ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިޔަށް ގެންދަން މަޖިލީހުގެ ޚާއްސަ ޖަލްސާއެއް މާދަންރޭ ބާއްވަން ނިންމައިފި އެވެ.
ޕީޕީއެމްގެ މެންބަރުން ވެސް ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީން މިއަދު ނިންމަވައިފައި ވަނީ މަސީހުގެ އިތުބާރު ނެތް ކަމަށް ތިނެއް ޖުލައި 2017 ވަނަ ދުވަހު ހުށަހަޅާފައިވާ މައްސަލަ ސައްހަ ކަމަށާއި އެހެން ކަމުން އެމައްސަލަ ކުރިޔަށް ގެންދިއުމަށެވެ.
މަސީހުގެ މައްސަލަ މާދަން ރެޔަށް އެޖެންޑާ ކުރަން މިއަދު ނިންމާފައިވާ އިރު ކުރީން ވަނީ އެ މައްސަލަ އަންނަ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހަށް އެޖެންޑާކޮށް މެންބަރުންނަށް ނޯޓިސް ވެސް ފޮނުއްވައިފަ އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އިިދިކޮޅު މެންބަރުންގެ ރޫހު މިއަދު ހުރީ މަޖިލީހުގެ ރައީސް މަސީހުގެ މައްސަލަ މިއަދު މަޖިލީހުގައި ކުރިޔަށް ގެންގޮސް މިއަދުން މިއަދަށް ވޯޓަށް ވެސް އަހާ ގޮތަށެވެ. އެހެން ނަމަވެސް ފަހުން މާދަން ރެޔަށް ބަދަލުކުރީ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ވެސް ބައިވެރިވެވަޑައިގެންނެވޭނެ ގޮތަކަށް މި ޖަލްސާ ކުރިޔަށް ގެންދިއުމަށެވެ.
މާދަން ރެޔަށް ޖަލްސާ ފަސް ކުރީ ވަކީން ޚާއްސަކޮށް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ބައިވެރިވަޑައިނުގަންނަވާ ޖަލްސާއެއްގައި މަސީހުގެ މައްސަލަ ކުރިޔަށް ނުގެންދަވަން ވެގެން ކަމަށް އެމެންބަރު ވިދާޅުވި އެވެ.
މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ ޕީޕީއެމްގެ ގިނަ މެންބަރުންތަކެއްގެ ސޮޔާވެސް އެކުގަ އެވެ.