"ދެ ދަޅު ހޭޝްއޮއިލް ފެނުނު، އެ ދެމީހުން އެކަންޏެއް ނޫނޭ، އެހެން ހަތަރު ކުއްޖަކުވެސް ތިބި، ހަބަރުން މެންދުރު ދޭއްގެ ހަބަރުގަ އެ ގޮވީ ކަމަ މެންގެ ވާހަކަ...." މިފަހަރު ތާތިއަށްވެސް ލިބުނީ ސިހުމެކެވެ.
"އަސްތަޣްފިރުﷲ.... ޕާޓީ ޑްރަގްސް....." ލާނާގެ ކޮނޑުގައި އިތުރަށް ބާރަށް ހިފަހައްޓާލެވުނީ ބޭއިހުތިޔާރުގައެވެ.
ކުޑައިރުކޮޅެއް ވަންދެން ގޮޅި ތެރެއަށް ވެރިވެފައި އޮތީ ފުން ހިމޭންކަމެކެވެ.
"ހައި. ކޮފީ.... ހުސްވީތަ...." ގޮޅީ ދޮރު ހުޅުވާފައި އެތެރެއަށް ވަނީ ޒޭނާއެވެ. ގޮޅި ތެރޭގައި ތިން މީހުން ތިބި ގޮތް ފެނުމުން ކޮންމެވެސް ނުރަނގަޅު ކަމެއް އެބައުޅޭކަން ދެނެގަތެވެ.
"ސޮރީ. ގައިސް. ގޮޅި ތެރެ ސާފުކޮށް ނިންމާލިތަނާ ލަޝްލީ ބުނެފި އެންމެނަށް މައިލޯ ގިރާފައި ނޫޑުލްސޭންޑްވިޗު ހަދަން... ހިނގާށޭ، އެހެންވެ އޭނައަށް ހެލްޕް ވެފައި މިއައީ، އަށް ނަންބަރަށް ހުރިހާ އެއްޗެހި ވައްދާފައި، މިރޭގެ މެޗަށްވެސް ތައްޔާރުކޮށްފަ...." ޒޭނާ ބެލީ މާހައުލުގެ ކުލަވަރު ބަދަލުކޮށްލާށެވެ.
************
ހައެއް ޖަހައި ކޮރިޑޯތައް ތަޅުލުމަށްފަހު ޑިއުޓީން ދިޔަތާ އިރުކޮޅެއް ވެއްޖެއެވެ. ކޮރިޑޯތަކުން ގައިދީން ގޮޅިގޮޅިއަށް ވަދެ އެބައެއްގެ ރޭގަނޑުގެ އެކިކަންކަމުގައި މަޝްއޫލުވެގެން އުޅެގަތެވެ.
އެއްބައި މީހުން ރޭގަނޑުގެ ބާކީ އޮތް ފަސްވަރަކަށް ގަޑިއިރު ތެރޭގައި ފޯނުތަކުން ކުރަން ޖެހޭ ކޯލުތަކުގެ ކަންތަކުގައެވެ. އަނެއްބައި މީހުން މަޣްރިބު ނަމާދާއި އިޝާ ނަމާދަށް އަދި ދެ ނަމާދު ދެމެދުގައި ގުރުއާން ކިޔެވުމަށް ތައްޔާރުވުމުގައެވެ. ބައެއް މީހުން ގޮޅިތައް ސާފުކޮށް ފެންފޮތިލުމުގައިވެސް އުޅެމުންދެއެވެ.
ހަތް ނަންބަރު ގޮޅިތެރެއަށް އޮތީ މުޅިން އާދަޔާހިލާފު ހިމޭންކަމެއް ވެރިވެފައެވެ. އެހެން ދުވަސްދުވަހު ކޮރިޑޯތައް ތަޅުލުމާއެކު ނަމާދަށް ތައްޔާރުވެފައި، ނަމާދުން ނިމުނީމަ ރޭގަނޑުގެ ކެއުމަށް ތައްޔާރުކުރުމުގައި އުޅޭ ހަތަރު އެކުވެރިން އެތިބީ ބަސްހުއްޓި ހިމޭންވެފައެވެ.
ގޮޅީގެ ބިންމަތީގައި އިށީނދެގެން ތިބިއިރު ހަތަރު މީހުންގެ މެދުގައި ހުރި ކޮފީތަށިން އަރަމުންދާ ދުން މަދުވަމުން ކޮފީތަށި ފިނިވަމުންދާ ކަމުގެ އިހުސާސެއްވެސް ނުވެފައި ތިބި ކަހަލައެވެ. ހަތަރު މީހުންގެ ކަޅިވެސް ހުއްޓިފައި ހުރީ ކޮފީތަށްޓާއި އަޅިކެނޑުމަށް ހަދާފައި ހުރި ކުޑަދަޅާ ދެމެދުގައި ބާއްވާފައި އޮތް ނޮކިއާ އެކްސް3ގެ ސްމާޓް ފޯނަށެވެ.
ދިހަ މިނެޓް، ފަނަރަ މިނެޓް، ބަންގީގެ އަޑު އިވުމާއެކު ހަތަރު މީހުންނަށްވެސް ލެވުނީ ފުންނޭވާއެކެވެ. ގޮތް ހުސްވެފައި އެކަކު އަނެކަކަށް ބަލައިލީ ދެން ހަދާނީ ކިހިނެއްހޭ އަހާ ކަހަލަ ގޮތަކަށެވެ.
"ކަމަ މިތަނަށް ގެނެސްފިނަމަ ކިހިނެއް ހަދާނީ، މަންމައަކަށް މިކަމުގެ ތެރޭ ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ، ބައްޕަގެ އެހީ އަހަރެން ބޭނުމެއް ނޫން، މި ހިސާބަށް އަންނަންޖެހުނީވެސް ޕޮލިޓިކްސްއާ ހެދި، ކަމަ އަށް އެހެން އުޅޭނެ މަގުވެސް ފެނުނީ ހަމަ ބައްޕަގެ ޕޮލިޓިކްސްއާ ހެދި، އެކަމަކު އަހަރެން މަންމައަށް ވައުދެއް ވިން، ދުވަހަކުވެސް ކަމަ މި ލައިފަށް ނާންނާނެކަމަށް، އަހަރެން އައްޑަނަ އަކަށްވެ ހުންނާނެ ކަމަށް، އެކަމަކު ބަލައިބަލަ، ކަންތައްވަމުންދާ ގޮތް، އެތައް އަހަރެއްގެ މަސައްކަތް ފެނަށް ވަނީ، އަހަރެން މިތަނަށް އައީ...."
ލާނާގެ އަޑު ބެދުނެވެ. ތެދެކެވެ. އެއްވެސް ހެއްކެއް ގަރީނާއެއް ނެތް މައްސަލައެއްގައި ލާނާ އަމިއްލައަށް ކުށަށް އިއުތިރާފުވެ 25 އަހަރު ދުވަހުގެ ޖަލު ހުކުމަކާ ރުހިގެން ޖަލަށް އައިސް އެއިނީ ހަމަ އެ އަންހެން ކޮއްކޮއަށްޓަކައެވެ. އެހެންވީއިރު އެގޮތަށް ކަމަ ހަމަ މި ޖަލަށް ގެނެސްފިނަމަ އޭނާ ކުރާނީވެސް ކީއްހެއްޔެވެ.
"ކަމްއޯން..... އަހަރެމެން އެންމެން މި ތިބީއެއްނު، ނުވާނެ ތި ހީކުރާ ކަހަލަ އެއްވެސް ކަމެއް ނުވާނެ،"
ރޫހީން ލާނާގެ އަތުގައި ހިފާލިއެވެ.
ފޯނު ވައިބްރޭޓް ވީ އެވަގުތުއެވެ. ޑިސްޕްލޭއަށް އަރާފައި އޮތީ ކޮންމެވެސް ލޭންޑްލައިން ނަންބަރެކެވެ. ލާނާއަށް ފޯނު ނަގާނެ ހިތްވަރެއްވެސް ނުލިބިފައި އިން ކަހަލައެވެ.
"އައްސަލާމްއަލައިކުމް....." ފޯނު ނަގާ ޖަވާބު ދިނީ ރޫހީނެވެ.
"....ކޮންބޭފުޅަކަށްތޯ ތި ގުޅަނީ...؟" އެކޮޅުން ދެއްކި ވާހަކައަށް ޖަވާބުދެމުން ރޫހީން ބުނެލިއެވެ.
"ވާހަކަ ދައްކަނީ، އެއީ ކޮއްކޮ...." ލާނާއަށް ބަލައިލަމުން ރޫހީން ފޯނުން ވާހަކަދެއްކިއެވެ.
"މުއްދަތޭ....30 ދުވަހޭ.....އެއީ ކީއްވެ؟..... އެކަމަކު މާބަނޑު އަންހެންކުއްޖަކު އެހެން ބަންދު ކުރެވޭނީ ކިހިނެއް....."
ރޫހީންގެ ވާހަކަތައް އަޑު އިވުމުން ލާނާގެ ގައިން ވަރު ދޫވި ކަހަލައެވެ.
"ކީކޭ ތި...އެކަމަކު.....ޓެސްޓު ކުރުވީ ކޮންއިރަކުތޯ....އެނއޭނ، ދެން..."
ވާހަކަދައްކަމުން ދިޔަ ވަރަކަށް ރޫހީންގެ މޫނުމަތިން ފާޅުވަމުންދިޔައީ ހައިރާންކަމާއި ހާސްކަމެކެވެ.
"ފޯނުކޯލް ލިބޭނީ ކޮންއިރަކުތޯ.. ތަނީޝާއާ ވާހަކަދެއްކޭނެ ގޮތެއް ނުވާނެތޯ..... އާދެ، މިވަގުތު މާލެއިން ބޭރުގައި ހުރީމަ، މި ހަފުތާ ނިމުނީމަ މާލެ ދެވޭނީވެސް..... އަޅުގަނޑަށް ގުޅޭނެ ނަންބަރެއް ދެއްވަންވީ ނޫންތޯ.... އޭރަށް ގޮތެއް ހަމަޖައްސާފަ ގުޅާލާނަން...."
"އާދެ، އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ....."
ލާނާ، ރޫހީންގެ މޫނަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.
"ދެރަނުވޭ، ކަމްއޯން، ހަމަޖެހިގެން ހިނގާބަލަ ކޮރިޑޯތެރެއަށް..... ވާރޭ ވެހޭ މަންޒަރު ބަލައިލަން..... ފެންސު ކައިރީ ގޮނޑި އަޅައިގެން....."
ރޫހީންގެ ވާހަކަ މެދުކަނޑާލީ ލާނާގެ ބާރު އަޑެވެ.
"ކޮން ވާހަކައެއް ނުބުނަން ތި އުޅެނީ، އެ ގުޅީ ޕޮލިހުންނެއްނު، ކަމައަށް މުއްދަތު ޖެހި ވާހަކައެއްނު ބުނީ، ދެން ދެއްކި ވާހަކަ ނުބުނެވިގެން ތިއުޅެނީ..... އަހަންނަށް ހަޖަމު ނުކުރެވޭނެ ވާހަކައެއް ނުބުނެވޭނެ....."
ލާނާ ކޮންމެވެސް ވަރަކަށް ނުރުހިފައި ބުނެލިއެވެ.
"ސާބަހޭ. މައިތިރިވެބަލަ....."
ރޫހީން ދެބުމަ ގޮށްޖަހަމުން ބުނެލިއެވެ.
އަދި އަޅިކެނޑި ތެރޭގައި އޮތް ސިނގިރޭޓް (ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހަތަށް ނުހަނު ބޮޑަށް ގެއްލުން ހުރި ކަމެކެވެ! އަދި ކައިރީގައި ތިބޭ މީހުންނަށްވެސް އޭގެ އަސަރު ކުރާ ކަމެކެވެ!) ނަގާ ރޯކުރަމުން ބިންމަތިން ތެދުވިއެވެ.
"ޒޭން، ލަޝްލީ ހުންނާނެ ނަމާދު ނުކުރެވިފައި، އަލަށް ނަމާދުކުރަން ފަށައިގެން އުޅޭ އިރު، އަލަށް ދީނީ ކަންކަން ދަސްކުރަމުންދާއިރު އެޅުނު އެއްޗެއް ހަރުލާނެ އުމުރަށްވެސް، ލަޝްލީއަށް ދަސްކޮށްދިނުމަކީ އަމިއްލައަށް ވެސް ލިބޭ ހެޔޮކަމެއް..... ދޭބަލަ އެކަންތައް ކޮށްލަން...... އެއޮތްގެން ހަތްގަޑި ބައިވަނީ، ކާންދޭން ދާ ގަޑިވެސް ޖެހެނީނު....." ރޫހީން، ޒޭނާއަށް ބުނެލިއެވެ.
"އާނ... މިރޭ މަށާ ނުލައި ދައްޗެއް ނުވާނެދޯ....؟ އެހާ ބުރައެއް ނުވާނެއެއްނު، ރޮށި ވިއްޔަ ހުންނާނީ،"
ގޮޅިއާ ދިމާއަށް ދާން ހިނގައިގަތް ޒޭނާއަށް އަނެއްކާވެސް ގޮވާލަމުން ރޫހީން ބުނެލިއެވެ.
"އަސްލުވެސް.... ރޫހީދައްތަ ބަލީތަ؟ މަ ދަންތަ ބަރޯއަށް....؟"
ހަ ނަންބަރު ގޮޅީ ދޮރުމަތީ އިސްތަށިގަނޑުން ގޮށް ފިލުވަން ހުރި ޝަރޫނާއަށް ރޫހީންގެ އަޑު އިވުމުން އުފާވެފައި އައިސް އަހާލިއެވެ.
"ބަލި ބަލީކީ ނޫން. އެކަމަކު ރޭޑް ތެރޭގައި އުޅުނީމަ ސިކުނޑި ވަރަށް ވަރުބަލިވެފަ، އަނެއްކާ އެތަކެއްޗެއް ބަސްޓުވެސް ވެއްޖެ، އެވެސް ކުރަންޖެހޭ ކަމެއް، އެކަންތަކާވެސް އުޅެން ޖެހޭ، ބަރޯއަށް ދިޔައިމަ އެގަޑީގަ ކުރަން ޖެހޭ ކޯލު ނުކުރެވޭނެތީވެ...."
ޝަރޫނާއަށް ބަލައިލަމުން ރޫހީން ބުނެލިއެވެ. މިއީ އުތުރު ރަށެއްގެ އަންހެނެކެވެ. ކިރިޔާ 18 އަހަރުވިތަނާހެން ކުށުގެ މާހައުލުން ހިފަހައްޓައިގެން ގެނެސް 3 އަހަރުގެ ހުކުމެއް ކޮށްފައިވާ އަންހެނެކެވެ. ޖަލުގައި އުޅޭތާ ހައެއްކަ މަސްވީއިރު އަހުލާގު ރަނގަޅުވެފައި ބަސްއަހާތީ، ވަރަށް ފަސޭހައިން ބޭރު ހައިޑްރޯ (ޖަލު ސަރަހައްދު ކުނިކެހުމާއި ސާފުކުރުން) ވަޒީފާ ލިބިއްޖެއެވެ. ވަޒީފާ ލިބުނުތާ 3 މަސްވެގެން ޔުނީފޯމް ލިބުނީ ދާދި އިހަކަށް ދުވަހުއެވެ. ފުރަތަމަ ހައިޑްރޯއަށް ނުކުތީއްސުރެވެސް ރޭގަނޑު ބޭރަށް ނުކުންނަ ހިތުން އެ ވާހަކަ ދައްކައެވެ.
ތަނުގެ އޮންނަ ގަވާއިދުގައި ބަރޯ ވަޒީފާގައި އުޅޭ މީހަކު ބަލިވެގެން ނުނިކުމެވޭ ހާލަތެއް އަތުވެއްޖެނަމަ އެ މަސައްކަތު ނެރޭނީ އާންމުގޮތެއްގައި ކޮރިޑޯ ވަޒީފާ އަދާކުރާ މީހެކެވެ. އެއިން މީހަކުވެސް ނެތް ހާލަތެއްގައި ދެން ނެރޭނީ ހައިޑްރޯ މީހެކެވެ.
"ޑިއުޓީ ބަލާ އަންނަން ވާއިރަށް ތައްޔާރަށް ހުރެބަލަ، އޭރަށް ޒޭނާ އާއެކީ ނުކުންނަން ދިޔައިމަ އެތެރޭ ވަޒީފާ މީހަކު ނެތޭ ބުނާނަން، އޯކޭނު ދޯ..." ތާތި ބުނެލިއެވެ.
"އެހާއިރަށް މަވެސް އަންނާނަން ނަމާދު ކޮށްގެން...."
ގޮޅި ދޮރުލައްޕާލަމުން ތާތި ބުނެލިއެވެ. ފެންސުކައިރީ ހުރި މޭޒުދޮށުގައި ދެ ގޮނޑި އަޅައިގެން ރޫހީނާއި ލާނާ އިށީނދެ ފެންސުގައި ފައި އަޅުވާލައި ހަމަޖެހިލިއެވެ. ބޭރުގެ މާހައުލު ވަރަށްވެސް ފިނިވެފައި އަރާމު ވައިރޯޅި ޖެހެމުން ދިޔައެވެ. ބޯކޮށް ވެހެމުން ދިޔަ ވާރޭ ތުނިކޮށްލާކަށް ނޫޅޭ ކަހަލައެވެ. މިއީ ޖަލުގެ މާހައުލަށް އަންނަ އެންމެ އުފާވެރި ވަގުތެވެ. ވާރޭ ވެހޭ ރޭތަކުގައި ނިދުންވެސް މާ އަރާމު ކަމަށް ގައިދީން ކިޔައި އުޅެއެވެ.
"ދެން ބުނެބަލަ..... ޕޮލިހުންނެއްނު ގުޅީ، އެ ނަންބަރު ދީފަ އޮތީމަ އެ ގުޅީ، ކީކޭތަ ބުނީ..... ކަމަގެ ކޮން ހަބަރެއް އޮތީ....؟" ލާނާ އަހާލީ ކެތްމަދުވެފައިވާ ރާގެއްގައެވެ.
"ކާކު ބުނީ ކަމަ ޕްރެގްއޭ....؟" ރޫހީން ވެސް ކޮށްލީ ސުވާލެކެވެ.
"އެ....އޭނ... ކީއްވެ ތިހެން ތި އެހީ....؟" ލާނާ ހައިރާންވެއްޖެއެވެ.
"އަނހާ، ކޮންމެވެސް ކަމެއްވީމަތާ އަހާނީ.... ކާކުހޭ ބުނީ ތަނީޝާ ބަނޑުބޮޑޭ...؟" ރޫހީން ސުވާލު ތަކުރާރުކޮށްލިއެވެ.
"ކަމަ...ކަމަ ބުނީ،" ލާނާ ބުނެލިއެވެ.
"އަބަދުގެ އާދައިގެ މަތިން ދޮގު ހެދީ، ޕޮލިހަށް ގެންދިޔައިމަ ވަގެއް ނުވާނެނު، ޓެސްޓު ކުރާނެ ވަގުތުން... .ވަގު ހިފިފަ އެއޮތީ، އޭނަ ބަނޑުބޮޑެއް ނޫން،" ރޫހީންގެ އަޑުގައި ހުރީ ފޫހިކަމާއި ނުރުހުންތެރިކަމެކެވެ. އެކަން ލާނާއަށް ކިތަންމެހާވެސް ރަނގަޅަށް ފާހަގަކުރެވުނެވެ.
"އެހެންވާނީ ކިހިނެއް.....؟ އަހަރެން ކައިރީ ކަމަ އަމިއްލަ ދުލުން ބުނީ އޭނަގެ ބަނޑަށް 3 ހަފުތާއޭ، އެހަބަރު ލިބުމާއެކު އަހަރެން ނޫހަށް ވެސް ގުޅިން، އޭގެ މައްޗަށް އިތުރު ފާފައެއް އިތުރު ގޯހެއް ނުހަދައި ކަންތައް އޮންނަން ޖެހޭ ރަނގަޅު ގޮތަށް ގެންދާށޭވެސް ބުނިން...." ލާނާ ގަބޫލު ނުކުރެވިފައި ބުންޏެވެ.
"މަށަށް އެނގޭ ތަނީޝާގެ އެއްވެސް ވާހަކައެއް އެހެން މީހަކަށް އެނގޭކަށް ލާނާ ބޭނުމެއް ނުވާނެކަން، އެހެންވެ އެހެން މީހުންނާ ނުލައި ވަކިން ވާހަކަދައްކަން މިތަނަށް އައީވެސް....." ލާނާގެ ކުލަފަނޑުވެފައިވާ މޫނަށް ބަލައިލަމުން ރޫހީން ވާހަކަދެއްކިއެވެ.
"މިހާރު ދެން އެ މެހިގެން އުޅެނީ ކުޑަފަދަ މަޅިއަކަށްވެސް ނޫން، މި ހިސާބަށް ނާންނާނެ ގޮތެއް ނުވާނެ، ގެންނާނެ، ގެންނާނީވެސް ކުޑަ އެއްޗެއްގަ ނޫން، އެނގޭ މިއީ ކަލޭ އަޑުއަހަން ބޭނުން ވާހަކަތަކެއް ނޫންކަންވެސް، އެކަމަކު ކަލެއަށް ވިސްނައިދޭން މި ވާހަކަ ދައްކަން އެބަޖެހޭ މިހާރު. ލޯބިވާ މީހުންގެ މައްސަލަތައް ފެންނާނީ ލޯބިވާތީ. ކަލޭގެ ތި ސަބްމިސިވް،"
ފިނޑި ގޮތްގަނޑު ދޫކޮށްލަން އެބަޖެހޭ. ތޮށިގަނޑުން ނުކުންނަން އެބަޖެހޭ، ހަގީގަތާ ފޭސް ކުރަން އެބަޖެހޭ، ދޮގެއްގެ މަތީގައި މުޅި އުމުރު ނަގާލައިގެން އިންދާ އެއްވެސް އަގެއް ނެތް ގޮތަށް ކަލޭގެ ގުރުބާނީ ފެނަށް އެ ހަދާލަނީ، ޖެހިލުމެއް ނެތި ކަލޭގެ ބާކީ އޮތް އަބުރާ އިއްޒަތްވެސް ވަޔަށް ބުރުވާލީ. ކިހާ ތާހިރު،"
ހުލިވަމުންދިޔަ ސިނގިރޭޓުން އެހެން ސިނގިރޭޓެއް (ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހަތަށް ނުހަނު ބޮޑަށް ގެއްލުން ހުރި ކަމެކެވެ! އަދި ކައިރީގައި ތިބޭ މީހުންނަށްވެސް އޭގެ އަސަރު ކުރާ ކަމެކެވެ!) ރޯކޮށްލަމުން ރޫހީން ވާހަކަދެއްކިއެވެ.
"ތިހެން ނުބުނޭ. އެއީ އަހަރެންގެ ކޮއްކޮއޭ.... މަގޭ ދަރިއެކޭ އެއްފަދަ..." ލާނާ ތެޅިގެންފައި ބުނެލިއވެ.
"އާނހާ. އެކަހަލަ ކޮއްކޮއެއް ލިބިއްޖެ މީހަކަށް ދުޝްމިނަކުގެ އެއްވެސް ބޭނުމެއް ނުޖެހޭނެ. ހުރިހާ ކަމެއްގައިވެސް އަބަދު ބާޒީ ހިފުން، ކޮންމެ ކަމެއްގައިވެސް ދައްތަ ކަރުތާފެނަށް ފައްތައި ބޮލަށް އަރައި ފުންމައިގެން ދަނީ ގަންބާލާފަ. މިއަށްވުރެ ވަކި ލޯބި ކޮއްކޮއެއް މީހަކަށް ނުލިބޭނެއެއްނު........."
"ނުނޫން، ރޫހީން، ކަމައަކީ ތިހީކުރާ ކަހަލަ ކުއްޖެއް ނޫން..... އޭނަގެ މައުސޫމުކަމާއި އޭނަގެ ޅަކަމުގެ ފައިދާ އެންމެންވެސް ނަގަނީ..... ރަނގަޅަށްވިއްޔަ ތިޔަ މަސްތުވާތަކެއްޗެއްވެސް އޭނަގެ ބޮލަށް ޖަހާނީ، އޭނައަކަށް ނޭނގޭނެ ސެލްފް ޑިފެންސުގައި އެއްވެސް ވާހަކައެއް ދައްކާކަށް، ހައްޕު ކިޔައިގެން ހުންނާނީ...."
ލާނާ އަބަދުވެސް އެންމެ ލޯބިވާ ކޮއްކޮގެ ނުރަނގަޅު ވާހަކައެއް އަޑުއަހާކަށް އޭނާގެ ހިތެއް ނުރުހުނެވެ.
"އޭތް....ލާނާ... އެހެން މީހެއްގެ ފާފައިގެ ޝަޒާ އަމިއްލައަށް އުފުލުމަކީ އިސްލާމްދީން ހުއްދަ ކުރާ ކަމެއް ނޫން، މިތަނުގައި 25 އެއް ހޯދައިގެން އައިސް ތިއޮތީ، މުޅި ދުނިޔެއަށް ތިމާ ފަޟީހަތްވެ ބަދުނާމުވެ ހުތުރުވެގެން، ކާކަށްޓަކައި. ކާކުގެ ހައްގުގައި.... ހަމަ އެ ތަނީޝާގެ ހައްގުގައި، އެކަމަކު އޭނައަށް އެވަރު ވިސްނޭތަ....؟"
ރޫހީން ވާހަކަދެއްކީ ރުޅި އައިސްފައި އިނދެއެވެ.
"ލާނާ ގާތު ބުނެފިން މައްސަލަ ހައިކޯޓަށް ލާށޭވެސް، ކޮބާ ބޭނުމަކީ، ތަނީޝާއަށް ދިރިއުޅުމެއް ހޯދައިދޭން، ތަނީޝާގެ މުސްތަގުބަލު އަނދިރިވެދާނެތީ، އެހެންވިއްޔާ އޭނާ އެކުރީ ކީއްތަ؟ ކަލޭ ވެދުމަކަށް ނަގާފައި ދިން މިނިވަންކަމާއި ގަދަރާއި އިއްޒަތް ވެއްޔަށް ހަދާފައި ދޫނިދޫ ގޮޅިއެއްގައި އެއޮތީ ހަމަ އެ ތަނީޝާއެއް ނޫންތަ؟"
ރޫހީންގެ ޒަހަރު އެކުލެވިފައިވާ ބަސްތައް މިޔަތޫނު ކަށިތަކެއްހެން ގޮސް ހެރުނީ ލާނާގެ ހިތަށެވެ. ތަނީޝާ، އޭނާގެ ކަމަ، އެވަރުގެ ގޯސްކަމެއް ނުކުރާނެއެވެ. އޭނާގެ ކަމަ އޭނާގެ އަބުރު ވެއްޔަށް ނުލާނެއެވެ. އެކަމަކު......
"އޭތް... ލާނާ، ތަނީޝާ އެ އޮތީ ވާނުވާ ޖަހާފައި، އެކޮޅަށްވުރެ ގާތީ މިކޮޅު، އަހަރެން ބޭނުމެއް ނޫން މަގޭ ލާނާ ދެވަނަ ބޮނޑިއެއް ބޯކަށް، އެއްހޮރަކުން މުއުމިނެއްގެ ގަޔަށް ކަށި ޖެހޭނީ އެއްފަހަރޭ ބުނެއެއްނު، ރަހުމަތްތެރިޔާ، މިފަހަރު ގޯސް ނުހަދާ، ކަލެއަށް ދެރަ ގޮތެއް ވާން އަހަރެންގެ ހިތެއް ކެތެއް ނުކުރާނެ، އެ ހިސާބުން ކިތަންމެ ލޯބިވިޔަސް ތަނީޝާއާ ދެކޮޅަށް ތެދުވަން މަޖުބޫރުވާނެ....."
(ނުނިމޭ)