އަބްދުﷲ މަސީހު މުހައްމަދު

މަސީހުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި، އަދަބު ދެވޭނެ: ލަތީފު

ޝަހީދާ އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި، ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ވިދާޅުވެއްޖެއެވެ.

12 މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށްބުނެ މެންބަރުން ޖަލްސާތަކަށް ނުވެއްދި މައްސަލަ ތަހުގީގު ކުމަށް 12 މެންބަރުންގެ ފަރާތުން ފުލުހުންގެ އިދާރާއަށް ހުށަހެޅުމަށް ފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ލަތީފު ވިދާޅުވީ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުއަކީ މަޖިލީހުގެ ކަރާމާތާއި ހުރުމަތް ކަނޑާލި ބޭފުޅެއް ކަމަށެވެ.

އަދި 12 މެންބަރުންގެ އިމްތިޔާޒަށް އަރައިގަނެ، މެންބަރުންގެ ހައްގުތައް ނިގުޅައިގެންފައިވާ ބޭފުޅެއް ކަމަށް ލަތީފު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްޠަފާ ވިދާޅުވީ ގާނޫނު އަސާސީއާއި ގާނޫނުތަކާ ޚިލާފަށް މަސީހު ހިންގެވި އަމަލުތައް ތަހުގީގު ކުރުމަށް 12 މެންބަރުންގެ ފަރާތުން އެދުނީ އެއްވެސް ހާލެއްގައި މަސީހުއާ މެދު ޒާތީ ކަމެއް އޮވެގެން ނޫން ކަމަށެވެ. މުސްޠަފާ ވިދާޅުވީ ފުލުހުންގެ އިދާރާއިން އެ މައްސަލަ ތަހުގީގުކޮށް އިންސާފުވެރި ޝަރީއަތެއް ހިންގާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވީ 12 މެންބަރުން މަޖިލީހަށް ވަނަނުދީ ހިފަހައްޓައިގެން، މުޅި ދައުލަތަށް މަސީހު ނުފޫޒު ފޯރުވާފައިވާ ކަމަށެވެ. އަދި ގަދަ ބާރުން މަޖިލިސް ހިޞާރުކޮށް، މެންބަރުން ހިފަހައްޓައިގެން ހުންނަވާ މެންބަރުންނަށް އަނިޔާ ކުރެއްވި ކަމަށް ސައުދު ވިދާޅުވިއެވެ. އެގޮތުން ދިން އަނިޔާއެއް ކަމަށް ސައުދު ވިދާޅުވީ ބައެއް މެންބަރުންގެ ޕާސްޕޯޓް ހިފެހެއްޓުމެވެ.

އަދި މެންބަރުންނާއި، މެންބަރުން ތަމްސީލުކުރައްވަމުން ގެންދެވި ދާއިރާ ތަކުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގެން މައްސަލަ ތަހުގީގުކޮށް މަސީހުގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ސައުދުވެސް ވަނީ ގޮވާލައްވާފައެވެ.