ވާހަކަ

އަލިވިލުން - 13

"އޭ ރޫހީނެވެ، އަޑު އަހާ ބަލާށެވެ. އެއިވެނީ އޭނަގެ އަޑެވެ. ކަލޭގެ އަތުގައި ހިފައިގެން އޭނަ އަމިއްލަ ހިތުގެ ވާހަކަ ބުނާ އަޑު އެބައިވޭ ހެއްޔެވެ. ކަލޭ ހިތުގެ ވާހަކަ ބުނަން ބިރުން ތި އުޅެނީ ކޮންކަމަކާ ހެއްޔެވެ. އެކުވެރިންނަށްޓަކައި ހެއްޔެވެ. ނޫނީ އެހެން މީހަކަށް ބިރުން ހެއްޔެވެ. ނޫނީ އަމިއްލަ ނަފުސުގެ ކަސްތޮޅު ކަނޑާލާނެ ހިތްވަރު ނެތީ ހެއްޔެވެ. އެއީ އެންމެ ހަތަރު ދުވަހެއްގެ އެކުވެރިކަމެކެވެ. އެއީ އެންމެ ރެއެކެވެ. އެކަމަކު އެ އެންމެ ރޭ މުޅި ހަޔާތުގެ ވޭތިވެދިޔަ ހުރިހާ އަހަރަކަށްވުރެ އަގުބޮޑުވީ ސަބަބެއް ނެތި ހެއްޔެވެ."

ހިތުގެ އަޑާއެކު ރޫހީންގެ އެސްފިޔަތައް ތެންމަމުން ދިޔައެވެ. އަދި އިވެމުން ދިޔަ ލަވައިގެ މިޔުޒިކާއި ލަވައިގެ ބަސްތަކާއެކު ލޯމަތިން ފުސްވަމުން ބަނަކަން ނެތެމުން ގޮސް މަންޒަރެއް ސާފުވެއްޖެއެވެ. ދެ ހިޔަންޏެއް ފާޅުވެ، އެ ދެ ހިޔަނީގެ ސޫރަ ކަޅާއިހުދުން ކުލައަށް ބަދަލުވަމުން ދިޔައެވެ.

ދިލްކޯ ތުމްސޭ ޕިޔާރު ހުވާ، ޕޫރާ ޖޭސެ ކޯއީ ހާބް ހުވާ، ޖޮއާއެ ޒިންދްގީ ބަންކަރު ތުމް ދުއާ......... ހުޝްބޫ ހޯ ޗާހަތުހޯ، ތުމް މޭރީ، މޭރީ ރާހަތުހޯ.........

"އާރުޒޫ ހެ މެރި ސަޕްނޮކީ ބޭޓާ ރަހޫ ތޭރި ބާހޮމޭ

ސިރްފު ތޫ މުޖޭ ޗާހެ އަބް، އިތުނާ އަސަރު ހޮ މެރި އާހޮމޭ،

ތޫ ކެހެދޭ ހަސްކޭތޯ، ތޯޅްދުމޭ ރަސްމޯކޯ

މަރްކޭބީ ނާބޫލޫ މޭތޭރީ ގަސްމޯކޯ

މޭތޮ އާޔާހޫ ޔަހަޕެ ބަސް ތެރޭ ލިޔޭ، ތެރަ ތަންމަން ސަބްހޭ މޭރެލިޔޭ

ކިޔާ ހަސީނާ ޒަރާ. ސަމާހެ ޕިޔާރާ ޕިޔާރާ ގަލޭ ލަގާލޭ ޔާރަޔާރާ

މޭބީ އާޝިގް ޔާރު ހުވާ، ޕެހެލީ ބާރު ހުވާ، ތުމްސޭ ޕިޔާރު ހުވާ

ޗާއީހޭ ބޭތާބީ މޭރީ ޖާން ކަހޯމޭ ކިޔާ ކަރޫ......"

"ހަމަ ތެދެއް މިބުނީ، އެންމެ ފަހަރަކުވެސް ބުނެބަލަ މަޑުކުރާށޭ، އެންމެ ފަހަރަކުވެސް ބުނެބަލަ އާއެކޭ، އެއްވެސް މީހަކު ބުނާ އެއްވެސް އަޑެއް ނާހާ ވަގުތުން އިންނާނަން، ޕްރޮމިސް،"

"ދެކުދިންގެ މަންމައަކާ، މީހަކާ އިނދެ ވަރިވެފައި އިން މީހަކާ، ވަރިވެފައި ނޫން، ވަރިކޮށްފައި ހުރި ކުށްވެރިއަކާ، އެވެސް ބަދުނާމުކޮށްފައި، ހަޑިކޮށްފައި ކޮށްލި ވަރިއެއް،"

"އަހަރެން ލޯބިވީ އިރަކު ނޭނގޭ ތީ ކާކު ކަމެއް، މީހަކާ އިނދެފައި ހުރި ދެކުދިންގެ މަންމައެއް ކަމެއް، ވަރިކޮށްފައި ހުރި ކުށްވެރިއެއް ކަމެއްވެސް ނޭނގޭ، އަދި އެ ހުރިހާ ކަމެއް އެނގުމަކުން މި ބަސްނާހާ ހިތް ގަބޫލުކުރާކަށް އެއްބަހެއްވެސް ނުވި،"

ނަޒުމާނާއި ރޫހީންގެ ބައްދަލުވުމަކީ އިއްތިފާގެއް ކަމެއް ނަސީބެއް ކަމެއް ނޭނގެއެވެ.

ރޫހީނަށް އެއީ އޭނާގެ ހަޔާތުގެ އަލިކަން ކަމެއް އޭނާގެ ހަޔާތަށް އައި ބަހާރުގެ ރޯޅިއެއް ކަމެއް ވިސްނާނެ ފުރުސަތެއް ނެތެވެ. ހާލަތުގެ އަނިޔާވެރިކަމުގައި އޭނަ ހުރީ ޒަހަމްވެ ލޭކޮށިފައެވެ. އެފަދަ ވަގުތެއްގައި އަތުގައި ހިފާ ކޮންމެ މީހަކާމެދުވެސް ހިތުގައި ކުލުނެއް އުފެދޭނެއެވެ. ރިހެމުންދާ ހިތުގައި ފިރުމާލާނެ މީހަކު ނެތިފައި ހުއްޓާ، ރޯލުމަށް ބޯއަޅާލާނެ ކޮނޑެއް ބޭނުންވެފައި ހުއްޓައި އެފަދަ އެހީތެރިއަކު ލިބުމުން އެއީ މިތުރެއް ކަމުގައި ވިސްނުމަކީ ފިތުރީ ކަމެކެވެ. އެކަމަކު ނަޒުމާނުގެ ފަރާތުން ރޫހީނަށް ފެނުނީ އެއަށްވުރެވެސް ބޮޑު ގާތްކަމެކެވެ. އަދި އެއީ އޭނާއަށް ގަބޫލު ކުރެވުނު ކަމަކަށް ނުވިއެވެ.

"ޖަލު ގޮޅިން ފެންނަ އެއްވެސް މީހަކާ މެދު ޔަގީންކަމެއްދީ އިތުބާރުކޮށްގެން ލޯތްބެއް ނުވެވޭނެ. ތީ ހަމަ ކުޑަކުޑަ ހިނދުކޮޅެއްގެ ކަމެއް، އިސާހިތު ހަނދާން ނެތިދާނެ، އެހެންނޫނަސް އަހަރެން މިގޮތަށް ގާތުގައި އިންނާނެ ކަމަށް ހީކޮށްގެން ތި ވާހަކަ ދައްކާނަމަ އެ ކުށްހީ ދުރުކޮށްދެން، މަ ގެނެސްފައި މީނީ ދިހަ ދުވަހުގެ ގޭގެ ބަންދަކަށް، މަންމަމެން މާލެ އަންނަންދެން އެހީވުމަކީ ނަޒުމާނުގެ ހެޔޮކަން، ހަތަރު ދުވަސް ފަހުން މަންމަމެން އަންނާނެ، އަހަރެން އަނެއްކާވެސް ފެންނާނީ ހަމަ އެއްކަލަ ދޫނިދޫ ބަންދުގޮޅިން،"

ފައްޗަކަށް ރޫހީން އަމުނާލިއެވެ. އޭނާގެ ވާހަކަ ނިމެންދެން ކެތްތެރިކަމާއެކު ނަޒުމާން އިނެވެ. ހިނިތުންވެފައެވެ.

ހަތަރު ދުވަސް، މި ހަތަރު ދުވަސް ނަޒުމާނު ބޭނުންވަނީ މުޅި އުމުރަށް ހަނދާން ހުންނާނެ ފަދަ ހަތަރު ދުވަހަށް ހަދާދޭށެވެ. ރޫހީން ގޭގެ ބަންދަށް ގެންނަން ހަމަޖެހުނީ އޭނާގެ ކިހާ މަސައްކަތަކުންކަން އެނގޭނީ ހުދު އޭނާއަށެވެ. ނަސީބު އޭނާއާ އެއްބައިވެފައި އޮތީ ވަރަށް ވެސް ބޮޑަށެވެ. އާއިލާގެ އެންމެން ތިބީ ދައްތަގެ ދަރިފުޅުގެ އޮޕަރޭޝަނަށް އިންޑިޔާގައެވެ. ޑިއުޓީގެ ކަންތައް ހުރި ގޮތުން ނަޒުމާނަށް ނުދެވުނީއެވެ. ދައްތަގެ ދަރިފުޅުގެ އޮޕަރޭޝަނަށް ގޭގެ އެންމެން ދިޔައިރު އޭނާއަށް ނުދެވުނީތީވެ ނަޒްމާން ވަރަށް ދެރަވިކަން ޔަގީނެވެ. އެހެންނަމަވެސް އެދުވަހު އޭނާގެ ޑިއުޓީ ދޫނިދޫ ބަދަލު ކުރަން ކުރި މަސައްކަތް ކާމިޔާބުވުމުން އެދެރަ ހަނދާން ނެތި، އުފަލުން ހިތާހިތުން ނަޒުމާން ޝުކުރު އަދާކުރިއެވެ.

ރޫހީނަށް ޖަލު ހުކުމެއް އަންނާނެކަމުގެ ޔަގީންކަން ލިބުމުން، ރޫހީންގެ މަންމަމެން ކޯޓަށާއި ޕޮލިހަށް ސިޓީ ހުށަހެޅީ، ގަބޫލުވެވޭފަދަ އުޒުރަކާވެސް އެކުގައެވެ. އެހެންނަމަވެސް ހާލަތު ނިޔާ ކުރީ އުއްމީދު ކުރި ގޮތަކަށް ނޫނެވެ.

ދެ ކުދިން ގޮވައިގެން މަންމައަށް މާލޭގައި ހުރެވުނީ ރޫހީން ގޭގެ ބަންދަށް ގެނައި ދުވަހާ ހަމައަށެވެ. ރޫހީން ގޭގެ ބަންދަށް ގެންނާނެ ކަމަށް ޕޮލިހުން އެންގުމާއެކު، ރޫހީންގެ މަންމަ ރަމްލާއާއި ދައްތަ މިންހާ، ރޫހީންގެ ދެކުދިން ގޮވައިގެން މާލެ އައިސް ތިބީ ކުއްޔަށް ކޮޓަރިއެއް ހިފައިގެންނެވެ. ފުލުހުން އެންގި ތާރީހު ފަހަނައަޅައި ގޮސް އިތުރަށް ހަފުތާއެއް ވީއިރުވެސް ރޫހީން މާލެ ނުގެނެވެއެވެ.

ރަށުގައި ގެއާއި ގޭތެރޭގެ ހުރިހާ ކަމެއްހެން ބަލަހައްޓައި، އާއިލާގެ ޒިންމާ އުފުލާ މީހަކީ ރަމްލާއެވެ. ރޫހީންގެ ބައްޕަ އާލަމްގެ ވަޒީފާގެ ގޮތުން ގިނަ ވަގުތު އުޅޭނީ ގެއިން ބޭރުގައެވެ. ކަނޑުމަތީގައެވެ. ގޭގައި ހުރީ ދޮށްޓަށް ހުރި ރޫހީންގެ ބޭބެއަކަށް ގޭގެ ހުރިހާ ޒިންމާއެއް ނުނެގޭނެއެވެ. ފަހަރި ވިހޭތާ މާގިނަ ދުވަހެއް ނުވެއެވެ. ހަފުތާއެއް ވީ ބޭބީއެއް ގޮވައިގެން ގޭގެ ހުރިހާ ކަމެއް ފަހަރިއަކަށް ނުކުރެވޭނެތާއެވެ.

އާއިލީ ވިޔަފާރިއެއް އޮންނަ ގެއެއް ކަމަށްވާތީ، ބަރާބަރަށް ފިހާރައިގެ ކަންތައް ދުވަހުން ދުވަހަށް ބަލައި، ގެންނަން ޖެހޭ މުދަލެއް ހުރިއްޔާ އެ މުދަލެއް ގެނެސް، ހިސާބު ނިންމައި، ވިޔަފާރި ހިނގާ ގަޑިތަކަށް ސަމާލުވެ، މާއިރާ ފިހާރަ ހުޅުވައި، ބަންގި ވަގުތަށް ބަންދުކޮށް، އަލުން ހުޅުވައި، ލޭންދޭނުގެ ހިސާބު ބަލައި، މިއީ ހައްތަހާވެސް ދުވަހުން ދުވަހަށް ވަގުތުން ވަގުތަށް ނިންމަން ޖެހޭ ކަންތައްތަކެވެ.

އެ ފިހާރައަށް އޮޑައްސައު ކިޔަނީ ސަބަބެއް ނެތިއެއް ނޫނެވެ. އޮޑައްސައު އަވަށަށް އެންމެ ފުރަތަމަ ބަދަލުވި ހަތަރު އާއިލާގެ ތެރެއިން އާލަމްގެ އާއިލާއަކީ ދެވަނައަށް ގެ އަޅައިގެން ގެއަށް ބަދަލުވި އާއިލާއެވެ. އަދި އޮޑައްސައު ވަލުތެރޭގައި، އަލަށް އާބާދުވާން ފެށި އަވަށުގެ އެންމެން ވިޔަފާރި ކުރުމަށް ރަށުތެރެއަށް ދާން ޖެހޭތީ، ފިހާރައެއް ހުޅުވުމުގެ ވިސްނުން ފުރަތަމަ ހުށަހެޅީވެސް ރޫހީނެވެ، އޭރު ރޫހީންގެ ސުކޫލު ނުނިމެއެވެ.

ކިޔަވަމުންދިޔައީ ވިޔަފާރިކަމަށްވާތީ، ވަރަށް ފަސޭހައިން އޭނާއަށް އެ ހިޔާލު ކުރެވުނެވެ. ބައްޕަގެ ވާރުތައިގައި ދެ ބޯޓާއި މަސްދޯންޏެއް އޮވެއެވެ. ބޯޓުން މާލެދާ ކޮންމެ ފަހަރަކު މުދާ އާ ކުރެވޭނެއެވެ. އަދި އެކަމަކަށް ތަކުލީފު އުފުލައި ބޮޑު ހަރަދު ކުރާކަށް ނުޖެހޭނެއެވެ.

ދަރިފުޅުގެ މި ހިޔާލަށް ތާއީދުކޮށް، ގޭގެ ފުރަގަހު މަގަށް ވާގޮތަށް، ރޫހީނަށް ވަކި ކޮޓަރިއެއް އަޅައިދޭން ކަމަށް ރާނަން ފަށާފައި ހުރި ބައި، ފިހާރައަކަށް ބަދަލުކޮށް، ހަމައެންމެ ހެޔޮވަރުގެ 600 އަކަފޫޓޫގެ ފިހާރައެއް ތައްޔާރުކޮށް، އެތަނަށް މުދާ ވެއްދުމާއި ތަން ރަޖިސްޓްރީކޮށް ކަންކަން ނިންމުމަށް ހޭދަވީ އަށެއްކަ ވަރަކަށް މަސްދުވަހެވެ.

ދެން އައި އެންމެ ހެޔޮ ސާއަތެއްގައި ބިސްމީގެ ބަރަކާތުން އާއިލާގެ ހުރިހާ އެންމެންގެ ހިއްސާ ހިމެނޭހެން އެންމެން އަތްތައް ގުޅުވާލައި ތިބެ ފިހާރަ ހުޅުވީއެވެ. "އޮޑައްސައު" މި ނަމަކީވެސް ރޫހީންގެ ހޮވުމެކެވެ. އެހެންވާނެ ނޫން ހެއްޔެވެ. މުޅި އާއިލާގެވެސް ރަންދަރިކަމަނާ ވިއްޔާއެވެ.

ވިޔަފާރި ހިނގައިގަތީ ހީވެސްނުކުރާހާ ބާރުމިނެއްގައި ނަފާކޮށްދެމުންނެވެ. ކާޑުގެ ބާވަތްތަކާއި ކެއްކުމަށް ބޭނުންވާ ހުރިހާ ސާމާނެއް އެހާ ހެޔޮ އަގެއްގައި އެއް ތަނަކުން ލިބެން ފެށުމަކީ އެ އަވަށަށް އެކަނި ލިބުނު ފަސޭހައެއް ނޫނެވެ. ދުރުން އެހެން ހިސާބުތަކުންވެސް ވިޔަފާރިކުރަން އާދެއެވެ. މަޑުމަޑުން ރޫހީންގެ ހިޔާލާ އެއްގޮތަށް އެތަނަށް ކޮސްމެޓިކްސް ސާމާނާއި އަންނައުނުވެސް ގެންނަން ފެށިއެވެ. އަދި ބަލަބަލައި ތިއްބައި، އޮޑައްސައު ފިހާރަ، އެއްތަނަކުން ހުރިހާ ސާމާނެއް، ހެޔޮއަގުގައި ލިބޭ ފިހާރައަކަށް ބަދަލުވާން ނެގީ ދެއަހަރެއްހާ ދުވަހެވެ.

އޭނާގެ ގެއަށް ރޫހީން ގެނައީ އެތައް މަސައްކަތަކުންނެވެ.

"އަހަންނަށް ހީނާ ފުރަތަމަ ފެނުނީ ޖަލު ގޮޅިއަކުން ނޫނޭ،"

ރޫހީނަށް އިނދެވުނީ ބަސް ހުއްޓިފައެވެ. ދިމާ ކުރިމަތީގައި ކުޑަކަކޫމަތީ އިން ނަޒުމާނުގެ މުށިކުލައިގެ ނަލަ ދެލޮލުން އޭނާއަށް ތެދުވެރިކަން ފެނެއެވެ. އެ ދެލޮލުން އޭނާއަށް ބުނެދޭން ނޭނގޭ ފަދަ ވިދުވަރެއްވެސް ފެނެއެވެ.

ވަގުތާއި ހާލަތު އޭނާގެ ވޭނުން ކަޅިވެފައި އޮތް ހިތުގައި ނަޒުމާނުގެ ނަން ލިޔާކަށް އެއްބަހެއް ނުވިއެވެ.

"މަށަށް ހީނާ ފެނުނީ ވަރަށް ކުރިން، ހީނާ ހަނދާނެއްވެސް ނުހުންނާނެ، އަހަރެން އައްޑޫއަށް ދިޔައީ ވަރަށް ފޫހިވެ، ދާހިތްނުވެފައި ހުރެގެން، ވަޒީފާ ވީމަ ދާން ޖެހިގެން، މާލެ އާދެވޭނެ ކަހަލަ އުޒުރެއް ފެނޭތޯ ކޮންމެ ދުވަހަކު ވިސްނަން، އެކަމަކު އެއްދުވަހަކު އެހުރިހާ ފޫއްސަކާއި ހިތްހަމަނުޖެހުމެއް ކުއްލިއަކަށް ބަދަލުވެއްޖެ...." ނަޒްމާން ރޫހީނަށް ހަނދާކޮށްދިނުމަށްޓަކައި އޭނާގެ ހަޔާތުގެ އެންމެ ފޮނި އުފާވެރި ވާހަކަތައް ލިޔެވިފައިވާ އެސޮފުހާ ހުޅުވާލިއެވެ،

ހަނދާންކޮށްބަލަ، ހީނާ ބައިވަރު ކުދިންތަކަކާއެކު "ރޭޕާ ދެކޮޅު، އިންސާފު ލިބެންޖެހޭ،" ހަނދާން އެބަހުރިތަ؟ އެ ހިނގާލުން ތިން ދުވަސް ވަންދެން ކުރިއަށް ގެންދިޔަ، ކޮންމެ ދުވަހަކުވެސް ހިނގާލުން ނިންމާލަނީ ސަންސެޓުގެ ޑެކުން ސައިބުއިމަކުން، ދެވަނަ ދުވަހު، ތިން ދުވަހުވެސް ވާހަކަދައްކާނެ ހިތްވަރެއްވެސް ކުރިން، ކުޑަކޮށް ވާހަކަދެއްކި، އެކަމަކު މަށާ ނޫން ވާހަކަ ދެއްކީ...."

ރޫހީނަށް ބަލާލެވުނީ ގަބޫލު ކުރަން ފަސޭހަ ނޫން ނަޒަރަކުންނެވެ. އެ ދުވަސްތައް ހަނދާން ނެތޭނެ ހެއްޔެވެ. އެކަމަކު އެއީ ހާދަހާ ކުރީގެ ވާހަކައެކެވެ. ރަށުގައި ކިރިޔާ 19 އަހަރުފުރުނު އަންހެންކުއްޖަކު ރޭޕްކޮށްލި މައްސަލައެއް ޖެހުނީއެވެ. އެންމެން ކުށްވެރި ކުރީ އަންހެންކުއްޖާއެވެ.

އަންހެންކުއްޖާ ހިލޭ ފިރިހެނަކާއެކު އެކަހެރިތަނަކަށް ދިއުމެވެ. ބިޓާއެކު ދިއުމަކީ އެކުއްޖާގެ މައްސަލައެވެ. އެކަމަކު އެ އިތުބާރާއި ޔަގީންކަމުގެ ފައިދާ ނެގި ޝައިތާނުންގެ ކުށެއް ނެތް ހެއްޔެވެ.

މައުސޫމު އަންހެންކުއްޖަކު ފަސް ފިރިހެނުން ވެގެން ނޮޅާލުމުންވެސް ކުށްވެރިވާން ޖެހެނީ އަންހެންކުއްޖާހެއްޔެވެ.. އެ އަންހެންކުއްޖާއަކީ ރޫހީންމެންގެ ސުކޫލުމޭޓެކެވެ. ރޫހީންމެންގެ ސީނިއާ ކުއްޖެކެވެ. އެ ކުއްޖާ ބިރުން އަމިއްލައަށް ގޭގައި ތަޅުލެވިގެން އިންދާ ހިތްވަރު ދީގެން ނެރުނީ ރޫހީން އިސްވެ ހުރެގެންނެވެ.

އެ ހަނދާންތައް ނެތޭނީ ކިހިނެއް ހެއްޔެވެ. އެއީ އަހަރުތަކެއް ކުރީގެ ދުވަހެއްގެ ވާހަކައެވެ. އަށާރަ ވަރަކަށް އަހަރުގެ ރޫހީންގެ ހިތާއި ނަފުސުވެސް މިނިވަން ދޫންޏެއްގެ ގޮތުގައި އުދުހެމުން ދިޔަ ޅަޒުވާން އުމުރުގެ ވާހަކައެވެ.

ޅައުމުރުގެ ރަހުމަތްތެރިންގެ ހަނދާން އާވުމުން ރޫހީންގެ ހިތަށް ތަދުވެއްޖެއެވެ. ސުކޫލު ދައުރުގެ ރަހުމަތްތެރިންނެވެ. އެކުއެކީގައި ބޮޑުވެ، ވަޒީފާވެސް އަދާކުރަން ފެށީ އެންމެންހެން އެކުގައެވެ. އެކަކު މުދައްރިސަކަށް ވީއިރު އަނެކަކު ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ތަރުޖަމާނަކަށެވެ. އަނެކަކު ފިހާރައެއްގެ ކޭޝިއަރަކަށެވެ. ރޫހީން ގޭގެ ފިހާރައިގެ ހުރިހާ ހިސާބުކިތާބެއް ބެލެހެއްޓުމާއެކު އިތުރަށް ކިޔެވުން ކުރިއަށްގެންދިއުމުގައެވެ.

އެކިއެކި ދާއިރާތަކުގައި އުޅުނަސް ވަގުތު ހޯދައިގެން އެންމެން ބައްދަލުވެ އުޅުނެވެ. އެމީހުންގެ ގުރޫޕު ބޮޑެވެ. ފަސް އަންހެންކުދިންނާއި ތިން ފިރިހެން ކުދިންނެވެ. ގުރޭޑު ފަހަކުން ފެށިގެން އެކުގައި ކިޔެވި އެކުވެރިންނާއި ފުރަތަމަ ކުލާހުން ފެށިގެން އެކުއެކީގައި އުޅުނު ތިން ރަހުމަތްތެރިންނެވެ.

(ނުނިމޭ)