ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ދާދި ދެންމެއަކު އިސްތިއުފާ ދެއްވައިފި އެވެ.
ޕީޕީއެމް ޕީޖީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވަނީ ދާދި ދެންމެ "ވަން" އަށް އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
މަސީހު އިސްތިއުފާދެއްވި ސަބަބަކީ ކޮބައިތޯ ސުވާލު ދެންނެވުމުން ނިހާން ވިދާޅުވީ، އިސްތިއުފާގެ ސިޓީ ދެކިވަޑައިނުގަންނަވާ ކަމަށާއި އެހެން ނަމަވެސް ބޮޑަށް ބެއްލެވެނީ މި ވަގުތުގެ ހާލަތަށް ބައްލަވާފައި އިސްތިއުފާ ދެއްވީ ކަމަށެވެ.
"ދެން މިހާރު އެނގިވަޑައިގަންނަވާނެ އެމަނިކުފާނުގެ ގޮނޑި ދިފާއު ކުރެއްވޭ ވަރުގެ މެޖޯރިޓީއެއްވެސް އަޅުގަނޑުމެންގެ ނެތް. އެހެން ވީމަ ހާލަތަށް ބައްލަވާފަ ނިންމެވި ނިންމެވުމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ." ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދު ގާތްގަނޑަކަށް 2:00 އެހާ އިރު މަޖިލީހުގެ ނައިބު ރައީސްގެ އަތްޕުޅަށް އިސްތިއުފާގެ ސިޓީ ލިބިވަޑައިގެންފައި ވާނެ ކަމަށެވެ.
މަޖިލީހުގެ ރައީސް މަސީހު މިއަދު އިސްތިއުފާދެއްވި އިރު، އެމަނިކުފާނުގެ އިއްޔެ ނޫން ކުރީ ދުވަހު އިރު އޮއްސުމުގެ ކުރީން ވެސް އިސްތިއުފާދެއްވާނެ ކަމަށް ވިދާޅުވި ކަމަށް އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައި ނައިބު ރައީސް މޫސާ މަނިކު ވަނީ ވިދާޅުވެފަ އެވެ. އަދި އޭގެ ކުރީން ވެސް މަސީހު އިސްތިއުފާދެއްވި ކަމަށް ބުނެ އޭނާގެ ނަންބަރުން ފޮނުވި ކަމަށް ބުނާ އެސްއެމްއެސް ތަކެއް ވެސް ވަނީ ދައުރުވެފަ އެވެ.
މަސީހު މިއަދު މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާދެއްވި އިރު އޭނާގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިޔަށް ގެންދިއުމަށް މިރޭ 8:00 އަށް މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވަނީ އެޖެންޑާ ކޮށްފަ އެވެ.
މަސީހުގެ އިސްތިއުފާ އަށް ފަހު މަޖިލީހުގެ އާ ރައީސް ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް އެވެ. ގާސިމް މަޖިލީހުގެ ރައީސް ކަމަށް ހޮވަން އިދިކޮޅު އިއްތިހާދަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކޯލިޝަންގެ ލީޑަރުން ވަނީ ނިންމަވައިފަ އެވެ.