އަބްދުﷲ މަސީހު މުހައްމަދު

51 މެމްބަރުންގެ ސޮޔާ އެކު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ގެ އިތުބާރު ނެތް ކަމުގެ މައްސލަ 51 މެމްބަރުންގެ ސޮޔާ އެކު ދާދި ދެންމެއަކު ވައްދައިފިއެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދި އިރު، އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް ގެ ގިނަ އަދަދެއްގެ މެންބަރުން ވެސް ވަނީ އެ ލިޔުމުގައި ސޮއިކުރައްވައިފަ އެވެ. އޭގެ އިތުރުން އެމްޑީއޭގެ މެންބަރަކު ވެސް ސޮއިކުރައްވައިފައިވެ އެވެ.

މަސީހު އޭނާގެ މަގާމުން އިސްތިއުފާދެއްވަން ނިންމަވާފައިވާ ކަމުގެ އަޑުތަކެއް ވެސް ރޭ ވަނީ ފެތުރިފަ އެވެ. އެ ގޮތުން އޭނާ އިސްތިއުފާ ދެއްވަން ނިންމެވި ކަމަށް ވިދާޅުވެ އޭނާގެ ފޯނު ނަންބަރުން ފޮނުއްވާފައިވާ އެސްއެމްއެސް އެއް ރޭ ވަނީ ދައުރުވެފަ އެވެ. އެހެން ނަމަވެސް އެއީ ސީދާ މަސީހު ކުރެއްވި މެސެޖެއް ކަމެއް ކަށަވަރުވެފަ އެއް ނުވެ އެވެ.

މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައިގަނޑު ސަބަބަކީ މެންބަރުންނަށް އެބޭފުޅުންގެ ގާނޫނީ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރެއްވުމަށް ފުރުސަތު ނުދެއްވައި އެކަމަށް ހުރަސް އެޅުއްވުމެވެ.

މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި ވަކި ކުރުމުގެ ކުރީން ރީތި ގޮތުގައި އިސްތިއުފާދެއްވުމަށް ވެސް އިދިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން މިއަދު ވަނީ ގޮވައިލައްވައިފަ އެވެ.