ހޮސްޕިޓަލުން ނިކުމެގެން މައިލީން އައީ ގެއާ ދިމާލަށެވެ. ރަށުގައި އޭނާ ދުއްވާ ބައިސްކަލް ހަލާކުވެފައި ހުރެގެން މިއަދު އޭނާ ހޮސްޕިޓަލަށް އައީ ހިނގާފައެވެ. ވަކި ހިސާބަކުން މީހަކު ފަހަތުން އަންނަހެން ހީވެގެން މައިލީން ބަލައިލިއެވެ. ރަށުން މަދުން ފެންނަ ޒުވާނެއް ފަހަތުގައި ހުރިތަން އޭނާ އަށް ފެނުނެވެ. ހަވީރުގެ ވަގުތަށްވުމުން މަގުމަތީގައި މީހުން ގިނައެވެ. އަނެއްކާވެސް މައިލީން ހިނގައިގަތްތަނާ ޒުވާނާ ފަހަތުން ހިނގައިގަތެވެ. މިފަހަރު މައިލީން ހައިރާންވީ ޒުވާނާ ފަހަތުން އައިސް މައިލީން އަރާ ހަމަކުރުމުންނެވެ.
"ހައި ޑޮކްޓަރ މައިލީން" ޒުވާނާ ބުންޏެވެ.
މައިލީން ހައިރާންކަމާއެކު ޒުވާނާއަށް ބަލައިލިއެވެ. ޒުވާނާގެ ތުންފަތްމަތިން ފެނުނު ދެކެފަރިތަ ހިނިތުންވުމެކެވެ. އެކަމަކު އެއީ ކާކު ކަމެއް ނޭނގުނެވެ.
"ކިހިނެއްތަ؟ " ޒުވާނާ އަހާލިއެވެ.
މައިލީން އަކީ އެއްވެސް އިރެއްގައި މީހަކށް ބޯޑާކަމެއް ކިބުރުވެރިކަމެއް ދެއްކި ކުއްޖަކަށް ނުވާތީ އެ ޒުވާނާ އަށް އޭނާ ހަދިޔާކޮށްލީ ހިނިތުންވުމެކެވެ.
"ރަނގަޅު" މައިލީން ބުންޏެވެ.
"ބިއުޓިފުލް... ހަމަ ބެސްޓް ޗޮއިސް" ޒުވާނާ ބުންޏެވެ.
މައިލީން ޖެހިލުންވީ ދެނެވެ. ނިޔަތް ރަނގަޅު ފިރިހެނަކު އެހެން ނުބުނާނެއެވެ. ހެދުން އަޅާފައި ހުރި ގޮތަކުން މީހާގެ ހަގީގީ ސިފައެއް ނޭނގޭނެއެވެ. ގަދަރުވެރި އާއިލާއެއްގެ ސިފަޖެހިގެން ހުއްޓަސް މިއީ ރަނގަޅު މީހެއް ނޫނެވެ. މައިލީން ހިނގުން ބާރުކޮށްލިއެވެ. އެހިސާބުން ޒުވާނާ ހިނގުން ކުރުކޮށްލިއެވެ. ޒުވާނާގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. މައިލީން ޖެހިލުންވީކަން އެނގުމުން ދެރަވެސްވިއެވެ. މައިލީން މަގުން އޮބާލަންދެން ޒުވާނާ ބަލަން ހުއްޓެވެ. އިރުކޮޅަކުން އޭނާ ނެގީ ފޯނެވެ. ނަންބަރަކަށް ގުޅާލާފައި ފޯނު ކަންފަތުގައި ޖެއްސިއެވެ.
"ހެއި މާމް... ބްރޯގެ ޗޮއިސް އިޒް ޕާފެކްޓް" ޒުވާނާ ބުންޏެވެ.
****
މެލެކްގެ އަނަގއިން ލައްވަމުން ދިޔަ ނާނާގެ ރާގު މަޑުވީ ލޫލު ނިދިކަން ޔަގީންވުމުންނެވެ. ރީތިކޮށް ލޫލު ބާލިސް މަތީގައި ބާއްވާފައި މެލެކް ތެދުވެގެން ގޮސް ކޮޓަރީ ލައިޓް ދިއްލާލިއެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓިފައި އޭނާ ބުރުގާ ރީތިކޮށްލިއެވެ. ކޮޓަރިއަށް މީހަކު ވަތްކަން އެނގުމުން މެލެކް ބަލައިލިއެވެ.
"ދަރިފުޅު ކައިގެން މިރޭ ދާންވާނީ. މަންމަ މިދަނީ ކާންހަދަން" މައުސޫމާ ބުންޏެވެ.
މެލެކް ފޯނު ހިފައިގެން އައިސް އެނދުގައި އިށީނެވެ. އަނެއްކާވެސް ބާޒިލްގެ ކުރިމައްޗަށް އަރަން ޖެހުނީއެވެ. އޭނާ ހުރީ މާގިނައިން ބާޒިލް ކުރިމައްޗަށް ނާރާށެވެ. މިފަހަކަށް އައިސް ބާޒިލްގެ އަމަލުތައް ހުންނަނީ މީހަކު ހައިރާންވާފަދަ ގޮތަކަށެވެ. އެހެން ހުރެފައި ކޮންމެ ކަމެއްވެސް ކޮށްފާނެއެވެ. މިހާރު ސާރާގެ ވާހަކަދައްކާ ތަނެއްވެސް ނުފެނެއެވެ. އަނެއްކާ ސާރާ އާ ރުޅިވީ ހެއްޔެވެ؟ ނޫނެކެވެ. އެދެމީހުން ރުޅިއެއް ނުވާނެއެވެ. ރުޅިވިނަމަ ސާރާގެ ކައިވެނީގެ ހެދުމާ ބެހޭ ވާހަތައް ޒޭބާއްތަ އާ ހިބާއްތަމެން ނުދެއްކީހެވެ. ވިސްނުންތަކެއްގައި އިންދާ ބޭރުން ޒޭބާ ގޮވާލި އަޑު އިވުނެވެ. ކާން ދާންވީ ވަގުތު ޖެހުނީކަން މެލެކް އަށް އެނގުނެވެ.
"މިދަނީ" މެލެކް ބުންޏެވެ.
ކޮޓަރިން ނިކުތްއިރު މޭޒު ކައިރީގައި އެންމެން ތިއްބެވެ. މެލެކް މަޑުމަޑުން ހިނގާފައި އަންނަނިކޮށް ކުއްލިއަކަށް އޭނާގެ އަތުގައި މީހަކު ހިފައިފިއެވެ. އަނގައިން އަޑެއް ލައްވާނުލެވުނީ އެމީހަކު މެލެކްގެ އަނގަމަތީގައި އަތްއަޅާފައި ހުރުމުންނެވެ. އަނދިރި ކޮޓަރިއަކަށް ވަދެވުނުކަން އެނގުނެވެ. ނޭފަތުގައި ޖެހުނު މީރުވަހުން އެކަނިވެސް އެއީ ބާޒިލް ނޫން ދެވަނަ އިންސާނެއް ނޫންކަން މެލެކް އަށް އެނގުނެވެ.
"މިއީ ކޮންކަމެއް. ހާދަ އަނދިރިއޭ. ބާޒިލް ހަމަ މިހާރު މިތަން ދިއްލާ" މެލެކް ބުންޏެވެ.
ބާޒިލް ހިނިއައެވެ. ލައިޓް ދިއްލާ ހިޔާލެއް އޭނާގެ ނެތެވެ. ކޮޓަރިތެރެ އަލިވާއިރަށް މެލެކް އޭނާ އާ ދުރަށް ޖެހޭނެއެވެ. ޓީ ޝާޓާއެކު މޭމަތީގައި ހިފައިގެން ހުރިތަނުން ދޫކޮށްލާނެއެވެ.
"ބާޒިލް... ދިއްލަބަލަ. ހާދަ އަނދިރިއޭ މިތަން" މެލެކް ބުންޏެވެ.
ބާޒިލް ބަހެއްނުބުނެ ހުއްޓެވެ. އިރުކޮޅަކުން ބާޒިލްގެ މޫނުގައި މެލެކް އަނގަ ޖެހުނެވެ. އަތްލެވޭ ތަނެއް ނޭނގި ހުރެ މެލެކްގެ އިނގިލިތަކުން ބާޒިލްގެ ތުންފަތުގައި ޖައްސާލިއެވެ. އެހިނދު ބާޒިލް އަށް ކުރެވިގެން ދިޔައީ މުޅިން ތަފާތު އިހުސާސެކެވެ.
"ބާޒިލް... ދެން ކޮންމެހެން އެއްޗެއް ނުބުނެ ހުންނާނެކަމެއް ނެތް. ފާހަގަވެއްޖެ" މެލެލް ބުންޏެވެ.
ބާޒިލް ހައިރާންވިއެވެ. މެލެކް ފާހަގައެކުރީ ކިހިނެއް ހެއްޔެވެ؟ އަޖައިބެކެވެ. ހުޝިޔާރު ކުއްޖެއްތާއެވެ. މެލެކް ތިރިކޮށްލަން އުޅުނު އަތްތިލައިގައި ބާޒިލް ހިފިއެވެ. މެލެކްގެ އިނގިލިތަކުގެ ތެރެއަށް އޭނާ އަތްތިލަ މަހާލުމަށްފަހު ކުރިއަށް ހިނގައިގަތެވެ. އެހިނދު މެލެކް އެއްވެސް ބަހެއްނުކިޔާ ހުއްޓެވެ. ކުއްލިއަކަށް ހުދު އައްޔަކުން ކޮޓަރި އަލިވެގެން ދިޔައެވެ. ދެލޮލަށް އަރައިގެންދިޔަ ވިދުވަރާއެކު ފުރަތަމަވެސް މެލެކްއަށް ބަލައިލެވުނީ ކުރިމަތީގައި ހުރި ބާޒިލް އަށެވެ.
"ޝިޓް.... މެލެކްތަ؟" ބާޒިލް ބުންޏެވެ. މެލެކްގެ ނިތަށް ރޫ އަރުވާލިއެވެ.
"ހީކުރީ ސާރާ ކަމަށް" ބާޒިލް ބުންޏެވެ.
އޭނާ މެލެކް އާ ދުރަށް ހިނގައިގަތެވެ.
"ސާރާ އޭ..... ކޮންތާކު... ސާރާ މިގެއަކު ނެތް" މެލެކް ބުންޏެވެ.
ބާޒިލް ގޮސް އިށީނީ އެނދުގައެވެ. ދެ އުކުޅުގައި އަތްވިދެލައިގެން މެލެކް ހުރީ ތަހުގީގީ ނަޒަރަކުން ބާޒިލް އަށް ބަލާށެވެ.
"ހަމަ ގަސްތުގަ. ސާރާ ނޫންކަން މިހުރިހާއިރު ނޭނގޭތަ؟ އަތުގައި ހިފިއިރު ނޭނގޭތަ މިއީ ސާރާގެ އަތެއް ނޫންކަން. އަހަންނާ ސާރާ ހުރިހާ ކަމަކުން އެއްގޮތްތަ؟" މެލެކް ބުންޏެވެ.
"ސާރާ ބުނި ގެއަށް ވަންނަނީ އޭ. ސާރާ ކަމަށޭ މިގެނެވުނީ. ބައި ދަ ވޭ... މެލެކް އަދިވެސް ހާދަ ލުޔޭ" ބާޒިލް ބުންޏެވެ.
"އަދިވެސް އޭ.... ވަޓް ޔޫ މީން" މެލެކް ބުންޏެވެ.
"ސާރާ އޭ ކިޔައިގެން ބުރުގާވެސް ނެއްޓިއްޖޭ.... ހަމަ ގަސްތުގަކަން ޔަގީން. މިހާރު ހާދަ ފްލާޓީވެގެނޭ ތިއުޅެނީ" މެލެކް ލޯގަނޑު ކައިރީގައި ހުއްޓުނެވެ. އޭނާގެ ކަރުން ބައެއް ބާޒިލްއަށް ހާމައަށް ފެންނަން ހުއްޓެވެ. އޭނާ ތެދުވެގެން ގޮސް މެލެކް ކައިރީގައި ހުއްޓުނެވެ.
"ކީއްކުރަން ތިއައީ. ދޭ ދުރަށް" މެލެކް ބުންޏެވެ.
"އެހީވާންވެގެން" ބާޒިލް ބުންޏެވެ.
ބާޒިލް އަށް ބަލައިލާފަވެސް މެލެކް އެއްޗެއް ނުބުނީ އަނގައިގެ ތެރޭގައި ޕިނެއް އޮތީމައެވެ. ކަރުން ފެންނަން އޮތް ބައި ބުރުގަލުން ނިވާކޮށްލިއެވެ. އެހިނދު ބާޒިލްގެ އިނގިލި މެލެކްގެ ހަންގަނޑުގައި ޖެހުނެވެ. މެލެކް ދުރަށްޖެހުނީ ކުއްލިއަކަށެވެ. ވީގޮތް ބާޒިލް އަށް ފަހުމުވުމުން ހިނިއައެވެ.
"ކިހިނެއްވީ؟ ފުރަތަމަ ފަހަރެއްނޫން މިއީ" ބާޒިލް ބުންޏެވެ.
"ވަޓް...؟" މެލެކް ބުންޏެވެ.
"އެއްޗެކޭ ނުބުނަން....ދާންތަ ތިއުޅެނީ؟ ނުކައިތަ ދަނީ؟ ރައްޔާނު ބަލާ އައީތަ؟" މެލެކް ބާޒިލްގެ މޫނަށް ހައިރާންކަމާ އެކުގައެވެ.
"ރައްޔާނު އާ އެކުގަ އަހަރެން އުޅުނީމަ ބާޒިލް ހާދަ ހިތުގަޖެހެއޭ ދޯ. ތިދެމީހުންގެ މެދުގަ އޮތް މައްސަލައަކީ ކޮބާ؟ އެހެންނޫނަސް ސާރާ ދުކޮށްލާފަ އަހަރެން ފަހަތުން ތިއުޅެނީ ކީއްވެތަ؟ ބާޒިލް ތިއުޅޭ ގޮތުގެ ވާހަކަ އަހަރެން ބުނާނަން ސާރާ ކައިރީގަ. އެނގޭތަ ސާރާ އަށް ދޯކާއޭ ތިދެނީ" މެލެކް ނިކުންނަން ހިނގައިގަތެވެ.
"މެލެކް..." ނިކުންނަން ދިޔަ މެލެކް ބާޒިލްގެ އަޑަށް ހުއްޓުނެވެ.
"ޕްލީޒް.... އަހަރެން މިއުޅޭ ގޮތުގެ ވާހަކަ ސާރާ ކައިރީގަ ބުނެދީ..." ބާޒިލް ބުންޏެވެ.
މެލެކް ދެލޯ އަޅާލާފައި ކޮޓަރިން ނިކުތެވެ. ހިނިގަނޑެއް ޖަހާލާފައި މާގިނައިރެއް ނުވެ މެލެކް ފަހަތުން ބާޒިލް ވެސް ނިކުތެވެ. އެއްކުއްޖަކު އަނެއް ކުއްޖަކަށް ބަލަމުން އައިސް މޭޒު ކައިރީގައި ހުއްޓުމާއެކު މައުސޫމާ އާއި ޒިޔާދު އެކަކު އަނެކަކަށް ބަލައިލިއެވެ.
"މިއަދު ގަރުދިޔަ ހުރި ދުވަހެއް. ތާބާ ފޮނުވި މަސްމިރުސް ތަށި ހިފައިގެން ދަރިފުޅު އާދެބަލަ" މައުސޫމާ ބުނީ ޒޭބާ އަށެވެ.
ޒޭބާ ހިނގައިގަތުމުން މެލެކް ދެފަރާތް ހޯދައި ބަލައިލިއެވެ.
"ކޮބާ ސާރާ؟ " މެލެކް ބުންޏެވެ.
"އެބުނާހެން. މިހާރު ކޮބާތަ ސާރާ؟ މާލެ ދިޔަ ވާހަކަ ބުނި. އަދިވެސް ނާދޭތަ؟" މައުސޫމާ ބުންޏެވެ.
"އަދި ނާދޭ" ބާޒިލްގެ ޖަވާބު ކުރެވެ.
މެލެކް ބާޒިލް އަށް ބަލައިލިއެވެ. ކޮޓަރީގައި ބާޒިލް ހެދީ ދޮގުކަން މެލެކް އަށް އެނގުނެވެ. އެއި ބާޒިލް ހަމަ ގަސްތުގަ ކުރި ކަމެކެވެ.
"ވަޓް؟" ބާޒިލް މެލެކް ބަލައިލަމުން ބުންޏެވެ.
"އެއީ އަހަރެން ސަމާސާއަކަށް ކުރި ކަމެކޭ" ބާޒިލް ބުނީ މަޑުމަޑުންނެވެ.
****
ތަށި ތެރެއަށް އޫ ލައިގެން އިން މައިލީން ބަލައިލީ އޭނާގެ ބޮލުގައި އައްޒާމް ފިރުމާލުމުންނެވެ. ކައިރީގައި ތަބައްސުމް ވެސް އިނެވެ. ކައި ނިމިގެން ރައްޔާން ކޮޓަރިއަށް ދިޔަފަހުން އިރުކޮޅެއް ވެއްޖެއެވެ. މައިލީން އައްޒާމްގެ މޫނަށް ބަލައިލިއެވެ.
"ތިހެން ދަރިފުޅު އިންނަތާ ހާދަ އިރެއްވެއްޖޭ" އައްޒާމް ބުންޏެވެ.
"އިންނާނެއްނު. މެލީ ނެތީމަ ކާހިތެއް ނެތް. މަންމަމެންނަށް މިތަން އައިބުހެނެއް ހިއެއްނުވޭތަ؟" މައިލީން ބުންޏެވެ. ތަބައްސުމް އާއި އައްޒާމް އެކަކު އަނެކަކަށް ބަލައިލިއެވެ. މައިލީން ވިސްނަން އިނދެ ނޫންކަމަށް ހެދުނުކަން ދެމަފިރިންނަށް އެނގުނެވެ.
"ބައްޕަ ވާހަކައެއް އަހާލަންތަ ދަރިފުޅާ" އައްޒާމް އަހާލިއެވެ. ވަގުތުން މައިލީން ބޯޖަހާލިއެވެ.
"މެލީގެ ޑޮކްޓަރ... މިބުނީ ޑޮކްޓަރ އަހަދު މިރަށުގަ ހުރިކަން ދަރިފުޅަށް އެނގޭތަ؟" އައްޒާމް ބުންޏެވެ.
މައިލީންގެ ދެލޮލުން ހައިރާންކަން ފާޅުވިއެވެ. އެކަމެއް އޭނާއަށް ނޭނގެއެވެ. އަހަދުﷲ އައީ ކޮންއިރަކު ހެއްޔެވެ؟ އަހަދުﷲ އަށް އޭނާ އާބަސް ދިންފަހުން އަދި ގިނައިރެއް ނުވެއެވެ. އެހާ އަވަހަށް އޭނާ އަންނާނެ ކަމަކަށް މައިލީން ހީކޮށްފައެއް ނުވެއެވެ.
"އައްޒާމްއަށް ފެނުނީތަ އޭނަ މިރަށުން. ތިހެންވިއްޔާ އޭނަ މިގެއަށް ގެންނަންވާނެ" ތަބައްސުމް ބުންޏެވެ.
" މިރޭ ދުށިން. އެކަންޏެއް ނޫން. ހީވާގޮތުން މުޅި އާއިލާ. ރަސްމީ ކަމެއްގައެއް ނޫން އެ އުޅެނީ. އަމިއްލަ ކަމެއްގަ އައިސް އެ އުޅެނީ. ވާހަކައެއް ނުދެއްކުނު ވަގުތުގެ ގޮތުން" އައްޒާމް ބުންޏެވެ. އަނެއްކާވެސް އޭނާ ބަލައިލީ މައިލީން އަށެވެ.
"އަޅުގަނޑަކަށް ނޭނގޭ އައިކަމެއް" މައިލީން ބުންޏެވެ.
"އެބަ އަންނަން" މައިލީން ތެދުވެގެން ހިނގައިގަތެވެ.
"އަހަންނަށް ހީވަނީ ޑރ.އަހަދުއަށް އަހަރެންގެ ދަރިފުޅު ކަމުދާހެން. އެފަދަ މަންޒަރެއް ދެކުދިންގެ އަހަރެން ދުށިން. ސީދާ އަހަރެން ކައިރިއަކު ނުއެއްބުނޭ. އެކަމަކު މާލެއިން އެއްދުވަހަކު އަހަރެން ކައިރީގަ ބުނި ބޭބެގެ ހުއްދައެއް ވަރަށް އަވަހަށް ބޭނުންވާނޭ" ލަސްލަހުން ފެންތަށި ބޮމުން އައްޒާމް ވާހަކަދެއްކިއެވެ.
"އަހަރެން ހިތް ބިރުގަންނަނީ. ރަނގަޅު ގޮތެއް ވެއްޖިއްޔާ ކިތަންމެހާވެސް ރަނގަޅު" ތަބައްސުމް ބުންޏެވެ.
****
މައިލިންގެ އެންމެ ރިންގަކުން އަހަދުﷲ ފޯނު ނަގައިފިއެވެ.
"އަހަރެން ބުނީމެއްނު ސައްވިސް ގަޑިއިރު ވާންވާއިރަށް އަހަރެން ހުންނާނީ ތިރަށުގައޭ" އަހަދުﷲ ބުންޏެވެ.
'އަހަރެން ހަނދާން އެބަހުރި" މައިލީން ބުންޏެވެ.
"ތިގެ ހުންނަ ތަނެއް ބުނޭ. މައި ދެކިލަން ބޭނުން" އަހަދުﷲ ބުންޏެވެ.
"ނޫން. މިގެއަށް މިގަޑީގަ؟ އަދި އެއްދުވަހަކުން ގެންނާނަން. މިރޭ ރެސްޓްކޮށްލާ" މައިލީން ބުންޏެވެ.
"ރެސްޓް ކުރެވިދާނެ. އެކަމަކު ލޮލަށް އެންމެ ނިންޖެއްވެސް ނާންނާނެ. މައި އާ އެއްފަސްގަނޑެއްގައި ހުރެ މައި ގެ މޫނު ދެކިނުލާ އަހަރެންގެ އަރުން އެތެރެއަށް ފެންފޮދެއްވެސް ނުދާނެ" އަހަދުﷲ ބުންޏެވެ.
ޑްރެސިންގޓޭބަލް ގައި ލެގިލައިގެން މައިލީން ހުރީ ދެލޯ މަރާލައިގެންނެވެ. އެހެން ހުރިއިރު އޭނާގެ އެއް ލޮލުން ރޮނގަކަށް ކަރުނައެއް ފައިބައިގެން ދިޔައެވެ. އެހެން ހުރިއިރު އަހަދުﷲ ގެ ހިތުގެ އަޑު އޭނާއަށް އިވެމުންދާ ކަހަލައެވެ. ހިތް ބުނާ ކަހަލައެވެ. އެ ހިތުގެވެރިޔާ ދުރުކޮށްނުލާށެވެ. އެ އަތުގައި ހިފާށެވެ. މައިލީންދެކެ ހަގީގީ ލޯބިވާ މިތުރަކީ އެއީއެވެ.
"ބަހެއް ކިޔާބަލަ. ތިއަޑު އަހަން އަހަރެން ބޭނުން" އަހަދުﷲ ބުންޏެވެ.
"އަހަރެން... އަހަރެން...." މައިލީން ބުނަން އުޅުނީ ކީކޭ ކަން ހުދު އޭނާއަށް ނޭނގުނެވެ.
"ތިގެ ހުންނަ މަގުގެ ނަން ބުނޭ. ދުރުދުރުން އަހަރެން މައި ގެ މޫނު ބަލައިލާފަ އަންނާނަން. އައި ޕްރޮމިސް މައި ގެ ހުއްދަ ނުލިބެނީސް ގާތަކަށް ނުދާނަން" އަހަދުﷲ ބުންޏެވެ.
ފޯނު ކަނޑާލާފައި އަހަދުﷲ އަށް މައިލީން މެސެޖަކުން މަގު ގެ ނަމާއި ގޭގެ އެޑްރެސް ފޮނުވާލިއެވެ.
****
މައުސޫމާ ދިއްކޮށްލި ބޭސްގުޅާ ފެންފޮދަކާއެކު ދިރުވާލާފައި ޒިޔާދު އެނދުގައި ހަމަޖެހިލިއެވެ. ހުސްތަށި ސައިޑްކަބަޑުމަތީގައި ބަހައްޓާފައި އަނެއްފަރާތުން އައިސް އެނދުގައި މައުސޫމާ އިށީނެވެ. ނިދާބޮކި ދިއްލާލިތަނާ ޒިޔާދު އިހަށް މަޑުކޮށްލާށޭ ބުންޏެވެ.
"މިރޭ އިޝާނަމާދުން ފައިބައިގެން އައިތަނާ ފަހަތުން މީހަކު ގޮވާލީމަ ބަލައިލިއިރު އައްޒާމް" ޒިޔާދު ބުންޏެވެ.
"އައްޒާމް އޭ. އެއްޗެކޭ ކިއިތަ؟" މައުސޫމާ އަހާލިއެވެ.
"ސައިތައްޓެއް ބޯލަން ހޮޓަލަށް ވަނީ. މާދަމާ ކޮންމެސް ގަޑިއެއްގަ މިގެއަށް އަންނާނެ ވާހަކަ ބުނި. މައުސޫމާ، އަހަންނަށް ހީވަނީ އައްޒާމްގެ ދެމަފިރިން ވަރަށް ބޮޑު ނިންމުމެއް ނިންމައިފިހެން" ޒިޔާދު ބުންޏެވެ.
"ކޮންކަހަލަ ނިންމުމެއް. ނުދައްކާތަ އެކަމާ ގުޅޭ ވާހަކައެއް" މައުސޫމާ އަހާލިއެވެ.
"ނުދައްކާ. ބުނި މުހިންމު ވާހަކައެކޭ. އަހަރެމެން ދެމަފިރިންނާ ބައްދަލުކޮށްފަ ދައްކަން ބޭނުންވާ ވާހަކަ" ޒިޔާދު ބުންޏެވެ.
މައުސޫމާ ފުންނޭވައެއް ދޫކޮށްލިއެވެ. ހިތުގައި ނުތަނަވަސްކަމެއް ހިނގާލިއެވެ. އޭނާ އެއް އަތް ނިތްމައްޗަށް އެއްލިއެވެ. ވިސްނުންތަކުގެ ކަނޑަކަށް އޭނާ ގެނބެން އުޅެނިކޮށް އަނެއްކާވެސް ޒިޔާދު ގޮވާލިއެވެ.
"މާދަމާ ރަނގަޅު ކެއުންގަނޑެއް ތައްޔާރުކޮށްލާތި. ބާޒިލް ކައިރީގަ ބުނާތި ވަޒީފާ ނިންމާފަ އަވަހަށް ގެއަށް އަންނަން" ޒިޔާދު ބުންޏެވެ.
"ހޫމް... ﷲ އާ ވަކީލު. އެދެމަފިރިންގެ ކޮންމެ ނިންމުމަކަށް އަހަރެމެން އިހުތިރާމު ކުރަންވާނެ" މައުސޫމާ ބުންޏެވެ.
****
އޮފީހުގައި އިނދެފައި ބާޒިލް ގެއަށް އައީ މުހިންމު ކަމެއްގެ މަތިން ހަނދާންވުމުންނެވެ. ގަމީހުގެ ދަށަށް ޖަހާފައި ހުރި ބައި ނައްޓަމުން ކޮޓަރި އާ ދިމާލަށް ދަނިކޮށް ޒޭބާ ގޮވާލާފައި ކާން ހަދަންވީތޯ އަހާލިއެވެ. ބާޒިލް ބޯޖަހާލާފައި އެތެރެއަށް ވަނެވެ. އޭނާ ވޮލެޓުން ނެގި ތިރީސް ހާސް ރުފިޔާ ސިޓީ އުރައަކަށް ލިއެވެ. ސިޓީގެ އެއްފަރާތު ކަނުގައި އެއްޗެއް ލިޔެކަން އުޅެފައިވެސް އެ ހިޔާލު އޭނާ ދޫކޮށްލިއެވެ. ލައިގެން ހުރި އަންނައުނު ބަދަލުކޮށް ކޮޓަރިން ނިކުންނަން އުޅެނިކޮށް ކޮޓަރި އަށް އައިސް ވަނީ މައުސޫމާ އެވެ.
"ކިހިނެއްވީ؟ ކުޑާ ބުނެފި ޒެއްލު މިގަޑީގަ ގެއަށް އައިސްފިއޭ" މައުސޫމާ ބުންޏެވެ.
"ބޮލުގަ ރިއްސާތީ އައީ ގެއަށް. ކުޑަކަމެއްވެސް ކުރަންވެފަ އޮތީމަ" ބާޒިލް ބުންޏެވެ.
އެކުގައި ދެމައިން ކޮޓަރިން ނިކުންނަން އުޅުނު ވަގުތު މައުސޫމާގެ ލޮލުގައި އަޅައިގަތީ ޑްރެސިންގޓޭބަލް މަތީގައި އޮތް ސިޓީއުރައެވެ. ސުވާލުގެ ނަޒަރަކުން ބާޒިލް އަށް މައުސޫމާ ބަލައިލިއެވެ.
"އޭގެ ވާހަކަދައްކާނީ ފަހުން" ބާޒިލް ބުންޏެވެ.
މައުސޫމާގެ ކޮނޑަށް އެއް އަތް އެއްލައިގެން އޭނާ ކޮޓަރިން ނިކުތެވެ.
****
ބޭރުން އައިސް ވަން އަސަދު ސޯފާއަށް ވެއްޓިގަތުމާއެކު ޝިމްލާ އަސަދުގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. އެއީ އަހަދުﷲ ކޮޓަރިން ނިކުމެގެން އައި ވަގުތެވެ. ދެ ފިރިހެން ދަރީން އެއްތަނަކުން ފެނުމުން ޝިމްލާގެ ހިތަށް ވެރިވެފައިވަނީ އާދަޔާހިލާފު އުފަލެކެވެ. އަލަތު ކައިވެންޏަށް ލިބުނު ދެ ދަރިން މަދުރަސީ ދައުރު ނުނިމެނީސް ދަރިންގެ ބައްޕަ ދުނިޔެ ދޫކޮށްފިއެވެ. ދުނިޔެ ދަތިނުވެ ދެ ދަރީން ގޮވައިގެން އޭނާއަށް ދިރިއުޅެވުނީ އެއްބަނޑު އެއްބަފާ ބޭބެގެ ލޯތްބާ އޯގާތެރިކަމާއި އެހީތެރިކަމުގެ ސަބަބުންނެވެ. ދަރީން ބޮޑެތިވެ ކިޔަވައި ނިމުމުން އެ ދަރިން އެދުނު ފަދައިން މަތީ ތައުލީމު ހާސިލުކުރުމަށް އެކުދިން ބޭނުންވި ހިސާބަކަށް ފޮނުވިއެވެ. އޭގެ ނަތީޖާ އަކީ މިއަދު އަހަދުﷲ އަކީ ރާއްޖޭގެ ނަން މަޝްހޫރު ޑޮކްޓަރެކެވެ. އަސަދުވެސް ދެކުނު ހުވަފެނަކީ އަހަދުﷲ ފަދައިން މީހުންގެ އިހުތިރާމާއި ލޯބި ލިބިފައިވާ ޑޮކްޓަރަކަށް ވުމުގެ ހުވަފެނެވެ. އެ ހުވަފެން ހަގީގަތަކަށް ހެދުމަށް އޭނާ ދަނީ ރާއްޖެއިން ބޭރުން ތައުލީމު ހާސިލުކުރަމުންނެވެ. މިދުވަސްވަރަކީ ލިބުނު ބްރޭކަކަށް އަސަދު ރާއްޖޭގައި ހުރި ދުވަސްވަރެކެވެ. އަހަދުﷲ ގެ އެދުމަށް މައިލީން އާއި އާއިލާ އާ ބައްދަކުކުރުމަށް އަސަދުވެސް އެހުރީ އައިހެވެ.
"ފަހަރިމެން ގެއަށް ކިހާއިރަކުތަ ދަނީ؟" އަސަދު އަހާލިއެވެ.
"މިރެއަށް ރެޑީވޭ. މައިގެ މަންމަ އާ ބައްޕަގެ އާބަސް ނުބުނަނީސް މައި އަށް ފަހަރި އޭ ކިޔާފަ ނުގޮވާތި" އަހަދުﷲ ބުންޏެވެ.
"ދޮންބެ އާ ހެދި މިހާރުވެސް ފަހަރި ކުރިމަތީގަ އަހަރެން މިހުރީ ކުށްވެރިވެފަ. އެދުވަހު ފަހަރި ހީކުރާނެ އަހަރެން ފްލާޓްކުރަނީ ކަމަށް. ހިނގުން ބާރުކޮށްލިއިރު ހާދަ ބިރުންނޭ ހުރީ" އަސަދު ބުންޏެވެ.
"އެއީ މަންމަ އާ ސާދު ދޮންބެއަށް އެނގިގެން ކުރި ކަމެއް ނޫނެއްނު. ދެން އެކަހަލަ ކަމެއް ނުކުރައްޗޭ. މައި އަކީ ވަރަށް ނާޒުކު ކުއްޖެއް" އަހަދުﷲ ބުންޏެވެ.
"ފަހަރިގެ ކޮއްކޮއެއް ނުހުރޭތަ؟ މިބުނީ ހުރިއްޔާ....."
"ނެތް ނަސީބަކުން މެލީ މެރީޑް..." އަހަދުﷲ ބުންޏެވެ.
ދެ ދަރީންގެ ވާހަކަތައް އަހަން ޝިމްލާ އިނީ ހެވިފައެވެ. ދަރީންނަށް ލިބިފައިވާ މަޝްހޫރު ކަމުގެ ސަބަބުން އޭނާ ގެ އެއްވެސް ބޮޑާ ކަމެއް ނެތެވެ. ހުރިހާ މީހުންނަކީ އޭނާގެ ނަޒަރުގައި ހަމަހަމަ ބައެކެވެ. ދަރިންގެ ހަޔާތަށް ރާއްޖޭގެ ކޮންމެ ހިސާބަކުން އަންހެންކުއްޖަކު އަޔަސް އޭނާގެ އެއްވެސް މައްސަލައެއް ނެތެވެ. އޭނާގެ ޝަރުތަކީ އެންމެ ޝަރުތެކެވެ. އެ އަންހެންކުއްޖާއަކީ ފަސްވަގުތު އަދާއަށް ނަމާދުކުރާ ދީނީ ކަންތައްތަކަށް ލޯބިކުރާ ކުއްޖަކަށް ވުމެވެ.
(ނުނިމޭ)