"ބައްޕައަށް ހިއެއްނުވޭ އެހާ އަވަހަށް ގެއަށް އާދެވޭނެހެނެއް. ބުނެފަ ދޯ އޮތީ އެ ގޯއްޗަށް ދާ ވާހަކަ" ތަބައްސުމް ބުންޏެވެ.
"އެކަހަލަ އެއްޗެއް ބުނި. ކީއްކުރަން ބައްޕަ ކޮންމެހެން އެގެއަށް ދަނީ" މެލެކް ބުންޏެވެ.
"އެއީ މައުސޫމާ އާ ޒިޔާދު ގާތުގަ ވާހަކައެއްދައްކަންވެގެން" ތަބައްސުމް ބުންޏެވެ.
"ދެން ކީއްކުރަން އަޅުގަނޑު ދަނީ؟" މެލެކް ބުންޏެވެ.
ތަބައްސުމް ހީލިއެވެ. މެލެކްގެ މޫނަށް ބަލައިލާފައި އަތުގައި ފިރުމާލިއެވެ.
"އެއީ ދަރިފުޅު ގޭގަ އެކަނި ބައިންދާފަ ނުދާންވެގެން" ތަބައްސުމް ބުންޏެވެ.
"އެކަމު ދެން ދެވޭނީވެސް ލޫލު ހޭލީމައެއްނު" މެލެކް ބުންޏެވެ.
"ހޭލީމައޭ ދާނީ. އެހާ އިރަށް ކަންނޭނގެ ބައްޕަވެސް އަންނާނީ" މައުސޫމާ ބުންޏެވެ.
ތަބައްސުމް މެލެކް އަށް ކަޅިއެއް އެއްލިއެވެ. އޭނާ ދައްކަން ބޭނުންވާ ވާހަކަ އާ ހިސާބަށް އަދި ނުދެވެއެވެ. އެވާހަކަ ދައްކައިގެންވެސް މެލެކްގެ ފަރާތުން ކުރިމަތިވާނީ އިތުރު ސުވާލުތަކެއްކަން އޭނާއަށް އެނގެއެވެ. އެއް ޖުމްލަ ބުނެފިއްޔާ އެއް ހާސް ސުވާލެވެ.
"ދޮނާގެ ކައިވެންޏަށްފަހު ބައްޕަ އުޅެނީ ދޮނާމެން ހަނީމޫނަށް ދާއިރު ދަރިފުޅުވެސް ފުރުވާލަން" ތަބައްސުމް ބުންޏެވެ
މެލެކް ހައިރާންވެފައި ބަލައިލިއެވެ.
"ކީއްވެ؟ ކޮންތާކަށް ފުރުވާލަން؟ އަޅުގަނޑު އެކަނި ކީއްވެތަ މަންމާ؟ އަޅެ ކީއްވެގެން ބައްޕަ އެހެން ކަންތައްކުރަނީ؟" މެލެކްގެ ސުވާލުފަތި އަމުނާލިއެވެ.
"އެކަންޏެއްނޫން. މަންމަވެސް ދާނަން. ދަރިފުޅާ. މަންމަ މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހައްޗޭ. ދިރިއުޅުމުގެ އެއްވެސް ކަމެއް އެމީހަކު ބޭނުންވާ ގޮތަށް ކުރިއަކަށްނުދާނެ. ބައެއްފަހަރު އަނެކުންނަށްޓަކައި ގުރުބާންވާންޖެހޭ ވަގުތާއި ފާޅުގައި ޖަވާބުދޭންޖެހޭ ވަގުތާއި ހިތްހަލާކުވެ އިންސާނާގެ ދެފައިން ވާގިދޫވާންޖެހޭ ފަދަ ހާލަތްތައް އަންނާނެ. ބައެއްފަހަރު ހިތާ ދެކޮޅަށް ނިންމުންތައް ނިންމަންވެސްޖެހޭނެ" ތަބައްސުމް ވާހަކަދެއްކިއެވެ.
ކަޅިޖަހާވެސްނުލާ މެލެކް ބަލަހައްޓައިގެން އިނުމުން ތަބައްސުމް ހިފަހައްޓާލީ މެލެކްގެ އަތްތިލައިގައެވެ. އަނެއް އަތުން އޭނާ މެލެކްގެ މޫނުގައި ފިރުމާލިއެވެ.
"އެއްވެސް މަޔަކު އެމީހެއްގެ ދަރިއަކަށް ދެރަގޮތެއް ވުމަކަށް ނޭދޭނެ. މެލީއަށް އެނގެއެއްނު މެލީ ކާންޖެހޭ ވަރަށް ބައިވަރު ބޭސްތަކެއް ހުންނަކަން. އެނގެއެއްނު މެލީ އެއްކޮށް ނޯމަލްއެއް ނޫންކަން. ދޮނާ ބުންޏެއްނު. މިތަނުގަ ހުރެގެން ދަރިފުޅަށް ގެއްލުމެއް ލިބޭކަށް މަންމައަށްވެސް ބައްޕައަށް ދޫކޮށްލެވޭކަށް ނެތް. އެހެންވެ ހިތްމަތީގައި ހިލަގަނޑެއް ބާއްވާފަ މިފަދަ ނިންމުމެއް މަންމަ އާ ބައްޕަ ނިންމަން ޖެހުނީ. ދަރިފުޅާ! މިކަމަށް ދަރިފުޅު ނުރުހޭނެކަން އެނގޭ. އެކަމަކު މިއީ ވަކިވުމެއް ނޫނެއްނު. ފަހަރެއްގައި މިކަމުން ދަރިފުޅަށް ލިބޭ ފައިދާ ބޮޑުވެސްވެދާނެ" ތަބައްސުމް ނަސޭހަތްދިނީ ލޯތްބާ އޯގާތެރިކަމާއެކުގައެވެ.
"އެކަމަކު މަންމާ،، ލޫލު... އަޅުގަނޑު ކިހިނެއް؟" މެލެކްގެ ލޮލުން ބޮޑު ކަރުނަ ގުޅައެއް ވެއްޓުނެވެ.
"ދަރިފުޅު މަންމައަށް އިތުބާރު ކުރަންތަ؟" ތަބައްސުމް ބުންޏެވެ. މެލެކް މަޑުމަޑުން ބޯޖަހާލިއެވެ.
"އެހެންވިއްޔާ އަޑުއަހާ. މި ދުނިޔޭގެ ކޮންމެ ދިމާލަށް ދަރިފުޅު ދަތުރުކުރިޔަސް ދަރިފުޅާ އެންމެ ގާތުގައި ހުންނާނީ ލޫލު. ދަރިފުޅު ނޫނީ ލޫލުއަށް ބާރުދެއްކޭނެ ފަރާތެއް ނެތް. ބާޒިލް ވާނީ ބައްޕަ އަށް. އެންމެފުރަތަމަ އިސްވާނީ މަންމަ" ތަބައްސުމް ބުންޏެވެ.
"އެކަމަކު..." ހައިރާންވެފައި އެއްޗެއް ބުނަން މެލެކް އުޅުމުން ތަބައްސުމް ހުއްޓުވިއެވެ.
"ދެން ހިނގާ. ވަރަށް ވާހަކަދެއްކިއްޖެ. އިތުރަށް މިހެން ތިބެންވެއްޖިއްޔާ މާބޮޑަށް ޖަޒުބާތީ ވެވިދާނެ" މެލެކް އަތުގައި ހިފައިގެން ތަބައްސުމް ތެދުވެގެން ހިނގައިގަތެވެ.
މެލެކް އައިސް ވަނީ ކޮޓަރިއަށެވެ. އޭނާ އެނދުގައި އިށީނެވެ. ތަބައްސުމް ދެއްކި ވާހަކަތަކުގެ ސަބަބުން ބޮލުގައި ކުޑަ ރިހުމެއް އުފެދިއްޖެއެވެ. ހިނދަކަށްފަހު ހިނދެއް ރިހުން އިތުރުވާހެން އޭނާއަށް ހީވާން ފެށިއެވެ. ނިދާފައި އޮތް ލޫލު ކައިރީގައި މެލެކް އޮށޯވެލިއެވެ. މައިންބަފައިންގެ އެ އެދުމަށް އޭނާ އިންކާރުކުރަން ބޭނުމެއް ނުވެއެވެ. ދަރީންނަށް ރަނގަޅު ގޮތް ވުމަށް ކޮންމެ މަޔަކުވެސް އަދި ބަފަޔަކުވެސް ބޭނުންވާނެއެވެ. އެކަމަކު އެހަބަރު ލިބުމަށްފަހު ހިތަށް މިހާ އުނދަގޫ މިވަނީ ކީއްވެ ހެއްޔެވެ؟ ލޫލު އާ ނުލާ ދުނިޔެއަށް އެންމެ ނޭވައެއް ދޫކޮށްލުމަކީވެސް އޭނާއަށް ދަތިކަމެކެވެ. މަންމަ ބުނާހެން ލޫލު ގޮވައިގެން އެހެން ގައުމަކަށް ދިރިއުޅުން ބަދަލުކުރެވިދާނެއެވެ. އެކަމަކު އެއީވެސް އެކުއްޖާދެކެ އިންތިހާއަށް ލޯބިވާ ބަޔަކަށް ވެވޭ ބޭއިންސާފެއް ކަމުގައި ނޫނީ ނުވާނެއެވެ. އަނެއްކޮޅުން ބާޒިލް އެއީ ލޫލުގެ ބައްޕައެވެ. ލޫލު ނުފެންނަ ހިސާބެއްގައި ވަކި ބާޒިލް އަށް ކެތްވާނެ ހެއްޔެވެ؟ ވިސްނަންވާނީ ހަމައެކަނި ތިމާގެ ފައިދާއަކަށް ނޫނެވެ. ބާޒިލް އަކީ ލޫލުއަށް އަޅާލާ ލޯބިވާ ބައްޕައެކެވެ.
ކުއްލިއަކަށް މެލެކް ތެދުވިއެވެ. މިއީ އަދި ވިސްނާނުލެވޭ ކަމެކެވެ. ބާޒިލް ނުފެންނަ ހިސާބެއްގައި އުޅޭނީ ކިހިނެއް ހެއްޔެވެ؟ ބާޒިލްދެކެ ލޯބިވެވިއްޖެއެވެ. ސާރާ އާ ބާޒިލް ކައިވެނި ވިޔަސް ހުންނަން ބޭނުންވަނީ ބާޒިލް ފެންނަ ހިސާބެއްގައެވެ. އެއީ ހިތަށް ލިބޭ ވަރަށް ބޮޑު ފަރުވާއެކެވެ. އެކަމަކު މިވާހަކަ ބުނާނީ ކާކު ކައިރީގައި ހެއްޔެވެ؟ ހުރިހާވެސް މައްސަލައަކީ އަހަރެންގެ ބަލިކަމެވެ. މައިންބަފައިންގެ ހުރިހާ ކަންބޮޑުވުމެއް ގުޅިފައިމިވަނީ އަހަރެންގެ މި ބައްޔާއެވެ. މެލެކް ބަނޑުގައި އަތްޖައްސާލިއެވެ. ބަނޑުން ތަންކޮޅެއް ކަފާލާފައި ނެގީ ސިސްޓެކެވެ. އެއީ އާންމުކޮށްވެސް މީހުން ކޮށްއުޅޭ ސާޖަރީއެކެވެ. އަހަރެންގެ ކޭސްގައި މިކަން މިހާ ކްރިޓިކަލް ވަނީ ކޮން ސަބަބަކާ ހެދި ހެއްޔެވެ؟ މިކަމުގައި ކޮންމެސް އެހެން ސަބަބެއް އެބައުޅެއެވެ. މަންމަމެން ކަމެއް ސިއްރު ކުރަނީ ހެއްޔެވެ؟ ބަލިވެގެން ދެ ހަފްތާ ވަންދެން ހޭނާރާ އޮތްކަން ދޮނާ ކިޔައިދިނެވެ. ބްލަޑް ޕްރެޝަރ ދަށްވެގެން އޭގެ އަސަރު ސިކުނޑިއަށް ކުރި ވާހަކަވެސް ބުންޏެވެ. މިހާރު ރަނގަޅުވެފައި ހުރި ކަމަށްވެސް ބުންޏެވެ. ވީއިރު އަބަދު، އަބަދު ބޭސްކާންޖެހެނީ ކީއްވެ ހެއްޔެވެ؟ ނޫނެކެވެ. މިކަމުގައި އެހެން ކަމެއް އެބައުޅެއެވެ. އަނެއްކާ ސިކުނޑި... ސިކުނޑިއަށް ނުބައި ބައްޔެއް ޖެހިފަ ހެއްޔެވެ؟ އަނެއްކާ ބްރެއިން ޓިއުމަރެއް....." ހިތަށް އަންނަމުން ދިޔަ ނުބައި ވަސްވާސްތަކުން މެލެކްގެ ހަމަޖެހުން ގެއްލެމުން ދިޔައެވެ. އޭނާގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. ކަރުތެރެ ހިކިގެންގޮސް ފެންފޮދަކަށް ބޭނުންވިއެވެ. އެހެންނަމަވެސް އޭނާގެ އަތް ދިޔައީ ފެން ފުޅި އާ ދިމާލަށް ނޫނެވެ. ސައިޑްކަބަޑު މަތީގައި އޮތް ފޯނާ ދިމާލަށެވެ. ތުރުތުރު އަޅަމުން ދިޔަ އަތުން އޭނާ ފޯނު އަންލޮކްކޮށްލުމަށްފަހު ގުޅީ މައިލީން އަށެވެ. ނަސީބަކުން ނުލާހިކު އަވަހަށް މައިލީން ފޯނު ނަގައިފިއެވެ.
"ދޮނާ... ދޮނާ... ހުރިހާ އެއްޗެއް އެނގިއްޖެ. އަހަރެން މަރުވަނީ.... މަރުވަނީ" މެލެކް އަށް ޖުމްލަ ފުރިހަމަ ނުކުރެވުނެވެ. އޭނާއަށް ރޮވެމުން ދިޔައެވެ. އެންމެފަހުން އޭނާ އެނދުން ސޮއްސާލައިގެން މުށިތަކުގެ މައްޗަށް ވެއްޓުނެވެ. މާގިނައިރެއް ނުވެ ދުވެފައި އައިސް ކޮޓަރިއަށް ވަނީ ތަބައްސުމް އެވެ.
"ޔާ ރައްބީ. މަގޭ ދަރި...." ތަބައްސުމް އައިސް މެލެކްގެ ގައިގައި ހިފިއެވެ. ރޮމުންދިޔަ މެލެކް އޭނާއަށް އެނދަށް އެރުވުނީ އެތައް މަސައްކަތަކުންނެވެ.
"މަންމާ، އަޅުގަނޑަށް ހުރިހާކަމެއް އެނގިއްޖެ. އަޅުގަނޑު މަރުވަނީ... މަރުވަނީ... އަޅުގަނޑު ވަރަށް ބިރުގަނޭ އެބަ މަންމާ..." ރޮމުން މެލެކް ކިޔަމުން ދިޔައެވެ.
"ތިއީ ކާކު ދެއްކި ވާހަކައެއް. ޔާ ﷲ.... ދަރިފުޅާ ތިއީ ހަގީގަތެއްނޫން" ތަބައްސުމް އިނީ މެލެކްގެ ގައިގައި ބައްދައިގެންނެވެ. ތަބައްސުމްގެ ހިތުގެ ވިންދު ވަނީ އަވަސްވެފައެވެ. ދެފައިގައި ތުރުތުރުލުމެއް ހުއްޓެވެ. އިތުރު އެއްވެސް އެއްޗެއް ނުދައްކާ އޭރުވެސް މެލެކް ދިޔައީ ރޮމުންނެވެ.
"މާތްކަލާކޮ. ކިހިނެއްވާންތަ އަނެއްކާ މިއުޅެނީ؟ މައިލީން.... މައިލީން" ތަބައްސުމް ގޮވަމުން ދިޔައެވެ. މައިލީން އާއި އަހަދުﷲ ކޮޓަރިއަށް އައިސް ވަނީ އެވަގުތުއެވެ. ކުއްލިއަކަށް ވީގޮތެއް ނޭނގި މައިލީން އަށް ވެސް ހުރީ ރޮވިފައެވެ.
"އަޅުގަނޑްގެ ބްރެއިން ޓިއުމަރެއް އެބައިން. އެހެންވެ އަބަދު ބޭސް ކަނީ. އެހެންވެ އަޅުގަނޑު ނޯމަލް ނުވަނީ..." ރޮމުން ކިޔަސް މެލެކްގެ ބަސްތައް ވަރަށް ސާފުކޮށް އެންމެންނަށް ފަހުމުވިއެވެ.
"މައި.... ގެނޭ އިންޖެކްޝަން. ހަރީއަޕް. ބޭސްތައްވެސް...." ޑރ އަހަދުﷲ ބުންޏެވެ. ވަގުތުން ދުވެފައި މައިލީން ނިކުތީ ބޭރަށެވެ. އައިސް އަލަމާރީގައި ހުރި މެލެކްގެ ހާއްސަ އިންޖެކްޝަންތަކާއި ބޭސް ކޮންޓެއިނަރ އާއި ޑޮކްޓަރަކު ބަލިމީހަކު ބެލުމަށް ބޭނުންވާ ހުރިހާ ސާމާނެއް ހިފައިގެން ހަމަ އެ މިނެޓް ތެރޭގައި މައިލީން އައިސް ވަނެވެ.
"މަންމަ އިހަށް ތެދުވެބަ" އަހަދުﷲ ތަބައްސުމްގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ތަބައްސުމް ތެދުވެ އެއްފަރާތަކަށް ޖެހިލިއެވެ. އޭނާ ފޯނު ހޯދާލާފައި އަވަސް އަވަހަށް އައްޒާމް އަށް ގުޅިއެވެ. އަހަދުﷲ މެލެކް ކައިރީގައި އިށީނދެފައި މެލެކްގެ މޫނަށް ބަލައިލިއެވެ. އެއްވެސް މީހަކަށް ނުފެނުނަސް މެލެކްގެ ލޮލު ތެރެއިން އާދަޔާހިލާފަށް ކަޅި ބޮޑުވަމުންދާތަން އަހަދުﷲ އަށް ފެނުނެވެ. ވިސްނުންތެރިކަމާއެކު މެލެކްގެ އަތުގެ ނާރުގެ ތެރެއަށް އިންޖެކްޝަނުގައި ހުރި ފެންކޮޅު ދުއްވާލިއެވެ. އޭގެފަހުން އިތުރު ދެ އިންޖެކްޝަން ފޮނުވާލިއެވެ. އިސާހިތަކު މެލެކް ހަމަޔަކަށް އެޅެމުން ދިޔައެވެ. ދެލޯ ކުޑަވަމުން ގޮސް ފުން ނިންޖެއްގެ ތެރެއަށް މެލެކް ގެނބިގެން ދިޔައެވެ. ކައިރީގައި ހުރި މައިލީން އަށް ބަލައިލާފައި އަހަދުﷲ ބޯޖަހާލިއެވެ. އަދި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.
"ކިހިނެއްވީބާ؟" ކުއްލިއަކަށް ދޮރުހުޅުވާލާފައި އައިސް ވަނީ އައްޒާމް އެވެ.
"އޭނަ ނިދާލަންދެން ބާއްވާ. މައިގެ ކޮޓަރިއަށް އިހަށް ލޫލު ގެންދަންވީނު. ފަހަރެއްގަ ލޫލުއަށް ހޭލެވިގެން ރޯން ފަށައިފިއްޔާ މެލީއަށް ހޭލެވިދާނެ. ވަގުތު ހަމަނުވަނީސް ހޭލެވުނިއްޔާ ކަމަކުނުދާނެ" އަހަދުﷲ ބުންޏެވެ.
އައްޒާމްގެ ކޮނޑަށް އަތްލައިގެން އަހަދުﷲ ނިކުތީ ބޭރަށެވެ. ލޫލު އުރާލައިގެން އައީ ތަބައްސުމް އެވެ. މައިލީން ނިކުތީ އެންމެފަހުންނެވެ.
****
ދެ ފިރިހެނުންނަށް ކޮފީ ހިފައިގެން އައިސް މޭޒުމަތީގައި ބަހައްޓާފައި އައްޒާމް ކައިރީގައި ހުރި ގޮނޑީގައި ތަބައްސުމް އިށީނެވެ. އޭނާގެ ހިތުގެ ތެޅުން އަދިވެސް ހަމަޔަކަށް ނޭޅެއެވެ. އޭނާގެ މޫނުމަތިން އަދިވެސް ކަންބޮޑުވުން ފާޅުވަމުން ދިޔައެވެ.
"އެއީ މާބޮޑު ކަމެއްނޫން. ފޯލްސް ޓޮޕިކަކަށް މެލީގެ ބްރެއިން ޑިބޭޓްކުރީ. މިސާލަކަށް އެއީ ހަގީގަތެއްނަމަ ބްރެއިންގެ ސެލްތަކުގެ ރިއެކްޝަންތަކަށް އެޓޭކް އަންނާނީ ތަފާތު ގޮތަކަށް. ކުރީފަހަރު ހީވަނީ މެލީގެ ލައިފްގެ ކޮންމެސް ހަގީގަތެއް އެނގުނީހެން. ނޫނީ މީހެއްގެ ފަރާތުން ނޫނީ ފެނުނު މަންޒަރަކުން އެހެންނޫނީ ކުޑަކުޑަ ހަނދާނެއް އައިކަމަށް ވެދާނެ. މިފަހަރު މެލީއަށް އެ އައީ އެންޒައިޓީ އެޓޭކެއް. ކުޑަކުޑަ ކަންބޮޑުވުމެއް ފެނުނު އިރުކޮޅަކަށް. އެއީ މެލީގެ ކަޅި ބޮޑުވާންފެށި. ފަހުން އޭގެ ޒާތުގައި ކުޑަވެގެންދިޔަ. ކަންބޮޑުނުވޭ.... ﷲ އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ގޯހެއްނުވޭ" އަހަދުﷲ ތަފްސީލުކޮށް ކިޔައިދިނެވެ. ތަބައްސުމްއާއި އައްޒާމަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ.
"ބްރެއިން ޓިއުމަރެކޭ އެކިއީ ކީއްވެތަ؟ މެލީ ކަމެއް ހަނދާންކުރަން މަސައްކަތްކުރީތަ؟ މަންމާ! ގޭތެރޭގަ ކަމެއްވިތަ؟ މެލީ ހޯދަން އެކަކުވެސް އައިތަ؟" މައިލީން ވާހަކަދެއްކިއެވެ.
"ދެއްކި ވާހަކައެއް ދެއްކީ މަންމަ. އަނެއްހެން ދައްކަން ނުވާވަރުގެ އެއްވެސް ވާހަކައެއް ނުދައްކަން. މެލީ އާ ބެހޭގޮތުން މަންމަ އާ ބައްޕަ ވިސްނާފައި އޮތްގޮތް ބުނެދިނިން. ފާޑަކަށް އިންނަން ފެށީމަ ބުނިން މެލީއަށް އެނގޭނޫންހޭ މެލީ ނޯމަލްއެއް ނޫންކަން" ތަބައްސުމް ވާހަކަދެއްކިއެވެ.
"އެހެންވީމަ ކޮޓަރިއަށް ގޮސް ވިސްނާލީ. މާބޮޑަށް ވިސްނިކަމަށް ވާނީ ނޯމަލް ނުވަނީ ކީއްވެތޯ؟ ބޭސްކަނީ ކީއްވެތޯ؟ އެންމެން އަބަދު ކަންބޮޑުވަނީ ކޮންކަމަކާތޯ؟ އެ ސުވާލުތަކަށް މެލީގެ ބްރެއިން ދިން ޖަވާބަކީ މެލީގެ ބްރެއިން ޓިއުމަރެއް އިންނަކަމަށް. އޭތި މެލީ ބަލައިގަތީ" ޑޮކްޓަރީ ވިސްނުމަކުން ވިސްނާފައި މައިލީން ދެއްކީ ހަގީގީ ވާހަކައެވެ.
"އެކަމަކު ކޮންމެސް ގޮތެއް އޮންނަންވާނެއްނު. ހަނދާންނެތިފަ ހުރީ ކޮންކޮން ކަންތައްތަކެއްކަން ބުނެނުދިނަސް މެލީ ކައިރީގަ ހަނދާނުން ބައެއް ނެތޭ ބުނެފިއްޔާ ކިހިނެއްވާނީ؟" އައްޒާމް ބުންޏެވެ.
"ތިކަން ކުރެވިދާނެ. އެކަމަކު އޭގެކުރިން ޓެސްޓްތައް ރިޕީޓްކޮށްފަ ސީޓީ ހަދާލަން ހިނގާ" އަހަދުﷲ ބުންޏެވެ.
"ދިރިއުޅުމަކީ ހަނގުރާމައެއް. ރިސްކު ބޮޑު ނަމަވެސް ﷲ އާ ވަކީލުކޮށްފަ އެބަޖެހޭ މިކަން ކުރަން. ކިހިނެއް އަބަދު މެލީ އަށް ސިއްރުކޮށްގެން އުޅޭނީ. މެލީ އަކީ ކަންތައްތައް ނުވިސްނޭހާ ކުޑަކުއްޖެއް ނޫން. ކިރިޔާ ތަންކޮޅެއް ފެނުނަސް އޭތި ބާރަ ފޫޓަށް މެލީ އެބަދަމައިގަނޭ. މިތަނުން މެލީ ގެންދަންވެސް ބައްޕަ މިއުޅެނީ މި މާހައުލަކީ މެލީ އަށް އެހާ ރައްކާތެރި ތަނަކަށް ނުވާހެން ހީވާތީ" އައްޒާމް ބުންޏެވެ.
"އެހެންވީމަ އަތޮޅު ހޮސްޕިޓަލަށް ދާން ދަތުރުހަދާ. މެލީ ކައިރީގަ ބުނަންވާނެ ޓެސްޓްތައް ހަދާލަން ދާ ވާހަކަ" އަހަދުﷲ ބުންޏެވެ.
****
ދޮންނަންޖެހޭ އެއްޗެހި ހިފައިގެން ޒޭބާ ނިކުތީ ބޭރަށެވެ. އެއްޗެހިތައް މެޝިނަށް އަޅާފައި ގޭތެރެއަށް ވަންނަން ހިނގައިގަތް ވަގުތު މީހަކު ސަލާމްގޮވާލި އަޑު އިވުނެވެ. ސާލަމް ބަލައިގަންނަމުން ޒޭބާ ބަލައިލިއެވެ. ދޮރުމަތީގައި ތިބީ ސިހާމާ އާއި ސާރާ ފެނުމުން ޒޭބާ އަށް ހައިރާންކަން ލިބުނެވެ. ސާރާ ފެނުނީ ދެމަހަށް ފަހުގައެވެ. ސާރާ ހިނިތުންވެލީ ގަދަކަމުންނެވެ.
"ސާރާ ކިހިނެއްތަ؟ އާދޭ އެތެރެއަށް" ޒޭބާ ބުންޏެވެ.
ގޭތެރެއަށް ސިހާމާ އާއި ސާރާ ވައްދާފައި އިށީންނަން ބުނެފައި ޒޭބާ ދިޔައީ އެތެރެއަށެވެ. އިރުކޮޅަކުން އޭނާ އައީ މައުސޫމާ ގޮވައިގެންނެވެ.
"މަންމަ ކިހިނެއްތަ؟" ސާރާ އަހާލިއެވެ.
"ރަނގަޅު" ލިބުނު ހައިރާންކަން ފޮރުވާލަމުން މައުސޫމާ ބުންޏެވެ.މި ނޫނީ ސާރާ ކުރިން މައުސޫމާ އާ ވާހަކަނުދައްކައެވެ.
"ބާޒިލް ނުވެސްބުނޭ މިއަދު ސާރާ އަންނަ ވާހަކައެއް. އަޑުއެހިން ހިތާމަވެރި ވާހަކަ" މައުސޫމާ ބުންޏެވެ.
"އާނ. މަންމަ ނިޔާވީމަ ސާރާ އެކަމާ ވަރަށް ރުއި. މީހާ ނަފްސާނީވެގެން އެކޮޅުގަ ތެރަޕީތައް ދީގެން ރަނގަޅުވީ. މީހަކާ ވާހަކަވެސް ނުދައްކާ އަބަދު ރުއިން ކަމަކީ... ކޮބާ ލޫލު؟ ސާރާ އެ އައީ ކުޑަމީހާއަށް ވަރަށް ހަދިޔާ ހިފައިގެން" ސިހާމާ ބުންޏެވެ.
ސާރާ ދިއްކޮށްލި ހަދިޔާ ކޮތަޅުތަކުގައި މައުސޫމާ ހިފިއެވެ. އަދި ޝުކުރުއަދާކުރިއެވެ.
"ލޫލު ވީ އެކުއްޖާގެ މަންމަ ގެންގޮސްފަ. ކައިގެން ދެން ދާންވާނީ. މިއަދު ބާޒިލްގެ މައިދައިތަމެންނަށްވެސް ދައުވަތުދީގެން މިތިބެނީ" މައުސޫމާ ބުންޏެވެ. ސިހާމާއި ސާރާ އެކަކު އަނެކަކަށް ބަލައިލިއެވެ.
"ސާރާ މަޑުކުރާނެ. އަހަރެން ދާންޖެހޭނެ" ސިހާމާ ބުންޏެވެ.
"އެހެންތަ. ސާރާ އާ ބާޒިލް މިކަން އަވަސްކުރަން އެބަޖެހޭ. މި އީދަށް ޒެއްލުގެ ދައްތަމެންނާ ޅިޔަނުން އެބައާދޭ. އަހަންނަކަށް ނުފެނޭ ލަސްކުރާކަށް. ނޫންތަ ސިހާމާ؟" މައުސޫމާ ބުންޏެވެ.
"ތިވީ މާރަނގަޅަކަށްނު. ދެތިން މަސް ވަންދެން ސާރާގެ ބައްޕަވެސް މިކޮޅުގަ މަޑުކުރާނެ. ދެން ފުރާނީ މިދެކުދިންގެ ކައިވެނީގެ ފަހުން" ސިހާމާ ބުންޏެވެ.
"އަހަރެން ބުނިން ޒެއްލު ކައިރީގަ. ބުނިން ސާރާ ގެނެސްދޭށޭ... ބާޒިލް އާ ބައްދަލުވިތަ؟" މައުސޫމާ އަހާލިއެވެ.
"އާނ... އާނ ރޭގަ ޒެއްލު އައި. ބުނި މަންމަގެ ވާހަކަ" ސާރާ ބުންޏެވެ.
ސާރާ އަށް އުނދަގުވަމުން ދިޔައެވެ. އޭނާ ގޭތެރޭގެ އެކި ދިމާލަށް ބަލަމުން ދިޔައެވެ. ބާޒިލްގެ ގޭގައި ނެތިއްޔާ މިވަގުތު އުޅޭނީ އޮފީހުގައެވެ. އަނެއްކާ މެލެކް ކައިރިއަށް އެގެއަށް ދިޔައީ ހެއްޔެވެ؟ އޭނާ ހުރީ ބާޒިލް އަށް ގުޅަންވެސް ނުކެރިފައެވެ.
"ސާރާ މަޑުކުރޭ އެނގޭ. ދައްތަ ދެން ދަނީ މި" ސިހާމާ ސާރާގެ އަތުގައި ހިފަހައްޓާލިއެވެ.
****
ސާރާ ގޮވައިގެން މައުސޫމާ އައީ ކޮޓަރިއަށެވެ. އޭނާ އަށް ސާރާ އާ ބާޒިލް އާ ދެމެދު މައްސަލައެއް އުޅޭހެން ހީވުމުން އައީ އެކަން ޔަގީންކުރުމަށެވެ. ސާރާ ގޮވައިގެން އެނދުގައި އިށީނދެފައި އޭނާ ސުވާލުކުރިއެވެ.
"ސާރާ އާ ބާޒިލް އެކަކު އަނެކަކާ ގުޅޭހެނެއް ހިއެއްނުވޭ. އަހަރެން މިހެން މިބުނީ މިވީ ދެމަސްދުވަހު މިގޭތެރޭގަ ބާޒިލް ސާރާގެ ނަންވެސް ކިޔާނުލާ. އަނެއްކޮޅުން ކައިވެނީގެ ވާހަކަދެއްކީމަވެސް ބާޒިލްގެ މޫނުމަތިން އުފާވެރިކަމެއް ނުފެނޭ" މައުސޫމާ ބުންޏެވެ.
"ކުޑަމައްސަލައެއް ޖެހުނު. ޒެއްލު ހުރީ ކުޑަކޮށް ހިތްހަމަނުޖެހިފަ. އަހަންނަށް އެނގޭ ޒެއްލު ރުއްސަން ހަދާނެގޮތް" ސާރާ ބުންޏެވެ.
ހަގީގަތުގައި މައުސޫމާގެ ވާހަކަތަކުން ސާރާގެ ހިތަށް އަސަރުކުރިއެވެ. އޭނާއަށް މިފަހަރު ބާޒިލް ރުއްސުމުގައި ނާކާމިޔާބުވާނޭ ހިތް ބުނަމުން ދިޔައެވެ. ދައްތަ ބުނިގޮތަށް މިފަހަރު ދޮގެއް ހަދައިގެން ނޫނީ ސަލާމަތެއް ނުވާނެއެވެ. ދެރައީ އަބަދު ކޮންމެވެސް ދޮގެއް ހަދަންޖެހޭތީއެވެ.
"މުންނާ ނިޔާވެގެން އުޅުނު ދުވަސްކޮޅު ބަލިކޮށް އުޅުނީމަވެސް ނުގުޅޭތީ ޒެއްލު ހުންނާނީ ހިތްހަމަނުޖެހިފައެއްނު. މަންމަވެސް ޒެއްލު ކައިރީގަ ބުނެދޭތި އަހަންނަށް މާފްކުރާށޭ" ސާރާ ދެލޮލުން ކަރުނަ ގެނުވީ ގަދަކަމުންނެވެ.
އެވަގުތު ކޮޓަރި ދޮރުހުޅުވލާފައި ވަނީ ޒޭބާއެވެ. ތަބައްސުމް އާއި އައްޒާމް ގެއަށް އައި ވާހަކަ އޭނާ ބުންޏެވެ.
"ބައްޕަވެސް ދެންމެ އައިސްފަ ފާހަނާއަށް ވަދެލާފަ ނިކުންނާނަމޭ ބުނި" ޒޭބާ ބުންޏެވެ.
މައުސޫމާ އައީ ނިކުންނަން ދޮރާ ދިމާލަށެވެ. ފަހަތުން ސާރާ ހިނގައިގަތްކަން އެނގުމުން އޭނާ ޒޭބާ އަށް ބަލައިލިއެވެ.
(ނުނިމޭ)