"އަދި އެއްވާހަކަ. މެލީގެ ހާލަތު އެހެންމީހަކަށް އޮޅުންފިލުވައިދެންޏާ އޭނާއަކީ ހަނދާނުގެ މުހިންމު ބައެއް ފިލާފައިވާ މީހެއްކަންވެސް ބުނެދީ. މިބުނީ މޯޑުގެ ވައިފްގެ ވާހަކަ. ދެންމެ މެލީ ކައިރީގަ ބުނި ލޫލު އަކީ މެލީގެ ދަރިއެކޭ. މެލެކް ވިސްނަންފަށައިފިއްޔާ ދެން ވާނެ ގޮތް ކައިރީގަ ތިހުރި މީހާއަށް ނޭނގުނަސް މަށަށް އެނގޭ" ދެ ޖީބަށް އަތްޖަހާލަމުން ރައްޔާނު ބުންޏެވެ. ހިތްހަމަނުޖެހިފައި ބާޒިލް ބަލަހައްޓައިގެން ހުއްޓެވެ.
"ކަލެއަށް ކޯޗެއް އެނގޭނީ؟ އެންމެ ރަނގަޅުވާނީ މިތަނުން ކަލޭ ދިޔައިއްޔާ" ބާޒިލް ބުންޏެވެ.
"އަހަންނަށް އެނގެނީ ކޯޗެއްކަން މިވަގުތަށް ބުނެވޭކަށް ނެތް. މެލެކް މިގެއަށް ގެނައި ކަންތައް ނިންމާފަ އޭނާ ފޮނުވާލަދީ. އަހަރެން މިގެއިން ދާނީ އޭނަ ގޮވައިގެން" ރައްޔާން ބުންޏެވެ. އޭނާ އަލުން ސޯފާގައި އިށީނެވެ. އިތުރަށް ބާޒިލް އާ ބަހުސް ކުރާކަށް އޭނާ ނޫޅުނެވެ.
"ހިނގާ..." ބާޒިލްގެ ކޮނޑުގައި މޯޑު އަތް އަޅުވާލިއެވެ.
ބާޒިލް ހިނގައިގަތީ ނުރުހުމުގެ ބެލުމަކުން ރައްޔާނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެފައެވެ.
ކާމޭޒު ކައިރީގައި ގޮނޑީގައި އިށީނދެގެން ފޯނުން ލޫލުއަށް ވީޑިއޯ އެއް ދައްކަން އިން މެލެކް ފެނުމުން ހީވީ ބާޒިލްގެ ހުރިހާ ރުޅިއެއް އެއްކޮށް ފިލައިގެން ދިޔަހެންނެވެ. އޭނާ މަޑުމަޑުން އައިސް މެލެކް އާ ދިމާލުން ހުރި ގޮނޑީގައި އިށީނެވެ.
"އަހަރެން ސާރާ އާ ވައްތަރީތަ މާވަރަކަށް ތިބަލަނީ؟" ސައި މޭޒުގެ އަނެއްފަރާތުގައި އިން މެލެކް ބާޒިލް އަށް ބުންޏެވެ. ބާޒިލްއަށް ހެވުނެވެ.
"އަހަރެން ނުބަލަން މެލެކްއަކަށް. އަހަރެން ބެލީ ލޫލުއަށް" ބާޒިލް ބުންޏެވެ.
"އާނ އަހަރެން ވިއްޔަ ލޫލުގެ އުނގުގަ މީނީ. ބުނާނަން ސާރާ ކައިރީގަ. ނުޖެހޭ އެހެން ގެޔަކަށް އަހަރެން ގެންނާކަށް. ތިބުނަން އުޅޭ އެއްޗެއް އެންމެންނަށް ސިއްރުން ބުނަން ތިއުޅެނީ ކީއްވެ؟" މެލެކް ބުންޏެވެ.
"ކީއްކުރަން ރައްޔާނު ގޮވައިގެން އައީ؟" ބާޒިލް އަހާލިއެވެ.
"ކިހިނެއްވީ؟ ރައްޔާނުދެކެ ތިހާ ރުޅިއެއް އަންނަނީ ކީއްވެ؟ އޭނަ ނޫޅޭނެ ސާރާ އާ ހެދިގެނެއް" މެލެކް ބުންޏެވެ.
"ސާރާ އާ ހެދިގެން ނޫޅޭކަން އެނގޭ ވަރަށް ރަނގަޅަށް. އެނގޭތަ އޭނަ މޮޔަވަނީ ކާކާ ހެދިގެންކަން" ބާޒިލް ބުންޏެވެ.
"މިތަނަށް އަހަރެން ގެނައީ ޔާނުގެ ވާހަކަ ދައްކަންތަ؟ އެހެންވިއްޔާ މިދަނީ. އަހަރެން ބޭނުމެއްނޫން ޔާނުގެ ވާހަކަދައްކާކަށް. އެހެންނޫނަސް ސާރާ އިން ނެއްޓި އެހެންމީހުންގެ ދިރިއުޅުމާ މެދު ބާޒިލް ޝައުގުވެރިވީ ކޮންއިރަކު؟" މެލެކް ބުންޏެވެ.
ބާޒިލް އަށް ހެވުނެވެ. ހިތްހަމަނުޖެހިފައި މެލެކް އަނގައަށް ހަދާލިގޮތުންނެވެ.
"މެލެކް ތިހާ އަނގަގަދަވީ ކޮންއިރަކު؟ އޭރުގަ އެހާ އަނގަ ގަދައެއްނޫން...." ބާޒިލް ބުންޏެވެ.
ބާޒިލް އިނީ ހަމަޖެހިފައެވެ. ހީވާ ކަހަލައެވެ. ކުރިމަތީގައި އިނދެ ވާހަކަދައްކާލެވުމުން އޭނާއަށް ބުނަން ނޭނގޭ ހިތްހަމަޖެހުމެއް ލިބެއެވެ.
"އިރުއޮށްސެނީ. އަހަރެން ދާންޖެހޭނެ. މިކުއްޖާ ގެއަށް ވައްދަންޖެހޭނެ" މެލެކް ބުންޏެވެ.
"ތިހެންވިއްޔާ ލަސްނުކޮށް ބުނެބަލަ މެލެކް އަހަރެން ކައިރީގަ ބުނަން އުޅުނު އެއްޗެއް. އެ ފުރުސަތު ދޭންވެގެން މިގެއަށް ގެނައީ" ބާޒިލް ބުންޏެވެ. މެލެކް ދެލޯ ބޮޑުކޮށްލިއެވެ. ވަގުތުން އޭނާ ބުނަން ބޭނުންވި ވާހަކަ ބުނަން ބޭނުންވިއެވެ.
"ކީއްވެ އަހަންނާ ކިސްކުރީ. އަހަރެންނަކީ އެވައްތަރަށް އުޅޭ ކުއްޖެއްނޫން" މެލެކް ބުންޏެވެ.
ބާޒިލް އަށް އަނެއްކާވެސް ހެވުނެވެ. އޭނާ ދޭނީ ކޮންޖަވާބެއް ހެއްޔެވެ؟ އެގޮތަށް އެދުވަހު ކަންތައްވާން ދިމާވީ ކީއްވެގެން ކަމެއް ހުދު އޭނާއަށް ވެސް ބުނާކަށް ނޭނގެއެވެ. ކޮންމެގޮތެއް ވިޔަސް އެކަން އެ އޮތީ އެހެންވެފައެވެ. އެއީ އަލަށް ކުރި ކަމެކޭ މެލެކްއަށް ހީވިޔަސް އެފަދަ ކިތަންމެ ވަގުތެއް އޭނާ ވަނީ މެލެކް އާ އެއްކޮށް ހޭދަކޮށްފައެވެ.
"ބުނިގޮތުން ހީވަނީ މެލެލކްގެ ފަސްޓް ޓައިމްހެން" ބާޒިލް ބުންޏެވެ.
"އޮފްކޯޒް މައި ފަސްޓް ޓައިމް. ބާޒިލް ހީކުރަނީ ދޯ" މެލެކް ބުންޏެވެ.
"އޯކޭ އޯކޭ. ނޭނގެ ވީގޮތެއް. އެހެން ބުނަންތަ އުޅުނީ" ބާޒިލް ބުންޏެވެ.
"އާނ އެހެން ބުނަން. އަހަރެން ނޫނީ ދެން ކާކު އަހާނީ" މެލެކް ބުންޏެވެ.
"ތިހެންވިއްޔާ އަހަރެންވެސް ސުވާލެއްކޮށްފާނަން" ބާޒިލް ބުންޏެވެ.
ކަޅިޖަހާނުލާ މެލެކް އިނީ ބާޒިލްގެ މޫނަށް ބަލަހައްޓައިގެންނެވެ. ބާޒިލް އަހަން އުޅޭ އެއްޗެއްގެ އަޑުއެހުމުގެ އިންތިޒާރުގައެވެ.
"އަހަރެންނަށް އެ ފުރުސަތު މެލެކް ދިނީ ކީއްވެ؟ ކީއްވެ ދުރަށް ނުދިޔައީ؟ ކީއްވެ އަހަރެން ނުހުއްޓުވީ؟ ކީއްވެތަ ލޮލަށް ފާޑެއްގެ ގޮތެއް ހަދައިގެން ބަލަހައްޓައިގެން ހުރީ. ކިރިޔާ އެއަށްވުރެ ބޮޑުކަމެއް ނުވީ" ބާޒިލް ބުންޏެވެ.
މެލެކް އިސްޖަހައިގެން އިނެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާގެ އަނގަ ބަންދުކޮށްލުމުގައި މިފަހަރު ބާޒިލް ކުރި ހޯދައިފިއެވެ. މެލެކްގެ މޫނުމަތީގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ބާޒިލް އިނެވެ. މެލެކް ފާޑަކަށް ރަކިވެއްޖެކަން އެނގުމުން ބާޒިލްއަށް ހެވުނެވެ.
"ދަނީ. ދެން ނާންނާނަން ބުންޏަސް. ދެން ބުނިއްޔާވެސް ސާރާ ކައިރީގަ ބުނާނަން" ގޮނޑިން ތެދުވެފައި މެލެކް ބުންޏެވެ. މެލެކް ހިނގައިގަތްއިރުވެސް ބާޒިލް އިނީ ބަލަހައްޓައިގެންނެވެ.
މޯޑު އާ އަންހެނުން އައިރުވެސް ބާޒިލްގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިނުދެއެވެ. ދެލޯ ކުޑަކޮށްލާފައި ބާޒިލް އަށް މޯޑު ބަލައިލިއެވެ. އޭނާ ބާޒިލްގެ ސަމާލުކަން ހޯދުމަށް ކަރުކެހިލިއެވެ.
"ހާދަ ހެވިފަ. މެލެކް އެދިޔައީ ކަލޭ ހެއްވާލާފަތަ؟" މޯޑު ބުންޏެވެ.
ބާޒިލް އަވަސް އަވަހަށް ހަމަޖެހިލިއެވެ. ވަގުތުން މޫނުމަތީގެ ހަރަކާތްތައް ބަދަލުކޮށްލިއެވެ.
"އޭނަ ބުނި އެއްޗަކުން ހެވުނީ. ސާރާ ކައިރީގަ ބުނާނަމޭ ކިޔާފަ ބިރުދެއްކީނު މަށަށް" ހެވިފައި ބާޒިލް ބުންޏެވެ.
"އެއްޗެއް ހީނުކުރައްޗޭ. ސާރާ އަށް ވުރެ އަހަންނަށް ކަލެ އާ މެލެކް މާ ގުޅޭ" މޯޑު ބުންޏެވެ.
ބާޒިލް އެއްޗެއް ނުބުނެ ހީލިއެވެ. އެކަން އޭނާއަށް ގަބޫލުކުރެވޭކަން ގަބޫލުކުރާކަށް ސިކުނޑި ބޭނުމެއްނުވެއެވެ.
"އަހަރެން ލޯބިވަނީ ސާރާދެކެ" ބާޒިލް ބުންޏެވެ.
"ސޮރީ. އަހަންނަށް ދެންމެ މިއެނގުނީ މެލެކްގެ ސްޓޯރީ" އައިންތު ބުންޏެވެ.
ބާޒިލް ހީލާފައި އެއި އެވަރު ކަމެއް ނޫނޭ ބުންޏެވެ.
****
ބޭރުން އައިސް ތަބައްސުމް ގޭތެރެއަށް ވަތްއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މަޣްރިބްއަށް ގޮވުމުގެ ކުރިން ނަމާދަށް ތައްޔާރުވުމުގެ ގޮތުން އޭނާ ވުޟޫކޮށްގެން ނިކުތްއިރު އެނދުގައި އައްޒާމް އިނެވެ. ތަބައްސުމް ފެނުމުން އައްޒާމް ހައިރާންވިއެވެ. އޭނާ އިންދާ އެކޮޓަރިއަށް ތަބައްސުމް ނުވަންނާނެއެވެ. އޭނާ ކޮޓަރިއަށް ވަތްއިރު ތަބައްސުމް ނެތެވެ. މޫނު ފޮހެމުން ހަރުގަނޑާ ހަމައަށް ތަބައްސުމް ދިޔައިރުވެސް އައްޒާމް އިނީ ހައިރާންވެފައެވެ. އައްޒާމް ބޭނުންވީ އަވަހަށް ކޮޓަރިން ނިކުންނާށެވެ. އަނބިމީހާ ހިތްހަމަނުޖެހިދާނެތީއެވެ.
"މިއަދު ޑޮކްޓަރު ބުންޏެއްނު އެހާވަރަށް ނުހިނގާށޭ" ތުވާލިން މޫނު ފޮހެލަމުން ތަބައްސުމް ބުންޏެވެ.
އައްޒާމް ވަގުތުން ހުއްޓުނެވެ. އެއީ ހަމަ ތަބައްސުމް ބުނި އެއްޗެއްބާއޭ އައްޒާމް ހިތަށް އެރިއެވެ.
"އަހަރެން ހަވީރު ފެންފުޅި ހިފައިގެން އައިރުވެސް ނެތް" ތަބައްސުމް ބުންޏެވެ. އޭނާ ހުއްޓުނީ އައްޒާމަށް ވުރެ ތަންކޮޅެއް ފަހަތުގައެވެ.
"ގޭ މަސައްކަތްތައް ކުރިއަށްދާގޮތް ބަލައިލަން ދިޔައީ" އައްޒާމް ބުންޏެވެ.
"މިހާރު ކޮންތާކަށް ތިދަނީ؟ ތިފައި ބިންމަތީގަ ތިހާ ވަރަށް ދަމަންޏާ ރަނގަޅެއްނުވާނެ" ތަބައްސުމް ބުންޏެވެ.
އެހިނދު އައްޒާމްގެ ދެލޮލުން އުފާވެރިކަމުގެ ރޮނގެއް ދެމިގެން ދިޔައެވެ. ތަބައްސުމް އެދަރަޖައަށް އޭނާ އާ މެދު ވިސްނާލީތީ ހެއްދެވިފަރާތަށް ހަމްދުކޮށްލެވުނެވެ. އޭނާ އަލުން އައިސް އެނދުގައި އިށީންނަން ބޭނުންވިއެވެ. އޭނާ ކަންތައްކުރާނީ އަނބިމީހާ އެދޭގޮތަށެވެ. އެހުރިގޮތަށް އެނބުރިލަން އުޅެނިކޮށް އޭނާ ވެއްޓެން ދިޔައެވެ. ވީނުވީއެއް ނޭނގި ތަބައްސުމް އޭނާގެ އަތުގައި ހިފިއެވެ. ބޭއިހްތިޔާރުގައި އޭނާއަށް ތަބައްސުމްގެ މޫނަށް ބަލައިލިއެވެ. އެއީ ތަބައްސުމްވެސް އޭނާއަށް ބަލައިލި ވަގުތެވެ. ދެމަފިރިންގެ ކަޅި އެކަކު އަނެކަކާ ބައްދަލުވެގެން ދިޔައެވެ. އެކަކު އަނެކަކާ ވަގުތުން ނަޒަރު ބަދަލުކޮށްލީވެސް ދެމަފިރިން އެއްކޮށެވެ.
"ދެން މިރޭ ބޭރަށް ނުނިކުމެ އަރާމުކޮށްލާ. ކާންހަދާފަ އަހަރެން ގޮވާލާނަން" އައްޒާމް އެނދުގައި ބައިންދާފައި ތަބައްސުމް ދިޔައީ މުސައްލަ ނަގާށެވެ.
"ޑޮކްޓަރީ ބޭހުން ތިފަޔަށް ލުޔެއް ނުލިބެންޏާ އިރާދަކުރެއްވިއްޔާ ދިވެހި ބޭސްގަނޑެއް އަޅާލަން އަހަންނަށް ފެންނަނީ" ތަބައްސުމް ބުންޏެވެ. އަނބިމީހާ އާ ދައްކަމުންދިޔަ ވާހަކަތަކާ ގުޅުވައިގެން ދައްކާނެ ވާހަކައެއް އައްޒާމަށް ނޭނގުނެވެ. އޭނާއަށް ހީވާ ކަހަލައެވެ. އޭނާއަށް ބުނެވޭ އެއްޗަކުން އަނެއްކާވެސް އަނބިމީހާ ހިތްހަމަނުޖެހިދާނެއެވެ.
ފާހާނާއަށް ދާން އައްޒާމް އުޅުނުގޮތުން އޭނާ އައިސް އައްޒާމް އަތުގައި ހިފިއެވެ. ފާހާނާ އާ ހަމައަށް އައްޒާމް ގެންގޮސްދިނެވެ.
"ވުޟޫކޮށްގެން ނިކުންނަންވާއިރަށް އަހަރެން ގޮނޑި ބަހައްޓައިދޭނަން" ތަބައްސުމް ބުންޏެވެ. އޭނާ ދެން ދިޔައީ ނިދާފައި އޮތް މައިލީން އަށް ގޮވާލާށެވެ. ފަހަތަށް އެނބުރި ބަލަހައްޓައިގެން ހުރި އައްޒާމްގެ ދެލޮލުން ކަރުނައެއް ވެއްޓިގެން ދިޔައީ ތަބައްސުމް ނިކުތްފަހުންނެވެ. އޭނާ ހެއްދެވިފަރާތަށް ޝުކުރުކޮށްލިއެވެ.
****
މައިލީންގެ ކޮޓަރި އާ ހަމަވެފައި ތަބައްސުމް ހުއްޓުނެވެ. އެކޮޓަރިން އިވެނީ އޭނާގެ ދެލޮލުގެ ނޫރު ފަދަ ލޯބިވާ ދަރިފުޅުގެ ރުއިމުގެ އަޑެވެ. އޭނާ ދޮރުހުޅުވާލިއެވެ. އެނދުގެ ހެޑްބޯޑުގައި ލެގިގެން އިން މައިލީން އަށް މަންމަ ފެނުމާއެކު ކަރުނަތައް ފޮރުވަން ދެކަކުލުގައި ބޯ އެޅިއެވެ. އެހެންނަމަވެސް އޭނާއަށް ކަރުނަތައް ހުއްޓައެއް ނުލެވުނެވެ. ތަބައްސުމް އައިސް ކައިރީގައި އިށީނެވެ. އެދަރިފުޅުގެ ދެލޮލުން އެންމެފަހުން އޭނާ ކަރުނައެއް ދުށީ މެލެކް ބަލިވެ ހާލުބޮޑުވެގެން ދިޔަ ވަގުތުގައެވެ. މިއަދު އަނެއްކާވެސް އެދަރަޖައަށް މައިލީން ރޮއްވާލި ސަބަބަކީ ކޮބައި ހެއްޔެވެ؟
"މައި... ދަރިފުޅު ކިހިނެއްވީ؟" ތަބައްސުމް އަހާލިއެވެ. މައިލީންގެ އިސްތަށިގަނޑުގައި އޭނާ ފިރުމަމުން ދިޔައެވެ.
"ބުނެބަލަ. ތަނަކަށް ތަދުވަނީތަ؟" އެހެން ބުނާއިރުވެސް މައިލީން އަކީ ތަނަކަށް ތަދުވެގެން ރޯނެ ކުއްޖެއް ނޫންކަން އޭނާއަށް އެނގެއެވެ.
"މަންމާ، " އެއްޗެއް ބުނެވޭތޯ މައިލީން މަސައްކަތްކުރިއެވެ.
ތަބައްސުމް ހަނދާނަށް އައީ މުޅިދުވަހު މައިލީންގެ މަޑުމައިތިވެފައިވި މިޒާޖެވެ. ބޮޑު ކަންތައްގަނޑެއް ވެއްޖެކަން މިހާރު އޭނާއަށް ގަބޫލުކުރެވިއްޖެއެވެ.
"މަންމާ، އަރުސަލާން އަޅުގަނޑާ ވަކިވެއްޖެ" މައިލީން ބުންޏެވެ. ރޮވޭވަރުން އޭނާއަށް ވާހަކަދެއްކުނީވެސް ކެނޑެމުންދިޔަ އަޑަކުންނެވެ.
"އެއީ؟ ކިހިނެއްވީ ކުއްލިއަކަށް" ތަބައްސުމް އަހާލިއެވެ. މައިލީންގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ތަބައްސުމްގެ އިނގިލިތަކުން ފޮހެލާއިރަށް ތާޒާ ހޫނު ކަރުނަތައް ފައިބަން ފަށައެވެ.
"އަރުސަލާން ބޭނުންވަނީ ވީހާވެސް އަވަހަކަށް ކައިވެނިކުރަން. އަދި އޭނަ އާއެކު މަންމަގެ ރަށަށް ބަދަލުވާން. އަހަރެން ކިހިނެއް މިދަނޑިވަޅު އެހެން ކަންތައްކުރާނީ؟ އަހަރެން ބުނިން އަދި ކުޑަދުވަސްކޮޅެއްދޭށޭ. އަރުސަލާން ބޭނުމެއްނުވޭ. އޭނަ ބުނީ އަހަރެން ބަދަލުވީއޭ. މެލީގެ ކަންތައް ބަހަނާއަކަށް ދައްކާފަ އަހަރެން ދުރުވާން އުޅެނީއޯ. އެހެންވީމަ މައިލީން އާ ތިމަންނަ މިދުރަށް ދިޔައީ އޯ. ފަސޭހައެއްނޫންހޯ މިހާރު. ތިމަންނަ ވަރަށް އަވަވަހަށް ކައިވެންޏެއް ކުރާނަމޭ. މައިލީންއަށް އަންގާލާނަމޭ" މައިލީން އަނެއްކާވެސް ދެކަކުލކުގައި ބޯއެޅިއެވެ.
ތަބައްސުމް ތުންފަތުގައި ދަތްއަޅާލިއެވެ.
"އަޅާނުލާ. ﷲ ދެނެވޮޑިގެންވާނެ ދަރިފުޅުގެ ހާލަތު. ތިދެކުދިންގެ ޒަމާންވީ ގުޅުން ކަނޑާލަން އަރުސަލާންއަށް ފަސޭހަވާނީ ކަމެއްވީމައެއްނު. ބުނާކަށް ނޭނގެ. އެ ގުޅުން ކަނޑާލީ އަރުސަލާން ބޭނުންވެގެން ކަމަށްވެސްވެދާނެ. ހިތްވަރުކުރޭ ދަރިފުޅާ" މައިލީން އިނީ ތަބައްސުމްގެ ގައިގައި ބައްދާލައިގެންނެވެ. ހިތްވަރުދެމުން ދިޔައިރު ތަބައްސުމް ދިޔައީ މައިލީންގެ ބުރަކަށީގައި ފިރުމަމުންނެވެ.
****
ސޯފާގައި ފޯނުގައި އިން ސިހާމާ ކަންފަތާ ފޯނު ދުރުކޮށްލިއެވެ. ދެން އަނެއްކާވެސް އޭނާގެ އަތުގައި އޮތް ފޮނި ފޯއްޕެކެޓުން ފޮއްޗެއް ނަގާފައި އަނގައަށް ލިއެވެ. ކުއްލިއަކަށް މިވީ ހާދަ ދެރަގޮތެކެވެ. އުނދަގުވާނީ ސާރާ އަށް ވިސްނައިދިނުމެވެ. އެކަމަކު އެކަން ނުކޮށްވެސްވާކަށް ނެތެވެ. އުނގުމަތީގައި އޮތް ރިމޯޓު މޭޒުމަތީގައި ބާއްވާފައި އޭނާ ހިނގައިގަތީ ސާރާގެ ކޮޓަރި އާ ދިމާލަށެވެ. ޓަކިޖަހާލައިގެން އަޑު ނީވުމުން އޭނާ ކޮޓަރި ދޮރުހުޅުވާލިއެވެ. އިވެމުންދިޔަ ބީޓާ އެއްވަރަށް ޒުމްބާގެ ހަރަކާތްތައް ޖައްސަމުންދިޔަ ސާރާއަށް މީހަކު ފަހަތުގައި ހުރިކަންވެސް އެނގުނީ ލޯގަނޑުން ސިހާމާ ފެނުމުންނެވެ. އޭނާ އެވަގުތަށް ޓްރެކް މަޑުޖައްސާލިއެވެ. ގޮނޑީގައި އަޅުވާފައި އޮތް ކުޑަ ތުވާލިކޮޅުން މޫނުގައި ހުރި ދާތައް ފޮހެލާފައި ސިހާމާއަށް ހިނިތުންވުމެއްދިނެވެ.
"ދައްތަ ކަމަކުތަ؟" ސާރާ ބުންޏެވެ.
"އާނ ބޮޑުވާހަކައެއް ދައްކަން މިއައީ" ސިހާމާ ބުންޏެވެ.
ރީތިވާ މޭޒު ކައިރީގައި ހުރޮ ގޮނޑި ސިހާމާ އިށީންނަން ދައްކާފައި ސާރާ އިށީނީ އެނދުގައި ލެގިގެން މުށިތައް މަތީގައެވެ. ކައިރީގައި ހުރި ފެންފުޅިން ތުންޖަހާފައި ކޯވަރެއް އޭނާ ބޯލިއެވެ. ދެން އަނެއްކާވެސް ނަޒަރު ސިހާމާއަށް ދިނެވެ.
"ތިޖަހަލަ ގަޔަށް ފިއްތި އެއްޗެއް ލާފަ ހުންނައިރު ސާރާގެ ރީތި ބައްޓަން އަސްލު މިފެންނަނީ" ސާރާގެ ހަށިގަނޑަށް ތައުރީފްކޮށްނުލާ ސިހާމާ ކެތްނުވިއެވެ.
"އޯވް.. ތެންކިޔު ދައްތާ" ސާރާ ބުންޏެވެ.
"ދެންމެ ބައްޕަ ގުޅި. ސާރާއަށް ނުގުޅާތަ؟" ސިހާމާ އަހާލިއެވެ.
"ހަވީރު ގުޅި. މުންނާ ތަންކޮޅެއް ރަނގަޅޭ ބުނި" ސާރާ ބުންޏެވެ.
"އާނ މާލެއިން ވަރަށް ފަރުވާ ދެވިއްޖެއްނު. އަދިކިރިޔާ ރާއްޖެއިން ބޭރަށް މުންނާ ގެންދަން ޑޮކްޓަރުން ހުއްދައެދިނީ. ބައްޕަ ބޭނުމެއްނުވޭ ލަސްކުރާކަށް. އެހެންވެ ވިހާވެސް އަވަހަށް ފުރޭތޯ އެ އުޅެނީ" ސިހާމާ ވާހަކަދެއްކިއެވެ.
"ދެން. ދައްތަ މާލެ ދަނީތަ؟ " ސާރާ އަހާލިއެވެ.
"އާނ ނުގޮހެއް ނުވާނެއްނު. ބައްޕަ ބޭނުމެއްނުވޭ ސާރާ އެކަނި މިތާ ބަހައްޓާކަށް. ސާރާ ގޮވައިގެން އަންނަން ބުނީ" ސިހާމާ ބުންޏެވެ.
"ނޯ ވޭ... އައި މީން މުންނާ ރަނގަޅުވާން ވަރަށް ބޭނުން. އެކަމަކު އަހަރެން ކިހިނެއް ދާނީ. ބާޒިލް... ބާޒިލް ގެއްލިދާނެ. މިހާރު މެލެކްވެސް އައިސްއެހެރީ. އޭއްޗެކޭ މީއްޗެކޭ ކިޔައިގެން މާބުރެއް އެނބުރޭހެން އަބަދު އެހުންނަނީ މަގޭ ޒެއްލު ކުރިމަތީގަ އެނބުރި އެނބުރި. ބައްޕަ އަށް ގުޅަންވީ" ސާރާ ބުންޏެވެ.
އެއްފަހަރުން ސާރާއަށް ވިސްނައިނުދެވޭނެތީ އެވަގުތަށް އެވާހަކަ ސިހާމާ ކުރިއަށް ނުގެންދިޔައެވެ.
****
ފާހާނައިން ނިކުމެގެން އައިސް މެލެކް އެނދަށް އެރިއިރުވެސް މައިލީން އޮތީ އަނެއްފަރާތަށް އެނބުރިގެންނެވެ. މެލެކް ގަޑި ބަލައިލިއިރު އެގާރަވެސް ނުޖަހައެވެ. މައިލީން އަދި ނުނިދާނެކަން އޭނާއަށް ޔަގީންވިއެވެ. އޭނާ ނުނިދަނީސް މައިލީން ނުނިދައެވެ. މެލެކް މައިލީންގެ ގައިގައި ފުރަގަހުން ބައްދާލިއެވެ. އެއީ މައިލީންގެ ދެލޮލުން ހޫނު ކަރުނައެއް ފައިބައިގެން ގޮސް ބާލީހަށް ހިނދިގެން ދިޔަ ވަގުތެވެ. މެލެކްގެ އަތުގައި މައިލީން ބައްދާލިއެވެ. އޭނާގެ ލޯބިވާ އަރުސަލާން މިއަދު ވަކިވެގެން އެދިޔައީ ލޯބިވާ ކޮއްކޮއަށްޓަކައި އޭނާ ގޮތުގައި ހިފާލީތީއެވެ. މައިލީން އަށް ވިސްނިއްޖެއެވެ. ލޯބިވާނަމަ އެހާ ފަސޭހައިން ދޫކޮށްފައި ނުދާނެއެވެ. ސަތޭކަ އަހަރުވީ ގުޅުމެއް ވިޔަސް އެގުޅުމުގައި އެއްވެސް ސިފައެއްގައި ވަފާތެރިކަންވާނަމަ ދޫކޮށްނުދާނެއެވެ. އަރުސަލާން އަށްޓަކައި މައިލީން އިތުރަށް ކަރުނަ ނާޅަން ނިންމިއެވެ. އެއީ ބޭކާރު ކަމެކެވެ.
"ކިހިނެއްވީ ދޮނަ؟ ބަލިވީތަ؟" މައިލީން އަށް ކަމެއްވެއްޖެހެން މެލެކް އަށް ހީވިއެވެ.
ދެލޮލުގެ އަރިމަތިން ކަރުނައިގެ އަސަރު ފޮހެލާފައި މެލެކް އޮތް ދިމާލަށް މައިލީން އެނބުރިލިއެވެ. އޭނާ މެލެކް އަށް ދިނީ ހިނިތުންވުމެކެވެ.
"ރޯގާޖެހުނީ. ބޮލުގަ އެހެންވެ ރިއްސަނީ" މައިލީން ބުންޏެވެ. މާގިނައިރު ރުއިމުގެ ސަބަބުން މައިލީންގެ އަޑު ވަނީ ކޮންމެވެސް ވަރަކަށް ބަދަލުވެފައެވެ. އެހެންކަމުން މައިލީން ރޯގާޖެހުނީކަމަށް ގަބޫލުކުރަން މެލެކް އަށް ފަސޭހަވިއެވެ.
"ކޮންއިރަކު؟ ޔަގީން އިރުއޮށްސުނުގަޑީގަ ފެންވެރީކަން. ދޯ" މެލެކް ބުންޏެވެ. ވަރަށް ފަސޭހައިން މައިލީން ބޯޖަހާލިއެވެ.
"ތިހެންވިއްޔާ ދޮނާ ނިދަންވީނު. އޭރުން ރަނގަޅުވާނީ. ބަސްއަހައިގެން ބޭސްކާންވާނެ. އެބައަންނަން ބޭސް ހިފައިގެން" މެލެކް ބުންޏެވެ. އޭނާ އެނދުން ތެދުވަން އުޅުނުވަގުތު މައިލީން ހިފެހެއްޓިއެވެ. އޭނާ އޮތީ ބޭސްކައިގެން ކަމުގައި ބުންޏެވެ.
"ދެން ބުނެބަލަ ޔާނު އާ ދެކުދިން ހަވީރު ކޮންގެޔަކަށްތަ އެދިޔައީ. ދޮނާ އަށް އިވުނޭ މެލީ ޔާނު ކައިރީގަ ގެއަކަށް ދާން ބުނި އަޑު" މައިލީން ބުންޏެވެ.
މެލެކް ތުންފަތުގައި ދަތްއަޅާލިއެވެ. އެގެއަށް ދިޔައީ ބާޒިލް އާ ބައްދަލުކުރަން ކަމަށް ބުނަން ބޭނުމެއް ނުވިއެވެ. އެކަމަކު މައިލީން އަށް ދޭނެ ޖަވާބެއްވެސް ނޭނގުނެވެ.
"ތިންމުގޯލި ކުޅޭ އެންމެން އަތުން ޓީމު ބަލިވީމަ ސައިދޭން ރުފިޔާ ނަގާތީ ސުޒާނާއަށް ރުފިޔާ ހަވާލުކުރަން ދިޔައީ. އެގޭ ކައިރީގަ ސުޒާނާ ހުރީ. އެހެންވެ" މެލެކް ބުންޏެވެ.
މެލެކް ހިތްހަމަޖެހުނެވެ. މައިލީން އަށް އޭނާ ސިއްރުކުރީ އެގެއަށް ދިޔަ ހަގީގީ ސަބަބެވެ. ނަމަވެސް އޭނާ ސުޒާނާ އަށް ރުފިޔާވެސް ހަވާލުކުރިއެވެ. އެހެންކަމުން ދޮގެއް ހެދުނުކަމުގެ އިހުސާސް އޭނާއަށް ނުކުރެވެއެވެ.
****
އެނދުގައި އޮށޯވެގެން އޮތް ބާޒިލް އޮތީ ވަރަށް ހަމަޖެހިފައެވެ. ސާރާގެ ކޯލު އޭނާއަށް ލިބުމުން ފުރަތަމަ ހުރީ ނުނަގާށެވެ. ދެފަހަރަށް ވުރެ ގިނައިން ގުޅުމުން އޭނާ ފޯނު ނެގީއެވެ. ސާރާ އެހާވަރަށް ތަޅުވަން ބޭނުންނުވާތީއާވެސް އެކުގައެވެ. އޭނާއަށް ސާރާ ދިނީ އުފާވެރި ހަބަރެކެވެ. ކައިވެންޏަށްފަހު ބާޒިލް އާ އެކު ބާޒިލް ބުނާ ތަނެއްގައި އޭނާ ދިރިއުޅޭނެކަމަށް ބުންޏެވެ. އޭނާ ލޫލު އާ ވެސް ދުރުނުވާނެކަމަށް ބުންޏެވެ. ބާޒިލްއަށް ހީވީ ހުރިހާ މައްސަލައެއް އެއްފަހަރާ ހައްލުވެގެން ދިޔަހެންނެވެ. އެންމެފަހުން އެވާހަކައިގެ ތެރެއިން ދެކުދިން ކައިވެނިކުރާނެ ދުވަސްވެސް ކަނޑައެޅިގެން ދިޔައެވެ. ފޯނުގެ ބެޓްރި ހުސްވާކަމަށް މެސެޖު ލިބުމުން އޭނާ ފޯނު ކުރުކޮށްލިއެވެ. ފޯނު ޗާޖަރަށް ޖަހާފައި ކޮފީއެއް ހަދާކަން ކޮޓަރިން ބޭރަށް ނިކުތެވެ. މައި ދޮރާ ދިމާލަށް ދިޔަ ޒޭބާ ފެނުމުން އޭނާ ދިޔައީ އެދިމާލަށެވެ. އެހެންރޭތަކުގައި ޒޭބާއަކީ ދަންވަންދެން ހޭލާ އޮންނަ ކުއްޖެއް ނޫނެވެ.
"ކާކަށް އިންތިޒާރު ތިކުރަނީ؟" ފަހަތުން ބާޒިލްގެ އަޑު އިވުމާއެކު ކުޑަކޮށް ދޮރު ހުޅުވާލައިގެން ހުރި ޒޭބާ ސިހުނެވެ.
"ރަނގަޅަށް ތިބުނީ. މީހަކަށް މި އިންތިޒާރުކުރަނީ" ދޮރުލައްޕާލަފައި ސޯފާ އާ ދިމާލަށް ދަމުން ޒޭބާ ބުންޏެވެ.
"ކާކު؟ ކޫބެ ނާންނާނެ" ބާޒިލް ބުންޏެވެ.
"ޓާމިނަލް ކެފޭގަ އުޅޭ ޑެލިވެރީ ބޯއީ" ޒޭބާ ބުންޏެވެ.
ބާޒިލްއަށް ލިބުނީ ހައިރާންކަމެވެ. އެއުޅެނީ ކާއެއްޗަކަށް އޯޑަރުކޮށްގެން ކަން ޔަގީނެވެ. ދެފައި އަރުވައިގެން ބާޒިލް ސޯފާގައި އިށީނެވެ.
"ކިތައް ޕިއްޒާއަށް އޯޑަރުކުރީ" ބާޒިލް އަހާލިއެވެ.
"ސީރިޔަސްލީ ޒެއްލު. ތިއިނީ ކާހިއްވެފަ ދޯ" ޒޭބާ އަހާލިއެވެ.
(ނުނިމޭ)