ރައްޔިތުންގެ މަޖިލިސް

ކުރީގެ ހޯމް މިނިސްޓަރާއި ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ ރައީސް އިމްތިޔާޒު ކޮމެޓީއަށް ހާޒިރުކުރަނީ

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ސަލީމް އާއި ހޯމް މިނިސްޓަރު އަހުމަދު އަޒްލީން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަޖިލީހުގެ އިމްތިޔާޒު ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.

އެ ބޭފުޅުންގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް ވެސް ކޮމެޓީއަށް ހާޒިރުކުރަން ވަނީ ނިންމައިފަ އެވެ.

އެބޭފުޅުން ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ސަލާމަތީ ބާރުތަކުން ހުރަސްއެޅި މައްސަލަ ބަލައިދިނުމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުއްވި މައްސަލައާ ގުޅިގެންނެވެ.

އިންތި ހުށަހެޅުއްވި މައްސަލައިގައި ވަނީ ސިފައިން މަޖިލީހުގެ ތެރެއަށް ވަދެ މަޖިލީހުން ބައެއް މެންބަރުން ނެރުމާއި މެންބަރުންނަށް އަނިޔާވާ ގޮތަށް އަމަލުކޮށްފައިވާ މައްސަލަ އާއި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔުމަށް ހުރަސްއެޅި މައްސަލަ ތަހުގީގުކޮށް އެކަމުގައި ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އެދިފައެވެ.

އެމައްސަލައާ ގުޅިގެން މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އާއި ޗީފް ޝިޔާމް ކޮމެޓީއަށް ހާޒިރުކުރަނީ އެކަން ހިނގާދިޔަ ގޮތް ބަލައި އިދާރީ ގޮތުން އޭރު ރައްޔިތުންގެ މަޖިލީހުން އަޅާފައި އިނީ ކޮންކަހަލަ ފިޔަވަޅެއްތޯ ބެލުމަށެވެ.

އަދި ގައުމީ ދިފާއީ ބާރުން ނަހަމަ ގޮތުގައި ބާރުތައް ބޭނުން ކޮށްގެން މަޖިލީހުގެ އެތެރޭގައި ތިއްބެވި މެންބަރުން އަނިޔާވެެރި ގޮތެއްގައި މަޖިލީހުން ބޭރު ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ސިފައިން ހާޒިރުކުރަން ޖެހޭ ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.

އިމްތިޔާޒުތަކާ ބެހޭ ކޮމެޓީން ނިންމި ނިންމުންތަކާ ގުޅޭ ގޮތުން ''ވަން އޮންލައިން''އަށް މައުލޫމާތު ދެއްވި މެންބަރަކު ވިދާޅުވީ ކުރީގެ ހޯމް މިނިސްޓަރު އަޒުލީން އަހުމަދު ކޮމެޓީއަށް ހާޒިރުކުރަނީ މެންބަރުން މަޖިލީހުގެ އިދާރާއިން ނެރުމުގައި ސިފައިންނާއި ބައިވެރިވެގެން މެންބަރުންގެ ގަޔަށް އަތްލައި ފުލުހުންނަށް ލިބިދީފައި ނުވާ ބާރެއްގެ ތެރެއިން މަސައްކަތްކޮށްފައި ވަނީ ކޮން ހައިސިއްޔަތަކުންތޯ ބަލައި ސުވާލު ކުރުމަށެވެ.

އަދި އެމައްސަލައިގައި މަޖިލީހުގެ އިދާރާގެ ކުރީގެ އަމީންއާންމުގެ އިތުރުން މަޖިލީހުގެ ކުރީގެ ރައީސް މަސީހު ވެސް ހާޒިރުކޮށް ސުވާލު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން މެންބަރުން މަޖިލީހުގެ އިދާރާއިން ނެރުނު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ކޮމެޓީއަށް ހާޒިރުކުރުމަށް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ. އެމައްސަލަ ތަހުގީގުކޮށް ދައުވާކުރަން ޖެހޭ ފަރާތްތަކާ ދެކޮޅަށް ދައުވާކުރާނެ ކަމަށް ވެސް އެ މެންބަރު ވިދާޅުވިއެވެ.

މެންބަރުންގެ އިމްތިޔާޒުތަކަށް އަރައިގަތް މައްސަލައިގައި ކޮމެޓީއަށް އެބޭފުޅުން ހާޒިރުކުރާނީ އަންނަ އާދީއްތަ ދުވަހުގެ 1:30 ގައެވެ.