ވާހަކަ

ރުހުން ދީފާނުހޭ - 30

1

ފުން ނޭވައެއް ދޫކޮށްކުމަށްފަހު ދެކޮޅަށް އޭނާ ހިނގާލީ އަހަދުﷲ ދިން ވަގުތަށް ވުރެ ވިއްސަކަށް މިނެޓް ކުރިން އޭނާއަށް އާދެވުމުންނެވެ. ވީގޮތެއް ހުދު އޭނާއަށް ވެސް ނޭނގުނެވެ. ރޭގަނޑުގެ ކެއުމަކަށް އަހަދުﷲ ދައުވަތު ދިން ހިސާބުން ފެށިގެން އޭނާ ހުރީ ގަޑި ގުނާގުނާލައެވެ. އެހާ އަވަހަށް ތައްޔާރުވެގެން އާދެވުނު ގޮތް އޭނާ ހަނދާނެއްވެސް ނެތެވެ.

"މައިލީން..." މައިލީން ބަލައިލީ ގާތުން އިވުނު ފިރިހެން އަޑެއްގެ ސަބަބުންނެވެ.

އޭނާ ބަލައިލީ ހައިރާންވެފައެވެ. އެއްފަހަރު ބަލައިލާފައި އޭނާއަށް ނަޒަރު ބަދަލުކޮށް ނުލެވުނެވެ. އެއީ އެތައް ދުވަހަކު އޭނާ އާ ލޯބީގެގޮތުން ގުޅިގެން އުޅުނު ޒުވާނާއެވެ. ބަހެއް ކިޔަން ހަނދާންނެތިފައި މައިލީން ހުއްޓެވެ.

"ކިހިނެއްތަ؟ ކޮންއިރަކު މާލެ އައީ؟" އަރުސަލާން ބުންޏެވެ. އޭނާ ވާހަކަދެއްކި ގޮތުން މައިލީން އަކީ މީގެދުވަސްތަކެއް ކުރިން އޭނާ ފޯނުން ގުޅާ ގުޅުން ކަނޑާލި އަންހެންކުއްޖާކަން ހަނދާންނުވާ ކަހަލައެވެ.

"އަހަރެން ވަރަށް ގުޅިން. ނަންބަރު ނިއްވާލާފަ އޮންނަނީ. ވާހަކައެއް ބުނަންވެގެނޭ ގުޅީ" އަރުސަލާން މައިލީން އާ ގާތަށް ފިޔަވަޅެއް އެޅިއެވެ. އޭނާގެ ތުންފަތުގައިވީ ހިނިތުންވުމެވެ.

ސައިކަލު ޕާކުކޮށްފައި އެދިމާލަށް އައި އަހަދުﷲ ފެނުމާއެކު މައިލީން ހިނިތުންވުމެއް ދިނެވެ. ދެވަނަ ސިކުންތުގައި އަނެއްކާވެސް ބަލައިލީ ކުރިމަތީގައި ހުރި އަރުސަލާން އަށެވެ.

"އެކްސްކިއުޒް މީ" އަރުސަލާން ކައިރިން ދުރަށް ޖެހިލިއެވެ.

މައިލީން ގޮސް ހިފީ އަހަދުﷲ އަތުގައެވެ. މައިލީންގެ އެ ހަރަކާތުން އަރުސަލާން ހުރީ ހައިރާންވެފައެވެ. ފަހަތަށް އޭނާ ބަލައިލީ ގަބޫލުނުކުރެވިފައެވެ. ފެނުނު މަންޒަރުން ހިތުގައި ރެނދެއް ލެވުނު ކަހަލައެވެ. ހަގީގަތުގައިވެސް އޭނާ ވަރަށް ބޮޑަށް ދެރަވެ ހިތުގައި ޖެހިއްޖެއެވެ. ސަބަބަކަށް ނުވާ ބަހަނާއެއް މެދުވެރިކޮށް އޭނާ މައިލީން އާ ގުޅުން ކަނޑާލީ އެގޮތް ބޭނުންވެގެނެއް ނޫނެވެ. އޭނާ ބޭނުންވީ މައިލީންގެ ވިސްނުން ބަދަލުކޮށް މާލެ ގެންނާށެވެ. މައިލީންގެ އާއިލާ އޮތް ގުޅުން އެއްކޮށް ކަނޑާލާކަށް ނޫނެވެ. ކައިވެނިކޮށްގެން ދޭތެރެ ދޭތެރެއިން މައިލީންގެ ރަށަށް ދާށެވެ. އެހެންނަމަވެސް އޭނާ އަށް ކަންތައްކުރެވުނީ އެންމެ ރަނގަޅަކަށް ނޫންކަން އެނގި އަމިއްލަ ކުށް އިހުސާސްވުމާއެކު މައާފަށްއެދުމަށް އޭނާ ގުޅިއެވެ. އެހެންނަމަވެސް މައިލީންގެ ފޯނަށް ގުޅޭގޮތެއް ނުވިއެވެ.

****

ގޮނޑީގައި އިނދެވެސް މައިލީން އަށް ހަމަޖެހުމެއް ނުލިބިގެން އުޅޭހެން އަހަދުﷲ އަށް ހީވިއެވެ. ފެންތަށި އޭނާ މައިލީން އާ ކައިރިކޮށްލިއެވެ. މައިލީން ފެންފޮދެއް ބޯލިއެވެ. ދެލޯ މަރާބާރުކޮށްލުމަށްފަހު އޭނާގެ ސިކުނޑިއަށް ތުރާވަމުން ދިޔަ އަރުސަލާންގެ ތަސްވީރު ނެރެލޭވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

"ޓޭކް އިޓް އީޒީ" މޭޒުމަތީގައި އޮތް މައިލީންގެ އަތްތިލައިގައި އަހަދުﷲ އަތް ބޭއްވިއެވެ. ސިހިފައި މައިލީން ބަލައިލިއެވެ. އެއްވެސް ސަބަބަކާނުލާ މައިލީންގެ ދެލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައެވެ.

"ވަރަށް ވަރަށް އުނދަގުލުން އަހަރެން މިއަންނަނީ އޭނަ މަތިން ހަނދާންނައްތާލަމުން. އެކަމަކު މިރޭ.... ކޮބާ އޭނަގެ ބޭނުމަކީ" މައިލީން ބުންޏެވެ.

"އެކަމަކީ ތިމާ ވަރަށް ބޮޑަށް ހިއެދޭ ކަމެއްނަމަ ހަނދާން ނައްތާލުމަކީ ފަސޭހަކަމެއް ނޫން. މައި... ގޮތެއް ނީންމާނީ މައި. އޭނައަށް މައާފްކޮށްފަ އަލުން ކުރިއަށް ދާންވީނުން" އަހަދުﷲ ބުންޏެވެ.

"ތިގޮތަށް އަހަރެން ކަންތައްކުރިއްޔާ އަހަދު ހުންނާނީ އުފަލުންތަ؟" މައިލީން ކުރި ސުވާލާއެކު އަހަދުﷲ ހުއްޓުން އެރިއެވެ. އެހާ ބޮޑު ސުވާލެއް މައިލީން ކުރިމަތިކުރުމުންނެވެ. އޭނާއަށް އެއްޗެއް ނުބުނެވުނެވެ.

****

ގޭޓުން ނިކުތް އައްޒާމް ފެނި ސައިކަލު މަތީގައި އިން ބާޒިލް އަރިއަޅާލިއެވެ. ފަހަތުގައި އިން އީތަން ނުހިފެހެއްޓިނަމަ ބާޒިލް ވެއްޓި ތިރީގައި އޮތް ފެންގަނޑުން މީހާ އެއްކޮށް ނަޖިސްވީހެވެ.

"ކިހިނެއް ތިހެދީ؟" އީތަން ބުންޏެވެ.

ބާޒިލް އަށް އެއްޗެއް ނުބުނެވި އުޅެނިކޮށް އައްޒާމް ދެ ފިރިހެނުންނާ އަރާ ހަމަކޮށްފިއެވެ.

"ބޮޑުމީހާ. ކިހިނެއްތަ؟ ރަނގަޅުތަ ކަންތައްތައް" އައްޒާމް ބުންޏެވެ.

ސަލާމަށް އަތްދިއްކޮށްލުމުން އައްޒާމްގެ އަތުގައި ބާޒިލް ހިފިއެވެ. އީތަން އާ ވެސް އައްޒާމް ސަލާމްކޮށްލިއެވެ.

"ތިއީ އަހަރެންގެ ދަރިއެއްނު. އެގޭގައި ދިރިއުޅެނީ އަހަރެންނާ ގާތް މީހުން. ދުވަހަކުވެސް އެގޭ ދޮރެއް ބާޒިލް އަށް ބަންދެއް ނުވާނެ. މައުސޫމާ އާއި ޒިޔާދު ބޭރަށް ނެރެގެން ވާހަކަދައްކަނީ ކީއްކުރަން. ދޭބަލަ އެތެރެއަށް. އެއްޗެއް ބުނާނެ މީހަކު ނާންނާނެ" އައްޒާމް ބުންޏެވެ.

ބާޒިލް ބޯޖަހާލިއެވެ. އެއްޗެއް ބުނާނެ ހިތްވަރެއް އޭނާގެ ދުލަކަށް ނައެވެ. އައްޒާމްގެ ވާހަކަތައް ހުރިގޮތުން އެއީ ކާކުކަން އީތަން އެނގުނެވެ.

"ރައްޔާންގެ ކުޑަ އޮޕަރޭޝަނެއް ކުރާތީ ހޮސްޕިޓަލަށް މިދަނީ. އާދެވޭބެ އިރެއް ނޭނގޭ. މެންދުރު ކައިގެން ގެއަށް ދާންވާނީ" ބާޒިލްގެ ކޮނޑުގައި ޖަހާލާފައި އައްޒާމް ހިނގައިގަތެވެ. ގަރާޖުން ސައިކަލު ނެރެގެން ދުއްވާލަންދެން ބާޒިލް އާ އީތަން ބަހެއްނުކިޔާ ހުއްޓެވެ.

"އެއީތަ؟ އެމީހާ ނުދަންނަ މީހަކު މި ރާއްޖޭގަ ނޫޅޭނެ. ހީވެސްނުވޭ. ހާދަ ކޫލްއޭ" އީތަން ބުންޏެވެ.

"އާނ އެއީ މެލެކްގެ ބައްޕަ. އަހަންނަށް އެއްޗެއް ބުނަން ނުކެރެނީ ހަމައެކަނި އޭނަ ކުރިމަތީގަ. ވަރަށް ޝަހްސިއްޔަތެއްގެ ވެރިއެއް. ފެންނަ ފެނުމަށް ހީވަނީ ޝަހަރެއްގެ ރަސްކަލެއްހެން. މީހަކު ހުންނަ ގޮތަކުން އެމީހެއްގެ ގޮތެއް ނޭނގޭނެ" ބާޒިލް ބުންޏެވެ.

"ދެންވެސް ހިނގާ އެތެރެއަށް. ލައިސެންސް ދީފައެއްނު އެދިޔައީ" އީތަން ބުންޏެވެ.

****

ހޮސްޕިޓަލުން ދޫކޮށްލިކަން އެނގުމާއެކު މެލެކް އަށް ހީވީ ބޮޑު އުފަލެއް ލިބުނުހެންނެވެ. ވަގުތުން ދަބަހަށް އެއްޗެހި އަޅަން ފެށިއެވެ. މައިލީން އިނީ މެލެކްގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. މެލެކް ގޮވައިގެންދާން އައިސް އިނީ އެވަގުތު މައިލީން އެވެ. ފޯނުގެ ޗާޖަރު ނައްޓާލާފައި ދަބަހަށް ލާން އުޅުނު މެލެކްގެ އަތުގައި މައިލީން ހިފާލިއެވެ. މެލެކް ބަލައިލުމާއެކު މައިލީން އިށީނެވެ.

"ބައްޕަ ކާރުގަ އައިމަ އަދި މިތަނުން ނިކުމެވޭނީ" މައިލީން ބުންޏެވެ.

"އަދި ކިހާ އިރެއްވާނެތަ؟" ކެތްތެރިކަން ކުޑަވެފައި މެލެކް އަހާލިއެވެ.

"ޔާން ކައިރީގަ އިނދެފަ ދެންމެ އެދިޔައީ ގެއަށް. ބުނި ފެންވަރައިގެން މިއަންނަނީއޭ" މައިލީން ބުންޏެވެ.

"އޯކޭވާނެ. ހިނގާ ޔާން ކައިރިއަށް. ބައްޕަ އަންނަންދެން އެތާ އިނދެވޭނެއްނު. މިތަނުން ނިކުންނަން ބޭނުމީ" މެލެކް ބުންޏެވެ.

"އިހަށް މަޑުކޮށްބަލަ. މެލެކް ތެދުވަން އުޅެނިކޮށް އަނެއްކާވެސް މެލެކްގެ އަތުގައި ހިފާފައި ބޭންދިއެވެ.

"ދޮނާއަށް ދުވަހަކުވެސް ކަމެއް ކޮށްދެންޏާ ގެއަށް ދިޔުމަށްފަހު އެއްވެސް ކަމަކާ މެލީ ފިކުރު ނުކުރައްޗެ. އަމިއްލަ މީހާގެ ސިއްހަތަށް ވިސްނާނީ އަމިއްލަ މީހާ. މީހެއްގެ ފަރާތުން ކޮންމެ ވާހަކައެއް އެނގުނަސް އަޅާނުލާތި. މެލީގެ އަގުހުރި ވަގުތުތައް އެއްވެސް މީހެއްގެ ބޭކާރު ވާހަކަތައް އަހަން ހުސްނުކުރާތި. މެލީއަށް އެނގެއެއްނު. ނުބެހޭހާ ކަމަކާ މީހުން ބެހޭނެ. އަދި މި އަންހެންވެރިން ތިބޭ ތަންތަނުގަ. މިނިވަންކަމާވެސް ބެހޭނެ. ޒާތީ ދިރިއުޅުމުގެ ވާހަކަތައް ދައްކާނެ. މެލީ ނުވާނެ އެއްވެސް ކަމަކާ ވިސްނައިގެން" މައިލީން ވާހަކަދައްކަމުން ދިޔައެވެ. ކަޅިޖަހާވެސްނުލާ މައިލީންގެ ވާހަކަތައް އަހަން މެލެކް އިނެވެ. އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. އެހުރިހާ ވާހަކަތަކެއް ދޮނާ އެދައްކަނީ ކީއްވެ ހެއްޔެވެ؟ އަހަރެން ފިކުރު ކުރާނެ ކަމެއް އެބައޮތް ހެއްޔެވެ؟

"ކިހިނެއްވީ؟ އަޅުގަނޑު ބަލިތަ؟ މީހުންގެ ވާހަކަތައް އަހާނެ ހާ ހިތްވަރު އަޅުގަނޑުގެ ނެތީތަ؟" މެލެކް އަހާލިއެވެ.

"މެލީ ވެސް ތިއީ އެއްޗެއް ނުވިސްނޭހާ ކުޑަކުއްޖެއް ނޫނެއްނު. މެލީ ނޯމަލްއެއް ނޫން. ކަންތައްތަކާ ވިސްނާ މާބޮޑަށް ފިކުރުކުރީމަ މެލީގެ ބްރެއިން އަށް ވަރަށް ބާރުކުރޭ. އެވާހަކަތައް އަހާފައި ބޭރުކުރާހާ ސްޓްރޯންގެއްނޫން މެލީގެ ބްރެއިން. ކޮންމެ އިންސާނަކީވެސް އެކިކަހަލަ ބަލިމަޑުކަން ތަހައްމަލުކުރާ މީހުން. ބައެއްމީހުންނަށް ވަރަށް ބޮޑުވަރުވޭ. މެލީ ނޯމަލްއެއް ނޫނޭ މިބުނަނީ ބްރެއިން އަށް ކުރާ ބާރުގެ އަސަރު މެލީގެ އެހެން އޯގަންސްތަކަށް ކޮށްފާނެތީ. އެއީ ވުން ވަރަށް ގާތްކަމެއް. ވިސްނޭ ދޯ ދޮނާ މިބުނާ އެއްޗެއް" މެލެކްގެ މޫނުގައި މައިލީން ފިރުމާލިއެވެ.

އެއްޗެއް ނުބުނެ މެލެކް އިނީ މައިލީންގެ މޫނަށް ބަލަހައްޓައިގެންނެވެ. މައިލީންގެ ވާހަކަތަކުން އޭނާ ފާޑަކަށް ބިރުގަނެއްޖެއެވެ. ހިތުގެ ތެޅުންވެސް ކޮންމެވެސް ވަރަކަށް އަވަސްވެއްޖެއެވެ.

"ބްރެއިން... ރަނގަޅެއްނޫން ދޯ. އެހެންވެ ދޯ މި ދެފަހަރުވެސް ވާނުވާ ނޭނގޭ ދުވަސްތަކެއް ދިޔައީ. އިހުސާސްވޭ ބައެއްފަހަރު ދިރިއުޅުމުގެ ވަރަށް ބޮޑު ބައެއް ހަނދާނުގަ ނެތޭ" މެލެކް ބުންޏެވެ.

"އަނެއްކާ ތިވިސްނަންފެށީ. ހަގީގަތުގަ ތިމާގެ ސިކުނޑިއަށް ކެތްނުވާ މިންވަރަށް ވިސްނުމަކީ އެއްވެސް އިންސާނަކަށް ފައިދާހުރި ކަމެއްނޫން. ދެން ވިސްނާލާ ބްރެއިން ސްޓްރޯންގް ނޫން މީހަކަށް ވާނެވަރު. މިފަހުން މެލީ ނުކައި ހުރެގެން ލޭ ދަށަށް ދިޔުމުގެ ސަބަބުން ވަރަށް ބޮޑުވަރުވި. އެހެންވެ ރަށުން މާލެ ގެންނަން ޖެހުނީ. އެހެންވެ ޓޫ ވީކްސްއަށް ނިންދަވަން ޖެހުނީ. އެހެންވެ މިހުރިހާ ވާހަކައެއް ދޮނާ ދައްކަން މިޖެހުނީ. ދެން ތިބުނަނީ ދިރިއުޅުމުގެ ކަންތައްތަކެއް ހަނދާނުގަ ނެތްހެން ހީވެއޭ. ހަނދާނުގަ ހުންނަންޖެހޭ ހުރިހާ ކަމެއް މެލީގެ ހަނދާނުގަ އެބަހުރި. މެލީ ހަނދާނުގަ ނެތްކަމެއް ވިއްޔާ ދޮނާގެ ހަނދާނުގަވެސް ނެތް. އަދި މަންމަގެވެސް ބައްޕަގެވެސް" މައިލީން ބުންޏެވެ.

"އޯކޭ. ދެން ބަލައިގެން އުޅޭނީ. ކުޑަކޮށް ބިރުގަނެއްޖެ ދޮނާގެ ވާހަކަތަކުން. އަޅުގަނޑު ބޭނުމެއްނޫން ބްރެއިން މަރުވާކަށް. އަދި ބައިވަރު ކަންކަން ކުރަންޖެހޭ. ލޫލުގެ މަންމަވެސް ހޯދަންޖެހޭ. ދެން ހިނގާ ޔާން ކައިރިއަށް" މެލެކް ބުންޏެވެ.

"ތިހެންވިއްޔާ ދޮނާ މިދެއްކި ވާހަކަތައް އަބަދުވެސް ހަނދާނުގަ ބަހައްޓާނެކަމަށް ވައުދުވޭ" މައިލީން އަތްދިއްކޮށްލިއެވެ. އެ އަތުގައި މެލެކް ހިފާލިއެވެ. އޭނާ ވައުދުވިއެވެ. ބަރާބަރަށް ބޭސްތައްވެސް ކާނެ ކަމަށް ބުންޏެވެ.

"ލެޓްސް ގޯ" މައިލީން ބުންޏެވެ.

މައިލީން ހިނގަމުން އައީ މެލެކްގެ ފަހަތުންނެވެ. އޭނާ ހިތްހަމަޖެހިއްޖެއެވެ. މެލެކް ކައިރީގައި އޭނާ އެވާހަކަތައް ދެއްކީ އަހަދުﷲ އެގޮތަށް އެންގުމުންނެވެ. ޑޮކްޓަރަކު ކައިރީގައި އިނދެގެން އެވާހަތައް ދެއްކިނަމަ މާބޮޑަށް މެލެކް ބިރުގަތީހެވެ. މައިލީން އަކީ ޑޮކްޓަރެއް ނަމަވެސް އެއީ މެލެކްގެ އެއްބަނޑު އެއްބަފާ ދައްތައެވެ. މައިލީން އެވާހަކަތައް ދެއްކުމާ އަހަދުﷲ ދެއްކުމާ ހާސްބައި ތަފާތެވެ. މައިލީން މެދުވެރިކޮށް އެވާހަކަތައް ދެއްކުވީ އެހެންވެއެވެ. މެލެކްގެ ސިކުނޑިއަށް ނަގައިގަނެވޭނެހެން އެވާހަކަތައް ދެއްކީ މެލެކް އަށް ރަނގަޅަކަށެވެ. މެލެކް އަށް އާދައިގެ އިންސާނަކު ދިރިއުޅޭގޮތަށް އަދި އުޅެވެން ނެތްކަން އޭނާއަށް އެނގެން ޖެހެއެވެ.

****

ރައްޔާނަށް މެލެކް ފެނުމާއެކު ހީވީ ހަށިގަނޑަށް އަޅަމުންދިޔަ ވޭން އެއްކޮށް ފަސޭހަވެގެން ދިޔަ ހެންނެވެ. ދެފައި މައްޗަށް މެލެކް ކޮޅަށް ހުއްޓާ ފެނުމުން ރައްޔާނަށް ހެއްދެވިފަރާތަށް ޝުކުރުކޮށްލެވުނެވެ. މެލެކްގެ ތުންފަތުގައިވި ހިނިތުންވުން ދުވަހަކުވެސް ފަނޑުކޮށްނުލެއްވުމަށް އެދި ދުއާކޮށްލެވުނެވެ. އޭނާގެ ދެލޮލަށް ޖަމާވި ކަރުނަތައް މެލެކް އާ މައިލީން އަށް ފެނުމުގެ ކުރިން ހިނިތުންވުމަކުން އޭނާ ހިންދާލިއެވެ.

"ކީއްވެ ފާޑަކަށް ތިބަލަނީ؟" ރައްޔާން އޮތް އެނދު ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން މެލެކް ބުންޏެވެ.

"އުފަލުން. ސީރިޔަސްކޮށް. މެލީ ދެން އުޅެންވާނީ ވަރަށް ބަލައިގެން. ރަށު މީހުން ދައްކާ ކޮންމެ ވާހަކައަކަށް ތިމާގެ ކަންފަތް ދިއްކުރުމުގެ ބޭނުމެއްނެތް" ރައްޔާން ބުންޏެވެ.

"ޔާން ވެސް ހަމަ އެވާހަކަ" ކުޑަދޮރު ކައިރީގައި ފޯނެއްގައި ހުރި މައިލީން އަށް ބަލައިލަމުން މެލެކް ބުންޏެވެ.

"ދެތިން ދުވަސްތެރޭގަ ދޫކޮށްލާނެ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ގެއަށް ދެވޭނެ. މެލީ ބޭނުމިއްޔާ އަހަރެންގެ ރޫމު ނިދާލަން ދީފާނަން އަހަރެންނަށް ދެވެންދެން" ރައްޔާންގެ އަޑުގައިވީ ސަމާސާއެވެ. މެލެކް އަށް ހެވުނެވެ. އެގެއިން އެންމެ ހިތްފަސޭހަ ކޮޓަރި ހުންނަނީ ރައްޔާނަށް ދީފައެވެ. އެއީ ރައްޔާން ހަމައެކަނި ފިރިހެންދަރިއަށް ވީމައެވެ. މެލެކް އާ މައިލީންގެވެސް ރުހުމުގައެވެ. މެލެކް ހަނދާނުގައި ހުއްޓެވެ. ބޭސްފަރުވާއަށް ފަހު މާލްކެ އައިސް އޭނާ ރައްޔާން އަތުން ކޮޓަރި ހޯދަން އުޅުނު ގޮތެވެ. ހެވުނީ އެހެންވެއެވެ.

"ނުބޭނުން މިފަހަރު" މެލެކް ބުންޏެވެ.

ރައްޔާނަށް ހެވުނެވެ.

"ކޮން ނުބޭނުމެއް. ބޭނުމެއްނޫނޭ ބުނާނީ" ރައްޔާން ބުންޏެވެ.

"ވަޓް އެވަރ. ލޫލު މޫނުކޮޅު ނުފެންނަ ހިސާބެއްގަ އެންމެ ސުކުންތަކުވެސް ދެން ހުންނާކަށް ބޭނުމެއްނޫން" މެލެކް ބުންޏެވެ.

"އެހެންނޫނަސް ޔާންދެކެ ރުޅިވެސް އައިސްފަ މިހުރީ. ޔާން ނޫނީ ނެތޭ އަހަންނަށް ގޮވާލަން ނާންނަ މީހެއް މުޅި ރަށުގަވެސް" މެލެކް ބުންޏެވެ.

"ހެހެހެ... މެލީ އަށް އިހުސާސްވެސް ނުކުރެވޭނެ އެހާލުގަ މެލީ އޮށްވަ ފެނިފަ އަހަންނަށް ވީވަރު. މެލީގެ މައިންބަފައިންނާ ދޮނާ ނަގާފަ އަހަރެން ނޫނީ މެލީއަށްޓަކައި ކަރުނައެޅި މީހަކު ނުހުންނާނެ. އެހެން ބަޔަކު ކަރުނައެޅީމޭ ބުންޏަސް އަހަރެން ގަބޫލެއްވެސް ނުކުރާނަން. ކުރި ކޮންމެ ނަމާދެއްގެ ފަހަތުގައި ދުއާކުރިން. ތިގޮތަށް ހެވިފަ މެލީ މިއަދު އަހަރެން ކުރިމަތީގައި އިނުމުން އަހަންނަށް އެނގުނީ އެންމެ އެއްޗެއް. ހެއްދެވިފަރާތުން އަހަރެންގެ ދުއާވެސް އިޖާބަކޮށްދެއްވައިފިކަން" ރައްޔާން ވާހަކަދެއްކިއެވެ.

"ޝްޝްޝް..." މެލެކް އަޑެއް ލައްވާލިއެވެ. "ތިކަހަލަ ވާހަކަދެއްކީމަ ޔާންގެ އޭނަ ރުޅިއަންނާނެ" މެލެކް ބުންޏެވެ.

ރައްޔާން ދެއްކި ވާހަކަތަކުގެ ހަގީގީ މާނަ ނަގައިގަނެވުނީ މައިލީން އަށެވެ. ރައްޔާންގެ ހިތުގައި މެލެކް އަށް ލޯބި މައިލީން އަށް އިހުސާސް ކުރެވުނެވެ.

"ބައްޕަ އެގުޅީ. ލެޓްސް ގޯ" މައިލީން ބުންޏެވެ.

"ވެއިޓް ކުރާނަން ޔާން އަށް" ނިކުންނަމުން މެލެކް ބުންޏެވެ.

****

ގަޑިން ރޭގަނޑު ދިހައެއް ޖަހައިފިއެވެ. އީތަން އެސައިމަންޓެއްގެ މަސައްކަތެއްކުރަން ކޮޓަރީގައި އިނެވެ. އެނދުގައި އޮށޯވެގެން ބާޒިލް އޮތެވެ. އޭނާ މިއަދު ހަމަޖެހުމެއް ނުލިބިގެން އެ އުޅެނީ ފެނުނު މަންޒަރެއްގެ ސަބަބުންނެވެ. ހިތާއި ސިކުނޑިން އެމަންޒަރުތައް ނެރެލަން އުޅެއުޅެ އޭނާއަށް އެކަމެއް ނުވިއެވެ. އެންމެފަހުން އޭނާ އެނދުން ތެދުވެގެން ދެކޮޅަށް ހިނގަން ފެށިއެވެ.

"ކޮންކަމެއް ލައިގަނެގެން ތިއުޅެނީ؟" އީތަން އަހާލިއެވެ.

"ފޫހިވެގެން" ބާޒިލް ބުންޏެވެ.

"ފޯނު ތިއޮތީނު. މެޗު ފަށައިފާނެ މިހާރު" އީތަން ބުންޏެވެ.

ފޯނު ހިފައިގެން ބާޒިލް ނިކުތީ ސިޓިންގރޫމަށެވެ. އޭނާ ގުޅީ ޒޭބާ އަށެވެ.

"ކޮންއިރަކު ފުރަނީ؟" ބާޒިލް އަހާލިއެވެ.

"އަދި ނޭނގެ. ކިހިނެއްވީ؟" ޒޭބާ ބުންޏެވެ.

މާބޮޑަށް ހިތްއަވަސްވެއްޖެކަން ބާޒިލް އަށް ވިސްނުނެވެ. ރަށަށް ދާން އޭނާ ބޭނުންވަނީ ކާކަށް ފިލަންބާއޭ ހިތަށް އެރިއެވެ. އޭނާ އަމިއްލަ ހިތާ ސިކުނޑި އާ ސުވާލުކޮށްލިއެވެ. ފާއިތުވެގެންދިޔަ ވަގުތެއް އަނބުރާ އިއާދައެއް ނުވާނެއެވެ. މާލެއިން ފުރައިގެން ދިޔަސް އެއީ ހަމަ ހަގީގަތެވެ. ނިދާފަ އޮށްވަ ފެނުނު ހުވަފެނެއް ނޫނެވެ.

"އޮފީހުން ގުޅާވަރުން. މަންމަމެން ކޮބާ؟ އަހަރެން ވާހަކަދައްކާލަން ބޭނުން" ބާޒިލް ބުންޏެވެ.

"އެބަތިބި ބޭރުގަ ވާހަކަދައްކަން. އެކަކުވެސް އަދި ނިދާކަށް ނުވަދޭ. ޒެއްލު ޕްލީޒް މަންމަ އޯކޭވެފަ ހުއްޓަސް އަދިވެސް ބައްޕަ ޒެއްލުދެކެ ހުރީ ހިތްހަމަނުޖެހިފަ. މިކަހަލަ ދަނޑިވަޅެއްގައި ރަށަށްދާ ވާހަކައެއް ނުދައްކާތި. މަންމަ އާ ބައްޕައަށް ވަގުތުދީ. އަނެއްކޮޅުން ލޫލު އާ އެއްކޮށް އަދި މެލީއަށް ސައްވިސް ގަޑިއިރުވެސް ހޭދަކޮށްނުލެވޭ. މިގޭތެރެއަށް ވެރިވެފައި އޮތީ ވަރަށް އުފާވެރި މާހައުލެއް. މަދީ ހަމައެކަނި ޒެއްލު. އެ ހުސްކަން އަހަންނަށް މަންމަ އާ ބައްޕަގެ ދެލޮލުން ފެނޭ" ޒޭބާ ވާހަކަދެއްކިއެވެ.

"ކޫ ހިނގާބަލަ އަހަންނާއެކު" ބާޒިލް ބުންޏެވެ.

"ކޮންތާކަށް. މިގަޑީގަ ކިހިނެއް ދާނީ" ޒޭބާ ބުންޏެވެ.

"ބޯހަމަޖައްސާލަން. ދޮންތަބެ ގޮވައިގެންދެވޭކަށް ނެތް. ތައްޔާރުވެގެން ނިކުމޭ. މިދަނީ" ބާޒިލް ބުންޏެވެ.

"އިހަށް މަޑުކޮށްލާ. ކޮންތާކަށް ދާނީ" ޒޭބާ އަހާލިއެވެ.

"ދެން ސުވާލުނުކޮށް ތައްޔާރުވެބަލަ. ދުއްވާލަން ދާނީ. ގެއަށް އަންނާނީ ކުރުނބައެއްވެސް ބޯލައިގެން" ބާޒިލް ބުންޏެވެ.

****

މައިލީން މަޑުމަޑުން ދޮރުހުޅުވާލާފައި ބަލައިލިއެވެ. މެލެކް އޮތީ ގަދަ ނިދީގައިކަން އޭނާއަށް ޔަގީންވިއެވެ. މެލެކްގެ ހޫނުކަން އިހުސާސްވާހާ ގާތުގައި ލޫލު އޮތެވެ. މައިލީން އެތެރެއަށް ވަދެ ޔަގީންކުރިއެވެ. އަދި އެގާރަވެސް ނުޖަހައެވެ. ބޭސް ބަދަލުވެގެން ދިޔުމުން މެލެކްގެ ހަށިގަނޑަށް ލިބޭ ތަކުލީފުތައް ކުޑަވާނެއެވެ. ވަކިން ހުރި އެނދަކީ މައިލީންގެ އެނދެވެ. ވަކި ކޮޓަރިއެއް މެލެކް ބޭނުންވިޔަސް މައިލީން އެގޮތަށް އެއްބަސްނުވިއެވެ. އަނެއްކާވެސް އޭނާ ދޮރުލައްޕާލާފައި ބޭރަށް ނިކުތެވެ. މަޑުމަޑުން ހިނގާފައި އައިސް އޭނާ ވަނީ މަންމަ އާ ބައްޕަގެ ކޮޓަރިއަށެވެ.

"ނިދައިފިތަ؟" އައްޒާމް އަހާލިއެވެ.

މައިލީން ބޯޖަހާލިއެވެ.

"ލޫލުވެސް އެބައޮތް މެލީ ބަނޑު ދޮށުގަ. ވަރަށް ލޯބިކޮށް ދެކުދީން ތިބީ" މައިލީން ހިނިތުންވެލަމުން ބުންޏެވެ.

އައްޒާމް އަތް ދިއްކޮށްލުމާއެކު މައިލީން އެ އަތުގައި ހިފިއެވެ. އޭނާ މައިލީން ބޭންދީ އޭނާ އާ ތަބައްސުމް އާ ދެމެދުގައެވެ.

"ދެން ކިޔާބަލަ މަންމަ އާ ބައްޕަ ކިޔަން ތިއުޅޭ އެއްޗެއް" މައިލީން ބުންޏެވެ.

"ރައްޔާން ހޮސްޕިޓަލުން ދޫކޮށްލަން އަދި ދެ ދުވަސްވަރު ވާނެ. ބައްޕަ މި ވިސްނަނީ ދަރިފުޅުމެން މަންމަ އާ އެކު ރަށަށް ފޮނުވަން. ބައްޕައަށް ދެވޭނީ ރައްޔާން ދޫކޮށްލީމަ އޭނަ ގޮވައިގެން" އައްޒާމް ވާހަކަދެއްކިއެވެ.

"އެންމެރަނގަޅު. އެކަމު މައުސޫމާއްތަ މިތާ ތިބީމަ އެމީހުން ފުރާ ދުވަހެއްވެސް ބަލާލާފައެއްނު އަޅުގަނޑުމެން ދާންވާނީ. ކުރިން އަޅުގަނޑުމެން ފުރައިގެން ދިޔައިމަ އެހާ ރަނގަޅެއް ނުވާނެއްނު" މައިލީން ބުންޏެވެ.

"ބައްޕަ ނިންމުމެއް ނިންމާނީ ހުރިހާ ގޮތަކަށް ވިސްނާފަ. މެލެކް އާ ބާޒިލް ގުޅުމެއް ދުވަހަކު ނުބޭއްވިޔަސް އެ އާއިލާ އަށް ބައްޕަގެ ދެއަތުން ގޮތެއް ނަހަދާނަން. ދަރިފުޅުމެންނާއެކު އެ އާއިލާ ދާނެ. އެހެންވީމަ ދަރިފުޅުމެން ކުރަން ބޭނުންވާ ވިޔަފާރިއެއްކޮށް ނިންމާ. މާދަމާ ޓިކެޓްގެ ކަންތަކުގަ ބައްޕަ އުޅޭނަން" އައްޒާމް ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟