ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަހައްޓާއިގެން އިން މައިލީން ސިހުނީ ފޯނަށް މެސެޖެއް އައި އަޑަށެވެ. އޭނާ ފޯނު ނަގާފައި ބަލައިލިއެވެ. އެހިނދު އޭނާގެ ދެލޮލަށް ކަރުނަ ޖަމާވެގެން ދިޔައެވެ.
"ވަރަށް ލޯބިވޭ. ޕްލީޒް ކަމް ބެކް ޓު މީ. އައި ޕްރޮމިސް ޔޫ. ދުވަހަކުވެސް ދެރަކޮށްނުލާނަން"
މެސެޖް ކިޔާލާފައި ދުރުގައި މައިލީން ފޯނު ބޭއްވިއެވެ. އަމިއްލަ ސޫރައަށް ބަލަހައްޓައިގެން އިނދެ ލޮލުން ފައިބައިގެން ދިޔަ ކަރުނަތިކި ފޮހެލިއެވެ. އޭނާގެ ހަނދާނަށް އައީ އަރުސަލާން އެއް ނޫނެވެ. އަހަދުﷲ އެވެ. އޭނާދެކެ ހަގީގީ ލޯބިވި މީހަކީ އަރުސަލާން އެއް ނޫނެވެ. އޭނާގެ ހަޔާތުން ޖާގަދޭން ޖެހޭނީ އަހަދުﷲ އަށެވެ. މައިލީން އަލުން ފޯނު ނެގިއެވެ. އަހަދުﷲ އަށް އޭނާ މެސެޖެއް ލިޔެލާފައި ފޮނުވާލިއެވެ. ހަމަ އެހިނދު އަހަދުﷲ ގެ ފޯނެއް އަންނަން ފެށިއެވެ. ހީވީ އަހަދުﷲ ގެ ފޯނުގެ އިންތިޒާރުގައި އިން ހެންނެވެ.
"އަހަރެން ތައްޔާރު. މައި ބުނޭ. މިރޭވެސް ހިނގައިދާނަން" މައިލީން ފޯނު ނެގުމާއެކު އަހަދުﷲ ގެ އަޑު އިވުނެވެ.
"ނޫން. މިރެޔަކު ނޫން. ހަމަޖެހިލައިގެން އާދޭ. އަހަރެން އިންތިޒާރުކުރާނަން" މައިލީން ބުންޏެވެ.
ފޯނު ބާއްވާފައި އޭނާ ދެން ގުޅީ އަރުސަލާން އަށެވެ. މިރޭ މިއީ އޭނާ ގޮތް ނިންމަން ބޭނުންވާ ރެއެވެ. އަރުސަލާން ފޯނު ނެގުމާއެކު މައިލީން އަށް ދެލޯމަރާ ބާރުކޮށްލެވުނެވެ. ހިތަށް ކުރެވުނު އިހުސާސު ތަފާތެވެ. އޭނާގެ ހިތުގެ ކަނަކުން އަދިވެސް އެ އިންސާނަށް އެދެވެއެވެ. އެކަން ދޮގުކުރަން އޭނާގެ ހިތްވެސް އަދި ސިކުނޑިވެސް ބޭނުމެއްނުވެއެވެ.
"އަހަންނަށް އެނގޭ މައި ގުޅާނެކަން. އަހަންނަށް މައާފްކުރީތަ؟ ސީރިޔަސްކޮށްތަ؟" އަރުސަލާން ބުންޏެވެ.
"އަހަރެން އަރުސަލާން އަށް މައާފްކޮށްފިން" މައިލީން ބުންޏެވެ.
އެވަގުތު އެއީ މެލެކް އައިސް އެނދުގައި އިށީން ވަގުތެވެ. ފޯނުގައި އިން މައިލީން ފެނުމުން ބަހެއް ނުކިޔާ އިނެވެ. މެލެކް އިންކަމެއް މައިލީން އަށް ވެސް ނޭނގެއެވެ.
"އާނ އަހަރެން މަޢާފްކޮށްފިން. އަހަރެން ހިތް ސާފު. އެއްވެސް ޝަރުތެއް ކަނޑައަޅާކަށް އަހަރެން ބޭނުމެއްނޫން. އެންމެ ކަމަކު ކިޔަން ބޭނުންވަނީ. އަހަންނަށް ދެން ދުވަހަކުވެސް ގުޅައިގެން ނުވާނެ. އަހަރެންގެ ދިރިއުޅުމުން އަރުސަލާންގެ ވާހަކަތައް ނިމިއްޖެ. އެކަން ނިންމީ އަރުސަލާން އަމިއްލައަށް. އަހަރެން ހަމައެކަނި އަރުސަލާން އަށް މަޢާފްމިކުރީ. ހަޔާތުން ޖާގަދޭކަށް ބޭނުމެއްނޫން. ސޯ ޕްލިޒް..... އިތުރަށް އަހަރެންގެ ފަރާތުން އުންމީދުނުކުރުން އެދެނީ. މިހާރު މާ ލަސްވެއްޖެ. އަހަރެންގެ ހަޔާތަށް މީހަކު އައިސްފި.....ސޮރީ....." މައިލީން ފޯނު ބޭއްވިއެވެ.
އިސްޖެހިފައި އޭނާ ރޯން އިނެވެ. އެ މަންޒަރު ބަލަން އިން މެލެކް ދެރަވިއެވެ. އޭނާ ތެދުވެގެން ގޮސް މައިލީން ކައިރީގައި ހުއްޓުނެވެ. މައިލީންގެ ކޮނޑުގައި އޭނާ މަޑުމަޑުން އަތްޖައްސާލިއެވެ. އެއާއެކު ސިހިފައި މައިލީން ބަލައިލިއެވެ. މެލެކް އަށް ބަލައިލިގޮތަށް އޭނާ މެލެކްގެ ގައިގައި ބައްދައިގަތެވެ. މެލެކް ދެލޮލުން ކަރުނަ ހިލުނެވެ. އޭނާ މައިލީން ގޮވައިގެން ގޮސް އެނދުގައި ބޭންދިއެވެ. ދެން އޭނާ ކޮޓަރީގެ ދޮރުލައްޕާ ތަންޑު އެޅުވިއެވެ. ދެން އައިސް މައިލީން ގާތުގައި އިށީނެވެ.
"ޕްލީޒް ދޮނާ ދެން ހުއްޓާލަބަ. އަހަރެން މިހެރީ ރޯހިއްވާ މޫޑެއްގައެއް ނޫން" މައިލީންގެ ދެލޯ ކައިރި ފޮހެލަމުން މެލެކް ބުންޏެވެ.
މައިލީން އަށް ހުއްޓާލެވުނީ އެތައް އިރަކުންނެވެ. އޭރު އޭނާގެ މޫނާ ދެލޯ ވަނީ ރަތްވެފައެވެ.
"އަރުސަލާންބެދެކެ ދޮނާ ތިހާ ލޯބިވާއިރު ކީއްވެ ތިގޮތަށް ނިންމީ. ހުރިހާ ކަމެއް ރަނގަޅުވިއިރު ދޮނާ ފުރަގަސްތިދިނީ ކީއްވެ؟" މެލެކް އަހާލިއެވެ.
"މިއީ މިހާރު ވާން އޮތް ގޮތް. އަހަރެންގެ އެއްވެސް ކުށެއްނެތި އަރުސަލާން އެގޮތަށް ކަންތައްކުރީ. އިތުބާރުގެ ވާފަށް އެއްފަހަރު ކެނޑިއްޖިއްޔާ އަލުން އެވާފަށް ގުޅުވޭނެތަ؟ އަހަންނަކަށް ނުވާނެ" މައިލީން ބުންޏެވެ.
"ދެން އޯކޭ. ދޮނާގެ ލައިފްގެ ހުރިހާ ކަމެއް ނިންމުމުގެ ބާރު އޮތީ ދޮނާއަށް. ދެން ތިހެން ނީނދެބަލަ. ހިނގާބަލަ ތަނަކަށް ގޮސްލަން" މެލެކް ބުންޏެވެ.
މައިލީން ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ. އެ މަންޒަރު ބަލަން މެލެކް އިނެވެ. މިނޫނީ ދުވަހަކުވެސް އޭނާ މައިލީން އެހާ ވަރަށް ރުއިތަން ނުދެކެއެވެ. ހަގީގަތުގައިވެސް އަރުސަލާން ދޮނާގެ ވަރަށް ހިތަށް ތަދުކޮށްފިއެވެ. ކޮންމެ ގޮތަކަށް ނިންމި ނަމަވެސް ދޮނާ ނިންމާނީ އެންމެ ރަނގަޅަށެވެ.
****
އުނދުނުގެ ގިނި އެންމެ މަޑުކޮށްލާފައި ޒޭބާ އައިސް ހުއްޓުނީ ބޭރު ފެންނަ ގޮތަށް ހުޅުވާފައި ހުރި ކުޑަދޮރު ކައިރީގައެވެ. ޖީބުގައި އޮތް ފޯނު ނަގާފައި އޭނާ މިސްވެފައި އިން ނަންބަރަށް ގުޅާލިއެވެ. އެކޮޅުން ތައިމޫނު ފޯނު ނެގުމާއެކު ޒޭބާގެ މޫނު އުޖާލާވެގެން ދިޔައެވެ.
"ހެއި ލަވް" ޒޭބާ ބުންޏެވެ.
ފޯނުން ވާހަކަދައްކަމުން ބަދިގޭގައި ކުރަން ހުރި ހުރިހާ މަސައްކަތްތަކެއް ޒޭބާ ނިންމާލިއެވެ. ދެން އޭނާ ނިކުމެ ގޯތިތެރޭގައި ހުރި ޖޯލީގައި އިށީނެވެ. ވަގުތަކީ މެންދުރު ކުރީގެ ވަގުތެކެވެ. އެވަގުތު ގޭގައި ޒޭބާ ނޫނީ އެއްވެސް މީހަކު ނެތެވެ. ކުއްލިއަކަށް ދޮރާށި ހުޅުވާލާފައި އަންހެނަކު ވަނެވެ.
"ޖާވިދާއްތަ؟ މިއަދު މަސައްކަތަށް ނުނިކުންނަ ދުވަހެއްތަ؟" ޒޭބާ ބުންޏެވެ.
ޖާވިދާ އައިސް އިށީނީ ޒޭބާ ކައިރީގައި ހުރި ޖޯލީގައެވެ.
"ނޫނޭ ގޮސްފަ ގެއަށް ދަމުން މިގެއަށް ވަދެލީ. ވާހަކައެއްވެސް ދައްކަންވެފަ އޮތުމާ އެއްކޮށް" ޖާވިދާ ބުންޏެވެ.
"އެކަކުވެސް ގޭގަ ނެތޭ. މަންމަވެސް އަދި ނާދޭ. ކޮންވާހަކައެއް ދައްކަންވެގެން" ޒޭބާ ތެދުވެ ޖޯލީގައި އިށީނެވެ.
"ކޮންމެހެން މައުސޫމާ ކައިރީގަ ބުނަން ނުކެރިގެން މިއައީވެސް. މިހާރު އެމަންޖެ ކިހިނެއްތަ؟؟ މިބުނީ ބާޒިލްގެ އަންހެނުން. ތަބައްސުމްގެ ދަރި" ޖާވިދާ ބުންޏެވެ.
ޒޭބާގެ ދެބުމަ ގޮށްޖެހުނެވެ. ބާޒިލް އާ މެލެކް އާ ގުޅޭ ކޮން ވާހަކައެއް ހެއްޔެވެ؟
"ޖާވިދާއްތަ ކޮންއިރަކު އެދެކުދިންނާ މެދު ވިސްނަން ފެށީ" ޒޭބާ އަހާލިއެވެ.
"ވިސްނޭނެއްނު. ޖާވިދާއްތައަށޭ ބޮޑު ކަމެއް ކުރެވުނީ. ތަބައްސުމް ދަރި މިމަގުން ދިމާވެގެން އަހަރެން ދެއްކި ވާހަކައަކުންނޭ އެމަންޖެ އަނބުރައިގަނެ އެހާބޮޑުވަރުވީ" ޖާވިދާ ބުންޏެވެ. ޒޭބާގެ މޫނުމަތީގައި ހައިރާންކަން ވަށާލިއެވެ.
"ކީކޭ؟ ކީކޭ ޖާވިދާއްތަ ކިއީ؟" ޒޭބާ އަހާލިއެވެ.
ދޮރާށި ހުޅުވުނު އަޑަށް ދެމީހުން އެއްކޮށް ބަލައިލިއެވެ. އޭރު ބާޒާރު ކޮތަޅުތަކެއް ހިފައިގެން މައުސޫމާ ދޮރާށިން އެތެރެއަށް ވަދެއްޖެއެވެ. ޖޯލީގައި އިން ޖާވިދާ ފެނުމުން މައުސޫމާ ހިނިތުންވެލިއެވެ. އެހާ ދުވަހަށްފަހު ގޭތެރެއިން ޖާވިދާ ފެނުމުން މައުސޫމާގެ ހިތުގައި ސުވާލުވެސް އުފެދުނެވެ. މައުސޫމާ އަށް އެއްކަމެއް ޔަގީންވިއެވެ. ހަމްދަރުދީވެގެން ނުވަތަ ހެޔޮއެދިގެން ޖާވިދާއެއް ނާންނާނެއެވެ. ކަމެއް ހޯދަން ނޫނީ މަގުމަތިން ދިމާވިޔަސް އަނގައިން ނުބުނާނެއެވެ.
"ޒޭބާ! ދަރިފުޅު މި އެފަރާތަށް ގެންގޮސްބަލަ. ތިއީ މިއަދު ވަރަށް އަގުހެޔޮކޮށް ލިބުނު ވަޅޯ މަސްކޮޅެއް" މައުސޫމާ ބުންޏެވެ.
ކޮތަޅު ހިފައިގެން ޒޭބާ އެތެރެއަށް ހިނގައިގަތެވެ. މައުސޫމާ އިށީނދެފައި ޖާވިދާއަށް ބަލައިލިއެވެ.
"ކޮންކަމެއްގަ އައިސް. ވާފިރު އެންމެންނާ ބައްދަލުކުރިއިރު ޖާވިދާ ނެތީމަ އެވާހަކަ ދެއްކި. ބުނެވެސްނުލާ ދޯ ތިއައީ" މައުސޫމާ ބުންޏެވެ.
"އަހަރެން މިގެއަށް މިއައީ ހަމަ ހިތް އޮބިނޯވެގެން. މައުސޫމާ އަހަރެން މިއީ އެހާ ހިތް ނުބައި މީހެއް ނޫން. ތަބައްސުމްގެ ދަރިއަށް އެދުވަހު އެގޮތަށް ދިމާވީ އަހަރެންގެ ސަބަބުން. އަހަރެން ހިއެއް ނުކުރަން ހުރިހާ ކަމެއްގެ މަތިން އެމަންޖެ ހަނދާންނެތިފަ ހުރި ކަމަކަށް. އެނގޭނަމަ އެގޮތަށް މީހެއްގެ ފުރާނަ އާ އަހަރެން ނުކުޅުނީމުސް. ހަމަ ތެދެއް މިބުނީ އަހަރެން އެމަންޖެ ކައިރީގަ އެހުރިހާ ވާހަކަތަކެއް ދެއްކީ ހެޔޮއެދިގެން. އެއީވެސް ކުޑައިރުން ފެށިގެން އަހަރެންގެ ލޯމަތީގައި ބޮޑުވެގެން އައި ކުއްޖެއް. އަހަރެން ކީއްވެ ގަސްތުގަ އެވަރުގެ ކަމެއް ކުރަންވީ" ޖާވިދާ ވާހަކަދެއްކިއެވެ.
އޭރުވެސް މައުސޫމާއަށް އެނގުނެވެ. މީހެއްގެ ފަރާތުން ވާހަކަތަކެއް ނޭނގެނިސް މެލެކް އަށް އެހާބޮޑުވަރު ނުވާނެއެވެ. މިހާރު މައުސޫމާއަށް ވިސްނިއްޖެއެވެ. އެހެންވީމަ ދެއްކި ވާހަކަތަކެއް ދެއްކީ ޖާވިދާތާއެވެ.
"އެކަމާ އަޅާނުލާ. ﷲ ގެ ހެޔޮ ރަހްމަތްފުޅުން އެމަންޖެ އެ ހަނގުރާމައިން ސަލާމަތްވެއްޖެ. ޖާވިދާ އެއްޗެއް ހީނުކުރައްޗޭ. ތިމާ އާ ނުބެހޭ ކަންކަމާ ނުބެހި ހުރުމަކީ އެތައް ބައެއްގެ ދިރިއުޅުން ސަލާމާއި ރައްކާތެރިކަމުގައި އޮންނާނެ ކަމެއް. ތިމާ އަށް ނޭނގި ކުރެވޭ ކިތަންމެ ކުޑަކުޑަ ކަމަކުންވެސް އެތައް ކަމެއް ގޯސްވެގެން ހިނގައިދާނެ. ދުލަކީ އެންމެ ރައްކާތެރިކުރަންޖެހޭ ގުނަވަން. ދެންވެސް ވިސްނާތި" މައުސޫމާ ވާހަކަދެއްކިއިރު ޖާވިދާ ހިމޭނުން އިނެވެ.
****
ގޯޅި ތެރެއަށް ސައިކަލު މަޑުކޮށްލުމަށްފަހު އެންމެ ފުރަތަމަވެސް ބާޒިލް ބަލައިލީ މަގަށެވެ. އިރުކޮޅަކުން އައިސް ދޮރާށި ކައިރީގައި ސައިކަލު ޕާކުކޮށްލިއެވެ. ދޮރާއްޓާ ހަމައަށް އައިސްފައި އޭނާ ހަމަޖެހިލިއެވެ. ހުރިހާވެސް ޖެހިލުމަކީ އައްޒާމްއެވެ. އައްޒާމްގެ ކުރިމައްޗަށް ނޭރުނިއްޔާ ހަމަޖެހިލައިގެން މެލެކް އާ ވާހަކަދައްކާލެވިދާނެއެވެ. ހަވީރު ލޫލު ގޮވައިގެން މެލެކް އަންނަންދެން އޭނާއަށް ކެތެއް ނުވާނެއެވެ. އެންމެ ހިނދުކޮޅަކުވެސް މެލެކް ނުފެންނަ ހިސާބުގައި ހުންނަން އޭނާ އަށް ދަތިކަމަކަށް ވެއްޖެއެވެ. ކުރެވުނު ކުށް ރަނގަޅުކޮށް ދިރިއުޅުން އާބާދުކުރުމަށް އޭނާ ހުރީ ކެތްތެރިކަން ކުޑަވެފައެވެ. ފުން ނޭވައެއް ދޫކޮށްލާފައި ދޮރާށި ހުޅުވާލަން އުޅެނިކޮށް އެތެރެއިން ދޮރާށި ހުޅުވާލައިފިއެވެ. ކުރިމަތީގައި ހުރި އައްޒާމް ފެނުމާއެކު ބާޒިލް އަތުން ފޯނު ދޫވެގެން ނުވެއްޓުނީ ކިރިޔާއެވެ. ނޭވާވެސް އަވަސްވެގެން ދިޔައެވެ. ކޮންމެ ފަހަރަކު އައްޒާމް އާ ދިމާވަނީ އިއްތިފާގަކުން ހެއްޔެވެ؟
"އަނހަ ބޮޑުމީހާ. ކަމަކުތަ؟" އާދައިގެމަތިން އައްޒާމް ވާހަކަދެއްކީ ހިތްހެޔޮކަމާއެކުގައެވެ.
"މިއައީ މަންމަ ބުނެގެން.... އުނހު.... ލޫލު ބުނެގެން..." ބާޒިލް އަށް ބުނެވުނު އެއްޗެއް ނޭނގުނެވެ. ކުރިމައްޗަށް އެންމެ އަރަން ބޭނުންނުވާ މީހާގެ ކުރިމައްޗަށް އެރުނީއެވެ.
"ހެހެހެ.... ލޫލު ބުނެގެން ދޯ. ވަދޭ އެތެރެއަށް. އެބައިން ގަސްދޮށުގަ" އައްޒާމް ބުންޏެވެ.
އައްޒާމް ދޮރާށިން ނިކުމެގެން ހިނގައިގަތެވެ. ބާޒިލް އަމިއްލަ ބޮލުގެ ފުށްކިބައިގައި ޖަހާލިއެވެ. ހިތްބިރުގެންފައި ހުރިވަރުން ކިޔުނު އެއްޗެއްވެސް ނޭނގުނެވެ. ބާޒިލް ދޮރާށިން އެތެރެއަށް ވަނެވެ. ގޯތިތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭނާ މައިދޮރުން އެތެރެއަށް ބޯދިއްކޮށްލިއެވެ. މީހެއްގެ ހިލަމެއް ނުވުމުން ސަލާމް ގޮވާލިއެވެ. އެންމެފަހުން އެތެރެއަށް ވަނީ ސަލާމަށްވެސް މީހަކު ޖަވާބު ނުދިނުމުންނެވެ. ކޮޓަރިއެއް ހުރަސްކޮށް ދަނިކޮށް އޭނާއަށް ފެނުނު މަންޒަރަކުން ހުއްޓެން މަޖުބޫރުވިއެވެ. އެނދުގައި އިނީ ރައްޔާނެވެ. ކައިރީގައި އިށީނދެގެން އޭނީ މެލެކް ނޫން ދެވަނަ އިންސާނެއް ނޫނެވެ. ބޭސްކާޑުން ގުޅައެއް ވަކިކޮށްލާފައި ރައްޔާން އަތަށް ދިނުމަށްފަހު މެލެކް އިނެވެ. ކޮޓަރި ދޮރު ހުރީ ފުދޭވަރަކަށް ހުޅުވާފައެވެ. އެހުރިހާ މަންޒަރެއް ބާޒިލް އަށް ފެންނަމުން ދިޔައެވެ.
"ހާދަ މީރޭ މެލީގެ މޫޑްލްސްގަނޑު. އަދިއެއްފަހަރު ތެންކްސް" ފެން ހުސްކޮށް ހުސްތަށި މެލެކް އަތަށް ދެމުން ރައްޔާން ބުންޏެވެ. ދެއަތް މުށްކެވިގެން ދިޔަކަމެއް ބާޒިލް ނުދެނަހުއްޓެވެ. އެހާވަރުން ދެކިލާހިތުން ކެތްނުވެގެން އައި މީހާ އެހެން މީހަކަށް ހިދުމަތްކުރާ މަންޒަރު ފެނުމުން އޭނާ މުޅިން މާޔޫސްވެއްޖެއެވެ. އަނބުރާލާފައި ދާން އުޅުނު ބާޒިލް ރީއްޗަށް ރައްޔާނަށް ފެނުނެވެ.
"މެލީ. އަވަހަށް ނިކުމޭ މިތަނުން. ގޮސް އޭނާ ހުއްޓުވާ" ރައްޔާން ބުންޏެވެ.
މެލެކް ހައިރާންވެފައި ރައްޔާން ބަލަހައްޓައިގެން ހުރި ދިމާ ބަލައިލިއެވެ.
"ކާކު؟ ބާޒިލްތަ؟" މެލެކް އަހާލިއެވެ.
ރައްޔާން ބޯޖަހާލިއެވެ.
****
ގޭތެރެއަށް ފޮށިތައް ވައްދާފައި ޝާފިއު ސޯފާގައި އިށީނެވެ. ސިހާމާ އަށް ގޮވާލާފައި އޭނާއަށް ފިނި ފެންތައްޓެއް ގެނެސްދޭން އެދުނެވެ. ބަދިގޭގައި ހުރި ސިހާމާ ބިއްލޫރިތައްޓަކާ ފެންފުޅިއެއް ހިފައިގެން އައިސް ޝާފިއު ގާތުގައި އިށީނެވެ. ތައްޓަށް ފެން އަޅާފައި ޝާފިއު އަށް ދިއްކޮށްލިއެވެ.
"އަދި ތަ؟" ހުސްތަށި ދިއްކޮށްލުމުން ސިހާމާ އަހާލިއެވެ.
ޝާފިއު ދެފަރާތަށް ބޯހޫރާލިއެވެ. ގެނައި ފެންފުޅި އާއި ތަށި ބަދިގެއަށްލާފައި އަލުން އައިސް ސިހާމާ އިށީނެވެ.
"ކޮބާ ސާރާ؟" ޝާފިއު އަހާލިއެވެ.
"ދަތުރުބަލިވެއްޖޭ ކިޔާފަ ކޮޓަރިއަށް ވަނީ" ސިހާމާ ބުންޏެވެ.
"މާދަމާ ރަށަށް ފުރަންޖެހޭނެ. މާލޭގަ ހަރަދުބޮޑު ދިރިއުޅުމެއް ނޫޅެވޭނެ. މަންމަގެ ބައްޔަށް މިދަތުރަށް ވަރަށް ގިނަ ހަރަދުކުރެވިއްޖެ. އަނެއްކޮޅުން ކުއްލިއަކަށް ރިސޯޓް ދަތުރެއް ސާރާ ދިޔައީ އެންމެ ދަތިވި ވަގުތު. ސިހާމާ އެމަންޖެއަށް ވިސްނައިދީ. ބުނެދީ އިގްތިސާދުކޮށްގެން ދިރިއުޅެން" ޝާފިއު ވާހަކަދެއްކިއެވެ.
"ޝާފިއު ހޭބޯނާރާ ތި މަސައްކަތްކުރަނީ ކާކަށްޓަކައި. ސާރާގެ ބޭނުންތައް ފުއްދާނުދެވޭހާ ޝާފިއު ފަގީރެއްނޫން. މާލޭގަ މިހެން އުޅޭއިރު ހިތްހަޖައްސާލަން އެމަންޖެ ރިސޯޓް ކަހަލަ ތަނަކަށް ދިޔުމަކީ މައްސަލައެއްނޫން. އެންމެ ދަރިއެއް ހުރިއިރު މުޅި ޖާނާ ފުރާނަ އެދަރިއަށް ގުރުބާން ކުރަންވީއެއް ނޫންތަ؟" ސިހާމާ ވާހަކަދެއްކިއެވެ.
"އެފަދަ ދަނޑިވަޅެއް އައިއްޔާ އަހަރެންގެ ހަށިގަނޑުން ގުނަވަނެއް ބުރިކޮށްލާފަ ދޭން ޖެހުނަސް ދޭން މިހުރީ ތައްޔާރަށް. އެކަމަކު އަންހެންދަރިއަކު ހިތު ހުރި ގޮތަކަށް އުޅެން ދޫކޮށްލުމަކީ އެއްގޮތަކަށްވެރސް އަހަރެން ރުހުންދޭނެ ކަމެއް ނޫން. އަހަރެން ބޭނުންވަނީ އެމަންޖެ ރީތި ދިރިއުޅުމެއް އުޅޭތަން ދެކެން" ޝާފިއު ވާހަކަދެއްކިއެވެ.
"މިފަހަރު ރަށަށް ގޮސް އިރާދަކުރެއްވިއްޔާ ތިމަންޒަރު ޝާފިއުއަށް ފެންނާނެ. ބާޒިލްއަށްޓަކައި ވަރަށް ގިނަ ހުވަފެންތައް އެމަންޖެ ދެކެމުން އެދަނީ. ބާޒިލްއަށް އަންގާވެސްނުލާ ދާން އެ އުޅެނީ. ބުނި ސަޕްރައިޒެއްދޭންވެގެނޭ" ސިހާމާ ބުންޏެވެ.
"ވަރަށް ބަނޑުހައިވެއްޖެ. ކާންހަދާލާ. އެމަންޖެއަށް ވެސް ގޮވާ ކާން" ތެދުވެ ހިނގައިގަންނަމުން ޝާފިއު ބުންނެވެ.
****
ދޮވެފައި ހުރި އަންނައުނުތައް ހިފައިގެން ތަބައްސުމް ކޮޓަރިއަށް ވަތްއިރު ކުޑަދޮރު ކައިރީގައި ފޯނުގައި އައްޒާމް ހުއްޓެވެ. ތަބައްސުމް ވަދެގެން ގޮސް އިށީނީ އެނދުގައެވެ. އޭނާ އަންނައުނުތަކުގެ ތެރެއިން ދަރިންގެ އެއްޗެހި ވަކިކޮށްލިއެވެ. ފަހަރަކު އެއްޗެއް ކަމަށް ފަތްޖަހަމުން ދަނިކޮށް ކައިރީގައި އައްޒާމް އައިސް އިށީނދެއްޖެއެވެ.
"ކާކު ބަލިވީ؟" ތަބައްސުމް އަހާލިއެވެ.
"މަސައްކަތްތެރިންގެ ތެރެއިން މީހަކު. ހުން އަންނަތާ ހަފްތާއެއް ވީފަހުން އަހަރެން ކައިރީގަ އެބުނީވެސް. އެހެންވެ ސްޕަވައިޒަރު ކައިރީގަ މިބުނީ ވަގުތުން އޭނާ ޑޮކްޓަރަށް ދެއްކުމުގެ ކަންތައްތައް ކުރިއަށް ގެންދާށޭ" އައްޒާމް ބުންޏެވެ.
"އާނ އެއީވެސް އިންސާނުން. ބަލކިވިޔަސް އެމީހުންނާ އަޅާލާނެ ބަޔަކު ތިބި ތަނެއްނޫން." ދެމަފިރިންގެ އެއްޗެހި ހިފައިގެން ގޮސް އަލަމާރިއަށް ލުމަށްފަހު އަނެއްކާވެސް އައިސް ތަބައްސުމް އިށީނދެއްޖެއެވެ.
"އިރާދަކުރެއްވިއްޔާ ދެން މާލަހެއްނުވާނެ. ގެ ހެދުމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް އެބަދޭ" އައްޒާމް ބުންޏެވެ.
ހެދުންތައް ފަތްޖަހަން އިން ތަބައްސުމްގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އެއް އަރިމައްޗަކަށް އައްޒާމް އޮތެވެ. ތަބައްސުމް ތެދުވި ވަގުތުގައި ތަބައްސުމްގެ އަތުގައި އައްޒާމް ހިފިއެވެ. އެހިނދު ތަބައްސުމް ހައިރާންވެފައި އައްޒާމް އަށް ބަލައިލިއެވެ. ތަބައްސުމްގެ ހަނދާނަށް އައީ ޒަމާންތަކެއް ކުރިއެވެ. އޭނާގެ ހިތް އައްޒާމް އަތުލީ އެފަދަ ބެލުންތައް އޭނާއަށް ހަދިޔާކޮށްގެންނެވެ. ތަބައްސުމް އިސްޖަހާލިއެވެ. ލަދުވެތިކަން ފޮރުވަން އުޅުނަސް އޭނާގެ ދެތުންފަތް ދެފަރާތަށް ދެމިލި މަންޒަރު ފެނުމުން އައްޒާމަށް ހެވުނެވެ. އޭނާ އިތުރަށް ތަބައްސުމް އާ ގާތްވެލާފައި ތަބައްސުމްގެ މޫނުގައި އިނގިލިތައް ޖައްސާލިއެވެ. އެހިނދު ތަބައްސުމް ތެދުވަން އުޅުނެވެ.
"ކިހިނެއް ތިއުޅެނީ؟" ތަބައްސުމް ބުންޏެވެ.
"ކިހިނެއް އުޅެނީތަ؟ އަހަރެންގެ ފުރާނަ ފަދަ ލޯބިވާ އަނބިމީހާއެއް ތިއީ. ތި ބަހައްޓާފަ އާދެބަލަ" އައްޒާމް ބުންޏެވެ.
އެއްގޮތަކަށްވެސް ތަބައްސުމް ދުރަށްދިޔަ އައްޒާމް ނުދިނެވެ. ދެމީހުންގެ ދެމެދުގައި ލެވުނު ފާރު ނެތިވެގެން ދިޔަފަހުން އައްޒާމް ހާދަ ތަފާތެވެ. ތަބައްސުމް ގައިގައި ފިރުމާލާނީވެސް ފިނިފެންމަލެއްގެ ފިޔައިގައި މީހަކު ފިރުމާލާނެހާ ލޯބިންނެވެ. އައްޒާމްގެ ފަރާތުން ތަބައްސުމް އަށް ފެންނަނީ ލޯބީގެ އިންތިހާއެވެ.
"އަހަންނަށް ތާބާ ފެންނަނީ ހާދަ ތަފާތުކޮށޭ. އަދިވެސް ހީވަނީ އެރޭ... މިބުނީ އަހަރެމެންގެ ހާއްސަ ރޭ.... އަހަރެން ދުވަހަކުވެސް ހިތަކުން ނުފިލާނެ" އައްޒާމްގެ ވާހަކަތަކާ ބީހުންތަކުގެ މަޅީގައި ޖެހިވިދާނެތީ ތަބައްސުމް ފުންމައިގެން ތެދުވިއެވެ.
"މިވަގުތުގައެއް ނޫން.... މިއުޅެނީ އުނދުން މައްޗަށް އެއްޗެއް އުދާފައި އައިސް" ތަބައްސުމް ބާރަށް ހިނގައިގަތެވެ.
ހިނިގަނޑަކާއެކު ތަބައްސުމް ހިފަހައްޓަން އައްޒާމް އަށް އެއްލުނީ ހުސް އަތެކެވެ.
****
ހޮސްޕިޓަލުން ނިކުމެގެން މައިލީން އައީ ގެއާ ދިމާލަށެވެ. ރަށުގައި އޭނާ ދުއްވާ ބައިސްކަލް ހަލާކުވެފައި ހުރެގެން މިއަދު އޭނާ ހޮސްޕިޓަލަށް އައީ ހިނގާފައެވެ. ވަކި ހިސާބަކުން މީހަކު ފަހަތުން އަންނަހެން ހީވެގެން މައިލީން ބަލައިލިއެވެ. ރަށުން މަދުން ފެންނަ ޒުވާނެއް ފަހަތުގައި ހުރިތަން އޭނާ އަށް ފެނުނެވެ. ހަވީރުގެ ވަގުތަށްވުމުން މަގުމަތީގައި މީހުން ގިނައެވެ. އަނެއްކާވެސް މައިލީން ހިނގައިގަތްތަނާ ޒުވާނާ ފަހަތުން ހިނގައިގަތެވެ. މިފަހަރު މައިލީން ހައިރާންވީ ޒުވާނާ ފަހަތުން އައިސް މައިލީން އަރާ ހަމަކުރުމުންނެވެ.
"ހައި ޑޮކްޓަރ މައިލީން" ޒުވާނާ ބުންޏެވެ.
(ނުނިމޭ)