"މުންނާ ނިޔާވެގެން އުޅުނު ދުވަސްކޮޅު ބަލިކޮށް އުޅުނީމަވެސް ނުގުޅޭތީ ޒެއްލު ހުންނާނީ ހިތްހަމަނުޖެހިފައެއްނު. މަންމަވެސް ޒެއްލު ކައިރީގަ ބުނެދޭތި އަހަންނަށް މާފްކުރާށޭ" ސާރާ ދެލޮލުން ކަރުނަ ގެނުވީ ގަދަކަމުންނެވެ.
އެވަގުތު ކޮޓަރި ދޮރުހުޅުވލާފައި ވަނީ ޒޭބާއެވެ. ތަބައްސުމް އާއި އައްޒާމް ގެއަށް އައި ވާހަކަ އޭނާ ބުންޏެވެ.
"ބައްޕަވެސް ދެންމެ އައިސްފަ ފާހަނާއަށް ވަދެލާފަ ނިކުންނާނަމޭ ބުނި" ޒޭބާ ބުންޏެވެ.
މައުސޫމާ އައީ ނިކުންނަން ދޮރާ ދިމާލަށެވެ. ފަހަތުން ސާރާ ހިނގައިގަތްކަން އެނގުމުން އޭނާ ޒޭބާ އަށް ބަލައިލިއެވެ.
"ޒޭބް ސާރާ ކައިރީގަ މަޑުކޮށްލަންވީނުން. އެމީހުން ދައްކަން އުޅޭ ވާހަކައެއް ދައްކާފަ ދިޔައިމަ ހުރިހާ އަންހެނުން އެއްކޮށް ކާނީ" މައުސޫމާ ބުންޏެވެ. އައްޒާމްގެ ދެމަފިރިންގެ ކުރިމައްޗަށް ސާރާ އަންނަން މައުސޫމާ ބޭނުންނުވީއެވެ. ސާރާ އެގެއަށް އައުމުން އެކަނިވެސް އޭނާ ހުރީ ހިތްނުތަނަވަސްވެފައެވެ. މައުސޫމާ ނިކުތްތަނާ ސާރާ އައިސް ޒޭބާ ކައިރީގައި ހުއްޓުނެވެ. މެލެކްގެ މައިންބަފައިން އެގެއަށް އައި ސަބަބު އެނގެން އޭނާ ބޭނުންވިއެވެ.
"އެމީހުން ކޮންވާހަކައެއް ދައްކަންވެގެން" ސާރާ އަހާލިއެވެ.
"އެމީހުންނށް އެނގޭނީ" ޒޭބާ އައިސް އެނދުގައި އިށީނެވެ. ސާރާ އައިސް އެނދުގައި އިށީނެވެ. ސާރާގެ ކޮންމެ ސުވާލަކަށް ޖަވާބުދޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ކަމެއް ރަނގަޅުވާން އުޅެންޏާ އަބަދުވެސް ކަތުރުފަންޏަކަށް ވެގެން އަންނާނީ ސާރާ ކަހަލަ އަންހެނުންނެވެ.
****
ޗުއްޓީއެއް ނަގައިގެން ގޭތެރޭގައި އޮތުން ވީ އަހަދުﷲ މާބޮޑަށް ފޫހިކުރުވާ ކަމަކަށެވެ. އެހެންކަމުން އަސަދު އާ އެއްކޮށް ދުވަހުގެ ދުވަހުގެ ހަވީރު ވާން އުޅެނިކޮށް އަހަދުﷲ އައީ ކޮފީއަކަށެވެ. ބީރައްޓެހި ރަށެއްކަމުން ރަށަށް ދެބެއިން އަދި މާބޮޑަކަށް ނުހޭނެއެވެ. ބޭނުންވާ ކޮފީއަށް އޯޑަރުދީފައި ދެބެއިން ތިބީ ފޯނަށް ގެއްލިފައެވެ. އެހެން އިނދެފައި ކުރިން ވާހަކަދެއްކީ އަސަދުއެވެ.
"ދޮންބޭ! އެކަންތައް ކޮށްދީބަލަ. އެއީ ހާދަ ރީތި ކުއްޖެކޭ" އަސަދު ބުންޏެވެ.
ދެލޯ ވަށްކޮށްލާފައި އަހަދުﷲ ބަލައިލިއެވެ. އޭނާ ކެފޭތެރެ ހޯދައި ބަލައިލިއެވެ. ގައިމު އަންހެންކުއްޖެއް ފެންނާކަށް ނެތެވެ. އެހެންވިއިރު އަސަދު އެދައްކަނީ ކާކުގެ ވާހަކަ ހެއްޔެވެ؟
"ކާކު ރީތިވެގެން" އަހަދުﷲ ބުންޏެވެ.
"ފަހަރިގެ ކޮއްކޮއެއްނު. ކޮން ނަމެކޭތަ؟ މެލެކް... އަހަންނާ ކިހާ ގުޅޭ ކުއްޖެއް އެއީ" އަސަދު ބުންޏެވެ.
ވެއިޓަރު ގެނައި ކޮފީތަށި ބަހައްޓާފައި ދިޔުމުން ވަރަށް ފަރުވާތެރިކަމާއެކު އަހަދުﷲ އަސަދުއަށް ބަލައިލިއެވެ. އަންހެންކުއްޖަކު ކަމުގޮސްގެން މިއީ އޭނާ ގާތު އަސަދު ވާހަކަދެއްކި ފުރަތަމަ ފަހަރެވެ. އެކަމަކު މިއީ އަސަދުގެ ނަސީބު އަތުގައި ހިފާނެ ފަހަރެއް ނޫނެވެ.
"ތިކަންކުރަން ހިތުލައިގެންވެސް ނުވާނެ" އަހަދުﷲ ބުންޏެވެ.
"ކީއްވެ؟" އަސަދު ހައިރާންވިއެވެ.
"އަސޭއަކަށް އަދި މެލެކްގެ ސްޓޯރީއެއް ނޭނގޭ ދޯ. މެލެކް އަކީ ދޮންބެގެ ޕޭޝަންޓްއެއް. މައި އާ ދޮންބެ ދިމާވެ އެކުވެރިކަން އުފެދުނީ މެލެކްގެ ކޭސް ގެ ތެރެއިން" އަހަދުﷲ ބުންޏެވެ.
"ތިބުނީ؟ މެލެކް ކޮން ބައްޔެއްވީ؟" އަސަދު ބުންޏެވެ.
"މެލެކް އެންމެންނާވެސް އެކުވެރި. ރީތި ކުއްޖެއް. މެލެކް މެރީޑް. ފިރިއެއް އެބަހުރި. ލޯބިލޯބި ދަރިއަކު އެބަހުރި. އެކަމަކު އެއިން އެއްވެސް ކަމެއް މެލެކްގެ ހަނދާނުގަ ނެތް. އޭނަގެ ކުރިމަތީގައި ހުރެ އޭނަ ފިރިމީހާ އެދަނީ އެހެން މީހަކާ އިންނަން ތައްޔާރުވަމުން" އަހަދުﷲ ވާހަކަދެއްކިއެވެ.
އެވާހަކަތަކުން އަސަދު އަށް ހިނދަކަށްފަހު ހިނދެއް ހައިރާންކަން ގެނުވަމުން ދިޔައެވެ. އެވާހަކަތަކާ އޭނާ ޝައުގުވެރިވިއެވެ. ގަބޫލުކުރަން އުނދަގޫ އެހެނަސް ހަގީގަތެވެ. އެހެންވެސްވޭ ހެއްޔެވެ؟ ހަމަ އަސްލަށްވެސް މެލެކް ހަނދާންނެތިފަ ހެއްޔެވެ؟ އެކަމަކު ހިއެއްވެސް ނުވެއެވެ. ކުރިން މިކަހަލަ ކަންތައްތައް އޭނާއަށް ފެނިފައި ހުރީ ބަލާ ސީރިސްތަކުންނެވެ. ހަގީގީ ދިރިއުޅުމުގައި މިއީ އަލަށް ފެނުނު ކަމެކެވެ.
"މެޑިސިންގ ހަދާ ނިމޭއިރު މިހުރިހާ ބައިތަކެއްވެސް ދާނެ. އޭރުން ދޮންބެ ނުޖެހޭނެ އަސޭ އަށް ތަފްސީލުކޮށް ކިޔައިދޭކަށް" އަހަދުﷲ ބުންޏެވެ.
"ދެން؟ އެހެން ކިހިނެއް ދުނިޔޭގަ އުޅެނީ. ބުނެދޭން ޖެހޭއްނެއްނު މެލެކް އަށް" އަސަދު ބުންޏެވެ.
"ތިކަމަށް ދޮންބެ އާ މައި ތައްޔާރުވަނީ މި. އެކަމު ބުނަން" އަހަދުﷲ ބުންޏެވެ.
"ނޭނގުމުގެ ތެރެއިންވެސް މެލެކް އަށް އިވޭ ހިސާބެއްގަ މިއިން އެއްވެސް ވާހަކައެއް ނުދައްކާތި. މެލެކް ހުރީ އޭނާގެ ބަލީގެ ވަރަށް ކްރިޓިކަލް ހިސާބެއްގަ. ވާނެގޮތެއް ބުނާކަށް ނޭނގޭ. ދެފަހަރަށް ބްރެއިންގެ މަސައްކައްތައް ހުއްޓިއްޖެ. ތިންވަނަ އެޓޭކެއް އައިއްޔާ ސަވައިވް ވުން އޮތީ މަދު ޕަސެންޓެއް" ކޮފީތަށިން ކޯވަރެއް ބޯލާފައި އަހަދުﷲ ވާހަކަދއްކިއެވެ.
"އޯވް... އެކަމަކު އުޅޭގޮތުން ހިއެއްވެސްނުވޭ" އަސަދު ބުންޏެވެ.
"މީހަކުދެކެ ލޯބިވުމާއި ކަމުދިޔުން އެއީ މައްސަލައެއް ނޫން. ވިސްނަންވާނެ ތިމާއަށް ކަމުދާ ނުވަތަ ލޯބިވާ ކޮންމެ އެއްޗެއް ގަދަކަމުން ހާސިލްކުރުމަކީ ގިނަފަހަރަށް ތިމާ ހަލާކުގެ ތެރެއަށް ގެންދާނެ ކަމެއް. އެހެންނޫނަސް އިންސާނެއްގެ ބޭރުފުށުގެ ރީތިކަމަކީ ދިރިއުޅުމަކަށް ވިސްނާއިރު އެންމެ މުހިންމުކަން ދޭންޖެހޭ އެއްޗެއް ނޫން. ދޮންބެ އަށް މައިލީން ކަމުދިޔައީވެސް މައި ގެ ރީތި ސިފަ ދޮންބެއަށް ކަމުގޮސްގެނެއނޫން. މައިލީން އާއެކު ދޮންބެ ހޭދަކުރި ކޮންމެ ސިކުންތެއް ދޮންބެ ހޭދަކުރީ މައިލީން ދެނެގަތުމަށް" އަހަދުﷲ ވާހަކަދެއްކިއެވެ.
"އޯކޭ... ކަމުދިޔަކަން ޔަގީން. ހިތްނުކިޔައެކޭވެސް ނެތް ބުނެވޭކަށް. އެކަމަކު އެ ވިސްނުން ދޫކޮށްލައިފިން. ތިވާހަކަތައް އެނގުނީމަ ވަރަށް ދެރަވެއްޖެ އަސްލު" އަސަދު ބުންޏެވެ. އަހަދުﷲ ހިނިތުންވެލިއެވެ.
****
ދެފަރާތު އާއިލާ އިން އެންމެ ފުރަތަމަ ކަމަކަށް މެންދުރުގެ ކެއުމަށް އިންސާފުކުރިއެވެ. ކައި ނިމިގެން ދެ އާއިލާ ގޮނޑިތަކުގައި އިށީނެވެ. އެންމެފުރަތަމަ ވާހަކަދައްކަން ފެށީ އައްޒާމްއެވެ.
"މިއަދު މެލީގެ ހާލު އަނެއްކާވެސް ސަކަރާތްވެއްޖެ. އެއްޗެއް ބުނާއިރު ނުވަތަ ކުރިއަށް އެންމެ ފިޔަވަޅެއް އެޅިޔަސް އެއްލައްކަ ފަހަރު އެބަޖެހޭ ބަލަން ފިޔަވަޅު މިއެޅެނީ ރަނގަޅަށްތޯ" އައްޒާމް ބުންޏެވެ.
"މެލީ އަށް ކިހިނެއްވީ؟ "މައުސޫމާ އަހާލިއެވެ.
ކަންތައްތައް ވެގެންދިޔަ ގޮތް ތަބައްސުމް ކިޔައިދިނެވެ. ﷲ ގެ ރަހްމަތްފުޅުން މާބޮޑު ގޯހެއް ނެތް ވާހަކަވެސް ބުންޏެވެ.
"ދައްކަން މިއުޅެނީ ވަރަށް ބޮޑު ވާހަކައެއް. އަހަރެމެން ދެމަފިރިން ވަރަށް ބޮޑަށް ވިސްނާފަ މިކަހަލަ ކަމެއް މިނިންމީ. އެއްގޮތަކަށްވެސް ތިދެމަފިރިންނަށްވެސް އަދި މި އާއިލާގެ އެހެން މެންބަރަކަށްވެސް ހިތްބުރަވެގެނެއްނޫން" އައްޒާމް ބުންޏެވެ.
މައުސޫމާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ތަކުރާރުކޮށް އޭނާގެ ހިތް ދައްކަމުން ދިޔައީ އެއްވާހަކައެކެވެ. ދިރިއުޅުމުން މެލެކް ގެއްލެން އުޅޭ ވާހަކައެވެ.
"މިހުރިހާ ކަމަކަށް ވިސްނާފަ އަހަރެން ނިންމީ މައިލީންގެ ކައިވެންޏަށްފަހު އާއިލާ ރާއްޖެއިން ބޭރަށް ބަދަލުވާން. މެލީއަށް އެންމެ ރަނގަޅު ގޮތްވީމަ. މައިންބަފައިންނަށް ވީތީ ދަރިއަކު އުމުރަށް ލޯމަތިން ގެއްލިދާނެތީ ހިތުގައި އެ ބިރު އެބައޮތް. ފިރިޔަކު ދުނިޔޭގައި ހުރެމެ މެލެކް ވަނީ އެ ލޯބިން މަހުރޫމުވެފަ. ލޫލު އަދި ހުރީކީ މެލީއަށް އަޅާލާ އޯގާތެރިވެވޭނެ އުމުރުގައެއް ނޫން. ތިބި ބަޔަކީ މިއީ. ފަހަރެއްގަ ލޫލު..." އައްޒާމް އަށް ވާހަކަ ކުރިއަށް ގެންދަން އުނދަގޫވިއެވެ.
މައުސޫމާ ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވިއެވެ. އޭނާއަށް ހީކުރެވުނީ ހަމަ ރަނގަޅަށެވެ. އައްޒާމްގެ ނިންމުން މިއީތާއެވެ. ކުރާނެ ކަމެއް ނެތެވެ. ދުނިޔޭގައި ހުރީތީ އަނެއްކާވެސް އާ އިމްތިހާނެއް ކުރިމަތިވީއެވެ. ދުނިޔޭގައި ހުރި ހަމައެކަނި މާމަ ދަރިފުޅުވެސް ނުފެންނަ ހިސާބަކަށް ދަނީއެވެ. ހުރިހާ ކަމެއް ހެއްދެވިފަރާތާ ވަކީލެވެ.
"އަހަރެމެން ކީކޭ ބުނާނީ ތިކަމަށް. އައްޒާމަށް ފެންނަ ގޮތަކަށް ކަންތައްތައް ކުރިއަށްގެންދޭ. އަހަރެމެން ހަމަ ހިތްހެޔޮ" ޒިޔާދު ބުންޏެވެ.
"އަހަރެން މައާފަށްއެދެން ބޭނުންވޭ. މަސައްކަތްކުރީން ބާޒިލްގެ ވިސްނުން ބަދަލުކުރޭތޯ. އެކަމަކު... ކެތްކުރާނަން...." މައުސޫމާގެ އަޑު އައީ ކެނޑެމުންނެވެ.
"ބޭނުންވަނީ ބާޒިލް ކައިރިން މެލެކް ވަރިކުރުވަން. އެކަމަކު އެއީ މައިންބަފައިންނަށް ލިބިގެންވާ ހައްގެއްނޫން. އަހަރެމެން ބޭނުމެއްނުވޭ ބާޒިލްއަށް މަޖުބޫރު ކުރުވާކަށްވެސް. އަނެއްކޮޅުން ދެމަފިރިން ދުރުކުރަން ހިފާލާ ހިސާބުން ކޯޓުން ނޯޓިސް އަންނާނެ. ކޯޓަށް މެލެކްވެސް ގެންދާނެ. އެހިސާބުން ކަންތައްތައް އަނެއްކާ ގޯސްވެދާނެ. އެހެންވީމަ އެކަމެއް ނުކުރާނަން" އައްޒާމް ބުންޏެވެ.
ޒިޔާދު އާއި މައުސޫމާ އެއްދިމާއެއް ބަލަހައްޓައިގެން ތިބީ މާޔޫސްވެފައެވެ. ދެމަފިރިންގެ ދުލުގައި ބަހެއް ބުނާނެ ބާރެއް ނެތް ކަހަލައެވެ. ކުރިމަތީގައި ތިބި ހިތްތިރި ދެމަފިރިންނަށް ވާހަކަދެއްކުމަށް ވަގުތު ދީގެންނެވެ.
"އަހަރެމެން ހިތުގައި ބާޒިލްއަށް ވެސް އަދި މި އާއިލާއަށް ވެސް އެއްވެސް ހިތްބުރަކަމެއް ނެތް. އިންސާނަކަށް އަހަރެން ހިތުން ހާއްސަ މަގާމެއް ދޭނީ އެއްފަހަރު. އަހަރެންގެ މަރުދުވަހާ ހަމައަށް އެ މަގާމް އެގޮތުގައި އޮންނާނެ. ބާޒިލްއަށް ދިން ދަރިއެއްގެ މަގާމް އަދިވެސް އެބައޮތް. އަދިވެސް އެއީ އަހަރެން ވަރަށް ލޯބިވާ ކުއްޖެއް. މާދަމާ ހާލަތު އެހެން ގޮތަކަށް ބަދަލުވިޔަސް މެލެކް އެނބުރި ބާޒިލްގެ ގާތަށް އައުމަކީ އަހަރެމެންނަށް ރުހުންދެވޭނެ ކަމެއް ނޫން" އައްޒާމް ވާހަކަދެއްކިއެވެ.
ކުރިންވެސް އެކަން ވާނީ އެގޮތަށްކަން އެނގެއެވެ. ބާޒިލްއަށް ޒިޔާދު އާއި މައުސޫމާ ވިސްނައިދިނެވެ. ނުވިސްނުނީ ބާޒިލް އަށެވެ.
އައްޒާމްގެ ދެމަފިރިން ދާން ތެދުވިއެވެ. ތަބައްސުމް މައުސޫމާއަށް ބަލައިލިއެވެ. މައުސޫމާގެ ހިތުގައި މިވަގުތު އަޅާލނެ ވޭން ތަބައްސުމްއަށް އިހުސާސް ކުރެވެއެވެ. އެކަމަކު ކުރެވޭނެ ކަމެއް ނެތެވެ. މިވަގުތު މެލެކް އަށްޓަކައި ފިޔަވަޅެއް ނާޅާ އުޅޭވޭކަށް ނެތެވެ. ތަބައްސުމް ކުރިއަށް ޖެހިލާފައި މައުސޫމާގެ އަތުގައި ހިފާލިއެވެ. ކޮނޑުގައި ފިރުމާލާފައި އޭނާގެ ހިތް ސާފުކަން އަންގައިދިނެވެ.
****
އޮފީސް ނިންމާފައި ގެއަށް އައި މަގުމަތީގައިވެސް ބާޒިލް ބޭނުންވީ މެލެކްގެ މޫނު ދެކިލާފައި އަންނާށެވެ. އޭނާ ސައިކަލު މަތީގައި އިނދެ އެތައް ފަހަރަކު މެލެކް އަށް ގުޅިއެވެ. މެލެކް ފޯނަށް ނުނެގުމުން މެސެޖްވެސް ކުރިއެވެ. މެލެކްގެ އެއްވެސް ހަބަރެއް ނުވުމުން އެންމެފަހުން އޭނާ މިސްރާބުޖެހީ ގެއާ ދިމާލަށެވެ. އިރުއޮށްސެންވާއިރަށް ލޫލު ގޮވައިގެން މެލެކް އަންނާނެކަން އޭނާއަށް އެނގެއެވެ. ދޮރާށިން އެތެރެއަށް ވަނުމާއެކު ބާޒިލްގެ ނޭފަތުގައިޖެހުނީ ބަނޑުފުރޭހާ މީރު ވަހެކެވެ. ވަގުތުން އޭނާ ކާހިއްވިއެވެ. އިސްކުރުން ފުޅިއަކަށް ފެން އަޅައިގެން އައި ޒޭބާ އަށް ބާޒިލް ފެނުމުން ހުއްޓުނެވެ. ހިނިތުންވުމެއްދީފައި ޒޭބާ ހިނގައިގަތުމުން ބާޒިލް ގޮވާލިއެވެ.
"ޕޮޓޭޓޯ ޕައި ތަ؟" ބާޒިލް ހުރީ ވަރަށް ހަމަޖެހިފައެވެ.
"ހޫމް... ޒެއްލުއަށް ހާއްސަކޮށް މީހަކު ހެދި އެއްޗެއް. އެއްޗެހި ބަދަލުކޮށްގެން ދޭބަލަ" ޒޭބާ ބުންޏެވެ.
ބާޒިލްގެ ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ. ހޯދަމް އުޅުނު މީހާ އާ ގެއިން ބައްދަލުވެދާނެކަމަށް އޭނާ ހީކޮށްފައެއްވެސް ނެތެވެ. މިވީ މާ ރަނގަޅަށެވެ. ހިނިތުންވެހުރެ ބާޒިލް ގޭތެރެއަށް ވަތްއިރު އިތުރު މީހަކު ފެންނާކަށް ނެތެވެ. އުޅެންޖެހުނުލެއް ބުރަކަމުން މެންދުރު އޭނާއަށް ރަނގަޅަށް ނުކެވެއެވެ. އޭނާ ހުރީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ. އޭނާ ބޭނުންވީ ފެންވަރައިގެން ނިކުމެ އަވަހަށް ބަނޑަށް ކާއެއްޗެއް ލާށެވެ. ފެންވަރާ ފްރެޝްވެގެން މެލެކް އާ ބައްދަލުކުރާށެވެ. ލައިގެން ހުރި ގަމީހާއި ފަޓްލޫނު ކޮޓަރިއަށް ދޫކޮށްލުމަށްފަހު ތުވާލި ހިފައިގެން އޭނާ ހިނގައިގަތީ ފާހާނާ އާ ދިމާލަށެވެ. އެވަގުތު ކުއްލިއަކަށް ފާހާނާ ދޮރުހުޅުވާލުމާއެކު ބާޒިލް ދޔައީ ސިއްސައިގެންނެވެ. ސާރާ ފެނުމުން ބާޒިލްއަށް ލިބުނީ ހައިރާންކަމެވެ.
"ކިހިނެއްތިހުރީ. އަވަސްކުރޭ ތުވާލި އައްސާ" ސާރާ ބުންޏެވެ. ބާޒިލް އަށް ވިގޮތް ފެނުމުން އޭނާ ހުރީ ހިނިއައިސްފައެވެ.
ބާޒިލް އަވަސް އަވަހަށް ތުވާލި އައްސާލިއެވެ. ދެން ސާރާ އަށް ބަލައިލީ ހިތްހަމަނުޖެހިފައެވެ. އޭނާގެ ކުރިމައްޗަށް އަންނަން ސާރާއަށް ކެރުނުކަމެވެ.
"ސާރާ މިކޮޓަރިން ނިކުމޭ" ބާޒިލް ބުންޏެވެ.
"އޯކޭ. ފާހާނާއަށޭ އައީ. މީނީ މޭޒު ކައިރީގަ. އަވަހަށް އަންނައްޗެ" ސާރާ ބުންޏެވެ.
ސާރާ ނިކުމެގެން ދިޔުމުން ބާޒިލް އައީ ރުޅިއެވެ. ސާރާ އަށް އެހާ ހިތްވަރު ލިބުނީ ކިހިނެއް ހެއްޔެވެ؟ މިތަނަށް އައިސް ވަނީ ކީކޭ ހިތަށް އަރައިގެން ހެއްޔެވެ؟ ސާރާ އަށް ޖެހޭނީ ޖަވާބުދޭށެވެ. އޭނާ ދިރިއުޅުމަށް މިހާރު ސާރާ ބޭނުނުވާކަން އަންގައިދޭން އޭނާ ބޭނުންވިއެވެ. ކޮޓަރި ލޮކް ކޮށްފައި އައިސް ބާޒިލް ވަނީ ފެންވަރާށެވެ. އޭނާ ތައްޔާރުވެގެން ނިކުތްއިރު މޭޒު ކައިރީގައި އިނީ ސާރާ އެކަންޏެވެ. އޭނާ މޭޒު ކައިރިން ގޮނޑިއެއް ދަމާލާފައި އިށީނެވެ. ސާރާ އަށް އޭނާ ބަލައިލީ ހިތްހަމަނުޖެހިފައިވި ނަޒަރަކުންނެވެ.
"ކަޅު ސައިތަ؟ ނޫނީ ކޮފީތަ؟" ސާރާ އަހާލިއެވެ.
"ސާރާ ހީކުރީތަ ހިތަށް އެރިހާ ވައްތަރަކަށް އުޅެފައި އައިސް އަލުން އަހަރެންގެ ކޮނޑަށް އެރިދާނެކަމަށް" ބާޒިލްގެ އަޑުގައިވީ ހިތްހަމަނުޖެހުމެވެ.
"ވެދިޔަ ކަންތަކަށް ސޮރީ. ކިތަންމެ ދުރުގައި ހުއްޓަސް އަހަރެން ޒެއްލު މަތިން ހަނދާންކުރިން. ހަބަރެއްނުވެ ހުރީމަ ދެރަވި" ސާރާ ބުންޏެވެ.
"ކީއްވެ؟ ކީއްވެ ދެރަވީ. ސާރާ ހީކުރީ ސާރާ އުޅުނު ވައްތަރު އަހަންނަށް ނޭނގެނެކަމަށްތަ؟ މަޑުކުރޭ..." ބާޒިލް ނެގީ ފޯނެވެ. އޭނާ ނެގި ފޮޓޯ ސާރާއަށް ދައްކާލިއެވެ. އެހިނދު ސާރާގެ މޫނުމަތިން ހާސްކަން ފެނިލިއެވެ. ދައްކާނެ ވާހަކަތައް ނިކަން އަވަހަށް ސިކުނޑިތެރޭގައި ރާވާލިއެވެ.
"ތިކަން ދޮގެއް ނުކުރާނަން. އެކަމަކު ޒެއްލު ތިހީކުރާފަދަ ކަމެއް ނުހިނގާ. އަދި ތިފޮޓޯގަ އޭނީ ޒަމްބެ. ބައްޕަގެ ރައްޓެއްސެއް. ބައްޕަގެ އުމުރުގެ މީހެއް. ޒަމްބެ ދިޔައީ މުންނާ ކައިރީގަ އިތުރު މީހަކު ނެތިގެން ބައްޕަ މަޑުކުރަންޖެހުނީމަ ބައްޕަ ބުނެގެން އަހަރެން ގެއަށްލާން" ސާރާ ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ. އޭނާ ބޭނުންވަނީ ދޮގެއް ހަދައިގެން ނަމަވެސް އަލުން ބާޒިލްގެ ގާތަށް އަންނާށެވެ.
"އެހެންތަ. ސާރާ ގެއަކީ ގެސްޓްހައުސްއެއްތަ؟" ބާޒިލް އަހާލިއެވެ.
ސާރާ ހައިރާންވިއެވެ. އެވަރުވެސް އެރޭ ބާޒިލް ބެލީ ހެއްޔެވެ؟ އެކަމަކު މިވީ މާ ރަނގަޅަށެވެ.
"ރަނގަޅަށް ތިބުނީ. އަހަންނާ ދައްތަ ފުރަންވަންދެން ތިބީ މާފަންނު ގެސްޓްހައުސްއެއްގަ. ޒެއްލު އަހަންނަށް ފާރަލަނީތަ؟ އަހަންނާ ބެހޭގޮތުން ޒެއްލުއަށް އެނގުނީ ކޮންކަމެއް. ތިހާ ކަންކަން ބެލިއިރު ކީއްވެ ނޭނގުނީ މުންނާ މަރުވީމަ އަހަންނަށް ވީގޮތް. ނަފްސާނީވެގެން ގޮސް އަހަރެން ތެރަޕީތައް ނެގިކަން އެނގޭތަ. އަހަންނަށް ޒެއްލު ކައިރިއަށް ނާދެވި ގިނަ ދުވަސްވީ އެހެންވެ. ހުރިހާ ކަމަކުން އަހަރެން ގޯސްކުރާއިރު ޒެއްލު އަށް ހަމަ އެންމެ ކަމެއްވެސް ޒެއްލުގެ ސައިޑުން ނޭނގޭތަ؟ އެނގޭ އަހަރެން މާލެ ފުރީ ނުބުނެކަން. ހަނދާންވޭތަ އެންމެފަހުން އަހަރެމެން ބައްދަލުވި ރޭ. ދެމީހުންގެ މެދުގައި ހިނގި ދެބަސްވުމަށްފަހު އަހަރެން ދިޔައީ ހިތްހަމަނުޖެހިގެން. ހަބަރެއްނުވެ ދިޔައީ ރުޅިއައިސްފައި ހުރިވަރުން. ޖެހުނު މައްސަލަ ހައްލުކުރަން ޒެއްލު މަސައްކަތް ނުކުރީމަ އަހަރެންވެސް ގޮތްދޫނުކޮށް ހުރީ. އެކަމަކު ފަހުވަގުތުވެސް އަހަރެން އެނބުރި މިއައީ. ލޯބިވާތީ. އެކުގަ އުޅެން ބޭނުންވާތީ. ޒެއްލު ގެއްލެން ނޭދޭތީ. އަހަންނަށް މާފްކުރޭ ޒެއްލު. ޒެއްލު ބުނިގޮތެއް ހަދައިގެން ބުނި ތަނެއްގަ ބުނިގޮތަކަށް އުޅެން އަހަރެން މިހެރީ ތައްޔާރަށް" އެންމެފަހުން ރޯން ސާރާ ކުރި މަސައްކަތް ކާމިޔާބުވެއްޖެއެވެ.
ބާޒިލްގެ ބޮލުގައި ރިހުމެއް އުފެދުނެވެ. އޭނާގެ ސިކުނޑި ދެއަތަށް އެނބުރެން ފެށިއެވެ. ސާރާ އަށް އިތުބާރުނުކުރަން އެއްފަހަރު ބުނިއްޔާ އަނެއްފަހަރު އެ އަންހެންކުއްޖާއަށް މާފްކުރަން ބުނަމުން ދިޔައެވެ. ދެއަތުން ބާޒިލް ބޮލުގައި ހިފެހެއްޓިއެވެ.
"ބޮލުގަ ރިއްސަނީތަ؟" ސާރާ އަހާލިއެވެ.
"އަހަންނަށް ކަމެއް ކޮށްދެންޏާ އިހަށް ސާރާ މިތަނުން ދޭ" ބާޒިލް ބުންޏެވެ
"އޯކޭ. އެކަމު ސައިބޯތި. މިއީ އަހަރެން ވަރަށް ލޯބިން ހެދި އެއްޗެއް. ސައިބޮއެގެން ބޭސްކާތި" ސާރާ ބުންޏެވެ.
ބާޒިލްގެ ބޮލުގެ ރިހުން ފިލީ ސާރާ އޭނާގެ ލޯމަތިން ގެއްލުމުންނެވެ. އޭނާ ތެދުވެގެން ހިނގައިގަތެވެ. ވަކި ހިސާބަކުން ތައްޔާރުވެގެން ނިކުތް ޒޭބާ ފެނި އޭނާ ހުއްޓުނެވެ.
"ސައި ބުއީތަ؟ " ޒޭބާ އަހާލިއެވެ.
"ނުބޮން. ކޫ ކޮންތާކަށް؟" ބާޒިލް އަހާލިއެވެ.
"ލޫލު ބަލާ އެގެއިން ގުޅީމަ މިދަނީ. ސާރާ ދިޔައީތަ؟" ޒޭބާ ބުންޏެވެ.
"ހިނގައްޖެ. ކީއްވެ ކޫ ތިދަނީ؟ ކޮންމެދުވަހަކުވެސް ލޫލު ގެންނަނީ މެލެކްއެއް ނޫންތަ؟" ބާޒިލް ބުންޏެވެ. އޭނާ ބޭނުންވީ މެލެކް ނާންނަކަން އެނގުމުން މެލެކްގެ ހަބަރެއް އޮޅުންފިލުވާށެވެ.
"އަނެއްކާ މިއަދު ސަކަރާތްވެއްޖެއޭ މައި ބުނީ. ތިމަންނަ ބޮލުގަ ޓިއުމަރެއް އިނީމަ އޯ އެންމެން ތިމަންނަ ނޯމަލް ނޫންކަމަށް ބުނަނީ. ތިމަންނަ މަރުވާށޯ އެ އުޅެނީ. އެހެންކިޔާފަ ވަރަށް މީހާ ޕްރްޝަރު މަތިވެގެން ކިރިޔާ އޯ ފުރާނައަށް ނުރައްކާ ނުވެ ހުރީ" މައިލީން ބުނެދިންގޮތަށް ބާޒިލްއަށް ޒޭބާ ބުނެދިނެވެ.
"އަސްލުތަ؟" ބާޒިލް ބުންޏެވެ.
"ދާން ބޭނުން" ބާޒިލް ބުންޏެވެ. އެ އަޑު ޒޭބާއަށް އިވުމުން ބަލައިލިއެވެ.
"ކޫ އެގޭ ކޮންމެސް މީހަކަށް ގުޅާފަ ބަލައިދީބަލަ މެލެކްގެ ބައްޕަ ގޭގަ އުޅޭތޯ" ބާޒިލް ބުންޏެވެ.
(ނުނިމޭ)