ވާހަކަ

ރުހުން ދީފާނުހޭ - 28

1

އެވަގުތު މައިލީންގެ އަތްތިލައިގެ ތެރޭގައިވާ މެލެކްގެ އަތްތިލައަށް ބާރުވެލާފައި ދޫވެލި އިހުސާސެއް ކުރެވުނެވެ. މައިލީން އަށް ހިނިތުންވެވުނެވެ. މިއަދު ހަތަރުދަމު މެލެކްގެ ފަރާތުން އެ އިޝާރާތް އެދަނީ ލިބެމުންނެވެ. އެއީ މެލެކްގެ ސިކުނޑި ރަނގަޅުވަމުން އަންނަކަމުގެ ނިޝާނެކެވެ.

ޑރ އަހަދުﷲ އެބަގޮއްވާލައްވާ" މައިލީން ބަލައިލީ ނަރުހެއްގެ އަޑަށެވެ.

****

އެއާޕޯޓުން އާއިލާ ގޮވައިގެން ކުލީ ކާރެއްގައި ޒިޔާދު ދަތުރުފެށިއެވެ. އޭނާގެ މިސްރާބަކީ ކޮބައިކަމެއް އަދި އެއްވެސް މީހަކަށް ނޭނގެއެވެ. ފަހަތު ސީޓުގައި އިން ޒިޔާދުގެ ފައިގައި މައުސޫމާ ކޮށްޓާލިއެވެ. ކުރީ ސީޓުގައި އިން ބާޒިލް އަށް ޒިޔާދު ބަލައިލިއެވެ. އޭނާ އަދިވެސް ޒިޔާދު ބާޒިލް އާ ބަހެއް ނުކިޔައެވެ. ބާޒިލް މާލެ އައީތީވެސް މިފަހަރު ޒިޔާދުގެ ހިތުގައި އުފެދުނީ ޝަކުވާއެވެ. ބާޒިލް އަންނާކަށް އޭނާ ބޭނުމެއްނުވެއެވެ. ސަބަބަކީ އޭނާ ދާން ބޭނުންވާ ތަނަށް ބާޒިލް ބޭނުމެއް ނުވެއެވެ. މެލެކް އަކީ ބާޒިލްގެ ދިރިއުޅުމުން ބާކީވެފައިވާ ޖާގައަކަށް ނުފުދޭ ޖާގައެކެވެ. ބާޒިލްގެ ހަޔާތުގައި މެލެކް ހުންނަން އޭނާ އެދުނަސް މިހާރު އޭނާ އެގޮތް ބޭނުމެއް ނުވެއެވެ. ލޯބިވާ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު މިފަހަރު ވަރަށް ރަނގަޅު ފިލާވަޅެއް އޭނާއަށް ދަސްކޮށްދީފިއެވެ.

"މިހާރު ވަރަށް ދެރަވެފަ ހުންނަނީ؟" ޒިޔާދަށް އެކަނި އިވޭވަރަށް މައުސޫމާ ބުންޏެވެ.

"އޭނަގެ ވާހަކަ އަހަރެން ކައިރީގަ ނުދައްކާ" ޒިޔާދު ބުންޏެވެ. މައުސޫމާ ވަގުތުން ހުއްޓާލިއެވެ. ދެރަވެ ހިތުގައިވެސް ޖެހުނެވެ. އެކަމަކު ކުރެވޭނެ ކަމެއް ނެތެވެ.

"ކޮންގެޔަކަށް މިދަނީ؟" ޒޭބާ އަހާލިއެވެ.

"އައްޒާމް އާ ތަބައްސުމް ބުނި އެގެ ނޫން ތަނެއްގަ ތިބެގެން ނުވާނޭ. އެހާވަރުން އެދެމަފިރިން އުޅޭއިރު އަހަންނަކަށް ނުކެރޭނެ އެހެން ތަނަކަށް ގެންދާކަށް. ދެން މިފަހަރު ހަފްތާއެއްގެ މުއްދަތަށް ތިބޭނީ އެގޭގަ" ޒިޔާދު ބުންޏެވެ.

މައުސޫމާ އެއްޗެއް ނުބުނެއެވެ. އެގޭގައި މަޑުކުރަން ހުދު އޭނާވެސް ބޭނުމެއްނުވެއެވެ. އެކަމަކު ދެކޮޅު ހެދޭކަށްވެސް ނެތެވެ. އޭނާ ކޮންމެހެންވެސް މާލެ އައީ މެލެކް އަށްޓަކައެވެ. މެލެކް އޭނާގެ ދެލޮލުން ދެކިލުމަށެވެ. އޭނާގެ ދެއަތުން މެލެކްގެ ގައިގައި ފިރުމާލާހިތުންނެވެ. އެކަމަކު ބާޒިލް މަތިން ހިތަށް އެރުމުން ހިތަށް އުނދަގޫ ގޮތެއް ވިއެވެ. އެގޭގައި ބާޒިލްއަށް ޖާގައެއް ނުހުންނާނެއެވެ. އައްޒާމް ބާޒިލް ދެކޭކަށްވެސް ބޭނުމެއް ނުވާނެއެވެ. ބާޒިލްގެ ހަޔާތުން ބޭރުކޮށްލީ އެންމެ ފަރާތެކެވެ. ހުރިހާ މީހުންގެ ހަޔާތުން އެދަނީ ބާޒިލް ބާކީވަމުންނެވެ.

"ޒެއްލު ހުންނަންވީނު ދޮންތަބެ ކައިރީގަ" ބާޒިލްގެ ހާލަތު އެނގޭތީ ޒޭބާ ބުންޏެވެ.

އެހިނދު ޒިޔާދު އާއި މައުސޫމާ އެކަކު އަނެކަކަށް ބަލައިލިއެވެ.

****

ކޮފީ ތަށި ހިފައިގެން މޭޒު ކައިރީގައި އިން މައިލީން ސިހުނީ އޭނާގެ ކުރިމައްޗަށް މޭޒުމައްޗަށް ކަރުދާސްގަނޑެއް ވައްޓާލުމުންނެވެ. ހައިރާންކަމާއެކު އޭނާ ކަރުދާސްތަކަށް ބަލައިލިއެވެ. ސުވާލު ނުކުރެވިގެން އުޅެނިކޮށް އޭނާ އިން ގޮނޑީގެ ފަހަތުގައި ހުރި އަހަދުﷲ ކުރިމައްޗަށް ގުދުވެލިއެވެ. މޭޒުގެ ދެފަރާތުން އަތް އަޅައިގެން ކަރުދާސްތަކަށް ބަލަހައްޓައިގެން އޮތް އަހަދުﷲ ގެ މޫނު ހުރީ މައިލީންގެ މޫނާ އެއްހަމައިގައެވެ. މައިލީން އަށް އުނދަގޫގޮތެއް އިހުސާސް ކުރެވުނެވެ. ހީލަން ވެސް ޖެހުނީ ގަދަކަމުންނެވެ. އަހަދުﷲ ގެ އެ ގާތްކަން އޭނާގެ ހިތުގައި ބުނެދޭން ނޭނގޭ އިހުސާސެއް އުފަންކުރުވަމުން ދިޔައެވެ.

"ބަލާބަ. މެލީގެ ރިޕޯޓް" ޑޮކްޓަރ އަހަދުﷲ ބުންޏެވެ.

މައިލީން ވަކިވަކިން ހުރިހާ ރިޕޯޓްތަކެއް ބެލިއެވެ. އޭނާގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ. ހެއްދެވިފަރާތަށް ހަމްދުކޮށްލެވުނެވެ.

"ހުރިހާ ރިޕޯޓެއް ނޯމަލް. ދެ ގަޑިން ދެ ގަޑިން ތިން ދުވަސް ވަންދެން ހެދި އެއްވެސް ރިޕޯޓަކުން މެލީ ހާލު ގޯސް ކަމަކަށް ނުދައްކާ. ބްރެއިން އިޒް ޕާފެކްޓް. ނާރުތަކުގައި ކުޑަ ވާންކަމެއް އެބަހުރި. އެއީ އެއްވެސް އިޝޫއެއް ނޫން" ޑޮކްޓަރ އަހަދުﷲ ބުންޏެވެ.

"ފިޒިއޯ ހަދާލީމަ ހުރިހާ ކަމެއް ހަމަޔަކަށް އެޅުނީ" އަހަދުﷲ ބުންޏެވެ.

މައިލީންގެ ހަބަރެއް ނުވުމުން އޭނާ ބަލައިލިއެވެ. ދާދި ގާތުން މައިލީންގެ ދޮން މޫނު ފެނުމުން އޭނާގެ ހަރަކާތްތަކަށް ހުއްޓުމެއްއައެވެ. އޭނާ ބަލައިލެވުނީ މައިލީންގެ ދެލޮލުން ވެއްޓުނު ކަރުނަތިއްކަކަށް ނޫނެވެ. ކުޑަ ތުރުތުރުލުމެއް ހުރި ފިޔާތޮށި ކުލައިގެ މައިލީންގެ ތުންފަތަށެވެ. އޭނާގެ އަމިއްލަ ނަފްސު އޭނާއަށް ހަޔަކަށް އެޅުވުނީ ވަރަށް މަސައްކަތުންނެވެ.

"ހޭއި... މިކޮޅު ބަލާބަ" މޭޒުގެ އަނެއްފަރާތުގައި ހުރި ގޮނޑި ދަމާލާފައި އޭނާ އިށީނީ ކައިރީގައެވެ.

"ކިހިނެއްވީ؟ މިހާރު ކީއްވެތަ މައި މާ އަވަހަށް އިމޯޝަނަލް ވަނީ؟" ޑޮކްޓަރ އަހަދުﷲ ބުންޏެވެ.

"އިޓްސް ބިކޯޒް އޮފް މެލީ. ސީރިޔަސްކޮށް. މެލީ އިމޯޝަނަލީ އަހަރެން ވަރަށް ޑައުންކޮށްލައިފި" ދެލޯ ކައިރި ފޮހެލާފައި މައިލީން ބުންނެވެ.

"އުފާކޮށްބަލަ. އިރާދަކުރެއްވިއްޔާ ދެން އެއްވެސް ކަމެއް ގޯހެއްނުވާނެ." ޑޮކްޓަރ އަހަދުﷲ ބުންޏެވެ.

މައިލީން ހިނިތުންވެލިއެވެ. އަދި އެއްފަހަރު އޭނާ އެކަރުދާސްތަކަށް ބެލިއެވެ. އޭނާގެ ތުންފަތްމަތީގައިވި ހިނިތުންވުން އިތުރަށް ފުޅާވެގެން ދިޔައެވެ. މައިލީންގެ ކޮންމެ ހަރަކާތަކަށް ބަލަހައްޓައިގެން ޑޮކްޓަރ އަހަދުﷲ އިނެވެ.

"ލެޓްސް ގޯ. މިހާރު މަންމަމެން އަންނާނެ. ޔޫ ނޯ ވަޓް؟ މިއަދު މެލީގެ ދަރިފުޅު އަންނާނެ" މައިލީން ބުންޏެވެ.

ހިތަށް ލިބިފައިވާ ހިތްހަމަޖެހުމެއްގެ ސަބަބުންކަމަށް ވެސް ވެދާނެއެވެ. ކޮފީތަށި ފެނަށް ވިއިރުވެސް އޭގެމަތިން އޭނާ ހަނދާނެއް ނެތެވެ. ހިނގައިގަތްތަނާ މައިލީންގެ އަތުގައި އަހަދުﷲ ހިފާލިއެވެ މައިލީން ބަލައިލުމާއެކު އަހަދުﷲ ހީލާފައި ގޮނޑިން ތެދުވިއެވެ.

"އެކަމަކު ކަންބޮޑުވާކަމެއް އެބައޮތް" ޑޮކްޓަރ އަހަދުﷲ ބުންޏެވެ.

"އައި އަންޑަސްޓޭންޑް. މެލީގެ ސިކުނޑި މަސައްކަތްކުރާން ނުފަށަނީސް އެކަކުވެސް އަނގައިން ނުބުނާނެ. އުންމީދުކުރަނީ ކުރިއަށް ވުރެ ގޯސްނުވާނެކަމަށް" މައިލީން ބުންޏެވެ.

****

ހުސް ސޯޓުގައި ހުރި އީތަން ކޮޓަރިން ނިކުތްއިރު ކެއްކުމަށް ހާއްސަކޮށްފައި ހުރި ބައިގައި ހުރި ސޯފާގައި ބާޒިލް އިނެވެ. ގެއަށް އައިއްސުރެ ފެށިގެން ބާޒިލް އެއިންނަނީ ހިމޭނުންނެވެ. ތުވާލިން ބޮލުގެ އިސްތަށިގަނޑު ފޮހެމުން އައިސް އީތަން އިށީނީ ބާޒިލްގެ ކައިރީގައެވެ. ބާޒިލްގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ހިބާ ގެ ފަރާތުން އީތަން އަށް ވަނީ އެނގިފައެވެ.

"ދޮންތަބެ އަބަދު ގޭގަ އިންނަން ފޫހިނުވޭތަ؟" އީތަން ބަލަން އިންގޮތުން ބާޒިލް އަހާލިއެވެ.

"މިތަނަށް އައީ އެގްޒާމަށް. އެގްޒާމް ނިންމާފަ ގެއަށް އައިސް ފިލާވަޅުތައްވެސް ފަރިތަކުރަން. ހިބާ އަށް ވެސް ޓައިމްދެން. އެހެންނޫނަސް އުފަން ރަށަށް ވުރެ މިތަނަށް ދޮންތަބެ ބީރައްޓެހި. ކޮލީގެއް އެބަހުރި ރަށަށް ދަންދެން ދުއްވާލަން ސައިކެއްވެސް ދީފަ. މާލެއަށް ނުފަރިތަވީމަ ނުކެރޭ ތަންތަނަށް ދާކަށް" އީތަން ބުންޏެވެ.

"ތިހެންވިއްޔާ ހިނގާބަލަ ކޮފީއެއް ބޯލަން ނިކުންނަން" ބާޒިލް ބުންޏެވެ.

"ކޮންތާކަށް؟ މަލާމަތް ނުކުރައްޗެ. ތަންތަނަށް ދާކަށްވެސް ދޮންތަބެއަށް މާރަނގަޅަކަށް ނޭނގެ. މިހެން ބުނިއްޔާ ހިބާ ވެސް މަލާމަތްކުރާނެ. އެކަމަކު ހިބާ އަކަށް ނޭނގޭނެ މަޖީދީމަގު ނޫނީ އެހެން އެއްވެސް މަގެއް" ހިނިގަނޑެއް ޖަހައިލަމުން އީތަން ބުންޏެވެ.

"ހެހެހެ... ދޮންތަ އެކަނިތަ؟ ތުއްތަވެސް. އެމީހުން މާލެ އައީވެސް ދެފަހަރު ކަންނޭނގެ. އެންމެ ފަހުން އައީ އައިޑީ ކާޑު ހައްދަން. އެކަމު ކޫ އަށް އެނގޭނެ" ބާޒިލް ބުންޏެވެ.

"އެހެންވީމަ ގެއިން ހިނގާ ކޮފީ ބޯން" އީތަން ބުންޏެވެ.

"ނޫނޭ. ބޭރަށް ދާނީ، ދޮންތަބެ ރެޑީވޭ. ސައިކު ދުއްވާނަމޭ އަހަރެން" ބާޒިލް ބުންޏެވެ.

****

ދުވަހުގެ ހަވީރު ވަގުތެވެ. އިންޖެކްޝަންގެ ވަގުތު ހަމަވުމާއެކު މެލެކް އަށް ހޭލެވެމުން ދިޔައެވެ. މަޑުމަޑުން އޭނާގެ އަތުގެ އިނގިލިތައް ހަރަކާތް ކުރަމުން ދިޔައެވެ. ކުރިމަތިން އެއްވެސް އެއްޗެއް އޭނާ އަށް ސާފުކޮށް ނުފެނެއެވެ. މޫނު ދެފަރާތަށް ކުޑަކޮށް ތަޅުވަމުން ލޯމައްޗަށް ފެންނަން ހުރި ފުސްގަނޑު ސާފުވޭތޯ އޭނާ މަސައްކަތްކުރަމުން ދިޔައެވެ. ދާދި ކައިރީގައި މައިލީން އާއި އަހަދުﷲ މަޑުކޮށްގެން ތިއްބެވެ. އިރުގަނޑެއް ފަހެވެ. މެލެކްގެ ނަޒަރު ކައިރީގައި ހުރި މައިލީން އަށް ހުއްޓުނެވެ. މާސްކްއަކުން މައިލީންގެ ނޭފަތާއި އަނގަ ނިވާކޮށްފައި ހުއްޓަސް މެލެކްގެ ސިކުނޑި އެއީ ކާކުކަން ދެނެގެންފިއެވެ.

"ދްދްދްން...." ކުރަކިވެފައިވާ މެލެކްގެ އަޑު ނިކުތެވެ. މައިލީން ތަންކޮޅެއް ގާތަށް ޖެހިލިއެވެ. މެލެކްގެ އަތުގައި ހިފަހައްޓާލިއެވެ. އޭނާ ޑޮކްޓަރ އަހަދުﷲ ގެ މޫނަށް ބަލައިލިއެވެ. ހީވީ އަހަދުﷲ ގެ ހުއްދައަކަށް އެދުނު ހެންނެވެ. އެހިނދު އިޝާރާތުން އަހަދުﷲ އެންގީ އެއްވެސް އެއްޗެއް އަދި ނުބުނުމަށެވެ.

"ދްދްދްނާ.... ދޮނާ...." އުފަލުން މައިލީންގެ ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ. އޭނާ އަނެއް އަތުން މާސްކް ތިރިކޮށްލިއެވެ.

ﷲ ދެއްވި ކާމިޔާބީ އާއި ބަލިމީހަކަށްޓަކައި އޭނާ ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ވެސް ރަނގަޅެވެ. ހިތާހިތުން އަހަދުﷲ އަށް ހެއްދެވިފަރާތަށް ހަމްދު ކޮށްލެވުނީ އެހެންވެއެވެ. މިވީ މަދު ސިކުންތުކޮޅުގައި އޭނާއަށް ފާހަގަކުރެވުނީ މެލެކްގެ ސިކުނޑީގެ މަސައްކަތްތައް އަވަސްކަމެވެ. އެއީ ހީކުރިގޮތާ މުޅިން ހިލާފަށްވީ ކަމެކެވެ. ހޭލެއްވިތާ އަދި ތިން މިނެޓްވެސް ނުވެއެވެ. މެލެކްގެ ސިކުނޑި ބަރާބަރަށް މަސައްކަތް ކުރަން ފަށައިފިއެވެ.

"މެލީ... މައި ޕްރިންސެސް... " މެލެކްގެ އަތްތިލައިގައި މައިލީން ބޮސްދިނެވެ.

"މި...މިއީ ކޮންތަނެއް؟ ކް.... ކްހިހިނެއްވީ؟" މައިލީންގެ އަތުތެރޭގައި އޮތް މެލެކްގެ އަތް އޭނާގެ އަމިއްލަ ގައިމަތިން ބަނޑުގެ އެތަންމިތާ ހާކަން ފެށިއެވެ.

"އަނެއްކާ ސިސްޓެއް ފެނުނީތަ؟" މެލެކް އަހާލިއެވެ. މެލެކްގެ މޫނުމަތިން ކަންބޮޑުވުމެއް ފެނިލިއެވެ.

"ނޫނޭ. މެލެކް ހަނދާނެއްނެތްތަ؟ ނުކައި ހުރީމަ ބްލަޑް ޕްރެޝަރ ދަށްވީ" ޑޮކްޓަރ އަހަދުﷲ ބުންޏެވެ.

މެލެކް ހަމަޖެހުނީ ދެނެވެ. އެކަމަކު އޭނާ އަށް ކޮންމެސް ކަމެއް މަދުވާ ކަހަލަ އިހުސާސެއް ކުރެވެމުން ދިޔައެވެ.

"ލޫލު....ލޫލު...." އެހިސާބުން މައިލީން އަށް އެނގުނެވެ. ލޫލު މަތިންވެސް މެލެކް ހަނދާން އެބަހުއްޓެވެ.

"މަންމަ ބުނި ސައިބޮއެގެން ދާން. އެކަމު ލޫލު ކައިރިއަށް ދާހިއްވެފަ ހުރިވަރުން ވަރަށް ކުޑަގޮތެއް ހެދީ" މެލެކް ބުންޏެވެ.

މައިލީން އަހަދުﷲ އަށް ބަލައިލިއެވެ. މެލެކް އެބުނީ އޭނާ އެ ހާދިސާ ދިމާވި ދުވަހުގެ ހެނދުނު ހިނގި ކަންތަކުގެ ވާހަކައެވެ. މައިލީންގެ ބަލައިލިގޮތުން އަހަދުﷲ އިތުރަށް މެލެކް އާ ގާތްވެލިއެވެ. އޭނާ މެލެކްގެ ސިކުނޑިއަށް ޕްރެޝަރ ނުވާނެހެން ސުވާލުކޮށްލަން ބޭނުންވިއެވެ. ކަމެއް ގޯސްވެދާނެ ކަމަށް އޭނާ ކައިރިއަށް ދެ ނަރުހުންވެސް ގެނެސް ބެހެއްޓިއެވެ.

"ދެން އެދުވަހު ލޫލު އާ ދިމާވިތަ؟ " އަހަދުﷲ އަހާލިއެވެ.

އަހަދުﷲ ގެ މޫނުން މެލެކް ނަޒަރު ވަކިކޮށްލިއެވެ. އޭނާގެ މޫނަށް ތަފާތު ކުލަވަރެއް ވެރިވިއެވެ. ކަމެއް ހަނދާންކުރަން އޭނާ މަސައްކަތްކުރާހެން ހީވާން ފެށުމުން އަހަދުﷲ އަވަހަށް ނަރުސް ކުއްޖާ ދިއްކޮށްލި އިންޖެކްޝަން ސެޓުކޮށްލިއެވެ.

"ނޭނގެ... ނޭނގެ ވީގޮތެއް. ދިމާވި ކަންނޭނގެ. އެކަމަކު... މިހާރު އެންމެން ކޮބާ؟ ދޮނާ.. މަންމަ ކޮބާ؟ މަންމަ އާ ބައްޕަ ތިބޭނީ ވަރަށް ދެރަވެފަ. ގެއަށް ދާން ބޭނުން. ލޫލު ދެކިލަން ބޭނުން. އެގޭމީހުން ރަނގަޅުތަ؟ ބާޒިލް.... ބާޒިލް ރަނގަޅުތަ؟" މެލެކް ވާހަކަދައްކަމުން ދިޔައެވެ.

މައިލީން އަށް ހުރިހާ އެއްޗެއް އެނގި ފަހުމުވިއެވެ. އެއީ ހަމަ ކުރީގެ މެލެކް އެވެ. ކުރިއެކޭ އެއްގޮތެވެ. އިތުރަށް އެއްވެސް ކަމެއް މަތިން ހަނދާނެއް ނުނެތެއެވެ. އިތުރަށް ހަނދާނެއް ނާދެއެވެ.

"ކޮބާ ރެޑީތަ؟" އަހަދުﷲ ބުންޏެވެ.

"ކޮންކަމަކަށް" މެލެކް އަހާލިއެވެ.

"މިއުޅެނީ މެލީ ފެމެލީ ކައިރިއަށް ގެންދަން" އަހަދުﷲ ބުންޏެވެ.

"ކީއްކުރަން ނުފެންނަ ހިސާބުގަ ބޭއްވީ. ބްލަޑް ޕްރެޝަރ ލޯ ވުމަކީ އެންމެންނާ ދުރުގަ ބާއްވަންޖެހޭ ވަރުގެ ކަމެއްނޫނެއްނު. ޔަގީން ދޮނާގެ ކަމެއް ކަން" މެލެކް ބުންޏެވެ. މައިލީން އަހަދުﷲ އަށް ބަލައިލާފަ ހިނިތުންވެލިއެވެ.

****

ކޮފީތައްޓަށް ބަލަހައްޓައިގެން އިސްޖަހައިގެން އިން ބާޒިލް ފުންނަޒަރަކުން އީތަންއަށް ބަލައިލިއެވެ. އޭނާ ކުރި ސުވާލާއެކު ބާޒިލް ހިމޭންވެއްޖެއެވެ. އީތަން ހީލާފައި ގޮނޑީގައި ލެގިލިއެވެ.

"ހަމަ އެހާ ޖަވާބުދޭން އުނދަގޫ ސުވާލެއްތަ ދޮންތަބެއަށް މިކުރެވުނީ" އީތަން އަހާލިއެވެ.

"ނޫން. އެހެނެއްނޫން. އިންނަން ބޭނުން. ސާރާ ތަންކޮޅެއް ރުޅިގަދައީ" ބާޒިލް ބުންޏެވެ.

އީތަން ދެފަރާތަށް ބޯހޫރާލިއެވެ.

"މެލެކް އާ މެދު ދެން ކަންތައްކުރާނީ ކިހިނެއް؟ މިހެން މިބުނީ ޒެއްލު ކަންތައްކުރި ގޮތުން މަންމަ އާ ބައްޕަ ތިބީ ހިތްހަމަނުޖެހިފައެއްނު. ދޮންތަވެސް ވަރަށް ވަރަށް ދެރަވެސްވެފަ ހުރީ" އީތަން ބުންޏެވެ.

"ޑިވޯސްއެއް ނުކުރާނަން. ހެޔޮ މިކަމާ ސާރާ ވާހަކަނުދެއްކިޔަސް" ބާޒިލް ބުންޏެވެ.

"އަސްލު ދޮންތަބެ ބޭނުންވާގޮތަކީ ވެސް ތިއީ. ހަގީގަތުގަ ތިކަމުގަ މެލެކްގެ ކުށެއް ނެތެއްނު. އެފަކީރު ކިހާ ބަލި. އެކަމަކު އޭނައަށް އެއްވެސް ކަމެއް ނޭނގެއެއްނު. ނޭނގޭ ހާލުގަ ލޫލުއަށް ވެސް މަންމަގެ ލޯބި އޭނަ އެބަދޭ. އަނެއްކޮޅުން ކިހާ ރީތި ކުއްޖެއް އެއީ. ޒެއްލުއަށް ކީއްވެތަ މިހާ ދުވަސްވިއިރު މެލެކްދެކެ ލައިކް ނުވެވެނީ" އީތަން އަހާލިއެވެ.

ބާޒިލް ދެލޯ މަރާލިއެވެ. އެވަގުތު އޭނާގެ ލޯމައްޗަށް ސިފަވެގެން ދިޔައީ ކުރީ ދުވަހުގެ ހަނދާންތަކެވެ. އޭނާގެ ކުރިމަތީގައި މެލެކް ދެލޯމަރާލައިގެން ހުރި ވަގުތުކޮޅެވެ. އަމިއްލަ އެދުން އިސްކޮށް އޭނާ މެލެކްގެ ތުންފަތުގައި ބީހުނު ވަގުތެވެ. މެލެކްގެ ފޯނުން ފެނުނު ބުރުގާ އާ ނުލާ ހުރި ފޮޓޯތަކެވެ. އެ ހަނދާންތަކުގެ ތެރެއިން ފުރޭނިގެން ގޮސް އޭނާގެ ހިތާ ވަރަށް ގާތަށް އައި ވަގުތުކޮޅެވެ. ލޫލު ދުނިޔެއަށް އައުމަށް މެދުވެރިވި ވަގުތުކޮޅެވެ. ގަބޫލުނުކުރެވުނަސް އެރޭ އެއީ އޭނާގެ ހަޔާތަށް އައި ވަރަށް އުފާވެރި އަދި ތަފާތު ރެއެކެވެ. އޭނާއަށް ތަފާތު އިހުސާސެއް ކުރެވުނު ހަނދާނެކެވެ. އަންހެނަކާ އެހާ ގާތަށް ގޮސް އަލަށް ކުރެވުނު ތަޖުރިބާއެކެވެ. އަދިވެސް ތާޒާކަމާއެކު އޭނާގެ ހަނދާނުގައި އެބަހުއްޓެވެ. އޭނާގެ ދެއަތުގެ ތެރޭގައި މެލެކް ގެންގުޅެވުނު ގޮތެވެ. މެލެކްގެ ހަށިގަނޑުން އޭނާ ހޯދި އަރާމާ ލައްޒަތެވެ. މެލެކްގެ ބީހުންތަކުން އޭނާގެ ފިނި ހަށިގަނޑުގައި ހުޅުފަޅައިގެން ދިޔަގޮތެވެ. ދެފަރާތުން ބަދަލުކުރެވުނު ހަދިޔާތަކެވެ.

"ސްޓޮޕް އިޓް ދޮންތަބެ" ދެލޯމަރާލައިގެން އިނދެ ބާޒިލް ބުންނެވެ. އިތުރަށް ވާހަކަދައްކަން ބާޒިލް އަށް ދަތިވިއެވެ. އޭނާ މޭޒުގައި ބޯއެޅިއެވެ.

****

ކޮޓަރިއަށް ގެންދިޔުމަށްޓަކައި އައިސީޔޫ އިން މެލެކް ނެރުމާއެކު ބޭރުގައި ތިބި އާއިލާގެ މީހުންނަށް މެލެކް ހަދިޔާކޮށްލީ ހިނިތުންވުމެކެވެ. އެތައް ދުވަހަކަށްފަހު މެލެކް ދެލޯ ހުޅުވައިގެން އޮށްވާ ތަބައްސުމްގެ ދެމަފިރިންނަށް އެއީ ފެނުނު ފުރަތަމަ ފަހަރެވެ. ތަބައްސުމްގެ ދެލޮލުން ވެއްޓިގެން ދިޔައީ އުފާވެރިކަމުގެ ކަރުނައެކެވެ. މެލެކް ދިއްކޮށްލި އަތުގައި ތަބައްސުމް ހިފާލިއެވެ. އަނެއް އަތުގައި އައްޒާމް ހިފާލިއެވެ. މަރުގެ ތުންފަތްމަތިން ދަރިއަކު ސަލާމަތްވެގެން މައިންބަފައިންނާ ބައްދަލުވާ ފުރަތަމަ ފަހަރަކީ މައިންބަފައިންނަށް އެތައް އަސަރުތަކެއް ކުރާނެ ވަގުތެއްކަން ޔަގީނެވެ. ތަބައްސުމް އާއި އައްޒާމްގެ ދެލޮލުން އެވަގުތު ފާޅުވެގެން ދިޔައީ އެފަދަ އަސަރުތަކެކެވެ. ބޭރުގައި ތިބި މީހުންގެ ނަޒަރުން ސަލާމަތްވުމަށް މައިލީން ކުރިއަށް ޖެހިލިއެވެ. އެނދު ދަމާ ކުދިންނަށް ތަން ދެއްކުމަށް ބުންޏެވެ. ކޮޓަރި އާ ދިމާލަށް މެލެކްގެ އެނދު ދިޔައިރު އާއިލާ މީހުން އައީ ފަހަތުންނެވެ. އެންމެންގެ ފަހަތުން މައުސޫމާ އާއި ޒިޔާދު އަދި ޒޭބާ ހުރުމުން މެލެކް އަށް އުނދަގުވިއެވެ. ލޫލު ނެތުމުން ވަގުތުން އޭނާ ސުވާލުކުރިއެވެ.

"ޒެއްލު އެބައާދޭ" ޒޭބާ ބުންޏެވެ.

"ބާޒިލް އަށް ގުޅާލަބަ. ބުނެބަ ވަރަށް އަވަހަށް އަންނާށޭ" މެލެކް އޮތީ ކެތްމަދުވެފައެވެ.

ކޮޓަރީގައި ހުރި އެނދުގައި ރަނގަޅަށް މެލެކް ބާއްވާ ހަމަޖެއްސުމަށްފަހު ޑޮކްޓަރާއި ނަރުހުން އެއްކައިރިވެލީ އައިލާ އަށް ވަގުތު ދިނުމަށެވެ. މެލެކްގެ ބޯކައިރީގައި ހުއްޓި އިސްތަށިގަނޑުގައި ތަބައްސުމް ފިރުމާލިއެވެ. މައުސޫމާވެސް ހަމަ އެފަދައިން ކަންތައް ކުރިއެވެ. އޭނާގެ ދެލޮލުން ފާޅުވަމުން ދަނީ މައިވަންތަކަމުގެ އަސަރުތަކެވެ.

"ދަރިފުޅު ރަނގަޅުތަ؟" މައުސޫމާ އަހާލިއެވެ.

"އަޅުގަނޑު ބަލިވި އިރެއް ނޭނގޭ. މަންމަ އާ ދޮނާ ހާދަ ބިރެއްގަނެއޭ ކަންކަމާ. ކިރިޔާ ޕްރެޝަރ ދަށްވާއިރަށް މިތަނަށް ގެނެސް ބާއްވައިފި. ނަސީބެއްނު. މާދަމާ އަކީ ޔާންގެ އުފަންދުވަސް... ކޮބާތަ ޔާން؟" މެލެކް ވާހަކަދެއްކިއެވެ.

"މެލީ... މިއަދު މިއީ މެއި ތިނެއް. ޔާން ގެ އުފަންދުވަސް ހިނގައްޖެ" މައިލީން ބުންޏެވެ.

"ވަޓް...؟ މެއި ތިނެކޭ. ދައްކަބާ..." ތަބައްސުމް އަތުގައި އޮތް ފޯނު މެލެކް ނެގިއެވެ.

"އެބުނާހެން. މިދިޔަ ދެ ހަފްތާގަ އަޅުގަނޑު ކޮންތާކުހުރީ. އޯ ގޯޑް... މިއީ ކޮންކަމެއް ދޮނާ... ކުރީގަވެސް ދެ މަސްވެގެން ދިޔައިރު ވީނުވީއެއް ނޭނގޭ. އަނެއްކާ ދެހަފްތާ... ރާއްޖޭގަ ވީ ކަމެއްވެސް ނޭނގޭ..." މެލެކްގެ އަޑުގައި ކަންބޮޑުވުން ވިއެވެ.

"މެލީ ގެ ލޭ ދަށްވީކީ ނޫން. މާބޮޑަށް ދަށްވީ. އެހެންވެ އިތުރަށް ގޯސްވެދާނެތީ ނިންދަވާފަ ބޭއްވީ. ނިދަނިދާފަ ކޮން ޝަކުވާއެއް ތިކުރަނީ. ދޮނާ ހާދަ ޖެލަސްއެއް ފީލް ވިއޭ މެލީ އެވަރަށް ނިދާތީ... އެހެންނޫނަސް ބޭކާރު ކަންކަމާ އެވަރަށް ނުވިސްނާ. ރަށަށް ދެވުނީމަ އަހަރެމެން ދެކުދީންގެ ވެގެން ޔާން އަށް ސަޕްރައިޒެއްދޭނީ" މައިލީން ވާހަކަތައް ވަރަށް ފަސޭހައިން މެލެކް ގަބޫލުކުރިއެވެ.

އިރުކޮޅަކުން ޒޭބާ ބޭރަށް ނިކުމެފައި އައިރު އަތްމަތީގައި ލޫލު އިނެވެ. ލޫލުގެ ތުންފަތްމަތީގައިވި ހިނިތުންވުން ފެނި އެކުއްޖާ އިނީ ވަރަށް ރަނގަޅު މޫޑެއްގައިކަން އެނގެއެވެ. ލޫލު ފެނުމާއެކު މެލެކް ކުރިއަށް ދެއަތް ދަމާލިއެވެ. އެވަގުތު އޭނާގެ އަތަށް ގުޅާފައިވާ ކެނިއުލާ އަށް ބާރުވެގެން ދިޔައެވެ.

"ބަލައިގެން..." މައިލީން ކައިރިވެލިއެވެ.

ލޫލު އަތުގައި ޖެހުމާއެކު މެލެކްގެ މޭގައި އެކުއްޖާ ބޮނޑިކޮށްލިއެވެ. ކޮންމެވެސް ސަބަބަކާ ހުރެ މެލެކްގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ. އެމަންޒަރު ފެނުމުން ތަނުގައި ތިބި ކޮންމެ މީހެއްގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ.

"މެލީ މަތިން މިސްވިތަ ލަވް.... ވަރަށް ބޮޑަށް ތެންކިޔު މެލީ ކައިރިއަށް ވިޒިޓްކޮށްލީމަ" ލޫލުގެ މޫނާ ދެއަތުގައި މެލެކް ބޮސްދިނެވެ.

"މަންމި މަތިން މިސްވާނެއްނު ކޮންމެ ކުއްޖެއްވެސް. ދަރިފުޅު ލޫލުއަށް މެލީ ކިޔައިނުދީބަލަ" މެލެކްގެ އިސްތަށިގަނޑުގައި ފިރުމާލަމުން މައުސޫމާ ބުންޏެވެ.

"ދެން އެކަމު އަސްލު މަންމަ ނޫން މީހަކަށް ކުދިން ލައްވާ މަންމަ ކިޔުއްވާކަށް ނުވާނެ... އެހެއްނު ލޫލު" މެލެކް ބުންޏެވެ.

މެލެކްގެ އެ ޖުމްލައާއެކު އެކަކަށްވެސް އެއްޗެއް ނުބުންޏެވެ. ހިތަށް އެރި ކޮންމެ އެއްޗެއް ހުރިހާ މީހުން އެތެރެއަށް ހިންދާލައިގެން ހުއްޓެވެ.

"ބައްޕަ އަންނާނަށް ފިހާރައަށް ގޮސްލާފަ. ދަރިފުޅު އެއްޗެއް ބޭނުންތަ؟" އައްޒާމް އަހާލިއެވެ.

"ބައްޕާ. ސައްވިސް ގަޑިއިރު ވަންދެން މެލީ އަށް ދޭންޖެހޭނީ ފްރެޝް ފުރުޓުގެ ޖޫސް. ނޫނީ ކުޅިނުކޮށް ކޮންމެސް ތަރުކާރީއެއްގެ ސޫޕެއް" މައިލީން ބުންޏެވެ.

"އަޅުގަނޑު ބޭނުމީ ބެރީސް" މެލެކް ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟