"ބޭވަފާތެރިކަމަކީ ކޮންމެ، ކޮންމެ މީހަކަށް ބަރުދާސްތު ކުރެވޭނެ ކަމެއް ނޫން. އެއީ ހިތަށް ލިބޭނެ ތަކުލީފެއް. އެހެންވީމަ ފަށާބަލަ ތަކުލީފުގެ ވާހަކަތައް. އެއަށްފަހު ވަފާތެރިކަމަކީ އުފާވެރިކަމުގެ ފެށުމެއް ކަމަށްވަންޏާ އެ ތަކުލީފުތައް މަތިން ހަނދުމަ ނެތިގެން ހިނގައިދާނެ" މޯޑު ބުންޏެވެ.
"ސާރާ، ސާރާ އަށް ދެން އިތުބާރެއް ނުކުރެވޭނެ. ދޮގެއް ހަދައިފި. ސާރާއަށްޓަކައި އަހަރެން ވަމުންމިދާ ގުރުބާނީ ސާރާ އަށް ނުވިސްނޭ. ސާރާ އަށް އިހުސާސެއްނުވޭ އަހަރެން ވި ލޯތްބެއް" ބާޒިލް ވާހަކަތައް ފެށިއެވެ. އޭނާގެ އަޑުގައި ރިހުމެއް ވިއެވެ.
"ރުޅިވީތަ؟ ވެގެން ތިއުޅޭ ކަމެއް ނިކަން ކިޔައިދީބަލަ" މޯޑު ބުންޏެވެ.
"މިރަށުން ދިޔަފަހުން ސާރާގެ ހަބަރެއްނުވޭ. އަހަރެން މާލެ ގޮސް ހިތަށް ކެތްނުވެގެން ދެ ރެޔަކު ގުޅާލިން. ފޯނަށް ޖަވާބެއްނުދިން. އަނެއްކޮޅުން އަހަންނަށް ފެނުނު އެ މަންޒަރު. ހިތަށް އެރި އެއީ ހަމަ ސާރާ ބާއޭ. ފިރިހެނެއްގެ ސައިކަލު ފަހަތުގަ. ވަރަށް ހިތަށް އަސަރުކުރި. ގަބޫލުކުރަންވެސް ދަތިވި. ހިތަށް އެރީ ސާރާއަށްޓަކައި އަހަރެން މިހެން އުޅެންވި ސަބަބަކީ ކޮބާހޭ؟ އަހަރެން ކީއްކުރަންހޭ ސާރާގެ ފަހަތުން ދުވަންވީ. ހިތަށްއަރަނީ އަތްފޯރާ ފަށުން އަހަންނަށް ދިރިއުޅުމުގެ ހުރިހާ އުފަލެއް ލިބެން އެބައޮތޭ. ކީއްކުރަންބާއޭ ވައިގެ ތެރޭގަ މިއެނބުރެނީ. މިކަމުން އަހަރެންގެ ހިތަށް އިތުރު ތަކުލީފު ލިބުން ނޫން ކަމެއް ނުވާނޭ. އެހެންވެ.... އަހަރެން ގޮތް ނިންމައިފިން.. އަހަރެންނާ ގުޅުން ކަނޑާލިކަމެއް ސީދާ ސާރާ ނުބުނޭ. އަހަރެންވެސް ނުބުނަން. އެކަމަކު..... މިހާރު އަހަރެން ސާރާ ބޭނުމެއްނޫން" ބާޒިލް ވާހަކަދެއްކިއެވެ.
ލަސްލަހުން ކޮފީތަށި ހުސްކުރަމުން މޯޑު ދިޔައީ ބާޒިލްގެ މޫނުމަތީގެ ކުލަވަރު ދިރާސާ ކުރަމުންނެވެ. ހިތަށް އައި ބަދަލަކީ ކޮންކަމެއްކަން ބާޒިލް ނުބުންޏަސް މިހާރު މޯޑަށް ފަހުމުވެއްޖެއެވެ. އެކަމަކު އަދި އެއްޗެއް ބުނަން ބޭނުމެއްނުވިއެވެ. ބާޒިލްގެ ހިތުގެ އިހުސާސްތައް ބޭރުކުރަން އަދި ވަގުތު ދޭން އެބަޖެހެއެވެ.
"އަދި ކިރިޔާ ރަނގަޅު ގޮތެއް މި ނިންމުނީ. ބައެއްފަހަރު ވަރަށް ދެރަވޭ. ބޮލުގައި އެޅިފައިވާ ޒިންމާތަކަށް ކުރިން ފަރުވާކުޑަކުރެވިފަ ހުރީމަ. ވާޖިބުތަކަށް ފުރަގަސްދެވުނީމަ. މިހާރު އެނގިއްޖެ ﷲ ނުރުއްސަވާ ކަމެއް ކުރެވިއްޖެކަން. މިހުރިހާ ކަމެއް ރަނގަޅުކުރަން އަހަރެން ބޭނުން. ހިތަށް މިއަރަނީ ފަށާނީ ކޮންދިމާލަކުންބާއޭ" ބާޒިލްގެ ވާހަކަތަކުގެ އެހިސާބުން މޯޑު ބޯން އިން ކޮފީތަށި ހުސްވެއްޖެއެވެ. މަޑުމަޑުން އަނގައިން ވައެއް ބޭރުކޮށްލުމަށްފަހު އޭނާ ރޯކޮށްލީ ސިނގިރެޓެކެވެ.
"ތި ނިމުނީތަ؟ އަހަރެންގެ ހިޔާލު ބުނަންވީތަ؟" މޯޑު ބުންޏެވެ.
"މިތަނަށް ކަލޭ ގޮވައިގެން މިއައީ ކަމަކުއޭ. އަލަށް ޑޭޓަކަށް އަންނަ ފިރިހެނަކު ލަދުރަކި އަންހެނެއްގެ މޫނަށް ބަލަން އިންނަހެން ތިއިންނަނީ. ސީރަސް ވާހަކައެކޭ މިދައްކަނީ" ބާޒިލް ބުންޏެވެ. މޯޑު ޖަހާލީ ހިނިގަނޑެކެވެ.
"ރަނގަޅު. އަހަރެން ކަހަލަ ގިނަ ކައިވެނިތަކެއްކޮށް ގިނަ ދަރިން ލިބިފައި ހުރި މީހަކަށް ނޫނީ ތިކަހަލަ ކަމަކަށް ހިޔާލެއް ނުދެވޭނެ. އެންމެފުރަތަމަ ތިބުނީ ސާރާ ފިރިހެނެއްގެ ސައިކަލު ފަހަތުގަ އިން ވާހަކަ. މިޒަމާނުގަ ސައިކަލު ދުއްވަން އިނދެދާނެ އާއިލީގޮތުން ގުޅިފައިވާ މީހެއް. މިސާލަކަށް ބޭބެއެއް ނޫނީ ރަހްމަތްތެތިއެއް. އަނެއްކަމަކީ ކަލޭ ގޮތް ނިންމިއިރު ސާރާ އަށް އަންގަންޖެހޭނެ ތިގުޅުން ނިމިއްޖެކަން. ރަސްމީކޮށް ތިގުޅުން ނުކަނޑާހާ ހިނދެއްގައި ކަލޭގެ ހިތް ދެވަނަ ފަހަރަށްވެސް ނޫނީ ތިންވަނަ ފަހަރަށްވެސް ބަދަލުވާން ހިނދުކޮޅެއްވެސް ނުނަގާނެ" ވައިގެ ތެރެއަށް ދުންތައް ފޮނުވާލަމުން މޯޑު ބުންޏެވެ.
"ކަލެއަށް ހީވޭތަ އަހަންނަށް ޔަގީންނުވާ ކަމަކަށް އަހަރެން ގޮތް ނިންމާނެހެން. ހީވޭތަ އަހަރެން ދުލުން ސާރާ އަށް އެއްޗެއް ބުނެފާނެހެން. ހީވޭތަ އަހަރެން ދޮގެއް ބުނެފާނެހެން. ރޭގަނޑު ބާރައިގެފަހުން މަގުމަތީގަ ހަޅޭއްލަވަމުން ސައިކަލު މަތީގަ ފިރިހެނެއްގެ ބުރަކަށި މައްޗަށް ވެއްޓިއޮވެ ދެއަތް ހޫރަމުން ދިޔައީ ކޮން ބޭނުމެއްގަ. އެވެސް ގުރޫޕެއް. އަހަންނަށް ސާރާ އޮޅޭނެތަ؟ އަހަރެން ދޮންތަބެއަށް ދެއްކިން. ދޮންތަބެގެ ކޮލީގެއް ލައްވާ އެއީ ކޮންބައެއްތޯ ވެސް ބެލިން. އެމީހުން ސީދާ މިސްރާބުހުރީ ގެސްޓްހައުސްއަކަށް. ކިތަންމެހާވެސް ދެރަވެ ހިތުގަޖެހުނު. މިވާހަކަ ގިނަގިނައިން ދެއްކި ދެއްކީނުން އަންނަނީ ރުޅި. ވަނީ ފޫހި. ކަލޭ ބަލަން ހުންނާތި. ސާރާ އަދި އަންނާނެ. އޭނާގެ މައުސޫމުކަން ހާމަކުރަން ދައްކާ ވާހަކަތައް ކަލޭ އަޑުއަހަން ހުންނާތި" ބާޒިލް ވާހަކަދެއްކިއެވެ.
މިފަހަރު ފުރިހަމައަށް މޯޑަށް ގަބޫލުކުރެވުނެވެ. ދުވަހަކުވެސް އޭނާއަށް ބާޒިލް ނޯޅޭނެއެވެ. ސާރާދެކެ ބާޒިލް ވީ ތެދުވެރި ލޯބި އިހުސާސްވާނެ އެކަކީ އޭނާއެވެ. ބާޒިލް އަކީ ދުވަހަކުވެސް އޭނާ ލޯބިވާ މީހަކަށް ބޭވަފާތެރިވާނެ މީހެއް ނޫނެވެ. މޯޑަށް ހިނިތުންވެވުނެވެ. ދިރިއުޅުމުގައި ބާޒިލް އަށް ގޯސް ނިންމުމެއް ނުނިންމެނީސް ހެޔޮވިސްނުން ލިބުނުކަން ނަސީބެކެވެ. ހަގީގަތުގައިވެސް ބާޒިލް އާ ސާރާ އާ ނުގުޅެއެވެ. މީހާގެ ބޭރުފުށުގެ ރީތިކަމަމަކީ އަނެކަކަށްޓަކައި އޭނާ ވަފާތެރިކަމުގަ ހުންނާނެ ކަމުގެ ހެއްކެއް ނޫނެވެ. ބޭރުފުށުގެ ރީތިކަމަށް އެހެން މީހަކު ތައުރީފުކުރާނަމަ ގިނަ ކަންކަމަށް ހިތް ކިޔާނެއެވެ. ދިއްކޮށްލި ކޮންމެ އަތެއްގައި ހިފާނެއެވެ. ހުޅުވާލި ކޮންމެ ދޮރަކުން ވަންނާނެއެވެ. ދެއްކި ކޮންމެ ވާހަކައެއް ގަބޫލުކުރެވޭނެއެވެ. އަންހެނަކަސް، ފިރިހެނަކަސް މިއީ ހަގީގަތެވެ.
"އޯކޭ އޯކޭ... ހަމަޖެހިބަލަ. ތި ނިންމުން ހަމަ ބެސްޓް. އެކަކު ބިޓްރޭ ކުރީމަ އަނެކަކު ނުޖެހޭނެ ފަހަތުން ދުވެ އާދޭސްކުރާކަށް" މޯޑު ބުންޏެވެ.
"ބަދަލުތަކެއް އަންނަން ފަށައިފި. މަޑުޖެހިފަ އޮތްހިސާބުން ކުރިއަށްދާށޭ އަހަރެންގެ ސިކުނޑި އެބަބުނޭ. އަހަންނަށް ހީވަނީ މަގެއްގެ މެދުގަ ހުއްޓި ހުރެވޭހެން. އެއްކޮޅުން ފެންނަނީ އަހަންނާ ލޫލުގެ އުފާވެރި މުސްތަގުބަލު. އަނެއްކޮޅުން ފެންނަނީ ކަނު އަނދިރިކަން. ކުރިއަށްދާން ފަސްޖެހެނީ. އަހަރެންގެ ހިތަށް އައި ބަދަލަކީ...
"މެލެކް" ބާޒިލްގެ ވާހަކަތައް މޯޑު މެދުކަނޑާލިއެވެ.
"ހިތްކިޔަނީ. ލޯބިވެބޭކަމަށް ގަބޫލުނުކުރެވެނީ. މަގުގެ އެއްފަރާތުން ތިފެންނަ ކުލަވަރަކީ މެލެކް އާ އެއްކޮށް ދިރިއުޅެން ބޭނުންވާކަން. އެއީ ކަލޭގެ އުފާވެރި މުސްތަގުބަލު. ދާންވީ އެދިމާލަށް. ތި ހިތް ހަވާލުކުރަންވީ މެލެކް އާ. އަޒުމުކަނޑައަޅަންވީ ދުވަހަކުވެސް ފަހަތަށް އެނބުރި ނުބަލަން. ކަމެއްކުރެވޭނީ ހިތްވަރެއް ހުރެގެން. މިހާރު މެލެކް އާ ވާހަކަދައްކަފިންތަ؟" މޯޑު ބުންޏެވެ.
"ނޫން. ނުދައްކަން. ނޭނގޭ ފަށާނެ ގޮތެއް. މެލެކްގެ ހާލަތު ހުރިގޮތުން އަހަރެން ކިހިނެއް އޭނާ އާ ގާތަށް ދާނީ. އެހެންނޫނަސް ކުރިއާ ބަލާފަ މިހާރު ވަރަށް ސަމާސާ ބޮޑުވެއްޖެ. ކޮންމެފަދަ އެއްޗެއްވެސް ބުނެފާނެ" ބާޒިލް ބުންޏެވެ.
"މަޑުމަޑުން ގާތަށް ދާނީ. ޓަސްލާފަ ބޮލުގައެއް ނޫން އިށީންނާނީ. ބުނަން ވާހަކައެއް. މިހާރު ތިވަނީ ސާރާގެ ޗެޕްޓާ ނިމިފަ. މާދަމާ ސާރާ އެވެނި އެއްޗެކޭ ކިޔާފަ ނާންނާތި ހިޔާލު ހޯދަން. މީގެފަހުން އަހަރެންގެ ހިޔާލު ލިބޭނީ ހަމައެކަނި މެލެކްގެ ކަންކަމުގަ. ތިމާއަށް ހިތްހެޔޮ ތެދުވެރި ވަފާތެރި ކުދިންނަށް އިހުތިތރާމު ކުރަންވާނެ" މޯޑު ބުންޏެވެ.
ބާޒިލް ހިނިގަނޑެއް ޖަހާލިއެވެ.
"ފަސް ކައިވެނި. އަންހެން ކުދިންނަށް ކިހާ އިހުތިރާމެއް ކުރެވިފަ ހުންނާނެ" ހިނިގަނޑަކާއެކު ބާޒިލް ބުންޏެވެ. އެ ހުނުމުގައި މޯޑު ބައިވެރިވިއެވެ.
****
ޒިޔާދުގެ އާއިލާ ގެއަށް ވަނުމާއެކު ފުރަތަމަވެސް ނޭފަތުގައި ޖެހުނީ ބަނޑުފުރޭ ކަހަލަ މީރު ވަހެކެވެ. ވަގުތަކީ މެންދުރުފަހުގެ ވަގުތެއްކަމުން ހުރިހާ މީހުން ތިބީ ބަނޑުހައިވެފައެވެ. ލޫލު އުރާލައިގެން ހުރި ޒޭބާ ފުރަތަމަވެސް ދިޔައީ ބަދިގެ އާ ދިމާލަށެވެ. ވަރުބަލިވެފައި ތިބި މައުސޫމާ އާއި ޒިޔާދު ސޯފާގައި އިށީނެވެ.
"ޔަގީން ބަދިގޭގަ އެ އުޅެނީ ބާޒިލް ކަން. މިއަދު އޮފީހަށްވެސް ނުގޮސްތޯއްޗެ އެ އުޅެނީ" މައުސޫމާ ބުންޏެވެ.
އެއްވެސް ޖަވާބެއް ނައުމުން މައުސޫމާ ޒިޔާދަށް ބަލައިލިއެވެ. ފުލައިޓުން ފޭބިއްސުރެ ޒިޔާދު ހުންނަނީ ފާޑަކަށެވެ. ގެއަށް ގޮސް ހަމަޖެހިގެން ނޫނީ މައުސޫމާ ހުރީ ޒިޔާދު އާ ވާހަކަނުދައްކާށެވެ. އެހެންނަމަވެސް އޭނާ އަށް ނާހާ ނީނދެވުނެވެ.
"ކަމެއްވީތަ؟ ކޮންކަމަކާ ތިހާވަރަށް ތިޔަ ވިސްނަނީ؟" ޒިޔާދުގެ އަތުގައި މައުސޫމާ ހިފާލިއެވެ.
"ފުރަން އެއާޕޯޓާށް ގޮސް އުޅުނުއިރު އައްޒާމް ވަރަށް ވާހަކަދެއްކި. ބުނި މުހިންމު ނިންމުންތަކެއް ނިންމަވެފަ އޮތް ވާހަކަ. ހަމަޖެހިގެން ތަބައްސުމް އާ އެކު އަންނާނަމޭ ބުނި. ހިތަށް އަރަނީ ކިހިނެއްވާންބާއޭ މިއުޅެނީ؟" ޒިޔާދު ބުންޏެވެ.
މައުސޫމާ ފުންނޭވައެއް ދޫކޮށްލިއެވެ. އައްޒާމް ދައްކަން އުޅެނީ ކޮންވާހަކައެއްބާއޭ ހިތާ އޭނާގެ ހިތުގައިވެސް ނުތަނަވަސްކަމެއް އުފެދުނެވެ. އެހެންނަމަވެސް އެވަގުތަށް ހިތްހަމަޖައްސާލާފައި އޭނާ ތެދުވިއެވެ.
"އެކަމާ އެހާބޮޑަށް ނުވިސްނާ. އައްޒާމަކީ ކޮށި ވިސްނުމެއް ވިސްނާނެ އިންސާނެއްނޫން. އެއީ އެއަށްވުރެ ބޮޑަށް ހަރުދަނާ ޒިންމާދާރު ކެރޭނެ ފިރިހެނެއް. އޭނާ ގެ އާއިލާއަށް އެންމެރަނގަޅު ގޮތަކަށް އޭނަ ކޮންމެ ކަމެއްވެސް ވިސްނާނީ. އާއިލާގެ އެންމެ އިސްމީހަކީ ފިރިހެންމީހާ ކަމުގައިވާއިރު އާއިލާގެ ކަންކަމުގައި ގޮތް ނިންމުމުގެ ބާރު ކޮންމެ ބަފަޔަކަށް ވެސް ނޫނީ ފިރިޔަކަށްވެސް އޮންނާނެއްނު. ނުވިސްނާ ހިނގާބަލަ އެފަރާތަށް" މައުސޫމާ ބުންޏެވެ.
ކާ މޭޒު ކައިރިއަށް ޒިޔާދުގެ ދެމަފިރިން ހުއްޓުނުއިރު ލޫލު ގޮވައިގެން އުޅުނީ ބާޒިލްއެވެ. ޒޭބާ ހުރީ ކާން ހަދާށެވެ. މައުސޫމާ މޭޒުމައްޗަށް ބަލައިލިއެވެ. ކާން ތައްޔާރުކޮށްފައި ހުރި ނޫޑްލްސް ތަށިން އާވިއަރަމުން ދިޔައެވެ.
"މިއޮށް އައީނު. މިއަދު ޒެއްލު މިހުރީ ކައްކާފަޔޯ. އިށީނދޭ މަންމަމެން ކާން" ޒޭބާ ބުންޏެވެ.
"ދަރިފުޅުމެން އިށީނދޭ. މަންމަ އަތަށް ގެނޭ ލޫލު. އަންނާނަން ނިންދަވާލާފަ. މިދައިތަ އެ އިންނަނީ ރޭ ހަތަރެއް ޖެހިއިރު ހޭލިގޮތަށް" ބާޒިލް އަތުގައި އިން ލޫލު އުރާލަމުން މައުސޫމާ ބުންޏެވެ.
****
ތަބައްސުމް ދިން ސޫޕަތަށި ހިފައިގެން މެލެކް ވަނީ ރައްޔާންގެ ކޮޓަރިއަށެވެ. އެއްކޮށް ރައްޔާން ރަނގަޅު ނުވާތީ އޭނާ ފުލުހުންގެ މަރުކަޒުގައި ދިރިއުޅެން ތަބައްސުމް ބޭނުމެއް ނުވިއެވެ. އެހެންކަމުން ރައްޔާން ރަނގަޅުވެ، ޗުއްޓީ ހަމަވަންދެން ހުރީ އެގޭގައެވެ. މެލެކް ދޮރާ ހަމަވެފައި ހުއްޓުނެވެ. ރައްޔާން ފޯނުން ވާހަކަދައްކަން ހުރުމުން އޭނާ އެތެރެއަށް ނުވަދެ މަޑުކޮށްލިއެވެ. އެވަގުތު އޭނާގެ މޫނުމައްޗަށް ހައިރާންކަން ފާޅުވަމުން ދިޔައެވެ.
"ރޮބަޓެއްތަ؟ އެހެންވެގެއްނު ހުއްޓުންއަރާފަ ތިހުންނަނީ؟" މެލެކް ބަލައިލީ ރައްޔާންގެ އަޑަށެވެ. ދަނޑިގަނޑުގެ އެހީގައި ރައްޔާން ހުރީ ދޮރުފަތުގައި ހިފަހައްޓައިގެންނެވެ. މެލެކް ހީލާފައި އެތެރެއަށް ވަނެވެ.
"މަންމަ ބުނި މި އެއްކޮށް ހުސްކޮށްލާށޭ" މޭޒުމަތީގައި ތަށި ބަހައްޓަމުން މެލެކް ބުންޏެވެ.
"އިހަށް މަޑުކޮށްބަލަ. ކިހާ ދުވަހެއް މެލީ އާ ވާހަކަދައްކާނުލެވޭތާ" ރައްޔާން ބުންޏެވެ.
އެނދުގައި އިށިންނަން އުޅުނު ރައްޔާނަށް މެލެކް އެހީވެދިނެވެ. އޭނާ އިށީނީ ވަކިން ހުރި ގޮނޑިއެއްގައެވެ.
"ކިޔާބަލަ" މެލެކް ބުންޏެވެ.
"މިހާރު ކިހިނެއްތަ؟ ތިދެމީހުން މިހާރު ރައްޓެހިވީތަ؟" ރައްޔާން އަހާލިއެވެ.
"މަށެއް ނުވަން. އެކަމަކު އޭނަ އުޅެނީ އަހަންނާ ރައްޓެހިވެގެން ކަންނޭނގެ" ހުވަފެނީ ގޮތަކަށް މެލެކް ބުންޏެވެ. ރަށަށް އައުމުގެ ކުރިން ބާޒިލް އާ އެކު ހޭދަކުރެވުނު އެންމެފަހު ވަގުތުކޮޅުގައި ބާޒިލްގެ އަމަލުތައް ހުރިގޮތް އޭނާގެ ހަނދާނަށް އައެވެ. މަޑުމަޑުން އޭނާގެ ދެ ތުންފަތް ދެފަރާތަށް ދެމިލައިގެން ދިޔައެވެ.
"ވަޓް؟ ދެކުދިން ކަމެއް ހިންގާލީތަ؟" ރައްޔާން އަހާލިއެވެ.
"މަށެއް ނޫން. ބާޒިލް މިހާރަކަށް އައިސް ވަރަށް އެހެންކަހަލަ ގޮތަކަށް އުޅެނީ. އަސްލު އޭނަ ކިހާ ގޯސް ދޯ. މީހަކާ އިންނަން އުޅޭއިރު ނުވާނެއްނު ފްލާޓްކުރާކަށް" މެލެކް ބުންޏެވެ.
ރައްޔާނަށް ހެވުނެވެ. ހަގީގަތުގައިވެސް މެލެކް އަށްޓަކައި އޭނާ އުފާކުރިއެވެ. މެލެކްގެ ހަގީގީ ހަޔާތުގެ ބައިވެރިޔާ ލިބޭކަށް މާގިނަ ވަގުތެއް ނެތްކަން އޭނާ އަށް އެނގުނެވެ.
"މަށެއް ނޫން. ބާޒިލް މިހާރަކަށް އައިސް ވަރަށް އެހެންކަހަލަ ގޮތަކަށް އުޅެނީ. އަސްލު އޭނަ ކިހާ ގޯސް ދޯ. މީހަކާ އިންނަން އުޅޭއިރު ނުވާނެއްނު ފްލާޓްކުރާކަށް" މެލެކް ބުންޏެވެ.
ރައްޔާނަށް ހެވުނެވެ. ހަގީގަތުގައިވެސް މެލެކް އަށްޓަކައި އޭނާ އުފާކުރިއެވެ. މެލެކްގެ ހަގީގީ ހަޔާތުގެ ބައިވެރިޔާ ލިބޭކަށް މާގިނަ ވަގުތެއް ނެތްކަން އޭނާ އަށް އެނގުނެވެ.
"އަހަރެން މެލީގެ އަތްތިލައިގައި ހިފާލިޔަސް ހެޔޮތަ؟" ރައްޔާން ބުންޏެވެ.
މެލެކް ހައިރާންވެފައި ރައްޔާނަށް ބަލައިލިއެވެ. ހައިރާންވެސް ވިއެވެ. ރައްޔާނަށް ބަލަން އިނދެފައި މަޑުމަޑުން އޭނާ ބޯޖަހާލިއެވެ. އެހިނދު މެލެކްގެ އަތްތިލައިގައި ރައްޔާން ހިފާލިއެވެ. އެ އަތްތިލަ އޭނާގެ ދެ އަތްތިލައިގެ ތެރެއަށްލާފައި ބާރަށް ހިފަހައްޓާލިއެވެ.
"މިއީ ރަހްމަތްތެރިކަމުގެ ގޮތުން އަހަރެން ވާ ވައުދެއް" ރައްޔާން ބުންޏެވެ. މެލެކް ހީލިއެވެ.
"އަހަރެން ދުވަހަކުވެސް މެލީ އަށް ދެރަގޮތެއްވާކަށް ނޭދޭނަން. އަހަރެން ބުނާ ކަމެއް ކޮށްފާނަންތަ؟" ރައްޔާން ބުންޏެވެ. އަނެއްކާވެސް މެލެކް ބޯޖަހާލިއެވެ.
"އެހެންވިއްޔާ އަޑުއަހާ. މެލީއަށް ތިދެވެނީ މެލީގެ ހަޔާތުގެ ހަގީގީ މަންޒިލާ ދިމާލަށް. އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހޭތި. މެލީގެ ހަގީގީ ހަޔާތުގެ ބައިވެރިޔާއަކީ ބާޒިލް. ބާޒިލް ގާތްކުރި ވަރަކަށް މެލީއަށް ފައިދާ ބޮޑުވާނެ. މެލީ އާ ލޫލުގެ މުސްތަގުބަލު ގުޅިފައިވާ އިންސާނަކީ ބާޒިލް. ބާޒިލް ގާތްވާން އުޅެންޏާ އޭނައަށް ފުރުސަތުދީ. އޭނަ ދުރުކޮށްނުލާތި. އަހަރެންގެ ހުރިހާ ދުއާއެއްވެސް ވަނީ މެލީއާއެކު" ރައްޔާން ވާހަކަދެއްކިއެވެ.
ރައްޔާނުގެ އެވާހަކަތައް މެލެކް އަށް ވަރަށް ކަމުދިޔައެވެ. ބާޒިލްއަށްޓަކައި ހުދު އޭނާގެ ހިތުން ޖާގައެއް ހުސްވަމުންދާކަން އޭނާއަށް ޔަގީންވެއްޖެއެވެ. ކެތްނުވާ މިންވަރަށް އޭނާއަށް ބާޒިލްދެކެ ލޯބިވެވިއްޖެއެވެ. އެހެންނަމަވެސް ރައްޔާން އެބުނި ގޮތަށް ކަންތައްތައް ވެދާނެ ހެއްޔެވެ؟ ދެމީހުންގެ ދެމެދުގައި ސާރާ އެބަހުއްޓެވެ. ބާޒިލް ހިތްއެދެނީ ސާރާއަށެވެ. ލޯބިވަނީވެސް ސާރާ ދެކެއެވެ. ކައިވެނިކުރަން އުޅެނީވެސް ސާރާއާއެވެ. އެހާ ލޯބިވާ ދެމީހުންގެ ދެމެދަށް ވަންނާކަށް ނުވާނެއެވެ.
"އެކަމަކު... ސާރާ... " މެލެކް ބުންޏެވެ.
"މެލީއަށް އިހުސާސެއްނުވޭތަ ބާޒިލްގެ ހިތުން މަޑުމަޑުން ސާރާ ދުރަށްދާހެން. ހިއެއްނުވޭތަ މެލީގެ ޖާދޫގަ ބާޒިލް ބަނދެވޭހެން" ރައްޔާން ބުންޏެވެ.
މެލެކްގެ ހަނދާނަށް އައީ ބާޒިލް އާއެކު ހޭދަކުރެވިފައިވާ ވަގުތުތަކެވެ. ބާޒިލްގެ ބެލުމުގައިވާ ތަފާތު ކަމެވެ. ބާޒިލްގެ އިނގިލިތަކުން އޭނާގެ މޫނުގައި ބީހިލިއިރު ކުރެވުނު ތަފާތު އިހުސާސެވެ.
"އެހާ އަވަހަށް ގޮތް ނިންމާކަށް ނުވާނެ. ބާޒިލް މަށާ ފްލާޓްކުރާނީކަން ނޭނގެ" މެލެކް ބުންޏެވެ.
ރައްޔާން ދެފަރާތަށް ބޯހޫރާލިއެވެ. މެލެކް އަށް އެއްޗެއް ވިސްނައިދިނުމަކީ ފަސޭހަކަމެއް ނޫނެވެ. ރައްޔާން މަޑުމަޑުން މެލެކްގެ ބޮލުގައި ޖަހާލިއެވެ.
"އަހަރެން އަދިވެސް ބަލާނީ ބާޒިލް ކަންތައްކުރާ ގޮތެއް. އެހެންނޫނަސް އަހަންނަށްވެސް ހިތުގައި ލޯބި ފޮރުވައިގެން ހުންނަން އެނގޭ. ޔާނު ގޮތަށް"
ތަފާތު ބެލުމަކުން މެލެކްގެ މޫނަށް ބަލައިލަމުން މަޑުމަޑުން މެލެކްގެ އަތްތިލައިން ރައްޔާން ދޫކޮށްލިއެވެ. އެނދުގެ ހެޑްބޯޑުގައި ލެގިލާފައި ރައްޔާން އިސްޖަހާލިއެވެ.
"ކިހިނެއްވީ؟" މެލެކް އަހާލިއެވެ.
"އަހަރެންގެ ވާހަކަ ބަހައްޓާ. އެއީ ދުވަހަކުވެސް އަހަންނަށް ލިބޭނެ ލޯތްބެއްނޫން. ލޯބިވެވުނީ އަހަންނަށް. އެއީ ވަރަށް ރީތި މައުސޫމު އަންހެންކުއްޖެއް. މީހެއްގެ އަންބެއް. ކުޑަކުޑަ ދަރިއެއްގެ މަންމައެއް. އަހަރެން ކިތަންމެ ލޯބިވިޔަސް ދުވަހަކުވެސް އެ އަންހެންކުއްޖާގެ ދިރިއުޅުން ހަލާކުވާން ނޭދޭނަން. އެ އަންހެންކުއްޖާގެ ހިތުގެ ހުރިހާ މުރާދުތަކެއް ހާސިލްވެ އާއިލާއާއެކު އުފާވެރިކަމުގެ ހޭދަކުރާތަން ދެކެން އަހަރެން ބޭނުންވަނީ. އެވަރުން އަހަންނަށް ފުދޭ" އެއްދިމާލަކަށް ބަލަހައްޓައިގެން އިނދެ ރައްޔާން ވާހަކަދެއްކިއެވެ.
މެލެކް ހައިރާންވެފައި ރައްޔާންގެ މޫނަށް ބަލަހައްޓައިގެން އިނެވެ. މިނޫނީ ދުވަހަކުވެސް އޭނާ ރައްޔާންގެ ދެލޮލުން ކަރުނައެއް ދެކިފައި ނުވެއެވެ. މެލެކް އަށް އިހުސާސްވެއްޖެއެވެ. އެ އަންހެންކުއްޖާއަށް ޓަކައި ރައްޔާންގެ ހިތުގައި އެވަނީ ސާފު ސީދާ ތެދުވެރި ލޯތްބެވެ. މިޒަމާނުގައި އެފަދަ ޠާހިރު ލޯތްބެއް ފިރިހެނަކު އަންހެނަކު ދެކެއެއް ނުވާނެއެވެ. އެފަދަ ލޯތްބެއް މީހަކު ދެކެވާނަމަ އެ އިންސާނަކީ ރައްޔާނެވެ. ކޮންފަދަ މަތިވެރި ލޯތްބެއް ހެއްޔެވެ؟ ރައްޔާން ފަދަ ޒުވާނެއް މިޒަމާނުގައި އުޅޭނެ ހެއްޔެވެ؟ ރައްޔާނަކީ ލޯބިވާން އެނގޭ ލޯތްބަށް ގަދަރުކުރަން އެނގޭ ޒުވާނެކެވެ.
ކުއްލިއަކަށް ރައްޔާން ސިހުނީ އޭނާގެ އަތްތިލައިގައި މެލެކްގެ ފިނި އަތްތިލަ ޖެހުމުންނެވެ. އޭނާ މެލެކްގެ މޫނަށް ބަލައިލިއެވެ.
"އަހަންނަށް ތިގޮތަށް އެހެންމީހަކަށްޓަކައި ލޯބި ސެކްރިފައިސްއެއް ނުކުރެވޭނެ. ސީރިޔަސްކޮށް މިބުނީ. އެ ލޯބި ހޯދަން އަހަރެން މަސައްކަތްކުރާނަން. ޔާން. އައިމް ސޯ ޕްރައުޑް އޮފް ޔޫ. އަހަރެން ދުއާކުރާނަން އެ އަންހެންކުއްޖާދެކެ ޔާން ތިވާ ލޯތްބަށް ވުރެ މާބޮޑަށް ޔާން ދެކެ ލޯބިވާނެ އަންހެންކުއްޖެއް ދެއްވާތޯ. އެދުވަހަކުން އަހަންނަށް ވުރެ ބޮޑަށް އުފާވާނެ އެއްވެސް މީހަކު ނުހުންނާނެ" މެލެކް ވާހަކަދެއްކިއެވެ. މެލެކްގެ މޫނަށް ރައްޔާން ބަލަހައްޓާއިގެން އިނީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. އޭނާގެ އެ ބެލުން ބުނާ ކަހަލައެވެ. އެކުއްޖަކުދެކެ މިދަރަޖައަށް އަހަރެން ލޯބިވި އަންހެންކުއްޖާއަކީ ތިއީ އެވެ. އުފަލުގަ ހުންނާށެވެ.
****
ލޯގަނޑުން އަމިއްލަ ސޫރއަށް ބަލަހައްޓާއިގެން އިން މައިލީން ސިހުނީ ފޯނަށް މެސެޖެއް އައި އަޑަށެވެ. އޭނާ ފޯނު ނަގާފައި ބަލައިލިއެވެ. އެހިނދު އޭނާގެ ދެލޮލަށް ކަރުނަ ޖަމާވެގެން ދިޔައެވެ.
"ވަރަށް ލޯބިވޭ. ޕްލީޒް ކަމް ބެކް ޓު މީ. އައި ޕްރޮމިސް ޔޫ. ދުވަހަކުވެސް ދެރަކޮށްނުލާނަން"
(ނުނިމޭ)