ވާހަކަ

ރުހުން ދީފާނުހޭ - 31

2

"ބައްޕަ ނިންމުމެއް ނިންމާނީ ހުރިހާ ގޮތަކަށް ވިސްނާފަ. މެލެކް އާ ބާޒިލް ގުޅުމެއް ދުވަހަކު ނުބޭއްވިޔަސް އެ އާއިލާ އަށް ބައްޕަގެ ދެއަތުން ގޮތެއް ނަހަދާނަން. ދަރިފުޅުމެންނާއެކު އެ އާއިލާ ދާނެ. އެހެންވީމަ ދަރިފުޅުމެން ކުރަން ބޭނުންވާ ވިޔަފާރިއެއްކޮށް ނިންމާ. މާދަމާ ޓިކެޓްގެ ކަންތަކުގަ ބައްޕަ އުޅޭނަން" އައްޒާމް ބުންޏެވެ.

މައިލިން ދިޔަ ދިމާލަށް ބަލަން އިނދެފައި ތަބައްސުމް ބަލައިލީ ފާހާނާ އާ ދިމާލަށް ދިޔަ އައްޒާމަށެވެ. އޭނާ ވަރަށް ބޮޑަށް ހިތްހަމަޖެހިއްޖެއެވެ. އޭނާ ހީކޮށްގެން ހުރީ މިދަތުރުގައި އޭނާ އާ ދަރީން ރަށަށް ދިޔުމަށް އައްޒާމް ބޭނުންނުވާނެ ކަމަށެވެ. ތިންމައިން ހުއްޓުވަން އައްޒާމް އުޅޭނެ ކަމަށެވެ. މި ފާއިތުވެގެންދިޔަ ދެތިން ރޭ އޭނާއަށް އެންމެ ވިސްނުނު ކަންތައް އެންމެފަހަރަކުން އައްޒާމް ހައްލުކޮށްދީފިއެވެ. ހަގީގަތުގައިވެސް އައްޒާމަކީ ހަމަ ލައްކައަކުން އެކެކެވެ.

****

ފަތިސްނަމާދަށްފަހު މައުސޫމާ ކޮޓަރިން ނިކުތްއިރު ގޭތެރެއިން އެއްވެސް މީހަކު ނުފެނެއެވެ. ބަދިގެއިން އަޑު އިވޭތީ އޭނާ ދިޔައީ އެދިމާލަށެވެ. ފުށްމޮޑެން ހުރި ތަބައްސުމް މައުސޫމާއަށް ހިނިތުންވެލިއެވެ. މައުސޫމާ އަކީ ވެސް މަސައްކަތެއްނުކޮށް ހުންނަން އުނދަގޫ މީހެކެވެ. ބަދިގޭގައި ބާކީ ހުރި މަސައްކަތްތައް ކުރަން މައުސޫމާ ފެށިއެވެ. މައުސޫމާގެ އާއިލާ އެގޭގައި ހޭދަކުރާ ދުވަސްތަކުގައި ގޭތެރޭގެ މަސައްކަތެއް ނުކުރަން ތަބައްސުމް އެދުނަސް އެގޮތް މައުސޫމާ ބޭނުމެއްނުވިއެވެ.

"އައްޒާމް ބުނި މިއަދު ޓިކެޓް ނަގާނެ ވާހަކަ. ﷲ އިރާދަކުރެއްވީތީ މިހާރު މިތާ ތިބުމުގެ ބޭނުމެއްވެސްނެތްތާ" ތަބައްސުމް ބުންޏެވެ.

"އާނ. ތާބާ، އަހަންނާ ޒިޔާދު ތިދެމަފިރިންނަށް ޝުކުރުވެރިވާނެ ގޮތެއްވެސް ނޭނގޭ. ތިދެމަފިރިން އެދުނު ކޮންމެ ކަމެއް، އެކަމަކީ އިސްލާމްދީނާ ހިލާފު ކަމަކަށް ނުވާނަމަ އަދި އެކަމަކީ އަހަންނަށް ކުރެވޭވަރުގެ ކަމެއްނަމަ އެކަމެއް ކުރާނަން" މައުސޫމާ ވާހަކަދެއްކިއެވެ.

"ތިއީ ކޮންވާހަކައެއް. އެއްވެސް އިންސާނަކު އަނެއް އިންސާނެއްގެ އެހީތެރިކަމާ މަދަދަށް ބޭނުންނުވާނެ ވަގުތެއް ނާންނާނެ. އަހަރެމެން އަތުގައި ބޭނުންކޮށްފަ އިތުރުވާވަރަށް ފައިސާ ހުރެފަ އުފަލާ އަރާމުގަ އެއްވެސް ތަކުލީފެއް ހިތްނުތަނަވަސްވުމެއްނެތި ދިރިއުޅުނަސް އިންސާނުންނަކީ ނިކަމެތި ބައެއް. އައްޒާމަކީ ފުދިގެން އުޅޭ ﷲ ދެއްވި ގިނަ ނިއުމަތްތަކުގެ ވެރިޔަކަށް ވީތީ އަހަރެން އުފަލެއްނުވޭ. މި ފޯރާ ދިރިއުޅުމަށް އަހަރެން ލޯބިނުކުރަން. ހިތްބިރުގަނޭ ނޭނގުމުގެ ތެރެއިން ނަމަވެސް އައްޒާމަށް މި ނިއުމަތްތަކުގެ ބޭނުން ނުބައި ގޮތަކަށް ހިފިދާނެތީ. ތާއަބަދު އަހަރެން އައްޒާމަށް ވިސްނައިދެން. ޔަގީންކުރޭ މައުސޫމާ. އެއްވެސް މީހަކަށް އައްޒާމް ކަމެއް ކޮށްދީފަ ބަދަލަކަށް އުންމީދެއް ނުކުރޭ. އޭނާގެ ހަޔާތުގައިވެސް މީހަކަށް ކޮށްދިން ހެޔޮކަމެއްގެ ބަދަލަކަށް އެދުނީ ތި އާއިލާގެ ކިބައިން. އެކަންވެސް އޭނާ އުންމީދުކޮށްގެން ހުރިގޮތާ ހިލާފަށް ދިޔުމުން އެހުންނަނީ އެފަދަ ކަމެއް ތަކުރާރު ނުކުރަން. އަހަރެމެން ފަދައިން އައްޒާމް ދެކެނީ ތި އާއިލާ އަކީ ވެސް އޭނާގެ އާއިލާ ކަމަށް. އައްޒާމް ވެދިން އިހުސާންތަކެރިކަމެއްގެ ބަދަލު މައުސޫމާގެ ދެމަފިރިން ދޭން ބޭނުންވަންޏާ އަބަދުވެސް އަހަރެމެންނަށް ހިތްހެޔޮކޮށްގެން ހުރޭ" ތަބައްސުމް ވާހަކަދެއްކިއެވެ.

ތަބައްސުމްގެ ވާހަކަތަކުން މައުސޫމާ ގަތީ ލަދެވެ. އޭނާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. އޭނާ ލޮލާ ބޮލުން ތަބައްސުމް އާ އައްޒާމަށް ހިތްހެޔޮ ކުރިއެވެ. ފިތުނުތައް ގިނަ މިފަދަ ޒަމާނެއްގައި އައްޒާމާއި ތަބައްސުމް ފަދަ ހުލްގުހެޔޮ އިންސާނުން ދުނިޔޭގައި އުޅޭކަމީ ނަސީބެކެވެ.

****

ކުޑަދޮރު ހުޅުވާލައިގެން މައިލީން ހުރީ ފޯނެއްގައެވެ. އެތައް ފަހަރަކު އަރުސަލާން ގުޅައިފިއެވެ. އެންމެފަހުން ޖަވާބެއްދޭން އޭނާ ބޭނުންވެގެން އަރުސަލާންގެ ފޯނަށް ޖަވާބުދޭން ނިންމީއެވެ.

"ނުވާނެ ތިކަމެއް. ދައްކަން ބޭނުންވާ ވާހަކައެއް ފޯނުން ބުނޭ" މައިލީން ބުންޏެވެ.

އަރުސަލާން އަށް ވަގުތު އޭނާ ދިނެވެ. އެހެންމަމަވެސް ފޯނު ބޭއްވީ އަރުސަލާންގެ އުންމީދުކުރި ފަދަ ޖަވާބެއް ދީފައެއް ނޫނެވެ. ބޮލުގެ ދެފަރާތުގައި އަތްއަޅައިގެން މައިލީން މޭޒުކައިރީގައި އިށީނެވެ. އޭނާ އެތަނަށް އައީ ޑޮކްޓަރ އަހަދުﷲ ގުޅައިގެންނެވެ. އައިރު އަހަދުﷲ ވެސް އޮފީހުގައި ނެތެވެ. މޭޒުމަތީގައި އޮތް ކްލަޗް ހިފައިގެން ތެދުވި މައިލީން ހުއްޓުނީ އެތެރެއަށް ވަތް އަހަދުﷲ ފެނިފައެވެ. މޫނުމަތީގައިވި އަސަރުތައް އަހަދުﷲ އަށް ފޮރުވަން މައިލީން އަވަސް އަވަހަށް އިސްޖަހާލިއެވެ.

"ސޮރީ ލަސްވީ ދޯ. ކުޑަކަމެއް ލައިގަތީ" އަހަދުﷲ ބުންޏެވެ. އޭނާ ލައިގެން ހުރި ހުދުކުލައިގެ ޖެކެޓް ބާލާފައި އެއްފަރާތުގައި ހުރި ހަރުގައި އަޅުވާލިއެވެ. ހިމޭންވެފައި ހުރި މައިލީން އަށް އަހަދުﷲ ބަލައިލިއެވެ.

"މެލެކް ރަނގަޅުތަ؟" އަހަދުﷲ އަހާލިއެވެ.

މައިލީން މޭގައި އަތްއަޅާލިއެވެ. އަރުސަލާންގެ ވާހަކަތައް އޭނާއަށް އުނދަގޫކޮށްފިއެވެ. ބޭނުންނުވިޔަސް އޭނާއަށް ވިސްނެން ފަށައިފިއެވެ. އެވާހަކަތައް އަހަދުﷲ އަށް ކިޔައިދޭން އޭނާގެ ހިތް ބުނަމުން ދިޔައެވެ.

"ކިހިނެއްވެފަ" ފަހަތުން އައިސް މައިލީންގެ ކޮނޑުގެ ދެފަރާތުގައި އަހަދުﷲ ހިފަހައްޓާލިއެވެ. މައިލީން ސިހުނެވެ.

"ނު... ނުވިސްނަން. ކޮންވާހަކައެއް ބުނަންވެގެން އަންނަން ބުނީ" މައިލީން އަހާލިއެވެ.

އަހަދުﷲ ހައިރާންވިއެވެ. މައިލީން އަށް ކަމެއްވެފައި ހުރިކަން އޭނާއަށް ޔަގީންވެއްޖެއެވެ. އޭނާ މައިލީންގެ ސިކުނޑި ހުޅުވާލަން ބޭނުންވިއެވެ. މައިލީންގެ ސިކުނޑިތެރޭގައި ތާށިވެފައިވާ ނާރަށް ލުޔެއްދޭން ބޭނުންވިއެވެ.

"ލަންޗަށް ދަމާ" އަހަދުﷲ ބުންޏެވެ.

"ލަންޗް... ލަންޗަށް ދާންތަ ގެނައީ" މައިލިން އަހާލިއެވެ.

"ވަރަށް ބޮޑު ކަމަކު ގެނައީ. އެކަމަކު އެވާހަކަދައްކަން މި އޮފީސް ކަމަކުނުދޭ. ނުދެވޭނެތަ؟ މީހަކާ ބައްދަލުކޮށްލަންވެސް އެބަޖެހޭ" އަހަދުﷲ ބުންޏެވެ.

"ހިނގާ" މައިލީން ބުންޏެވެ.

****

ކޮށީގައި ސަކަރާތްޖަހަން އިން ލޫލު އަށް ބަލައިލުމަށްފަހު މެލެކް ހިނގައިގަތީ ބެލްއަޅަމުން ދިޔަ ދޮރާ ދިމާލަށެވެ. އޭނާ ދޮރުހުޅުވާލިއިރު ކުރިމަތީގައި ހުރީ ބާޒިލްއެވެ. ބާޒިލްގެ ކޮނޑުގައި ދަބަހެއް އޮތެވެ. މެލެކް ފެނުމާއެކު ބާޒިލް އަށް ހިނިތުންވެވުނެވެ. މެލެކް ހައިރާންވިއެވެ. ކުރިން ބާޒިލް ހީލުމުންނެވެ. ބާޒިލްގެ މޫޑު ވަރަށް ރަނގަޅު ކަމަށް އެވަގުތު މެލެކްއަށް ފާހަގަވިއެވެ. ކުރީ ދުވަހު ރައްޔާންގެ ވާހަކަދެއްކުމުން ބާޒިލް ހިތްހަމަނުޖެހިފައި ދިޔަކަންވެސް އޭނާގެ ހަނދާނުގައި ހުއްޓެވެ.

"ކޮންދިމާލަކުންބާ އިރު އެރީ" މެލެކް ބުންޏެވެ.

"މަންމަމެން އެބައުޅޭތަ؟ ފުރަންދާންވެގެން ބައްދަލުކޮށްލަން މިއައީ" ބާޒިލް ބުންޏެވެ.

"އެހެންތަ. ވަންނަވާ އެތެރެއަށް" މެލެކް ބޮޑަށް ދޮރުހުޅުވާލިއެވެ.

ބާޒިލް ފަސްޖެހުނެވެ. އެތެރޭގައި އައްޒާމް އިންނާނެއެވެ.

"ނެތޭ ބައްޕައެއް. މަންމަމެންވެސް ވިޔަފާރިކޮށްލަން ދިޔައީ" މެލެކް ބުންޏެވެ.

ބާޒިލް އެތެފެއަށް ވަނެވެ. ލޫލު ފެނުމާއެކު އޭނާ ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތިއްޖެއެވެ. ކޮނޑުގައި އޮތް ދަބަސް ސޯފާއަށް ދޫކޮށްލާފައި އޭނާ ލޫލު އުރާލިއެވެ. ބާޒިލް ލޫލު ގޮވައިގެން އުޅޭ ގޮތް ބަލަން މެލެކް ހުއްޓެވެ. އޭނާއަށް ބުނެދޭނެ ގޮތެއް ނޭނގެއެވެ. އެ މަންޒަރުތަކުން އޭނާގެ ހިތަށް ހިތްހަމަޖެހުން ލިބެއެވެ.

"ހުރިހާ އެންމެން ބޭރަށް ދިޔައީތަ މެލެކް އެކަނިކޮށްފަ" ބާޒިލް އަހާލިއެވެ.

"އަހަރެން އެކަންޏެއްނުވޭ. ބާޒިލް ތިއިނީނު" މެލެކް ބުންޏެވެ.

ބާޒިލް އަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހީލުމަކުން ހަމައެކަނި ފުއްދާލިއެވެ.

"އަހަންނަށް ހަމަ އެހާ އިތުބާރު ކުރަންތަ؟" ބާޒިލް ބުންޏެވެ.

"ނުކުރަން. ތިހެރީ އަހަރެން އެކަނިވާއިރަށް ވަގުތުގެ ބޭނުން ނުބައިކޮށް ހިފާފަ" މެލެކް ބުންޏެވެ.

އެދުވަސް ބާޒިލްގެ ހަނދާނަށް އައުމާއެކު ބާޒިލް އަށް ހެވިއްޖެއެވެ. އިހުތިޔާރަކާނުލާ އޭނާއަށް މެލެކްގެ ތުންފަތަށް ބަލައިލެވުނެވެ. އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލާފައި ލޫލު އަލުން ކޮށީގައި ބޭންދިއެވެ. ދެން އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. ނަސީބަކުން އަދި ވަގުތު އެބައޮތެވެ. މެލެކް އެކަނިކޮށްލާފައި ދާން އޭނާ ބޭނުމެއް ނުވިއެވެ.

"މިއަންނަނީ ކޮފީ ހިފައިގެން" މެލެކް ދުރަށް ހިނގައިގަތެވެ.

މެލެކްގެ ފަހަތުން ބާޒިލް ހިނގައިގަތެވެ. އޭނާ ހުއްޓުނީ ފުރަގަހަށް ހުރި މެލެކްގެ ފަހަތުގައެވެ.

"ކީއްވެ އެދުވަހު ވީ ކަންތަކުގަ އަހަރެން އެކަނި ކުށްވެރި ތިކުރަނީ؟" މެލެކްގެ ކަންފަތާ ގާތްވެލާފައި ބާޒިލް ބުންޏެވެ.

މެލެކް ދުރަށް ޖެހިލިއެވެ. ބާޒިލް އަށް ދެލޯއަޅާލާފައި އޭނާ ކޮފީ ތަށި ހިފައިގެން އައިސް މޭޒު ކައިރީގައި ހުއްޓުނެވެ. ބާޒިލްގެ ލާނެއް ގޮތްގަނޑެއް ހުންނަކަން އޭނާ އެނގިއްޖެއެވެ. ބާޒިލް އަކީ އަންހެންކުދިންނާ ފޮށޭ ޒުވާނެއް ހެއްޔެވެ؟ އެކަން ސާރާ އަށް އެނގޭ ހެއްޔެވެ؟

"އެދުވަހުގެ ވާހަކަނުދައްކާ މިތާ އިށީނދެބަލަ" މެލެކް ބުންޏެވެ.

ބާޒިލް ހުރީ ހިނިއައިސްފައެވެ. އޭނާ އައިސް މޭޒު ކައިރީގައި އިށީނެވެ. ދުރަށް ހިނގައިގަންނަން އުޅުނު މެލެކްގެ އަތުގައި ހިފައިގެން ގެނެސް ކައިރީގައި ހުރި ގޮނޑީގައި ބޭންދިއެވެ. ހައިރާންވެފައި ބާޒިލް އަށް މެލެކް ބަލައިލިއެވެ. އޭނާ އަށް ފެނުނީ ފުންމިން ނޭނގޭ ބާޒިލްގެ ދެލޮލުން ދޭހަނުވާ ބަސްތަކެކެވެ. މެލެކް އަށް ވެސް އެއްޗެއް ނުބުނެވުނެވެ. އޭނާގެ އިހުތިޔާރުން ބޭރުގައި ބާޒިލްގެ ދެލޮލުން ފާޅުވަމުންދިޔަ އަސަރުތަކުގައި ޖެހެވެމުންދިޔަ ކަމެއް ނޭނގެއެވެ. ބާޒިލް މަޑުމަޑުން އަތް އުފުލާލިއެވެ. މެލެކްގެ މޫނުގައި އޭނާގެ އިނގިލިތައް ބީއްސާލިއެވެ. ތުރުތުރު އަޅަމުން ދިޔަ މެލެކްގެ ދެތުންފަތުން އެއްޗެއް ބުނަން އުޅޭކަހަލަ ގޮތަކަށް ތެޅިލިއެވެ. އެހެންނަމަވެސް އެންމެ ލަފްޒެއްވެސް އޭނާގެ ދުލުން ބޭރުނުވިއެވެ. އޭނާގެ މޫނުގައި ބީހެމުންދިޔަ ބާޒިލްގެ އިނގިލިތަކުގައި މެލެކް ހިފަހައްޓާލިއެވެ. އެހިނދު މެލެކްގެ އަތްތިލައިގެ ތެރެއަށް ބާޒިލްގެ އިނގިލިތައް މެހިގެން ދިޔައެވެ. އޭނާ އާ ގަތަށް ގެނެސް މެލެކްގެ އަތްތިލައިގައި ބާޒިލް ތުންފަތް ޖައްސާލިއެވެ. މަޑުމަޑުން އެސްފިޔަތައް ތިރިކޮށްލި ގޮތަށް އަނެއްކާވެސް ބާޒިލް އަށް މެލެކް ބަލައިލިއެވެ. ބާޒިލްގެ މޫނު ލަސްލަހުން މެލެކްގެ މޫނާ ގާތަށް ގެންނަމުން ދިޔައެވެ. މެލެކް އިނީ ބާޒިލްއަށް ފުރުސަތު ދީގެންނެވެ.

ކުއްލިއަކަށް މޭޒުމަތީގައި އޮތް މެލެކްގެ ފޯނު ރިންގުވާން ފެށިއެވެ. ހަމަ ދުނިޔެއަށް އާދެވުނު ހިނދު ބާޒިލްގެ އަތުތެރެއިން މެލެކްގެ އަތް ދަމައިގަތެވެ. ބާޒިލް އާ ތަންކޮޅެއް ދުރަށް ޖެހިލާފައި މޭގައި އަތްޖައްސާލިއެވެ. އޭނާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ބާޒިލްއަށ ްބަލައިލަން ނުކެރި އިނދެފައި އޭނާ މޭޒުމަތީގައި އޮވެ ރިންގުވަމުން ދިޔަ ފޯނަށް ޖަވާބުދިނެވެ.

"ލައްބަ... ރަނގަޅު. އެކަންޏެއްނޫން. އޯކޭ" މެލެކް ފޯނު ކުރުކޮށްލާފައި އިސްޖަހައިގެން އިނެވެ. ދެކުދިން ދެމެދުގައި ވާހަކައެއް ނުދެކެވެއެވެ. މެލެކް އަށް ނޭނގުނީ އޭނާގެ ކޮންމެ ހަރަކާތަކަށް ބާޒިލް ބަލަމުންދާ ކަމެވެ. ދޮރުގައި ބެލްއަޅާލި އަޑު އިވުމާއެކު މެލެކް ސިހުނެވެ.

"އެ އައީ އެންމެން" މެލެކް ބުންޏެވެ.

ދުއްވައިގަންނަން އުޅުނު މެލެކްގެ އަތުގައި ހުޝިޔާރު ކަމާއެކު ބާޒިލް ހިފިއެވެ. މެލެކްއަށް ހުއްޓެން މަޖުބޫރުވިއެވެ. އޭނާ ފަހަތަށް ނުބަލައެވެ.

"އަހަރެންގެ ކޮންމެ އަމަލެއްގަ ފުންމިން ނޭނގޭ މާނައެއް އެބަވޭ... މެލެކް..." ބާޒިލް ބުންޏެވެ.

"ގޭ މީހުން އަތުވެއްޖެ" މެލެކް ބުންޏެވެ.

އަތް މިނިވަންވުމާއެކު މެލެކް ދުއްވައިގަތެވެ.

ބާރަށް ހިނގާފައި ބާޒިލް ދިޔައީ ސޯފާ އާ ދިމާލަށެވެ. ސޯފާގައި އޮތް އޭނާގެ ދަބަސް އަލުން ކޮނޑުގައި އަޅުވާލިއެވެ. ކޮށީގައި އިން ލޫލު އުރާލާފައި ކޮލުގައި ބޮސްދިނެވެ. ގޭ މީހުންނާ ކުރިމަތިނުލާ ދާން އުޅުނަސް ބާޒިލް އަށް އެފުރުސަތު ނުލިބުނެވެ. ތަބައްސުމް ހީލާފައި އެތެރެއަށް ވަނަސް މައުސޫމާ އާއި ޒިޔާދުގެ ނަޒަރުން އޭނާއަށް ސަލާމަތެއް ނުވެވުނެވެ.

"ފުރަން ދިޔުމުގެ ކުރިން މަންމަމެންނާ ބައްދަލުކޮށްލަން އައީ. މެލެކް އާ ލޫލު އެކަނި ތިބީމަ ދާންނުކެރިފަ މިހުންނަނީ" ބާޒިލް ބުންޏެވެ. މައުސޫމާ އާއި ޒިޔާދު އެކަކު އަނެކަކަށް ބަލައިލިއެވެ. ދެމީހުންގެ ތުންފަތުގައިވެސް ވީ ހިނިތުންވުމެކެވެ.

"ފުރަން ދާން މިދަނީ" މައިންބަފައިންނާ ސަލާމްކޮށްފައި ބާޒިލްގެ ކަތިނަޒަރު ތަބައްސުމް ކައިރީގައި ކޮޅަށް ހުރި މެލެކް އަށް އަމާޒުކޮށްލިއެވެ. މެލެކް ނުބަލަން ހުރީ ހަމަ ގަސްތުގައިކަން ބާޒިލް އަށް އެނގުނެވެ.

****

ހެދުންތައް ފޮއްޓަށް އަޅާން ހުރި ތަބައްސުމް ސިހުނީ ދޮރުގައި ބެލްއަޅާ އަޑު އިވުމުންނެވެ. އޭނާ ދޮރާ ދިމާލަށް ހިނގައިގަތެވެ. ބަދިގޭގައި ކާން ހަދަން އުޅުނު މައިލީން ބޯދިއްކޮށްލިއެވެ. ދޮރާ ދިމާލަށް ތަބައްސުމް ދާތަން ފެނުމުން އަލުން އެތެރެއަށް ވަނެވެ. ރައްޔާން އަތުގައި ހިފައިގެން އެތެރެއަށް ވަތް އައްޒާމް ފެނުމުން ތަބައްސުމް ހީލިއެވެ. އޭނާ ކުރިއަށް ޖެހިލާ ރައްޔާންގެ އަތުގައި ހިފިއެވެ. ތަބައްސުމް އެހާ ގާތްކޮށް ކަންތައްކުރުމުން ރައްޔާން ލަދުގަންނަ ގޮތް ވިއެވެ.

"އައްޒާމް ދޭ މޭޒު ކައިރިއަށް. މައި އެބައުޅޭ ކާންހަދާ. އަހަރެން ރައްޔާން ކޮޓަރި އާ ހަމައަށް ގެންގޮސްފަ ދާނަން" ތަބައްސުމް ބުންޏެވެ.

ރައްޔާން ހައިރާންވެސް ވިއެވެ. މީގެކުރިން އޭނާއަށް ތަބައްސުމްގެ ފަރާތުން އެހާ ގާތްކަމެއް ނުލިބެއެވެ. ވަކި ހިސާބަކަށް ގޮސްފައި އަނެއްކާވެސް ތަބައްސުމް ވާހަކަދެއްކިއެވެ.

"ކޮޓަރީގަ އަރާމުކޮށްލާ. ދައްތަ ގެންދާނަން ކާއެއްޗެހި" ތަބައްސުމް ބުންޏެވެ.

"ޑޮކްޓަރު ބުނި އެހާ ގިނައިން އޮށޯވެގެން ނޯންނައްޗޭ. ހިނގާލާ ހަދައްޗޭ. ކޮޓަރިއަށް ކާން ގެނައުމުގެ ބަދަލުގަ މިތަނުގަ އިނދެގެން އަޅުގަނޑަށް ނުކެވޭނެތަ؟"؟ ރައްޔާން ބުންޏެވެ.

"އެއީ ތެދެކޭ އެހެން ބުންޏޭ ޑޮކްޓަރު" އައްޒާމް ބުންޏެވެ.

ކޮޓަރިއަށް ގެންދިޔުމުގެ ބަދަލުގައި ތަބައްސުމް ރައްޔާން ގެންގޮސް ބޭންދީ މޭޒު ކައިރީގައެވެ.

މައިލީން ކާން ހަދާފައި އައްޒާމްގެ ވައަތް ފަރާތު ގޮނޑީގައި އިށީނެވެ.

"ކޮބާ އެމަންޖެ؟" އައްޒާމް އަހާލިއެވެ.

"މައުސޫމާމެންނާއެކު ބޭރަށް ނިކުމެލައިފި. އިބާގެ ފިރިމީހާ ކިޔެވުން ނިންމާފަ ފުރަން އުޅޭތީ މައުސޫމާމެންނަށް ކެއުމެއް ދޭންވެގެން ގުޅީމަ ދިޔައީ. މައުސޫމާ އާ ޒިޔާދު ބޭނުންވީ މެލީ ގެންދަން" ތަބައްސުމް ވާހަކަދެއްކިއެވެ.

ލޮލުގައި އޮތް ނަންބަރު އައިނު ނަގާފައި މޭޒުމަތީގައި ބާއްވަމުން އައްޒާމް ފުންނޭވައެއް ދޫކޮށްލިއެވެ. އެ އާއިލާއާއެކު މެލެކް އިތުރަށް ގުޅުމެއްގަ ބައްދަން އައްޒާމް ބޭނުމެއް ނުވެއެވެ. އޭނާ ބޭނުންވަނީ އެ އާއިލީގެ ކަންކަމާ މެލެކް ދުރުކުރާށެވެ.

"ގޮތް ނިންމާނީ އައްޒާމް. ތިއީ މިކުދިންގެ ބަލަދުވެރިޔަކީ. އަހަންނަށް ފެންނަނީ ނިންމާ ނިންމުމެއް ރަށަށް ގޮސް ނިންމަން. އިހަށް މެލީއަށް ފުރުސަތުދީ. އައްޒާމްގެ ނިންމުމަކީ ކޮބައިކަން އަދި މެލީއަށް އެނގޭކަށް ބޭނުމެއްނޫން. އެހެންނޫނަސް ވެދިޔަ ކަންތަކުގައި އެދެމަފިރިންގެ އޮތީ ކޮން ކުށެއް. އެމީހުން މެލީދެކެ ވަރަށް ލޯބިވޭ. އަނެއްކޮޅުން ލޫލު އާ އެންމެ ހިނދުކޮޅަކު ދުރުގައި ހުންނާކަށް މެލީ ބޭނުމެއްނުވޭ" ތަބައްސުމް ވާހަކަދެއްކިއެވެ.

"އަހަރެން ތިކަމަކާ ކަންބޮޑެއްނުވޭ. ނިންމަންޖެހޭ ބޮޑު ނިންމުން ހިތަށް އަރާ ކޮންމެފަހަރަކު އުނދަގޫތަކެއްވޭ. ތާބާ ބޭނުމިއްޔާ އަދިވެސް އަހަރެން ހުއްޓުވިދާނެ. އަހަންނަށް ވުރެ ބޮޑަށް ދެ އަންހެންދަރީންގެ މައްޗަށް ބާރު އޮންނާނީ ތާބާއަށް" އައްޒާމް ބުންޏެވެ.

މަންމައާއި ބައްޕަގެ ވާހަކަތައް އަޑުއަހަން އިން މައިލީން ދެފަރާތަށް ބޯހޫރާލިއެވެ. އޭނާ އެއްޗެއް ބުނަން ބޭނުންވިއެވެ. އެހެންނޫނީ މަންމަ އާއި ބައްޕަ ރަނގަޅަށްވެސް އެވާހަކަތަކުގެ ޖަޒުބާތުގެ އޮއިވަރުގައި ޖެހި ބެހިގެން މާދުރަށް ހިނގައިދާނެއެވެ.

"އޯކޭ ސްޓޮޕް އިޓް ދެން.... ބައްޕަ ނިންމާ ގޮތް އެއީ އަޅުގަނޑުމެންނަށް އެންމެ ބެސްޓް ގޮތް" މައިލީން ބުންޏެވެ.

މައިލީންގެ ބޮލުގައި އައްޒާމް ފިރުމާލިއެވެ.

****

މޯޑު އަންނަތަން ފެނުނީ ކެފޭގައި ބާޒިލް އިންނަތާ އެތައް އިރެއް ފަހުންނެވެ. މޯޑު ކައިރީގައި އިށީނުމާއެކު ބާޒިލް ޝަކުވާކުރަން ފެށިއެވެ. ވަގުތުން އަމިއްލަ ދިފާއުގައި މޯޑު ވާހަކަދައްކަން ފެށިއެވެ.

"ޒިންމާދާރު ފިރިއެއްގެ މަގާމުގައޭ މަ މިހުރީ. ވައިފް ޕްރެގްވެއްޖެ. އަނެއްކާ ދަރިއެއް އިތުރުވަނީ. އެހެންވެ ކޮންމެ ގަޑިއެއްގަ ކިހިނެއް ބޭރަށް ނިކުންނާނީ" މޯޑު ބުންޏެވެ.

"އަހަންނަށް ރީތި މަލާމާތެއް ދޯ ތިކުރީ؟ އަހަރެން މިއީ ޒިންމާދާރު ފިރިއެކޭ ނޫނީ ބައްޕައެކޭ ނޫނޭތަ ތިބުނީ" ބާޒިލް ބުންޏެވެ.

"ނޫނޭ... ހަގީގަތަށް ބުނި އެއްޗެއް މިއީ. ދެން ކިޔާދީބަލަ. ސާރާ ކޮބާ މިހާރު؟ އަދިވެސް އަންނާކަށް ނޫޅޭތަ؟ މެލެކް ކައިރިއަށް ދިޔުމުގެ ބަހަނާ ދައްކާފަ ސާރާ ދެކިލާފަ ދޯ ތިއައީ" މޯޑު އަހާލިއެވެ.

"ތިވާހަކަނުދައްކާ. ވަރަށް ވާހަކަ އެބަހުރި. ހިތަށްއަރަނީ ފަށަންވީ ކޮން ދިމާލަކުންބާއޭ" ކޮފީތަށިން ކޯވަރެއް ބޯލަމުން ބާޒިލް ބުންޏެވެ.

"ހިންޓެއްދީ. އޭރުން ބުނާނަން އެންމެ ފަސޭހައިން ފެށޭނެ ދިމާލެއް" މޯޑު ބުންޏެވެ.

"އެއްކޮޅުގަ ބޭވަފާތެރިކަން. އަނެއްކޮޅުގަ ވަފާތެރިކަން" ބާޒިލް ބުންޏެވެ.

ދެލޯ ކުޑަކޮށްލާފައި މޯޑު ބަލައިލިއެވެ. ބޭވަފާތެރިކަން ގުޅިފައިވަނީ ކޮންކަމެއް ހެއްޔެވެ؟ ވަފާތެރިކަން ގުޅިފައި ވަނީ ކޮންކަމަކާ ހެއްޔެވެ؟ ޔަގީނުންވެސް މި ދެ ކަންތައް ގުޅިފައިވަނީ ސާރާ އެވެ. ނުވަތަ މެލެކް އެވެ.

"ބޭވަފާތެރިކަމަކީ ކޮންމެ، ކޮންމެ މީހަކަށް ބަރުދާސްތު ކުރެވޭނެ ކަމެއް ނޫން. އެއީ ހިތަށް ލިބޭނެ ތަކުލީފެއް. އެހެންވީމަ ފަށާބަލަ ތަކުލީފުގެ ވާހަކަތައް. އެއަށްފަހު ވަފާތެރިކަމަކީ އުފާވެރިކަމުގެ ފެށުމެއް ކަމަށްވަންޏާ އެ ތަކުލީފުތައް މަތިން ހަނދުމަ ނެތިގެން ހިނގައިދާނެ" މޯޑު ބުންޏެވެ.

"ސާރާ، ސާރާ އަށް ދެން އިތުބާރެއް ނުކުރެވޭނެ. ދޮގެއް ހަދައިފި. ސާރާއަށްޓަކައި އަހަރެން ވަމުންމިދާ ގުރުބާނީ ސާރާ އަށް ނުވިސްނޭ. ސާރާ އަށް އިހުސާސެއްނުވޭ އަހަރެން ވި ލޯތްބެއް" ބާޒިލް ވާހަކަތައް ފެށިއެވެ. އޭނާގެ އަޑުގައި ރިހުމެއް ވިއެވެ.

"ރުޅިވީތަ؟ ވެގެން ތިއުޅޭ ކަމެއް ނިކަން ކިޔައިދީބަލަ" މޯޑު ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟