"ރުޅި ނައިއްޔާ ދެރަ.... ހުރި އެންމެ ފިރިހެން ދަރިފުޅު މީހަކާ އިންނާނެ ދުވަހެއްގެ ހުވަފެން ބަލައިބަލާ ވަރުބަލިވެއްޖެ.... މާމަ ދަރިއަކު އުރާލާ ހިތުން އެ އުއްމީދުގައި ރޭދުވާ ގުނައިގުނާ ވާޅުވެއްޖެ.... މިހާރު ދެން އުއްމީދު ފެނަށްވެއްޖެ.... އެ ސުންޕާ އަންހެންމީހާގެ ހިޔަނި އެޅުނީއްސުރެ އަހަރެންގެ ދަރިފުޅުގެ އުފާވެރި ހަޔާތް އަނދިރިކޮށްލައިފި..... ނަސީބުކުޑަ އަންހެންމީހާ ދަމުން ދަމުން ދިޔައީ އަހަރެމެން އެންމެންގެ އުފާ ފޭރިގަނެގެން.... މައެއްގެ ބަދުދުއާ ދެކެ ބިރެއްވެސް ނުގަންނަ މީހެއް...."
ނަޒްމާން އިރުކޮޅެއް ވަންދެން ހިމޭނުން އިނެވެ. އެހެންނަމަވެސް މަންމަގެ އަޑުގަދަ ވަމުން އަންނަ ކަމުގެ އިހުސާސްވުމުން ނަޒްމާންގެ އަތް އުފުލިއްޖެއެވެ. މަންމަގެ އަތުގައި ހިފާލުމާއެކު ގޮވާލިއެވެ.
"މަންމާ.... އެއްވެސް ކަމަކާ ނުލައި މައުސޫމު އަންހެނަކަށް ބަދުބަސް ބުނާކަށް ނުވާނެ...،"
ނަޒްމާންގެ އަޑުގައި ހުރީ ފުންވޭނެއްގެ އަސަރެވެ.
"މައުސޫމޭ.... މައުސޫމު ވީ ކޮންތަނެއް ކޮން ގޮތަކަށް، ކޮން ހައިސިއްޔަތަކުންބާ؟"
ރައިހާނާގެ އަޑު އިތުރަށް ވީ ގަދައެވެ. ނަޒްމާނަށް މަންމަގެ މިޒާޖު ވަރަށް ރަނގަޅަށް އެނގެއެވެ. މި މައުޟޫ ބަދަލު ނުކުރާހާ ހިނދަކު މަންމަގެ ރުޅި ދާނީ ގަދަވަމުން އަޑު ދާނީ އިރެއް އިރަކަށް ބާރުވަމުންކަން އޭނާއަށް އެނގެއެވެ. އަދި ލޮނުމިރުސް ލެވޭނީ ދެމީހުންގެ ވެސް ޒަމާންވީ ރަނގަޅުނުވެ ހުރި ތާޒާ ފާރުގަނޑުތަކުގައިކަން ވެސް އޭނާއަށް އެނގެއެވެ. އެހެންކަމުން މަންމަގެ ވާހަކަ ބަދަލުކުރުވުން ކިތަންމެހާވެސް މުހިންމެވެ.
"މަންމާ.... ތިއްތި އެ އައީ ޑިއުޓީންނޭ، މިދުވަސްކޮޅު ޕޮލިހުންނަށް ކިހާ ބުރަކަން މަންމައަށްވެސް އެނގެއެއްނު، ކިހާ ވަރަކަށް ވަރުބަލިވެފައި އެއިނީ، އެހެންނޫނަސް މިއަދަކީ ތިއްތިގެ ދުވަސް، އެހެންވީމަ މިއަދު ތި ވާހަކަ ނުދެއްކޭނެ، މަންމައަށް ރުޅި އައިސްފައި ތިހެން އިނުން ހުއްދަ ވެސް ނުވާނެ...."
ނާޒިޔާ ބޭނުންވީ މަންމަގެ މޫޑު ބަދަލުކޮށްލާށެވެ. މަންމަގެ އެ ހަރުކަށި ބަސްތައް އިވުމުން، ކޮއްކޮއާ މެދު ނާޒިޔާގެ ހިތުގައި ހަމްދަރުދީގެ އޮއިވަރެއް ހިނގައިގެންދިޔައެވެ. މަންމައަކީ މިޒާޖުގައި ހަރުކަށި ކަމަކާއި ގޮތްދޫނުކުރުން އެންމެ މަތީ ދަރަޖައަށް ސައްތައިން ސައްތައަށް ހުންނަ މީހެއްކަން ނާޒިޔާއަށްވެސް އެނގެއެވެ. އަމުދުން އެ ދެއްކި ވާހަކައަކީ މަންމަ އެކަމެއްގައި އެންމެ ބޮޑަށް ނުރުހޭ އިންތިހާއަށް ނަފުރަތު ކުރާ މައްސަލައިގެ ވާހަކައެކެވެ. އެހެންކަމުން މަންމަގެ މިޒާޖު ބަދަލުވާނެ ހަމައެކަނި ގޮތަކީ އެ ވާހަކަ ހުއްޓުވުން ކަން ނާޒިޔާއަށްވެސް އެނގެއެވެ.
"ކާކު ބޭނުން ނުވާނީ އެމީހާގެ ދަރިފުޅު އުފާވެރި ދިރިއުޅުމެއް އުޅޭތަން ބަލަން، މިގެއަށް ބަހާރު މޫސުން އަންނާނެ ދުވަހެއްގެ އުއްމީދުގައި އަހަރެން ކޮށްފައި ނުކުރަނީ ކީއް....! އެކަމަކު އަހަރެންގެ ދަރިފުޅު.. އަހަރެންގެ ދަރިފުޅަށް މަންމަގެ އުފަލާއި މަންމަގެ އުއްމީދުތަކަށްވުރެ މުހިންމީ އެ ނުބައިނުލަފާ މަކަރުވެރި އަންހެންމީހާގެ ހުވަފެން ސީދާ ކޮށްދިނުން.... އަހަރެންގެ ހުރި ހަމައެންމެ ފިރިހެން ދަރިފުޅު މި މަންމަ ދެކެ އެއްވެސް ލޯތްބެއް ނުވޭ....."
ރައިހާނާ އިނީ އެވާހަކަ ހުއްޓާލާ ކަހަލަ މޫޑެއްގައި ނޫން ކަހަލައެވެ. މަންމަގެ މި ބަސްތައް އިވުމުން ނަޒްމާނަށް ތެޅިގަނެވުނެވެ.
"ތިހެން ނުބުނެބަލަ މަންމާ..... އަހަރެން މަންމަ ދެކެ ލޯބިނުވެއޭ ބުނާ އަޑު އިވުނީމަ މަގޭ ހިތަށް އަސަރު ކުރާނެވަރު މަންމައަށް އެނގޭބާ!..... މަގޭ މަންމަ ނޫނީ ހުރީ އެހެން ކާކުތަ.....؟"
ތެދެކެވެ. ބޭރުފުށުން ކިތަންމެ ވަރުގަދަ ގަދަފަދަ ގޮތެއް ހުއްޓަސް ނަޒްމާނަކީ މަޑުމައިތިރި، ކަންކަމާ އަވަހަށް އަސަރު ކުރާ އެހެން މީހުންގެ ބަސްތަކުގެ އަސަރުފޯރާ، ނާޒުކު ހިތެއްގެ ވެރިއެކެވެ.
ނަޒުމާނުގެ އަޑުގައި ހުރި ރިހުން އިހުސާސް ކުރެވުމުން ރައިހާނާގެ ހިތަށް ހަގީގަތުގައިވެސް ތަދުވެއްޖެއެވެ. އޭނާގެ މި ދަރިފުޅަށްޓަކައި ދެކުނުހާ ހުވަފެންތަކާއި ކުރިހާ އުއްމީދުތައް ވައިގެ ތެރެއަށް ވިއްސިވިހާލިވެގެން ދިޔައީ ހީވެސްނުކުރާ ކަހަލަ ގޮތަކަށެވެ.
ރައިހާނާ އޭނާގެ ރާޖާދަރިފުޅަށްޓަކައި ފޮނި ހުވަފެންތައް ބަލަން ފެށީ މި ދަރިފުޅު ދުނިޔެއަށް އައުމުގެ މާކުރިންނެވެ. ބަލިވެ އިންކަން އިހުސާސްވި ވަގުތު އޭނާގެ ހަވަނަ ހިއްސު އޭނާއަށް ލިބޭނީ ރަސްކަލެއް ފަދަ ފިރިހެންދަރިއެއް ކަން ބުނެދީފިއެވެ. އަދި އެއްވެސް ސްކޭނަކުން ބެލުމަކާ ނުލައި އޭނާގެ ރާޖާ ދަރިފުޅަށްޓަކައި ވަކިން ކޮޓަރިއެއް ތައްޔާރުކުރަން ފެއްޓިއެވެ. ފިރިމީހާ ހީނގެންފައި އޭނަގެ މޮޔަކަމުގެ ވާހަކަ މައިދައިތަ ގާތު ދައްކާނެއެވެ. އަދި ރައިހާނާ ރުޅިއައިސްފައި ބުނެއެވެ.
"އަހަރެންގެ ރާޖާއަށް މަލާމާތް ކުރާ ބަޔަކަށް އެ މަލާމާތް އަނބުރާ ލިބޭނެ، މަގޭ ދަރިފުޅުގެ ކޮޓަރިއަށް އެސްފީނާ ނާޅާ، ހެޔޮބަސް ބުނަން ދަސްކޮށްބަލަ. މަގޭ ރާޖާ އަންނަން ދެ މަހަށްވީއިރުވެސް ތި ތިބީ ހަމަ އެއްވެސް ތައްޔާރެއް ނުވެއެއްނު،"
ރައިހާނާގެ މި ބަސްތަކުން އުފާ ލިބިގަންނަމުން ސިއްދީގު މަންމައާ އެއްބައިވެ އިނދެ ހޭނެއެވެ. އަދި ރައިހާނާ އިތުރަށް ރުޅި ނާރުވައި ދެމައިން ލޯބިން ރައިހާނާ ގެނެސް ގާތުގައި ބައިންދާ ފިރުމާނެއެވެ.
މިގޭގެ ހުރިހާވެސް ދިރުމަކަށްވީ ރައިހާނާ ވިހެއުމަށްފަހު ނަޒްމާނުގެ ތުއްތު އާދަތަކާއި ހުނުމުގެ އަޑާއި އެހެންވެސް ނަޒުމާނުގެ ކަންތައްތަކެވެ. ވިހޭ ވަގުތުން ފެށިގެން ނަޒުމާނުގެ ފަރާތުން މިގެއަށް އަންނާނޭ ޅީދަރިފުޅާ މެދު މައިދައިތައާއި ސިއްދީގާއެކު ރައިހާނާ މަޝްވަރާކުރިއެވެ. ނަޒުމާނުގެ މުސްތަގުބަލާ މެދު ރޭވުންތަކެއް ރޭވިއެވެ. އެހެންނަމަވެސް،....
ހަމައެންމެ ހިނދުކޮޅަކުން އެ އުއްމީދުތައް ވަޔަށް ބުރައިގެން ދިޔަ ހަނދާން ރައިހާނާގެ ހިތާއި ސިކުނޑިން ފިލައިދާނީ ކިހިނެއް ހެއްޔެވެ. ނަޒުމާން ކައިވެންޏަށް ދެކޮޅު ހަދާ ކޮންމެ ފަހަރަކީ އެ މަންޒަރުތައް އޭނާގެ ލޯ މައްޗަށް ސިފަ ވެގެންދެއެވެ.
އަދި ދެން ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ ހަޔާތުގެ ހުސްކަމުގެ ވޭނާއެކު އަމިއްލަ ނާކާމިޔާބާއި އުއްމީދުތައް ފެނަށްވުމުގެ ހިތްދަތިކަން ނަފުރަތުގެ އަލިފާނަށް ބަދަލުވެ، އެ އަލިފާނުން ނަފުސާއި ހިތާއި ފިތް އަނދައިގެންދާއިރު އެހެންމީހުންނަށްވެސް އޭގެ ހޫނުކަން ފޯރައެވެ.
"ނަޒުމާނު މީހަކާ ނީންނަން ހުވާ ކޮށްގެން ތި ހުންނަނީ ކޮން ދުވަހަކުން އެ އަންހެންމީހާ އަތުވެދާނެ ކަމަށްތަ؟ ބަލަ ތިމާގެ ލޯމަތީގައެއް ނޫންތަ ހުތުރު ބަދުނާމެއް ހިފައިގެން ގޮސް ހުރީ، މީހަކާ އިނދެގެން ދަރިން ތިބި އިރު އަމިއްލަ ދަރިންނާއި އަމިއްލަ ފިރިމީހާއަށް ތެދުވެރި ނުވި މީހަކު ހިލޭ މީހަކަށް ވާނެތަ؟ ދަރިން އެއްލައިލާފައި ގޮސް އެ އޮތީ ކިހާ ތާހިރު ކަމެއް ކޮށްގެންތަ؟ މި ހުރިހާ ކަމެއް އެނގިހުރެވެސް އަދިވެސް އޭނައާ މެދު ނަޒުމާނު އުއްމީދު ކުރާތީ އަހަރެން ހަމަ އަޖައިބުވޭ،"
މިއަދު ރައިހާނާ އެ އިނީ އެ ވާހަކަ ހުއްޓާލާ މޫޑެއްގައި ނޫންކަން ޔަގީނެވެ. އެއީ މިގޭގައި އެއްވެސް މީހަކަށް ދައްކަން ނުކެރޭ ވާހަކައެކެވެ. ތެދުތެދަށް ބުނާނަމަ އެހާ ތަފުސީލުކޮށް ނަޒުމާނުގެ ކުރިމަތީގައި އެގޮތަށް އެ ވާހަކަ ދައްކަން ރައިހާނާއަށްވެސް ނުކެރޭނެއެވެ. އެކަމަކު މިއަދު ރައިހާނާ އެއިނީ ކޮންމެ ގޮތެއް ވިޔަސް ވަރިހަމަވެފައި ކަހަލައެވެ.
"މަންމާ.... ފެންނަ ކަންކަމާއި އިވޭ އަޑުތައް ހުރިހާ ފަހަރަކު ހަގީގަތަކަށް ވާކަށް ލާޒިމެއް ނޫން، އެހެންނޫނަސް އަހަންނަށް އޭނަ އެނގޭވަރަށް އެއްވެސް މީހަކަށް އޭނަ ނޭނގޭނެ. ޖަލުގައި އޮތީ ޝަރީއަތުން ހުކުމް ކުރީމަ، ޝަރީއަތް ހިނގަނީ ބޭރުފުށަށް، ފެންނަން ހުންނަ ހެކިތަކަށް، ބައެއް ފަހަރު އެހެން މީހުން ދައްކާ މަންޒަރެއް ފެންނާނީ، އެއީ ހަގީގަތަކަށް ވާކަށް ނުޖެހޭ." ނަޒުމާންގެ އަޑުގައި ހުރީ ހިތްހަމަނުޖެހުމެވެ.
"ވާހް... އެންމެ ހަތަރުފަސް ދުވަހުގެ ބައްދަލުވުން، އެންމެ ސައުވީސްގަޑިއިރުގެ ވަގުތެއް، ނަޒުމާނަށް އޭނަގެ ފަރާތުން ފެނުނީ ކޮންފަދަ ކަމެއްބާ؟"
ރައިހާނާ ރުޅި އައިސްފައި ބާރަށް އަހާލިއެވެ.
"ތެދުވެރިކަން...." ނަޒުމާނު ޖަވާބު ދިނީ ތެދަށެވެ.
"މީހަކު ކަމުދާކަށް އަދި މީހެއް ދެކެ ލޯބިވެވޭކަށް މުޅި އުމުރުދުވަސް ބޭނުމެއް ނުވޭ. އެންމެ ހިނދުކޮޅެއް ފުދޭ...."
"ކޮބާ ތި ލޯބީގެ ބޭނުމަކީ، ތިއްތިއަށް ރަނގަޅަށް އެނގެއެއްނު އެއީ ވާނެ ކަމެއް ނޫންކަން، އޭނައަކަށް ތިއްތި މުހިންމު ނުވިއެއްނު، މުހިންމު ވި ދުވަހެއްނަމަ އޭނަ އެހުރި ހިސާބަކަށްވެސް ދާކަށް ނުޖެހުނީސް،"
އެންމެ ފަހުން ނާޒިޔާއަށްވެސް ބަހެއް ނުބުނެ ނުހުރެވުނެވެ. ބަލަބަލައި ހުއްޓާ ކޮއްކޮގެ ހަޔާތް އަނދާއަޅިއަށް ވާން ދޫކޮށްލާނީ ކިހިނަކުން ހެއްޔެވެ.
"ނަޒުމާނު، މަންމަގެ ބަސްއަހާ، އޭނަ މަތިން ހަނދާން ނައްތާލާ، އެ ޑައިނު މަތިން.........."
"މަ....ން...މާ...."
ނަޒުމާނުގެ އަޑު ބާރެވެ. ދެވަނަ ސިކުންތުގައި ރައިހާނާއަށް ފެނުނީ ސޯފާއިން ތެދުވެ ހުރި އިސްކޮޅުން ދިގު ހައިބަތު ހުރި، ރުޅިން ރޫރޫއަޅަމުން ދިޔަ ހަށިގަނޑަކާއި ބާރުހުރި މުލައްދަނޑީގެ ވަރުގަދަ ވެގެން މުށްކެވިގެން ގޮސްފައި ހުރި އަތާއި ރުޅިއާއި ވޭން އެކުލެވިގެންވާ ދެލޮލެވެ.
ނަޒުމާނުގެ މިސިފަ ނުފެންނަތާ ދުވަސްތަކަކަށް ފަހު މި ސިފަ ފެނުމުން ރައިހާނާއަށް އޭނާގެ ދަރިފުޅުގެ ހިތުގައި ކުރެހިފައިވާ ސޫރަ ބިންވަޅުނެގިފައި ހުރީ އެހެން ބުނެލާ ބަހަކުން، އިވޭ ވާހަކައަކުން ފޮހެލެވޭ ވަރަށްވުރެ ފުންކޮށް ސާބިތުކަންމަތީގައިކަން އަނެއްކާވެސް ގަބޫލުކުރަން މަޖުބޫރުވީއެވެ.
"މަންމާ.... އޭނަގެ ނަމެއް އޮވޭ، އެކިފަހަރު އެކި ނަމުން ކިޔަނީ ކީއްކުރަން..... ރޫހީން، ރޫހީން، މަންމަގެ ރާޖާ ދަރިފުޅުގެ ރާނީއަށް ކިޔަނީ ރޫހީން، މަންމަ ބޭނުންނަމަ މަންމަގެ ރާޖާ ދަރިފުޅު އޭނައަށް ކިޔާ ނަން ކިޔަންވީ، ހީނާ..."
ނަޒުމާން ބާރުބާރަށް ގޮސް ކޮޓަރިއަށް ވަދެ ލައްޕާލި ދޮރު ޖެހުނު އަޑާއެކު ރައިހާނާގެ ކަންފަތުގައި ނަޒުމާނުގެ އަޑު ގުގުމަމުން ދިޔައީ ޖެހެމުން ދިޔަ ރަނގަބީލެއް ހެނެވެ.
ރޫހީން، ހީނާ، ހީނާ.....
************
"ރޫހީން، ހީނާ....ހީނާ....."
ފުން ނިންޖެއްގައި އޮތް ރޫހީނަށް ފުންމައިގެން ތެދުވެވުނެވެ. ފިނި ރެއެކެވެ. ފަންކާ ހުރީ ފުލްކޮށެވެ. އެކަމަކުވެސް އޭނާ އިނީ ދާހިއްލާ ފޯވެފައެވެ. އެ އަޑު އެ އިވުނީ ކޮންތަނަކުން ބާވައެވެ. ރޫހީން އެނބުރި މޭޒުމަތީގައި ހުރި ގަޑިއަށް ބަލައިލިއެވެ. ގަޑިން މެންދަމުން އަލިވެ ތިނެއް ޖަހައި ބޮޑުވެއްޖެއެވެ. މި ގަޑީގައި ގޮވާނީ ކާކު ހެއްޔެވެ. މުޅި ޖަލަށް އޮތީ މަރުގެ ހިމޭންކަން ވެރިވެފައެވެ. ތަޅުލާފައި ހުރި ގޮޅިތަކާއި ކޮރިޑޯތައް ހުޅުވާނީ ހެނދުނު ހައެއް ޖެހީމައެވެ. މި ގަޑީގައި ބަންކަރުގައި ތިބި ޑިއުޓީންވެސް ތިބޭނީ ނިދިފައެވެ.
ދެންވެސް ހިތުގެ ތެޅުމެއް މަޑެއް ނުވިއެވެ. އެތައް ދުވަހެއް ފަހުން މިރޭ އެ ނަމުން އޭނާއަށް ގޮވިހެން ހީވީ ކީއްވެގެން ބާވައެވެ. އެނދުން ފައިބައިގެން ހުސްކޮށް އޮތް ގޮޅިތެރޭގައި ހިނގަމުން ގޮސް ކުޑަދޮރާ ދިމާއަށް މަޑުކޮށް އެ ދިމާލުން ބިންމަތީގައި އިށީނދެ ރޫހީން ބޭރަށް ބަލައިލިއެވެ. ވިއްސާރަ ރެއެކެވެ. ވެހެމުން ދިޔަ ވާރޭގެ ކަނިތައް ބުރައިގެންދާ މަންޒަރު ފެނުމުން އެހެން ވަގުތުތަކުގައި ހިތަށް ލިބޭ ފިނިކަމެއް މިރެއަކު ނުލިބުނެވެ. އޭނާގެ މުޅި ރޫހު ތެޅިފޮޅެނީއެވެ.
އެ ވަގުތު އޭނާގެ ކަންފަތުގައި ޖެހުނީ އެ ލަވައިގެ އަޑެވެ. އެއީ ހަމަ އެ ބަސްތަކެވެ. އެއީ އެ ރާގެވެ.
މެންދަމު ތިނެއް ޖެހުމަށްފަހު ރޭޑިޔޯއިން ގެނެސްދޭ ލަވަތައް ފެށުނީއެވެ.
އެ އިވުނު ލަވައާއެކު ރޫހީނަށް ކުޑަދޮރުގެ ތޭރިތަކުގައި ހިފަހައްޓާލެވުނީ ބާރަށެވެ. ހީވީ އޭނާގެ މޭގައި ނޭވާ ތާށިވީހެނެވެ. މިރޭ އޭނާއަށް އުނދަގޫ ކުރަން މި ފެށީ ކޮން ހިޔާލުތަކެއް ހެއްޔެވެ.
"މިރޭ އެކަންޏެއް ނޫނެވެ. ނަފުސަށް އޮޅުވާ ނުލާށެވެ. ކޮންމެ ރެއެއްގެވެސް ހާލުކަން ގަބޫލުކުރަން ބޭނުން ނުވަނީ ކީއްވެގެން ހެއްޔެވެ. ފޯނު ނަގައިގެން އެއްފަހަރު އޭނައަށް ގުޅާލަ ބަލާށެވެ. ހިތުގެ ވާހަކަ ބުނެބަލާށެވެ. ކަލޭ މިތަނުގައި އޮތަސް އަދި އެހެން ތަނެއްގައި ވިޔަސް އޭނަ އަންނާނެއެވެ."
އަމިއްލަ ހިތް އޭނައާ ދިމާއަށް އަޑުލައިގަތް ކަހަލައެވެ. "އޭ ރޫހީނެވެ، އަޑު އަހާ ބަލާށެވެ. އެ އިވެނީ އޭނަގެ އަޑެވެ. ކަލޭގެ އަތުގައި ހިފައިގެން އޭނަ އަމިއްލަ ހިތުގެ ވާހަކަ ބުނާ އަޑު އެބައިވޭ ހެއްޔެވެ. ކަލޭ ހިތުގެ ވާހަކަ ބުނަން ބިރުން ތި އުޅެނީ ކޮންކަމަކާ ހެއްޔެވެ. އެކުވެރިންނަށްޓަކައި ހެއްޔެވެ. ނޫނީ އެހެން މީހަކަށް ބިރުން ހެއްޔެވެ. ނޫނީ އަމިއްލަ ނަފުސުގެ ކަސްތޮޅު ކަނޑާލާނެ ހިތްވަރު ނެތީ ހެއްޔެވެ. އެއީ އެންމެ ހަތަރު ދުވަހެއްގެ އެކުވެރިކަމެކެވެ. އެއީ އެންމެ ރެއެކެވެ. އެކަމަކު އެ އެންމެ ރޭ މުޅި ހަޔާތުގެ ވޭތިވެދިޔަ ހުރިހާ އަހަރަކަށްވުރެ އަގުބޮޑުވީ ސަބަބެއް ނެތި ހެއްޔެވެ."
ހިތުގެ އަޑާއެކު ރޫހީންގެ އެސްފިޔަތައް ތެންމަމުން ދިޔައެވެ. އަދި އިވެމުން ދިޔަ ލަވައިގެ މިޔުޒިކާއި ލަވައިގެ ބަސްތަކާއެކު ލޯމަތިން ފުސްވަމުން ބަނަކަން ނެތެމުން ގޮސް މަންޒަރެއް ސާފުވެއްޖެއެވެ. ދެ ހިޔަންޏެއް ފާޅުވެ، އެ ދެ ހިޔަނީގެ ސޫރަ ކަޅާއިހުދުން ކުލައަށް ބަދަލުވަމުން ދިޔައެވެ.
ދިލްކޯ ތުމްސޭ ޕިޔާރު ހުވާ، ޕޫރާ ޖޭސެ ކޯއީ ހާބް ހުވާ، ޖޮއާއެ ޒިންދްގީ ބަންކަރު ތުމް ދުއާ.........ހުޝްބޫ ހޯ ޗާހަތުހޯ، ތުމް މޭރީ، މޭރީ ރާހަތުހޯ.........
(ނުނިމޭ)