ވާހަކަ

ރުހުން ދީފާނުހޭ - 40

2

"އަނެއްކާ މިއަދު ސަކަރާތްވެއްޖެއޭ މައި ބުނީ. ތިމަންނަ ބޮލުގަ ޓިއުމަރެއް އިނީމަ އޯ އެންމެން ތިމަންނަ ނޯމަލް ނޫންކަމަށް ބުނަނީ. ތިމަންނަ މަރުވާށޯ އެ އުޅެނީ. އެހެންކިޔާފަ ވަރަށް މީހާ ޕްރްޝަރު މަތިވެގެން ކިރިޔާ އޯ ފުރާނައަށް ނުރައްކާ ނުވެ ހުރީ" މައިލީން ބުނެދިންގޮތަށް ބާޒިލްއަށް ޒޭބާ ބުނެދިނެވެ.

"އަސްލުތަ؟" ބާޒިލް ބުންޏެވެ.

"ދާން ބޭނުން" ބާޒިލް ބުންޏެވެ. އެ އަޑު ޒޭބާއަށް އިވުމުން ބަލައިލިއެވެ.

"ކޫ އެގޭ ކޮންމެސް މީހަކަށް ގުޅާފަ ބަލައިދީބަލަ މެލެކްގެ ބައްޕަ ގޭގަ އުޅޭތޯ" ބާޒިލް ބުންޏެވެ.

ޒޭބާ ބަލައިލިއެވެ. ބާޒިލް ބުނި އެއްޗެއް ގަބޫލުނުކުރެވިފައެވެ.

"ސީރިޔަސްކޮށޭ މިބުނީ" ބާޒިލް ބުންޏެވެ.

"މެލެކް އާ މެދު ކަންބޮޑުވޭ. އެކަމަކު ވަކި މީހަކު އެގޭގައި ހުރިތޯ ބަލާފައި ނޫނީ އެގެއަށް ދާކަށް ބޭނުމެއްނުވޭ. ތިހެން ފިނޑިވެގެން މިހާތަނަށްވެސް ޒެއްލުއަށް އެންމެ ބޮޑު ގޯސްހެދުނީ. މިހާރު ތަންކޮޅެއް ފިރިހެންވާންވެއްޖެ" ޒޭބާ ބުންޏެވެ.

ބާޒިލް އަށް ބަހެއްނުކިޔާ ބަލަން ހުއްޓެވެ. ތެދެކެވެ. ދިރިއުޅުމުގަ ހެދުނު އެންމެ ބޮޑު ގޯސްހެދުނީ ހަގީގަތުގައިވެސް ފިރިހެނަކަށް ނުވީތީއެވެ. އަންބަކު ހުއްޓާ ދުރުގައި ހުރި ގަހަކުން ހިޔަލެއް ހޯދަން އުޅުމުންނެވެ. ވަފާތެރި ލޯތްބަށް ފުރަގަސްދީފައި ބޭވަފާތެރިކަމުގެ ރޯޅިން އުފާހޯދަން އުޅުމުންނެވެ. ޒޭބާ ހިނގައިގަތުމުން ބާޒިލް ދެކޮޅަށް ހިނގަންފެށިއެވެ. އެގެއަށް ދާން އޭނާ ބޭނުންވިއެވެ. މެލެކްގެ ހާލު އެނގެން ބޭނުންވިއެވެ. އަޑުއަހާލަން ހިތްއެދުނެވެ. އެކަމަކު އޭނާގެ ފިޔަވަޅު ކުރިއަށް ނޭޅުނެވެ. އޭނާ މިހާރު ކޮންމެ ވާހަކައެއް ދެއްކިޔަސް އެއްވެސް މީހަކަށް ގަބޫލުނުކުރެވޭނޭ ހީވިއެވެ. އަމުދުން އެހެން މީހެއްގެ ކުރިމަތީގައި މެލެކްގެ ނަން ކިޔަންވެސް އޭނާ ޖެހިލުންވެއެވެ. މީހުންގެ މަލާމާތް ލިބިދާނެ ކަމަށެވެ. އޭނާއަށް މިވަގުތު ކުރެވެން އޮތް ކަމަކީ މެލެކްއަށް ގުޅުމެވެ.

ގޭ ދޮރުމައްޗަށް މައުސޫމާ ނިކުތްއިރު ބާޒިލް ހުރި ގޮތް ފެނި ހައިރާންވިއެވެ. ދެކޮޅަށް އޭނާ ހިނގަމުން ދިޔައިރު ހީވީ ހިތާއި ސިކުނޑި ކަމަކާ ދެކޮޅުވެގެން ގޮތެއް ނުނިންމިގެން އުޅުނު ހެންނެވެ. ޖޯލީގައި މައުސޫމާ އިށީނެވެ. އޭނާ ފެނުމާއެކު ބާޒިލް އައިސް ކައިރީގައި އިށީނެވެ.

"ކޮންކަމަކާ ލައިނުގަނެގެން ތިއުޅެނީ؟" މައުސޫމާ އަހާލިއެވެ.

"ކަމެއްނުވޭ. ކޫ އާ ވާހަކަދައްކަމުން ނިކުތީ ބޭރަށް. މަންމާ މެލެކް އަށް ކަމެއްވީތަ ތެދެއް. އޭނަ މިހާރު ރަނގަޅުތަ؟" ބާޒިލް ބުންޏެވެ. ބާޒިލްގެ ވާހަކަތަކަށް މައުސޫމާ ޖަވާބެއް ނުދިނެވެ.

"މިހާރު ސައިބުއީތަ؟ ސާރާ ގެއަށް ދިޔައިމަތަ ތި ނިކުތީ" މައުސޫމާ ދިނީ އެހެން ޖަވާބެކެވެ.

"އޭނަ ހިނގައްޖެ. ބުނެބަލަ މަންމާ. ކޫ ބުނެފި މެލެކް ވަރަށް ސަކަރާތްވިއޭ. ބުނެބަލަ މެލެކް ރަނގަޅުތަ މިހާރު" ބާޒިލް ބުންޏެވެ.

"ސާރާ މިއަދު މަންމަ އާ ވަރަށް ވާހަކަދެއްކި. ކިޔައިދިން އޭނައަށް ދިމާވި ކަންތަކުގެ ވާހަކަ. ޒެއްލުއަށް އެނގޭތަ ކުރިއަށް އޮތީ އީދުކަން. ހިބާ އާއި ލައިބާ އެބައާދޭ. ތައިމޫރުއަށް ނާދެވޭތީ އެކަމާ ދެރަވެގެން އުޅުނު ވާހަކަވެސް ޒޭބާ ބުނި" މައުސޫމާއަށް ބާޒިލް ބަލައިލީ ހައިރާންވެފައެވެ. ހަމަ ގަސްތުގައި އޭނާގެ ވާހަކަތައް އަޑުނާހަން މަސައްކަތްކުރާކަން އޭނާއަށް އެނގުނެވެ. ބާޒިލް ކުޑަކޮށް ހިތްހަމަނުޖެހޭ ގޮތް ވިނަމަވެސް ރުޅިއިސްނުކޮށް އިނެވެ.

"މަންމަ ތިދައްކަނީ ކޮންވާހަކައެއް؟ އަހަރެން މިދައްކަނީ ކޮންވާހަކައެއް؟ މެލެކް ރަނގަޅުހޭ އަހާލީ" ބާޒިލް ބުންޏެވެ.

މައުސޫމާ މިފަހަރު ބަލައިލީ ސީދާ ބާޒިލްގެ ދެލޮލަށެވެ. މިއީ މަންމަގެ ދެލޮލުން ބާޒިލް އަށް ކަމެއް ދެނެގަންނަން އުނދަގޫވި ފުރަތަމަ ފަހަރެވެ. ބާޒިލް ހައިރާންވީ އެ ހިމޭންކަމުގައި އިނދެފައި މައުސޫމާ ތެދުވެގެން ގޮސް ގޭތެރެއަށް ވަނުމެވެ. ފަހަތުން ގޭތެރެއަށް ވަންނަން އުޅެފައި އޭނާ މަޑުޖެހިލިއެވެ. ލޫލު ގޮވައިގެން އަންނަ ޒޭބާ ފެނިފައެވެ. ޖޯއްޔާ ކައިރިވުމާއެކު ލޫލުއަށް ބާޒިލް ފެނި ކައިރިއަށް ދާން ތެޅިގަތެވެ. އޭނާ ލޫލު އުރާލިއެވެ. މޫނުގައި ބޮސްދީފައި ލޫލުގެ ހެދުންކޮޅު މަތިން ބަނޑުގައި ވެސް ބޮސްދިނެވެ. ހިނދުކޮޅަކަށް އޭނާއަށް ހީވީ މެލެކްގެ ވަސް ނޭފަތުގައި ޖެހުނުހެންނެވެ. އެހިނދު އޭނާގެ ސިކުނޑި ތާޒާވެގެން ދިޔައެވެ.

"މެލެކް ރަނގަޅުތަ؟ އެގޭމީހުން އޭނާ ހޮސްޕިޓަލަށް ނުގެންދޭތަ؟" ބާޒިލް އަހާލިއެވެ. މާގިނައިން ބާޒިލް މެލެކްގެ ވާހަކަތައް އަހާކަން ޒޭބާއަށް އެވަގުތު ފާހަވިއެވެ.

"އެބައިން ބޮޑު ބަނަހެއް ގެރިކިރާ ޖައްސައިގެން ކާން. އައްޒާމްބެ އާއި ތާބައްތަ ގެއިން ބޭރަށް ނިކުންނަން މިއަދު ހުއްދަ ނުދިނީމަ ޝަކުވާފަށެއް ކޮށްލައިފި. ނަސީބަކުން ވަރަށް ހަމަޖެހިފަ އިނީ" ޒޭބާ ބުންޏެވެ.

ބާޒިލް ހިނިތުންވެލިއެވެ. މާޒީގެ ތެރެއިން ދުވަހެއް އޭނާ ހަނދާނަށް އައެވެ. އަބަދުވެސް މެލެކް އަކީ ހަވީރުގެ ސަޔަށް ބަނަސް ހުރިއްޔާ ގެރިކިރު ބޭނުންވާ ކުއްޖެކެވެ. އެއީ މެލެކްއަށް މާ މީރު ކަމުދާ އެއްޗެކެވެ.

"ކޫ ކައިރީގަ މެލީގެ ވާހަކަނުދައްކާ ކީއްތަވާނީ އެންމެފަހަރަކު ގުޅާލާފަ ހާލުބަލާލިއްޔާ. ޒެއްލުގެ އަނބިމީހާ އޭ އެއީ. ކުރިންވެސް މަންމަ ބުންޏެއްނު. ބޭނުން ނުވަންޏާ މެލީ ވަރިކުރާށޭ" ޒޭބާ ބުންޏެވެ.

"ތިއީ ކޮންވާހަކައެއް މިހާރު. ގުޅިން މެލެކްއަށް ހާލުބަލަން. ނުނަގަ ފޯނެއް" ބާޒިލް ބުންޏެވެ.

"ސާރާ ދިޔައީތަ؟ މީރުތަ އޭނަ ހަދާފަ ހުރި އެއްޗެހި" ޒޭބާ އަހާލިއެވެ.

"އޭނަ ވާހަކަ ނުދައްކަބަލަ. މަންމައަށް ކިހިނެއްވެގެން އެއުޅެނީ؟" ބާޒިލް އަހާލިއެވެ.

"ކަމެއްވެއްޖެތަ؟ މަންމަ ހުރީ ރަނގަޅަށް ހަމަ" ޒޭބާ ބުންޏެވެ.

"ނޫން. އަހަރެން މެލެކްގެ ވާހަކަ އަހާލާއިރަށް ކޮންމެސް އެހެން ވާހަކައެއް ދައްކައިގެން އެހެން ދިމާލަކަށް ފުންމާލަން އުޅެނީ. ފާޑަކަށް ދެރަވެފަ އިންހެން ހީވީ. މިއަދު ކަމެއްވިތަ؟ މެލެކްގެ މަންމަމެން މިއަދު އައެއްނު. އެމީހުން ކޮންވާހަކައެއް ދެއްކީ؟" ބާޒިލް އަހާލިއެވެ.

"އެނގިއްޖެ. ތިވާނީ ވާހަކައެއް ދެއްކިކަމަށް. އަހާލަންޖެހޭނީ" ޒޭބާ ބުންޏެވެ.

****

ކައިގެން ކޮޓަރިއަށް ވަދެ ބާޒިލް އެނދުގއި އިށީނެވެ. ކޮޓަރިއަށް ވަދެ މެލެކްއަށް ގުޅަން އުޅެފައި އެ ހިޔާލު އޭނާ ދޫކޮށްލިއެވެ. ހިތް ބުނަނީ އެގެއަށް ދާށެވެ. ގަޔަށް ސެންޓް ބުރުވާލައިގެން ނިކުންތަނާ ޒޭބާ ފެނިއްޖެއެވެ.

"މަންމަ ބޮލެއްގައި ރިއްސާތީ އުޅެންހެދީމަ ބައްޕަ ހިނގައްޖެ މަންމަ ގޮވައިގެން މަރުކަޒަށް" ޒޭބާ ބުންޏެވެ.

"އެހެންތަ! ނުވެސްބުނޭ. އެބައަންނަން އެދިމާލަށް ގޮސްފަ" ބާޒިލް ގެއިން ނިކުމެ ސައިކަލަށް އަރައިގެން ދުއްވާލިއެވެ. އޭނާ ދިޔައީ މަރުކަޒާ ދިމާލަށެވެ. އޭނާ މައިންބަފައިންނާ އެތަނުން ދިމާވިއެވެ. އެއީ ޑޮކްޓަރަށް ދެއްކުމަށްފަހު އެމީހުން ނިކުންނަން އަންނަނިކޮށެވެ. އޭނާ ކައިރީގައި ނުބުނެ މައިންބަފައިން އެކަނި އައުމުން ޝަކުވާކޮށްލިއެވެ. ޒިޔާދުގެ އަތުގައި އޮތް ބޭސް ސިޓީ އޭނާ ބަލައިލިއެވެ. މަންމަގެ ބްލަޑް ޕްރެޝަރ ހުރީ ރަތް ރޮނގު ހުރަސްކޮށްފައެވެ.

"ލޭ މައްޗަށް ޖެހިލާފަ ހުރީމަ ބޮލުގަ ރިއްސީ. ޕެނަޑޯލް ނޫނީ އެހެން އެއްޗެއް ނުދޭ. ތިންދުވަސް ވަންދެން ޕްރެޝަރ ޗެކްކޮށްލަން އަންނައްޗޭ ބުނީ. ތިރިނުވަންޏާ ބޭސްކާންޖެހޭނެއޭ" ޒިޔާދު އޮޅުންފިލުވައިދިނެވެ. އޭރުވެސް މައުސޫމާ ހުރީ ހިމޭނުންނެވެ. މައުސޫމާގެ ހިމޭންކަން ފެނިފައި ބާޒިލްއަށް އުނދަގޫވިއެވެ.

"މަންމާ، އެހާވަރަށް ފިކުރުނުކޮށްބަލަ" ބާޒިލް މައުސޫމާގެ ކޮނޑަށް އަތް އެއްލިއެވެ. ތިންމީހުން އެއްކޮށް ގެއާ ދިމާލަށް އައެވެ. ސައިކަލުގައި އައުމުން މައިންބަފައިންނަށް ވުރެ ކުރިން ބާޒިލް އަށް އާދެވިއްޖެއެވެ. އޭނާ ދޮރާށި ކައިރީގައި މަޑުކޮށްލައިގެން އިނެވެ. މައިންބަފައިން ގޭ ކައިރިއަށް އައުމުން ގެއަށް ނުވަދެ އޭނާ ދާން އުޅުނެވެ.

"ދަރިފުޅު ކޮންތާކަށް؟" ޒިޔާދު އަހާލިއެވެ.

ބާޒިލް ފަސްޖެހުނެވެ. އެހެންނަމަވެސް މިފަހަރު ތެދަށް ބުނަން އޭނާ ބޭނުންވިއެވެ.

"މެލެކް އާ ބައްދަލުކޮށްލަން އެގެއަށް މިދަނީ" ބާޒިލް ބުންޏެވެ.

"އުނހު. މިއަދަށްފަހު ޒެއްލު މެލީ އާ ބައްދަލުކުރާކަށް މަންމައަކަށް ނުފެނޭ" މައުސޫމާ ބުންޏެވެ.

ބާޒިލް ހައިރާންވިއެވެ.

"ކީއްވެ؟" ބާޒިލް އަހާލިއެވެ.

"މިބުނީއެއްނު. ބާޒިލް މެލީގެ އެއްވެސް ކަމެއްގަ އުޅޭނެ ކަމެއްނެތް. ސާރާ އާ ދެމީހުންގެ ކައިވެނީގެ ކަންތަކުގައި އުޅެންވީ" މައުސޫމާ ބުންޏެވެ.

"އެކަމަކު..."

ބާޒިލް ބުނަން އުޅުނު އެއްޗެއް އަޑުއެހުމެއްނެތި މައުސޫމާ ގޭތެރެއަށް ވަނެވެ.

ބާޒިލް ހައިރާންވެފައި ދޮރާ ދިމާލަށް ބަލަން ހުއްޓެވެ. ކުއްލިއަކަށް މިވީ ކިހިނެއް ހެއްޔެވެ؟ މަންމަ އަށް އެހާ ބޮޑު ބަދަލެއް އައީ ކީއްވެ ހެއްޔެވެ؟ މެލެކްގެ މައިންބަފައިން ދެއްކީ ކޮންވާހަކައެއް ހެއްޔެވެ؟ ވިސްނަމުން ގޮސް މަގުމަތީގައި ހުރި ޖޯލީގައި ބާޒިލް އިށީނެވެ. އެވަގުތު ސާރާގެ ފޯނު ކޯލެއް އޭނާއަށް އަންނަން ފެށުމުންވެސް އޭނާގެ ބޮލަށް ވީ އުނދަގުލެވެ.

****

ގޭތެރެއަށް ވަދެގެން ދިޔަގޮތަށް މައުސޫމާ ވަނީ ކޮޓަރިއަށެވެ. ސޯފާގައި ފިލްމެއް ބަލަން އޮތް ޒޭބާ ވާހަކަދެއްކި ކަމެއްވެސް މައުސޫމާއަށް ނޭނގެއެވެ. ދެވަނަ ހައިރާންކަން އޭނާއަށް ލިބުނީ މައުސޫމާގެ ފަހަތުން ބާރަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަތް ޒިޔާދު ފެނިފައެވެ. ފަހަތުން ދާން އުޅެފައިވެސް މައިންބަފައިން އެކަނިވާން އޭނާ ދޫކޮށްލިއެވެ. އެކަމަކު މޫނުމަތިން ކަންބޮޑުވުން ފިލައިގެން ނުދިޔައެވެ. އެ ހައިރާންކަމުގައި އިންދާ ވަދެގެން އައި ބާޒިލް ފެނިއްޖެއެވެ. ސޯފާގައި އިށިންގޮތަށް ބާޒިލްވެސް އިނީ ހިމޭނުންނެވެ.

"ކިހިނެއްތިވަނީ؟" ޒިޔާދު ވަތްއިރު މައުސޫމާ އިނީ އެނދުގައެވެ. އޭނާ އިނީ ފާޑަކަށް ރޮވިފައެވެ. އަނބިމީހާ އަށް ވެފައި އިންގޮތުން ޒިޔާދު ބަސް ބުނީ މަޑުމައިތިރިކޮށެވެ.

"ޒިޔާދު! އަހަރެން ވަރުބަލިވެއްޖެ. ބޯ ހީވަނީ ފަޅައިގެން ހިނގައިދާނެހެން" މައުސޫމާ ބުންޏެވެ.

"ކޮންކަމަކާ ތިހާ ވަރަށް ބޯ ހާސްކުރުވަނީ؟" ޒިޔާދު ބުންޏެވެ.

"ކޮންކަމަކާހޭ. ނުފެނޭތަ ބާޒިލްއަށް އަންނަމުންދާ ބަދަލުތައް. މެލެކްގެ ކަންކަމާ މާގިނައިން އޭނާ އުޅޭތަނެއް ނުފެނޭތަ؟ އަހަރެން ބޯހާސްކުރުވަނީ އެކަމާ. ފިކުރު ކުރެވެނީ ބާޒިލް އާ މެދު ވިސްނާފަ" މައުސޫމާ ބުންޏެވެ.

"ފެނޭ އަހަންނަށް ހުރިހާ އެއްޗެއްވެސް. އެއީ އަހަރެމެން އުފާކުރަންވީ ކަމެއްނު" ޒިޔާދު ބުންޏެވެ.

"އަހަރެން އުފަލެއްނުވޭ" މައުސޫމާ ބުންޏެވެ.

"އަސްތާ މައުސޫމާ! ތިހެން ނުބުނޭ. ބާޒިލްއަށް ހެޔޮ ބަދަލެއް އާދޭތޯ އަހަރެމެން ކިހާ މަސައްކަތެއް ކުރީން. ކިހާ ދުއާ އެއް ކުރީން. މިއަދު ބާޒިލްގެ ކިބައިން އެ ބަދަލުތައް ފެންނަންފެށީމަ އުފާކުރަންވީއެއް ނޫންތަ؟" ޒިޔާދު މައުސޫމާގެ އަތުގައި ހިފަހައްޓާލިއެވެ.

"ބާޒިލްއަށް އުފާވެރި މުސްތަގުބަލެއް ނެތް. އެހެންއެވީ އެކުއްޖާގެ ފަރުވާކުޑަކަމުން" މައުސޫމާގެ ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ.

"އަހަރެން މިއީ މައިމީހާ ވީމަ އަހަރެން މިވިސްނާ ގޮތަކަށް ނޫން ޒިޔާދު ތި ވިސްނަނީ. އައްޒާމް ބޭނުމެއްނުވޭ މެލެކްގެ ހަޔާތަށް ބާޒިލް އަލުން އަންނާކަށް. އެހެންވެ އަހަރެން މިބުނީ ބާޒިލް ކައިރީގަ މެލެކް އާ ދުރުގަ ހުންނަން. މިހުރިހާ ދުވަހުވެސް މެލެކް ހުރި މަގާމުގަ އޭނަ ބަހައްޓާށޭ. ބާޒިލްގެ ސަބަބުން އެކުއްޖާގެ ދިރިއުޅުން ހަލާކުވާކަށް މަ ބޭނުމެއްނޫން" މައުސޫމާ ބުންޏެވެ.

ޒިޔާދުއަށް ވިސްނުނެވެ. ތެދެކެވެ. ބަފަޔަކު ވިސްނާނީ މައެއްގެ ސިކުނޑިން ނޫނެވެ. އަނބިމީހާގެ އެ ވިސްނުމަކީ މުޅިއަކުން ގޯސް ވިސްނުމެއްވެސް ނޫނެވެ. ކުށް ކުރީ ބާޒިލްއެވެ. އެއީވެސް އެއްވެސް މީހަކަށް ސިއްރުންނެއް ނޫނެވެ. އެންމެންގެ ލޯމަތީގައި ފާޅުގައެވެ. އައްޒާމް އާއި ތަބައްސުމްގެ ނިންމުންވެސް ގޯހެއް ނޫނެވެ. ބާޒިލް ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް މިފަހަރު އައްޒާމްގެ ރުހުމެއް ނުލިބޭނެއެވެ.

"އެހެންވީމަ ތިކަމުގަ އޮތް އެންމެރަނގަޅު ގޮތަކީ ބާޒިލް ކައިރީގަ ރަނގަޅަށް ތިވާހަކަތައް ބުނުން" ޒިޔާދު ބުންޏެވެ.

"އަހަރެން ހަމަޔަކަށް އެޅުނީމަ ނޫނީ އަހަންނަށް ބާޒިލް އާ ރަނގަޅަކަށް ވާހަކައެއް ނުދެއްކޭނެ" މައުސޫމާ ބުންޏެވެ.

****

ގޭތެރޭގައި އޮންނަން ބޭނުންވިޔަސް ބާޒިލް އަށް އެކަމެއް ނުވިއެވެ. އޭނާ ބޭނުންވީ މެލެކް ގާތަށް ދާށެވެ. އެންމެފަހަރަކު ނަމަވެސް މެލެކްގެ ހާލު ބަލާލަށެވެ. ވާހަކަދައްކާލާށެވެ. އެހެންނަމަވެސް އޭނާ މާޔޫސް ވެއްޖެއެވެ. ކުރީގައި ކުރެވުނު ކަންކަން ރަނގަޅުކޮށް ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެންނަން މަސައްކަތްކުރާއިރު އާއިލާ އިން އެކަމަށް އެއްބާރުލުން ދޭން ބޭނުމެއް ނުވެއެވެ. ދިރިއުޅުމުގައި ޒިންމާ އަދާކޮށް ރަނގަޅު މީހަކަށް ވާން އަބަދުވެސް މަންމަ ނަސޭހަތްދެއެވެ. މިއަދު ކުއްލިއަކަށް މަންމަގެ ވާހަކަތައް ތަފާތުވެއްޖެއެވެ. މެލެކްގެ މައިންބަފައިން ދެއްކި ވާހަކަތަކެއްގެ ސަބަބުންކަމަށް ބެލެވެއެވެ. އެމީހުން ދެއްކީ ކޮންވާހަކައެއް ހެއްޔެވެ؟ ބާޒިލް ފޯނު ހޯދާފައި ގުޅާލިއެވެ. ނަސީބަކުން މިފަހަރު މެލެކް ފޯނަށް ޖަވާބުދީފިއެވެ.

"މެލީ ފާހާނައިގަ" އިވުނީ ރައްޔާންގެ އަޑުކަން އެނގުމުން ބާޒިލް ފޯނު ކަނޑާލިއެވެ. ރުޅިއައިސްފައި އޭނާ ފޯނު އެނދުމައްޗަށް ޖެހިއެވެ. މެލެކްގެ ފޯނަށް ޖަވާބުދޭކަށް ރައްޔާނަކަށް ނުޖެހެއެވެ. އެ ކޯލަށް ރައްޔާން ޖަވާބުއެދިނީ ހަމަ ގަސްތުގައެވެ. އޭނާ ރުޅިއަރުވާށެވެ. މިހާރު ހުންނާނީ ވަރަށް އުފަލުންނެވެ. ހިތްހަމަނުޖެހިފައި ބާޒިލް ލޯގަނޑު ކުރިމައްޗަށް ހުއްޓިލިއެވެ. ދެއަތުން ބޮލުގެ އިސްތަށިތައް ރީތިކޮށްލުމަށްފަހު ވޮލެޓް ޖީބުގައި އޮތްތޯ ޔަގީންކޮށްލިއެވެ. ދެން ސައިކަލު ތަޅުދަނޑި އާއި ފޯނު ހިފައިގެން އޭނާ ކޮޓަރިން ނިކުމެގެން ދިޔައެވެ. އޭނާ ދިޔައީ އޭނާގެ ކުރިމަތީގައި ކިތަންމެ ބޮޑު ހުރަހެއް އޮތް ނަމަވެސް އެ ހުރަސް ކަޑައްތުކޮށްފައި ނަމަވެސް މެލެކް އާ ހިސާބަށް ދާށެވެ. އޭނާގެ ހިތް ބުނާ ކަހަލައެވެ. މެލެކް އަކީ އޭނާގެ ހަލާލު އަނބިމީހާ އެވެ. ދެމަފިރިންގެ ދެމެދަށް ވަދެވޭނެ އެއްވެސް ބާރެއް މިދުނިޔޭގައި ނުވާނެއެވެ. މައިންބަފައިންނަށްވެސް ވަދެވިގެން ނުވާނެއެވެ.

****

އާދައިގެމަތިން އައްޒާމް އޮތީ މަގުމަތި ޖޯލީގައެވެ. ތަބައްސުމް އެތެރެއަށް ވަނީ އައްޒާމް ކަޅު ކޮފީއެއް ގެނެސްދޭށޭ ބުނުމުންނެވެ. ކުއްލިއަކަށް ގޭ ކައިރިއަށް ސައިކަލެއް މަޑުކޮށްލުމުން އައްޒާމް ބަލައިލިއެވެ. ޖޯލީގައި އޮތް އައްޒާމް ފެނުމުން ބާޒިލް ރަކިވާގޮތް ވިއެވެ. އައްޒާމް ބޭރު ޖޯލީގައި އޮވެދާނެކަން އޭނާއަށް ވިސްނާނުލެވުނީމައެވެ. އެންމެ ބޮޑަށް ރަކިވީ ދޮރާށިން ބޭރަށް ނިކުތް ތަބައްސުމް ވެސް ފެނިފައެވެ.

"ބޮޑުމީހާ... ހާދަ ނުގަޑިއެއްގަ" އައްޒާމް ބުންޏެވެ.

ބާޒިލް އަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އައީ މެލެކް އާ ބައްދަލުކުރަންކަން ބުނަން އޭނާގެ ދޫ ހަރަކާތް ނުކުރިއެވެ. މެލެކްގެ މައިންފައިން ކުރިމަތިން ފެނުމުން އޭނާގެ ހަށިގަނޑު ހުއްޓުމަކަށް އައިސްފިއެވެ.

"ކަމަކުތަ ބާޒިލް" ތަބައްސުމް އަހާލިއެވެ.

"މިއައީ... މިއައީ.... ލޫލުގެ ކޮންމެސް އެއްޗެއް... " ބާޒިލް ބުނަން އުޅުނެވެ.

"އާނ އެބައޮތޭ ފެންބޯ ފުޅި. އެކަމަކު މިރެއަކު ދެން ބޭނުމެއް ނުވާނެއްނު. މާދަމާ ހެނދުނު ލޫލު އަންނާނެއްނު މިގެއަށް" ތަބައްސުމް ބުންޏެވެ.

ބާޒިލް ބޯޖަހާލާފައި ސައިކަލަށް އެރިއެވެ. އައްޒާމް އިޝާރާތުން ބާޒިލް ކައިރީގައި ބުނީ އިހަށް މަޑުކޮށްލާށެވެ.

"ބައްދަލުކޮށްލަން ހިތުލައިގެން ހުއްޓަ މި ދިމާވީ. އިހަށް އާދެބަލަ. އެހެންކަމެއް އޮތިއްޔާ މައްސަލައެއްނެތް. ފަހުންވެސް ވާހަކަދެއްކިދާނެ" އައްޒާމް ބުންޏެވެ.

ޖޯއްޔަކީ ތިންމީހުންގެ ޖާގައިގެ ޖޯއްޔަކަށް ވުމުން ތަބައްސުމް ތެދުވިއެވެ. އޭނާ ބާޒިލް އިށީންނަން ޖޯލި ދެއްކިއެވެ. ބާޒިލް އިށީނީ އައްޒާމް އާ އެއްޖޯލި ދޫކޮށްފައެވެ. ގޭތެރެއިން އަދަރާދު ގޮނޑިއެއް ހިފައިގެން ނިކުމެ ތަބައްސުމް އިށީނެވެ. އޭނާ އެގޮތަށް ކަންތައްކުރީ ބާޒިލް ލަދުން އިނީމައެވެ.

"ކިހިނެއްތަ؟" ބާޒިލް އިށީނުމުން އައްޒާމް އަހާލިއެވެ.

"ރަ... ރަނގަޅު" ބާޒިލް ބުންޏެވެ.

"މިއުޅެނީ ބޮޑުމީހާ އަށް ހަބަރެއް ދޭންވެގެން. އަނެއްހެން ބޮޑުމީހާ އަށް މުހިންމު ވާހަކައަކަށް ނުވެދާނެ އެކަމަކު ބުނެލާނަން" އައްޒާމް ބުންޏެވެ.

ދެއަތުގެ ތެރޭގައި އޮތް ފޯނުގައި ބާރަށް ހިފަހައްޓައިގެން ބާޒިލް އިނީ ބިންމައްޗަށް ނަޒަރު ހުއްޓާލައިގެންނެވެ.

"މިއުޅެނީ މެލެކް ގޮވައިގެން ފުރަން. ފަހަރެއްގަ ލޫލު ގޮވައިގެންވެސް ފުރަންޖެހިދާނެ" އައްޒާމް ބުންޏެވެ.

ބާޒިލް އަށް ހީވީ އޭނާގެ ހިތުގެ ހިނގުންވެސް ހުއްޓުނު ހެންނެވެ. އެފަދަ ނިންމުމެއް އައްޒާމް ނިންމީ ކީއްވެގެން ހެއްޔެވެ؟ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. އެހެންނަމަވެސް އެންމެ ސުވާލެއްވެސް ދުލާ ހަމައަށް ނުގެނެވުނެވެ.

"ހުރިހާ ގޮތަކަށް ވިސްނާފަ. ބޭނުންވީ ތިދެކުދިންގެ ވަރީގެ ކަންކަންވެސް ނިންމަން. އެކަމަކު މިވަގުތު މެލެކްގެ ހާލަތު ހުރިގޮތުން އެކަން ވާކަށް ނެތް. އެކަމަށްޓަކައި މައާފަށްއެދެންވެސް ބޭނުން. އެކަމަކު ބޮޑުމީހާ ހާސްނުވޭ. ﷲ އިރާދަކުރެއްވިއްޔާ މެލެކް ހަނދާންތައް އައިހާ އަވަހަކަށް، ކިތަންމެ ގިނަ ދުވަހެއް ފަހުން ހަނދާންތައް އަޔަސް އެކަން ނިންމައިދޭނަން. ދެން އަނެއްކަމަކީ ލޫލުގެ ކަންތައް. ލޫލު މެލެކް ގާތުގައި ހުއްޓަސް ބޮޑުމީހާ އާ ބައްދަލުވާނެ. ބައްދަލުކޮށްދޭނަންވެސްމެ. ލޫލު ބޮޑުވާނީ ލޫލުގެ މައިންބަފައިން ދުނިޔޭގައި ތިބިހާ ހިނދެއްގައި މައިންބަފައިންގެ ލޯބި ލިބިގެން" އައްޒާމް ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟