ވާހަކަ

ރުހުން ދީފާނުހޭ - 25

4

މަގެއްގެ މައްޗަށް ނިކުންނާނީ ކިހިނެއް؟ އަހަންނަކަށް ނުކެރޭނެ އެހެން ކަންތައްކުރާކަށް. ނުވެސް ކުރާނަން... އަމުދުން ސާރާގެ ދުލުން ތިހެން ބުނީމަ ކުރާކަށް ބޭނުމެއްވެސްނޫން.... ސާރާ އަށް އަޑުއަހަން ކެރޭނެތަ؟ އެހެންވިއްޔާ އަޑުއަހާ.. މެލެކް އަކީ އަހަރެންގެ އަނބިމީހާ. އަހަރެންގެ ދަރިފުޅު މަންމަ. ސާރާ އަހަރެންގެ އަންބަކަށް ވިޔަސް މެލެކްގެ ދަރަޖަ ނުލިބޭނެ. ސާރާ ވާނީ ހަގު އަންބަށް. އަޑުއިވިއްޖެތަ؟....؟ ބާޒިލް ފުންނޭވާތަކެއް ލަމުން ދިޔައިރު އޭނާގެ އަޑުގައި ތުރުތުރުލުމެއްވެސް ހުއްޓެވެ.

ސާރާ ހުރީ ހައިރާންވެފައެވެ. މިނޫނީ ދުވަހަކުވެސް އެ މޭރުމުން ބާޒިލް ވާހަކަނުދައްކައެވެ. ބާޒިލް ސިކުނޑި ހާސްކުރުވަމުން އެދަނީ ހަމަ މެލެކް އަށް ދިމާވި ކަންތައް ހެއްޔެވެ؟ ސާރާގެ ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ.

"އަހަރެން ގަބޫލެއްނުކުރަން މެލެކް އަކީ ޒެއްލުގެ އަނބިމީހާ ކަމަކަށް" ސާރާ ބުންޏެވެ.

"ސާރާ ގަބޫލުކުރިޔަސް ނުކުރިޔަސް އެއީ ހަގީގަތަކީ" ބާޒިލް ބުންޏެވެ.

"މީގެކުރިން ޒެއްލު ތިހެނެއްނޫން. އަހަރެން ކައިރީގަ ދައްކާފަހުރީ މެލެކް އާއެކު އުޅެން ބޭނުންނުވާ ވާހަކަ. މިހާރު ކިހިނެއްތިވަނީ؟ މެލެކްއަށް ހަމްދަރުދީތިވަނީ ކީއްވެ؟ ޒެއްލު އޭނަ ވަރިކުރީމަ އޭނަ އާ އިންނާނެ މީހަކު ނުވާނެތީތަ. މިހާރުވެސް އެއްވެސް ގުޅުމެއް ނެތްއިރު ކޮންމެހެން؟" ސާރާ ބުންޏެވެ.

"މިބުނީނު. ސާރާ އަށް އަޑެއް ނީވޭތަ؟ އަހަރެން ބުނެފީމެއްނު ސާރާ ކައިރީގަ ދާށޭ. އަހަރެން ބޯހާސްކުރުވަން ނޫޅޭ" ހިނދަކަށްފަހު ހިނދެއް ބާޒިލްގެ ރުޅިގަނޑު ދިޔައީ އިތުރުވަމުންނެވެ.

"ނުދާނަން. ތިހެން އަހަރެން މިތަނުން ބޭރުކޮށްލުމުގެ ހައްގެއް ނޯންނާނެ. ކީއްވެތަ ސާރާ ވަރިނުކުރަން ތިއުޅެނީ؟ ޒެއްލުއަށް އެނގޭނެ މި މައުލޫއަށް މީގެކުރިންވެސް އެއްދުވަހު ވާހަކަދެކެވުނުކަން. އެދުވަހުވެސް އަހަރެން ރުޅިގަދަވި. މިރޭ ކުރިން ތިފެށީ ޒެއްލު. ޖަވާބުދީ. ކީއްވެހޭ މެލެކް ދޫކޮށްނުލަން ތިއުޅެނީ؟ މިހާރު ޒެއްލުގެ މަންމަވެސް އެބުނީނު. އަހަރެންނާ ރައްޓެހިވެގެން ހުރެ މެލެކް އާ ކައިވެނިކޮށް އަހަންނަށް ބޭވަފާތެރިވީ ޒެއްލު. މިހާރު އަހަރެން މިބުނަނީ މެލެކް ވަރިކުރާށޭ. އަހަރެންނަށް ހައްގު މަގާމުގަ އަހަރެން ބައިންދަދޭށޭ" ސާރާ ބާޒިލްގެ ދެއަތުގައި ހިފާ ތަޅުވަން ފެށިއެވެ.

"މޮޔަވީތަ؟" ސާރާ ދުރަށް ޖައްސާލަމުން ބާޒިލް ބުންނެވެ.

"އާނ އަހަރެން މޮޔަވެއްޖެ. ޒެއްލު ހުއްޓާލާނީ އަހަރެން މޮޔަކޮށްފަ. އަހަރެންވެސް މިއީ އިންސާނެއް ވަރަށް ކެތްކޮށްފިން. ދެން ކެތެއްނުވާނެ. ބުނޭ މެލެކް ވަރިކުރާނަމޭ. އެހެންނޫނީ އަހަރެން މި ޝަކުވާއެއް ނުހުއްޓާނަން" ސާރާގެ އަޑުވެސް ދިޔައީ ބާރުވަމުންނެވެ.

"އަހަންނަކަށް މެލެކް ވަރިއެއް ނުކުރެވޭނެ. އެއީ އަހަރެންގެ ދަރިފުޅުގެ މަންމަ" ބާޒިލް އަށް ރޮވުނެވެ. ނޭނގޭ ކޮންމެވެސް ސަބަބަކާހުރެ ބާޒިލްގެ ހިތަށް ތަދުކުރުވަމުން ދިޔައެވެ. އޭނާ ހިތްއެދެމުން ދިޔައީ މެލެކް އަށް ގުޅުމަށެވެ. މެލެކްގެ ހާލު އެނގުމަށެވެ. އޭނާއަށް ހީވާ ކަހަލައެވެ. ސާރާ ކުރިމަތީގައި ހުރެގެން އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ސާރާ ޖެހޭނީ މިވަގުތަށް އެގެއިން ދާށެވެ. ބާޒިލްގެ އެނދުގައި އިށީނެވެ.

"އެއީ ލޫލުގެ މަންމައަށް އެކަނި ވީމައެއްނޫން ތިއުޅެނީކީ. ލޯބިވަނީ ދޯ މެލެކްދެކެ. ހިތް ކިއީ ދޯ މެލެކްއަށް" ސާރާ ބުންޏެވެ.

"ފޯ ގޯޑް ސޭކް ސާރާ" ބާޒިލް ހަޅެއްލަވައިގަތެވެ. "ޕްލީޒް ލީވް"

"އަޑެއް ނީވޭތަ؟ ސާރާ ބީރުވީތަ؟ މިބުނީނު މިގެއިން ދާށޭ. ހުރިހާވެސް މައްސަލައަކީ ސާރާ. ސާރާ ތިއީ އަހަރެންގެ ހާލަތު އަންޑަސްޓޭންޑްވާ މީހެއް ނޫން. ދާށޭ..."

ސާރާ ހިމޭންވިއެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެމުން ސާރާ ހިނގައިގަތީ ދޮރާ ދިމާލަށެވެ. މިވަގުތު އެކަކަށް އެކަކު ދައްކާ ވާހަކައެއްވެސް ނުވިސްނޭނެކަން ސާރާ އަށް އެނގެއެވެ. ބާޒިލް ރުޅިއައިސްފައި ހުއްޓަސް ސާރާގެ މައްސަލައެއް ނެތެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ބާޒިލްގެ ހިތުގައި އޭނާ އަށް ވުރެ މެލެކް އަށް އޮތް ލޯބި ބޮޑީއެވެ. އޭނާގެ މައްޗަށް ބާޒިލްގެ ހިތުގައި އޯގާތެރިކަމެއް އިހުރިތާމެއް ނެތީއެވެ. ބާޒިލްދެކެ އޭނާ ވީ ލޯބީގައި އަގެއް ނެތީއެވެ. އެ ލޯތްބަށް ބާޒިލް ގަދަރު ނުކުރީއެވެ.

"އަހަރެންވެސް ބަލާނަން މި ރިލޭޝަންޝިޕް ވޯކް ކުރަނީ ކިހާވަރަކަށްތޯ. ޒެއްލު އަށް އަހަރެންގެ ލޯބި މުހިންމީ ކިހާވަރަކަށްތޯ. ހަގީގަތުގައިވެސް ތި ދުލުން ތިބުނާވަރަށް އަހަރެންދެކެ ލޯބިވޭތޯ. ޒެއްލުގެ ހަޔާތުން މުޅިއުމުރަށް މެލެކް ދުރަށްލާން ނިންމައިގެން ނޫނީ ޒެއްލު އަހަރެން ހޯދަން އުޅެގެންނުވާނެ. އިނަފް އިޒް އިނަފް..."

ސާރާ ބާރަށް ދޮރުލައްޕާފައި ދިޔަގޮތުން ބާޒިލް އިތުރަށް ރުޅިގަދަވިއެވެ. އަތުގައި ފޯނު ރުޅިއައިސްފައި ޖެހީ އެނދު މައްޗަށެވެ. ދެއަތުން ބޮލުގައި އަތްއަޅައިގެން ހުރެ އޭނާ ކޮޓަރީގައި ދެކޮޅަށް ހިނގަންފެށިއެވެ.

****

މުޅި އާއިލާ މާޔޫސް ކަމުގައި އެކަކު އަނެކަކާ ވާހަކަދެއްކުމުގެ ހިތްވަރެއްވެސް ނެތެވެ. ކެއުމާއި ބުއިން އަދި ގައިން ތާހިރުވުމާއި ނިދުމުން އެންމެން މަހުރޫމްވެފައެވެ. ކަށިން ހިތްވަރު ނެރެގެން މައިލީން ހުރީ ޑޮކްޓަރ އަހަދުﷲ ގެ ހިތްވަރުގެ ބަސްތަކުންނެވެ. އެތެރެއިން އޭނައަށް ފެންނަނީ މެޝިނެއްގެ އެހީގައި ދުނިޔޭގައި އޮތް އޭނާގެ ދެލޮލުގެ ނޫރު ފަދަ ލޯބިވާ ކޮއްކޮއެވެ. ބޭރަށް ނިކުތުމުން އޭނާއަށް ފެންނަނީ މަރުވެފައިވާ މައްޔިތެއް ފަދައިން އިން މަންމައެވެ. ހިތް ފަޅިފަޅިވެ މޭގެތެރޭގައި ހީވަނީ ލޭގެ ކޯރެއް ހެދިފައިވާ ހެންނެވެ. މިދަނޑިވަޅުގައި ހެއްދެވިފަރާތަށް ވަކީލުކޮށްލައިގެން ހުރުން ނޫން ގޮތެއް ނެތެވެ.

އައިސީޔޫ އަށް ވަދެފައި ނިކުތް ތަބައްސުމްގެ ގައިގައި އައްޒާމް ހުރީ ބާރަށް ހިފަހައްޓާފައެވެ. މެލެކް އޮތް ގޮތް ފެނި ތަބައްސުމް ލަގޮނޑި ވަނީ ފިތިފައެވެ. އޭނާގެ ގައިގައި އަޅަމުން ދިޔަ ތުރުތުރުލުން އަދިވެސް ނުކެނޑެއެވެ. އޭނާއަށް ބަހެއް ނުކިޔެއެވެ. މުޅި ކަރުތެރެ ވަނީ އެއްކޮށް ބެދިފައެވެ. ހިންދިރުވާލަންވެސް އޭނާއަށް ވަނީ ދަތިކަމަށް ވެފައެވެ. ގޮނޑީގައި ތަބައްސުމް ބައިންދާފައި ކައިރީގައި އައްޒާމް އިށީނެވެ. ވަގުތުގެ ގޮތުން އެހިސާބުގައި މީހުންވެސް ގިނައެވެ. އެތެރެއިން ނިކުމެގެން އައި މައިލީން އައިސް ތަބައްސުމް ކުރިމަތީގައި ކުރުފައި މައްޗަށް އިށީނެވެ. ތަބައްސުމްގެ އުނގުގައި އޭނާގެ ދެއަތް ބޭއްވިއެވެ. މަންމަގެ މޫނަށް ބަލައިލުމާއެކު މައިލީންގެ ދެލޮލުން ކަރުނަތައް އޮހިގަނެއްޖެއެވެ. ތަބައްސުމްގެ މޫނުމަތީގައި ދިރުމެއް ނެތެވެ. ދެ ތުންފަތް ވަނީ ހިކިފައެވެ. ދެލޮލުގައި ކަރުނައެއް ނެތެވެ. ދެލޮލުގެ ކައިރި ވަނީ ކަޅުވެފައެވެ. އަޅާފައި ހުރި ބުރުގަލުގެ ދަށުން ފެންނަން ހުރި އިސްތަށިތައް މައިލީންގެ ދެއަތުން އެތެރެއަށް ލައްވާލިއެވެ. ލޯބިވާ ދަރިފުޅާއި އަނބިމީހާގެ ހާލަތު ފެނުމުން އައްޒާމް ހިތް ހީވަނީ ރޫޅިދާނެހެންނެވެ. ފިރިހެން ދަރިފުޅުގެ ރަހުމެއްނެތްކަމާއި އެދަރިފުޅުގެ އަނބިމީހާގެ އާއިލާ ކުރަމުންދިޔަ ހިތާމަ ގާތުން ފެނި ފާރު ކައިރީގައި މަޑުކޮށްގެން ހުރި ޒިޔާދަށްވެސް ހުރީ ފުން އަސަރުތަކެއް ކޮށްފައެވެ.

"މަންމާ، ހިތްވަރުކުރަންވާނެ" މައިލީން ބުންޏެވެ. އޭނާއަށް ތަބައްސުމްގެ ސަމާލުކަމެއް ނުލިބުނެވެ. އެއްދިމާލެއް ބަލަހައްޓައިގެން ތަބައްސުމް އިނީ ހިމޭންވެފައެވެ. އެންމެ ބަހެއް ބުނެލާނެ ހިތްވަރުވެސް އޭނާގެ ނެތީއެވެ.

"ދަރިފުޅާ ކޮއްކޮ މާލެ ގެންދަން ހުއްދަ ނުދެވޭނެތަ؟" އައްޒާމް އަހާލިއެވެ.

"އަދި ހުއްދައެއް ނުދެވޭނެ ބައްޕާ. މެލީ އޮތީ ހަށިގަނޑަށް ގުޑުމެއް އަރުވާލެވޭނެ ހާލަތެއްގައެއް ނޫން. ގެންދެވޭވަރުވީމަ އަޅުގަނޑު ބުނާނަން. ދުއާކުރޭ" މައިލީން ބުންޏެވެ.

"މެލީގެ ހާއްސަ ޑޮކްޓަރު މިކޮޅަށް ދުރުވެއްޖެއްނޫންތަ؟ ކީކޭ އެ ޑޮކްޓަރު ބުނަނީ؟" އައްޒާމް ބުންޏެވެ.

"ޑޮކްޓަރ އަހަދު ބުނީ އަދި އެއްޗެއް ބުނަން ދައްޗޭ. މާދަމާ އަކީ ކޮއްކޮއަށް ވަރަށް މުހިންމު ދުވަހެއް. އެ ހަނގުރާމައިން ކޮއްކޮ ބަލިވިއްޔާ.... "

"ހަސްބުނަﷲ ވަ ނިޢުމަލް ވަކީލް... ތިހެން ނުބުނޭ ދަރިފުޅާ..." ތަބައްސުމް ތެޅިގަތެވެ.

"އައްޒާމް މަގޭ ދަރި ކޮންމެ ތަނަކަށް ގެންގޮސްގެން ނަމަވެސް ރަނގަޅުކޮށްދީ. ދެވަނަ ފަހަރަށް އެކުއްޖާ އެވޭނުގައި ތެޅޭތަން ބަލާކަށް އަހަންނަކަށް ކެތެއްނުވާނެ. އަހަރެންގެ ހިތް ހީވަނީ ފަޅައިގެންދާން އުޅޭހެން. އެ ދަރިއަށް ވުރެ ކުރިން އަހަރެން ހިނގައިދާނެ... ﷲ އަށްޓަކައި އެކުއްޖާއަށް ރަނގަޅު ފަރުވާއެއްދީ" އައްޒާމް ލައިގެން އިން ގަމީހުގެ ގޮށްފަތީގައި ހިފަހައްޓައިގެން އިނދެ ތަބައްސުމް ވާހަކަދެއްކިއެވެ. އެ މަންޒަރު ފެނުނު ކޮންމެ މީހެއްގެ ލޮލުން އެވަގުތު ކަރުނަ ނީރާލިއެވެ.

"ކެތްކުރޭ ތާބާ. ﷲ އެއްވެސް އަޅަކަށް ނުއުފުއްލޭ ވަރުގެ ތަކުލީފެއް ނުޖައްސަވާނެ. އުންމީދު ދެއްވަނީވެސް އެކަލާނގެ. އެހެންވީމަ އެކަލާނގެ ހަޟްރަތުން އުންމީދު ކަނޑާލާކަށް ނުވާނެ" އައްޒާމަށް ރޮވިއްޖެއެވެ. ތަބައްސުމްގެ ދެއަތުގައި ހިފައި އޭނާ އާ ގާތަށް މަޑުމަޑުން ގެނައެވެ.

"ފެނުނެއްނު އެ ދަރި އޮތް ހާލު. ސިފަވެސް ވަކިނުވާހާ މީހާ ދުޅަވެއްޖެ. މެޝިންތަކެއްގަ އެހީގަ ނޭވާ ލަމުން އެދަނީ. ޔާ ﷲ މިއަޅާގެ ދަރިފުޅު އެ ވޭނުން މިންޖުކުރައްވާށި. އިބަރަސްކަލާނގެ ހަޟްރަތުން އެ ދަރިފުޅަށް ޝިފާ ދެއްވާށި..." މުޅި ސަރަހައްދުގައި ވަނީ ތަބައްސުމްގެ ވޭނީ އަޑެވެ.

"މަންމާ. ކެތްތެރިވާންވާނެ. މާދަމާވެސް ހާލަތު ބަދަލުވާނެ. ކޮއްކޮ ފަހުގެ ހަބަރު ކޮންމެ ގޮތަކަށް އަޔަސް މަންމަ އާ ބައްޕަ ކެތްތެރިވާންވާނެ.... އެގުޅަނީ ޑޮކްޓަރ އަހަދު. މިވަންނަނީ އެތެރެއަށް... ބައްޕާ، މަންމައަށް ހިތްވަރުދީ. މަންމަ ކައިރިން ދުރަށްނުދާތި" މައިލީން ދުރަށް ހިނގައިގަތެވެ. އޭނާ ދެލޮލުން ފޭބި ކަރުނަތައް ފޮހެލީ މައިންބަފައިންނަށް ފުރަގަސްދީފައެވެ. މިވަގުތު ކޮންމެސް އެކަކު ހިތްވަރުކޮށްގެން ކުރިއަށް ޖެހެންވާނެތާއެވެ.

ފާރު ކައިރީގައި މަންޒަރު ބަލަހައްޓައިގެން ހުރި ޒިޔާދު ހިންދިރުވާލިއެވެ. ކިހާ ކެތްތެރި އާއިލާއެއް ހެއްޔެވެ؟ އެއީ ހަމައެކަނި ދައްތައެއް ނޫނެވެ. ދައްތަ ޖަވާހިރެކެވެ. މެލެކް ގެނައިފަހުން ރަނގަޅަށް ލޮލުފިޔައެއް ޖަހާލިހެންވެސް ހިއެއް ނުވެއެވެ. ތާއަބަދު އެދަނީ މެލެކްއަށްޓަކައި ހިތްވަރުކުރަމުންނެވެ. މި ހޮސްޕިޓަލުގައި މައިލީން އަށް ތައުރީފުނުކުރާ ހަމަ އެކަކުވެސް ނެތެވެ. ޒިޔާދު އައިސް އައްޒާމްގެ ގާތުގައި ހުއްޓުނެވެ. އައްޒާމްގެ ކޮނޑުގައި އަތްބާއްވާލާފައި ބޯޖަހާލިއެވެ. އޭނާ ހުރީ ނިންމައިގެންނެވެ. ކޮންމެ ހާލެއްގައި ވިޔަސް އޭނާ އެރަށުން ފައިބާނީ އެ އާއިލާ އާ އެކުގައެވެ. އެ އާއިލާ ވީ ހާލެއްގައި އޭނާ ވާނެއެވެ. ހަމައެކަނި ފިރިހެން ދަރިފުޅުގެ ރަހުމެއްނެތްކަން ފޫބައްދާކަށް ނޫނެވެ. އުފަން ދަރިއެއް ފަދައިން އޭނާ މެލެކް ދެކެ ލޯބިވެއެވެ. ކުއްލިއަކަށް ދޮރުން ނިކުތް މައިލީން އައިސް ތަބައްސުމް ކައިރީގައި ކުރިން އިންތަނުގައި އިށީނެވެ. މައިލީން އަށް ތަބައްސުމް ބަލައިލިއެވެ. މައިލީން ދޭން އުޅޭ ހަބަރެއްގެ ގޮތުން ތަބައްސުމްގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. ތަބައްސުމްއަށް ނޭވާ ލާންވެސް ދަތިވިއެވެ. އޭނާ އަށް އިހުސާސް ކުރެވުނީ އޭނާގެ ފަހުވަގުތުކޮޅު ފަދައިންނެވެ. މެލެކް ދިޔައީ ހެއްޔެވެ؟ މުޅި އުމުރަށް ދެލޯ މަރާލީ ހެއްޔެވެ؟ އިށީނދެގެން އިނަސް ތަބައްސުމްގެ ލޯ މައްޗަށް އަނދިރިވެގެން ދިޔައެވެ. އެހިނދު މައިލީން ތަބައްސުމްގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތެވެ.

"މަންމާ..." ތަބައްސުމް ހަމަޔަކަށް އެޅުމުން މައިލީން ހިފަހައްޓާލީ ތަބައްސުމްގެ ދެއަތްތިލައިގައެވެ.

"މަންމާ" މައިލީން މަޑުމަޑުން ގޮވާލިއެވެ. އެއީ މައިލީންގެ ފަހަތުން ޑޮކްޓަރ އަހަދުﷲ ވެސް ހުއްޓުނު ވަގުތެވެ. އެހިނދު ތަބައްސުމް އާ އައްޒާމް އެކުގައި ކޮޅަށް ތެދުވިއެވެ. މީގެކުރިންވެސް ޑޮކްޓަރ އަހަދުﷲ އާ އެދެމަފިރިން ބައްދަލުވެ ވާހަކަދެކެވިފައި ވެއެވެ.

"އެއީ އެންމެ އޯގާވަންތަވެރި ރަސްކަލާނގެ. މެލެކް އަށް ކުރިއެރުމެއް ލިބިއްޖެ. އަލްހަމްދުލިއްލާހް... ވިސްނަވާ. މީގެ ބައިގަޑިއިރު ކުރިންވެސް އަޅުގަނޑުމެން ޗެކްކުރިއިރު މެލެކްގެ ކަޅި ހަރަކާތެއް ނުކުރޭ. މިތަނަށް ގެނައި ފަހުން ކަޅި އެއްކޮށް ހުއްޓުނީ. މިދަނީ ކޮންމެ ތިރީސް މިނެޓަކުން ޗެކްކުރަމުން. ދެންމެ ޗެކްކުރިއިރު ބަރާބަރަށް ކަޅި ހަރަކާތް އެބަކުރޭ. އަދިވެސް މިދަނީ ވަރަށް ގާތުން ބަލަމުން" ޑޮކްޓަރު އަހަދުﷲ މެލެކް އާ ގުޅޭ މައުލޫމާތު ހިއްސާކުރިއެވެ.

"އަލްހަމްދުލިއްލާހް..." ތަބައްސުމް އަށް ބުނެވުނީ ރޮވިފައިވި އަޑަކުންނެވެ. އޭނާ އަށް އައްޒާމްގެ މޭގައި ލައްވެލެވުނެވެ. ހިތަށް ލިބުނު ހިތްހަމަޖެހުމެއްގެ ސަބަބުން އޭނާއަށް އިތުރަށް ރޮވެން ފެށުނެވެ.

"މާދަމާ އިރުއޮށްސުމުގެ ކުރިން ހާލަތު އިތުރަށް ގޯސްނުވިއްޔާ ފުރަންވީ. ދުއާކުރުން ހުއްޓާނުލާ" އައްޒާމްގެ ކޮނޑުގައި ޖަހާލަމުން އަހަދުﷲ ބުންޏެވެ.

މައިލީން އެތެރެއަށް ވަނީ ތަބައްސުމް އާއި އައްޒާމްގެ ގައިގައި ބައްދާލާފައެވެ. މިވީ ސާޅީސް އަށްގަޑިއިރުގެ ތެރޭގައި އޭނާގެ ހިތަށް ލިބުނު ހިތްހަމަޖެހުމެވެ.

"ﷲ އިރާދަކުރެއްވިއްޔާ އަހަރެމެންގެ މެލެކް ވަރަށް އަވަހަށް ރަނގަޅުވާނެ. އަޅުން ކުރާނީ މަސައްކަތް. ކާމިޔާބު ދެއްވާނީ އެކަލާނގެ. އެކަލާނގެ އީ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހުރިހާ ކަމެއް ބަދަލުކޮށްދެއްވާ ރަސްކަލާނގެ" އައްޒާމްގެ ކޮނޑުގައި އަތްބާއްވަމުން ޒިޔާދު ބުންޏެވެ.

****

ބަންދުކޮށްފައި ހުރި ދެ ފޮށި ހުރީ ސިޓިންގރޫމަށް ނެރެފައެވެ. ދޮރުމަތީގައި ހުރި ފިރިހެނަކާ ގޭ ތަޅުދަނޑި އާ ބައެއް އިރުޝާދުތަކެއް ދީފައި ސިހާމާ އައިސް ސޯފާގައި ސާރާ ކައިރީގައި އިށީނެވެ.

"ތަޅުދަނޑި ހަވާލުކުރެވިއްޖެ. ސާދިޔާގެ ދެމަފިރިން އަހަރެމެން އެނބުރި އަންނަންދެން ގެ ބަލަހައްޓައިދޭނެ" ސިހާމާ ބުންޏެވެ.

"ކިހާ ދުވަހަކަށް މިދަނީ" ސާރާ އަހާލިއެވެ.

"މުންނާ އަށް ވާގޮތެއް ވީމަ އެނގޭނީ. އާދެވޭވަރުވީމަ އަންނަންވީ" ސިހާމާ ބުންޏެވެ.

ސާރާ ބަހެއްނުކިޔާ އިންނަން ފެށުމުން ސިހާމާ އަށް އުނދަގުވިއެވެ. މިއަދު އިރުއެރިއްސުރެ ފެށިގެން ސާރާ އިންނަނީ ފާޑަކަށެވެ. ރަނގަޅަށް އެއްވެސް ވަގުތެއްގަ ނުކައެވެ. ފޯނުން ބާޒިލް އާ ވާހަކަދެއްކި ތަނެއްވެސް ނުފެނެއެވެ.

"ހުރިހާ ކަމެއް ރަނގަޅުތަ؟ ސާރާ މާލެ ދާ ވާހަކަ ބުނީމަ ބާޒިލް އެއްޗެއް ބުނީތަ؟" ސިހާމާ އަހާލިއެވެ.

"ނޫޅެން ބުނާކަށް. ނޫޅެން ބާޒިލްގެ ވާހަކަދައްކާކަށްވެސް" ސާރާ ބުންޏެވެ.

އެހިސާބުން ސާރާއަށް އައިސްފައިވާ ބަދަލަކީ ބާޒިލްގެ ސަބަބުން އައިސްފައިވާ ބަދަލެއްކަން ސިހާމާއަށް އެނގުނެވެ. ސާރާގެ ރުޅިގަނޑު މައިތިރިކުރުމަށް އޭނާ ސާރާގެ އަތުގައި ހިފާލިއެވެ.

"ދައްތައަށް އެނގޭތަ. ކުއްލިއަކަށް ބާޒިލް ވަރަށް ބަދަލުވެއްޖެ. ރޭގަ އެވަރަކުން އެގެއަށް ދިޔައީ ފުރާ ވާހަކަ ބުނަންވެގެން. އަދި ފުރުމުގެ ކުރިން ވަގުތުކޮޅެއް ހޭދަކޮށްލަން" ސާރާ ވާހަކަދެއްކިއެވެ.

"ރޭގައޭ. ކިހާއިރަކު؟ ސާރާ ނިދަންވަދެއްޖެ ދައްތައަށް ވުރެވެސް ކުރިން" ސިހާމާ ބުންޏެވެ.

"އެގާރަޖަހަން އުޅެނިކޮށް. ގުޅާގުޅާ ފޯނު ނެގީކީނޫން. އެހެންވެ ދިޔައީ" ސާރާ ބުންޏެވެ.

"ހޫން. ދެން ކިހިނެކޭވީ" ސިހާމާ ބުންޏެވެ.

"ބާޒިލްގެ މަންމަވެސް މިހާރު ބޭނުންވަނީ ބާޒިލް އެ މެލެކް ވަރިކޮށްފަ މަށާ އިންނަން. އެހެން ބާޒިލް ކައިރީގަ ބުނަންވެސް ބުނެފި. އެކަމަކު ބާޒިލް ބޭނުމެއްނުވޭ. ދަރީގެ މަންމަ އޭ ކިޔައިގެން އަބަދު އަބަދު އެކައްޗެއް ކިޔަނީ. ކީއްވެތަ ބާޒިލް އޭނަ ވަރިކުރަން ބޭނުންނުވާންވީ. ލޯބިވަނީ އަހަރެންދެކެ. މެލެކް ވަރިކުރާކަށް ބޭނުމެއްނުވޭ. ކިހާ ހެއްވާ" ސާރާގެ އަޑުގައި ޝަކުވާ ވިއެވެ. ސިހާމާ އެވާހަކަތައް އަޑުއަހަން އިނދެ އެތައް ގޮތަކަށް ވިސްނަމުން ދިޔައެވެ.

"ކޮންމެގޮތެއް ވިޔަސް ވަރިހަމަ. ނުބުނާނަން މާލެ ދާ ވާހަކަ. ސޮރީއެކޭވެސް ނުބުނާނަން. ބަލާބަލަ. މިއަދު އެއްކޮށް ފާއިތުވެގެންމިދަނީ އޭނަ ސޮރީއޭވެސް ކުޑަމިނުން ބުނެނުލާ. އަހަރެން ކޮބައިތޯ ކައިފިތޯ ރަނގަޅުތޯ ބަލައިނުލާ. މިއީ އެހެންނޫނީ ދުވާލަކު ދެގަޑިން ކާ ބޭހެއްހެން މަށަށް ގުޅާ މީހެއް" ސާރާ ވާހަކަދެއްކިއެވެ.

"ދައްތަ އަށް ހީވަނީ ތީގަ ތިއުޅެނީ ހަމައެކަނި ބާޒިލްގެ މައްސަލަ ނޫންހެން. ސާރާ ވެސް ތަންކޮޅެއް ރުޅިގަދައީ. ނިކަން ހަމަޖެހިގެން ވާހަކަދައްކަބަލަ. ސާރާ ކަމަކަށް އެދޭއިރު ބާޒިލް ކަމަކާ ފިކުރުބޮޑުވެފަ ނޫނީ މޫޑީވެފަ ހުރިއްޔާ ސާރާ ޖެހޭނެ އޯގާތެރިވާން. މަޑުމައިތިރިކަމާއެކު އޭނާގެ ވާހަކަތައް އަޑުއަހަން. ހަމަ އެގޮތް ވާންވާނެ ބާޒިލްވެސް. ދައްތައަކަށް ހިއެއްނުވޭ ތިދެކުދިން ކައިވެނިކުރިޔަސް ތިހާ ކުދިކުދި ކަންތައްތަކުގަ މައްސަލަ ޖެހެންޏާ އެކުގަ ދިރިއުޅެވިދާނެހެނެއް. ގުޅުމެއް ކުރިއަށް ގެންދެވޭނީ ދެފަރާތުން ދައްކާ ވާހަކަތައް ދެފަރާތުންވެސް އަޑުއަހައިގެން. އަދި ދެފަރާތުންވެސް ގޮތްދޫކުރަންޖެހޭ ތަންތަނުގަ ގޮތްދޫކޮށްގެން" ސިހާމާ ސާރާއަށް ވިސްނައިދިނެވެ.

"ދައްތަ ތިބުނަނީ މިކަމުގަ ބާޒިލް ރަނގަޅޭތަ؟ ބުނެބަލަ މެލެކް ވަރިނުކުރަން އޭނަ އެ އުޅެނީ ކީއްވެ؟ މިހާރު އޭނަގެ މަންމަވެސް އެބުނީ މެލެކް ދޫކޮށްލާށޭ. އަހަރެންގެ މައްސަލައަކީ އެކަމާ ބާޒިލް ދެކޮޅުހަދާތީ. މިސާލަކަށް ތެދަށް ބުނަންވީއެއްނު ތިމަންނައަކަށް ތިކަމެއްނުވާނޭ. ތިމަންނަވެސް މިހާރު މެލެކް ބޭނުމޭ. ކީއްވެތަ ބުނަނީ ތިމަންނަ ހަމައެކަނި ލޯބިވަނީ ސާރާދެކެއޭ. ބާޒިލް ދޮގުހަދާ އެބަ. ހެޔޮ އަހަންނަށް. ބާޒިލް ގާތަށް އެކަންޏެއްނޫން ރުޅިއަންނަނީ" ސާރާ ވާހަކަދެއްކިއެވެ.

"ދެން ކީކޭ ބުނާނީ. ދައްތަވެސް ބޭނުންވަނީ ބާޒިލްގެ ހަޔާތުން މެލެކް އެއްކޮށް ދާން. ސާރާ އަށް ފުރިހަމައަށް ސާރާގެ ލޯބި ލިބެން. އެހެނެއްކަމަކު އެގޮތް ބާޒިލް ބޭނުންނުވަންޏާ ސާރާއަށް ލިބޭނީ ހަމަ ދެވަނަ މަގާމު" ސިހާމާ ބުންޏެވެ.

މޫނު ކުނިކޮށްގެން ސާރާ އިނެވެ. އޭނާ އިނީ މިފަހަރު ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.

"ދެން ހިނގާ ނިކުންނަމާ" ސިހާމާ ބުންޏެވެ.

****

އޮފީހުގައި އިނދެފައި ބާޒިލް ގެއަށް އައީ ބޮލުގައި ރިއްސާވަރުން ކެއްނުވީމައެވެ. މެލެކްގެ ކަންތަކާއި މައިންބަފައިންގެ ރުޅިވެރިކަމާ ސާރާގެ މިޒާޖު އޭނާ މޮޔަކޮށްފިއެވެ. ކޮޓަރިއަށް ވަދެ އޭނާ އެނދުގައި ހުރަހަށް ޖައްސާލިއެވެ. އޭނާ ދެލޯ މަރާލީ ހިތަށްވެރިވެފައިވާ ނުތަނަވަސްކަމާއި އުދާސްތައް ފިލުވާލުމަށެވެ. އެކަމަކު އެހެން އޭނާއަށް ނޯވެވުނެވެ. ހަށިގަނޑުގެ އެއްބައި މަދުހެން ހީވާން ފަށައިފިއެވެ. ލޫލުގެ ގައިގައި އަތްނުލާތާ ސައްވިސް ގަޑިއިރު ފާއިތުވެގެން ހިނގައްޖެއެވެ. އޭނާ އަލުން ތެދުވެގެން ގޮސް ލޫލުގެ ކޮޓަރި ބަލައިލިއެވެ. ލޫލު އޮތީ އެނދުގައި ނިދާފައެވެ. ފާހާނާއިން ފެންއަޑު އިވުމުން އޭނާ އަށް އެނގުނެވެ. ކޫ ނޫނީ މަންމަ ފާހާނައިގައި އުޅެއެވެ. ބާޒިލް ގޮސް ޖައްސާލީ ލޫލުގެ ގާތުގައެވެ. އޭނާއަށް ދެލޯމަރާލެވުނީ ލޫލުގެ ގައިގައި އެއް އަތުން ބައްދާލައިގެން އޮށްވައެވެ. ފާހާނައިން ނިކުތް ޒޭބާ އަށް ބާޒިލް ފެނުމުން ހައިރާންކަން ލިބުނެވެ. ގަޑި ބަލައިލިއިރު އަދި ބާރަވެސް ނުޖަހައެވެ. އޮފީހަށް ދިޔުމަށްފަހު ބޭކާރު ގޮތުގައި ބާޒިލް އަކީ ގެއަށް އަންނަ ކުއްޖެއް ނޫނެވެ. ޒޭބާ ކައިރިވެލާފައި ރަނގަޅަށް ބަލައިލިއިރު ބާޒިލް އޮތީ ގަދަ ނިދީގައެވެ. އޭނާ މަޑުމަޑުން ދޮރުލައްޕާލާފައި ނިކުތެވެ.

މައުސޫމާ ފަހަތް ބަލައިލީ ޒޭބާގެ އަޑު އިވުމުންނެވެ. ދޮރާށި އެތެރެއިން ތަޅުލާފައި އައިސް އިސްތަށިގަނޑުގައި އޮތް ތުވާލި ޒޭބާ ނެއްޓުވިއެވެ. އިނގިލިތަކުން އިސްތަށިތައް ހާނާލާފައި ޖޯލީގައި އިށީނެވެ. ފެންހޮޅި ބަންދުކޮށްފައި އައިސް މައުސޫމާ ޒޭބާ ކައިރީގައި އިށީނެވެ.

"ޒެއްލު އެބައޮތް ލޫލު ކައިރީގަ. ނިދާފަ އޮތީ" ޒޭބާ ބުންޏެވެ.

"ބާޒިލް އޭ. ކޮންއިރަކު އޭނަ އައީ؟ މަންމަ ނުދެކެން" މައުސޫމާ ބުންޏެވެ.

"އައި އިރެއް ނޭނގެ. ފާހާނައިން ނިކުތްއިރު އެބައޮތް" ޒޭބާ ބުންޏެވެ.

މައުސޫމާ ފުން ނޭވައެއް ދޫކޮށްލާފައި ޖޯލީގައި ބުރަކަށި ދަމާލިއެވެ. ހަށަން ބަނދެލާފައި އޭނާގެ ނަޒަރު ހާމައަށް އޮތް އުޑަށް ހުއްޓާލިއެވެ. ދޭތެރެއަކުން ޖެހިލާ ގުދުރަތީ ވައިރޯޅިން އޭނާ އަޅާފައި އޮތް ކަޅު ކުލައިގެ ކަން ބުރުގާގެ ކަނުން ތެޅިލައެވެ. މަންމަ އޮތީ ފިކުރު ބޮޑުވެފައިކަން އެނގުމުން ޒޭބާ ކަންބޮޑުވިއެވެ. އެކަން ވާނީވެސް އެހެންކަން މާކުރިންވެސް އޭނާއަށް އެނގެއެވެ.

"މަންމާ، ޒެއްލު މެލީ ވަރިކުރާނެހެން ހީވޭތަ؟" ޒޭބާ އަހާލިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟