ވާހަކަ

ރުހުން ދީފާނުހޭ - 29

2

"ބައްޕަ އަންނާނަން ފިހާރައަށް ގޮސްލާފަ. ދަރިފުޅު އެއްޗެއް ބޭނުންތަ؟" އައްޒާމް އަހާލިއެވެ.

"ބައްޕާ. ސައްވިސް ގަޑިއިރު ވަންދެން މެލީ އަށް ދޭންޖެހޭނީ ފްރެޝް ފުރުޓުގެ ޖޫސް. ނޫނީ ކުޅިނުކޮށް ކޮންމެސް ތަރުކާރީއެއްގެ ސޫޕެއް" މައިލީން ބުންޏެވެ.

"އަޅުގަނޑު ބޭނުމީ ބެރީސް" މެލެކް ބުންޏެވެ.

ކޮޓަރި ދޮރުހުޅުވާލި އަޑު އިވުމާއެކު ފާރުގައި ލެގިލައިގެން ހުރި ބާޒިލް ދިޔައީ ސިހިގެންނެވެ. އައްޒާމް އާ ހަތަރުކަޅި ބައްދަލުވުމާއެކު ބާޒިލް އިސްޖަހާލިއެވެ. ދުރަށް ހިނގައިގަންނަންވީ ކަމެއް ނުވަތަ ކޮޓަރިއަށް ވަންނަންވީކަމެއް ނޭނގިފައި އޭނާ ހުއްޓެވެ. އައްޒާމް ފުރަތަމަ ހިތަށް އެރީ ބަހެއްނުކިޔާ ދާށެވެ. އެހެންނަމަވެސް އެއީ އޭނާގެ މިޒާޖެއް ނޫންކަން ހަނދާންވުމާއެކު ބާޒިލް އަށް ބަލައިލިއެވެ. ބާޒިލްގެ މޫނުމަތިން އޭނާއަށް ފެނުނީ ކުރެވުނު ކަންތަކާ ބާޒިލް ލަދުގަނެފައި ހުރިކަމުގެ ނިޝާންތަކެވެ.

"ކިހިނެއްވީ ބޭރުގަ. އެތެރެއަށް ވަދެލާ. މެލެކް ލޮލުން ދެކިލަން ބޭނުމިއްޔާ ދެކިލާ. އެއްވެސް މީހަކު ހުރަހެއް ނާޅާނެ" އައްޒާމް ބުންޏެވެ.

ބާޒިލް އިސްއުފުލާލުލަށްފަހު އައްޒާމް އަށް ބަލައިލިއެވެ. އެހިނދު އައްޒާމް ބޯޖަހާލިއެވެ. އައްޒާމް ހިނގައިގަތީ ބާޒިލްގެ ކޮނޑުގައި ޖަހާލާފައެވެ. ބާޒިލް އަށް އެތެރެއަށް ވަންނާކަށް ނުކެރުނެވެ. މެލެކް އެތެރޭގައި އެކަނި އޮތްނަމަ ފަހަރެއްގައި އޭނާ އެތެރެއަށް ވަނީހެވެ. އޭނާ އިތުރަށް ދޮރާ ގާތަށް ޖެހިލިއެވެ. އޭނާގެ ދެ ކަންފަތް އިންތިޒާރުކުރަމުން ދިޔައީ މެލެކް ވާހަކަދައްކާލާ އަޑު އަހާލާހިތުންނެވެ. އޭނާއަށް ނޭނގި ނަމަވެސް މަޑުމަޑުން ހިތް ބަދަލުވާން ފަށައިފިއެވެ.

****

އިޝާނަމާދަށް ގޮވަން ހުރީ ދެތިން މިނެޓެވެ. ތަބައްސުމް ވުޟޫކޮށްގެން ނިކުތްއިރު ކޮޓަރީގައި އައްޒާމް ނެތެވެ. އޭނާ މިސްކިތަށް ދިޔައީކަން ތަބައްސުމް އަށް އެނގުނެވެ. ރީތިވާ މޭޒުގެ އެއްފަރާތުގައި އޮތް މުސައްލަ ހިފައިގެން އައިސް އޭނާ ފަތުރާލިއެވެ. ނަސީބަކުން އިޝާނަމާދަށް ގޮވުމުގެ ކުރިން އޭނާއަށް މަޣްރިބް ނަމާދު ކޮށްލެވުނެވެ. ކޮޓަރިން ނުނިކުމެވިގެން އުޅެނިކޮށް އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. އޭނާ ބަލައިލިއިރު ފޯނަށް އަރާފައި އިން ރައްޔާންގެ ނަން ފެނުނެވެ. ތަބައްސުމް ހައިރާންވިއެވެ. ރައްޔާނަކީ މީގެކުރިން އެއްފަހަރުވެސް އޭނާއަށް ގުޅި ކުއްޖެއް ނޫނެވެ. ކަމެއް ބޭނުންވިއްޔާ އަބަދުވެސް ގުޅާނީ މައިލީންގެ ފޯނަށް ނުވަތަ މެލެކްގެ ފޯނަށެވެ. ފޯނު ނަގާފައި ކަންފަތުގައި ޖައްސައިލަމުން އޭނާ އެނދުގައި އިށީނެވެ.

"ސޮރީ ދައްތައަށް މިގުޅީ ބޭބެ ފޯނު ނުނަގާތީ. ވަރަށް ގިނައިން ގުޅައިފިން" ރައްޔާން ބުންޏެވެ.

"މިސްކިތުން އަދި ގެއަށް ނާދޭ. ހާދަ އެހެންކަހަލަ ގޮތަކަށް ތިވާހަކަދައްކަނީ. ކަމެއް ގޯސްވީތަ؟" ތަބައްސުމް އަހާލިއެވެ.

"ކުއްލިއަކަށް މާލެދާން ޖެހިއްޖެ" ރައްޔާން ބުންޏެވެ.

"އަނެއްކާ ކިހިނެއްވީ؟" ތަބައްސުމް އަހާލިއެވެ.

އެއީ މިސްކިތުން އައިސް އައްޒާމް ކޮޓަރިއަށް ވަތް ވަގުތެވެ. ތަބައްސުމް ބަލައިލިގޮތުން އައްޒާމް އައިސް ކައިރީގައި އިށީނެވެ. ތަބައްސުމް ފޯނު އައްޒާމަށް ދިއްކޮށްލިއެވެ. ރައްޔާންކަން އެނގުމުން އައްޒާމް ފޯނު ސްޕީކަރު އޮންކޮށްލިއެވެ.

"ރައްޔާން، ކިހިނެއްވީ؟" އައްޒާމް އެހިއެވެ.

"ސީނެއްގަ އުޅެނިކޮށް ވަރަށް ބޮޑު އަނިޔާއެއްވެއްޖެ. ދޮރެއް ފަޅާލަން އުޅުމުގެ ތެރޭގައި ފައިގެ ފަލަ މަސްގަނޑަށް ދަގަނޑެއް ވަދެގެން. ހޮސްޕިޓަލުގަ އެޑްމިޓްކޮށްފަ މިއޮތީ. އެހެންވެ މިއަދު ގޭގެ މަސައްކަތް ބަލާލަންވެސް ނުދެވުނު" ރައްޔާން ބުންޏެވެ.

"ޔާރައްބީ. ތިއީ ކޮންއިރަކު ހިނގި ކަމެއް؟" އައްޒާމް ކޮޅަށް ތެދުވިއެވެ. ރައްޔާނަށް އެވަރުގެ އަނިޔާއެއް ވުމުން އޭނާ ކަންބޮޑުވިއެވެ. އެވަރުގެ ބޮޑު އަނިޔާއެއް ރައްޔާނަށް ވިއިރު އޭނާ ދުރުގައި ހުރީތީ ދެރަވެސްވެއްޖެއެވެ.

"ހެނދުނު. ލޭ ނާރަކަށް ދަގަނޑު ވަދެފަ ހުރިކަމަށް މިކޮޅުން ބުނީ. މާލެދާން ބުނީ. ފުލުހުންގެ ހަރަދުގަ މާލެ ގެންދަން އުޅެނީ" ރައްޔާން އިތުރަށް ކިޔައިދިނެވެ.

"އަދިކިރިޔާތަ ރައްޔާނަށް އަހަންނަށް ހަބަރުވާން އެނގުނީ. އަހަރެންނަކީ އެއްވެސް މީހެއް ނޫންދޯ" އައްޒާމްގެ އަޑު ބެދުނެވެ.

"މެލީގެ ކަންތަކުގަ ބޭބެ ހާސްވެފައި ހުންނާތީ އިތުރު ކަމަކާ ވިސްނަން ނުޖައްސަންވެގެން. އަނެއްކޮޅުން ގޭގެ...."

"ގޭ މަސައްކަތްތައް ބަލަހައްޓަން އަހަރެން ރައްޔާނާ ހަވާލުކުރީކީ ތިއީ އަހަރެންގެ ނޯކަރަކަށް ހަދާފައެއްނޫން. ރައްޔާން ތިއީ މަގޭ ދަރިއެއް. ތިއީ އަހަންނާ ޝަކީލާ ހަވާލުކޮށްފައިވާ އަމާނާތެއް. މިއަދާ ހަމައަށްވެސް އަހަރެން ތި އަމާނާތަށް ހިޔާނާތެއްނުވަން. ރައްޔާން ތިގޮތަށް ކަންތައް ތިކުރީ ކޮންކަމެއް ސާބިތުކޮށްދޭން. އުފަން ދަރިންނަށް ހިދުމަތްކޮށްދޭން ޖެހުމުން އަހަރެން އެހެން ހުރިހާ ޒިންމާތަކުން ހަނދާނެއްނުނެތޭ... ރައްޔާން ތިއީ މަގޭ ދަރިއެއް... ބޭބެ މިއަދު ވަރަށް ދެރަވެއްޖެ" ކުޑަދޮރު ކައިރީގައި ހުރެ އައްޒާމް ވާހަކަދައްކަމުން ދިޔައިރު ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ތަބައްސުމް އަށް ފެނުނެވެ.

"ސޮރީ ބޭބޭ. ވަރަށް ބޮޑަށް ސޮރީ" ރައްޔާން ބުންޏެވެ.

ފޯނު ކަނޑާލާފައި އައްޒާމް އައިސް އިށީނީ އެނދުގައެވެ. ތަބައްސުމް މަޑުމަޑުން ހިނގާފައި އައިސް އައްޒާމް ކައިރީގައި އިށީނެވެ. ބަހެއް ނުކިޔައެވެ.

"ގަބޫލުކުރަން އަހަންނަކީ ރަނގަޅު މީހެއް ނޫންކަން. ހަޔާތުން ފާއިތުވެގެން ގޮސްފައިވާ ދުވަސްތަކުގައި އިންސާނަކަށް ވީތީ އަހަންނަށްވެސް ހުރީ ގޯސްހެދިފަ. އެކަމަކު އަހަރެން ދުވަހަކުވެސް ތާބާ އަށް ވެސް ޝަކީލާ އަށް ވެސް ބޭވަފާތެރިނުވަން. އަހަރެން އަބަދުވެސް ލޯބިވި މީހަކީ ތާބާ. ޝަކީލާ އަކީ އަހަރެންގެ މަޖުބޫރީ. އެ ދަތުރުގައި އަހަންނަށް އިތުރު ކައިވެންޏެއް ކުރަން މަޖުބޫރުކުރީ ބައްޕަ. ޝަކީލާގެ ބައްޕަ އަތުން ބައްޕަ ނަގާފައި އޮތް ބޮޑު ލޯނެއްގެ ބަދަލުގަ. ބައްޕަ ފައިސާއަށް ފައިސާ ދޭން ބޭނުންވިޔަސް ޝަކިލާގެ ބައްޕަ ބޭނުންވީ އެހެންކަމެއް. އަހަރެންގެ ޝަކިލާ އާ ކައިވެނިކުރުން. އަހަރެން ދެކޮޅުހެދިން. ރުޅިހަދައިގެން ގެއިން ފިލައިގެން ގޮސް ރިސޯޓެއްގައި ހަފްތާއެއްހާ ދުވަހު ހުރިން. ބައްޕަދެކެ ރުޅިއައިސްގެން ގެއިން ދިޔައިރު ދިޔައީ ފޯނާ އަތުގަ އޮތް ވޮލެޓާ ބައްޕަގެ ފަރާތުން އަހަންނަށް ލިބިފައި ހުރި ހުރިހާ އެއްޗެއް ގެއަށް ދޫކޮށްލާފަ. ބައްޕަ އެކްސިޑެންޓްވެގެން ހާލު ދެރަވެގެން އުޅޭކަން އަހަންނަށް އެންގީ ރިސޯޓުން. އަހަރެން ވަގުތުން ދިޔައިން. އޭގެފަހުން ބައްޕަ ދުނިޔޭގައި އޮތީ ދެ ދުވަހު. އެ ދެދުވަހު އަހަންނާ ވާހަކަދެއްކީ މަދުފަހަރަކު. އެ މަދުފަހަރުވެސް ބައްޕަ އެދުނީ ހަމަ އެއްކަމަކަށް. އަހަންނަށް މަޖުބޫރުވީ އެގޮތަށް. ޝަކީލާ އަކީ ރީތި އަންހެނެއް. އެކަމަކު އަހަރެންގެ ހިތެއް އޭނާއަށް ނުހޯދުނު. އަހަރެން ޝަކީލާ އަށް އޯގާތެރިވީން. ޝަކީލާބެ ކުރީގެ ކައިވެންޏަށް ލިބިފައި ހުރި ފިރިހެން ދަރިފުޅަށް ބަފައެއްގެ ލޯބި ހޯދައިދިނީން. ތާބާ އަކީ ކާކުކަން އަހަރެން ޝަކިލާއަށް ބުނެދިނީން. އަދި އަހަންނަށް މިކުރެވުނު ކަންތަކުގެ ސަބަބުން ތާބާ އަހަންނާ ގުޅުން ކަނޑާލައިފި ކަމުގައިވެސް ބުނިން. މަރުގެ ތުންފަތްމައްޗަށް ޝަކީލާ ދިޔައީ އަމާނާތެއްގެ ގޮތުގައި އަހަންނަށް ރައްޔާން ހަވާލުކޮށްފަ. މިއަދާ ހަމައަށްވެސް އަހަރެން މައިލީން އާއި މެލެކް ފަދައިން ރައްޔާނަށް ހިދުމަތްކޮށްދިނިން. އަދި އުފަން ދެ ދަރީންނަށް ވުރެވެސް ގިނަ ވަގުތުދީގެން އަހަރެންގެ ހިތާ އެންމެގާތުން ގެންގުޅުނީ ރައްޔާން. ﷲ އަށްޓަކައި ތެދެއް މިބުނަނީ. އެއީ އަހަރެންގެ ހުރި ހަމައެކަނި ފިރިހެން ދަރި. ރައްޔާނާ މެދު އަހަރެން އަބަދުވެސް ފަހުރުވެރިވަން. އަހަރެން ކައިރީގައި ނުބުނެ މިހާތަނަށްވެސް އެއްވެސް ކަމެއް ކޮށްފައެއްނެތް. ތާބާ އަށް އެނގޭތަ! ރައްޔާނަށް އަހަރެމެންގެ މެލީ ކަމުދާ ވާހަކަވެސް އަހަރެން ގާތު ބުނި. އެހާ ގާތްކޮށް އަހަންނާ މެދު އޭނަ ދެކުނީ. އެކަމަކު ބަލާބަލަ މިއަދު އޭނަ ކަންތައްކުރި ގޮތް. އަހަރެން އެއްވެސް މީހަކަށްނުވި. އެވަރުގެ ކަމެއް އޭނާއަށް ދިމާވިއިރު އެންމެ ގާތުގަ ހުންނަންޖެހޭ މީހަކީ އަހަންނެއް ނޫންތަ؟ އަހަރެން ވަގުތުން ފުރައިގެން ދިޔައީމުސް. އަހަރެން އާއިލާ ފުރިހަމަވާނީ ރައްޔާނާވެސް އެކު ކަން އޭނާއަށް އެނގޭނެ. އެންމެން އަހަރެން ދުރުކޮށްލި ފަދައިން ރައްޔާންވެސް....."

ނޭފަތް ފޮޅާލަން އައްޒާމް ވަނީ ފާހާނއަށެވެ. އިސްޖެހިފައި ތަބައްސުމް އިނެވެ. އައްޒާމްގެ ހިތުގެ ޝަކުވާތައް އޮށްސާލުމާއެކު ތަބައްސުމްގެ ހިތަށް ވަރަށް އަސަރުކޮށްފިއެވެ. ހަގީގަތް ނުބަލާ އޭނާއަށް ވެސް އިސްކުރެވުނީ ރުޅިއެވެ. ކިޔުނީ އެއްޗިއްސެވެ. ކުއްލިއަކަށް އައްޒާމް ދުރުވި ސަބަބު ހޯދުމުގެ ބަދަލުގައި އިސްކުރެވުނީ އަމިއްލަ އެދުމެވެ. އަސަރުކުރަނީ ހަމައެކަނި އަންހެނުންގެ ހިތަށް ނޫންކަން މިއަދު ތަބައްސުމް އަށް އިހުސާސްވިއެވެ. އައްޒާމް އައިރު ތަބައްސުމް އިނީ ރޮވިފައެވެ. ކަރުނަތައް އައްޒާމަށް ސިއްރުކުރަން ތަބައްސުމް މަސައްކަތް ކުރިޔަސް އެކަމެއް އޭނާއަށް ނުވިއެވެ.

"ކިހިނެއްވީ؟ އަހަންނަށް ގޯސް އެއްޗެއް ބުނެވުނީތަ؟ މިދެއްކި ވާހަކަތަކުން ތާބާ ހިތުގައިޖެހި ދެރަވާފަދަ އެއްވެސް އެއްޗެއް އަހަންނަށް ބުނެވިފައިވާނަމަ މަޢާފަށްއެދެން. ތާބާ ތިހެން ރޯތަން ބަލާކަށް އަހަންނަށް ކެތެއްނުވާނެ" އައްޒާމް ބުންޏެވެ.

"ނޫން. އައްޒާމް މަޢާފަށް އެދޭނެ ކަމެއް ނެތް. ހުރިހާ ފަހަރަކު ކުށްވެރިޔަކަށް އައްޒާމް ވާކަށް ނުޖެހޭ. އަހަރެންވެސް މިއީ ކުށްވެރިއެއް" ތަބައްސުމް ބުންޏެވެ.

"ތިހެން ނުބުނޭ. އަހަރެން ހިތް ތާބާ އަށް ވަރަށް ސާފު. އަހަރެން ހިތާފުރާނައިން މިއަދުވެސް ތާބާދެކެ ލޯބިވަން" ތަބައްސުމްގެ އަތްތިލައިގައި ހިފާލަން އުޅުނެވެ. އެކަމަކު އޭނާއަށް ނުކެރިފައި އަތް ތިރިކޮށްލިއެވެ.

"ރައްޔާން... ޔާން... އެކުއްޖާ އެގޮތަކަށް ކަންތައްއެކުރީ އަހަރެންގެ ސަބަބުން ކަންނޭނގެ. މިދިޔަ ދުވަސްތަކުގައި އަހަންނަށްވެސް އެކުއްޖާ އާ މެދު ކަންތައް ކުރެވިފައިވަނީ މާރަނގަޅަކަށް ނޫން. އެހެންއެވީ ސަބަބެއްނެތިއެއްވެސް ނޫން" ތަބައްސުމް ބުންޏެވެ. "އައްޒާމް ފުރަންވީނުން. ރައްޔާން ގޮވައިގެން އާދޭ. އެކުއްޖާގެ ކަންކަން ބަލަހައްޓަންޖެހެނީ ފުލުހުންނެއް ނޫން. އެއީ އަޅާލާނެ އެއްވެސް ޔާރެއް އިޔާރެއް ނެތް ނިކަމެތި ކުއްޖެއް. އަހަރެން ދެން އެފަދައިން ކަންތައްކެއް ނުކުރާނަން" ތަބައްސުމް ބުންޏެވެ.

ތަބައްސުމްގެ ހިތް ހެޔޮވެއްޖެކަން އެނގުމުން އިތުރަށް އައްޒާމް ހިތުގައިޖެހުނެވެ. އޭނާ ސިހުނީ އޭނާގެ އަތުގައި ތަބައްސުމް ހިފާލުމުންނެވެ. އައްޒާމް ބަލައިލުމުން ތަބައްސުމް އަތްއުފުލާލާފައި އައްޒާމްގެ މޫނުގައި ޖައްސާލިއެވެ.

"ވެދިޔަ ކަންތަކަށް އަހަންނަށްވެސް މައާފްކޮށްދީ" ތަބައްސުމް ބުންޏެވެ.

އައްޒާމަށް އުފަލުން ރޮވުނެވެ. ހިނިތުންވެފައި އޭނާގެ މޭގައި ތަބައްސުމް ގެނެސް ޖެއްސިއެވެ.

*****

އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން އިން މައިލީން އިރުކޮޅަކާ މެލެކް އަށް އާފަލު ފޮއްޗެއް ދެއެވެ. ހިމޭނުން އިނދެ މެލެކް ކަމުން ދިޔައެވެ. މެލެކް ހިމޭނުން އިނުމުން މައިލީން އަށް ކަމަކުނުދިޔައެވެ. އެއްޗެއް ބުނަން އުޅެނިކޮށް ނަސީބަކުން މެލެކް އެއްޗެއް އަހައިފިއެވެ.

"ލޫލު މިސްވޭ އެބަ" މެލެކް ބުންޏެވެ. މައިލީން ހީލިއެވެ.

"ދޮނާ ކޮންއިރަކުން ގެއަށް ދެވޭނީ؟

މައިލީން ހީލާފައި ފެންތަށި މެލެކްއަށް ދިނެވެ.

"ޑޮކްޓަރ އަހަދުﷲ ބުނި ދެތިން ދުވަސްތެރޭގަ ދޫކޮށްލެވޭވަރު ވާނޭ" މައިލީން ބުންޏެވެ.

"މިހެން އޮންނަންވީމަ ހާދަ ފޫއްސޭ. ލޫލު ގެނެސްދޭންވީނުން" މެލެކް ބުންޏެވެ.

"މެލީއަށް ވެސް އެނގެއެއްނު. މިއީ ހޮސްޕިޓަލެއްނު. ކުޑަކުދިން އަބަދު މިކހަލަ ތަންތަނަށް ގެންނާކަށްނުވާނެ. ގެއަށް ދިޔައިމަ ހުރިހާ ވަގުތެއްގަ މެލީ ހުންނާނީ ލޫލު ކައިރީގަ. ހެޕީނިއުސްއަކީ ލޫލު އާ މައުސޫމާއްތަމެން ތިބީ އަހަރެމެން ގޭގަ" މައިލީން ބުންޏެވެ.

"ސީރިޔަސްކޮށްތަ؟" މެލެކްގެ ތުންފަތުގައިވި ހިނިތުންވުން ފުޅާވެގެން ދިޔައެވެ. ހަމަ އެހިނދު އެ ހިނިތުންވުން ފަނޑުވެގެން ދިޔައީ ހިތަށް އެރި އެހެން އިންސާނެއްގެ ނަމެއްގެ ސަބަބުންނެވެ.

"ބާޒިލްވެސް ތަ؟" މެލެކް އަހާލިއެވެ.

މައިލީން މެލެކް އަށް ބަލައިލާފައި އައިސް ކައިރީގައި އިށީނެވެ. ހިޔާލަކަށް ގެއްލިފައި އިން މެލެކްގެ އަތުގައި ހިފަހައްޓާލިއެވެ.

"ބާޒިލް ނުދޭ އެގެއަކަށް. އޭނަ ހުންނަނީ އެހެން ތަނެއްގަ" މައިލީން ބުންޏެވެ.

"އެހެންވެގެނެއް ނޫން. ބާޒިލް ކީއްތަވާނީ އަހަންނަށް ގޮވާލަން އައިއްޔާ. ސާރާ ރުޅިއަތުވެދާނެތީ ކަންނޭނގެ" މެލެކް ބުންޏެވެ.

މެލެކްގެ ވާހަކަތައް އިވުމުން މައިލީން ހިތުގައިޖެހުނެވެ.

****

އިރުއޮށްސެމުން ދިޔަ ވަގުތެވެ. ހުޅުވާލާފައި ހުރި ކުޑަދޮރުން ކިތަންމެހާވެސް ރީއްޗަށް އުޑުމައްޗަށް އަރާފައިވާ ހިތްގައިމު ކުލަތައް ފެންނަން ހުއްޓެވެ. މެލެކް ތެދުވީ އެނދުގައި އޮވެ އޮވެ ގައިގައި ރިއްސައިގަނެގެންނެވެ. އެވަގުތު އެއްވެސް މީހަކު ގާތުގައި ނެތެވެ. ހަވީރުން ފެށިގެން އޭނާ ކައިރީގައި މަޑުކޮށްގެން އިނީ ޒޭބާ އެވެ. އެއްޗެއް ގަންނަން ކަމަށް ބުނެފައި ޒޭބާ ނިކުތްފަހުން އިރުކޮޅެއް ވެއްޖެއެވެ. ކުއްލިއަކަށް ކޮޓަރި ދޮރުގައި ޓަކިޖަހާލި އަޑު އިވުނެވެ. މެލެކް އެދިމާލަށް ބަލައިލިއެވެ. މާގިނައިރެއް ނުވެ ދޮރުހުޅުވާލާފައި ވަނީ ބާޒިލް އެވެ. މެލެކް އަށް ފުރަތަމަވެސް ހޯދާލެވުނީ ލޫލު އެވެ. ބާޒިލް ފަހަތުން އިތުރު މީހަކު ވަދޭތޯވެސް ބަލައިލިއެވެ. ބާޒިލް އެކަނިކަން އެނގުމުން ހައިރާންވިއެވެ.

"ކީއްކުރަން މިތަނަށް ތިއައީ؟" މެލެކް އަހާލިއެވެ. މެލެކް އަނގައަށް ހަދާލި ގޮތް ފެނުމުން ބާޒިލް ހިނިއައެވެ.

ފުރަގަހަށް އެނބުރި ހުރި މެލެކްގެ ދެފައިން ފެށިގެން ބާޒިލް ބަލައިލިއެވެ. ދޫ ހަރުވާޅަކާ އަތްދިގު އަޅިކުލައިގެ ޓީޝާޓުގައި މެލެކް ވަރަށް ތަފާތެވެ. ކުރިއަށް ވުރެ ދޮންހެން ހީވެއެވެ. ބާޒިލް ކުޑަތަންކޮޅެއް ކުރިއަށް ޖެހިލިއެވެ.

"ސާރާ އޯކޭ ދިނީމަތަ އަހަންނަށް ގޮވާލަން ތިއައީ" މެލެކް އަހާލިއެވެ.

އޭނާ އައިސް އެނދުގައި އިށީނެވެ. ބާޒިލް އިށީނީ ވަކިން ހުރި ގޮނޑިއެއްގައެވެ.

"ބަލި މީހުންނަށް ގޮވާލަން އައިމަ ތިކަހަލަ ސުވާލުކުރޭތަ؟ ނޭނގޭތަ ބަލި މީހަކަށް ގޮވާލަން އައުމަކީ ކިހާ ރަނގަޅު ކަމެއްކަން" ބާޒިލް ބުންޏެވެ.

"އެންމެ ފުރަތަމަ ކަމަކަށް އަހަންނަކީ ބަލި މީހެއްނޫން. ދެވަނަ ކަމަކަށް ސާރާ ނުލާ ތިއައީ ކީއްވެ؟" މެލެކް އަހާލިއެވެ.

"ސާރާ.... ސާރާ ދޯ. މިގަޑީގަ ސާރާގެ ވާހަކަދައްކަނީ ކީއްކުރަން. ބުނެބަލަ. މިހާރު ކިހިނެއްތަ؟" ބާޒިލް އަހާލިއެވެ.

"ކީއްވެތަ ކިހިނެއްހެއްޔޭ ތިއެހީ. އަހަރެން ބައްޔެއްނުވޭ. މިތަނަށް ގެނެސް އެތައް ދުވަހެއް ވަންދެން ނިންދަވާފަ ބާއްވާފަ ބައިވަރު ބޭސްތަކެއްދީފަ. ގަޔަށް ހޮޅިތަކެއް ގުޅާފަ. ބަލާބަ ނިކަން" ލައިގެން ހުރި ހެދުމުގެ އަތްކުރިން މައްޗަށް ހިއްލާލާފައި އެއްކޮށް ފަސޭހަނުވާ ހޮޅިނައްޓާފައި ހުރި ތަންތަން ދައްކާލިއެވެ. މެލެކް ދިއްކޮށްގެން ހުރި ދެއަތުގައި ބާޒިލް ހިފާލިއެވެ. އެހިނދު މެލެކް އަށް ބާޒިލްއަށް ބަލައިލެވުނެވެ. ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތެވެ. ބާޒިލްގެ އަތުތެރެއިން އަތްދަމައިގަންނަން މެލެކް ހަނދާންނެތިފައި އިނެވެ. ބޭރުން އައި ޒޭބާ ދޮރުހުޅުވާލާފައިވެސް ބާޒިލް އާ މެލެކް ތިބިގޮތުން އަލުން ދޮރުލައްޕާލާފައި ނިކުތްއިރު ވެސް ދެކުދީންނަށް ނޭނގުނެވެ.

"އަތް.... އަތުން... ދޫ" މެލެކް އަށް އެހިސާބަށް ބުނެވުނުތަނާ ބާޒިލް މެލެކްގެ އަތުން ދޫކޮށްލައިފިއެވެ. ބާޒިލް ގޮނޑީގައި ހަމަޖެހިލާފައި އޭނާގެ ނަފްސު ހަމަޔަކަށް އަޅުވާލިއެވެ. ތަނަށް ވެރިވެގެންދިޔަ ހަމަހިމޭންކަމާއެކު މެލެކްގެ މޫނަށް ބާޒިލް ބަލައިލިއެވެ. މެލެކް އިނީ އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެންނެވެ. އެއް އަތުގައި އަދިވެސް ކެނިއުލާ ގުޅާފައި ހުއްޓެވެ. އެ ހެދުމުގައި މެލެކް ހިކިކަމަށްވެސް އަދި ފަލަކަމަށްވެސް ނުދައްކައެވެ. ކަޅު ބުރުގާގެ ތެރެއިން މެލެކްގެ މޫނު އަދިވެސް އެހާ ރީއްޗެވެ. ކުއްލިއަކަށް ބާޒިލްގެ ހިތަށް ސިފަވެގެން ދިޔައީ މެލެކްގެ ފޯނުން ފެނުނު ވީޑިޔޯއެވެ.

"ބިއުޓިފުލް..." މެލެކް ބަލައިލީ ބާޒިލްގެ އަޑަށެވެ.

"ވަޓް؟" މެލެކް ބުންޏެވެ.

ބާޒިލްގެ ތުންފަތުގައިވި ހިނިތުންވުން ފެނި މެލެކް އަށް ވިސްނުނީ އެހެންގޮތަކަށެވެ. މެލެކް އަށް ހެވުނެވެ.

"ހޭލާ އިންދަވެސް ހުވަފެނުގަ ސާރާ ފެންނަނީތަ؟ ބައި ދަ ވޭ ބާޒިލް އާ ސާރާ އާ ދިމާވީ ކޮންތާކުން؟" މެލެކް އަހާލިއެވެ.

"ސާރާ ދޯ. ރަށުން ދިމާވީ. މެލެކް ބުނެބަލަ ސާރާގެ ވާހަކަދެއްކުން ހުއްޓާލާނީ ކޮންއިރަކުން؟" ބާޒިލް އަހާލިއެވެ.

"ނޫޅެން ދައްކާކަށް. އެނގޭތަ ޔާން މިއަދު އަންނާނެ. ޔާން ވަރަށް ބަލިވެއްޖެ. ބައްޕަ ދިޔައީ ޔާން ބަލާ. ޔާން އައިމަ ދެން މިތާ އަހަރެން ފޫހިވެފަ އިންނާކަށް ނުޖެހޭނެ" މެލެކް ބުންޏެވެ.

ބާޒިލްގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އޭނާގެ ރަނގަޅު މޫޑު ވަގުތުން ބަދަލުވެއްޖެއެވެ. ހީވީ ނުބައި ވަގުތެއްގައި ނުގުޅޭ އިންސާނެއްގެ ނަން ކިއި އަޑު އިވުމުން އޭނާގެ ވަގުތު ހަރާބުވިހެންނެވެ.

"ކިހިނެއްވީ؟ ބާޒިލްއަށް ވިގޮތް ފެނި މެލެކް އަހާލިއެވެ.

"ކަމެއްނުވޭ. މިދަނީ..." ބާޒިލް ތެދުވެގެން ހިނގައިގަތެވެ.

ދޮރުހުޅުވާލިއިރު ދޮރުމަތީގައި ދެކޮޅަށް ހިނގަން ހުރި ޒޭބާ ފެނުމުން ބާޒިލް ހުއްޓުނެވެ.

****

ބުރިޖު ހާމައަށް ފެންނަން ހުރި ސަރަހައްދެއްގައި ހުރި ރެސްޓޯރަންޓެއް ކުރިމައްޗަށް މަޑުކޮށްލި ކާރުން މައިލީން ފައިބައިގެން އައެވެ. އެތެރެއަށް ނުވަދެ އޭނާ މަޑުކޮށްލައިގެން ހުރީ އަހަދުﷲ ގެ އިންތިޒާރުގައެވެ. އަތުކުރީގައި އޮތް ގަޑިއަށް އޭނާ ބަލައިލިއެވެ. ފުން ނޭވައެއް ދޫކޮށްކުމަށްފަހު ދެކޮޅަށް އޭނާ ހިނގާލީ އަހަދުﷲ ދިން ވަގުތަށް ވުރެ ވިއްސަކަށް މިނެޓް ކުރިން އޭނާއަށް އާދެވުމުންނެވެ. ވީގޮތެއް ހުދު އޭނާއަށް ވެސް ނޭނގުނެވެ. ރޭގަނޑުގެ ކެއުމަކަށް އަހަދުﷲ ދައުވަތު ދިން ހިސާބުން ފެށިގެން އޭނާ ހުރީ ގަޑި ގުނާގުނާލައެވެ. އެހާ އަވަހަށް ތައްޔާރުވެގެން އާދެވުނު ގޮތް އޭނާ ހަނދާނެއްވެސް ނެތެވެ.

"މައިލީން..." މައިލީން ބަލައިލީ ގާތުން އިވުނު ފިރިހެން އަޑެއްގެ ސަބަބުންނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟