ވާހަކަ

ރުހުން ދީފާނުހޭ - 37

2

ފޯނަށް ބަލަހައްޓައިގެން ހެވިފައި އޮތް ބާޒިލް ފެނިފައި ކޮޓަރިއަށް ވަތް މައުސޫމާ އާއި ޒިޔާދު އަށް ލިބުނީ ހައިރާންކަމެވެ. ދެމަފިރިން ހީކުރީ ބާޒިލްގެ މޫޑު ގޯސްވެފައިވާނެ ކަމަށެވެ.

"މަންމަމެން..." ބާޒިލް ތެދުވެ އެނދުގައި އިށީނެވެ.

"މަންމަ މިއައީ އެންމެ ކަމެއް ސާފުކޮށްލަންވެގެން" މައުސޫމާ ބުންޏެވެ.

މައިންބަފައިންނަށް ވަގުތުދީގެން ބާޒިލް އިނެވެ. އޭނާ އިނީ މައިންބަފައިން ކުރާނެ ސުވާލެއް ނޭނގި ހާސްވެފައެވެ. ހިތް މިހާރު ބޭނުންވާގޮތް މައިންބަފައިންނަށް ހާމަކުރަން ލަދުގެންފައެވެ. ސާރާ އާ އޭނާ އެއްކޮށް ގުޅުން ކަނޑާލިކަމެއް މޯޑު ނޫނީ އެއްވެސް މީހަކު ކައިރީގައި ނުބުނެއެވެ.

"ޒޭބާ ބުނި ރޭގަ މެލީ އައޭ. ބުނި ޒެއްލު އާ ބައްދަލުކުރާށޭ އައީ" މައުސޫމާ ބުންޏެވެ.

"އެއި... ވީގޮތަކީ..." ބާޒިލް ބުންޏެވެ. އޭނާ ފަސްޖެހުނީ ކީއްވެގެންކަމެއް ނޭނގުނެވެ. މައިންބަފައިންނަށް އޭނާ އެދޭ ގޮތް ހާމަކުރަންވީ ވަގުތު ޖެހުނީކަން ސިކުނޑި ހަނދާންކޮށްދެމުން ދިޔައެވެ.

"ހިތަށް އަރަނީ ހުރިހާ ކަމެއް ރަނގަޅުކުރަން ކޮން ދިމާލަކުންބާއޭ ފަށާނީ. އެނގޭ ވަރަށް ގިނަ ކަންކަން ބޮލުން ނައްޓާލައިގެން ހުރެވިއްޖެކަން. އެހެންވެގެން އަސްލު މެލެކް މިގެއަށް ގެނައީ އަހަރެން އަތުން ކޮންމެސް އެއްޗެއް މެލެކްއަށް ދޭންވެގެން. ލޫލުއަށް ހަރަދުކުރާށޭ ކިޔާފަ ދިނިން ތިރިސްހާހަކަށް ރުފިޔާ. އެއީ އަސްލު މެލެކް އަށް ދިން އެއްޗެއް. އަނބިމީހާއަށް އަހަރެން އަތުން އެއްޗެއް ނުދެވޭތާ ކިހާ ދުވަހެއްމިވީ. ކުރީގަ ފަރުވާކުޑަކޮށްފަ ހުރި ކަންކަން ރަނގަޅުކުރެވޭތޯ މިބަލަނީ" ބާޒިލް އިސްޖަހާލައިގެން އިނދެ ވާހަކަދެއްކިއެވެ.

މައުސޫމާ އާއި ޒިޔާދު އެކަކު އަނެކަކަށް ބަލައިލިއެވެ. ބާޒިލް ދެއްކި ވާހަކަތަކާމެދު އެމީހުން ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއް ނޭނގިފައެވެ. މައުސޫމާ ހަނދާންވިއެވެ. އެ ކޮޓަރިން ސިޓީއުރައްގައި ބާޒިލް އެއްޗެއް ގެންގުޅެނިކޮށް އޭނާ އަށް ފެނުނެވެ. އެއީ ކޯޗެއްކަން ފަހުމުވީ އަދި ކިރިޔާއެވެ.

"އަތްނުލާން އުޅުނީ. އެކަމަކު ފަހުން ނަސީބަކުން އެ ހިފައިގެން ދިޔައި" ބާޒިލް ބުންޏެވެ.

"ތިކަން ތަބައްސުމްގެ ދެމަފިރިންނަށް ނޭނގުނިއްޔާ ރަނގަޅީ" މައުސޫމާ ބުންޏެވެ.

"ކީއްވެ؟ ކޮބާ މައްސަލައަކީ؟ މެލެކް އަކީ ހިލޭ އަންހެނެއް ނޫނޭ. އެއީ އަހަރެންގެ އަނބިމީހާ އޭ. އެކަން އެންމެންނަށް އެނގޭއިރު އަހަރެން އަތުން މެލެކް އަށް އެއްޗެއް ދިނީމަ ކީއްވެގެން އެއްޗެއް ބުނަންވީ؟" ބާޒިލް ބުންޏެވެ.

"އެއްޗެއް ބުނަންޖެހޭ ސަބަބަކީ މެލެކް އަކީ އަނބިމީހާ ކަން އަދިކިރުޔާ ޒެއްލުގެ ހަނދާނަށް އައިމަ. މަންމަމެން ނަމަވެސް ވާނީ އެހެން" މައުސޫމާ ބުންޏެވެ.

"ދެން ހިނގާ އެކަމުގަ އޮތް އެންމެ ހެޔޮކޮށް ވިސްނަމާ" ޒިޔާދު ބުންޏެވެ.

މައުސޫމާ ފުންނޭވައެއް ދޫކޮށްލިއެވެ. ތެދެކެވެ. ވިސްނަންވާނީ އަބަދުވެސް އެންމެ ހެޔޮކޮށެވެ. ބާޒިލް އަށް އައި ބަދަލަކީ ހެޔޮ ބަދަލެއް ކަމަށް އޭނާ އުންމީދުކުރިއެވެ. ހިތާހިތުން އޭނާ ހެއްދެވިފަރާތަށް ހަމްދުކޮށްލިއެވެ. ތަބައްސުމްގެ ދެމަފިރިންގެވެސް ވިސްނުން ހެޔޮކޮށް ހުރިއްޔާ ކިތަންމެހާވެސް ހެވެވެ.

"ދެން ސާރާ އޯ. ތިކަން ސާރާ އަށް އެނގުނިއްޔާ މައްސަލަ ގޯސް ނުވާނެތަ؟ މައްސަލަ ގޯސްވިއްޔާ ޒެއްލު އަށް ހައްލުކުރެވޭނެތަ؟" މައުސޫމާ އަހާލިއެވެ.

"ހެޔޮ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވިޔަސް. މިކަމާ ސާރާ ކީއްކުރަން އެއްވެސް މީހަކާ ނުބެހެވޭނެ. އަދި ކިރިޔާ ދިރިއުޅުމުގަ ރަނގަޅު ނިންމުމެއް ނިންމުނުކަމުގެ އިހުސާސް މިކުރެވެނީ" ބާޒިލް ބުންޏެވެ.

"ބައްޕަ މިއަދު ވަރަށް އުފާވެއްޖެ. ބޮލުގައި ހުރި ރިހުން އެއްކޮށް ލުޔެއްނުވޭ. އެކަމަކު ރިހުން ކުޑަވެއްޖެ" ޒިޔާދު ބުންޏެވެ.

"ތި އަޒުމުގަ ޒެއްލު ހުރިއްޔާ ހުރިހާ ކަމެއް ދާނީ ރަނގަޅަށް. އަދި އެއްވާހަކަ ބުނަން މަންމަ ބޭނުން. ކުރިއަށް މިއޮތީ އީދު. މަންމަ ބޭނުންވަނީ ދަރިފުޅާ ސާރާ ގެ ކައިވެނީގެ ކަންކަން ނިންމަން. ކައިވެންޏެއްނުކޮށް ތިގޮތަށް ސާރާ އާ ޒެއްލު ގުޅުން ބާއްވަން މަންމަ ބޭނުމެއްނޫން. ރަށު މީހުން މިހާރުވެސް ފާޑުފާޑުގެ ވާހަކަދައްކާ. ސާރާ ޒެއްލުގެ އަންބެއްގެ ގޮތުގައި ހުރިއްޔާ އެކަކުވެސް ދައްކާނެ ވާހަކައެއް ނޯންނާނެ. އަނެއްކޮޅުން ދަރިފުޅުގެ ކައިވެންޏަށް އައުމަށް ލައިބް އާ ހިބާވެސް އެދަނީ ދަތުރަށް ހަދަމުން. މަންމަ ސާރާ އާ ވާހަކަދައްކާލަންވެސް ބޭނުން. މިއަދު ސާރާ މިގެއަށް ގެނެސްދެއްޗެ މަންމަ ބައްދަލުކޮށްލަން ބޭނުން" މައސޫމާ ވާހަކަދެއްކިއެވެ.

ބާޒިލް އެއްވެސް ހަރަކާތެއްނެތި އިނެވެ. ސާރާ އޭނާގެ ގުޅުމެއް ނެތްކަން ހާމަކުރަންވެސް ޖެހެއެވެ. ސާރާގެ ނަން ކިޔާ އަޑު އަހަންވެސް މިހާރު އޭނާ ބޭނުމެއް ނުވެއެވެ. އޭނާ ބޭނުންވަނީ އެންމެންވެސް މެލެކްގެ ވާހަކަދައްކާށެވެ. މަޑުމަޑުން ނަމަވެސް އޭނާ ބޭނުންވަނީ މެލެކް އާ ގާތަށް ދާށެވެ. މެލެކްގެ ހިތް މިލްކު ކުރާށެވެ. ބާޒިލް އެނދުގައި އޮށޯވެލިއެވެ. އަނެއްކާވެސް އެނާ ފޯނުން މެލެކްގެ ފޮޓޯ ބަލަން ފެށިއެވެ. މެލެކް ފެންނަން ނެތިއްޔާ އޭނާ ހިތްހަމަޖެހުން ހޯދަން ބޭނުންވަނީ މެލެކްގެ ފޮޓޯ ބަލައިގެންނެވެ.

****

އޮފީހަށް ދާން ތައްޔާރުވެގެން ނިކުތް އިރު ބާޒިލް ނިކުތީ ލޫލު ގޮވައިގެންނެވެ. ސައިކަލަށް އަރާ ދުއްވާލުމުގެ ކުރިން ދޮރު ކައިރިއަށް ނިކުމެ ހުރި މައުސޫމާ އަށް ލޫލުގެ އަތުން ހަނާ އަޅާލިއެވެ. ކުޑަކުޑަ ލޫލު އަށް އިނީ ހެވިފައެވެ. މަންމަ ކައިރިއަށް ދެވެން އުޅޭކަން ލޫލުއަށް އެނގޭ ކަހަލައެވެ.

"މާމަގެ ލޯބިކޮޅު ދަނީތަ؟" ލޫލުގެ އަތްތިލައިގައި ނޭފަތް ޖައްސައިލަމުން މައުސޫމާ ބުންޏެވެ. އެހިނދު ތިރިން ނިކުމެފައި އިން ދެ ދަތްބުރި ފެންވަރަށް ލޫލުގެ ހިނިތުންވުން ފުޅާކޮށްލިއެވެ.

ގޭ މަގަށް އެޅުމަށްފަހު މަގުގެ ހުރިހާ ދިމާލެއް ބާޒިލް ހޯދާ ބެލިއެވެ. އައްޒާމްގެ ސައިކަލު ފެންނަން ނެތުމުން އެވަގުތު ގޭގައި އައްޒާމް ނޫޅޭކަން ބާޒިލް އަށް ޔަގީންވިއެވެ. ދޮރާށި ހުޅުވާލިއިރު ގޯތިތެރެއިން އެއްވެސް މީހަކު ފެންނަން ނެތެވެ. ސަލާމް ގޮވާލިތާ އިރުކޮޅެއްވީފަހުން ސަލާމް ބަލައިގަނެފައި ބޭރަށް ނިކުންނަން އައީ މައިލީން އެވެ. ލޫލު ފެނުމުން މައިލީންގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.

"އަނހާ... ގުޑްމޯނިން... ދޮންގެ ކިއުޓީ..." ބާޒިލް އަތުގައި އިން ލޫލު އުރާލާ ލޯބިކޮށްލަމުން މައިލީން ބުންޏެވެ.

"މެލެކް ކޮބާ؟" ބާޒިލް އަހާލިއެވެ. މައިލީން އާ އޭނާ ވާހަކަދައްކަނީ އަބަދުވެސް މަދުންނެވެ.

"އެބައުޅޭ. މެލީ ބުންޏޭ އިރުކޮޅަކުން ލޫލު އަންނާނޭ. ދޮން ދަނީ އެނގޭ. ލަސްވަނީ" ލޫލު އިނީ މަޖާވެފައެވެ.

ބާޒިލް އެތެރެއަށް ވަދެގެން ދިޔައެވެ. މެލެކްގެ ކޮޓަރި އަކީ ކޮބައިކަމެއް އޭނާއަށް ނޭނގެއެވެ. އެހެން އުޅެނިކޮށް ކޮޓަރިން ނިކުތީ ތަބައްސުމް އެވެ. ތަބައްސުމް ފެނުމާއެކު ބާޒިލް އަށް ހީވީ އޭނާގެ ފައިތިލަ ތަޅުމުގައި ތަތްލެވި ހެންނެވެ. އޭނާ ބަލާނެ ނުބަލާނެ ދިމާލެއް ނޭނގިގެން ސީލިންގަށް ނަޒަރު ހިންގާލިއެވެ. ހީވީ ސީލިންގުން އެއްޗެއް ހޯދަން އުޅުނު ހެންނެވެ.

"އެބައުޅޭ ކޮޓަރީގަ" ކޮޓަރިއަކާ ދިމާލަށް އިޝާރާތްކޮށްލަމުން ތަބައްސުމް ބުންޏެވެ. އޭނާ ބަދިގެއަށް ވަނީ ލޫލުއަށް ކޮލުގައި ކޮށްޓާލާ ސަމާސަކޮށްލާފައެވެ. އޭނާއަށް ހެވުނީ ބަދިގެއަށް ވަތްފަހުންނެވެ.

ބާޒިލް ހުއްޓުނީ މެލެކް ކޮޓަރި ދޮރުމަތީގައެވެ. ދޮރުހުޅުވާލަން އުޅެފައި މަޑުޖެހުނެވެ. ބުރުގާ ނާޅާ ހުއްޓާ ވަދެފިނަމަ ތަނަށް ގިޔާމަތެއް އަންނާނެއެވެ. މެލެކް އަށް ހަޅޭއްލެވުން ހުއްޓައެއްވެސް ނުލާނެއެވެ. ހިތް ބުނަމުން ދިޔައެވެ. އެތެރެއަށް ވަންނާށެވެ. އެއީ އަނބިމީހާ އެވެ. މައްސަލަ ޖައްސާނެ މީހަކު ނާންނާނެއެވެ.

"އެތެރެއަށް މިވަންނަނީ. އެއްޗެއް ނުލައި ހުރިއްޔާ އެއީ މަގޭ މައްސަލައެއް ނޫން" ބާޒިލް މެސެޖެއް ފޮނުވާލިއެވެ.

އޭގެފަހުން މިނެޓެއްވެސް ނުވާނެއެވެ. ކުއްލިއަކަށް މެލެކް ދޮރުހުޅުވާލައިފިއެވެ. ބާޒިލްއަށް ވުރެ ކުރިން އޭނާއަށް ފެނުނީ އަނގަ ތަންމިނަށް ހުޅުވައިގެން އިނގިލި އަނގައަށް ލައިގެން އިން ލޫލުއެވެ.

"އަސްތާ މެލީގެ ލަވް ތަ މިއައީ" ލޫލު އުރާލާފައި މެއާލާ ފިއްތާލަމުން މެލެކް ބުންޏެވެ.

ބާޒިލް އަށް ހުރެވުނީ މެލެކް އަށް ބަލަހައްޓައިގެންނެވެ. މެލެކް ހުރީ އެހެންޏާ އޭނާ ލައި ނޫޅޭ ކަހަލަ ހެދުމެއްގައެވެ. ފޫކޮޅަށް ވުރެ ތިރިއަށް ހުންނަ ކަޅު ކުލައިގެ ޓީޝާޓަކާއި އަޅި ކުލައިގެ ޓައިޓެކެވެ. އެ ހެދުމުން މެލެކްގެ ހަށިގަނޑު ބައްޓަން ފާޅުކަން ބޮޑުކޮށް ހާމަވާން ހުއްޓެވެ. ބޮލުން ތިރިއަށް ވައްޓާލާފައި އޮތް ކުޑަ ބުރުގާކޮޅުގެ ފަހަތުން ރަނގަޅަށް ތިރިނުކޮށްލެވި އޮތުމުން އިސްތަށިގަނޑުން ބައެއް ފެންނަން އޮތެވެ. ބާޒިލް އަށް އެތަން ފެނުނީ ލޫލު ގޮވައިގެން މެލެކް އެނބުރިލި ވަގުތުގައެވެ. ބާޒިލް އަށް އެހެން ދިމާލަށް ނުބެލިގެން އުޅެނީ އެހެންވެއެވެ.

"ހާދަ ލޯތްބޭ" ބާޒިލް މަޑުމަޑުން ބުންޏެވެ.

މެލެކް ބާޒިލް އަށް ބަލައިލިއެވެ. ކިތަންމެ މަޑުން ބުންޏަސް އެ އަޑު މެލެކް އަށް އިވުނެވެ.

"ވަޓް؟" މެލެކް ބުންޏެވެ.

"ލޫލު ބަލާބަ މެލެކް އަށް ބަލަން އިންގޮތް. ލޯބި ދޯ" ބާޒިލް އޮޅުވާލިއެވެ.

"ދެން ދޭ. ލޫލު ގެނެވިއްޖެއްނު" މެލެކް ބުންޏެވެ.

މިދަނީ ދާންވެގެން" ބާޒިލް ވަދެގެން އައިސް މެލެކްގެ ފަހަތުން ހުއްޓުނީ ދާދި ގާތުގައެވެ. މެލެކްގެ ކޮނޑުމަތިން ލޫލުއަށް ބަލަނީކަމަށް ހަދާފައި މަޑުމަޑުން މެލެކްގެ ބުރުގާކޮޅުގައި ހިފާލާފައި ތިރިކޮށްލިއެވެ. ބުރަކަށީގެ އެއް އަރިމަތިން ބާޒިލްގެ އަތްޖެހުނު ވަގުތު އޭނާއަށް ހީވީ ހެދުންތެރެއިން އެއްޗެއް ހިރުނު ހެންނެވެ. ބުރަކަށީގެ މަސްތައް އޭނާއަށް އެތެރެއަށް ޖައްސާލެވުނެވެ.

"އެއްޗެއް... އެއްޗެއް އުޅެނީތަ؟" މެލެލް ބުންޏެވެ.

"އުނހު... އަހަރެންގެ އަތްޖެހުނީ. ބުރުގާ އެއްކޮށް ނޭޅި އޮތީމަ ރަނގަޅުކޮށްލީ" ބާޒިލް ބުންޏެވެ.

"ތެންކްސް" މެލެކް ބާޒިލް އާ ދުރަށް ޖެހިލިއެވެ.

"ދަނީ... އެކަމު ދިޔުމުގެ ކުރިން ވާހަކައެއް ބުނެލާނަން...." ބާޒިލް ބުންޏެވެ. އޭނާ ދެ ފިޔަވަޅު މެލެކް އާ ގާތަށް ޖެހިލިއެވެ.

"ވަރަށް ވަރަށް މީރުވަސް ދުވާ.."

މެލެކް ބާޒިލް އަށް ބަލައިލިއެވެ. ބާޒިލް އެއް ލޯ މަރާލިއެވެ. އެހިނދު މެލެކްގެ ނިތަށް ރޫ އަރައިގެން ދިޔައެވެ. ބާޒިލް މިކުރަނީ ކޮންކަމެއް ހެއްޔެވެ؟ ސާރާ ނެތީމަ ފޫހިފިލުވަނީ ހެއްޔެވެ؟

"ދެން ދޭ" މެލެކް ބުންޏެވެ.

ބާޒިލް ދާހިތެއް ނުވިއެވެ. ބޭނުންވީ މެލެކް އާ ލޫލު ފެންނަ ހިސާބުގައި ހުންނާށެވެ. އަތުކުރީގައި އޮތް ގަޑިއަށް ބާޒިލް ބަލައިލިއެވެ. އަށެއް ޖަހަން އަދި ފަނަރަ މިނެޓް ހުއްޓެވެ. ފަސްމިނެޓަށް ވުމުން ގެއިން ނިކުތަސް ގަޑިނުޖެހި އަދި ދެވޭނެއެވެ.

"ރައްޓެހިކަން ބާއްވަން އެއްބަސްވިތާ އަދި ސައްވީސް ގަޑިއިރު ނުވޭ. ގެއަށް އައިސް ވަނީމަ ސައިބޯށޭވެސް ނުބުނެ ތިއުޅެނީ އަހަރެން ފޮނުވާލަން" ބާޒިލް ބުންޏެވެ.

މެލެކް ހިތަށް އެރިއެވެ. ތެދެކެވެ. އެއީ ރަނގަޅު ގޮތެއް ނޫނެވެ. ބާޒިލް އަށް ހީވާނީ އޭނާ ނުގޮސްގެން އުނދަގުވެގެން އުޅެނީ ހެންނެވެ. ރަހްމަތްތެރިކަން ގަބޫލުކޮށްފައި އެހެން އުޅެގެން ނުވާނެއެވެ.

"ހިނގާ ކޮފީއެއް ބޯން. ބާޒިލްއަށް ލަސްވެދާނެތީ އެހެންބުނީ" މެލެކް ކޮޓަރިން ނިކުމެގެން ހިނގައިގަތެވެ. ބާޒިލް ނިކުތީ މެލެކް ފަހަތުންނެވެ. ދެކުދީން އެކުގައި ކާމޭޒު ކައިރިއަށް އައި އިރު ތަބައްސުމް ހުނި ރޮއްޓެއް ރިހާކުރާ ޖައްސައިގެން ކާން އިނެވެ. ބާޒިލްއަށް އިށީންނަން ގޮނޑި ދެއްކީ ތަބައްސުމް އެވެ.

"ކިހިނެއްތަ؟" ލަދުން އިނދެފައިވެސް ބާޒިލް އަހާލިއެވެ.

"ގޯހެއް ނޫން" ތަބައްސުމް ތެދުވެގެން ޒިންކާ ދިމާލަށް ހިނގައިގަތެވެ. "ގެނޭ މަންމަ އަތަށް" މެލެކްއަށް ވަގުތު ދިނުމަށްޓަކައި ތަބައްސުމް ލޫލު އުރާލިއެވެ. މެލެކް ކޮންމެ ހާލަތެއްގައި ހުއްޓަސް ދެކުދީން ދެމަފިރީންގެ ގޮތުގައި ދުވަސްތައް ހޭދަކުރާތަން ދުށުމަކީ އޭނާއަށް ކުރެވޭ އުންމީދެކެވެ.

"އެންމެން ސައި ބުއީތަ؟" މެލެކް އަހާލިއެވެ. ތަބައްސުމް ބޯޖަހާލިއެވެ. ތަބައްސުމް ގޯތިތެރެއަށް ނިކުތީ ލޫލު ގޮވައިގެންނެވެ.

"ވަރަށް ބޭނުން މެލެކް އާ އެކު މިގޮތަށް އެކަނި އިނދެ ސައެއް ބޯލަން. އެކަމު މިގަޑީގަ ކޮފީއަކުން ފުއްދާލަން ޖެހޭނީ" ބާޒިލް ބުންޏެވެ.

"ކީއްވެ ތިހާ ދުރުގަ ތި އިންނަނީ. މިތާ ކައިރިއަށް އާދެބަލަ" ބާޒިލް ބުންޏެވެ.

މެލެކް ހައިރާންވިއެވެ. މިފަހަކަށް އައިސް ބާޒިލްގެ މިޒާޖަށް ބަދަލުތަކެއް އަންނަމުންދާކަން މެލެކް އަށް ފާހަގަވެއްޖެއެވެ. މެލެކް ކުޑަކޮށް ހިތްނުތަނަވަސްވާގޮތް ވެސް ވިއެވެ. ހިތަށް އެރިއެވެ. އަނެއްކާ އޭނާގެ ހިތުގައި ބާޒިލްއަށްޓަކައި ޖާގައެއް ހުސްވަމުންދާކަން އެނގުނީ ހެއްޔެވެ؟ ދުލުން އިގުރާރު ނުވެވެނީސް ހިތް ބޭޒާރު ވަނީ ހެއްޔެވެ؟ މެލެކް އިނގިލީގައި ދަތް އަޅާލިއެވެ.

"ކިހިނެއްވީ؟ އަހަރެން މިތަނަށް ކޮފީ ދޭން ގެނެސްފަ މެލެކް ނުޖެހޭ ތިހާ ދުރުގަ އިންނާކަށް. އެކަނި ކޮފީއެއް ބޯން އައިނަމަ ރަނގަޅު ތިހެން އިންނަން" ބާޒިލް ބުންޏެވެ.

މެލެކް އައިސް އިށީނީ ބާޒިލް ކުރިމަތީގައި ހުރި ގޮނޑީގައެވެ. ދައްކާނެ ވާހަކައެއް ނޭނގިގެން އޭނާ އެންމެފަހުން ފެށީ ސާރާގެ ވާހަކައެވެ.

"ކޮބާ ސާރާ؟ ޒޭބާއްތަ ބުނި މާލޭގައޭ. އަދިވެސް ނާންނަނީތަ؟" މެލެކް އަހާލިއެވެ.

"ނޮޓް އިންޓްރެސްޓެޑް. ތި ނޫން މީހެއްގެ ވާހަކަ ފަށާބަލަ" ބާޒިލް ބުންޏެވެ.

މެލެކް ހައިރާންވިއެވެ. މިހާރަކަށް އައިސް ގޭތެރޭގައި އެއްވެސް ވަރަކަށް ބާޒިލް ސާރާގެ ވާހަކަ ނުދައްކާކަން އޭނާއަށް ފާހަގަވިއެވެ. ސާރާގެ ވާހަކަ ދެއްކިޔަސް ބާޒިލް އެވާހަކަތައް އޮޅުވާލައެވެ. ވީގޮތެއް އެނގެން މެލެކް ޝައުގުވެރިވިއެވެ.

"އެނގޭތަ ޔާން މިއަދު ޑިއުޓީއަށް އެދިޔައީ. ނަސީބެއްނު.... އަލްހަމްދުލިއްލާހް. ބޭސްގަނޑު ނައްޓާލިއިރު އެތައް ހީލްވެފަ ހުރީމަ ވަރަށް ހެޕީވެފަ މިއިނީ" މެލެކް ބުންޏެވެ.

ވަގުތުން ބާޒިލް މޫޑް އޮފްވިއެވެ. ކޮފީތަށި ދުރުކޮށްލާފައި އޭނާ ތެދުވެއްޖެއެވެ. އެހެން ވާހަކައެއް ފަށާށޭ ބުނާއިރަށް އެފެށީ އޭނާ މާ ގަޔާވާ މީހެއްގެ ވާހަކަ ނޫން ވިއްޔާއެވެ.

"ދާންވެއްޖެ. ފަސްމިނެޓަށްވީ" ބާޒިލް ހިނގައިގަތެވެ.

"އަޖައިބެއް ކަހަލަ މީހެއް" މެލެކް ބުންޏެވެ.

މޭޒު ވަށާލާފައި ބާޒިލް އައިސް ހުއްޓުނީ މެލެކް ގާތުގައެވެ.

"ތެންކްސް. އެކަމު މިއީ އިންޒާރެއް އެނގޭ... އަހަރެން ކައިރީގަ ދެން ފަހަރަކުން ރައްޔާންގެ ވާހަކަ ދައްކައިފިއްޔާ އަތުޖެހޭ ފަހަރަކުން ދަތްއަޅާނަން.... މިތަނުގަ" މެލެކްގެ ތުންފަތުގައި އިނގިލި ޖައްސައިލަމުން ބާޒިލް ބުންޏެވެ.

މެލެކް ކަޅިޖަހާވެސްނުލާ ބަލަހައްޓައިގެން ހުރުމުން ބާޒިލް ހިނގައިގަތީ ހިނިގަނޑެއް ޖަހާލާފައެވެ. މަޑުމަޑުން އޭނާގެ ތުންފަތުގައި ބާޒިލް އިނގިލި ޖައްސާލިތަނުގައި މެލެކް އިނގިލި ޖައްސާލިއެވެ. ވިސްނަންވީ ކޯޗެއް ކަމެއް އޭނާއަށް ނޭނގުނެވެ. ކޮންމެ ގޮތެއް ވިޔަސް ބާޒިލްގެ އެ އަމަލުން އޭނާ އިންތިހާއަށް ހިތްހަމަޖެހިއްޖެއެވެ. ލަސްލަހުން އޭނާގެ ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ.

****

މުދާ ހިފައިގެން އައި ޕިކަޕުގައި އައި ބިދޭސީންނަށް އިރުޝާދު ދީފައި ބާޒިލް އައީ އޮފީހާ ދިމާލަށެވެ. ފޯނު ރިންގުވާން ފެށީ އޭނާ މޭޒާ ދިމާލަށް ދަނިކޮށެވެ. ބަދަލުގައި އޭނާ މިސްރާބުޖެހީ މޯޑުގެ މޭޒު ކައިރިއަށެވެ. ބާޒިލް ފެނުމުން މޯޑު ތެދުވެފައި އިޝާރާތްކޮށްލީ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަކޮށްފައިވާ ތަންކޮޅެވެ. އެދިމާލަށް ހިނގައިގަތީ ދެ ޒުވާނުން އެކުގައެވެ.

"ކަމެއް ލައިގަތީތަ؟" ބާޒިލް އަހާލިއެވެ.

ވަގުތުގެ ގޮތުން އެތަނުގައި ތިބީ ދެ ޒުވާނުން އެކަންޏެވެ.

"ސާރާ އައިކަން އެނގޭތަ؟ ނުގުޅާތަ؟" މޯޑު އަހާލިއެވެ.

"ނޭނގެ. އައިސްފިތަ؟ ނުގުޅާ މަށަކަށް. އެހެންނޫނަސް އައި ޑޯންޓް ކެއާ" ބާޒިލް ބުންޏެވެ.

"ރޭގަ އައިސްފި. އަހަރެން ބަނދަރުގަ ހުއްޓަ ދިޔައީ. އޭނަގެ ބައްޕަވެސް އައި. ހިއެއްނުވޭ ސާރާއަށް އަހަރެން ފެނުނުހެނެއް" މޯޑު ބުންޏެވެ.

"އުޅެދާނެއްނު. މަށެއް ނޫޅެން ސާރާ ވެގެނެއް. އަދިވެސް އެރޭގެ މަންޒަރު ލޮލަށް ފެންނަ ކަހަލަ. ސާރާ މަށަށް ޗީޓުކޮށްފި. ދެން ބޭނުމެއްނޫން" ބާޒިލް ބުންޏެވެ.

"ޔަގީންތަ ދެ ފައި ތުރުތުރު އެޅުން ކަހަލަ ކަމެއް ނުވާނެތަ؟" ވައިގެ ތެރެއަށް ދުންތައް ފޮނުވާލި މޯޑުގެ އަޑުގައި ވަނީ ސަމާސާއެވެ.

"ކުރީގަވެސް ތިކަހަލަ ކަމެއްނުވޭ. ބޭނުމީ މެލެކް. ސީރިޔަސްކޮށް. މިއައީވެސް މެލެކް އަތުން ކޮފީ ބޮއެގެން ވަގުތުކޮޅެއް ހޭދަކޮށްލާފަ. އަހަރެން ސާރާ ގާތަކަށް ނުދާނަން. އިތުރަށް ފަހަތަކަށް ނުބަލާނަން" ބާޒިލް ބުންޏެވެ.

"ކަލޭ މީ މަ ނަމަ ކޮންމެސް އެއްޗެކޭ ކިޔައިގެން ނަމަވެސް މެލެކް ތިގޭގަ ގެނެސް ބަހައްޓާނީ. ތިއީ ދެމަފިރިންނޭ. ހަމައެކަނި ދުރުދުރުން ބަލާލައިގެން އޭނަ އަތުން ކޮފީ ބޯލައިގެން ހުއްޓަކަސް ނުވާނެއްނު. ކަލޭ އެމަންޖެއަށް ބޭނުމެއްނުވޭތަ؟" މޯޑު އަހާލިއެވެ.

"ގާތްވާން މަސައްކަތްކުރަން. ހަމަ ރަނގަޅަށް ތިބުނީ. އަހަރެން ބޭނުންވަނީ އޭނަ އަހަރެން ކައިރީގަ ބަހައްޓަން. ގާތްވެވުނު އެންމެ މަތީދަރަޖައަކަށް ގާތްވާން. އަހަރެމެން ދެމީހުން ދެމެދަށް ވައިރޯޅިއަކަށް ވެސް ނުވަދެވޭހާ ގާތަށް ދާން. ހިތަށްއަރާ ކުރިން އަހަންނަށް ވިސްނުނުނަމައޭ" ބާޒިލް ބުންޏެވެ.

"ދެންވެސް ވިސްނަބަލަ ސާރާ ކުރިމައްޗަށް އަރައިފިއްޔާ ހަދާނެ ގޮތެއް. ހިނގާ އެތެރެއަށް. އަދި މިއުޅެނީ މިއަދު ކްލިއާ ކުރަން ދިން ފައިލުގަ އަތްވެސްނުލާ" މޯޑު ބުންޏެވެ.

****

ލޫލު ނިންދަވާފައި މެލެކް ބޭރަށް ނިކުތް ވަގުތެވެ. އިސްތަށިގަނޑު ހިއްކަމުން އޭނާ ނިކުތީ ގޯތި ތެރެއަށެވެ. ތެތް ތުވާލި ރޯނުގައި އަޅުވާފައި އެތެރެއަށް ވަންނަން އުޅެނިކޮށް ގޭތެރެއިން ތަބައްސުމް ނިކުތެވެ.

"ކުޑަމީހާ ނިދީތަ؟" ގަސްދޮށު އެލުވާފައި ހުރި އުނދޯލީގައި އިށީންނަމުން ތަބައްސުމް ބުންޏެވެ. އޭނާ އިނީ މުރަނގަ ފަތް ތައްޓެއް ހިފައިގެން ފަތް ފިލުވާށެވެ.

"ނިދާފަ. ކޮބާ ބައްޕަ؟ ބައްޕަ ބުނި ކޮންމެސް ވާހަކައެއް ދައްކަންވެގެނޭ" މެލެކް ބުންޏެވެ.

"ގޭ މަސައްކަތްތައް ބަލާލަން ގޮސްފަ އަދި ނާދޭ. ދަރިފުޅު އާދެބަލަ އެހެރަ ގޮނޑި ހިފައިގެން މިތަނުގަ އިށީނދެލަން" ތަބައްސުމް ބުންޏެވެ.

މެލެކް އައިސް ތަބައްސުމް ގާތުގައި އިށީނެވެ. އޭނާ އިނީ މަންމަ ދައްކަން އުޅޭ ވާހަކައެއްގެ އިންތިޒާރުގައެވެ.

"ބައްޕައަށް ހިއެއްނުވޭ އެހާ އަވަހަށް ގެއަށް އާދެވޭނެހެނެއް. ބުނެފަ ދޯ އޮތީ އެ ގޯއްޗަށް ދާ ވާހަކަ" ތަބައްސުމް ބުންޏެވެ.

"އެކަހަލަ އެއްޗެއް ބުނި. ކީއްކުރަން ބައްޕަ ކޮންމެހެން އެގެއަށް ދަނީ" މެލެކް ބުންޏެވެ.

"އެއީ މައުސޫމާ އާ ޒިޔާދު ގާތުގަ ވާހަކައެއްދައްކަންވެގެން" ތަބައްސުމް ބުންޏެވެ.

"ދެން ކީއްކުރަން އަޅުގަނޑު ދަނީ؟" މެލެކް ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟