެގޮތުން އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ. މެލެކް ފިޔަވާ އެހެން އެއްވެސް އަންހެނަކު އަދިވެސް އޭނާގެ ހިތުގައި ނުވެއެވެ.

"ކިހިނެއްވީ؟ ހޭނެ ކަމެއްނެތޭ. ދެ ދުވަހު އަހަރެން ތިކޮޓަރިން ފެނުނީމަ ފޯނު ކަނޑާލައިފި" މެލެކް ބުންޏެވެ.

"ﷲ ގަންދީ ހުވާ. އަދި އެއްވެސް ކުއްޖަކާއެކު ރިލޭޝަންޝިޕެއްގަ ނޫޅެން. އަހަރެންގެ ލައިފައަށް ގާލްއެއް އައިއްޔާ މެލީއަށް ސިއްރެއް ނުކުރާނަން" ރައްޔާން ބުންޏެވެ.

"ތިއީ އަހަރެމެންގެ ފެމެލީގަ ހުރި ހަމައެކަނި ބޯއީ. ޕްލީޒް އުޅެބަލަ އަވަހަށް މެރީކުރަން" މެލެކް ބުންޏެވެ.

"ކިޔާބަލަ ބާޒިލް އާ ދެކުދިންގެ ވާހަކަ" ރައްޔާން ގަސްތުގައި މައުލޫ ބަދަލުކޮށްލިއެވެ.

"އޯހް ގޯޑް... އަދި ހަނދާންނެތިފަ މިހުންނަނީ" މެލެކް ބުންޏެވެ.

ކޮނޑުގައި ހުރަހަށް އަޅުވާފައި އޮތް ދަބަހުން މެލެކް ނެގީ ފޯނެވެ. އޭނާ ގުޅީ ޒޭބާގެ ފޯނަށެވެ.

"ހޮސްޕިޓަލުގަ. އައިވީއެއް ގުޅާފަ އޮތީ. ހުންއައިސްފަ ވަރަށް ބޮޑަށް. އެބަތިބި އެންމެންވެސް" ޒޭބާ މެލެކްއަށް އޮޅުންފިލުވައިދިނެވެ.

މެލެކް ފޯނު ކަނޑާލާފައި ދަބަހަށް ފޯނު ލިއެވެ. އޭނާގެ މޫނުމަތިން މާޔޫސްކަމެއް ފެނިލިއެވެ. ރައްޔާން މެލެކް އަށް ބަލައިލިއެވެ.

"ބާޒިލް އުޅެނީ ވަރަށް ފާޑަކަށް. އަހަންނަށް ހީވަނީ ސާރާ އާ ރުޅިވެއްޖެހެން. އަހަންނަކަށް ނޭނގެ. ޔާން! އަހަރެން ބާޒިލް ވަރަށް ބޭނުން. ވަރަށް ލޯބިވޭ ބާޒިލްދެކެ. އެކަމަކު އަހަންނަކަށް ފައިޓެއް ނުކުރެވޭނެ. ބާޒިލް އަކީ ސާރާގެ މީހެއް. ބާޒިލް ސާރާދެކެ ލޯބިވޭ" އެއްދިމާލަކަށް ބަލަހައްޓައިގެން މެލެކް އިނެވެ.

މެލެކްގެ މޫނަށް ބަލަން އިން ރައްޔާން އިނީ ހެވިފައެވެ. ހިތަށް ތަދުވިޔަސް މެލެކްއަށް ލިބޭ އުފަލަކީ ހުދު އޭނާގެ ހިތަށް ލިބޭ ފަރުވާއެކެވެ.

"އަހަންނަށް އިތުބާރުކުރަންތަ؟" ރައްޔާން އަހާލިއެވެ. މެލެކް ރައްޔާނަށް ބަލައިލާފައި ބޯޖަހާލިއެވެ.

"ބާޒިލް އަކީ މެލީގެ މީހެއް. މުސްތަގުބަލުގަވެސް މެލީ ހުންނާނީ ބާޒިލްގެ އަނބިމީހާގެ ގޮތުގަ. ވެފައި އޮތް ކަމެއް ބަދަލެއް ނުކުރެވޭނެ. އެކަން ބަދަލުކުރަން ބާޒިލް އާ މެލީ ނޫޅެހާ ހިނދެއްގައި" ރައްޔާން ބުންޏެވެ.

މެލެކް ހައިރާންވެފައި ރައްޔާނަށް ބަލަހައްޓައިގެން އިނެވެ. އޭނާއަށް ނުވިސްނުނެވެ. ބާޒިލްގެ މީހަކަށް އޭނާ ވާނެގޮތެއް ނޭނގުނެވެ.

"ދެލޯމަރާލަބަލަ. ދެން ހިޔާލުކޮށްލާ މެލީ ބާޒިލް ގެ އަނބިމީހާގެ ގޮތުގަ ހުއްޓަ. ސިމްޕަލް.... " ރައްޔާން ބުންޏެވެ.

މެލެކް ދެލޯ މަރާލިއެވެ. އެހާ އަވަހަށް ދެލޯ ހުޅުވާވެސްލައިފިއެވެ. އޭނާ ދެލޯމެރުމުގެ ބޭނުމެއްނެތެވެ. ހޭލާ ހުއްޓަސް ބާޒިލްގެ ހިޔާލުތައް އޭނާ އާ ދުރެއް ނުވެއެވެ. ހިތުގައި ބާޒިލްއަށްޓަކައި ހާއްސަ މަގާމެއް ހުސްކުރެވުނު ހިސާބުން އޭނާއަށް އުންމީދު ކުރެވެނީ އެންމެ ކަމަކަށެވެ. ބާޒިލްގެ މީހަކަށް އޭނާ ވުމަށެވެ. އެއީ ވުމަށް ވުރެ ނުވުން ގާތް ކަމެއްކަން ވިސްނައިދޭން އޭނާގެ ސިކުނޑި މަސައްކަތް ކުރިޔަސް ބާޒިލްގެ ބަދަލުވަމުންދާ މިޒާޖާ ދުލުން ބޭރުކުރާ ދެ މާނަ އެކުލެވޭ ބަސްތަކުގެ ސަބަބުން އޭނާއަށް އުންމީދު ކުރެވެއެވެ.

"މިތިބީނު. އާދޭ ދާން" ފަހަތުން މައިލީން ގޮވާލިއެވެ.

ރައްޔާނާ މެލެކް ތެދުވެގެން ހިނގައިގަތެވެ. މައިލީން އަރާ ހަމަވެފައި މެލެކް އަހާލީ އަހަދުﷲ ގެ ވާހަކައެވެ.

"އަހަދު އަންނާނެ ރިޕޯޓް ނަގައިގެން ބަނދަރަށް" މައިލީން ބުންޏެވެ.

"ހިނގާ އަވަހަށް. މެލީ އަވަހަށް ދާން ބޭނުމޯ. ބާޒިލް ވަރަށް ބަލިވެގެން ހޮސްޕިޓަލަށް ގެންގޮސްފި އޯ" ރައްޔާން ބުންޏެވެ.

މެލެކް ހުރީ ހިމޭންވެފައެވެ. މެލެކް އަށް ބަލައިލާފައި މައިލީން ދެން ބަލައިލީ ރައްޔާނަށެވެ. މެލެކްގެއ ހިތުން ބާޒިލްއަށް މަގާމެއް ހުސްވަމުންދާކަން މައިލީން އަށް ފާހަގަވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މިފަހަކަށް އައިސް ބާޒިލްގެ ވާހަކަތައް މެލެކް ދައްކަނީ މާވަރަކަށެވެ.

****

ނިދިފައި އޮތް ބާޒިލްގެ މޫނަށް ބަލަހައްޓައިގެން ކައިރީގައި އިނީ މައުސޫމާ އެވެ. އޭނާގެ މޫނުމަތީގައި އަދިވެސް މާޔޫސްވެރިކަމެއް ހުއްޓެވެ. އޭނާ އިނީ ބާޒިލް އާ މެދު ކަންބޮޑުވެފައެވެ. ހޮސްޕިޓަލަށް ގެނައިފަހުން ބާޒިލް އާ އަދި ރަނގަޅަށް ވާހަކަދައްކާ ނުލެވެއެވެ. މައުސޫމާގެ ހިތަށް އެތައް އެއްޗެއް އަރައި ފައިބަމުން ދިޔައެވެ. ވޯޑުގެ ތެރެއަށް ވަދެގެން އައި ޒިޔާދު، ގެނައި ކުރުނބާ ފެންފުޅި ކަބަޑުމަތީގައި ބަހައްޓާފައި ބާޒިލްގެ ބޮލާ ދިމާލުން ހުއްޓުނެވެ. ދެން ބަލައިލީ ބާޒިލްގެ އަތަށް ގުޅާފައި ހުރި އައިވީ އަށެވެ.

"ފުޅި ހުސްވާން އަދި ގާތްވެސްނުވޭ ދޯ" ޒިޔާދު ބުންޏެވެ.

އޭރުވެސް ހިމޭންވެފައި މައުސޫމާ ބަލަން އިނީ ބާޒިލް އަށެވެ. ޒިޔާދު ދެފަރާތަށް ބޯހޫރާލިއެވެ. އޭނާ އެނދު ވަށާލާފައި ގޮސް މައުސޫމާ ކޮނޑުގައި އަތްޖައްސާލިއެވެ. އެވަގުތު މައުސޫމާ ޒިޔާދަށް ބަލައިލިއެވެ.

"މައުސޫމާ ގެއަށް ދާންވީނުން. އަހަރެން މިތާ މަޑުކޮށްލާނަން. ގެއަށް ގޮސް ފެންވަރައިގެން ކައިގެން ނަމާދުވެސް ކޮށްލައިގެން އާދޭ" ޒިޔާދު ބުންޏެވެ.

މައުސޫމާ ތެދުވިއެވެ. ކަބަޑުމަތީގައި އޮތް އޭނާގެ ފޯނު ނަގައިގެން އައިސް ބާޒިލްގެ ބޮލާ ދިމާލުން ހުއްޓުނެވެ. ދެން އަތް ހިއްލާލާފައި ބާޒިލްގެ ނިތާއި އިސްތަށިގަނޑާއެކު ފިރުމާލިއެވެ.

"މީނަ ހޭލީމަ އަންގާލާތި. ރޭގަ ނުނިދާތީ ކަންނޭނގެ އެވަރަށް އެ ނިދަނީ" މައުސޫމާ ބުންޏެވެ.

ޒިޔާދު ބޯޖަހާލިއެވެ. މައުސޫމާ ބޭރަށް ނިކުންނަން ހިނގައިގަތެވެ.

****

ސާރާ ގެއަށް އައީ ޒޭބާ ލޫލުއަށް ކާންދޭން އިންދައެވެ. ސާރާ ވަދެގެން އައިސް ސޯފާގައި އިށީނެވެ. އޭނާ އަތުގައި އޮތް ފުރުޓު ކޮތަޅު ޒޭބާ އަށް ދިއްކޮށްލާފައި އެއީ އޭނާ ލޫލުއަށް ގެނައި އެއްޗެއް ކަމަށް ބުންޏެވެ. ކޮށިތެރޭގައި ކުޅެން އިން ލޫލު އުރާލަން ސާރާ އުޅުމުން ލޫލު ރޯންފެށިއެވެ.

"އިހަށް ބައިންދާލާ. މިގަޑީގަ ރޯންފަށައިފިއްޔާ ކޭއެތިކޮޅު ހޮޑަށް ދުއްވާލާފާނެ" ޒޭބާ ބުންޏެވެ.

ސާރާ ހިނިތުންވެލާފައި ސޯފާގައި އިށީނެވެ. ހިމޭނުން އިނދެ ގޭ އެކި ދިމާލަށް އޭނާ ބަލަމުން ދިޔައެވެ. އިރުރު މީހަކު ގޭތެރެއިން ނުފެންނާތީ އޭނާ އަހާލިއެވެ.

"ގޭ އެކަކުވެސް ނޫޅެނީތަ؟" ސާރާ އަހާލިއެވެ.

ޒޭބާ ބަލައިލީ ފާޑަކަށެވެ. ބާޒިލް އަށް ކަމެއްވެގެން އުޅޭކަން ސާރާއަށް ނޭނގެނީބާއޭ ހިތަށް އެރިއެވެ. ސާރާ ބުނާ އެއްޗެއް ބަލާލަން ޒޭބާ އެއްޗެއް އަހާލަން ހިތަށް އެރިއެވެ.

"މަންމަ އެބައާދޭ. ޒެއްލުގެ ހަބަރެއް ނުވޭތަ މިއަދު" ޒޭޔބާ އަހާލިއެވެ.

"ނޫނޭ. ވަރަށް ރަނގަޅު މޫޑެއްގަ މިއަދު ހުރީ. ގުޅާލީމަ އެދިޔައީ ގެއަށް ގެނެސްދީފަ. ބުނި އޮފީސް ނިންމާފަ އަންނަންދެން އިންނައްޗޭ" ސާރާ ބުންޏެވެ.

ޒޭބާ އަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ކުރިމަތީގައި އިން އަންހެނަކު އެހާ ރީތި ދޮގުތަކެއް ހާރަކަށް އަމުނަމުން ދާތީ ސާރާ އިނީ ހައިރާންވެގެން ކިޔާނެ ބަހެއްވެސް ނޭނގިފައެވެ. ސާރާ އެހާ ދޮގުހަދަންޖެހޭ ސަބަބެއް ނުވިސްނިފައެވެ. ސާރާ ސާބިތުކޮށްދޭން އުޅޭ އެއްޗެއް ނޭނގިފައެވެ. މައުސޫމާ ކޮޓަރިން ނިކުތީ ވެސް އެވަގުތުއެވެ.

"މަންމަ މިދަނީ ހޮސްޕިޓަލަށް. ދެންމެ ބައްޕަ ގުޅާފަ ބުނި ޒެއްލު ހޭލައިފިއޭ. މަންމަ މިދަނީ ބަތްޕެންކޮޅު ހިފައިގެން" މައުސޫމާ ބުންޏެވެ.

އަވަސް އަރުވާލާފައި ދިޔަ މައުސޫމާ އަށް ސާރާ ނުފެންނަ ކަހަލައެވެ. އެއްފަހަރު މައުސޫމާ އަށް އަނެއްފަހަރު ޒޭބާ ހައިރާންކަމާއެކު ބަލަން އިން ސާރާ އަށް ވީގޮތެއް ނޭނގުނެވެ. އެހާ ރީތިގޮތަކަށް ޒޭބާގެ ކުރިމަތީގައި ބޭޒާރުވުމުން އޭނާ ލަދުގަނެއްޖެއެވެ. އެހެންނަމަވެސް ބާޒިލް އަށް ވީގޮތެއް އަހާނުލާވެސް ކެތެއްނުވިއެވެ.

"ޒެއްލު މިއަދު އޮފީހަކަށްނުދޭ. ހުމާ ފިހިފިހި ހޮސްޕިޓަލުގައި އެބައޮތް އެޑްމިޓްކޮށްފަ. ސާރާ ކައިރިއަށް ދިޔައީ ޒެއްލު ސިފައިގައި ހުރި ޖިންނި އެއް ތޮއްޗެ. އެކަމަކު ބުނަންތަ ސާރާ، ދޮގު ވާނީ ދޮގަށް. ސާރާ ކޮންކަމަކާ ތިހާ ދޮގުހަދަނީ. އަހަރެން އެއްޗެއް އެހީއެއްވެސް ނޫނެއްނު" ޒޭބާ ބުންޏެވެ.

"ޒެއްލު... ޒެއްލު ބަލިވީ ކީއްވެ؟ އެކަކުވެސް ނުބުނޭ އެއްޗެކޭ. އަހަރެން މިދަނީ ހޮސްޕިޓަލަށް" ސާރާ ތެދުވެގެން ހިނގައިގަތެވެ.

"ސާރާ ކޮންމެހެން ނުދިޔަސް ވެދާނެ. ޒެއްލު ބޭނުންވާ މީހާ އިރުކޮޅަކުން ހޮސްޕިޓަލުން ދާނެ" ޒޭބާ ބުންޏެވެ. ދޮރާ ހަމައިން ސާރާ އެނބުރިފައި ޒޭބާ އަށް ބަލައިލިއެވެ. މެލެކް އާ ބާޒިލްގެ ގުޅުން ރަނގަޅު ނުވާނަމަ އެގޮތަށް ޒޭބާގެ ވާހަކަތަކެއް ނުހުންނާނެއެވެ. އެކަމަކު ޒޭބާ އަށް އެއްޗެއް ބުނުމެއްނެތި ނިކުތެވެ.

****

ރަށު ހޮސްޕިޓަލް ހުންނަނީ ބަނދަރާ ނުހަނު ގާތުގައެއެވެ. ރަށާ ލޯންޗު ކައިރި ކުރުމާއެކު ރައްޔާންގެ އެހީގައި މެލެކް ޖެޓީ މައްޗަށް ފޭބިއެވެ. ދަރިން ބަލާގޮސް ބަނދަރުމަތީގައި އައްޒާމްވެސް ހުއްޓެވެ. އެކަމަކު މަރުކަޒާ ދިމާލަށް ދުވެފައި ދިޔަ މެލެކް އަށް އައްޒާމް ނުފެނެއެވެ. ފަހަތުން އައި މައިލީން އާ އަހަދުﷲ އަދި ރައްޔާން އައްޒާމް އާ އަރައި ހަމަވެފައި މެލެކް އަށް ބަލައިލިއެވެ.

"ބާޒިލް ބަލިވެ އުޅޭ ވާހަކަ ބުނީމަ އެދިޔައީ" މައިލީން ބުންޏެވެ.

'އާނ މިހާރު ހުން ވިހެލައިފި. ބައްޕަ މިއައީ އެތަނަށް ވަދެލާފަ" އައްޒާމް ބުންޏެވެ.

"ހިނގާ ދަމާ ގެއާ ދިމާލަށް" އައްޒާމް ބުންޏެވެ.

ދަރީން ގޮވައިގެން އައްޒާމް ހިނގައިގަތެވެ. އޭރުވެސް އެއްކަމެއް އޭނާގެ ސިކުނޑީގައި ހުއްޓުމެއްނެތި އެނބުރެމުން ދިޔައެވެ.

****

ބާޒިލްގެ އަތަށް ގުޅާފައި އޮތް އައިވީ އޮތީ ނިމުމަކަށް އައިސްފައެވެ. އަދިވެސް އަތުގައި އޮތީ ކެނިއުލާ ގުޅާފައެވެ. އެނދުގެ ހެޑުބޯޑުގައި ލެގިލައިގެން އޭނާ އިނެވެ. ކައިރީގައި އިން މައުސޫމާ ނޮޅާލާފައި ދިއްކޮށްލި އޮރެންޖްކޮޅު އޭނާގެ އަތުގައި އޮތެވެ. އޭނާ ދިޔައީ ލަސްލަހުން ކަމުންނެވެ. މައުސޫމާ ދެއްކި ވާހަކައެއް ނޫނީ އޭނާ ނުދައްކައެވެ. މޫނުމަތިން އަދިވެސް ބަލީގެ އަސަރު އެއްކޮށް ނުކެނޑެއެވެ. ހަށިގަނޑަށް އެޅި އައިވީގެ ސަބަބުން ގައިގައި ވަރުޖެހިފައި ހުއްޓަސް އަދިވެސް ހަށިގަނޑުގައި ލޮޑުކަމެއް ހުއްޓެވެ.

"މެލެކް..." މައުސޫމާ ބުންޏެވެ.

އެއާއެކު ބާޒިލް ދޮރާ ދިމާލަށް ބަލައިލިއެވެ. ވޯޑުތެރެއަށް ވަދެގެން އައި މެލެކް ފެނިފައި ބާޒިލް އަށް ހީވީ ކަޅު ހެދުމުގައި ހުރި ހޫރަލްޢީނެއް ލޯމަތިން ފެންނަމުންދާ ހެންނެވެ. އޭނާ އެ ހާލުގައި އިނދެވެސް ލޮލާ ބޮލުން މެލެކް އަށް ތައުރީފް ކުރިއެވެ. އޭނާ ހީލަން މަސައްކަތްކުރި ނަމަވެސް ހީނުލެވުނެވެ.

"މެލެކް..." މައުސޫމާ ބުންޏެވެ.

އެނދު ކައިރިއަށް އައިސް ހުއްޓުނުއިރު މެލެކްގެ ނަޒަރުވެސް ވީ ބާޒިލްގެނަޒަރާ ގުޅިލާމެހގިފައެވެ. އެމަންޒަރު ބަލަހައްޓައިގެން އިން މައުސޫމާގެ ހަވަނަ ހިއްސު އޭނާއަށް ހުރިހާ ކަމެއް އަންގައިދީފިއެވެ. އޭނާގެ ތުންފަތަށް ވެރިވި ހިނިތުންވުން ހަމައެހިނދުކޮޅުގައި ފިލައިގެން ދިޔައެވެ. އައްޒާމް އާއި ތަބައްސުމް ގެ ވާހަކަތައް ހަނދާންވެފައެވެ.

"ދެންމެތަ ތިއައީ..." މައުސޫމާ ވާހަކަދެއްކި އަޑަށް މެލެކް ބަލައިލިއެވެ. ބާޒިލްގެ ނަޒަރު މެލެކް އާ ވަކިވީވެސް ހަމަ އެހިނދުއެވެ.

"އައިގޮތަށް މަންމަގެ ބަލިކުއްޖާ ކައިރިއަށް މިއައީ..." މެލެކް ބުންޏެވެ. މައުސޫމާ ހީލާފައި ބާޒިލް އަށް ބަލައިލިއެވެ.

"މިހާރު ރަނގަޅުތަ؟" މެލެކް ބާޒިލް އަށް ބުންޏެވެ. ބާޒިލް ބޯޖަހާލިއެވެ.

"ގޭމީހުންނަށް އެނގޭތަ ދަރިފުޅު މިތަނަށް އައިކަން" މައުސޫމާ އަހާލިއެވެ. އޭނާއަށް ހީވާކަހަލައެވެ. އައްޒާމް އާއި ތަބައްސުމް މިހާރުން ފެށިގެން މެލެކްގެ ދެފައިގައި ހުންނާނީ ޗޭނު ޖަހާފައެވެ.

"ލޯންޗުން ފުންމާލިގޮތަށް މިއައީ. ދޮނާމެން މިހާރު ގެއަށް ހިނގައިދާނެ. އެނގޭނެއްނު މިހާރު" މެލެކް ބުންޏެވެ.

ވަގު ލޮލަކުން މައުސޫމާ ބާޒިލް އަށް ބަލައިލިއެވެ. ބާޒިލް އިނީ އިސްޖަހައިގެންނެވެ. އެއްވެސް ވާހަކައެއް ނުދައްކައެވެ. މައުސޫމާ ބޭނުންވީ ބާޒިލް ވާހަކަދައްކާށެވެ. އޭނާގެ ހިތުގައި ހުރި ޝަކުވާތައް ބޭރުކުރާށެވެ. ކުއްލިއަކަށް ބާޒިލް އަށް އައި ބަދަލާއެކު އޭނާގެ އަނގައިން ބަސް ހުސްވެފައިވާ ކަހަލައެވެ. ފަހަރެއްގައި މެލެކް އާ ބާޒިލް ވާހަކަދައްކާފާނެކަމަށް އެތަނުން ނިކުންނަން މައުސޫމާ ހިޔާލު ކުރިއެވެ.

"މަންމަ އެބައަންނަން މިތާ ކައިރި މިސްކިތަށް ވަދެލާފަ. މެލީ މަޑުކޮށްލާނަން ދޯ މަންމަ އަންނަންދެކަށް" މައުސޫމާ ބުންޏެވެ. މެލެކް ބޯޖަހާލިއެވެ.

ވޯޑުން މީހުން ހުސްވުމާއެކު މެލެކް އައިސް މައުސޫމާ އިން ގޮނޑީގައި އިށީނެވެ. ބާޒިލް އަށް ބަލައިލުމަށްފަހު މެލެކް ހިނިތުންވެލިއެވެ. ބާޒިލްގެ ތުންފަތަށް ހިނިތުންވުމެއްގެ އަސަރެއް ގެނެވުނީ އެތައް ވަރަކުންނެވެ.

"ކިހިނެއްވެފަ ތިއިންނަނީ" މެލެކް އަހާލިއެވެ.

"ތަދުވާތީ" ބާޒިލް ބުންޏެވެ. ރެއިން ފެށިގެން އެއީ ބާޒިލް އަނގައިން ބަހެއް ކިއި ފުރަތަމަ ފަހަރެވެ.

މެލެކް ހީލިއެވެ. އޭނާގެ އަތުން ބާޒިލްގެ އަތްތިލައިގައި މަޑުމަޑުން ފިރުމާލިއެވެ. އޭނާ އެގޮތަށް ކަންތައްކުރާހިއްވީ ކީއްވެގެން ކަމެއް ނޭނގުނެވެ. މެލެކްގެ އަތްތިލައަށް ބާޒިލް ބަލައިލިއެވެ. މެލެކްގެ އެންމެ ބީލުމަކުންވެސް އޭނާގެ ހަށިގަނޑަށް އެނގުންވެލައިގެން ހިނގައްޖެއެވެ. ކުއްލިއަކަށް މެލެކް އަށް ހައިރާންކަމެއް ލިބުނީ އޭނާގެ އަތްތިލަ މަތީގައި ބާޒިލް އަތް އެޅުމުންނެވެ. ބާޒިލްގެ އަތްދަށުން އަތްދަމައިގަންނަން މެލެކް ބޭނުންނުވިއެވެ. އެހެންނަމަވެސް ކުޑަކޮށް ލަދުގަންނަގޮތް ވިއެވެ. ބާޒިލް އަށް ބަލައިލެވުނީވެސް ލަދުވެތި ބެލުމަކުންނެވެ.

"ނާހާނަންތަ ރިއްސަނީ ކޮންތާކުތޯ" ބާޒިލް ބުންޏެވެ.

"ހުން އައިމަ ރިއްސާނެ. ގައިގަވެސް ބޮލުގަވެސް ރިއްސާނެ. ބައެއްފަހަރު ހުޅުހުޅުގަވެސް ރިއްސާނެ. ބަރާބަރަށް ބެސްކެއިމަ ވަރަށް އަވަހަށް ރަނގަޅުވާނެ" މެލެކް ބުންޏެވެ.

"ތިއިން އެއްވެސް ތަނެއްގަ މިވަގުތުގަ ނުރިއްސާ" ބާޒިލް ބުންޏެވެ. ބާޒިލް އަށް ބަލައިލަމުން މެލެކް ދެބުމަ ގޮށްޖަހާލިއެވެ.

"ދެން ކޮންތަނެއްގަ ރިއްސާ ވާހަކަތަ ތިބުނީ" މެލެކް ބުންޏެވެ.

"މިތަނުގަ..." ކެނިއުލާ ގުޅާފައި އޮތް އަތް މޭގެ ހިތާވީ ފަޅީގައި ޖައްސައިލަމުން ބާޒިލް ބުންޏެވެ.

ބާޒިލް އަތްޖައްސާލި ތަނަށް މެލެކް ބަލައިލިއެވެ. އަނެއްކާވެސް އޭނާ ލަސްލަހުން ބާޒިލްގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. ދެމަފިރިންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. ބާޒިލްގެ ދެލޮލުގެ ތެރެއިން އެހެންޏާ މެލެކް އަށް ފަހުމުނުވާ އިހުސާސެއްގެ އަސަރު ފެނިލިހެން ހީވިއެވެ. އެހިނދު އޭނާ ބާޒިލްގެ އަތުތެރެއިން މަޑުމަޑުން ބޭރަށް އަތްދަމާލިއެވެ. ބަލަން ނުބަލަން އުޅޭ ކަހަލަ ގޮތަކަށް ހަރަކާތްކޮށްލާފައި އިން ގޮނޑީގައި ހަމަޖެހިލިއެވެ.

"ހިތުގަ ރިއްސަނީ ދޯ. ލޯބިވަނީ ދޯ މާބޮޑަށް" މެލެކް ބުންޏެވެ. ހިތް އަންގައިދެމުންދިޔަ ޖަޒުބާތުތައް ގަބޫލުކުރަން މެލެކް ބޭނުމެއް ނުވިއެވެ.

"ވަރަށް ބޮޑަށް ލޯބިވެވިއްޖެ. ކެތްނުވާ މިންވަރަށް.... ހިތުން ދުވަހަކުވެސް ފަނޑުވެގެން ނުދާނޭ މިންވަރަށް. ދުނިޔޭން މޮޔަވާ މިންވަރަށް" ޖަޒުބާތީ އަޑަކުން ބާޒިލް ބުންޏެވެ. އޭނާގެ އެ ޖުމްލަތަކުގައި އެކުލެވިގެންވި ޖަޒުބާތީ އަސަރު މެލެކްގެ ހިތާ ހަމައަށް ފޯރިއެވެ. އެހެންނަމަވެސް ހިތުގައި އެ ޖުމްލަތައް ހަރުލައިގެން ދިޔައީ ތަފާތު މާނައެއްގައެވެ. އޭނާގެ ހިތުގައި ރިއްސާލީ ސާރާ އަށް އެދަރަޖައަށް ބާޒިލްގެ ހިތުގައި އޮތް ލޯބި ބާޒިލްގެ ދުލުން ބުނާ އަޑު އިވިފައެވެ. މިނޫނީ ފާޅުކަން ބޮޑު ގޮތެއްގައި ސާރާދެކެ ލޯބިވާކަމަށް ބާޒިލް އިއުތިރާފުވެފައެއް ނެތެވެ.

"ބާޒިލްގެ ތި އިންތިޒާރަށް ނިމުމެއް އައިސްފި. މިއަދު ދެކުނިން މިރަށުން ސާރާ. ވަރަށް އަވަހަށް ބައްދަލުކުރަން އަންނާނެ. އޭނަވެސް ބާޒިލްދެކެ ތިހާ ލޯބިވާއިރު ކިހިނެއް ދުރުގަ ހުންނާނީ. އަދި ކިރިޔާ މިއެނގުނީ ލަވް ބާޑްސް އެކަކު އަނެކަކުދެކެ ލޯބިވާ މިންވަރު" މެލެކް ބުންޏެވެ.

ބާޒިލް ދެލޯމަރާ ބާރުކޮށްލިއެވެ. އޭނާގެ ހިތުގައި ވަނީ ސާރާއެއް ނޫނޭ ބުނަން ކިތަންމެ ބޭނުންވިޔަސް މެލެކްގެ ކުރިމަތީގައި އެކަން ހާމަކުރަން އޭނާ ނުކުޅެދުނެވެ. ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން އޭނގެ ބޮލުގައި ރިއްސައިގަތެވެ. ދެއަތުން ބާޒިލް ބޮލުގައި ހިފެހެއްޓިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟