އަބްދުﷲ މަސީހު މުހައްމަދު

މަޖިލީހުގެ ރައީސް މަސީހު އިސްތިއުފާދެއްވަން އުޅުއްވާ ކަމުގެ އަޑުތަކެއް ފެތުރެނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިސްތިއުފާދެއްވަން އުޅުއްވާ ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފި އެވެ.

މަޖިލީހުގެ ރައީސް މަސީހު އިސްތިއުފާދެއްވަން އުޅުއްވާ ކަމުގެ އަޑުތަކެއް ފެތުރެން ފަށާފައި މި ވަނީ 45 މެންބަރުންގެ ސޮޔާ އެކު އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ މަޖިލީހަށް ވައްދަން ނިންމާފައި ވަނިކޮށެވެ. އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ސޮއިކޮށްފައިވާ ލިސްޓުގައި ޕީޕީއެމްގެ ބައެއް މެންބަރުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.

އިސްތިއުފާ ދެއްވަން ނިންމެވިކަމަށް ވިދާޅުވެ މަސީހުގެ އުރީދޫ ނަންބަރުން ފޮނުއްވާފައިވާ އެސްއެމްއެސް އެއްގެ ކޮޕީ ވަނީ "ވަން އޮންލައިން" އަށް ލިބިފަ އެވެ.

"މެޖޯރިޓީ އެމްޕީ އިން އަޅުގަނޑުގެ އިތުބާރު ނެތް ކަމަށް ސޮއިކޮށް އެކަން ކަށަވަރު ކޮށްދެއްވާފައިވާތީ ގާނޫނުއަސާސީގެ 82ގެ ނޫނުގައިވާ ގޮތަށް މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދޭން ނިންމައިފިން،" މަސީހުގެ ނަންބަރުން ލިބިފަިއވާ މެސެޖުގައިވެ އެވެ.

މި މެސެޖަކީ މަސީހު ފޮނުއްވި މެސެޖެއްކަން އަދި ވަނީ ކަށަވަރުވާ ގޮތް ނުވެފަ އެވެ. މަސީހަށް ގުޅަން ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފަ އެވެ. އަދި އެސްއެމްއެސް އަކަށް ވެސް ޖަވާބެއް ނުދެއްވަ އެވެ.

މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު މިރޭ ވިދާޅުވީ މަސީހުގެ އިސްތިއުފާގެ ސިޓީއެއް އަދި ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ދާދި ދެންމެ ވަން އޮންލައިން އަށް ވިދާޅުވީ މަސީހުގެ އެފަދަ މެސެޖެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި މަސީހަށް ގުޅުއްވުމުން ފޯނު ނުނަންގަވާތީ ފެތުރިގެން އުޅޭ އަޑުގެ ދޮގު ތެދު ކަށަވަރު ނުވާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.