ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ކުރިން ނިންމި މެމްބަރުންނާ މެދު އަނިޔާވެރިކޮށް އަމަލު ކުރެއްވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުއާ ދެކޮޅަށް ފުލުހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުން ތެރެއިން ނުވަ މެމްބަރަކު އެކީގައި ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ވަޑައިގެން މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
އެ މައްސަލަ ހުށަހެޅުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަޑުއްވަރީީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ މަޖިލީހުގެ 12 މެމްބަރުން މަޖިލީހަށް ވަނަނުދިނުމާއި، ސަލާމަތީ ބާރުތައް މެދުވެރިކޮށް މެމްބަރުންނަށް އަނިޔާކުރުމާއި، ބައެއް މެމްބަރުން މަޖިލީހުގެ ދޮރާށިމަތިން ބޭރަށްލުން ފަދަ ކަންތައްތައް ކުރެއްވުމާ ގުޅިގެން މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
"މިއީ ހަމައެކަނި 12 މެމްބަރުންގެ ޒާތީ މަސްލަހަތާ ގުޅުންހުރި ކަމެއް ނޫން. މީގެ ސަބަބުން އަޅުގަނޑުމެންގެ ދާއިރާތަކުގެ ރައްޔިތުންގެ ހައްގުތައް ގެއްލިގެން ގޮސްފައިވާތީ އެ ހައްގުތައް ގެއްލުވާލުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަައް ޒިންމާކޮށް، އެމީހުންގެ މައްޗަށް އިންސާފު ގާއިމުކުރުމަށްޓަކައި ކުރާ ކަމެއް. ފުލުހުންގެ މުއައްސަސާއިން ވީހާވެސް ޒިންމާދާރުކަމާއެކު މިމައްސަލަ ތަހުގީގުކުރުމަށް އަޅުގަނޑުމެން އެދެން. މަސީހު ހާޒިރުކުރަންޖެހޭނަމަ ހާޒިރުކޮށްގެން އަވަހަށް މައްސަލަ ބަލައިދިނުމަށް އެދެން،" އަމީތު ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ އެބޭފުޅުން ހުށަހެޅުއްވީ މަޖިލީހުގެ ރައީސްކަމުގައި މަސީހު އިންނަވައިގެން ގާނޫނުއަސާސީއާއި ގާނޫނުތަކުން ބޭރުން ހިންގެވި ކަންކަން ތަހުގީގުކޮށްދިނުމަށް ކަމަށެވެ.
އަދި އެކަމަކީ ރާއްޖޭގެ ތާރީޚަށްޓަކައި ވެސް ހުށަހަޅަންޖެހޭ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.