ވާހަކަ

ރުހުން ދީފާނުހޭ - 41

4

"ހުރިހާ ގޮތަކަށް ވިސްނާފަ. ބޭނުންވީ ތިދެކުދިންގެ ވަރީގެ ކަންކަންވެސް ނިންމަން. އެކަމަކު މިވަގުތު މެލެކްގެ ހާލަތު ހުރިގޮތުން އެކަން ވާކަށް ނެތް. އެކަމަށްޓަކައި މައާފަށްއެދެންވެސް ބޭނުން. އެކަމަކު ބޮޑުމީހާ ހާސްނުވޭ. ﷲ އިރާދަކުރެއްވިއްޔާ މެލެކް ހަނދާންތައް އައިހާ އަވަހަކަށް، ކިތަންމެ ގިނަ ދުވަހެއް ފަހުން ހަނދާންތައް އަޔަސް އެކަން ނިންމައިދޭނަން. ދެން އަނެއްކަމަކީ ލޫލުގެ ކަންތައް. ލޫލު މެލެކް ގާތުގައި ހުއްޓަސް ބޮޑުމީހާ އާ ބައްދަލުވާނެ. ބައްދަލުކޮށްދޭނަންވެސްމެ. ލޫލު ބޮޑުވާނީ ލޫލުގެ މައިންބަފައިން ދުނިޔޭގައި ތިބިހާ ހިނދެއްގައި މައިންބަފައިންގެ ލޯބި ލިބިގެން" އައްޒާމް ބުންޏެވެ.

އެއްވެސް އިހުތިޔާރެއްނެތި ބާޒިލްގެ ދެލޮލުން ކަރުނަތައް އޮހިގެން ދިޔައެވެ. އެމަންޒަރު ނުދައްކަން އޭނާ މޫނު ފޮރުވަން އަނެއްފަރާތަށް ކުޑަކޮށް އެނބުރިލިއެވެ. ހިތް ހީވަނީ މޭގެތެރޭގައި އޮވެ ފިތެމުންދާ ހެންނެވެ. އުންމީދުނުކޮށް ހުއްޓާ އޭނާގެ ދިރިއުޅުމަށް އެ ބިންދާލީ ހާދަހާ ބިޔަ ރާޅެކެވެ. ކެތްކުރަން ދަތި ވޭނެއް ބާޒިލްއަށް ލިބެމުން ދިޔައެވެ. އޭނާ އެތަނުން އަވަހަށް ދާން ބޭނުންވިއެވެ. އެންމެ ހިނދުކޮޅެއް ވަންދެން އެހެން އޭނާ އިނދެގެން ބޭޒާރުވެގެން ހިނގައިދާނެއެވެ. އޭނާގެ ހިތް ބަދަލުވެ ޒިންމާދާރު ފިރިއަކަށް ވާން ބޭނުންވިކަން އެއްވެސް މީހަކަށް އަދި ނާންގައެވެ. ކިތަންމެ ލަހުން ވިޔަސް އޭނާގެ ހިތާފުރާނައިން މެލެކްދެކެ ލޯބިވާކަން އެނގެނީ ހެއްދެވި ފަރާތަށެވެ. ހުދު މެލެކް ގާތުގައި އެކަމަށް އިއުތިރާފު ނުވެވެނީސް ގުޅުން އެވަނީ ކެނޑިފައެވެ. ކުއްލިއަކަށް ބާޒިލް އަށް ސިހުމެއް ލިބުނީ އޭނާގެ ކޮނޑުގައި އައްޒާމް ޖަހާލުމުންނެވެ. އެއީ ބާޒިލްގެ ލޮލުން ވެއްޓުނު ފެންތިކި އައިސް އޭނާގެ އަތްތިލައިގެ މައްޗަށް ވެއްޓުނު ވަގުތެވެ. އެމަންޒަރު އައްޒާމްއަށް ފެނުނެވެ.

"މިބުނެވުނީ ބުނަން އުޅުނު ވާހަކަ. މިއަދު ޒިޔާދު އާއި މައުސޫމާ ގާތުގައިވެސް މިވާހަކަ ދެއްކިން" އައްޒާމް ބުންޏެވެ.

"ބޮޑުމީހާ މިކަމަށް އެއްޗެއް ބުނަން ބޭނުންތަ؟ އަދިވެސް ތިއީ މެލީ ގެ ފިރިމީހާ. އެހެންވީމަ މިއަހާލީ. ބޮޑުމީހާ ބުނެބަލަ. މެލެކް އަށް އެންމެ ރަނގަޅު ގޮތުގެ ވާހަކައެއްނޫންތަ މިބުނެވުނީ" އައްޒާމް ބުންޏެވެ.

އަވަސް އަވަހަށް ބާޒިލްގެ ދެ ކަޅި ދެފަރާތަށް ހަރަކާތްކުރަން ފެށިއެވެ. އޭނާ ހިތުގައި އޮތް ގޮތަށް ބުނެގެން މެލެކްގެ މައިންބަފައިން ގަބޫލުކުރާނެ ހެއްޔެވެ؟ ކަންތައްކުރެވުނީ ބައެއްގެ އިތުބާރު ލިބޭ ވަރަށް ވުރެ ޒިންމާދާރުކަން ކުޑަ ގޮތަކަށެވެ. ކުއްލިއަކަށް ބާޒިލް ކޮޅަށް ތެދުވިއެވެ. އައްޒާމް އާއި ތަބައްސުމް އިން ފަރާތް ނޫން ދުރުފަރާތަށް އެނބުރިލާފައި އޭނާ ދަނީ ކަމުގައި ބުންޏެވެ. ސައިކަލަށް އަރައިގެން ބާޒިލް ދުއްވާލަންދެން ދެމަފިރިން ތިބީ ބަލަހައްޓައިގެންނެވެ.

"ރޮވިފަ އިނީ" އައްޒާމް ބުންޏެވެ.

"މަށަށް ވެސް ހީވި. ވެދާނެ ލޫލުގެ ވާހަކަ ބުނީމަކަށްވެސް" ތަބައްސުމް ބުންޏެވެ.

"އިންސާނުންނަކީ މިހާ ނިކަމެތި ބައެއްކަން މިކަހަލަ ވަގުތުތަކުގަ އެނގެނީ. ނޫންތަ؟ އަހަރެންގެ މެލެކްގެ ދިރިއުޅުން އޮންނާނީ މިހެން ކަމަށް ކުޑަވެސް އިޝާރާތެއް ވިނަމަ އަހަރެން އެމަންޖެގެ ކައިވެނި ބާޒިލްފަދަ އިންސާނަކާ ނުކުރުވީމުސް. އިންސާނުންގެ ހިތަށް އަރައި އެއްޗެހި ދެނެގަތުމުގެ ބާރާއި ހިތް ބަދަލުކުރުމުގެ ބާރު އިންސާނުންނަށް ލިބިގެންވާނަމަ އަހަރެންގެ ދަރިފުޅަށްޓަކައި ބާޒިލްގެ ހިތް ބަދަލުކުރުވީމުސް. އެކަމަކު ކީއްކުރާނީ؟ ތަގުދީރުގައި އޮތީމަ އެ ކައިވެންޏަށް ދަރިއަކުވެސް ލިބިއްޖެ" އައްޒާމް ބުންޏެވެ.

ތަބައްސުމް ތެދުވެގެން އައިސް ޖޯލީގައި އިށީނެވެ. އައްޒާމްގެ އަތުގައި ހިފައިލިއެވެ. އެވާހަކަ އެގޮތަށް ދައްކާނީ އައްޒާމްގެ ހިތަށް ވަރަށް ފުންއަސަރުތަކެއް ކޮށްގެންކަން އޭނާއަށް އެނގެއެވެ.

"ތިވާހަކަ ނުދައްކަމާ. ﷲ އަށް މިލްކުވެވޮޑިގެންވާ ކަންކަން އެއީ. އަހަރެމެން އިންސާނުންނަކަށް އެކަން މިގޮތަށްވިނަމަ ކިހާ ރަނގަޅުހޭ ނޫނީ ނުވިނަމަ ކިހާ ރަނގަޅުހޭ ކިޔުމުގެ ހައްގެއް ނޯވޭ. އައްޒާމަކީ ދަރިންދެކެ ލޯބިނުވާ، އަނބިމީހާއަށް ހިޔާނާތްތެރިވެފައިވާ މީހެއްކަން އެންމެ ގިނައިން ހަނދާންކޮށްދިން މީހަކީ އަހަރެން. އެހެންވީމަ އަނެއްކާވެސް އަހަރެން މައާފަށް މިއެދެނީ" ތަބައްސުމް ބުންޏެވެ.

ތަބައްސުމްގެ އަތްތިލައިގައި ބާރަށް އައްޒާމް ހިފަހައްޓާލިއެވެ. އޭނާ އެ އަތްތިލައިގައި ތަކުރާރުކޮށް ބޮސްދިނެވެ. އެހިނދު ހިނިތުންވެފައި އައްޒާމްގެ ކޮނޑުގައި ތަބައްސުމް ބޯ އަޅާލިއެވެ.

****

ގަޑިން އެގާރަ ގަޑި ބައިވިއިރުވެސް ސާރާ އިނީ ސޯފާގައެވެ. އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެން ސާރާ އިނީ މާޔޫސްވެފައެވެ. ދެއްކި ވާހަކަތަކަށްފަހު ބާޒިލްގެ ހަބަރެއް ވާނެކަމަށް އޭނާ ހީކުރިއެވެ. ހަބަރެއްނުވާތާ އޭނާގެ މެސެޖަކަށް ޖަވާބެއްވެސް ނުދިނެވެ. އެކަމާ ހެދިގެން ސާރާ އިނީ އެއްވެސް ކަމެއް ކުރާހިއްނުވެފައެވެ. އޭނާ އިނީ ކޮންމެ ގޮތެއް ހަދައިގެންވެސް ބާޒިލް އާ ވާހަކަދައްކަން ބޭނުންވެފައެވެ. ކުއްލިއަކަށް އޭނާގެ ފޯނަށް ފޯނެއް އަންނަން ފެށިއެވެ. ނުދަންނަ ނަންބަރެކެވެ. ނުނަގަން އިނދެފައިވެސް އޭނާގެ ހިތަށް އެރީ އެއީ ބާޒިލްގެ ކޯލަކަށް ވެސް ވެދާނެ ކަމަށެވެ. ވަގުތުން އޭނާ ފޯނަށް ޖަވާބުދިނެވެ.

"ކަލޭ ތަ؟" ސާރާގެ ކަންފަތުގައި ޖެހުނީ ބާޒިލްގެ އަޑެއް ނޫނެވެ.

"އަހަންނަށް ނުގުޅަފާނަންތަ؟ ޕްލީޒް... ޒަމްބެ ތިއެދޭ ކަންތައްތައް ނެތޭ ކޮށްދެވޭކަށް" ސާރާ ބުންޏެވެ.

އެންމެފަހުން ސާރާ ފޯނު ކަނޑާލިއެވެ. އޭނާގެ ބޯ ހާސްވެއްޖެއެވެ. އެ ހާލަތުގައި ވެސް އޭނާއަށް ކުށްވެރިކުރެވުނީ ބާޒިލް އެވެ. ހުރިހާ ކަމެއްވީ ބާޒިލްގެ ސަބަބުންނެވެ. އަތުންފައިން ހުރިހާ ގޯހެއް ހެދުނީ ބާޒިލްގެ ސަބަބުންނެވެ. ބާޒިލް އެގޮތަށް ކަންތައް ނުކުރިނަމަ އޭނާގެ ވަގުތުތައް އެހެން މީހަކަށް ހުސްނުކުރީހެވެ. ބޯ ހަމަޖައްސަން ރޭގަނޑުގެ ވަގުތުތައް ބޭރުގައި ހޭދަނުކުރީހެވެ. ސޯފާއިން ތެދުވެގެން ސާރާ ދެކޮޅަށް ހިނގަން ފެށިއެވެ. ޒަމްހަދުގެ އުނދަގޫ މާބޮޑު ވެއްޖެއެވެ. ލޯބިވާ މީހަކު ހުރި ވާހަކަވެސް ބުނެވިއްޖެއެވެ. އެވަރުންވެސް އާދޭސް ކުރުން ނުހުއްޓިއެވެ. އެންމެފަހުން ސާރާ ސޯފާގައި ހުރި ކުޝަންތައް އެތައް މިތަނަށް އުކާލިއެވެ. މޭޒުމަތީގައި އޮތް ރިމޯޓުވެސް ދުރަށް އެއްލާލިއެވެ. އެ އަޑަށް ކޮޓަރިން ނިކުތް ސިހާމާ ދުމެއްޖަހާފައި އައިސް ސާރާ ކައިރިއަށް ހުއްޓުނެވެ.

"ސާރާ،" ސިހާމާ ގޮވާލިއެވެ.

ސާރާ ޖަވާބެއް ނުދިނެވެ. އެގޮތް މިގޮތްވެފައވާ އިސްތަށިތައް ރީތިކޮށްލަމުން ސާރާ ސޯފާގައި އިށީނެވެ. އުކާފައި ހުރި ކުޝަންތަކާ އެއްލާލާފައި އޮތް ރިމޯޓް ހިފައިގެން އައިސް ސިހާމާ ސާރާ ކައިރީގައި އިށީނެވެ.

"ކިހިނެއްވެގެން ތިއުޅެނީ؟ ސާރާގެ ބައްޕައަކީ ނިދި މަޑު މީހަކަށް ނުވިކަން ނަސީބެއްނު. ދެންވެސް ވެގެން އުޅޭގޮތެއް ކިޔާބަލަ" ސިހާމާ ބުންޏެވެ.

"ދައްތައަކަށް ނޭނގޭތަ ވެގެން މިއުޅޭ ކަންތައް. ބާޒިލް އަހަންނާ އެއްކޮށް ގުޅުން ކަނޑާލާންވެގެން އުޅޭހެން ހީވަނީ" ސާރާ ބުންޏެވެ.

"އެހެން ކިހިނެއް ހީވަނީ؟ މީހަކު ގުޅުން ކަނޑާވަރުގެ ކަމެއް ވެއްޖެތަ؟ ކައިވެންޏެއް ކުރަން ތައްޔާރުވެފަ އެވަރުގެ ނިންމުމެއް އޭނާ ނިންމަންވާނީ އެކަށީގެންވާ ސަބަބެއް އޮވެގެން. އޭނާ ހަމަ ހިތަށް އަރާއިރަށް އެހެން ގުޅުން ކަނޑައެއް ނުލެވޭނެއްނު" ސިހާމާ ވާހަކަދެއްކީ ސާރާ އާ އެއްކޮޅަށެވެ.

"ނޫން... އެހެންފަހަރުތަކާ މިފަހަރު ހިލާފު. ބާޒިލްގެ އެއްވެސް ހަބަރެއްނުވޭ. އަހަރެން ދެއްކި ވާހަކަތަކުން އޭނާގެ ހިތަށް އެއްވެސް އަސަރެއް ނުކުރި. އެހެންނަމަ އެންމެފަހަރަކު ނަމަވެސް ގުޅާލާނެއްނު" ސާރާ ބުންޏެވެ.

"ތިއީ ސާރާ ހިތުގެ ނުބައި ވަސްވާސް. ހަމަޖެހިގެން ނިދަން ދޭ. މާދަމާ ހޭލައިގެން އަނެއްކާވެސް އެގެއަށްދޭ. ސާރާއަށް ވީހާވެސް ރަނގަޅަކަށް ކަންތައްތައް ކުރޭ. އެގޭމީހުން މެލެކް ނަގައި ލޮލުގެ އެސްފިޔަތައް މަތީގަ ބައިންދައިގެން އިނަސް މިވަގުތަށް ހަޖަމުކޮށްލާ. އެބައެނގެއެއްނު ބާޒިލްއަށް ބަދަލެއް އައިއްޔާ އައީ ސާރާގެވެސް ކުށެއް އޮވެގެންކަން. އަންގާވެސްނުލާ މާލެ ގޮސް ނުވީތާކަށް ބާޒިލްއަށް ފެނުނު މަންޒަރުވެސް" ސިހާމާ ވާހަކަދައްކަމުން ދިޔައިރު އެއްދިމާލަކަށް ބަލަހައްޓައިގެން އެއްވާނަކަށް ބޯޖަހާލަ ޖަހާލާ ސާރާ އިނެވެ.

"އެ ޒަމްހަދުވެސް ހީވަނީ އަންހެނަކު ނުފެނިގެން އުޅޭހެން. އެއި ބައްޕަގެ ބޮޑުމީހާ ނޫންނަމަ މިހާރު ޕޮލިހުގަ މައްސަލަ ޖެއްސީމުސް" ސާރާ ބުންޏެވެ.

****

އާދުވަހެކެވެ. ސައިހަދައިގެން ޒޭބާ އިނެވެ. ފަތިސް ނަމާދަށްފަހު އެކަކުވެސް ގޭތެރެއިން ނުފެނެއެވެ. ދަންވަރު ތިނެއް ޖެހިއިރު ހޭލިގޮތަށް ސަކަރާތުގައި އުޅެފައި ލޫލުވެސް ނިދީ ހައެއްވެސް ޖެހިފަހުންނެވެ. ޒޭބާ އަށް ވެސް ކުޑަކޮށް ނިދިފައި ހޭލެވުނުއިރު ހަތެއްވެސް ޖަހައިފިއެވެ. އަރާމުގައި ލޫލު ނިދާލާފައި އޮތުމުން ޒޭބާ އައީ ބަދިގެފަރާތަށެވެ. ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން އޭނާ ހީކުރީ އެކަކުވެސް ނުހޭލަނީ ކަމަށެވެ. ހެނދުނުގެ ސައި ތައްޔާރުކޮށްފައި މޭޒު ކައިރީގައި އޭނާ އިށިންފަހުން ގަޑިއެއްގެ އިރު ވެއްޖެއެވެ. ކޮޓަރިއެއްގެ ދޮރުލައްޕާލި އަޑު އިވުމުން ޒޭބާ ބަލައިލިއެވެ. ކޮޓަރިން ނިކުމެގެން އައީ ޒިޔާދުއެވެ.

"މިއަދު މިގޭ މީހުންނަށް ކިހިނެއްވެފަ؟" ޒޭބާ ބުންޏެވެ.

ޒޭބާ ތެދުވެފައި ޒިޔާދަށް ތަށި ގެނެސްދިނެވެ. ކަޅު ސައި އަޅައިދީފައި އަނެއްކާވެސް އޭނާ އިށީނެވެ.

"މަންމަގެ ހަބަރެއްވެސް ނުވޭ. ބައްޕަމެން ރޭގަ ނަމާދަށްވެސް ނުހޭލަންތަ؟" ޒޭބާ އަހާލިއެވެ.

"ރޭގަ ވީގޮތެއް ނޭނގުނު. މަންމަ އެބައާދޭ މިހާރު" ޒިޔާދު ބުންޏެވެ.

"ޒެއްލުވެސް މިއަދު ސައިނުބޮއެ މާއަވަހަށް ދިޔައީހެން ހީވަނީ" ޒޭބާ ބުންޏެވެ.

"ވެދާނެ. ކުންފުނީގެ އަހަރީ ދުވަހާ ދިމާކޮށް ޕްރޮމޯޝަނެއް ފަށަން އުޅޭ ވާހަކަ އަޑުއެހިން. އެކަމާހެން ހީވަނީ" ޒިޔާދު ބުންޏެވެ.

ޒިޔާދު ސައިބޮއެގެން ދިޔުމުން ޒޭބާ މަޑުކޮށްލިއެވެ. ރޭގައި ވަރަށް އަވަހަށް ނިދަން ވަތްކަން ޒޭބާ އަށް އެނގުނެވެ. އޭނާ އިނީ މައުސޫމާ އާ ވާހަކަދައްކާލަން ބޭނުންވެފައެވެ. މައުސޫމާ ނިކުމެގެން އައީ ޒޭބާ އެފަދަ ވިސްނުމެއްގައި އިންދައެވެ.

"މަންމަ ބަލީތަ؟" މައުސޫމާ ގޮނޑީގައި އިށީނުމުން ޒޭބާ އަހާލިއެވެ.

"ބޭސްކައިގެން ނިދީމަ މިހާރު ބޮލުގެ ރިހުން ފިލައިފި. ލޫލު މިއަދު ނުހޭލާ ދުވަހެއްތަ؟" މައުސޫމާ އަހާލިއެވެ.

"ހައެއް ޖެހިއިރު ނިދީ ދަންވަރު އެނދުމަތީގަ ޕާޓީކޮށްފަ. މެލީވެސް ޑޮކްޓަރަށް ދައްކަން އަތޮޅު ހޮސްޕިޓަލަށް ގޮސްގެނޯ އުޅެނީ. ހަވީރަށޯ އާދެވޭނީ" ތަށިން ރޮއްޓެއް ނަގަމުން ޒޭބާ ބުންޏެވެ.

"އާނ މަންމަ ކައިރީގަ ބުނި ދާ ވާހަކަ" މައުސޫމާ ބުންޏެވެ. ޒޭބާ އަށް ފާހަގަ ނުވިޔަސް މައުސޫމާގެ ކިބައިގައި އަދިވެސް ހިމޭންކަމެއް ވިއެވެ.

"ޒެއްލު ސައި ބުއިތަ؟" މައުސޫމާ އަހާލިއެވެ.

"ކޮންތާކު؟ ހަބަރެއްނުވޭ. މާ އަވަހަށް ދިޔައީ ތޯއްޗެ" ޒޭބާ ބުންޏެވެ.

ބާޒިލް ސައިބޯން ނާންނަކަން އެނގުމުން މައުސޫމާ ކަންބޮޑުވިއެވެ. ހޭލާ އޮވެގެން މިހުރިހާއިރު އޭނާ ކޮޓަރިން ނުނިކުންނަތް އޮތީ ބާޒިލް ސައިބޮއެގެން އޮފީހަށް ދަންދެކަށެވެ. ބާޒިލްގެ ކުރިމައްޗަށް އަރަން ބޭނުންނުވާތީއެވެ. ބާޒިލް ފެންނަ ކޮންމެފަހަރަކު އޭނާ ހިތަށް ތަދުވާތީއެވެ. މައުސޫމާ ބާޒިލްގެ ކޮޓަރި އާ ދިމާލަށް ބަލައިލިއެވެ.

"ޔަގީންތަ ބާޒިލް އޮފީހަށް ދިޔަކަން" މައުސޫމާ އަހާލިއެވެ.

"ކިހިނެއްވީ؟ ޔަގީނެއްނޫން. ދިޔަތަނެއް ނުދެކެން. ހަމަ ޔަގީނުންވެސް ސައިބޯކަށް ނާދޭ. ވެދާނެއްނު މާއަވަހަށް ދިޔައީ ކަމަށް. ބައްޕަ ބުނި އެތަނުގަ ކަމެއް ފަށައިގެން އުޅޭ ވާހަކަ" ޒޭބާ ބުންޏެވެ.

"އިހަށް އަތްދޮވެލައިގެން ބާޒިލް އަށް ގުޅާލަބަލަ" މައުސޫމާ ބުންޏެވެ. އޭނާ ބޭނުންވަނީ ޔަގީންކުރާށެވެ.

ޒޭބާ ހައިރާންވެފައި މައުސޫމާއަށް ބަލައިލިއެވެ.

"ކިހިނެއްވީ؟ ޔަގީނެއްނޫން. ދިޔަތަނެއް ނުދެކެން. ހަމަ ޔަގީނުންވެސް ސައިބޯކަށް ނާދޭ. ވެދާނެއްނު މާއަވަހަށް ދިޔައީ ކަމަށް. ބައްޕަ ބުނި އެތަނުގަ ކަމެއް ފަށައިގެން އުޅޭ ވާހަކަ" ޒޭބާ ބުންޏެވެ.

"އިހަށް އަތްދޮވެލައިގެން ބާޒިލް އަށް ގުޅާލަބަލަ" މައުސޫމާ ބުންޏެވެ.

ޒޭބާ ހައިރާންވެފައި މައުސޫމާއަށް ބަލައިލިއެވެ. މައުސޫމާގެ މޫނުމަތިން ކަންބޮޑުވުމެއް ފެނުމުން ޒޭބާ އަވަސްވީ އަތްދޮވެގެން ބާޒިލް އަށް ގުޅާށެވެ.

ޒޭބާ އަތް ދޮވެލައިގެން އައިސް މޭޒު ކައިރީގައި އިށީނެވެ. އޭނާ ފޯނު ނަގާފައި ބާޒިލް އަށް ގުޅާލިއެވެ. ފޯނެއް ނުނަގައެވެ. ޒޭބާ ބަލައިލީ މައުސޫމާގެ މޫނަށެވެ.

"ނުނަގަ ފޯނެއް. ވެދާނެ ބިޒީކަމަށްވެސް" ޒޭބާ ބުންޏެވެ.

މައުސޫމާ އިނީ ދެ ވިސްނުމެއްގައެވެ.

****

އެނދުގައި އިން ބާޒިލް ކުއްލިއަކަށް ބަލައިލީ ފޯނު ރިންގުވާން ފެށުމުންނެވެ. އޭނާ ބަލައިލިއިރު އަރާފައި އިނީ މެލެކްގެ ނަމެވެ. އޭނާ ފޯނު ނެގިއެވެ. ހަލޯ އޭ ނުބުނެވިގެން އުޅެނިކޮށް އޭނާގެ ދެލޮލުން ކަރުނަތައް އޮހިގަނެއްޖެއެވެ.

"ހަލޯ... ބާޒިލް..." މެލެކް ކިޔަމުން ދިޔައެވެ.

ބާޒިލްއަށް ބަހެއް ނުކިޔުނެވެ. ދުވަހަކުވެސް މިހާވަރަށް ކަމަކާ އޭނާގެ ހިތުގައި ނުޖެހެއެވެ. ރޭގަ އައްޒާމް ދެއްކި ވާހަކަތަކަށްފަހު ބާޒިލް މުޅިން ބަލިކޮށްލައިފިއެވެ. އޭނާއަށް ހަމަޖެހުމެއް ނުލިބި ދުނިޔެމަތިން މުޅިން ފޫހިކޮށްލައިފިއެވެ. ނަފްސާނީގޮތުން މުޅި މީހާ އެއްކޮށް ހިނދިއްޖެއެވެ.

"ބާޒިލް... ކީއްވެތަ ވާހަކަނުދައްކަނީ؟" މެލެކް ބުންޏެވެ. "އެބައިނިންތަ ފޯނުގަ"

ބާޒިލް އަށް ހަމަ ބަހެއް ނުކިޔުނެވެ. އެންމެފަހުން އޭނާގެ އަޑު ނިކުމެ މެލެކްގެ ކަންފަތަށް އެ އަޑު ފޯރައިފިއެވެ. ބާޒިލްއަށް ރޮވެނީކަން މެލެކް އަށް ޔަގީނެއް ނޫނެވެ. އެހެންނަމަވެސް އޭނާއަށް ޝައްކުވިއެވެ. ކޮންމެހެން އޭނާ ބާޒިލް އަށް ގުޅީވެސް މުޅި ދުވަހު ބާޒިލްގެ ހަބަރެއް ނުވާތީއެވެ. ފަހަކަށް އައިސް މެލެކްގެ ފޯނަށް އެންމެ ގިނައިން މެސެޖު ކުރާ މީހަކަށް ބާޒިލް ވާނެއެވެ. މިއަދު ބާޒިލްގެ އެއްވެސް އިޝާރާތެއް ނުވުމުން ބާޒިލް ވީތަނެއް ބަލާނުލާ ކެތްނުވީއެވެ.

"ބާޒިލް ކަމެއް ގޯސްވީތަ؟" މެލެކް އަހާލިއެވެ.

ހަމަ އެހިނދު ބާޒިލް ފޯނު ކަނޑާލައިފިއެވެ. އޭނާ ބޮލުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. އޭނާ ބޮލުގައި ރިހުން ގަދަވެއްޖެއެވެ. އެންމެފަހުން އޭނާ އެހާވަރަށް ރުއި ދުވަހެއް ހަނދާނެއްވެސް ނެތެވެ. މެލެކްގެ ލޯބި އޭނާ އެހާލަތަށް ގެންގޮސްދާނެ ކަމަކަށް އޭނާ ދުވަހަކުވެސް ހިއެއް ނުކުރެއެވެ. މިއަދު އޭނާ އެއްވެސް އެއްޗެއް ބޭނުމެއް ނެތެވެ. ބޭނުންވަނީ މެލެކްއެވެ. މެލެކް އާ އެކުގައި ވުމެވެ. އޭނާގެ އަޑިއަޅާލާފައިވާ ދިރިއުޅުން ކޮޅަށް ޖެހުމެވެ. ބޮލަށް ވަމުންދިޔަ ތަދު ނުކެނޑި އޭނާ އުއްޑުން އެނދުގައި އޮށޯވެލިއެވެ.

****

މެންދުރު ނަމާދަށްފަހު މައުސޫމާ ކޮޓަރިން ނިކުމެ ސޯފާގައި އިށީނެވެ. އޭނާ ދެތިންފަހަރަށް ޒޭބާ އަށް ގޮވާލިއެވެ. ބަދިގޭގައި ހުރި ޒޭބާ ބޯދިއްކޮށްލިއެވެ. އިރުކޮޅަކުން ޓިޝޫއަކުން ދެއަތް ފޮހެމުން ޒޭބާ އައިސް އިށީނެވެ.

"ބާޒިލް އަށް މެސެޖު ކުރިންތަ؟ ބުނިތަ މެންދުރު ކާން އަންނާނަމޭ" މައުސޫމާ އަހާލިއެވެ.

"ނޭނގެ. އަދި އޭގެފަހުން ބަލާނުލެވޭ" ޒޭބާ ބުންޏެވެ.

ޒޭބާ ތެދުވެގެން އަލުން ބަދިގެއަށް ވަދެފައި އައިރު އަތުގައި ފޯނު އޮތެވެ. އޭނާ ބަލައިލިއިރު ބާޒިލް މެސެޖު ބަލާފައިވެސް ނެތެވެ.

"ޒެއްލު މެސެޖު ނުބަލާ. އެހެންނޫނީ އެވަރަށް ގުޅާފަ އޮތްތަން ފެނުނީމަ ގުޅާލާނެ. ކަމެއް ނުވަންޏާ އޭނަ ފޯނަށް ޖަވާބުނުދީއެއް ނުހުންނާނެ" ޒޭބާ ހައިރާންވިއެވެ. މައުސޫމާގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. އޭނާގެ ހިތަށް ވަސްވާސްތައް ވަންނަތާ އެތައް އިރެއް ވެއްޖެއެވެ.

"މެލީ ގުޅާ އެބަ" ޒޭބާ ބުންޏެވެ.

"މަންމަ އެބަ އަންނަން ބައްޕައަށް ގުޅާލާފަ. އޭރުން ބާޒިލް ވީ ތަނެއް އެނދިދާނެއްނު" މައުސޫމާ ތެދުވެގެން ހިނގައިގަތީ ކޮޓަރި އާ ދިމާލަށެވެ.

މެލެކްގެ ފޯނަށް ޒޭބާ ޖަވާބުދެމުން ބަދިގެ އާ ދިމާލަށް ޒޭބާ ހިނގައިގަތެވެ. މައުސޫމާ ގޮވާލުމުން އޭނާ އައީ ލޫލުއަށް ކާންދޭން ތައްޔާރުވަނިކޮށެވެ.

"ކީކޭ މެލީ. ޑޮކްޓަރަށް ދެއްކިއްޖެތަ؟" ޒޭބާ އަހާލިއެވެ.

"ޒޭބައްތާ... ބާޒިލް އަށް ކިހިނެއްވީ؟ އޭނަ ރަނގަޅުތަ؟" މެލެކް އަހާލިއެވެ.

ޒޭބާގެ ނިތަށް ރޫ އަރައިގެން ދިޔައެވެ. ކަމެއް ގޯސްވެއްޖެކަން ޒޭބާ އަށް ޔަގީންވީ އެހިސާބުންނެވެ. އޭނާ މެލެކް އާ ސުވާލުކުރިއެވެ.

"ކީކޭ؟ މިއުޅެނީ ޒެއްލުގެ ހަބަރެއް ނުވެގެން. މިގުޅަނީ އެނގޭ ވީގޮތެއް ބަލާލާފަ" ޒޭބާ ބުންޏެވެ.

ފޯނު ބަދިގޭ ކަބަޑުމަތީގައި ބާއްވާފައި ބާޒިލްގެ ކޮޓަރި އާ ދިމާލަށް ދަމުން ޒޭބާ ވަރަށް ބާރަށް މައުސޫމާ އަށް ގޮވާލިއެވެ. ހިތް ބިރުގެންފައި ހުރި މައުސޫމާ ކޮޓަރިން ނިކުތީ ދުވެފައެވެ. އޭރުވެސް އޭނާ ހުރީ ފޯނުން ޒިޔާދަށް ގުޅައިގެންނެވެ.

"މަންމާ ޒެއްލުއަށް ކޮންމެސް ކަމެއްވެއްޖެ" ޒޭބާ ހުރީ ބާޒިލްގެ ކޮޓަރީ ތަޅުގައި ހިފައިގެންނެވެ.

މައުސޫމާގެ ދެފައި ދަށުން ހީވީ ބިންގަނޑު ކެހިގެން ދިޔަހެންނެވެ. މައިމީހާ ވިއްޔާއެވެ. ޒޭބާ ބުނިގޮތުން އޭނާއަށް އިހުސާސްވީ ބާޒިލް ދުނިޔޭގައި ނެތްވާހަކަ ބުނަން އުޅުނު ހެންނެވެ. ހިތުގެ ތެޅުން އިންތިހާއަށް އަވަސްވެގެން އެހިނދުކޮޅު ދިޔައެވެ. އެހެންނަމަވެސް އޭނާ ހިތްވަރުކޮށްފައި ޒޭބާ ފަހަތުން ގޮސް ބާޒިލްގެ ދޮރުގައި ތަޅަން ފެށިއެވެ. ފޯނުގައި ހުރި ޒިޔާދު މައުސޫމާ އަށް ގޮވަމުން ދިޔައެވެ. އެހެންނަމަވެސް އަޑުއިވޭނީ ފޯނު ކަންފަތުގައި ޖަހާފައި ހުރިނަމައެއް ނޫން ހެއްޔެވެ؟ ދޮރުގައި ތަޅައިގެންވެސް ބާޒިލްގެ ހަބަރެއް ނުވުމުން މައުސޫމާގެ ދެލޮލުން ކަރުނަތައް އޮހެން ފެށިއެވެ. ކަމެއް ގޯސްނުވުމަށް އެދި ހިތާހިތުން ދުއާކުރެވެން ފެށިއެވެ. ޒޭބާ އިރުކޮޅަކުން އައީ ތަޅުދަނޑިފަތި ހިފައިގެންނެވެ. އޭނާ ދޮރުހުޅުވާލާފައި އެތެރެއަށް ވަނެވެ. އެނދުގައި އިށީނދެގެން ހިމޭންވެފައި އިން ބާޒިލް ފެނިފައި މައުސޫމާ އާއި ޒޭބާ އެކަކު އަނެކަކަށް ބަލައިލިގޮތަށް ބާޒިލް އާ ދިމާލަށް ދިޔައެވެ.

"ޒެއްލު ރަނގަޅެއްނު. ކިރިޔާ ހާޓްއެޓޭކެއް ނައީ" ޒޭބާ އައީ ބާޒިލް އާ ގާތަށެވެ. އޭނާ ހީކުރީ އޭނާގެ އެ ސަމާސާގައި ބާޒިލް ބައިވެރިވާނެ ކަމަށެވެ. މައުސޫމާ އަށް ޔަގީންވިއެވެ. ބާޒިލްއަށް ކަމެއް ވެއްޖެއެވެ. އޭނާ އައިސް ބާޒިލް ގާތުގައި އިށީނެވެ.

"ޒެއްލު..." ބާޒިލްގެ އަތުގައި މައުސޫމާ ހިފާލިއެވެ. އެއާއެކު އޭނާއަށް އަތް ދުރުވެސްކޮށްލެވިއްޖެއެވެ. ބާޒިލް އިނީ ހުން އައިސްފަކަން އެނގުނީ ދެނެވެ.

"ހުން އައިސްފަ. ޒެއްލު..." ޒޭބާ ބާޒިލްވެ އަތުގައި ހިފައި ތަޅުވައިގަތެވެ. އެވަރުންވެސް ބާޒިލްގެ ސަމާލުކަން ދެމައިންނަށް ނުލިބުނެވެ. އެއީ ޒިޔާދުވެސް އައިސް ވަތް ވަގުތެވެ.

"ހޮސްޕިޓަލަށް ހިނގާ... " ޒިޔާދު ބުންޏެވެ. މައިންބަފައިން ދެފަރާތުގައި އިށީނުމުންވެސް ބާޒިލްގެ ފުށުން މާބޮޑު އިޝާރާތެއް ނުފެނުނެވެ. ބާޒިލް މަސައްކަތްކުރީ ރޮބަޓެއް ފަދައިންނެވެ. އަނގައިން ބަހެއް ނުކިޔައެވެ. ގޭމީހުން ހިނގައިގަންނައިރަށް އޭނާ ހިނގައިގަނެއެވެ. ބާޒިލްގެ އަތުގައި ހިފައިގެން ކުރިން ދިޔައީ ޒިޔާދެވެ. މައުސޫމާ އާއި ޒޭބާ ދިޔައީ ފަހަތުންނެވެ. ދެ އަންހެނުންނަށްވެސް އެވަގުތު ތިބީ ރޮވިފައެވެ.

"ދަރިފުޅު ލޫލު ކައިރީގަ މަޑުކުރޭ" މައުސޫމާ ބުންޏެވެ.

****

ޑޮކްޓަރަށް ދައްކައި ނިންމާފައި ހަތަރުމީހުން ދިޔައީ ކާއެއްޗެއް ކެއުމަށް ކެފޭއަކަށެވެ. ވާހަކަތަކުގައި ތިބެ ރައްޔަނާ މެލެކް ކެއުން ނިންމާލާފައި ނިކުތީ ކެފޭއިން ބޭރަށެވެ. އެމީހުން ހަމަ ގަސްތުގައި މައިލީން އާއި އަހަދުﷲ އަށް ވަގުތުދީފައި ނިކުތް ކަމެއް ނޭނގެއެވެ. މޭޒު ކައިރީގައި އިން މައިލީންގެ އަތްމަތީގައި އަހަދުﷲ އަތް ބެއްވިއެވެ. އެހިނދު ލަދުގަނެފައި މައިލީން މަޑުމަޑުން އަތް ދުރަށް ޖައްސާލިއެވެ.

"ޕަބްލިކް ޕްލޭސްއެއް މިއީ. މީހުން ބަލާނެ" މައިލީން ބުންޏެވެ.

"ޕަބްލިކް ޕްލޭސްއެއް ވިއްޔާ އަހަންނަށް މައި ގެ އަތުގައި ހިފާނުލެވޭނެތަ؟" އަހަދުﷲ ބުންޏެވެ.

"އެހެނެއްނޫން... ދެން ކައިބަލަ" މައިލީން ބުންޏެވެ.

ގެނެސްފައި ހުރި ޗިޕްސްތައް ކަމުން އަހަދުﷲ މައިލީންގެ މޫނަށް ބަލަމުން ދިޔައެވެ. ކުއްލިއަކަށް އޭނާ ބުނެލި އެއްޗަކުން މައިލީންގެ ހަރަކާތްތައް ހުއްޓުނެވެ. މައިލީންގެ ތުންފަތަށް ވެރިވި ހިނިތުންވުން ބުނެދިނީ އަހަދުﷲ ގެ ދުލުން އެ ޖުމްލަ ތަކުރާރުވާ އަޑު އަހަން އޭނާ ބޭނުންވާ ކަމެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟