ވާހަކަ

ރުހުން ދީފާނުހޭ - 35

2

ދެ ދަރީންގެ ވާހަކަތައް އަހަން ޝިމްލާ އިނީ ހެވިފައެވެ. ދަރީންނަށް ލިބިފައިވާ މަޝްހޫރު ކަމުގެ ސަބަބުން އޭނާ ގެ އެއްވެސް ބޮޑާ ކަމެއް ނެތެވެ. ހުރިހާ މީހުންނަކީ އޭނާގެ ނަޒަރުގައި ހަމަހަމަ ބައެކެވެ. ދަރިންގެ ހަޔާތަށް ރާއްޖޭގެ ކޮންމެ ހިސާބަކުން އަންހެންކުއްޖަކު އަޔަސް އޭނާގެ އެއްވެސް މައްސަލައެއް ނެތެވެ. އޭނާގެ ޝަރުތަކީ އެންމެ ޝަރުތެކެވެ. އެ އަންހެންކުއްޖާއަކީ ފަސްވަގުތު އަދާއަށް ނަމާދުކުރާ ދީނީ ކަންތައްތަކަށް ލޯބިކުރާ ކުއްޖަކަށް ވުމެވެ.

****

ބަދިގޭގައި ހުރި ތަބައްސުމް ބަލައިލީ އޭނާގެ ގައިގައި ފަހަތުން މީހަކު ބައްދާލުމުންނެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެއީ އޭނާގެ ހަގުދަރިފުޅު ނޫން މީހަކު ނޫންކަން އޭނާއަށް އެނގެއެވެ. ބައެއް ވަގުތުތަކުގައި މެލެކްގެ އަމަލުތައް ހުންނަނީ ކުޑަކުއްޖެއް ފަދައިންނެވެ. މެލެކްގެ ބޭނުމަކީ ކޮބައިކަން ވަގުތުން ތަބައްސުމް އަށް އެނގުނެވެ.

"ދަރިފުޅު ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ؟" ތަބައްސުމް ބުންޏެވެ.

"އެބައަނަންނަ އެގެއަށް ގޮސްފަ" މެލެކް ބުންޏެވެ.

ތެލީ މަތިގަނޑު ބާއްވާފައި މެލެކް އާ ދިމާލަށް ތަބައްސުމް އެނބުރުނެވެ.

"ލޫލު ނިދީމައެއްނު ދަރިފުޅު ތިއައީ. އަނެއްކާ ކިހިނެއްވީ؟" ތަބައްސުމް އަހާލިއެވެ.

"މިއުޅޭ ބާޒިލް ބުނެގެނެއްނު. ނޭނގެ ކީއްކުރަން ކަމެއްވެސް. ގުޅާފަ ބުނީ އައިސްބަލާށޭ. މުހިންމުކަމަކު އޭ" މެލެކް ބުންޏެވެ.

ތަބައްސުމް ވިސްނާލިއެވެ. މެލެކް ގެންދަން ބާޒިލް އެ އުޅެނީ ކޮންކަމަކު ހެއްޔެވެ؟ ބާޒިލް މެލެކް ގެންދާނެ އެއްވެސް ބޭނުމެއް ނޯންނާނެއެވެ. އެހެންނޫނަސް ގެންދަންވީ މެލެކްއެއް ނޫނެވެ. އަންނަންޖެހޭ މީހަކީ ބާޒިލްއެވެ.

"އެހެންތަ. އެހެންވިއްޔާ މެލީ ބުނެބަލަ ބާޒިލް ގާތުގަ މިގެއަށް އަންނާށޭ" ތަބައްސުމް ބުންޏެވެ.

މޭޒުމައްޗަށް ކާއެއްޗެހި އަރުވަމުން ދިޔަ ތަބައްސުމްގެ ފަހަތުން މެލެކް އުޅުނެވެ.

"ތިއީ އަނެއްކާ އަނެއް ކަންތައް. މިގެއަށް އަންނާށޭ ބުނާއިރަށް ބުނެފި ނުކެރޭނޭ. ބާޒިލްއަށް މިގެއަށް އަންނަން ނުކެރެނީ ކީއްވެތަ؟ ދަންތަ ގޮސްލާފަ އަންނަން" މެލެކް ބުންޏެވެ.

"ހިނގާ. ދަރިފުޅު އެގެއިން ނިކުންނަމުން ބައްޕަ އަށް ގުޅާ. އޭރުން ދާނަން ބަލާ" ތަބައްސުމް އާއި މެލެކް އެއްކޮށް ފަހަތް ބަލައިލީ އައްޒާމްގެ އަޑަށެވެ. އައްޒާމްއަށް ދެމައިން ދެއްކި ވާހަކަތައް އަޑުއިވުނުކަން އެނގުމުން މެލެކް ތުންފަތުގައި ދަތްއަޅާލިއެވެ.

'އާދޭ. ގޮސް ބާޒިލް ކައިރީގަ ބުނާތި މިގެއަށް ތިމަންނަ ގެނައީ ބައްޕަ އޭ" އައްޒާމް ބުންޏެވެ.

މެލެކް ބަލައިލީ ތަބައްސުމް އަށެވެ. އެހިނދު ތަބައްސުމް ދެލޮލުން އިޝާރާތްކޮށްލަމުން ހިނިތުންވެލިއެވެ. އައްޒާމް އާއެކު މެލެކް ގެއިން ނިކުންނަން އައެވެ. ސައިކަލަށް އަރަން ދަމުން އަތުކުރީގައި އޮތް ގަޑިއަށް އައްޒާމް ބަލައިލިއެވެ.

"ތިރީސް މިނެޓް. ބާޒިލް ގާތުގަ ބުނާތި ދައްކަން އުޅޭ ވާހަކައެއް ތިރީސް މިނެޓް ތެރޭގަ ދައްކައްޗޭ. ބަޔަކު އަންނާނެ ގެއަށް. ބައްޕަ ބޭނުންވޭ ހުރިހާ އެންމެން ގޭގަ ތިބެން" އައްޒާމް ބުންޏެވެ.

މެލެކް ގޮވައިގެން ސައިކަލުގައި ދިޔަ މަގުމަތީގައި އައްޒާމް އެތައް ގޮތަކަށް ވިސްނިއެވެ. މެލެކް ގާތުގައި ބާޒިލް އުޅެނީ ކޮންވާހަކައެއް ދައްކަންވެގެންކަމެއް އޭނާއަށް ނޭނގެއެވެ. އެކަމަކު މިއީ ފަހު ފަހަރެވެ. މެލެކް ހޯދަން ދެން ބާޒިލް އަންނަންޖެހޭނީ މެލެކް ހުރި ތަނަކަށެވެ.

****

އައްޒާމް ގެއަށް އައިސް ވަތްއިރު މޭޒުމައްޗަށް ކާން ހަދާފައި ހުއްޓެވެ. އެހެން ރޭތަކަށް ވުރެ މިރޭގެ ކެއުން ކުޑަކޮށް ލަސްވެއްޖެއެވެ. ގެއަށް އަންނަން ބުނި މެހެމާނުން އަންނަން ދިން ވަގުތު އެދަނީ ކުޑަތަންވަމުންނެވެ. ސޯފާގައި އައިޒާމް އައިސް އިށީނެވެ. ފަހަތުން މީހަކު ހުރިހެން ހީވެގެން ބަލައިލިއިރު މައިލީން ހުއްޓެވެ. އޭނާ ހުރީ ކުޑަކޮށް ކަންބޮޑުވެފައެވެ. އައްޒާމް ފެނުމުން އެ އުނދަގު އިތުރަށް އޭނާއަށް ވެއްޖެއެވެ. އައްޒާމް މައިލީން އަށް އިޝާރާތްކޮށްލިއެވެ. މައިލީން އައިސް ގާތުގައި އިށީނެވެ. އެއީ ތަބައްސުމް ވެސް ކޮޓަރިން ނިކުމެގެން އައި ވަގުތެވެ.

"ބައްޕަ މިވާހަކަ ދަރިފުޅު ގާތުގަ ދައްކަން އުޅޭތާ ވަރަށް ދުވަސްވެއްޖެ" އައްޒާމް ބުންޏެވެ.

ތަބައްސުމްވެސް މައިލީންގެ އަތުގައި ފިރުމާލިއެވެ.

މިރެއަކީ މައިލީން އަށް ހާއްސަވާނެ ރެއެއްކަން ދެމަފިރިންނަށް ވެސް އެނގެއެވެ.

"އެނގޭ ބައްޕާ. ގޮތެއް ނިންމަން އުނދަގުވަނީ. މެލީގެ ހާލަތު ހުރިގޮތުން އަދި އަޅުގަނޑަށް މަންމަ އާ ބައްޕަގެ އަތްމައްޗަށް މެލީ ދޫކޮށްލާފަ ދެވޭކަށް ނެތް. މެލީ ނޫނީ އަޅުގަނޑުގެ އެއްބަނޑުއެއްބަފާ މީހަކު ނެތް" މައިލީން ބުންޏެވެ.

"ކުރިން މަންމަ ކަންބޮޑުވީ މަންމަ އެކަނި ހުރީމަ. މިހާރު ބައްޕަ އެބަހުރި. ރައްޔާނުވެސް އެބަހުރި. ދަރިފުޅު ހާސްނުވޭ. މަންމަ ބޭނުންވަނީ ދަރިފުޅު ދިރިއުޅުމެއް އުޅޭތަން ބަލަން. ދަރިފުޅުވެސް އާއިލާއެއް ބިނާކުރާތަން ބަލަން. ވަރަށް ދުވަހު މެލީއަށްޓަކައި ދަރިފުޅު ވަގުތުތައް ގުރުބާންކޮށްފީމު. ކައިވެންޏެއް ކޮށްގެން ދިޔުމަކީ އާއިލާ އާ އެއްކޮށް ވަކިވެގެން ދިޔުމެއް ނޫން" ތަބައްސުމް ބުންޏެވެ.

"އެކަމަކުވެސް...." މައިލީން އަށް އެގޮތަށް އެއްބަސް ނުވެވެއެވެ.

"ގޮތް ނިންމާނީ ދަރިފުޅު. ބައްޕަގެ ރުހުން ޑރ އަހަދުއަށް ދެވިއްޖެ. އެއީ ހަރުދަނާ އިންސާނެއް. އަހަދުﷲ ކަންތައްކުރާ ގޮތެއް ބަލަމާ ހިނގާ" އައްޒާމް ބުންޏެވެ.

މައިލީން އިތުރަށް ބަހުސެއް ނުކުރެއެވެ. އޭނާ ނިންމާ ނިންމުން އޮތީ އޭނާގެ ހިތުގައެވެ. ލޯބިވާ މީހަކު ލޯބިވާ މީހާ ގަބޫލުކުރަންޖެހޭނީ ހުރިހާ ގޮތަކުންނެވެ. މައިލީން މަންމަ އާއި ބައްޕަގެ އަތުގައި އެއްކޮށް ހިފާލިއެވެ.

"އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ދާނީ ރަނގަޅަށް...." މައިލީން ބުންޏެވެ.

****

މެލެކް އިނީ ޒޭބާގެ ކޮޓަރީގައެވެ. ތައިމޫރުގެ ފޯނެއްގައި ޒޭބާ ހުރީ ތަންކޮޅެއް ދުރުގައެވެ. އޭނާ ގެއަށް އައި ވާހަކަ މެސެޖަކުން ބާޒިލް ކައިރީގައި ބުންޏެވެ. އޭނާ އަށް އެހާ ވަގުތު ނެތްކަމަށްވެސް ބުންޏެވެ.

"ކޮޓަރިއަށް އާދޭ" ބާޒިލް ބުންޏެވެ.

މެލެކް ތެދުވެ ހިނގައިގަންނަން އުޅެނިކޮށް އަނެއްކާވެސް ބާޒިލްގެ މެސެޖެއް އައެވެ.

"ޕްލީޒް އެކަކަށްވެސް ނޭނގި ކޮޓަރިއަށް ވަންނާނީ" ބާޒިލް ގެ މެސެޖް ކިޔާލާފައި މެލެކް ދެބުމަ ގޮށްޖަހާލިއެވެ. ސިއްރުން ކޮޓަރިއަށް ވައްދައިގެން ކުރަން އުޅޭ ކަމެއްވެސް ނޭނގެއެވެ.

"ދަނީތަ؟" މެލެކް ނިކުންނަން ދަނިކޮށް ޒޭބާގެ އަޑު އިވުނެވެ.

"މިއަންނަނީ މަންމަ ކައިރިއަށް ގޮސްލާފަ" މެލެކް ކޮޓަރިން ނިކުތެވެ.

ޒޭބާ ހައިރާންވިއެވެ. ލޫލު ނިދުމަށްފަހު މެލެކް އަކީ އެގެއަށް އަންނަ ކުއްޖެއް ނޫނެވެ. މިރޭ ކޮންމެސް ކަމެއް ވެއްޖެއެވެ. ކޮޓަރި ދޮރުހުޅުވާލާފައި ޒޭބާ ބޭރު ބަލައިލިއެވެ. ސިއްރުން ބާޒިލްގެ ކޮޓަރިއަށް ވަތް މެލެކް ފެނިފައި ޒޭބާ ހައިރާންވިއެވެ. ހައިރާންކަމަށް ވުރެ ބޮޑަށް ރަނގަޅުވާނީ ޒޭބާގެ ތުންފަތްމަތިން ފެނުނު ހިނިތުންވުމުގެ ވާހަކަ ދެއްކިއްޔާއެވެ.

****

މެލެކް ފެނުމާއެކު އެނދުގައި އިން ބާޒިލް ބަލައިލިއެވެ. އޭނާ ފުންމައިގެން ތެދުވިގޮތަށް އައީ މެލެކް އާ ދިމާލަށެވެ. ހީވީ މެލެކް އަންނާނެ އިރަކަށް އިންތިޒާރުގައި ހުރިހެންނެވެ. ގާތަށް ބާޒިލް އަންނަން ފެށުމުން މެލެކް ފަހަތަށް ޖެހެން ފެށިއެވެ. އޭނާގެ ހިތް އަވަސްވެ ދެއަތްތިލަ ފިނިވެއްޖެއެވެ.

"ކީއްކުރަން ކައިރިއަށް ތިއަންނަނީ؟" މެލެކް ބުންޏެވެ.

ބާޒިލް ހުއްޓުނީ މެލެކް އާ ދާދި ގާތުގައެވެ. އޭނާ އަތް އުފުލާލުމާއެކު މެލެކް ދެލޯ މަރާލިއެވެ.

ބާޒިލް ހިނިއައެވެ. އެއީ އެދުވަހުވެސް މެލެކް ދެލޯމަރާލައިގެން ހުރިގޮތެވެ. ކުއްލިއަކަށް މެލެކް ދެލޯ ހުޅުވާލީ ކޮޓަރީގެ ދޮރު ލެއްޕުނު އަޑަށެވެ.

"ވަޓް؟ ކީއްވެ ދޮރުލެއްޕީ" މެލެކް އެނބުރުނެވެ.

"ކުޑަކަމެއް ކުރަންވެގެން" ބާޒިލް ބުންޏެވެ.

ބާޒިލް އަށް މެލެކް ބަލައިލީ ހައިރާންވެފައެވެ. ބަންދު ކޮޓަރިއެއްގެ ހަތަރުފާރުން އެތެރޭގައި ބާޒިލް އާއެކު ހުރެވުމުން މެލެކް ހާސްވާން ފެށިއެވެ. އޭނާ ދޮރުހުޅުވަން އުޅުމުން ބާޒިލް ހިފީ މެލެކްގެ އަތުގައެވެ.

"ހާދަ ބިރެކޭ. އަހަންނަކީ ދުރުމީހެއްނޫން. އަހަރެން ނޫޅެން މެލެކް އަށް އެއްވެސްކަމެއް ކުރާކަށް. ހަމަޖެހިބަލަ" ބާޒިލް ބުންޏެވެ.

"ކީއްކުރަން މިތަނަށް އަހަރެން ވެއްދީ. ބާޒިލް މިހާރު އުޅޭގޮތުން އަހަރެން ބިރުގަނޭ. ސާރާ.... ސާރާ ކީކޭ ހިތަށްއަރާނީ. ސާރާ މިތަނަށް އައިސް ވަންނާނީ ކޮންއިރަކު، ކޮންވަގުތެއްގަ ކަމެއް ނޭނގޭ. އަނެއްކޮޅުން... އަވަސްކުރޭ... ބައްޕަ އަންނާނެ މިހާރު" މެލެކް ބުންޏެވެ.

"ކީކޭ... ބައްޕައޭ... ކީއްވެ މިތަނަށް" ބާޒިލް ޖެހިލުންވެއްޖެއެވެ.

"ބާޒިލް އަހަންނާ ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނީމަ މިގެއަށް ގެނެސްދީފަ އެދިޔައީ ބައްޕަ. ޔާނު އަކަށް ނާދެވޭއްނެއްނު އަދިއެއް" މެލެކް ބުންޏެވެ.

މެލެކްގެ ދުލުން ރައްޔާނުގެ ނަން އަޑު އިވުމުން ބާޒިލް އަށް އުނދަގޫވިއެވެ. އިތުރަށް އޭނާ އެވާހަކަނުދައްކާ ޑްރެސިންޓޭބަލް މަތީގައި އޮތް ސިޓީއުރަ ނެގިއެވެ. އެ ހިފައިގެން އޭނާ މެލެކް އާ ގާތަށް އަނެއްކާވެސް އައެވެ. އޭނާ ސިޓީއުރަ މެލެކް އަށް ދިއްކޮށްލިއެވެ.

"މީ" ސިޓީއުރައިގައި މެލެކް ހިފިއެވެ.

"ތިއީ މެލެކްއަށް ހައްގު އެއްޗެއް. ކުރީގަ އަހަރެންގެ ފަރާތުންވި ހުރިހާ ކަމަކަށް އަހަރެން މައާފަށްއެދެން. އަހަރެން ބަދަލުވެއްޖައިން. މިހާރު މަސައްކަތް މިކުރަނީ ގޯސްކޮށް ކުރެވުނު ހުރިހާ ކަމެއް ރަނގަޅުކުރަން. އަހަންނަށް އެފުރުސަތު ދެވިދާނެތަ؟" ބާޒިލް ބުންޏެވެ.

މެލެކް ހައިރާންވިއެވެ. ބާޒިލް އެދައްކާ ވާހަކައެއް އޭނާއަށް ނުވިސްނުނެވެ. ސިޓީއުރަ ހުޅުވާފައި ބަލައިލުމާއެކު އޭނާއަށް އިތުރު ހައިރާންކަމެއް ލިބުނެވެ. ކޮންހާ ފައިސާއެއް ހެއްޔެވެ؟ ބާޒިލް އެހާ ފައިސާ އޭނާއަށް ދޭންޖެހޭ ސަބަބަކީ ކޮބާ ހެއްޔެވެ؟ އޭނާ އެހާ ފައިސާ ބާޒިލް އަތުން ނެގީ ކޮންއިރަކު ހެއްޔެވެ؟ މެލެކް ބާޒިލް އަށް ބަލައިލިއެވެ.

"މީ ކޮންކަމެއް. އަހަންނަކަށް ނޭނގޭ ބާޒިލް ތިކިޔާ އެއްޗެއް. މި އަހަރެން ބޭނުމެއްނޫން" މެލެކް ބުންޏެވެ.

ކުރިންވެސް މެލެކްގެ ފަރާތުން ލިބޭނީ އެފަދަ ޖަވާބެއްކަން ބާޒިލް އަށް އެނގުނެވެ. އޭނާ މެލެކް އަށް ކިޔައިދޭން ބޭނުންވިޔަސް އެކަން ކުރެވޭކަށް ނެތެވެ. މެލެކް އަކީ އޭނާ އިންތިހާއަށް ލޯބިވާ އަނބިމީހާ އޭ ބުނާނީ ކިހިނެއް ހެއްޔެވެ؟ އެ ފައިސާއަކީ އޭނާ މެލެކް އަށް އަދާކުރަންޖެހޭ ވާޖިބެއްކަން ހަނދާންކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ ކޮންމެގޮތެއް ހަދާފައި ނަމަވެސް އެ ފައިސާ މެލެކް އަތުގައި ބަހައްޓަން އޭނާ ބޭނުންވެއެވެ. އޭނާގެ ހިތަށް ހަމަޖެހުމެއް ލިބޭނީ މެލެކް ހިތުން ރުހުމުން އެ ފައިސާ ބަލައިގަނެގެންނެވެ.

"ތިބަހައްޓަބަލަ މެލެކް އަތުގަ. ތިއީ އަހަރެން ލޫލުއަށް ހަރަދުކުރަން މެލެކް އަށް ދިން އެއްޗެއް. މިހާރުވެސް އެންމެ ގިނައިން ލޫލު ގެންގުޅެނީ މެލެކްއެއްނު" ހަގީގަތް މުޅިއަކުން ބާޒިލް އަށް ހާމަނުކުރެވުނެވެ.

"އެކަމަކު... ބާޒިލް ކޮންމެހެން ލާރި ނުދިނަސް އަހަރެން ކައިރީގަ ހުންނައިރު ލޫލުއަށް ހަރަދުކުރަން ލާރި އެބަހުއްޓޭ" މެލެކް ބުންޏެވެ.

ބާޒިލް މެލެކްގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. މެލެކްގެ ދެލޮލާ އޭނާ ދެކަޅި އަމާޒުކޮށްލިއެވެ. އެހިނދު ބާޒިލްގެ ދެލޮލުން މިއިން ދުވަހަކުވެސް ނުފެންނަފަދަ އަސަރެއް މެލެކް އަށް ފެނުނެވެ. ބާޒިލްގެ އެ ނަޒަރުން އިތުރަށް އެއްޗެއް ބުނަން މެލެކް ހަނދާންނެތުނު ފަދައެވެ.

"އަހަންނަށް މިދޭތެރެއިން އުޅެވުނީ ރަނގަޅަކަށްނޫން. އަދާކުރަންޖެހޭ ކިތަންމެ ޒިންމާއަކަށް އިހުމާލުވެވުނު. އޭގެތެރޭގައި ލޫލުވެސް ހިމެނޭ. އަހަރެން ބަދަލުވީކަން އެންމެ ފުރަތަމަ މިއަންގައިދިނީ މެލެކްއަށް. އެއީ މެލެކްއަށް އަހަރެން އަންޑަސްޓޭންޓްވާތީ. އަހަންނަށް ވުރެވެސް ބޮޑަށް މަންމަވެސް ބައްޕަވެސް އިތުބާރުކުރަނީ މެލެކްއަށް. އަހަންނަށް ކަމެއް ކޮށްދެންޏާ ތިފައިސާ މެލެކްގެ އެކައުންޓްގަ ބަހައްޓަދީ. އަހަރެން ބުނަންދެކަށް" އާދޭހުގެ ރާގެއްގައި ބާޒިލް ބުންޏެވެ.

މެލެކް އެއްޗެއް ނުބުނެ އަނެއްކާވެސް ސިޓީއުރއަށް ބަލައިލިއެވެ. އޭނާ ހައިރާންވެފައި ހުރެ ހަށިގަނޑުގައި ހުރަހަށް އަޅުވާލާފައި އޮތް ދަބަސް ތެރެއަށް ސިޓީއުރަ ލިއެވެ. ބާޒިލްގެ އަމާނާތެއްގެ ގޮތުގައި އެ ފައިސާ ރައްކާކުރަން އޭނާ ބޭނުންވިއެވެ. ބާޒިލް ބަދަލުވާން ބޭނުންވަންޏާ އެ ފުރުސަތު އޭނާއަށް ދޭންޖެހޭނެތާއެވެ.

"މިރޭ މެލެކްގެ ފަރާތުން އެއްކަމަކަށް އަދި އެދެން ބޭނުން" ބާޒިލް ބުންޏެވެ.

"ބުނޭ. ބާޒިލްއަށް ބަދަލެއް އައިއްޔާ އަހަރެންވެސް ވަރަށް އުފާވާނެ" މެލެކް ބުންޏެވެ.

"މެލެކްގެ އެކުވެރިކަން. މިރެއިން ފެށިގެން" ބާޒިލް ބުންޏެވެ.

މެލެކް ހީލިއެވެ. ބާޒިލް ދިއްކޮށްލި އަތުގައި މެލެކް ހިފިއެވެ.

"މިވެވުނީ އެކުވެރިއަކަށް. އެކުވެރިއެއްގެ ހައިސިއްޔަތުން އަހަރެން މިބުނާ ކަންކަމަކަށް ވިސްނާނެކަމަށް ހީކުރަން. ބާޒިލްގެ ކައިވެނި ދުވަސްކޮޅަކުން ކުރެވޭއިރު އާއިލާއެއްގެ އެންމެ ބޮޑު ޒިންމާއެއް ނަގާ މީހަކަށް ވާންވާނީ ފިރިގެންމީހާ. ލޫލުއަށް އެއްވެސް ހާލެއް ޖެހިގެންނުވާނެ. އަމިއްލަ ދަރިއެއް ނޫނަސް އަހަރެން ލޫލުދެކެ ލޯބިވަނީ އަމިއްލަ ދަރިއެއް ފަދައިން. ބާޒިލްއަށް ވެސް އެނގެއެއްނު މިގޭ އެންމެންވެސް ލޫލު ލައްވާ އަހަންނަށް ކިޔުއްވަނީ މަންމަކަން. މިކަމާ ސާރާ އެއްވެސް މައްސަލައެއް ޖައްސައިގެން ނުވާނެ. އަހަންނަށް އަދި މިގޭ އެއްވެސް މީހަކަށް ސާރާ ނަފްރަތުކޮށްގެން ނުވާނެ. އަދި އަމުދުން ބާޒިލް މުށުތެރެއަށްލުމުގެ ބާރު ސާރާއަށް ދީގެންނުވާނެ. އެއްވެސް ހާލެއްގަ މިއެކުވެރިކަން ކަނޑާލައިގެން ނުވާނެ. އެންމެ ފަހަރަކު ކަނޑާލިޔަސް ހަނދާންކުރާތި އަހަރެން ދެމީހުންގެ މެދުގައި އޮތް ގުޅުން ކެނޑިގެން އެދިޔައީ މުޅި އުމުރަށްކަން" މެލެކް ވާހަކަދެއްކިއެވެ. ފަހު ޖުމްލައާއެކު މެލެކްގެ ތުންފަތުގައި ބާޒިލް އިނގިލި ހުރަސްކޮށްލިއެވެ. ބައެއްކަހަލަ ބަސްތައް މެލެލްކެ ދުލުން ބުނާ އަޑު އަހާކަށް އޭނާ ބޭނުމެއް ނުވެއެވެ.

"ތިހުރިހާކަމަށް އަހަރެން އެއްބަސް" ބާޒިލް ބުންޏެވެ.

"ދެން އެހެންވިއްޔާ އަހަރެން ދަނީ. ބައްޕަ މިހާރު އިންނާނެ ބޭރުގަ. ގެއަށް މިރޭ ބަޔަކު އަންނާތީ ބައްޕަ ބޭނުންވޭ އަހަރެން ގޭގަ އިންނަން" މެލެކް ބުންޏެވެ.

އޭނާ ހިނގައިގަންނަން އުޅުނުވަގުތު އަތުގައި ބާޒިލް ހިފެހެއްޓިއެވެ. މެލެކް ދާކަށް އޭނާ ބޭނުމެއްނުވެއެވެ. މެލެކްގެ އަތުގައި ހިފިގޮތަށް ގާތަށް ދަމާލިއެވެ. އޭނާގެ ދުލުގައި ތަޅެއް ލެވިފައިވި ނަމަވެސް ހިތުން ވާހަކަދައްކަން ފެށިއެވެ. މެލެކްގެ ހަގީގީ ގެއަކީ މިއީއެވެ. މެލެކް ވަގުތު ހޭދަކުރަންޖެހޭ މީހަކީ މިއީއެވެ. މިތަނުން ނުދާށެވެ. މުޅި އުމުރަށް އަހަރެންގެ ރާނީއެއް ފަދައިން ގެންގުޅޭނަމެވެ. ނުދާށެވެ. ބާޒިލް އަށް މެލެކް ހީލިއެވެ. ބާޒިލްގެ އެ ހަމަހިމޭން ބަހުރުވަ މާނަކުރާކަށް މެލެކްއަށް ނޭނގުނެވެ.

"ނުދާށޭތަ ތިބުނީ. ތިހެންވިއްޔާ ސާރާގެ ބަދަލުގަ އަހަރެން މިގެއަށް ގެންނަންވީނު" މެލެކް މަޖަލަކަށް ބުނި ނަމަވެސް އެބުނުން ބާޒިލްއަށް ކަމުދިޔައެވެ. އެހުރިހާ ކަމަށް އޭނާ ތައްޔާރެވެ. އެކަން އެގޮތަށް ކުރެވޭނެ ނަމައެވެ.

"އަންނަންވީނު. މެލެކް ބުނޭ. އޭރުން އަބަދުގެ އަބަދަށް މިގެއަށް މެލެކް ގެންނާނަން" ބާޒިލް ބުންޏެވެ.

"ޔާރައްބީ... ސާރާގެ ހިތްހަލާކުކޮށެއް ނުލާނަން. މިދަނީ އިނގޭ. މާދަމާ އިރާދަކުރެއްވިއްޔާ ބައްދަލުވާނެ" މެލެކް ބުންޏެވެ.

ބާޒިލް މެލެކްގެ އަތުން ދޫކޮށްނުލިއެވެ. ބަދަލުގައި އޭނާ ޖެހުނީ މެލެކް އާ ގާތަށެވެ. އޭނާ ދެއަތުން މެލެކްގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. އިތުރަށް ގާތްކޮށްލުމަށްފަހު މެލެކްގެ ނިތުގައި އޭނާ ބޮސްދިނެވެ. އެވަރަކުންވެސް އޭނާއަށް ނުފުދުނެވެ. އޭނާ އާ އަމާޒުވެފައި ހުރި މެލެކްގެ ބޮޑު ދެލޮލުގައިވެސް ބޮސްދޭން ހިތްއެދުނެވެ. ލަސްލަހުން އޭނާގެ ނަޒަރު މެލެކްގެ ތުންފަތަށް ހުއްޓުނެވެ. އިނގިލިތަކުން މެލެކްގެ ފިނިފެންމަލެއްގެ ފިޔައިގެ ބައްޓަމަށްވާ ތުންފަތުގައި ބީހިލަން އެދުނެވެ. އޭނާގެ ދެލޮލުން ފާޅުވަމުންދިޔަ އަސަރުތައް މަޑުމަޑުން ބަދަލުވަމުން ދިޔައީ މެލެކް ބަލަހައްޓައިގެން ހުއްޓައެވެ. އިސާހިތަކު ބާޒިލްގެ މުޅި ހަށިގަނޑުން އެނގުން ވެލައިގެން ދިޔައެވެ. ދުވަހަކުވެސް މެލެކްއަށް ބޭނުންނުވާ މިންވަރަށް އޭނާ މެލެކްއަށް އެދެން ފެށިއެވެ. ދޫކޮށްލަން ބޭނުންނުވެ އިތުރަށް ގާތަށް ދަމާލިއެވެ. އޭނާގެ ހިތް ބުނާ ކަހަލައެވެ. މެލެކްއަކީ އޭނާގެ ހަލާލު އަނބިމީހާއެވެ. އޭނާ މެލެކް އާ މެދު ކިތަންމެ ވަރަކަށް ލޯބިކުރިޔަސް އެއީ މައްސަލައެއް ނޫނެވެ. އެކަމަކު.... މެލެކްއަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟

"އެގުޅަނީ ބައްޕަ ލަސްވެގެން" ކުއްލިއަކަށް މެލެކް ބުންޏެވެ.

މެލެކް ދޮރާ ދިމާލަށް ހިނގައިގަތެވެ.

"އޯކޭ ބައި" ދޮރާ ހަމައިން މެލެކް ބުންޏެވެ.

މެލެކްގެ ފަހަތުން ބާޒިލް ދޮރާ ހަމައަށް ނިކުތެވެ. މެލެކް ލޮލަށް ގެއްލެންދެން އޭނާ ހުއްޓެވެ. ދެފަރާތަށް އޭނާ ބޯހޫރާލިއެވެ. މެލެކް އާ ކިތަންމެ ގާތްވާން އޭނާ ބޭނުންވިޔަސް ގާތްވެވޭކަށް ނެތެވެ. މިއީ ކޮންކަހަލަ މަޖުބޫރީއެއް ހެއްޔެވެ؟

****

ގޭތެރެއަށް ވަތް މެހެމާނުން ފެނުމާއެކު މެލެކް އަށް ހީލެވުނެވެ. ޑޮކްޓަރ އަހަދުއަކީ އޭނާއަށް ބީރައްޓެހި މޫނެއް ނޫނެވެ. މެހެމާންދާރީ އަދާކުރުމަށްފަހު އިށޫންނަންވީ ތަން ދެއްކިއެވެ. ތަބައްސުމް އާ ޝިމްލާ އެކަކު އަނެކަކާ ސަލާމްކޮށްލިއެވެ. ދެ އަންހެނުންގެ މެދުގައި ބަދަލުވެގެން ދިޔައީ ހިތްހެޔޮކަމުގެ ހިނިތުންވުމެކެވެ. އަހަދުﷲ އަށް ވުރެ ކުޑަތަންކޮޅެއް ފަހަތުގައި ހުރި އަސަދު އަށް މެލެކް ފެނުމާއެކު އެހެން ދިމާލާކަށް ބަލައިވެސްނުލެވުނެވެ. ފުރަތަމަ ނަޒަރުން އޭނާއަށް މެލެކް ކަމުގޮސްފިއެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ ދޮންބެގެ ކައިވެނީގެ ތާރީހު ކަނޑައެޅިގެންދާއިރު އޭނާ އާ މެލެކްގެ ގުޅުން ފެށިގެން ދިޔުމެވެ.

"ދަރިފުޅު ދޭބަލަ ދޮނާ ގޮވައިގެން އަންނަން" އައްޒާމް ބުންޏެވެ.

މެލެކް ތެދުވެގެން ހިނގައިގަތެވެ. އަސަދު ބަލަން އިންގޮތް ފެނިފައި މެލެކް ކުޑަކޮށް ހައިރާންވިއެވެ. އޭނާ އަސަދުއަށް ވެސް ހިނިތުންވެލިއެވެ.

"މެލީ އުޅޭތަ އެއްވެސް އުނދަގުލެއްވާތީ؟" އަހަދުﷲ އަހާލިއެވެ.

"ނޫޅޭ. ކުރިއަށް ވުރެވެސް އެކްޓިވްވެފައި ރަނގަޅު. މިހާރު ބޭސްކާންޖެހޭތީ ޝަކުވާއެއްވެސް ނުކުރޭ" އައްޒާމް ބުންޏެވެ.

ދެ އަންހެންކުދީން އައިސް ހުއްޓުމާއެކު ޝިމްލާ ބަލައިލިއެވެ. އެއީ މައިލީން އޭނާގެ ހަމަލޮލަށް ފެނުނު ފުރަތަމަ ފަހަރެވެ. މެލެކް އާ މައިލީން ވައްތަރުގޮތެއް ހުއްޓެވެ. ދެ ކުދީން ހެދުން އެޅުމުގެ ވައްޓަފާޅިވެސް އެއްގޮތެވެ. ތަފާތަކީ މެލެކް ފަދައިން މައިލީންގެ ދެކޮލުގައި އަޑިކޮޅެއް ނެތްކަމެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟