ވާހަކަ

ރުހުން ދީފާނުހޭ - 24

8

އިރުކޮޅަކުން ސިހާމާ ފޯނު ބަލައިލާފައި ސާރާ އަށް ނަންބަރެއް ދައްކާލިއެވެ. އަދި އެ ނަންބަރަށް ދެމީހުންގެ މައުލޫމާތާއި އައިޑީ ކާޑުގެ ފޮޓޯ ފޮނުވަން ބުންޏެވެ.

"ފަޑެއްގެ ފިރިހެނެއް. ކާކު މިއީ؟" ސާރާ އަހާލިއެވެ.

"ތިއީ ސާރާ ބައްޕަ މަސައްކަތްކުރާ ކުންފުނީގެ ބޮޑުމީހާ. ޒަމްހަދު ކިޔަނީ. އޭނައޭ ދެކޮޅު ޓިކެޓާ އެކޮޅުގެ ހަރަދުތައް ބަލަހައްޓައިދެނީ" ސިހާމާ ބުންޏެވެ.

****

އޮފީހުން އައިގޮތަށް ބާޒިލް ވަނީ ކޮޓަރިއަށެވެ. އޭނާއަށް ގޭތެރެއިން އެއްވެސް މީހަކު ނުފެނެއެވެ. މެލެކްގެ ހަބަރު އޭނާއަށް ލިބުނީ ސާރާ އާއެކު ސައިބޮއެގެން އޮފީހަށް ދިޔަފަހުންނެވެ. ވަގުތުން އޭނާ ޒޭބާއަށް ވެސް މައުސޫމާއަށް ވެސް ގުޅިއެވެ. އެއްވެސް މީހަކު އޭނާގެ ކޯލަށް ޖަވާބުނުދިނެވެ. އޭނާ ހަދާނެގޮތެއް ނޭނގިގެން މައިލީން އަށް ވެސް ގުޅިއެވެ. ހޮސްޕިޓަލަށް ދާން ނިކުމެފައިވެސް އޭނާއަށް ދާން ނުކެރުނެވެ. ކަންތައް ކުރެވުނުގޮތުން އޭނާ ހުރީ އެއްވެސް މީހެއްގެ ކުރިމައްޗަށްވެސް އަރަން ނުކެރިފައެވެ. ކަންތައްކުރެވުނީ ރަނގަޅަކަށް ނޫންކަން އޭނާއަށް އިހުސާސްވެއްޖެއެވެ.

ނިދިފައި އޮވެފައި ބާޒިލް އަށް ހޭލެވުނީ އިޝާނަމާދުވެސް ފާއިތުވެގެން ދިޔަފަހުންނެވެ. ބާލީސް ކައިރީގައި އޮތް ފޯނަށް ބަލައިލާފައި އޭނާ ހައިރާންވިއެވެ. އަށް ގަޑި ސާޅީސް ހިނގައިފިއެވެ. އެއްވެސް މީހަކު އޭނާއަށް ކާންވެސް ނުގޮވައެވެ.

ބަނޑުހައިހޫނުކަމުގެ އިހުސާސްވެސް ކުރުވަން ފަށައިފިއެވެ. ފާހާނާއަށްވަދެ ގައި ދޮވެލައިގެން ނިކުމެ ކޮޓަރީގައި ހުރެގެން އަވަސް އަވަހަށް ފާއިތުވެދިޔަ ދެ ނަމާދުކޮށްލިއެވެ. އޭނާ ދެން ނިކުތީ ބޭރަށެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެންޏާ ބައްޕަ ޓީވީ ކައިރިން ފެންނާނެއެވެ. މޭޒު ކައިރިއަށް ދިޔައިރު ކާން ހަދާފައެއް ނެތެވެ. ކާއެއްޗެއް ރޯފިލުވާފައިވެސް ނެތީއެވެ. ބާޒިލްއަށް އެނގުނެވެ. މެލެކް އަށް ދިމާވި ކަންތަކުގައި ގޭމީހުން އެތިބީ މާޔޫސްވެފައެވެ. އެކަމަކު ނުކައި ނުހުރެވޭނެއެވެ. މުޅި ދުވަހު ލޫލު ނުފެންނަކަންވެސް އޭނާ ހަނދާންވިއެވެ. އޭނާ ދަރިފުޅު ދެކިލަން ބޭނުންވިއެވެ. އެހެންނަމަވެސް ކާއެއްޗެއް ކައިގެން ނޫނީ ދެން މައިތިރިއެއް ނުވާނެއެވެ. މޭޒުމަތީގައި ހުރި ޕާން އުރައިން ޕާން ފޮއްޗެއް ނަގައިގެން އޭގައި ކްރަމްޕީކޮޅެއް ހާކާލައިގެން އޭނާ ގޮނޑީގައި އިށީނެވެ. ފަހަތުން މީހެއްގެ ހިލަންވެގެން ބަލައިލިއިރު ޒޭބާ އާއި މައުސޫމާ ވަދެގެން އާދެއެވެ. ބާޒިލް ފެނުމުން ދެމައިންނަށްވެސް ހައިރާންކަމެއް ލިބުނެވެ. ބަނޑުހައިވެގެން ޕާންފޮއްޗެއް ބާޒިލް ކާންއިންތަން ފެނުމުން މައުސޫމާ ހިތުގައި ރިއްސާލިއެވެ. އެހެންނަމަވެސް އޭނާ މޫނުމަތިން އެކަން ނުދައްކާ އައިސް އިށީނެވެ. ޒޭބާ އަށް ކޮޓަރިން މައުސޫމާ ނެރެވުނީ އެތައް މަސައްކަތެއް ކޮށްގެންނެވެ. އޭނާ އެ އައީ މައުސޫމާއަށް ކާއެއްޗެއް ދޭންވެގެންނެވެ. ފަތިހު ކޮފީތަށި ބޯލިގޮތަށް އޭނީ ހުސްބަނޑާއެވެ. ކަބަޑުގައި ހުރި ނޫޑްލްސް ކޭހުން ތިންޕެކެޓް ނަގައިގެން އޭނާ ކައްކަން ތައްޔާރުވެލިއެވެ. އެއްވެސް މީހަކު ބަހެއްނުކިޔާތީ ބާޒިލް އަށް އުނދަގުވިއެވެ. އޭނާ ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ. އެންމެފަހުން އޭނާ ކަރުކެހިލިއެވެ. އެވަރުންވެސް އެކަކުވެސް ޖަވާބެއް ނުދިނެވެ.

"ލޫލު ނިދީތަ؟" ބާޒިލް އަހާލިއެވެ.

"ނިދީމަ ދޯ އަހަރެންނާ މަންމަ އާ ލޫލު ނުލާ މިތަނަށް އަންނާނީ" ޒޭބާ އަށް ބުނެވުނީ ހަރުކަށިކޮށެވެ. މައުސޫމާ ދެރަވިއެވެ. ބާޒިލްގެ ސަބަބުން އެއްބަނޑު ކުދިންގެ މެދުގައި ކުދިކުދި މައްސަލަތައް އުފެދެނީއެވެ. ބާޒިލް ކުރީ އަޅާނުލާ ދޫކޮށްލެވޭވަރުގެ ކަމެއްވެސް ނޫނެވެ. ޒޭބާ ހުއްޓުވަން މިފަހަރު އޭނާ އެއްވެސް އެއްޗެއް ނުބުނެއެވެ.

"ކޫ ރުޅިއައިސްފަތަ؟ މަންމަވެސް ރުޅިއައިސްފަ ދޯ. ސޮރީ އަހަރެންނަށް ފޯނު ރިންގުވާކަމެއް ނޭނގޭ. އެހެންނޫނީ ފޯނަށް ޖަވާބުނުދީއެއް ނުހުންނާނެ ދޯ. ހަބަރު ލިބުނު ގަޑީގަ ހޮސްޕިޓަލަށްވެސް ދިޔައިން. ލޯންޗު ނައްޓާލަން އުޅެނިކޮށް ނުކެރުނު ކައިރިއަށްދާކަށް" ބާޒިލް އޭނާ ދިފާއުގައި ވާހަކަދެއްކިއެވެ. ކަރުނަވީ ދެލޮލުން މައުސޫމާ ބާޒިލް އަށް ބަލައިލިއެވެ.

"ގުޅިން. ޒެއްލުގެ ރާނީ ފޯނަށް ޖަވާބުދޭނީ އެވަގުތު އޭނާ ކައިރީގަ ހުރީމަ ދޯ. ޒެއްލު ފާހާނައިގަ ކަމަށް ބުނީ. އަހަންނަށް ކުރިންވެސް އެނގޭ އޭނަ މެލެކްގެ ވާހަކައެއް ނުބުނާނެކަން" ޒޭބާ ބުންޏެވެ.

ބާޒިލް ހަނދާންވިއެވެ. ހެނދުނު އޭނާގެ ފޯނު ގެންގުޅުނީ ސާރާއެވެ. ސާރާ އޮޅުވާލީކަން ބާޒިލް އަށް އެނގުނެވެ. ސާރާދެކެ ބާޒިލް ހިތްހަމަނުޖެހޭގޮތް ވިއެވެ. މިފަހަރު ސާރާ ދިފާއުކުރަން ދައްކާނެ ވާހަކައެއް ނޭނގުނެވެ.

"ބާޒިލް ތިއީ އިންސާނެއްތަ؟ ހިތުގައި ރަހުމާ ކުލުނު އުފެދިފަވަނީ ހަމައެކަނި ސާރާއަށްތަ؟ އެއީ އަދި އަންބަކަށްނުވާ ހިލޭ އަންހެނެއް. ތިއީ ބޮޑުވަރެއްނޫންތަ؟ އެއްޗެއް ނުބުނެ ހުންނަން ވަރަށް ކެތްކޮށްފިން. ބާޒިލް ތިއުޅެނީ މައިންބަފައިން ދުނިޔޭގައި ތިބެގެން އުދަގޫވެގެންތަ؟ މިހާ ބޮޑު ލަދެއްގަ އަހަރެމެން ނުބައްދާ އެއްފަހަރުން ބޮޑު ނިންމުން އިއްވަންވީނުން. އަހަރެންނަށް ކެތްވާނެއޭ" މައުސޫމާގެ އަޑު އައީ ކުރެހިގެންނެވެ. މިނޫނީ ދުވަހަކުވެސް އޭނާ ބާޒިލް އާ ދިމާލަށް އެއްޗެއް ބުނެފައެއް ނެތެވެ. އެކަމަކު މިހާރު ކަންތައްތައްވެފައިވާ ގޮތުން ބާޒިލް ހިތް ރުހޭހެން ކަންތައްކުރާ ގޮތް ބަލަން ހުރެވޭކަށް ނެތެވެ. ބަނޑުން ވިހާފައި ހުރި ދަރިއެއް ނަމަވެސް އޭނާ ބާޒިލް ކުށްވެރި ކުރާނެއެވެ. ބާޒިލް އިނީ ހިމޭނުން އިސްޖަހާލައިގެންނެވެ. ޒޭބާ އައިސް މައުސޫމާގެ ފަހަތުގައި ހުއްޓިފައި ކޮނޑުމަތީގައި އަތްބޭއްވިއެވެ.

"ބާޒިލް ތިގޮތަށް ކަންތައްތިކުރަނީ ތިއީ އަހަރެމެންގެ ހުރި ހަމައެކަނި ފިރިހެންދަރިއަށް ވީމަތަ؟ ބާޒިލްދެކެ މި އާއިލާ އިން ވާލޯބި އެނގޭތީތަ؟ އެކަކުވެސް އެއްޗެއް ނުބުނާތީ ތަ؟" މައުސޫމާ ކިޔަމުން ދިޔައެވެ. ހިތްހަމަނުޖެހުމާއި ހިތްދަތިކަން އެކުވެ އެންމެފަހުން އޭނާއަށް ރޮވެން ފެށުނެވެ.

"މަންމާ... " ޒޭބާ މައުސޫމާގެ ކޮނޑުގައި ހިފާލާފައި ކުޑަކޮށް ތަޅުވާލިއެވެ. އެވަރުންވެސް މައުސޫމާގެ ކަރުނަތައް ނުހުއްޓުނެވެ.

"މެ...މެލެކް މިހާރު ކިހިނެއްތަ؟" ބާޒިލް މަޑުމަޑުން އަހާލިއެވެ.

"އަދި މަރެއްނުވޭ. ހަމައެކަނި އޮތްކަން. އަދި ވިންދު ނުހުއްޓޭ. އެހެންނޫނަސް ބާޒިލްއަށް ކޮންކަމެއް. އަހަރެން ބޭނުމެއްނޫން ބާޒިލްގެ ތި އަނގައިން މެލެކްގެ ނަން ކިޔާކަށްވެސް" މައުސޫމާއަށް އެންމެފަހުން ރޮވިއްޖެއެވެ. މިނޫނީ ދުވަހަކުވެސް ދަރީން ކުރިމަތީގައި އޭނާ ރޮއެފައެއް ނެތެވެ. އޭނާއަށް ހުއްޓާލަންވެސް ދަތިވިއެވެ. ކަންބޮޑުވެފައި ހުރި ޒޭބާ މައުސޫމާ ކައިރީގައި އިށީނެވެ. އެންމެފަހުން ބާޒިލްއަށް ވެސް ކެތެއްނުވިއެވެ. އޭނާ ތެދުވެގެން އައިސް މަންމަގެ އަނެއްފަރާތުގައި ހުރި ގޮނޑީގައި އިށީނދެފައި މަންމަގެ އަތުގައި ހިފާލިއެވެ.

"ސޮރީ މަންމާ" ބާޒިލް ބުންޏެވެ.

"އަހަރެން ލަދުން މަރުވެއްޖެ. އައްޒާމް އާ ތާބާގެ ކުރިމައްޗަށް އަހަރެން އަރާނީ ކިހިނެއް. ބާޒިލް ދިފާއުކުރަން އަހަރެން އިތުރަށް ދައްކާނީ ކޮންވާހަކައެއް. އަހަރެން ހިތަށްއަރާ އެދުވަހު ބާޒިލްގެ ކައިރީގައި މެލެކް އާ ކައިވެނިކުރަން ނުބުނެވުނުނަމައޭ. އެކަމަކު ކަންތައް މިހެންވާނެކަމެއް ކިހިނެއް އެނގޭނީ" މައސޫމާ ކަރުނަތައް ފޮހެމުން ދިޔަނަމަވެސް އެ ކަރުނަތަކަށް ހުއްޓުމެއް ނާދެއެވެ.

އެހުރިހާއިރު ބާޒިލް އިސްޖަހާލައިގެން އިނެވެ. ކުށްވެރިއެއް ފަދައިންނެވެ. ޒޭބާވެސް ހުރީ ދެރަވެފައެވެ.

"މިއަދު އެމަންޖެގެ އެންމެ ގާތުގައި ހުންނަންޖެހޭ މީހާ އޭ ބާޒިލް އަކީ. މެލެކްގެ ކަންތައްތައް ބަލަހައްޓަންޖެހެނީ އޭނާގެ މައިންބަފައިންނެއް ނޫނޭ. ބާޒިލް ކީއްވެތަ މެލެކްއަށް އެހާ ނަފްރަތުކުރަނީ؟ ސާރާއަށް ވުރެ މެލެކް ހުތުރީތަ؟ ގައިމު އަހަންނަކަށް ހިއެއްނުވޭ. ކޮންދުވަހަކުންތަ ބާޒިލްއަށް ވިސްނޭނީ. ކޮންދުވަހަކުންތަ ބާޒިލް އާ މެދު އަހަރެން މިކުރާ ހިތާމަތަކަށް ނިމުން އަންނާނީ؟ ކީއްވެތަ އަހަންނަށް ތިހެން ތިހަދަނީ؟ ކޮބާތަ ބާޒިލްގެ މައިންބަފައިންގެ ކުށަކީ؟ ބާޒިލްގެ ފަރުވާކުޑަކަން ފޫބެއްދޭތޯ ޒިޔާދު އެދިޔައީ އެމީހުންނާއެކު. ތަބައްސުމް އާ އައްޒާމް ކިހާ އޯގާތެރި" މައުސޫމާ ވާހަކަދެއްކިއެވެ.

"އަހަރެން ބޭނުން މިކަން ރަނގަޅުކުރަން މަންމާ. މަންމަ ބުނޭ. އަހަރެން ދަންތަ އެރަށަށް" ބާޒިލް ބުންޏެވެ.

މައުސޫމާ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ދެއަތުން ފޮހެލާފައި ނޭފަތް އެތެރެއަށް ދަމާލިއެވެ. ގޮނޑިން ތެދުވެފައި އޭނާ ބާޒިލް އަށް ބަލައިލިއެވެ.

"ބާޒިލް ކުރަންވީ ކަމަކީ ވީހާވެސް އަވަހަކަށް މެލެކް ވަރިކުރަންވީ؟ އެހިސާބުން ހުރިހާ ކަމެއް ނިމުނީ" މައުސޫމާ ކޮޓަރި އާ ދިމާލަށް ހިނގައިގަތެވެ.

****

ބާޒިލްއަށް އިތުރަށް އެތަނުގައި ކެތެއްނުވިއެވެ. އޭނާ ތެދުވެގެން އައީ ކޮޓަރިއަށެވެ. އެނދުގައި އިށިންގޮތަށް އޭނާ ވިސްނަންފެށިއެވެ. ކުއްލިއަކަށް ބޮލުގައި ރިހުމެއް އުފެދިއްޖެއެވެ. އެއީ ސާރާ އޭނާއަށް ގުޅަމުންވެސް ދިޔަ ވަގުތެވެ. ދުއްވާކަން ދާން ސާރާ ބުނެފައި އޮތްކަން އޭނާ ހަނދާނުގައި ހުއްޓެވެ. އެހެންނަމަވެސް ފޯނަށް ޖަވާބުދިނުމެއްނެތި ބާޒިލް އިނެވެ.

"އިހަށް ނުގުޅަފާނަންތަ؟" ބާޒިލް ފޯނު ނަގާފައި ބުންޏެވެ. އޭނާ ފޯނު ކަނޑާލީ ސާރާ ވާހަކަދައްކަމުން ދަނިކޮށެވެ.

އޭނާ ޒިޔާދުގެ ނަންބަރަށް ގުޅިއެވެ. އޭނާ ބޭނުންވީ މެލެކްގެ ހާލު ބަލާށެވެ. ބައްޕަ ފޯނު ނުނަގާނެކަން މާކުރިންވެސް އޭނާއަށް އެނގެއެވެ. މައިލީން އާއި މެލެކްގެ މައިންބަފައިންގެ ނަންބަރަކަށް ގުޅަން ބާޒިލްއަށް ނުކެރުނެވެ. ހިތަށް އެރިއެވެ. މަންމަ ބުނިހެން އެއްފަހަރާ ނިންމާލަންވީ ހެއްޔެވެ؟ މެލެކް ވަރިކުރަންވީ ހެއްޔެވެ؟ ނޫނެކެވެ. މެލެކް އަންބެއްގެ ގޮތުގައި ހުއްޓަސް ނެތަސް އެކަމުގައި ތަފާތެއް ނެތެވެ. އެއީ ހަމައެކަނި ލޫލުގެ މަންމައެވެ. މެލެކް އަބަދުވެސް ހުންނާނީ ލޫލުގެ މަންމަގެ ގޮތުގައެވެ.

ބާލިސްމަތީގައި ބޯ އަޅާލާފައި އޭނާ ދެލޯމަރާލިއެވެ. މެލެކްގެ އެކި ހަނދާންތައް އޭނާއަށް އުނދަގޫ ކުރަމުން ދިޔައެވެ. ކައިވެނީގެ ފުރަތަމަ ރޭގައި އަންބެއްގެ ލޯބިން މެލެކް މަހުރޫމް ވެއްޖެއެވެ. އަލަތު އަނބިމީހާގެ ކުރިމަތީގައި ހިލޭ އަންހެނެއްދެކެ ދީވާނާއެއް ފަދައިން ލޯބިވާކަމަށް ބާޒިލް އިއުތިރާފުވަމުން ދިޔައެވެ. މެލެކްގެ ދުލުން ނުރުހުމުގެ އެންމެ ލަފްޒެއްވެސް ނުބުނެއެވެ. އޭގެފަހުން ފާއިތުވެގެންދިޔަ ކޮންމެ ދުވަހެއް ދިޔައީ މެލެކްގެ އިންތިޒާރަށް އެތައް ތަކުލީފެއް ގެނުވަމުންނެވެ. އެހުރިހާކަމަކަށް ފަހުވެސް މެލެކް އޭނާ އާ ދުރެއް ނުވެއެވެ. މެލެކް ކޮށްދޭ ކޮންމެ ކަމެއްގައި އަދި އޭނާގެ ކޮންމެ އަމަލެއްގައި ބުނަމުން ދިޔައީ ބާޒިލްދެކެ ލޯބިވާވަރެވެ. ބައެއްފަހަރު މެލެކް ރަހްމަތްތެރިކަމަށް އެދެއެވެ. އެ ރަހްމަތްތެރިކަން ބާޒިލް ގަބޫލުކުރިއިރު ކައިވެންޏަށް ހަ މަސް ވެއްޖެއެވެ.

"އަދި ކޮންމެސް ދުވަހަކުން ބާޒިލް އަހަރެންދެކެ ލޯބިވާނެ. ޔަގީން ލޯބިވާނެކަން" އެއީ އަބަދުވެސް މެލެކް ބުނަމުން އައި އެއްޗެކެވެ. މެލެކްގެ މުޅި ދިރިއުޅުން ބަދަލުވާން ދިމާވި ހުންގަނޑު ޖެހިގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ބާޒިލްއަށް މާބޮޑު އެހީތެރިކަމެއް ފޯރުކޮށްނުދެވެއެވެ. މައިންބަފައިންގެ އެތައް ނަސޭހަތަކަށްފަހުވެސް އޭނާއަށް މެލެކް އަންބެއްގެ ގޮތުގައި ބަލައިނުގަނެވުނެވެ.

"މަންމަމެން ކަންބޮޑުނުވެބަލަ. އަހަންނަށް ދަންވަރު ހޭލައިގެންވެސް ބޭސްދޭ. ލޫލުގެ ކަމެއްވެސް ނުޖައްސާނެ. ބާޒިލް އެހާވެސް ގޯހެއްނޫނޭ. އެއީ ގާތް ރަހްމަތްތެރިއެއްގެ ގޮތުގައިވެސް ހުންނަ ފިރިއެއް"

އެއީ ބާޒިލް އަޑުއަހަން ހުއްޓާ ބަލި އެނދުގައި އޮވެ މައުސޫމާ އާ ޒިޔާދު ގާތު މެލެކް ދެއްކި ވާހަކައެވެ. މެލެކްގެ ހާލު ގޯސްވާން ފެށުމުން ދަންވަރު މެލެކް ގާތު ހޭލާ އިންނަން ފެށީ ބާޒިލްއެވެ. އެދުވަސްތަކާއި ރޭތައް މެލެކް ހޭދަކުރީ ބާޒިލްދެކެ ލޯބިވާ މިންވަރު ހާމަކޮށްދެމުންނެވެ.

"އަހަންނަށް ކަމެއްވިއްޔާ ލޫލު ރަނގަޅަށް ބަލައްޗޭ. ލޫލު ކައިރީގަ ބުނައްޗޭ މަންމި ލޯބިވާ ވާހަކަ. އަހަންނަށް ކުށެއް ކުރެވުނިއްޔާ މައާފްކޮށްދެއްޗޭ. އެއްވެސް ތަނެއްގައި އަހަރެން ބާޒިލް ބަދުނާމު ނުކުރަން. އެއަށް ވުރެ މާބޮޑަށް ލޯބިވޭ. އަހަރެންގެ ފުރަތަމަ ލޯބި ކައިވެންޏަށްފަހު ވެސް ނުލިބުން އެއީ އަހަރެންގެ ތަގުދީރުގަ ހުރިގޮތް. އަހަރެން ރަނގަޅުވެގެން ބާޒިލްމެންގެ ދުނިޔެއަށް އާދެވުނިއްޔާ ބާޒިލްގެ ލޯބި ބާޒިލްއަށް ހޯދައިދޭން މަސައްކަތްކޮށްދޭނަން. އަހަރެން ވައުދުވަން"

ބާޒިލްގެ ދެލޮލުން ކަރުނަ އޮހޮރިގަތެވެ. ހުރިހާކަމެއް ހަނދާން ހުރިއިރު އެއީ މެލެކް އޭނާ ގާތު ދެއްކި ފަހުވާހަކައެވެ. ހާލަތު ގޯސްވީ ފަތިހުއެވެ. އޭގެފަހުން އޭނާ އާ ބައްދަލުވީ މުޅިން އެހެން މެލެކްއެކެވެ. ކަންތައްތައް ބަދަލުވެގެން ދިޔައީ އޭނާ ހިތަށްވެސް ނާރާ ފަދަ ގޮތަކަށެވެ. ކައިރީގައި އޮތް ފޯނު ނަގާފައި ބާޒިލް ހުޅުވާލީ ފޮޓޯތަކެވެ. ތުރުތުރު އަޅަމުންދިޔަ އިނގިލިތަކުން އޭނާއަށް ބަލަންފެށުނީ މެލެކްގެ ތަސްވީރުތަކެވެ. އޭނާ އަށް މެލެކް ހާއްސަވީ ހެއްޔެވެ؟ އެކަމަކު ކޮންއިރަކު ހެއްޔެވެ؟ ހާއްސަވާންވެސް ޖެހެއެވެ. އެއީ ފުރަތަމަ އަނބިމީހާއެވެ. ދަރިފުޅުގެ މަންމައެވެ. ރަނގަޅު ރަހްމަތްތެރިއެކެވެ. ބާޒިލް އަނެއްކާވެސް ޒިޔާދުގެ ފޯނަށް ގުޅިއެވެ. މެލެކްގެ ހާލަތު އެނގެން އޭނާ ބޭނުންވިއެވެ. އެހެންނަމަވެސް އެއްވެސް މީހަކު އެ ފުރުސަތު އޭނާއަށް ދޭން ބޭނުމެއްނުވިއެވެ.

****

ވިސްނުންތަކުން މައިލީން އަށް ދުރަށްދެވުނީ ކުރިމަތީގައި ހުރި ކޮފީތަށިން އަރަމުންދިޔަ އާވިގަނޑުގެ އަސަރު އޭނާގެ މޫނާ ހަމައަށް ފޯރާން ފެށުމުންނެވެ. ބަލައިލިއރު ޑރ އަހަދުﷲ އިނީ އޭނާގެ ކުރިމަތީގައެވެ. މައިލީން ހީލާފައި ކޮފީތަށި ކައިރިއަށް ދަމާލިއެވެ.

"އެވަރަށް ނުވިސްނާ. ހުރިހާކަމެއްވެސް ﷲ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ" އަހަދުﷲ ބުންޏެވެ.

"ނުވިސްނާ ކިހިނެއް ހުރެވޭނީ. އެއޮތީ މެލީ އޮތް ހާލު. މާބޮޑު އުންމީދެއް ނެތް. ކިހިނެއް މަންމައަށް މިހަބަރު ދޭނީ" މައިލީން ބުންޏެވެ.

"އަހަންނަށް ފެންނަނީ އަދި މަންމަ އާ ބައްޕަ ކައިރީގަ ނުބުނަން. މައި ތިއީ މެލެކްގެ ކަންތައްތައް ގާތުން ބަލާ ޑޮކްޓަރަށް ވިޔަސް ތިއީ މެލެކްގެ އެހީތެރިޔަކަށްވެސް ފުދޭ. މެލެކްގެ ހާލަތު މައި އަށް އެނގޭ. އެހެންވީމަ މިބުނީ" އަހަދުﷲ ބުންޏެވެ.

"އެކަމަކުވެސް. މަންމަ އާ ބައްޕަ ކުރިމައްޗަށް އަރާކަށްވެސް ހިތްވަރެއް ނުހުރޭ. މަންމަ ހާދަ ސުވާލެއްކުރެޔޭ. ޑޮކްޓަރަކަށް ވިޔަސް އަހަރެން ވަރަށް ވީކްވެއްޖެ. މިކަން ނިމިގެންދާނީ ކިހިނެއްބާއޭ ހިތަށްއަރާ" މައިލީން ބޮލުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. އެހިނދު އޭނާގެ ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ. އޭނާ ބަލައިލީ ފިނި އަތްތިލައެއް އޭނާގެ އަތްތިލައިގައި ޖެހުމުންނެވެ.

"ބީ ސްޓްރޯންގް" މެލެކް ބަލައިލުމާއެކު އަހަދުﷲ ބުންޏެވެ.

"ޑޮކްޓަރ އަހަދުއަށް ކިހިނެއް ހީވަނީ. މިކަހަލަ ކޭސްތަކުގަ ޕޭޝަންޓް ސަވައިވް ވުމުގެ ކިތައް ޕަސެންޓްތަ އިންނަނީ؟ ޔޫ އާ ސީނިއާ ދެން މީ. ތިއީ މެލެކް އަށް އެންމެފަހުންވެސް ފަރުވާކޮށް ރާއްޖޭގެ އެތައް ބައެއްގެ އިތުބާރާ ޔަގީންކަން ހޯދާފައިވާ ޑޮކްޓަރެއް" މައިލީން ވާހަކަދެއްކިއެވެ.

"މިއީ ކުޑަކަމެއްނޫން. ނާރުގެ ކަންކަމަކީ ފަރުވާކުޑަކޮށް ދޫކޮށްލަންޖެހޭ ކަންކަމެއް ނޫން. މެލެކް އަށް އެއްފަހަރު މިހެންވެފަ ރަނގަޅުވީ ޑޮކްޓަރުންގެ ޓީމުން އުންމީދު ކަނޑާލާފައިވަނިކޮށް. މިއީ ދެވަނަފަހަރު. މިފަހަރު ބްރެއިންގެ އެއްބައި އޭނީ ދުޅަވެފަ. އަދި ބޭހަކަށް ނުގުޑާ. އުންމީދުކުޑަވަނީ މެލެކްގެ ކަޅި ހަރަކާތް ނުކުރާތީ. އެހެންވެ އެއްޗެއް ބުނަން ވަރަށް ދަތި" އަހަދުﷲ ވާހަކަދެއްކިއެވެ.

"އެކަމަކު އަހަރެމެންނަކީ ﷲ ހެއްދެވި އިންސާނުން. އެހެންވީމަ އެންމެފަހު ވަގުތާ ހަމައަށްވެސް އުންމީދުކަނޑާލާކަށް ނުވާނެ. ފަރުވާކުރަނީ ޑޮކްޓަރުން. އެހެންހުރިހާ ކަމެއް އެކަލާނގެއަށް ވަކީލު ކުރަމާ ހިނގާ" އަހަދުﷲ ބުންޏެވެ.

"މިފަހަރު ބަރާބަރަށް މެލީއަށް ބޭސްދެން. އެންމެ ވަގުތެއްވެސް ވައްޓައެއްނުލަން. ކިހިނެއްވެގެންބާ މިހެންމިވީ. މެލީގެ ހަނދާނަށް ކަމެއް އައީބާ" އަމިއްލަ ނަފްސާ މައިލީން ސުވާލުކޮށްލިއެވެ.

ޑރ އަހަދުﷲ އަކީ މައިލީންގެ ހާއްސަ ޑޮކްޓަރެވެ. އަދި މައިލީންގެ ގާތް ރަހްމަތްތެރިއެކެވެ. އަތޮޅު ހޮސްޕިޓަލުގައި މެލެކް ހާލު ދެރަވެފައި އޮތް ހަބަރު ޑރ އަހަދުﷲ އަށް ދިނީ މައިލީންއެވެ. ވަގުތުން ޑރ އަހަދުﷲ މެލެކް އޮތް ހިސާބަށް އާދެވުމާއެކު އޭނާގެ ހުރިހާ ވަގުތެއް ހުސްކޮށްގެން ހުންނަނީ މެލެކްއަށާއި މައިލީންއަށެވެ.

****

ކޮޓަރީގައި ޓަކިޖަހާލި އަޑަށް ބާޒިލް ގޮސް ދޮރުހުޅުވިއެވެ. އޭނާ ހީކުރީ މަންމަ ނޫނީ ކޫ އައީކަމަށެވެ. އޭނާ އަށް ހައިރާންކަމެއް ލިބުނީ ކޮޓަރިއަށް ސާރާ ވަނުމުންނެވެ. ބާޒިލް ގަޑި ބަލައިލިއެވެ. އެގާރަޖަހައި ބޮޑުވެއްޖެއެވެ. މިނޫނީ މިހާ ދަންގަޑިއެއްގައި ސާރާ އެގެއަށް އައިސްފައި ނުވެއެވެ.

"ވަޓްސް ރޯންގް ސާރާ" ބާޒިލް އަހާލެވުނީ ހަރުކަށި ރާގެއްގައެވެ.

"ތިހެން އަހަންޖެހެނީ މަށެއްނު" ސާރާ އެނދުގައި އިށީނެވެ.

"ސާރާއަށް އެއްވެސް ހައްގެއް ނޯންނާނެ. ސާރާ އަހަންނަށް އޮޅުވާލީ. ހުރިހާކަމެއް ގޯސްމިވީ ސާރާގެ ސަބަބުން" ބާޒިލް ބުންޏެވެ.

"މެލެކް އަށް ކަމެއްވީމަ ހާދަ ވަރެކޭ ތިވަނީ. އަހަރެން ކައްތައްކުރީ ރަނގަޅަށް. މެލެކް އަކީ ބާޒިލްގެ ކާކު؟ ބާޒިލް އަށް ހާއްސަވާންޖެހޭނި އަހަރެން" ސާރާ ވެސް ހުރީ ދޫކުރާގޮތަކަށް ނޫނެވެ. ބާޒިލް ހަމަޖެހިލެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. މެލެކްގެ ވާހަކަދައްކައިގެން ސާރާ އާ ޒުވާބުކުރާކަށް އޭނާ ބޭނުމެއްނުވިއެވެ.

"ދޮރުލައްޕާލަބަލަ" ސާރާ ބުންޏެވެ.

"ވަޓް؟ މަންމަމެން ކީކޭ ހިތަށްއަރާނީ؟" ބާޒިލް ބުންޏެވެ.

"މިގޭ އެއްވެސް ދިރޭ ފުރާނައެއްގެ ހިލަމެއްނެތް. އެންމެން ނިދާފަކަންނޭނގެ" ސާރާ ބުންޏެވެ.

ބާޒިލް ކުޑަކޮށް ދޮރުކައިރިކޮށްލާފައި އައިސް ސާރާ ކައިރީގައި އިށީނެވެ.

"ސާރާ މިގެއަށް ވަނީ ކިހިނެއް؟ ކާކު ދޮރުހުޅުވަދިނީ" ބާޒިލް އެހިއެވެ.

"މިގޭ މީހުންނަށް ކިހިނެއްވެފަތަ ތިބީ؟ މިގޭ ދޮރާއްޓަކު ތަޅެއްނުލާ. މައިދޮރު ތަޅެއްނުލާ. އަހަރެން މިއައީ ޒެއްލުއަށް ވީގޮތެއްބަލަން. ބަލާބަލަ ފޯނު. ކިހާވަރަކަށް އަހަރެން ގުޅައިފިން. އަހަންނަށް ކިހިނެއް އެނގޭނީ މިތާ ހިތާމައިން ފޯވެފަ ބާޒިލް އޮތްކަމެއް" ސާރާގެ އަޑުގައި މަލާމާތުގެ އަސަރެއްވިއެވެ.

ބާޒިލް ފުންނޭވައެއް ދޫކޮށްލިއެވެ. ދެއަތް ގެންގޮސް ފަހަތުން އެނދުގައި ވިއްދާލާފައި މައްޗަށް ނަޒަރު ހިންގާލިއެވެ. އެވަގުތު ސާރާ ގޭގައި އިނުން ރަނގަޅު ނޫނޭ އޭނާގެ ހިތް ބުނެލިއެވެ. ސާރާ އައުމުން އެކަނިވެސް އޭނާގެ ބޮލުގެ ރިހުން ގަދަވެއްޖެއެވެ.

"ސާރާ، ގެއަށް ދޭ ތިއައި ގޮތަކަށް" ބާޒިލް ބުންޏެވެ.

ސާރާ ހައިރާންވެފައި ބާޒިލް އަށް ބަލައިލިއެވެ. އޭނާއަށް ގަބޫލުކުރަން ދަތިވިއެވެ. އެހެން އެބުނީ ހަމަ ބާޒިލް ހެއްޔެވެ؟

"ކީކޭ؟ އަހަރެން އެހާވަރުން އައިމަ. އެވެސް މިގަޑީގަ" ސާރާ ބުންޏެވެ.

"ދެން އަހަރެން ކިހިނެއް ހަދަންވީ؟ ކައިރީގަ ސާރާ ބާއްވައިގެން ނިދަންވީތަ؟" ބާޒިލްގެ އަޑު ބާރެވެ.

"ބާ ޒި ލް....؟" ސާރާ ގޮވާލީ ގަބޫލުނުކުރެވިފައެވެ.

"ސާރާ ނުޖޭހެއެއްނު މަށަށް އެނގުމަކާނުލާ އަންނާކަށް. ސާރާއަށް އެނގޭނެ މިގަޑީގަ ސާރާ މަގުމަތީގައި އުޅެން އަހަރެން ހިތްހަމަނުޖެހޭނެކަން. މިވަގުތު ސާރާ ގެއަށްލާންދެވޭކަށް އަހަންނަކަށް ނެތް. އެނގެއެއްނު ވެގެން އުޅެނީ ކީއްކަން. އަހަރެން މިހެރީ ކުއްވެރިވެފަ. މަންމަ އަހަންނަށް މެލެކް ވަރިކުރަން އަންގައިފި"

ސާރާއަށް ހެވުނެވެ. ބާރުބާރަށް އޭނާ ހެމުން ދިޔައެވެ.

"ސީރިޔަސްލީ. އަދި ކިރިޔާ މަންމަ ރަނގަޅު އެއްޗެއް އެބުނީ. މިހުރިހާ ދުވަހު ބާޒިލް އެކަހަލަ ފިޔަވަޅެއް ނާޅާ ތިހުންނަނީ ކީއްވެތަ؟ ދެމަފިރިން ދެމެދުގަ އެއްވެސް ގުޅުމެއް ނެތްއިރު އަނބިމީހާގެ ލަގަބުދީފަ ބަހައްޓަނީ ކީއްކުރަން؟ ވަރިކޮށްލާ އޭނަ" ސާރާ ބުންޏެވެ.

ބާޒިލް ހިތްހަމަނުޖެހިފައި ސާރާ އަށް ބަލައިލިއެވެ.

"ސާރާ ތިއީ އިންސާނެއްތަ؟ އުނހު... މިބުނީ ނުބައިކޮށް... އަންހެނެއްތަ ތީ؟ އަހަންނަށް ގަބޫލެއްނުކުރެވޭ. އަހަރެންގެ ފަރާތުން ސާރާއަށް ނުލިބެނީ ކޯޗެއް. ތިއީ އަހަރެންގެ ލޯބިވެރިޔާ. އަނބިމީހާ ދުނިޔޭގައި ހުރެމެ އަހަރެންގެ ހުރިހާ ވަގުތެއް ހުސްކުރީ ސާރާއަށް. އަދި ކުޑަދުވަސްކޮޅެއްގެ ތެރޭގަ މިއުޅެނީ ސާރާ އާ އިންނަން. އެވެސް މުޅި އުމުރަށް. އަހަރެންގެ ހިތުން ހަމައެކަނި ޖާގަދިން މީހަކީ ތިއީ. ތިއީ އަހަރެންގެ ހުވަފެންތަކުގެ ރާނީއޭ ވެސް ބުނިން. އެހުރިހާ އެއްޗެއް އަހަރެން ހަނދާނުގަ އެބަހުއްޓޭ. މެލެކް އަހަންނަކަށް އެއްވެސް އިރެއްގަ ގޯހެއްނޫން. ކައިވެންޏަށް ދޮޅުއަހަރު ވެގެންދިޔައިރު އަހަރެންގެ ފަރާތުން މެލެކް އަށް ލިބުނީ ކޯޗެއް؟ ހުރިހާގޮތަކުން އަހަންނަށްވެވުނީ އިހުމާލު. އަދި އަހަރެންގެ އެހީތެރިކަން އޭނާއަށް އެންމެ ބޭނުންވި ދަނޑިވަޅުގަ ތިބުނަނީ އޭނަ ވަރިކޮށްލާށޭ. ސާރާ ތިއުޅެނީ އަހަރެން ވަރަށް ނުބައި މީހަކަށް ހަދަންތަ؟ މިއަދު ތިގޮތަށް އަހަރެން ކަންތައްކޮށްފިއްޔާ އަހަންނާމެދު ދުނިޔެ ދެކޭނީ ކިހިނެއް؟ އަހަރެންގެ ދަރިފުޅަށް ވާނީ ކިހިނެއް؟ މަގެއްގެ މައްޗަށް ނިކުންނާނީ ކިހިނެއް؟ އަހަންނަކަށް ނުކެރޭނެ އެހެން ކަންތައްކުރާކަށް. ނުވެސް ކުރާނަން... އަމުދުން ސާރާގެ ދުލުން ތިހެން ބުނީމަ ކުރާކަށް ބޭނުމެއްވެސްނޫން.... ސާރާ އަށް އަޑުއަހަން ކެރޭނެތަ؟ އެހެންވިއްޔާ އަޑުއަހާ.. މެލެކް އަކީ އަހަރެންގެ އަނބިމީހާ. އަހަރެންގެ ދަރިފުޅު މަންމަ. ސާރާ އަހަރެންގެ އަންބަކަށް ވިޔަސް މެލެކްގެ ދަރަޖަ ނުލިބޭނެ. ސާރާ ވާނީ ހަގު އަންބަށް. އަޑުއިވިއްޖެތަ؟....؟ ބާޒިލް ފުންނޭވާތަކެއް ލަމުން ދިޔައިރު އޭނާގެ އަޑުގައި ތުރުތުރުލުމެއްވެސް ހުއްޓެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟