ވާހަކަ

އަލިވިލުން - 14

ރޫހީނާއި ފަސީލުގެ އެކުވެރިކަން ފެށުނީ އެ ބުނާ ދުވަސްތަކަށްފަހުގައެވެ. ފަސީލަކީ ރަށަށް ގޮސް ހުރި ބީރައްޓެއްސެކެވެ. ކޮންމެވެސް ސާވޭއަކަށް ގޮސް ހުރި ފަސީލަކީ ގއ. ވިލިނގިލީ ޒުވާނެކެވެ. ފުރަތަމަ ބައްދަލުވުމަށްފަހު ފަސީލު ހުރިހާ ކަމެއް ހުއްޓާލާފައި ރޫހީންގެ ދީވާނާއަކަށް ވެއްޖެއެވެ. އެކަކު އަނެކަކު ދަސްވެ، މިޒާޖާއި ހަގީގަތް އެނގޭނެ ވަގުތެއް ނުލިބުނެވެ.

ރޫހީންގެ އާނބަސް ލިބޭތޯ ފަސީލު ހަމަ ރަނގަޅަށްވެސް ޝާއިރަކަށް، މޮޅު އެކްޓަރަކަށް ބަދަލުވެގަތެވެ. އަދި ދުނިޔޭގެ ހަގީގީ ކުލައަށް މުޅިން ލޯނުހުޅުވި އިން، 19 ވަރަކަށް އަހަރުގެ ރޫހީން، ފަސީލުގެ މަޅީގައި ޖެހުނީ، ހުރިހާ ރައްޓެހިންގެ ނުފޫޒާއި އަޅުވާކިޔުމުގެ ތެރޭ، އެއީ އެންމެ ރަނގަޅު އިންސާނާކަމަށް ގަބޫލު ކޮށްގެންނެވެ. ފަސީލުގެ މަންމައަށް ރޫހީން ކަމުދިޔައީ، ބޮޑު ފިހާރައާއި ތަނަވަސް ގެއާއި ބޮޑު ދެ ދަނޑު ފެނިފައެވެ. އެނޫން އެއްވެސް ގޮތަކުން މަންމައަށް ރޫހީން ކަމުނުދާކަން ފަސީލަށްވެސް އެނގެއެވެ.

ރޫހީންގެ މައިންބަފައިންނާއި އާއިލާގެ އެއްވެސް މީހެއްގެ ރުހުމެއް ނެތްކަން އެނގުމުން ކައިވެނިކުރަން ނުކެރޭނެ ކަމަށް ބުނުމަށްފަހު، ފަސީލު ދެއްކި މޮޅު ދަޅައިގައި ރޫހީން ޖެހުނީއެވެ. ރޫހީން ނުލިބިއްޖެނަމަ އަމިއްލައަށް މަރުވާނެ ކަމަށް ބުނެ އާދޭސްކުރުމުން، ރޫހީނަށް ހީވީ އޭނާ ދެކެ ފަސީލު ވަރަށް ބޮޑަށް ލޯބިވާ ހެނެވެ. މަންމަމެނާ ދެކޮޅަށް ކައިވެނިކުރިކަމުގައި ވިޔަސް ކައިވެންޏަށްފަހު މަހެއްހާ ދުވަހަށް ވުރެ ގިނަ ދުވަހަކަށް ބައްޕައަށް ރޫހީން ދެކެ ރުޅި އައިސްފައި ހުންނާނެ ހިތްވަރެއް ނުލިބުނެވެ. ބީރައްޓެހި ރަށަކަށް ދަރިފުޅު ފޮނުވާލަން އެއްބަހެއް ނުވެވުނެވެ.

ކައިވެންޏަށްފަހު ފަސީލު، ރޫހީން ގޮވައިގެން ދާން އުޅުނުނަމަވެސް އެކަމާ ރޫހީންގެވެސް އަދި ފަސީލުގެވެސް މަންމަގެ ރުހުމެއް ނެތެވެ. ފަސީލުގެ މަންމަ ފަސީލަށް ވިސްނައިދިނީ ގަނޑުވަރެއްގެ ރާނީއަކު ގޮވައިގެން ވަކިން ހިނގައްޖެނަމަ އެ ގަނޑުވަރުގެ ފައިދާއެއް ނުކުރާނެ ކަމަށެވެ. އެހެންކަމުން ގަނޑުވަރާއި އެ ގަނޑުވަރުގެ ހުރިހާ ސާމާނެއް އަތްފޯރާފަށުގައި ބެހެއްޓުން މުހިންމު ކަމަށާއި ވީހާވެސް އަވަހަށް ދަރިއަކު ހޯދުމުން ފައިދާ ކުރާނެކަންވެސް ވިސްނައިދިނެވެ.

ކައިވެންޏަށް އަހަރުވީއިރު ރޫހީންގެ އުނގުގައި ދެކުދިން ތިއްބެވެ. ފަސީލާއި ރޫހީން ދިރިއުޅެމުން ދިޔައީ ރޫހީންގެ ބައްޕަގެ ފަރާތު ބޮޑުދައިތައެއްގެ ގޭގައެވެ. އެ އާއިލާގެ އެންމެން ދިރިއުޅެނީ މާލޭގައި ކަމަށްވާތީ، އެގޭގައި އެއްވެސް މީހަކު ނެތި، ކުއްޔަށް ދޭންވެސް އެއްބަސްނުވެ އެގޮތަށް ހުންނަތާ ހަ އެއްކަ އަހަރުވެފައި ހުރި ގެއެކެވެ. ރީތިކޮށް ހަދާފައި ހުރި އެގެ ސާފުކޮށް ބަލަހައްޓައި، ރޭގަނޑަށް ބޮކި ދިއްލައި ހެނދުނު ބޮކި ނިއްވުން ފަދަ ކަންތައް ކުރަމުންދިޔައީ ރޫހީންގެ މަންމައާއި ބައްޕަ އަދި ގޭގެ އެހެން އެންމެން ބަހާލައިގެންނެވެ.

އެއީ ރޫހީންގެ މަންމަމެންގެ ދިރިއުޅެމުންދިޔަ ގެއާއި ކުޑަތަންކޮޅެއް ދުރުގައި ރަށުތެރޭގެ އަތިރިމަތީގައި ހުރި ހިތްފަސޭހަ ގެއެކެވެ. ރޫހީންގެ ކައިވެންޏަށްފަހު އެގޭގައި އުޅުމަށް އެދި ބުނީ ހުދު ބޮޑުދައިތައެވެ.

ދެ ކުދިންގެ ހުރިހާ ކަމެއް އެކަނި ކުރަމުން، ފަސީލަށް ހިދުމަތް ކޮށްދެމުން ދިޔަ ރޫހީނަށް، ހަގީގީ އޭނައަކީ ކާކުކަންވެސް ހުރީ ހަނދާން ނެތިފައެވެ. މިނިވަން ދޫންޏެއްހެން އުޅެމުންދިޔަ ރޫހީން އެންމެ ވިއްސަކަށް އަހަރުގައި ގޭތެރޭގައި ބަންދުވެފައި އިން ޅަދަރިމަޔަކަށް ވެއްޖެއެވެ.

ދެ އަހަރުތެރޭގައި އަމިއްލަ ހިތްހަމަޖެހުމާއި އުފާތައްވެސް ހަނދާން ނެތިއްޖެއެވެ. ކިޔެވުން ހުއްޓާލުމާއެކު ރައްޓެހިންނާވެސް ދުރުހެލިވެވުނީއެވެ. އާއިލާގެ މީހުންނާވެސް ގުޅުން ކުޑަވާން ފެށިއެވެ. ފަސީލުގެ އުޅުމަށް ބަދަލު އަންނަން ފެށިކަން އެނގުނުއިރު ވަރަށްބޮޑަށް ލަސްވެއްޖެއެވެ.

ރޫހީން ބަލިވެ އިންކަން އެނގުމާއެކު ފަސީލުގެ މަންމަގެ ބަހަކަށް ވީ ވީހާވެސް އަވަހަކަށް އަމިއްލަ ގެއަކާއި ފިހާރައެއް ރޫހީންގެ ވެސް ހުރުމެވެ. އެއީ ރޫހީންގެ ބައްޕައަށް އެއްވެސް ކަމެއް ނޫންކަން ރޫހީނަށްވެސް އެނގެއެވެ. އެކަމަކު މައިންބަފައިންނަށް ބުރައަކަށް ވާކަހަލަ ދަރިއަކަށް ނުވާތީވެ، ރޫހީން މައިދައިތަގެ މިއެދުމާ ސާފުސީދާ ބަހުން ހެދީ ދެކޮޅެވެ.

"މިހާރުވެސް ކޮންމެ މަހަކު މިގެއާއި އަހަރެމެން އެންމެންގެ ހަރަދަށް ބާރަހާސް ރުފިޔާ ދެމުން އަންނަނީ އަހަންނަށް ނުވެސް އެނގި ބައްޕައަށް ގުޅައިގެން ބުނެގެން. އެ ފައިސާ ފަސީލަށް ލިބޭކަން އަހަންނަށް އެނގުނީވެސް ހަތަރުމަސްވެސް ވީފަހުން، ވިހޭފަހުން. ފަސީލަށް އެހާ ގިނަ ރުފިޔާ ބައްޕަ ބަރާބަރަށް ދެމުން އަންނައިރުވެސް މިގޭގެ ހަރަދުތައް އޮންނަނީ ދަރަނިފޮތަށް އަރާފައި. އަހަރެން ރޭގައި މަންމަ ގާތު ބުނެފައި އޮންނާނީ މީގެ ފަހުން މިގޭގެ އެއްވެސް ކަމަކަށް އެއްވެސް ލާރިއެއް ދެންޏާ ދޭންވާނީ މަށަށް އެނގިގެންނޭ،"

ފުރަތަމަ ފަހަރަށް ފިރިމީހާގެ އަތުގެ ހޫނުކަން ފިރުމުމުގެ ބަދަލުގައި މޫނުމައްޗަށް އެތިފަހަރެއްގެ ސިފައިގައި ލިބުނީ އެރެއެވެ.

"ހީނާ،...."

ރޫހީންގެ ހިޔާލީ ވާފަށް ކަނޑައިގެން ދިއުމާއެކު ފުންމައިގެން ފަހަތަށް ޖެހެވުނީ، ނަޒުމާނު އޭނާގެ އަތުގައި ހިފާލުމުންނެވެ. ހިތި ހަނދާންތަކުގެ އަސަރުން ކުރަލާފައި ހުރި ފާރުތައް ރޯވެ، ޒަހަމުތަކުގައި ލޮނުމިރުސް ލެވުނު ކަހަލައެވެ. ދިލަ ނެގީ މުޅިމީހާގެ ހަށިގަނޑުންނެވެ.

"ކީއްވެގެން އަލުން އައު ފެށުމަކުން ނުފަށަން ތި އުޅެނީ، އަހަރެން ހީނާގެ ހުރިހާ ހިތާމައެއް އުފަލަށް ވާ ވަރަށް ލޯބިދޭނަން، ލޯބިވާނަން، އެންމެ ފަހަރަކު އިތުބާރު ކޮށްފައި އާއެކޭ ބުނެބަލަ،" ނަޒްމާން އިނީ ރޫހީނާ ކައިރިއަށް ޖެހިލަމުން ބުނެލިއެވެ.

"އަދިވެސް ހަނދާން އެބަހުރި، އެންމެ ފުރަތަމަ ފެނުނު ދުވަސް. މަޑުމަޑު އޮރެންޖު ކުލައެއްގެ މަންޒަރުތަކެއް ހުރި ހެދުމެއްގައި، ބޮލުގައި އޮތް ބުޅިއިސްތަށިގަނޑު އައްސާފައި އޮތީ ސްކާފަކުން. އެ ދުވަހު އަހަންނަށް ފެނުނީ ކެރޭ ހުޝިޔާރު އަންހެންކުއްޖެއް. އަނިޔާގެ ދިފާއުގައި ކުރިއަށް ނުކުމެ ހުރެ އަޑުއުފުލަން ކެރޭ އަންހެން ކުއްޖެއް. ރޭޕް ކުރި އަންހެންކުއްޖާގެ އަތުގައި ހިފައިގެން ސަފުގެ ކުރީގައި ހުރި ހިތްވަރުގަދަ އަންހެންކުއްޖެއް،"

ކޮޅަށް ތެދުވެ ހުރި ރޫހީންގެ އަތުގައި ހިފައިގެން ގޮސް މަޑުމަޑުން އެހާމެ ލޯތްބާއެކު ދެ ކޮނޑުގައި ހިފާ ސޯފާގައި ބައިންދަމުން، ސޯފާގެ ކުރިމަތީގައި ހުރި ކުޑަކަކޫ ޖަހައިގެން އިށީނދެ ނަޒްމާން ވާހަކަދެއްކިއެވެ.

"މި ސްކާފު އެނގޭތަ...؟" ނަޒްމާން، ޖީބުން ނަގައި ރޫހީންގެ އަތަށް ދިނީ ސާމަރާ ދޫންޏެއްގެ ފިޔަގަނޑުގެ ކުރެހުން ހުރި ސްކާފެކެވެ. އެ ސްކާފު ފެނުމުން ރޫހީންގެ މެއަށް ހީވީ ހޫނު ފެންއެއްޗެއް އޮއްސާލީހެންނެވެ. ކިތަންމެ ގިނަ އަހަރުތަކެއް މާޒީވެގޮސްފައިވީ ނަމަވެސް މިސްކާފު ނޭނގިނުދާނެތާއެވެ، އެއީ އޭނާގެ ހުރިހާ ސްކާފެއްގެ ތެރެއިންވެސް އެންމެ ލޯބިން ގެންގުޅުނު ސްކާފެވެ.

"މި.....މި ސްކާފް...."

އެއީ އެ ބުނާ ދުވަހު އޭނާގެ ބޮލުގައި ހުރި ސްކާފެވެ. އެސްކާފު ގެއްލިގެން ނުހޯދާ ތަނެއް ނެތެވެ. މުޅި ސަންސެޓް ރެސްޓޯރެންޓު ތެރެ ހޯދިއެވެ. އެކަމަކު އެ ސްކާފެއް ނުފެނުނެވެ.

"އެނގޭ މީހުންގެ ސާމާނު އެމީހުންނަށް ނާންގައި ނަގައިގެން ފޮރުވުމަކީ ގޯހެއް ކަން. އެކަމަކު ކީއްކުރާނީ، ހިތެއް އެއްބަހެއް ނުވި ސްކާފް ނުފެނިގެން އުޅޭކަން އެނގުމުން ގެންގޮސް ދޭކަށް،" ނަޒްމާން ތެދުވިއެވެ. އަދި ރޫހީންގެ ފަހަތަށް ހުއްޓި، އެއްވެސް ހާއްސަކަމެއް ނެތް ގޮތަކަށް ރޫހީންގެ ބޮލުގައި ޖަހާފައި ހުރި ހުޅި މޮހާލިއެވެ.

"އާހާ، މަޑުމަޑުން ނަލަކޮށް، ހަމަޖެހިގެން......"

ތެޅިގެންފައި ދުރަށް ޖެހެން އުޅުނު ރޫހީންގެ ކޮނޑުގައި ހިފަހައްޓައި މަޑުކުރުވަމުން ނަޒްމާން ބުނެލިއެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. ބަސްއަހާ ކުޑަކުއްޖެއް ފަދައިން ރޫހީން ސޯފާގައި ހިމޭނުން އިނެވެ.

"މި ސްކާފުގެ މަގާމަކީ މިއީ،" ރޫހީންގެ އިސްތަށިގަނޑު އެއްކޮށްލާފައި ސްކާފުން އައްސާލަމުން ނަޒްމާން ވާހަކަދެއްކިއެވެ.

އެތަކެއް ދުވަސްތަކެއްގެ ވޭނާއި ޝަކުވާއާއި މާޔޫސްކަމުން ފުރިފައިވާ ރޫހީންގެ ހިތުގައި ފުރަތަމަ ފަހަރަށް ނޭނގޭ އިހުސާސެއްގެ ވިންދު ޖެހީ އެ ވަގުތުއެވެ. އެހާ ވަރަށް މީހަކު އޭނާ ދެކެ ލޯބިވެދާނެ ކަމަކަށް ދުވަހަކުވެސް ރޫހީން ހިއެއް ނުކުރެއެވެ. ކުދިންގެ ބައްޕައާ މެދު ރޫހީންގެ ހިތުގައި ހަގީގީ ލޯތްބެއް އުފެދުނުނަމަ އެހާ ފަސޭހައިން އޭނާއަށް ފަސީލާ ދުރަށް ނުދެވުނީސްކަން ޔަގީނެވެ.

އެއީ އުމުރުގެ ޅަކަމާއެކު ހެދުނު ގޯހެއްކަން ވިސްނުނުއިރު ބޭނުން ނުވުމާއެކުވެސް އޭނާ އިނީ ބަލިވެއެވެ. އަދި މަންމައަކަށް ވުމަކީ ކޮންމެ ގޮތަކަށް ވީ ކަމުގައިވީ ނަމަވެސް ތެދުވެރި ލޮބުވެތި އިހުސާސެކެވެ. އަބަދުވެސް ރޫހީނަށް ފެނިފައިވަނީ އޭނާގެ މަންމައާއި ބައްޕަގެ ލޯބިލޯބި ދިރިއުޅުމެވެ. ދަރިންނަށް ދޭ ލޯތްބާއި ދަރިންގެ ހައްގުގައި އުފުލާ ބުރަވެސް އޭނާއަށް ދަސްވެފައިވަނީ މަންމައާއި ބައްޕަގެ ފަރާތުންނެވެ. އެހެންކަމުން ދެކުދިން ދެކެ ރޫހީން އިންތިހާއަށް ލޯބިވެއެވެ. ފުރަތަމަ ވަގުތުން ފެށިގެން ވެސް ފަސީލަކީ ދޮގުވެރިއެކެވެ. ގަހަށް ނެތް ކުލުނެއް ފަތަކަށް ނުހުންނާނެތާއެވެ.

ދެ ކުދިންނާއެކު އެކަނި ހާލަށް ދޫކޮށްލާފައި ފަސީލު ފުރައިގެން ދިޔައީ އެއްވެސް އަންގާލުމެއް ނެތިއެވެ. މައިދައިތައަށްވެސް ރޫހީންގެ ފަރާތުން ފައިދާ ނުވާނެކަމުގެ ޔަގީންކަން ލިބުމާއެކު އަވަސްއަވަހަށް އެހެން "ނަސީބެއް" ހޯދުމަށް ދަރިފުޅަށް ނަސޭހަތްތެރިވުމާއެކު އަމިއްލައަށްވެސް ފޮށިތަންމަތި ހިފައިގެން ރަށަށް ދަނީކަމަށް ބުނެފައި ހިނގައްޖެއެވެ. އަދި ދެން ދެ ކުދިންނާއެކު އެއްވެސް ގޮތެއް ނެތިފައި އިން ރޫހީން އެނބުރި ގެއަށް ދިއުމަށް ނިންމީ އެ ދިރިއުޅުމުގައި އަބަދުގެ އަބަދަށް ނިމުމުގެ ސިއްކަ ޖެހުމަށް ގަސްދުކުރުމަށްފަހުއެވެ.

"ހީނާ، އަހަންނަކަށް ނޭނގޭ މަށާމެދު ހީނާ ވިސްނަނީ ކޮން ގޮތަކަށް ކަމެއް، އެންމެ ފުރަތަމަ ފެނިލުމާއެކުވެސް އަހަރެންގެ ހިތުގައި ގަދަރެއް ދެވުނު ހަމައެކަނި އަންހެންކުއްޖަކީ ތީ، ތަގުދީރު އަހަންނާ ކުޅުނީ ކެހިވެރި ކުޅިގަނޑެއް. އުމުރުގައިވެސް ފުރަތަމަ ފަހަރަށް ކިޔެވުމާއި ވަޒީފާއާއި އާއިލީ މީހުން ނޫނީ އެހެން ކަމަކާމެދު މަށަށް ވިސްނާލެވުނު ފުރަތަމަ ފަހަރު. މަށަށް ކެރޭ. ކަންކަމުގައި ހައްގު ބަސް ބުނާ، އެހެނަސް ލަދުރަކިކަމުގެ މަލިކާއެއް ދައްކާފައި ގެއްލުވާލީ. މަށަށް ހީނާއަށް ކިޔާ ނަމާއި ރަށާއި އެހެންވެސް މައުލޫމާތު ލިބުނު، އެކަމަކު ނަސީބު އެހީ ނުވީ. ހަމަޖެހިގެން އައި ހަފުތާގައި އަހަރެން މާލެ އަންނަން ޖެހުނީ. މަގޭ އަތުގައި އޮތީ ހަމައެކަނި މި ސްކާފާއި މި ތަސްވީރު،"

ތަސްވީރޭ ބުނި އަޑު އިވިފައި ރޫހީނަށް ސިހިފައި އެނބުރިލެވުނެވެ. ގާތުގައި ހުރި ނަޒްމާނުގެ މޭގައި އޭނާގެ ބޯ ޖެހުނީ ބާރަށެވެ. ދެ މީހުންނަށްވެސް ތަދުވީ އެއްވަރަކަށް ކަހަލައެވެ. އެކަމަކު މިފަހަރު ނަޒްމާންގެ ހިތުގެ އަޑު ރޫހީންގެ ހިތާ ހަމައަށް ފޯރައިފިއެވެ.

ނަޒްމާނުގެ ޖީބުން ނެގި ވޮލެޓުގައި ހުރި އެ ފޮޓޯ ފެނުމުން ރޫހީނަށް ހިންދިރުވާލެވުނެވެ. މިހާރު ދެން ނަޒްމާން އެ ދައްކަނީ ދޮގު ވާހަކައޭ ބުނާނީ ކޮންފަދައަކުން ހެއްޔެވެ. އެ ފޮޓޯގައި އެހެރީ ހިނިތުންވެފައި ހުރި ރޫހީނެވެ. ހަމަ އެ ސްކާފު ބޮލުގައި ހުއްޓެވެ. އެއީ ފަހަތުން މީހަކު ގޮވާލި އަޑަށް އެނބުރި ބަލައިލި ވަގުތު ނަގާފައި ހުރި ފޮޓޯއެއް ކަހަލައެވެ. ޅަޒުވާން އުމުރުގެ ނަލަނަލަ ހަނދާނެކެވެ.

ނަޒްމާން އެއްފަހަރު އެ ފޮޓޯއަށް އަނެއްފަހަރު ކުރިމަތީގައި ދާދި ގާތުގައި ހުރި ރޫހީނަށް ބަލައިލިއެވެ. ތަސްވީރުގައި އެ ހެރީ މައުސޫމު، ފިކުރުތަކުން ހުސްވެގެން ހުރި އުފާވެރި މޫނެކެވެ. އެއްވެސް މޭކަޕެއް ނެތުމާއެކުވެސް ޖަންބުކުލަ އަރާ ކޯތާފަތާއި ތޫނު ކަޅިރަވަ، ނަޒްމާނަށް މި ތަސްވީރުގައި ހުރި އަންހެންކުއްޖާ ދެކެ ލޯބިވެވުނީ ސަބަބެއް ނެތި ނޫނެވެ. އެކަމަކު މިއަދު އޭނާގެ ކުރިމަތީގައި ހުރި ރޫހީންގެ މޫނުމަތީގައި ހުރީ މާޔޫސްކަމެއްގެ އަސަރެވެ. އެ މާޔޫސްކަމާއި ވަގުތާއި ހާލަތުގެ ވޭނުން އުދާސްވެފައި ހުރުމާއެކުވެސް އަދިވެސް ރޫހީން ހާދަހާވާ ރީއްޗެވެ. ދެ ކުދިންގެ މަންމައަކަށް ވިއްޔާ ވާނީ ކީއްހެއްޔެވެ. އެތަކެއް އަހަރުތަކެއް ފަހުން ދެވަނަ ފަހަރަށް މި ފުރުސަތު ނަގާލާކަށް ބޭނުމެއް ނޫނެވެ.

"އަހަރެން، ހީނާއަށް ޔަގީންކޮށްދޭން ކުރާނެ އިތުރުކަމެއް ނުވިސްނޭ، ހީނާ ބުނެބަލަ އަހަރެން ކުރަންވީ ކީއް؟ ބުނި ކޮންމެ ކަމެއް ކޮށްދޭނަން، ހީނާގެ އެ ނަލަނަލަ ސްމައިލް، އެ އުފާވެރިކަން އަނބުރާ ހޯދައިދޭން ކޮންމެ ކަމެއްވެސް ކުރަން ކެރޭނެ. ހުކުމަށް ގެންދާނެކަން އެނގޭ، އެކަމަކު މަ ބޭނުން ވަނީ މަގޭ އަތްނބެއްގެ ގޮތުގައި ހުރެގެން ދާން. ކޮންމެ މަހަކު ބައްދަލު ކުރަން ދާނަން، ގުޅާނަން. މާގިނަ ދުވަހެއް ވަންދެން ނުވެސް ބާއްވާނަން، ޕްލީޒް، މިފަހަރު ފިލައިގެން ނުދޭބަލަ،"

ނަޒްމާން އޭނާގެ ވޮލެޓު ކައިރީގައި ހުރި މޭޒުމަތީގައި ބާއްވަމުން އެނބުރި ރޫހީންގެ އަތުގައި ހިފާލިއެވެ.

"ހީނާ... ގަބޫލު ކުރެވޭނީ ކިހިނެއް ކީއްކުރީމަ....؟"

"އަނ، އަނ އެންމެ ރަނގަޅު، ގަބޫލުކުރީޔޯ، އެހެންވެއްޖެއްޔާ ވިލިނީ އަކީ ކާކު....؟"

އެންމެފަހުން އެ ސުވާލު ރޫހީން ކޮށްފިއެވެ.

(ނުނިމޭ)