ގޭ ކައިރިއަށް އައިސްފައި ޑެލިވެރީކުއްޖާ ޒޭބާގެ ފޯނަށް ގުޅާއިރަށް ބާޒިލް ފުންމައިގެން ތެދުވިއެވެ. އޭނަ ހިފައިން އަންނާނަމޭ ކިޔާފައި ދޮރާ ދިމާލަށް ދިޔައެވެ. ޒޭބާއަށް ހެވުނެވެ. އެގެއިން ޕިއްޒާ މީރީ އޭނާ އާ ބާޒިލް އަށް އެކަންޏެވެ. ޒޭބާއަކީ މާގިނައިން އެކަހަލަ އެއްޗެހި ކައިވެސް އުޅޭ ކުއްޖެއް ނޫނެވެ. އެހެންނަމަވެސް މައްސަރު ކަންތައް ލައިގަތުމާއެކު ހުރިހާ ކަމެއް ބަދަލުވެއެވެ. އޭނާ އަބަދު ހުންނަނީ އެއްޗެއް ކަވައިގަނެފައެވެ. ގޭގައި ރޯފިލުވާ އެއްޗެއް އަމުދުން ކާހިތެއް ނުވާނެއެވެ.
ޕިއްޒާ ހިފައިގެން ބާޒިލް އަންނަންވާއިރަށް ޒޭބާ ދެތައްޓަށް ފެންޓާ އޮރެންޖް އަޅައިގެން އައިސް ތައްޔާރުވެލިއެވެ.
ކާމޭޒު ކައިރިއަށް ދިޔުމުގެ ބަދަލުގައި ދެކުދިން ތިބީ ސިޓިންގރޫމުގައެވެ.
"ވަޓް؟ ތި ބައި އަޅަނީ ކާކަށް" ބާޒިލް އަހާލިއެވެ.
"މެލީއަށް. ކޫ އަކަށް ނުކެވޭނެ މެލީއަށް ނުދީއެއް" ޒޭބާ ބުންޏެވެ.
ބާޒިލް ހައިރާންވިއެވެ. އާއިލާ މީހުން މެލެކްދެކެ ވަނީ އާދަޔާހިލާފު ލޯތްބެކެވެ. މެލެކް އަށް ނުދީ އެއިން މީހަކަށް ފެންފޮދެއްވެސް ނުބޮވެއެވެ. މެލެކްދެކެ އާއިލާ މީހުން އެވާ ލޯބި ސާރާދެކެވެސް ވާނެނަމައެވެ.
"މެލެކް އަށް ނުދީ ކައިފިއްޔާ ކީއްވާނީ؟ ކީއްތަވާނީ ސާރާ އަށް ވެސް އަންގާލިނަމަ" ބާޒިލް ބުންޏެވެ.
"ނުވާނެ. މިއީ ޒެއްލުއެއް ނޫން. ހަގީގަތުގަ މެލެކްއަށް އެންމެ ދޭންޖެހޭ މީހާއަކީ ތިއީ. ޒެއްލުގެ ފަރުވާކުޑަކަން ފޫބައްދަން މިޖެހެނީ މަންމަ އާ ބައްޕަ ޔާ މަށާ... ސާރާ ތަފާތެއް ނުކުރަން. ގުޅާބަލަ ސާރާއަށް. މިގަޑީގަ ޒެއްލުގެ ފޯނު ސާރާ ނެގިޔަސް މާދަމާ ތިއެންމެންނަށް ކާންދޭނަން. ޔަގީން ވިއްޔާ ނުނަގާނެކަން" ޒޭބާ ބުންޏެވެ.
"މެލެކް ވަރެއް ނެތިގެން ކޫމެންނޭ ތިއުޅެނީ. އެނގޭތަ އޭނަ އެއުޅޭ ރައްޔާނު އާ އެކީގަ ތަންތަނަށް ގޮސް ކާއިރު ކޫމެންނަށް ދޭތަ؟ ކުޑަމިނުން ގުޅާލާފަ ބުނޭތަ؟" ބާޒިލް ބުންޏެވެ.
"ސަތޭކަ ޕަސެންޓް ގެރެންޓީ ނުބުނެ ނުދާނެކަން. އެއީ ޒެއްލު ތިހީކުރާކަހަލަ ކުއްޖެއް ނޫނޭ. މެލީއަކީ އަސްލު ކާކުކަން އަދި ޒެއްލުއަށް އިހުސާސްވާނެ. ބައި ދަ ވޭ... ރައްޔާނުގެ ނަން ކިޔާލީމަ. ޖޭ ބޮކި ފަޅައިގެންދަނީތަ؟" ޒޭބާ އަހާލިއެވެ. ބާޒިލް ޖަވާބެއްނުދެއެވެ. ހަސަދަވެރިވެވޭ ކަމެއް އޭނާ ނުދެނަހުއްޓެވެ.
****
ގޭތެރޭގެ މަސައްކަތްތަކުގައި ތަބައްސުމްއަށް އަތްގާތްކޮށްދީފައި މެލެކް ދިޔައީ ހެޕީކޯނާއަށެވެ. މަގުމަތިން އޭނާ އާ ބައްދަލުވީ މީހެއްގެ ސަބަބުން އޭނާއަށް ކުރިއަށްދެވޭ ގޮތެއް ނުވިއެވެ. ޖާވިދާ އަކީ މާގިނައިން އޭނާ އާ ވާހަކަދައްކާ އުޅޭވެސް މީހެއް ނޫނެވެ. ކުއްލިއަކަށް ވާހަކަދައްކަން މަޑުކޮށްލީމާ މެލެކް އަށް ކުރިއަށްދާން ނުކެރުނެވެ. ބީރައްޓެހި ބެލުމަކުން މާޖިދާއަށް ބަލަމުން ހިނިތުންވުމެއް ދީފައި ކުރިއަށް ހިނގައިގަތްތަނާ މެލެކް ހުއްޓުނީ ޖާވިދާ ގޮވާލުމުންނެވެ.
"ތިއީ ތަބައްސުމްގެ މަންޖެ ދޯ. ހާދަ ދުވަހެއްވެއްޖޭ ނުފެންނަތާ. ޖާވިދާއްތަ އަށް މާގިނައިން ނުވެސްއާދެވޭ ވިއްޔަ މިހިސާބަށް" ޖާވިދާ ވާހަކަދެއްކީ ވަރަށް ގާތްކޮށެވެ. މެލެކްގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. ޖާވިދާއަކީ ކާކުކަން އޭނާ ހަނދާނުގައި ނެތެވެ. އެހެންނަމަވެސް މެލެކްގެ އަތުގައި ޖާވިދާ ފިރުމަމުން ދިޔައީ ވަރަށް ގާތް ކުއްޖެއް ފަދައިންނެވެ.
"މިހާރު ކުރިއަށް ވުރެވެސް ހިކިއްޖެ. ކޮންތާކަށް ތިދަނީ؟" ޖާވިދާ ބުންޏެވެ.
ހެޕީކޯނާއަށް. ކުޑަމަންޖެ ބަލާ މިދަނީ. ދުވާލުގަޑީގަ އެކުއްޖާ ގެންގުޅެނީ އަހަރެން" މެލެކް ބުންޏެވެ.
"ތިނޫނީ ދެން ކާކު ގެންގުޅޭނީ. ބަފާ ފަރުވާކުޑަޔަސް މައިން ނުވާނެ ފަރުވާކުޑަވާކަށް. ޖާވިދާއްތަ ބުނަންތަ ވާހަކައެއް. ނިކަން ކެތްތެރިވާންވާނެ. ދޮންކަނބުލޯ ނޫނަސް ނިކަމެތިވެފައި ތިބި ކިތަންމެ އަންހެނެއް މިރަށުގަ އެބަތިބި" ޖާވިދާގެ ވާހަކަތަކުން މެލެކް އަށް ލިބުނީ ހައިރާންކަމެވެ. އެވާހަކަތާ އޭނާ އާ ނުގުޅެއޭ ހިތަށް އެރިއެވެ.
"ދައްތަ ކާކުގެ ވާހަކަތިދައްކަނީ. އަހަރެން އަދި ނިކަމެތިނުވޭ" މެލެކް ބުންޏެވެ.
ޖާވިދާ ހީލާފައި މެލެކްގެ ބުރަކަށީގައި ފިރުމަން ފެށިއެވެ. ކޮންފަދަ މައުސޫމ އަންހެން ކުއްޖެއް ހެއްޔެވެ؟
"ތިއީ ވަރަށް ހިތްވަރުގަދަ ކުއްޖެއް. ކިތަންމެ ހިތްވަރެއް ކުރިޔަސް އިންސާނަކަށް ކެތްތެރިވެވޭނީ ވަކިވަރަކަށް. އަނެއްކޮޅުން ތަބައްސުމް އެއީ ކިހާ ކެތްތެރި އަންހެނެއް. ތިއީ ތަބައްސުމްގެ ދަރިއެއް ވިއްޔާ. އަންހެންދަރިން ވާނީ މަންމަގެ ގޮތް. ޖާވިދާއްތަ ދެން މިދަނީއޭ" ޖާވިދާ ހިނގައިގަތުމުން މެލެކް އަށް ހުރެވުނީ ހައިރާންކަމާއެކު ބަލަހައްޓައިގެންނެވެ. އޭނާގެ ހިތުގައި އުފެދުނު އެއްވެސް ސުވާލެއްގެ ޖަވާބު ނުލިބުނެވެ. އޭނާ ޖާވިދާ ދާ ދިމާލަށް ބަލަން ހުރެފައި ކުއްލިއަކަށް ޖާވިދާގެ ފަހަތުން ހިނގައިގަތެވެ. "ދައްތާ..." މެލެކްގެ އަޑަށް ޖާވިދާ ބަލައިލިއެވެ.
"ދައްތަ ކޮންކަހަލަ ވާހަކައެއްތިދެއްކީ. ކީއްވެ މަންމަގެ ގޮތް އަހަރެން ގައިގައި އެބަހުއްޓޭ ތިބުނީ. އަހަންނަށް ނޭނގޭ ކޯޗެއް ދައްތައަށް އެނގެނީ" މެލެކް ބުންޏެވެ. އޭނާއަށް އެނގުމަކާނުލާ އޭނާގެ ހިތުގެ ތެޅުން އަވަސްވާން ފަށައިފިއެވެ.
"ދޮންކަނބުލޮ ދެން އެކަންކަމާ އެވަރަށް ނުވިސްނާ. އެ ބާޒިލް އަކީ އުޅުމެއް ހުރި މީހަކުނަމަ ކަނބުލޮ ދުރުކޮށްފަ އެހެން އަންހެނެއް ގާތެއް ނުކުރާނެ. އަމުދުން ދަރީގެ މަންމަ. އެހެންވެގެން ޖާވިދާއްތާ މިބުނީ ކެތްކުރަންވާނޭ"
ޖާވިދާ ހިނގައިގަތްއިރުވެސް މެލެކް އަށް ހުރެވުނީ ހިލައިގެ ބުދެއް ފަދައިންނެވެ. އަދިވެސް އޭނާގެ ކަންފަތުގެ ހިނދުރީގައި ޖާވިދާގެ ވާހަކަތައް ހަރުލާފައި ހުއްޓެވެ. ހިތަށް އެރިއެވެ. މިއީ ހުވަފެނެއް ހެއްޔެވެ؟ ޖާވިދާ އެދެއްކީ ކޮންކަހަލަ ވާހަކަތަކެއް ހެއްޔެވެ؟ މެލެކް މަޑުމަޑުން ކުރިއަށް ފިޔަވަޅު އަޅަމުން ދިޔައެވެ. މީހަކު ހަމަ އެހެން ހުރެފައި އެފަދަ ވާހަކައެއް ނުދައްކާނެއެވެ. އެކަމަކު އެންމެން ސިއްރުކުރަނީ ކޮންކަމެއް ހެއްޔެވެ؟ ދިރިއުޅުމުގެ އެއްބައި ހަނދާންނެތްކަން އެނގެއެވެ. އެކަމަކު އެއީ ކޮންކަމެއްކަން ނޭނގެއެވެ. ލޫލު... ލޫލުގެ މަންމަ އަކީ އަހަރެން..... ނޫން.... " މެލެކް މޫނުމައްޗަށް އަނދިރިވާން ފެށިއެވެ. ވަށައިގެންވި ހުރިހާ އެއްޗެއް އޭނާއަށް ހީވީ އެނބުރެން ފެށިހެންނެވެ. ދެފައިން ވާގި ދޫވާކަހަލަ އިހުސާސެއްވެސް އެހިނދު އޭނާއަށް ކުރެވެމުން ދިޔައެވެ.
"ބާ... ބް.... ބް..." ބާޒިލްގެ ނަން ކިޔަން އޭނާ މަސައްކަތްކުރިއެވެ. އެހެންނަމަވެސް އޭނާގެ އެތެރެހަށީގެ ހުރިހާ ގުނަވަނެއް މަސައްކަތްކުރުން ހުއްޓިފައިވާ ކަހަލައެވެ. ހެޕީކޯނާގެ ދޮރާއްޓާ ހަމައަށް ދެވުނުއިރު މެލެކްގެ ފޫޅުން މައްޗަށް ގަދަ ފިންޏެއް އަރަން ފަށައިފިއެވެ. ދެ ފައިކޮޅު ހީވަނީ އަލިފާން ޖަހާފައި އޮތް ހެންނެވެ. ދާތަކާއެކު ފޯވެގެން ކުރިއަށް ނުދިޔައެވެ. ހީވީ ބިމު އަޑިއަށް ދެފައި ގެނބިގެން ގޮސްފައިވާހެންނެވެ. ލޯމައްޗަށް އަނދިރިވެ ނޭވާ ހާސްވާން ފެށުމާއެކު ދެންވީގޮތެއް މެލެކްއަށް ނޭނގުނެވެ. ހެޕީކޯނާގެ ދޮރާށި ހުޅުވާލެވުނު ކަމެއްވެސް އޭނާއަށް ނޭނގެއެވެ. އޭނާ ދޮރާށި ތެރެއަށް އިނދަޖެހުނެވެ. މަޑުމަޑުން ދެލޯ މެރިގެން ދިޔައިރު ދެފައި ދާހިއްލައިގެން ފެންތަކުން ލައިގެން ހުރި ހަރުވާޅާ ހެދުން ތެމެމުން ދިޔައެވެ.
"މެލީ... ޔާރައްބީ.... " މަގުމަތި ކުނިކަހާލަން ދަތިގަނޑު ހިފައިގެން ނިކުތް ޒޭބާ އަށް މެލެކް ވެއްޓުނު މަންޒަރު ފެނުމާއެކު އެދިމާލަށް ދުއްވައިގަތެވެ. ކުރިމަތީ ހުންނަ ގޭ އަންހެނަކަށްވެސް އެމަންޒަރު ފެނުމާއެކު އައިސް މެލެކްގެ އަނެއްފަރާތުގައި އިށީނދެއްޖެއެވެ.
"މެލީ.... މެލީ.... ކިހިނެއްވީބާ އަނެއްކާ" ޒޭބާ އަށް ރޮވެން ފެށުނެވެ.
"ހުސްއައިސް މީހާ ފިހެނީނު...." އަންހެންމީހާ ބުންޏެވެ.
"ހޫނޭ... ތިރި އެއްކޮށް ތެމެނީ.... މަންމާ..." ޒޭބާގެ ހިތް ރޯމަހެއް ތެޅޭހެން ތެޅެމުން ދިޔައެވެ.
****
ތަބައްސުމް ކޮޓަރިން ނިކުތްއިރު އޭނާގެ އަތުގައި ހިފަހައްޓާލައިގެން އައްޒާމް ހުއްޓެވެ. ކުރިއަށް ވުރެ ފައި ރަނގަޅެވެ. އަދިވެސް ކޮންމެވެސް ވަރަކަށް ރިހުން ހުއްޓެވެ. ބަދިގޭ ކަބަޑުމަތީގައި އޮތް ފޯނު ރިންގުވާން ފެށުމުން ތަބައްސުމް އެއަށް ބަލައިލިއެވެ. އޭނާ ފޯނާ ދިމާލަށް ދިޔައީ ސައި މޭޒު ދޮށުގައި އައްޒާމް އިށީނުމުންނެވެ. މައިލީންގެ ކޯލަކަށްވުމުން އޭނާ އަވަހަށް ގުޅާލިއެވެ. އެހެންނަމަވެސް ފޯނު ބިޒީވެފައި ހުރުމުން ގުޅޭގޮތެއް ނުވިއެވެ.
"މައިލީން ހާދަވަރަކަށް މިގުޅަނީ" ލައިގެން ހުރި ޓްރެކްޝޫޓް ޖީބުގައި އޮތް ފޯނު ނަގަމުން އައްޒާމް ބުންޏެވެ.
"މިއަށް ވެސް އޭނަ އެގުޅީ" އައްޒާމަށް ސައިތަށި ކައިރިކޮށްދެމުން ތަބައްސުމް ބުންޏެވެ.
އައްޒާމް ފޯނު ނަގާފައި ކަންފަތުގައި ޖެހިއެވެ. އެއާއެކު އޭނާއަށް ފުރަތަމަވެސް އިވުނީ މައިލީން ރޮއެގަތް އަޑެވެ. އަތުގައި އޮތް އޫ ތަށިތެރެއަށް ވެއްޓުނު އަޑަށް އައިސްއަލަމާރި ކައިރީގައި ހުރި ތަބައްސުމް ބަލައިލިއެވެ.
"މެލީ އޭ... މެލީ އަށް ކިހިނެއްވީ؟ ދަރިފުޅު ނުރޮއެ ކިޔާބަލަ" އައްޒާމް ބުންޏެވެ.
ތަބައްސުމް އައިސް ޖެއްސީ އައްޒާމް ގާތުގައެވެ. އައްޒާމް އަތުން ފޯނު އަތުލާފައި އޭނާ ވާހަކަދައްކަން ފެށިއެވެ.
"މެލީ... މަންމާ މެލީ ގޮވައިގެން ހަމަ މިހާރުން މިހާރަށް ފުރަންޖެހޭ. އެހެންނޫނީ ކޮއްކޮގެ ފުރާނަ ސަލާމަތެއްނުވާނެ" މައިލީން ބުންޏެވެ.
މައިލީންގެ އަޑާއި އިވުނު އިންޒާރުގެ ބަސްތަކާއެކު ތަބައްސުމްގެ ސިކުނޑީގެ ހަރަކާތްތައް ހުއްޓުނެވެ. އެހިނދު އޭނާ ދެމުނީ އައްޒާމްގެ އަތުތެރެއަށެވެ.
****
ގެއިން ސައިބޮއެގެން ދިޔަ ނަމަވެސް ހެނދުނު ސަޔަށް މުވައްޒަފުންނަށް ލިބޭ ހުސްވަގުތުކޮޅުގައި ބާޒިލް ނިކުތީ ސާރާގެ ގެއާ ދިމާލަށެވެ. މާ މީރުކޮށް ސައި ހަދައިގެން ސާރާ ގުޅާވަރުންނެވެ. މަގުމައްޗަށް ނިކުމެ ސައިކަލަށް އަރަމުން އޭނާ ފޯނަށް ބަލައިލިއެވެ. މައުސޫމާ އާއި ޒޭބާ ގުޅާފައި މާވަރަކަށް ގުޅާފައި އޮތުމުން އޭނާ ކަންބޮޑުވިއެވެ. އަނެއްކާ ލޫލުއަށް ކަމެއްވީބާއޭ ހިތާ އޭނާ ގުޅާލިއެވެ. އެހެންނަމަވެސް އެކަކުވެސް ފޯނަށް ޖަވާބެއްނުދިނެވެ. މުހިންމު ކަމެއްވިނަމަ މެސެޖަކުން ނަމަވެސް ބުނެފައި އޮންނާނޭ ހިތާ އޭނާ ސައިކަލަށް އަރާ ދުއްވާލިއެވެ.
ބާޒިލް ގެއަށް ވަނުމާއެކު ސާރާ އައިސް އަތުގައި ހިފައިފިއެވެ. ސާރާ ހުރީ ރަނގަޅު މޫޑެއްގައެވެ.
"މިއަދު ކޯޗެއް ތައްޔާރުކޮށްގެން މާވަރަކަށް ތިގުޅަނީ" ބާޒިލް އަހާލިއެވެ.
ދެން ހިނގާބަލަ" ބާޒިލް ގޮވައިގެން އައިސް ބޭންދީ މޭޒުކައިރީގައެވެ. ދެން އޭނާ ކާއެއްޗެހި މަތި ނެގިއެވެ.
"ޒެއްލުއަށް އެންމެ މީރުކޮށް ކުޅިމަސް. ކައިބަލަ. މަށޭ ހެދީ" ސާރާ ބުންޏެވެ.
މަސްތަށިން ދޮވި މީރުވަހުން އެކަނިވެސް ބާޒިލްގެ މޭ ފުރިގެން އައިހެން ހީވިއެވެ. މާބޮޑަށް ކާހިއްވެސްވިއެވެ. އިރުކޮޅަކުން ސާރާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ސިހާމާ ކަން އެނގުމުން ވަގުތުން އޭނާ ފޯނު ނަގައިފިއެވެ.
"އެހެންތަ" ސާރާ ބުންޏެވެ.
އެހިނދު ސާރާ އެއްކަޅިއަކުން ބާޒިލް އަށް ބަލައިލިއެވެ.
"އޭނައަށް ކިހިނެކޯވީ" ސާރާ ބުންޏެވެ.
"ނަސީބެއް..." އެއީ ބުނަން ބޭނުންވާ އެއްޗެއް ނޫނަސް ސާރާ އަށް ބުނެވުނީ އެހެންނެވެ.
"ކިހިނެއްވީ؟ ކާކު ގުޅީ؟" ބާޒިލް އަހާލިއެވެ.
"އެއީ ދައްތަ" ސާރާ ބުންޏެވެ.
އިތުރަށް ބާޒިލް ސުވާލެއްކޮށްފާނެތީ ދުރަށްޖެހެން އުޅެނިކޮށް ބާޒިލްގެ ފޯނު ރިންގުވާން ފެށިއެވެ. ބާޒިލް އަށް ވުރެވެސް ކުރިން އެ ފޯނަށް ބަލައިލީ ސާރާ އެވެ. ގުޅަނީ ޒޭބާ ކަން އެނގުމުން ސާރާ ފޯނު ނެގިއެވެ.
"ޒެއްލު ހަމަޖެހިގެން ކައިބަލަ. މިއަންނަނީ އޮމްލެޓް ހިފައިގެން" ހެލޯ އޭ ކިޔަމުން ސާރާ ވަނީ ބަދިގެއަށެވެ.
"ޒެއްލު... ޓޮއިލެޓަށް އެވަނީ. ނިކުތީމަ މިބުނަނީ ކޫ އަށް ގުޅާށޭ" ސާރާ ބުންޏެވެ.
އެ ކޯލުގެ ހަގީގަތް ބާޒިލް އަށް ސާރާ އޮޅުވާލީ ހަމަ ގަސްތުގައެވެ. މެލެކްގެ ހާލަތު ސިހާމާގެ ފަރާތުން އޭނާ އެނގުމުންވެސް ހިތާހިތުން އޭނާ އުފާކުރިއެވެ. އެދެވުނީ އަދި އެއަށް ވުރެވެސް ބޮޑުވަރު މެލެކް އަށް ވުމަށެވެ.
"ކާކު ގުޅީ" ސާރާ އައުމާއެކު ބާޒިލް އެހިއެވެ.
"ނުދަންނަ ނަންބަރެއް" ސާރާ ބުންޏެވެ.
****
ޒޭބާ ގޭތެރެއަށް އައިސް ވަނުމާއެކު ލޫލު ގޮވައިގެން އިން މައުސޫމާ ރޮއެގަނެއްޖެއެވެ. މިހުރިހާއިރު ލޫލު ގޮވައިގެން ގޭގައި އިނީ މައުސޫމާއެވެ. މާގިނައިން ރުއިމުގެ ސަބަބުން ޒޭބާ އަށް ވެސް ވަނީ އަސަރުތަކެއް ކޮށްފައެވެ. ބަހެއް ނުކިއިގެން ސޯފާގައި އިށީނދެފައި ޒޭބާ އިސްޖެހިއެވެ.
"ކިހިނެއްވީ؟ ކޮބާ މެލީ؟ ހޭއަރައިފިތަ؟ މަންމަ ގުޅީމަ އެކަކުވެސް ފޯނެއް ނުނަގާ" މައުސޫމާ ކިޔަމުން ދިޔައެވެ. އެއީ ލޫލު ރޯންފެށި ގަޑިއެވެ. ޒޭބާ ލޫލު އުރާލައިގެން ހުއްޓާލެއްވޭތޯ މަސައްކަތް ކުރަން ފެށިއެވެ.
"އެ ފުރީ މެލީ ގޮވައިގެން. ހެއެއްނާރާ. ވަރަށް ހާލު ދެރަ" ޒޭބާ ބުންޏެވެ.
"ޔާ ﷲ. އެފަކީރަށް ވީގޮތެއްވެސް ނޭނގޭ ކުއްލިއަކަށް... މިދަނޑިވަޅުގައި ބާޒިލް ކޮބާ؟ އެއީ ހިތެއްވެސް ނެތް ދަރިއަކީތަ؟" މައުސޫމާގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ފިރިހެން ދަރިފުޅު ކަންތައްކުރާގޮތް ހިތަށް އެރުމުން މާބޮޑަށް އޭނާގެ ހިތަށް އަސަރުކޮށްފިއެވެ. ކިތަންމެފަހަރަކު ގެއިން ނިކުމެގެން ބާޒިލްގެ އޮފީހާ ދިމާލަށް ދާން އޭނާ ހިތަށް އަރައިފިއެވެ.
"ޒެއްލު އާދޭތޯ ލޯންޗެއް މަޑެއްނުކުރާނެއްނު މީހެއްގެ ފުރާނަ އަތްމައްޗަށް ލައިގެންދާއިރު. ތަބައްސުމްދައްތަވެސް ހުރީ ޝޮކެއްގަ. އައްޒާމްބެ އެއްފަހަރު އެހި ޒެއްލު ކޮބާތޯ. ކީކޭ އެމީހުން ހިތަށްއަރާނީ. ރަށު ރައްޔިތުން އެތާ އޮތް. މުޅިރަށުގައި އެވާހަކަ ގޮވަމުންދާއިރު ޒެއްލު އަށް ނޭނގިއެއް ނުހުންނާނެ ދޯ. މަންމާ، ޒެއްލު އެއީ ބޮޑުވަރު" ޒޭބާ ވާހަކަދެއްކިއެވެ.
"އެ އޮފީހުގެ މީހަކަށް ގުޅާބަލަ. ކޮންމެސް މީހެއްގެ ނަންބަރު އިންނާނެއްނު" ކަރުނައިގެ ތެރެއިން މައުސޫމާ ބުންޏެވެ.
މައުސޫމާ ހިތުގައި އިންތިހާއަށް ރިހެމުން ދިޔައެވެ. އޭނާގެ އަމިއްލަ ރަހިމުގައި ބާއްވާއިގެން އެތައް ތަކުލީފަކާއެކު ދުނިޔެއަށް ގެނެސްގެން އިމެއްނެތް މިންވަރަށް ލޯތްބާ އަޅާލުންދީގެން ބޮޑުކުރި ހަމައެކަނި ހުރި ފިރިހެންދަރި އެހާ ހަރު ހިލަތެއްގެ ވެރިޔަކަށްވީތީ އޭނާ އިންތިހާއަށް ދެރަވެއްޖެއެވެ. މެލެކް އާ މެދު ބާޒިލްގެ ހިތުގައި ލޯތްބޭ މިކިޔާ އިހުސާސް ނެތަސް އިންސާނަކަށްވީތީ އިންސާނިއްޔަތުކަން އޮންނަންވާނެއެވެ. ދަރިފުޅުގެ މައިމީހާއަށް ހަމްދަރުދީ އޮންނަންވާނެއެވެ. އެދަރަޖައަށް ބާޒިލް ފަރުވާކުޑަވެގެން ނުވާނެއެވެ. ބާޒިލް ކުރާ ކޮންމެ ކަމަކަށް ރުހުންދިނީމާ މިވަނީ ވާންވީ ގޮތެވެ. މިއީ ފިޔަވަޅު އަޅަންވީ ވަގުތެވެ. ދަރީން ކުރާ ކޮންމެ ކަމަކަށް ނޫނެކޭ ބުނަންވީ ވަގުތެވެ. ދަރީންދެކެ ލޯބިވިޔަސް ލޯބިވާންވާނީ ދަރީން ހައްދުފަހަނައަޅައިގެން ނުދާނެވަރަށެވެ.
"މަންމަ ކީއްކުރާނީ؟ " އިސްޖަހާލަމުން މައުސޫމާ ބުންޏެވެ.
"ދެން އޮތީ މެލީއަށް ހެޔޮދުއާކުރުން. އޭނަގެ ހާލު ސީރިޔަސް. ހަށިގަނޑުގެ އެއްބައި ހުންއައިސްފަ އަނެއްބައި ގަނޑުފެންކޮޅެއްހެން. އެއްކަންފަތުން ލޭވެސް އައިސްފަ. ނަސީބެއް ލޯންޗުގަ ބައްޕަވެސް ދިޔަކަން" ޒޭބާ ކިޔަމުން ދިޔައެވެ.
ޒޭބާގެ ކޮންމެ ލަފްޒަކާއެކު މައުސޫމާގެ ހިތް ތޮރުފަމުން ދިޔައެވެ.
"މަންމާ، އެއްޗެކޭ ހީނުކުރައްޗޭ. ޒެއްލުދެކެ ލޯބިވާންވާނީވެސް ވަކިވަރަކަށް. ޒެއްލު އެގޮތަށް ކަންތައްއެކުރަނީ އަހަރެމެން އެންމެން މާލޯބިގެން އޭނާއަށް ކަންތައްކޮށްދޭތީ. ޒެއްލުއަށް އަންގައިދޭން އެބަޖެހޭ މެލެކް އަކީ ކާކުކަން. މިއަދު މެލެކްގެ އެންމެ ކައިރީގަ ހުންނަންޖެހޭ މީހާ އޭ އޭނައަކީ. މަންމަ ކިތަންމެ ވަރަކަށް ރުޔަސް ރަށުމީހުންގެ އަނގައިގައެއް ނުހިފެހެއްޓޭނެ"
ޒޭބާ ވާހަކަދައްކަމުން ދިޔައިރު ދަތްދޮޅީގައި އަތްވިދެލައިގެން އެއްދިމާލަކަށް ބަލަހައްޓައިގެން މައުސޫމާ އިނެވެ. ތެދެކެވެ. ރަށުމީހުން އެތައް ވާހަކައެއް ދައްކާނެއެވެ. އެމީހަކަށް ދެއްކުނު ގޮތަކަށެވެ. ކުރާނެކަމެއް ނެތެވެ. އިވޭ ކަންފަތަށް ނީވޭކަމަށް ހަދައިގެން އިނުން ނޫންގޮތެއް ނެތެވެ. ދަރީން ކުރާ ކަންކަމުގައި މީހުން ކުރިމަތީގައި ބަދުނާމުވެ އިސްޖަހާލަންޖެހެނީ ކުށެއްނެތް މައިންބަފައިންނެވެ. މައުސޫމާގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ.
****
ވަގުތުގެ ގޮތުން ހޮސްޕިޓަލުތެރޭގައި މީހުން މަދެވެ. ހަވީރުގެ ވަގުތަކީ ބަލިމީހުންނަށް ޒިޔާރަތްކުރާ ވަގުތުކަމުންކަމަށްވެސް ވެދާނެއެވެ. އައިސީޔޫ ކުރިމަތީގައި ހުރި ގޮނޑިބަރީގައި ތަބައްސުމް އިށީނދެގެން އިނެވެ. ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ އައްޒާމް އާއި ޒިޔާދެވެ. އެތެރޭގައި ހަރަކާތްތެރިވަމުން ދިޔަ މައިލީން ނިކުތީ އޭގެ ކުޑައިރުކޮޅެއް ފަހުންނެވެ. މައިލީންގެ މޫނުމަތި ވަނީ މިލާފައެވެ. އެއްވެސް ދިރުމެއް އޭނާގެ މޫނުގައި ނެތެވެ. އޭނާ ގޮސް ހުއްޓުނީ ތަބައްސުމް ކައިރީގައެވެ. މައިލީން ކައިރީގައި އިށީނުމާއެކު ތަބައްސުމް ބަލައިލީ އުންމީދީ ނަޒަރަކުންނެވެ. އުންމީދީ ހަބަރެއް ދަރިފުޅުގެ ފަރާތުން ލިބޭނެނަމައޭ އޭނާގެ ހިތަށް އެރިއެވެ. މައިލީންގެ ދެއަތުގައި ތަބައްސުމް ހިފާލިއެވެ. އެވަގުތު އައްޒާމް އާއި ޒިޔާދުވެސް އައިސް މައިލީން ގާތުގައި ހުއްޓުނެވެ. މައިލީން ވަރަށް ފުންނަޒަރަކުން ތަބައްސުމްގެ މޫނަށް ބަލައިލިއެވެ. އޭނާ ދޭންއުޅޭ ހަބަރަކުން މައިންބަފައިންނަށް ގޮތެއްވެދާނެތީ ކަންބޮޑުވިއެވެ. އެހެންނަމަވެސް ދަރިންގެ ހަބަރުތައް މައިންބަފައިންނަށް ސިއްރުކުރަންނުވާނޭކަންވެސް އޭނާގެ ހަނދާނުގައި ހުއްޓެވެ. އެންމެ އަވަހަށް އިޖާބަކުރައްވާ ދުއާގެ ތެރޭގައި މައިންބަފައިން ދަރިންނަށްޓަކައި ކުރާ ހިމެނެއެވެ.
"މަންމާ، މެލީގެ ހާލު ރަނގަޅެއްނޫން. އަދި ކުރިއެރުމެއް ނުލިބޭ. ވެންޓިލޭޓަރުގަ އޮތީ. ސިކުނޑީގެ އެއްފަޅި ދުޅަވާން ފަށާފަ ހުރީ. ކަންފަތުން ލޭ އައީ އެހެންވެ. ދުޅަވުން ބޮޑުނުވޭތޯ މިބަލަނީ. ސާޅީސް އަށްގަޑިއިރުތެރޭގަ ކޮއްކޮއަށް ކުރިއެރުމެއް ނުލިބުނިއްޔާ....." މައިލީން އަށް ބުނަން ދަތިވިއެވެ.
"ކިހިނެއްވީ؟ މަގޭ ދަރި މަރުވާނީއޭތަ ތިބުނީ..." ތަބައްސުމްގެ އަޑު އައީ ކުރެހިގެންނެވެ.
"މަންމާ، އެއްވެސް ޑޮކްޓަރަކު ބަލިމީހެއްގެ ބަލިހާލަތާ ގުޅޭގޮތުން އެހީތެރިއަކަށް ނުބައި މައުލޫމާތެއް ނުދޭނެ. ކޮއްކޮގެ ކަންތައްތައް މި ހޮސްޕިޓަލުގައި ބަލަހައްޓާ އެންމެ ސީނިއާ ޑޮކްޓަރަކަށް މިވަގުތު ހުރީ އަޅުގަނޑު. އެހެންވެ މިބުނަނީ ސާޅީސް އަށްގަޑިއިރުގެ ތެރޭގައި ކޮއްކޮއަށް ކުރިއެރުމެއް ނުލިބުނިއްޔާ އުންމީދު ވަރަށް ކުޑަވާނެ. މަރުވާނެއެކޭ ދިރި އޮންނާނެއެކޭ އަޅުގަނޑު ނުބުނާނަން. މަރުވުމާއި ދިރުއްވުން އެއީ އެހެންފަރާތަކަށް މިލްކުވެވޮޑިގެންވާ ކަމެއް" ތަބައްސުމްގެ ދެއަތް އޮތީ މައިލީންގެ އަތުގެތެރޭގައެވެ.
"ނޫން...." ތަބައްސުމްގެ ދެލޮލުން ކަރުނަތައް ފައިބައިގަތެވެ. މައިލީންގެ ވާހަކަތަކާއެކު ތަބައްސުމްގެ މައިލަގޮނޑިއަށް ބާރުވެގެން ދިޔައެވެ.
އެވަގުތު އައްޒާމް ތަބައްސުމްގެ އަނެއްފަރާތުން އިށީނެވެ. އޭނާ ތަބައްސުމްގެ ކޮނޑުގައި ހިފަހައްޓާލިއެވެ. އެހިނދު ތަބައްސުމް އައްޒާމްގެ ކޮނޑުގައި ބޯއެޅިއެވެ. އައްޒާމްގެ ދެލޮލުންވެސް ކަރުނައެއް ފައިބައިގެންދިޔައެވެ. ކެތްކުރަން ދަތިވެ ދެލޮލަށް ކަރުނަ ޖަމާވާން ފެށުމުން ޒިޔާދުވެސް ހިނގައިގަތީ ދުރަށެވެ. އޭނާ އެހަބަރު މައުސޫމާއަށް ދިނުމަށް ޖީބުގައި އޮތް ފޯނު ނެގިއެވެ.
****
މަގުމަތީ ހުރި ޖޯލީގައި ސިހާމާ އިށީނދެގެން އިނެވެ. އޭނާގެ ގާތުގައި ހިސާބުގަނޑު ދެތިން އަވައްޓެރިން ތިއްބެވެ. ހަވީރަށް ރީތިވެގެން ނިކުތް ސާރާވެސް އިށީނީ ސިހާމާ އިން ޖޯއްޔާ ޖެހިގެން ހުރި ޖޯލީގައެވެ. އޭނާ އިނީ އެކުވެރިޔަކު ހިނގާލަން ދާން އައިސް ގުޅަންދެކަށެވެ.
"އެމަންޖެ މިހާރު ކިހިނެއްތަ؟" އެތަނުން އަންހެނަކު އެހިއެވެ.
"އެއީ މުއްސަނދި ފޯރާވެރިއެއްގެ ދަރިއެއްނު. ގޯސްވާނެތަ. ދުނިޔޭގެ ކޮންމެ ހިސާބަކަށް ގެންގޮސްގެންވެސް ރަނގަޅުކުރާނެއްނު. އެމީހުން ނުވާނެއްނު ހާހެއް" ސިހާމާ ބުންޏެވެ.
"އެކަމަކު އެ ބާޒިލްވެސް ދޯ. މީހުންނާ ކިޔާކަށްނޫން. އެކަމަކު ކިހިނެއް އެއްޗެއް ނުބުނެ ހުންނާނީ" އެހެން އަންހެނަކު ބުންޏެވެ.
"ބާޒިލް ކޮންކަމެއްކުރީ؟ މެލެކް އަކީ ބާޒިލްގެ އަންބެއްނޫން. ހަމައެކަނި ދަރިފުޅުގެ މަންމަ. މެލެކް ދުރުކޮށްފަ ހުންނަތާ ކޮންދުވަހެއް. އެގޭމީހުންވެސް އެހާވަރުން އުޅެނީ ލޫލުގެ މަންމަވީމަ" ވާހަކަދެއްކީ ސާރާއެވެ. ސިހާމާ ސާރާގެ އަތުގައި ހިފާލިއެވެ. ސާރާ ވާހަކަދެއްކި ގޮތުން ހިތްހަމަނުޖެހިގެން އަންހެނުންތައް ތެދުވެގެން ދުރަށް ދިޔައެވެ.
"އެހެންޏާ. ކޮންމެމީހަކު ޒެއްލު ކުއްވެރިކުރާނެ. މިރަށު މީހުން ނުދޭނެ އަހަރެމެން އިނދެގެން އުޅުނަވެސް" ސާރާ ބުންޏެވެ.
"އަޅާނުލާ. ކޮބާ އެއްޗެހި ޕެކްކުރަން ފަށައިފިންތަ. މާދަމާ ހަވީރު ފުރަންޖެހޭ" ސިހާމާ ބުންޏެވެ.
"ތިކަންކުރެވޭނެ ފަސް މިނިޓުންވެސް. ދެރަވަނީ ދާންޖެހޭތީ. މިއީ އަސްލު ޒެއްލު ކައިރީގަ އަހަރެން ހުންނަންޖެހޭ ވަގުތަކީ. މެލެކްވެސް ހިއެއްނުވޭ އެހާ ފަސޭހައިން ގަދަވެގެން އާދެވޭނެހެނެއް. ވަރަށް ހާލު ގޯހޭ ބުނި. ކައިވެނީގެ ކަންކަންވެސް ނިންމަންޖެހޭ. މިއަހަރުގެ އީދަށް ޒެއްލު ދޮންތަމެން އެބައާދޭ ރަށަށް. ތާރީހު ދިނީ އޭރަށް. އެހާތަނަށް އާދެވޭނެތަ؟" ސާރާ ވާހަކަދެއްކިއެވެ.
"ހިނގާ އާދެވޭތޯ ބަލަމާ" ސިހާމާ ބުންޏެވެ.
އިރުކޮޅަކުން ސިހާމާ ފޯނު ބަލައިލާފައި ސާރާ އަށް ނަންބަރެއް ދައްކާލިއެވެ. އަދި އެ ނަންބަރަށް ދެމީހުންގެ މައުލޫމާތާއި އައިޑީ ކާޑުގެ ފޮޓޯ ފޮނުވަން ބުންޏެވެ.
"ފަޑެއްގެ ފިރިހެނެއް. ކާކު މިއީ؟" ސާރާ އަހާލިއެވެ.
"ތިއީ ސާރާ ބައްޕަ މަސައްކަތްކުރާ ކުންފުނީގެ ބޮޑުމީހާ. ޒަމްހަދު ކިޔަނީ. އޭނައޭ ދެކޮޅު ޓިކެޓާ އެކޮޅުގެ ހަރަދުތައް ބަލަހައްޓައިދެނީ" ސިހާމާ ބުންޏެވެ.
(ނުނިމޭ)