ވާހަކަ

ރުހުން ދީފާނުހޭ - 36

2

ދެ އަންހެންކުދީން އައިސް ހުއްޓުމާއެކު ޝިމްލާ ބަލައިލިއެވެ. އެއީ މައިލީން އޭނާގެ ހަމަލޮލަށް ފެނުނު ފުރަތަމަ ފަހަރެވެ. މެލެކް އާ މައިލީން ވައްތަރުގޮތެއް ހުއްޓެވެ. ދެ ކުދީން ހެދުން އެޅުމުގެ ވައްޓަފާޅިވެސް އެއްގޮތެވެ. ތަފާތަކީ މެލެކް ފަދައިން މައިލީންގެ ދެކޮލުގައި އަޑިކޮޅެއް ނެތްކަމެވެ.

"މައިލީން. އާދެބަލަ މިތާ މަންމަ ކައިރީގަ އިށީނދެލަން" ޝިމްލާ ބުންޏެވެ. ޝިމްލާގެ އަޑުގައިވި އޯގާތެރިކަން ހުރިހާ މީހުންނަށްވެސް އެވަގުތު ފާހަގަވިއެވެ. ޝިމްލާ މައިލީން އަށް އަތްދިކޮށްލިއެވެ.

ޝިމްލާގެ އަތުގައި މައިލީން ހިފާލިއެވެ. އިށީންނަން އުޅުނު ވަގުތު އަހަދުﷲ ގެ ކައިރީގައި ކަހަލަ ގޮތަކަށް އިން އަސަދު ފެނިއްޖެއެވެ. ވަގުތުން މައިލީންގެ ހަނދާނަށް އައެވެ. އެއީ އޭނާގެ ފަހަތުން އެދުވަހު އައި ޒުވާނާއެވެ. އެއީ އަހަދުގެ ކޮއްކޮ ހެއްޔެވެ؟ މައިލީން އަށް އެވަގުތު ހުރިހާ ކަމެއް ފަހުމުވިއެވެ. އަސަދު ހިނިތުންވެލިއެވެ. މައިލީން ހީލީ ގަދަކަމުންނެވެ. އެދުވަހު އަސަދު މަގުމަތިން ދިމާވެ އެގޮތަށް ކަންތައްކުރި ސަބަބު މައިލީންގެ ވިސްނުން ތޫނު ސިކުނޑި ދެނެގަތެވެ.

މެލެކް އިށީނީ ތަބައްސުމް ކައިރީގައެވެ. އަސަދު އާދަޔާހިލާފަށް އޭރުވެސް އޭނާއަށް ބަލަމުންދާކަން އޭނާއަށް ފާހަގަވިއެވެ. މީހަކު ކުރިމަތީގައި އިނދެ އެހާވަރަށް ބަލަމުންދާތީ މެލެކް އިނީ ލަދުގަނެފައެވެ. މީހުން ތިބުމުން އެއްޗެއް ބުނަންވެސް ނުކެރިފައެވެ.

"އަހަރެންގެ އަހަދުގެ ހޮވުން މިހާ ފުރިހަމަވާނެ ކަމަށް ހިއެއްވެސް ނުކުރަން. އަލްހަމްދުލިއްލާހް. މައި އަހަރެންގެ އަންހެންދަރިފުޅުގެ ގޮތުގައި ބަލައިގަނެފިން" ޝިމްލާ ބުންޏެވެ. އޭނާ އިނީ މައިލީންގެ އަތުގައި ހިފާލިގޮތަށް ދޫކޮށްލަންވެސް ބޭނުންނުވެފައެވެ. މައިލީންގެ މަޑުމޮޅިކަމާއި ސާދާކަން ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ހިތުން ޖާގައެއް ކަށަވަރުކޮށްފިއެވެ.

"އަލްހަމްދުލިއްލާހް... މިއަދު އަހަރެން ހާދަ އުފާވެއްޖޭ" ކައިރީގައި އިން އައްޒާމްގެ އަތްމަތީގައި އަތްތިލަ ބާއްވައިލަމުން ތަބައްސުމް ބުންޏެވެ.

"ވާހަކަ މާދިގުކުރާނެ ކަމެއް ނެތެއްނު. އަހަންނަށް ފެންނަނީ މިދެކުދިންނަށް ދުވަހެއް ކަނޑައަޅަން" ޝިމްލާ ބުންޏެވެ.

މައިލީންގެ ހިތްއަވަސްވެލިއެވެ. އޭނާ ސިއްރު ނަޒަރެއް އަހަދުﷲ އާ ބަދަލުކޮށްލިއެވެ. އެ ނަޒަރު އެހާ އަވަހަށް އަހަދުﷲ މާނަކޮށްލައިފިއެވެ. އޭނާ މައިލީން އަށް ފުރުސަތު ދޭން ބޭނުންވިއެވެ.

"މަންމާ! އޭގެކުރިން މައި އެއްޗެއް ބުނަން ބޭނުމިއްޔާ އެފުރުސަތު މައި އަށް ދީ" އަހަދުﷲ ބުންޏެވެ.

"މައި އެއްޗެއް ބުނަން ބޭނުންތަ؟ " ޝިމްލާ އަހާލިއެވެ.

މައިލީން ބުނަން ބޭނުންވާ އެއްޗެހި ބައިވަރެވެ. ފުރަތަމަކަމަކީ ޝަރުތުތަކެއްގެ މައްޗަށް ބިނާކޮށް ދިރިއުޅުމެއްގެ ބިންގާ އަޅާކަށް އޭނާ ބޭނުމެއް ނުވެއެވެ. އޭނާ ބޭނުންވަނީ އޭނާ އެދޭ ދެތިންކަމެއްގެ ވާހަކަ ބުނާށެވެ. އެއަށްފަހު އަހަދުﷲގެ ރުހުމުގައި ގޮތް ނިންމާށެވެ. ހަގީގަތުގައި ކައިވެންޏެއް ކުރާކަށް އަދި އޭނާ ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް އުމުރަކީ ދުވަހަކަށްފަހު މުއްދަތު އިތުރުވާ އެއްޗެއް ނޫނެވެ. ކޮންމެސް ދުވަހަކުން ކައިވެންޏެއް ކުރަން ޖެހޭނެކަން އޭނާއަށް އެނގެއެވެ. މަންމަ އާއި ބައްޕަ ދެކެމުން އައި ހުވަފެނަކީވެސް އެއީއެވެ.

"އަޅުގަނޑު ބުނަން ބޭނުންވަނީ..." ބުނެވެން އުޅޭ އެއްޗެއްގެ ސަބަބުން މައިލީން ފަސްޖެހުނެވެ. އޭނާގެ ހިތް ބުނާ ކަހަލައެވެ. ކައިވެންޏަކަށްފަހު އަނބިމީހާ އުޅެންޖެހޭނީ ފިރިމީހާ ދެއްކި ތަނެއްގައެވެ. ބުނެވޭ އެއްޗެއްގެ ސަބަބުން އޭނާ އ ާމެދު ޝިމްލާ ދެކުނު ނަޒަރިއްޔާތު ބަދަލުވެގެން ހިނގައިދާނެއެވެ. އެހެންވާކަށް އޭނާ ބޭނުމެއްނުވެއެވެ.

"މަންމާ... އަޅުގަނޑު މައި އާ ވަކިން ވާހަކަދައްކާލަންތަ؟ އަހަދުﷲ ބުންޏެވެ.

އަހަދުﷲ އަށް އެނގުނެވެ. މައިލީން ބުނާނީ ކޯޗެއްކަންވެސް އޭނާއަށް އެނގެއެވެ. އެންމެންގެ މެދުގައި އެވާހަކަ ބުނަން މައިލީން އަށް ދަތިވެގެން އުޅޭކަންވެސް އޭނާއަށް އެނގުނެވެ. މައިލީން އާ މެދު އޭނާ ދީވާނާވާ މިންވަރަށް ހިތުގައި ލޯބި އުފެދިފައިވީތީ މައިލީންގެ ހިތުގައި ޖަހާ ކޮންމެ ވިންދެއް ބުނަނީ ކޯޗެއްކަން އޭނާ އަށް ނަގައިގަންނަން ފަސޭހައެވެ.

އެންމެންގެ އެދުމުގެ މަތީން އަހަދުﷲ އާއި މައިލީން ގޯތިތެރެއަށް ނިކުތެވެ. ދޮރާށި ކައިރީގައި ޖހުރި ޖޯލިފަތީގައި ދެކުދީން އިށީނެވެ. އެއް ޖޯލި ދޫކޮށް މައިލިން އިނުމުން އަހަދުﷲ އަށް ކަމަކުނުދިޔައެވެ. އޭނާ މައިލިން އާ ގާތަށް ޖެހިލިއެވެ. މައިލީންގެ އަތުގައި ހިފާލިއެވެ.

"މައި ކޮންމެ އެއްޗެއް ބުންޏަސް އަހަރެން އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނާޅާނަން. އަހަރެން ހުންނާނީ މައި އާއެކު. ޕްލީޒް މެރީކުރަން ބޭނުންނުވާކަމަށް ނުބުނާތި. އަހަންނަކަށް ކެތެއްނުވާނެ" އަހަދުﷲ ބުންޏެވެ.

"އަހަރެން ބޭނުމެއްނޫން އަހަދު ދެރަކޮށްލާކަށް. ބުނަން ވަރަށް އުނދަގުވޭ. އެކަމަކު ނުބުނެ ހުރެގެން އިތުރަށް ހިތަށް ދަތިވުންނޫން ކަމެއް ނުވާނެ" މައިލީން ބުންޏެވެ.

"ތިހެންވިއްޔާ ލަސްނުކޮށް ބުނޭ. އަހަރެން މިއިނީ އަޑުއަހަން. އެއްކަމެއް އަހަންނަށް ޔަގީން. މައި ކޮންމެ އެއްޗެއް ބުންޏަސް ﷲ އިރާދަކުރެއްވިއްޔާ މިއަދު އަހަރެން މިގެއިން ދާނީ އަހަރެންގެ އަންބަކަށް މެލީ ވާނެ ދުވަސް ކަނޑައަޅާފައި. މާނައަކީ މެލީގެ ކޮންމެ ނިންމުމަކަށް އަހަރެން އިހުތިރާމު ކުރާނަމޭ" އަހަދުﷲ މައިލީން އަށް ޔަގީންކަން ދިނެވެ.

"އަހަދުއަށް އެނގެއެއްނު މަންމަ އާއި ބައްޕަގެ އަތްމައްޗަށް މެލީ އަދި ދޫކޮށްނުލެވޭނެކަން. މުޅި އުމުރަކަށް ނޫން. އަހަންނާއެކު އަހަދު ހުރިއްޔާ އަހަރެންވެސް ހުންނާނީ އަހަދު އާ އެކު. އެކަމަކު އަހަންނަށްޓަކައި އަހަދުގެ މުޅިއުމުރު...." މައިލީން އަށް ޖުމްލަ ފުރިހަމަ ނުކުރެވުނީ އެބަސްތައް އަހަދުﷲ ހުއްޓުވުމުންނެވެ. ލަސްލަހުން އެސްފިޔަތައް ހިއްލާލުމަށްފަހު އަހަދުﷲ އަށް މައިލީން ބަލައިލިއެވެ. މައިލީންގެ ތުންފަތް މަތީގައި ހުރަސްކޮށްލި އިނގިލި ދުރުކޮށްލުމަށްފަހު އަހަދުﷲ ހިފަހައްޓާލީ މައިލީންގެ މޫނުގެ ދެފަރާތުގައެވެ. މައިލީންގެ ލޮލާ އަހަދުﷲ ގެ ދެލޯ އަމާޒުކޮށްލިއެވެ.

"މައި އަށް ހީވަނީތަ؟ އަހަރެން މައި ދެކެ ވަނީ ކުޑަކުޑަ ލޯބިކޮޅެއްނޫން. މިއަތުގައި މިހިފަނީ ދުވަހަކުވެސް ދެގޮތެއްނުވެ ހުންނާނެކަމަށް ވައުދުވަމުން" މައިލީންގެ ދެއަތުގައި އަހަދުﷲ ހިފަހައްޓާލިއެވެ.

"އަހަރެމެންގެ ކައިވެންޏަށްފަހު އުޅޭނީ މިރަށުގަ. މިގޭގަ. މެލީ އާ މަންމަ އާ ބައްޕަ ކައިރީގަ. މެލީއަކީ އަހަރެންގެ ޕޭޝަންޓްއެއް ނޫން. މައި އެއްވެސް ކަމަކާ ހާސްވާކަށް ނުޖެހޭނެ" އަހަދުﷲ ބުންޏެވެ.

މައިލީންއަށް ފަހުމްވީ ދެނެވެ. އޭނާގެ ހަޔާތަށް އަހަދުﷲ އަށް ވުރެ ފުރިހަމަ އެއްވެސް އިންސާނެއް ނެތެވެ. އެއީ އަންހެނަކަށް ލިބޭނެ އެންމެ ފުރިހަމަ ފިރިހެނާއެވެ. އެ އަތުން ދޫކޮށްނުލާށެވެ. އިސްޖަހާލި މައިލީންގެ ދެލޮލުން ވެއްޓިގެންދިޔަ ކަރުނަތިކި ފެނިފައި އަހަދުﷲ އިތުރަށް ގާތްވެލިއެވެ. މައިލީންގެ ކޯތާފަތުގައި އަހަދުﷲ އިނގިލި ބީއްސާލިއެވެ. އެހިނދު މައިލީން އަހަދުﷲ އާ އިތުރަށް ކައިރިވެލިއެވެ. އޭނާ އަހަދުﷲ ގެ ކޮނޑުގައި ބޯ އަޅާލިއެވެ. މައިލީންގެ އެ އަމަލަކީ ކައިވެންޏަށް އޭނާ ރުހޭކަމަށް ދިން ޖަވާބަކަށް އަހަދުﷲ އަށް ފުދުނެވެ. ދެލޯ މަރައިލަމުން އަހަދުﷲ ހެއްދެވިފަރާތަށް ހަމްދުކޮށްލިއެވެ.

ދެކުދިން ގޭތެރެއަށް ވަތްއިރު ދެއަތްތިލަ ވަނީ އެކަކު އަނެކަކާ ގުޅުވާލެވިފައެވެ. މައިންބަފައިން ކުރިމައްޗަށް އެގޮތަށް އެރުނީތީ ދެކުދީން ލަދުގަތީ ފަހުންނެވެ. އަވަސް އަވަހަށް ދެކުދީންގެ އަތްތިލަ ވަކިކޮށްލިއެވެ. އެމަންޒަރު ފެނުމުން މައިންބަފައިންނަށް ހެވިއްޖެއެވެ.

"އޯވް ގޯޑް... ދޮނާ ޔެސް ބުނީތަ؟" އެއްޗެއް ނުބުނެ ނުއިނދެވުނީ މެލެކް އަށެވެ. ތަބައްސުމް ނުހުއްޓުވިނަމަ އެއަށް ވުރެ ގިނައިންވެސް މެލެކް ބުނީހެވެ.

"އަޅުގަނޑުވެސް އަދި އެއްދުވަހަކުން ހަމަ ތިގޮތަށް ރީތި ކުއްޖެއްގެ އަތުގައި ހިފާލައިގެން މަންމަ ކުރިމައްޗަށް އަންނާނަން" އަސަދު ބުންޏެވެ. އެހިނދު އަސަދު ގެ އަތްމަތީގައި އަތްބާއްވާލަމުން އެއްޗެއް ނުބުނެ އިނުމަށް ޝިމްލާ ބުންޏެވެ.

ކުރިން ތިބި ގޮނޑީގައި މައިލީން އާއި އަހަދުﷲ އިށީނުމާއެކު ކައިވެނީގެ ދުވަސް ކަނޑައެޅިގެން ދިޔައެވެ. ޝިމްލާ އެ ކައިވެންޏަށް ރުހޭކަން އަންގައިދިނެވެ. މައިލީން އެދޭފަދައިން އަހަދުﷲގެ މުޅި ދިރިއުޅުން މައިލީންގެ ރަށަށް ބަދަލުކުރަން އޭނާގެ އެއްވެސް މައްސަލައެއް ނެތްކަމުގައި ބުންޏެވެ.

"އަދި ދިރިއުޅޭނެ ތަނެއް ކަނޑައަޅަން އަވަހެއްނު. މިބުނީ އެކުދިން ދިރިއުޅޭނެތަން ބަދަލުވެސްވެދާނެ" އައްޒާމް ބުންޏެވެ. އޭނާ އެބުނި އެއްޗެއްގެ މާނަ އެނގެނީ އަދި އޭނައަށެވެ.

"އަދި ނުނިމެއެއްނު" އަސަދު ގެ އަޑު އިވުމުން ޝިމްލާ ބަލައިލިއެވެ.

"ކޮންކަމެއް؟ އަސަދުގެ ދޮންބެގެ ކައިވެނީގެ ކަންކަން މިފެށުނީނު. އުފާކުރޭ ދަރިފުޅު" ޝިމްލާ އަސަދުގެ އަތުގައި ފިރުމާލިއެވެ.

"ދޮންބެ އެކަނި ކުރީމަ ނިމުނީތަ؟ ކޮބާ އަޅުގަނޑަށް ހޯދި ކުއްޖާ؟" އަސަދު ބުންޏެވެ.

"ތިއީ އެއްވެސް ކަމެއް ނޫނެއްނު. ތިއީވެސް މިހާރު އައްޒާމްބެގެ ދަރިއެއް ފަދަ ކުއްޖެއް. ނިކަން ހޯދަބަލަ މިރަށުން ރަނގަޅު ކުއްޖެއް. އޭރުންތާ ދެކުދީންގެ ކައިވެނި އެއްކޮށް ނިންމާލެވޭނީ" އައްޒާމް ބުންޏެވެ.

"ހޯދައިފީމޭ" އަސަދު ބުންޏެވެ. އެ ނަޒަރު ލަސްލަހުން ގޮސް ހުއްޓުނީ މައިލީންގެ އަތުގައި ހިފާލައިގެން އިން މެލެކް އަށެވެ.

"އެހެންތަ.... އެހެންވިއްޔާ އެންމެފުރަތަ ތިބުނާ ކުއްޖަކު މަންމައަށް ދައްކަންޖެހޭނީ" ޝިމްލާ ބުންޏެވެ.

****

ގަޑިން ރޭގަނޑު ބާރަޖަން ދެ މިނެޓް ހުއްޓެވެ. ސިހާމާ ކޮޓަރިން ނިކުތީ ރޯގާ ވައްތަރުވެފައި ހުރުމުން ހޫނު ފެންފޮދެއް ބޯލުމަށެވެ. ބަދިގެއަށް ގޮސްފައި ކޮޓަރި އާ ދިމާލަށް ދިޔައިރު ސޯފާގައި އިން މީހަކު އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއީ ސާރާ ކަން އޭނާއަށް ވަގުތުން އެނގުނެވެ. ހައިރާންވީ އަނދިރީގައި ސާރާ އިނުމުންނެވެ. ސިހާމާ ގޮސް ސާރާ ގާތުގައި އިށީނެވެ.

"ކިހިނެއްވެފަ؟ ސާރާގެ ބައްޕަ އެހީމަ ދައްތަ ބުނެފިން ނިދައިފިއޭ" ސިހާމާ ބުންޏެވެ.

"ނުނިދޭނެއްނު. މި ޒަމްބެ ގުޅާވަރުން. ދައްތަ ބުނެބަލަ ޒަމްބެ ކައިރީގަ އެވަރަށް ނުގުޅާށޭ. ޒަމްބެ އާ އެހާވަރަކުން ގުޅާލައިގެން އުޅުނީ މާލޭގަ ހުރި ދުވަސްކޮޅު ފޫހިވީމަ. މިހާރު އޭނަ ގުޅާ މެސެޖްކުރާވަރުން ބޮލުގަ ރިއްސާ. މިއުޅެނީ ޒެއްލު އާ މެދު ވިސްނާލާނެ ވަގުތުކޮޅެއްވެސް ނުލިބިގެން" ސާރާ ބުންޏެވެ.

"އެއީ ސާރާގެ ބައްޕަ މާ ގާތްކޮށްގެން އުޅޭ މީހަކަށްވީމަ ދައްތައަކަށް ނުކެރޭނެ ގުޅާފަ އެއްޗެއް ބުނާކަށް. އޭނަގެ ނަންބަރު ބްލޮކް ކޮށްލާ" ސިހާމާ ބުންޏެވެ.

"ކޮށްފިން. އެހެން ނަންބަރުތަކުންވެސް ގުޅަނީއޭ. ނުނަގަން ފޯނެއް. އެނގޭ އޭނަ ނޫން އެހެންމީހަކު ނުގުޅާނެކަން" ސާރާ ބުންޏެވެ.

"ވެދާނެއްނު ބާޒިލް ކަމަށްވެސް" ސިހާމާ ބުންޏެވެ.

"ބާޒިލް އޭ. ހުޅަނގު ފަރާތުން އިރު އަރައިފިއޭ ބުންޏަސް ގަބޫލުކުރަން މާ ފަސޭހަވާނެ. ބާޒިލްއެއް ނުގުޅާނެ. ދައްތަ އައިޑިއާ އެއް ދީބަލަ. އެބަޖެހޭ ބާޒިލް ރުއްސަން. މިހާރު ހުންނާނީ ވަރަށް ދެރަވެފަ. ރުޅިވެސް އައިސްފަ ކަންނޭނގެ. މިފަހަރު ބާޒިލް ރުއްސަން އެހާ ފަސޭހައެއްވެސް ނުވާނެ" ސާރާ ބުންޏެވެ.

"މާދަމާ ކޮންމެސް ވަގުތަކުން ހިނގާ އެގެއަށް ދަމާ. ބާޒިލް އަށް ނޭނގި ދާނީ. ދައްތަ މިކޮޅަށް ގެނައި ފޮތިތަކުން އެއްގަނޑު ފޮތި މައުސޫމާ އަށް ހިފައިގެން ގޮސް ދޭނީ. ކުޑަމަންޖެއަށް ވެސް މިރަށުން ހެދުންކޮޅެއް ގަނެލާފަ ދީފަ ބުނާނީ މިއީ ބޭރުން އައި އިރު ގެނައި އެއްޗިއްސޭ. ބާޒިލް އޮފީހުން އަންނައިރުވެސް ސާރާ ހުންނަންވާނީ އެގޭގަ. ވަރަށް ދެއްކެންވާނެ. މިނޫން ގޮތަކަށް ދެވަނަ ފަހަރަށް ބާޒިލްގެ އިތުބާރެއް ނުހޯދޭނެ" ސިހާމާ ބުންޏެވެ. އޭނާ ދިޔައީ ސާރާގެ އެއް އަތުގައި ހިފައިގެން އިނދެ އިސްތަށިގަނޑުގައި ފިރުމަމުންނެވެ.

"ސީރިޔަސްކޮށްތަ؟ އަހަރެން ފޯނު ނުނަގާ ގުޅާނުލާ ހުރީ ބާޒިލް އަހަރެންމަތިން ހަނދާންވެގެން ގޮސް އެއްގޮތަކުން ނޫން ވިއްޔާ އަނެއް ގޮތަކުން ވިޔަސް އަހަރެން ހޯދަން މަސައްކަތްކުރޭތޯ. އެ މެލެކްވެސް އެވަރުވެފައި މަރެއްވެސް ނުވިއެއްނު. ބޮޑު ކަމެއް" ސާރާ ވާހަކަދެއްކިއެވެ.

"އަދިވެސް ބާޒީ އޮތީ ސާރާ އަތުގަ. ބާޒިލް ލޯބިވަނީ ސާރާދެކެ. އެހެންވީމާ ހުރިހާ ގޮތަކުން މޮޅު އޮތީ ސާރާ އަށް. މާދަމާ ދައްތަ މިބުނިހެން ކަންތައްކުރާނީ. ހިނގާ ބަލަމާ ބާޒިލް އަށް ވާވަރެއް" ސިހާމާ ވާހަކަދެއްކިއެވެ.

****

ހެނދުނުގެ ވަގުތެވެ. ފަތިސްނަމާދު ކޮށްގެން ޒޭބާ ނިކުތްއިރު އަތްމަތީގައި ލޫލު އިނެވެ. މިއަދު މާ ފަތިހާ ލޫލު ހޭލި ދުވަހެކެވެ. ލޫލުގެ ފުޅިހަދަން ބަދިގެ ވަދެފައި އޭނާ ލޫލު ބޭންދީ ލޫލުއަށް ހާއްސަ ގޮނޑީގައެވެ. އޭރު އެހެން އެއްވެސް މީހެއްގެ ހިލަމެއް ގޭތެރެއިން ނުވެއެވެ. ލޫލު ގޮވައިގެން ނިކުމެ ޒޭބާ މަޑުކޮށްލީ ސިޓިންގރޫމުގައެވެ. އެއީ ބާޒިލް އާއި ޒިޔާދު ފަތިސްނަމާދުން އައިސް ގޭތެރެއަށް ވަތް ވަގުތެވެ. ލޫލު ފެނުމާއެކު ބާޒިލް އަތް ދިއްކޮށްލިއެވެ.

"އަން މިފުޅި އެއްކޮށް ދެވޭތޯ ބަލާތި" ޒޭބާ ހިނގައިގަތީ ބަދިގެ އާ ދިމާލަށެވެ.

މައުސޫމާ ބަދިގެއަށް ވަނީ ޒޭބާ ކޮފީ ތައްޔާރުކުރަން ހުއްޓައެވެ.

"ލޫލު ހާދަ ފަތިހަކާ ހޭލައިގެން އުޅޭ ދުވަހެކޭ ދޯ" މައުސޫމާ ބުންޏެވެ.

"މިހާރު ކޮންމެ ދުވަހެއްގެވެސް އާދައެއްނު" ޒޭބާ ބުންޏެވެ.

"މިއަދު މެންދުރަށް ތަންކޮޅެއް ރަނގަޅަށް ކެއުން ތައްޔާރުކޮށްލަންވާނެ. މިއަދު އައްޒާމް އާ ތާބާ އަންނާނެ" މައުސޫމާ ބުންޏެވެ.

ކުއްލިއަކަށް މެލެކްގެ މައިންބަފައިން އަންނަ ވާހަކަ ބުނުމުން ޒޭބާ ހައިރާންވިއެވެ. އޭނާ މައުސޫމާ ގާތުގައި ހުއްޓުނެވެ.

"ހުރިހާ ކަމެއް ރަނގަޅުތަ؟ ކީއްވެ ކުއްލިއަކަށް" ޒޭބާ އަހާލިއެވެ.

"ނޭނގެ. އައްޒާމް ބޮޑު ވާހަކައެއް ދައްކަންވެގެންނޯ. ހިނގާބަލަ. ރޭގަ މެލީ ޒެއްލު ކޮޓަރިއަށް އެހާ ސިއްރުން ވަތް ކަމެއްވެސް ހޯދަން އެބަޖެހޭ" ބަދިގެއިން ނިކުމެގެން ސިޓިންގރޫމަށް އައީ ދެމައިން އެއްކޮށެވެ. ދެ ފިރިހެނުންނަށް ކޮފީ ތަށި ދީފައި ޒޭބާ އާއި މައުސޫމާ އިށީނެވެ.

"މިއަންނަނީ ލޫލު ދޮއްވާލައިގެން" ޒޭބާ ބުންޏެވެ.

ލަސްލަހުން ކޮފީ ބޮމުން ދިޔަ ބާޒިލް އަށް މައުސޫމާ ބަލައިލިއެވެ.

"ޒެއްލު އަށް އެނގޭތަ މިއަދު މެލީގެ މައިންބަފައިން މިގެއަށް އަންނަކަން. ނޭނގެ ދައްކަން އުޅެނީ ކޮންކަހަލަ ވާހަކައެއް ކަމެއްވެސް" މައުސޫމާ ބުންޏެވެ. އައްޒާމް އަންނަ ވާހަކަ ބުނުމާއެކު ބާޒިލް އަށް ވީގޮތެއްވެސް ނޭނގުނެވެ. ކޮށި އަރައިގެން ކެއްސަން ފެށިއެވެ. ޒިޔާދު ބާޒިލްގެ ބުރަކަށީގައި ދެފަހަރު ޖަހާލިއެވެ.

"މިއަދު އޮފީސް ވަރަށް ބުރަވާނެ. ކަސްޓަމުން ގެނައި އެއްޗެހީގެ ލިސްޓް އަޕްޑޭޓްކުރަންވެސް ދާންޖެހޭ. ނުވީތާކަށް ފެކްޓްރީއަށް ފޮނުވާ ވާހަކަވެސް ދެއްކި. ހީވަނީ މިއަދު ބައްދަލުވުމަކަށްފަހު ބައްދަލުވުންތައް އޮންނާނެހެން" ބާޒިލް ބުންޏެވެ.

މައުސޫމާ އާއި ޒިޔާދު އެކަކު އަނެކަކަށް ބަލައިލިއެވެ. ދެމަފިރިންނަށް ވަގުތުން އެނގުނެވެ. އެވަގުތަށް ގެއަށް ނާންނަން ބާޒިލް ދައްކާ ބަހަނާއެވެ. އައްޒާމްގެ ކުރިމައްޗަށް އަރަންޖެހިދާނެތީއެވެ. އައްޒާމް ކުރާ ސުވާލަކަށް ޖަވާބުދާރީވާން ޖެހިދާނެތީއެވެ. މުޅި އުމުރަށް އެގޮތަށް ބާޒިލް އަށް އުޅެވިދާނެ ހެއްޔެވެ؟ ކޮންމެ އެއްދުވަހަކުން އެ ހުރިހާ ސުވާލުތަކަށް ޖަވާބުދާރީވާން ބާޒިލް ޖެހޭނެ ނޫން ހެއްޔެވެ؟

"ދަރިފުޅު ނުވެގެން އުޅުނު ކަންތައްތައް ވާނެހެން މަންމަ އަށް ހީވަނީ. ދެން އެންމެ ރަނގަޅުވާނީވެސް މި މާހައުލާ މެލެކް ދުރަށް ދިޔުން. ފަހަރެއްގައި މިފަހަރު ދަރިފުޅަށް ގެއްލޭނީ އެކަނި މެލެކްއެއް ނޫން. ލޫލުވެސް. ބަދަލުގަ ދަރިފުޅަށް ލިބޭނީ ސާރާ. ދަރިފުޅުގެ ދުވަސްވީ ލޯބި. އެހެންވީމަ މިއަދު ދަރިފުޅު މެންދުރު ކާން ގެއަށް އަންނަންވާނެ. އައްޒާމް ކޮންމެ ވާހަކައެއް ދެއްކިޔަސް މަންމައަށް އެނގެނީ އެވާހަކައެއް ގުޅިފައިވާނީ މެލެކް އާ ކަން" މައުސޫމާ ވާހަކަދެއްކިއެވެ.

ބާޒިލް އިނީ ހައިރާންކަމުގައެވެ. މެލެކްގެ ވަކިވުން އޭނާ އަށް ބަރުދާސްތު ނުކުރެވޭނެއެވެ. މެލެކް އާ އޭނާ ވަކިކުރުމުގެ ހައްގެއް އެއްވެސް މީހަކަށް ނޯންނާނެއެވެ. މެލެކް އަކީ އޭނާގެ ހަލާލު އަނބިމީހާއެވެ. އަދި މިހާރު އޭނާގެ ހިތުގެ ހަމަޖެހުމެވެ.

"އެކަމަކު މެލެކް ގެ ކޮންކަމެއް" ބާޒިލް އަހާލިއެވެ.

"ނޭނގެ. ދެން އެނގިދާނެތާ" ޒިޔާދު ބުންޏެވެ.

ކޮފީތަށި ބަހައްޓާފައި ތެދުވެގެން ބާޒިލް ހިނގައިގަތެވެ. ކޮޓަރިއަށް ވަތްގޮތަށް އޭނާ އެނދު މައްޗަށް ހުރަހަށް ވެއްޓިގަތެވެ. ޖީބުގައި ފޯނު ނަގާފައި މޫނު މައްޗަށް ވާގޮތަށް ދެއަތް ދަމާލާފައި ފޯނު ހުޅުވާލިއެވެ. މެލެކްގެ ފޮޓޯއަކަށް ބަލަން އޭނާ އޮތީ އެއްވެސް ހިޔާލެއް ފިކުރެއް ނެތިއެވެ. ކުއްލިއަކަށް އޭނާ ސިހުނީ ފޯނެއް އަންނަން ފެށުމުންނެވެ.

"މެލެކް..." ބާޒިލް ހައިރާންވިއެވެ. މިނޫނީ މެލެކް އޭނާގެ ފޯނަށް ކުރިން ނުގުޅައެވެ.

"އޮފީހަށް ދަމުން ލޫލު ގެނެސްދެވޭނެތަ؟ ވިއްސާރަކޮށް އޮތީމަ" މެލެކް ބުންޏެވެ.

"ބުނުއްވި ގޮތެއް. ދާނަން ކުޑައިރުކޮޅަކުން" ބާޒިލް ބުންޏެވެ.

"ރަހްމަތްތެރިކަން އަދާކުރެވޭނީ ހަގީގަތަށްވެސް ރަހްމަތްތެރިއަކަށް. ބުނާގޮތް ހަދަންވާނެ... އޯކޭ" މެލެކް ބުންޏެވެ.

ބާޒިލް އަށް ހެވުނެވެ. "ތިހެންވިއްޔާ މިއަދު ހަވީރު ލޫލު ގޮވައިގެން މިގެއަށް އަންނަންވާނީ މެލެކް. ގެއަށް ދިޔުމުގެ ކުރިން މިއަޅާގެ ހާލު ބަލައިލަން މިކޮޓަރިއަށް ޒިޔާރަތްކޮށްލަންވާނެ" ބާޒިލް ބުންޏެވެ.

"އަހަރެން އެހެން ބުނީތީ ބުނި އެއްޗެއް ދޯ" މެލެކް ބުންޏެވެ.

"ނޫނޭ... ރަހްމަތްތެރިކަން އަދާކުރެވޭނީ ހަގީގަތަށްވެސް ރަހްމަތްތެރިއަކަށް. ބުނާގޮތް ހަދަންވާނެ... އޯކޭ" މެލެކްގެ ޖުމްލަ ބާޒިލް ތަކުރާރުކޮށްލިއެވެ. އެވަގުތު މެލެކް ހީލި އަޑުއިވުނެވެ. ބާޒިލް އަށް ހީވީ ލުއި މިޔުޒިކެއްގެ އަޑު އިވިލިހެންނެވެ.

"އޯކޭ ރަހްމަތްތެރިޔާ. ބާއްވަނީ" މެލެކް ބުންޏެވެ.

ފޯނަށް ބަލަހައްޓައިގެން ހެވިފައި އޮތް ބާޒިލް ފެނިފައި ކޮޓަރިއަށް ވަތް މައުސޫމާ އާއި ޒިޔާދު އަށް ލިބުނީ ހައިރާންކަމެވެ. ދެމަފިރިން ހީކުރީ ބާޒިލްގެ މޫޑު ގޯސްވެފައިވާނެ ކަމަށެވެ.

"މަންމަމެން..." ބާޒިލް ތެދުވެ އެނދުގައި އިށީނެވެ.

"މަންމަ މިއައީ އެންމެ ކަމެއް ސާފުކޮށްލަންވެގެން" މައުސޫމާ ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟