"އަދިވެސް ރުޅިއައިސްފަތަ؟" ސާރާ އަހާލިއެވެ.
"ސާރާ ކޮންއިރަކު އައީ؟" ބާޒިލް އަހާލިއެވެ.
ސާރާއަށް ބަލައިނުލާ ބާޒިލްގެ ޝައުގުވެރިކަން ދެވިފައި ހުރީ ލޫލު އަށެވެ. އެކަން ފާހަގަވުމުންވެސް ސާރާ އަށް ނުބައި ގޮތެއް ވިއެވެ.
"ބާރަޖަހަން އުޅެނިކޮށް. ބާޒިލް ކައިގެން ދިޔައިރުވެސް އަހަރެން ހުރިން" ސާރާ ބުންޏެވެ.
"ކީއްވެ ނުބުނެ އައީ" ބާޒިލް ބުންޏެވެ.
"ކިހިނެއްވީ؟ ނުބުނެ މިގެއަށް އަހަންނަށް ނުވަދެވޭނެތަ؟" ސާރާ ބުންޏެވެ.
"އެހެނެއްނޫން. މީގެކުރިން ނުބުނެ ނާންނަމެއްނު" ބާޒިލް ބުންޏެވެ.
"އެއީ މީގެ ކުރިއެއްނު. ދެން ބުނެބަލަ. ކޮންވާހަކައެއް ބުނަން އުޅުނީ" ސާރާ ބުންޏެވެ.
ބާޒިލް އެނދުގައި އިށީނެވެ. ކައިރީގައި ސާރާވެސް އިށީނެވެ.
"ޒެއްލު ބުނޭ. އަހަރެން އަޑުއަހާނަން. ހެޔޮ ކޮންމެ އެއްޗެއް ކިޔަސް" ބާޒިލްގެ އަތުގައި ހިފަމުން ކޮނޑުގައި ބޯއަޅާލާފައި ސާރާ ބުންޏެވެ.
ބާޒިލް ވިސްނާލިއެވެ. ޒޭބާ ދެއްކި ވާހަކަތައް އޭނާގެ ކަންފަތުގައި ގުގުމާލިއެވެ. ދައްކަން ބޭނުންވާ ވާހަކަތައް ވަރަށް ދިގެވެ. ފަށާނެގޮތެއް އޭނާއަށް ނޭނގުނެވެ.
"އަހަރެން ބޭނުމެއްނޫން ތަފްސީލަކަށް ދާކަށް. އެހެންވެ ވަރަށް ކުރުކޮށް މިބުނަނީ" ބާޒިލްގެ މޫނަށް ސާރާ ބަލައިލިއެވެ.
"ކައިވެންޏަށްފަހު އަހަންނަށް މިގެ ނޫން އެހެން ތަނެއްގަ ސާރާ ގޮވައިގެން ދިރިއުޅެވޭކަށް ނެތް. އަހަންނަށް މަންމަ އާ ބައްޕަ ދޫކޮށްފަ އެހެންތާކު އުޅޭވޭކަށްނެތް. ސާރާ އަހަރެންދެކެ ހަގީގީ ލޯބިވަންޏާ މިކަމަށް ދެން އެއްވެސް އެއްޗެއް ބުނެގެން ނުވާނެ" ބާޒިލް ބުންޏެވެ.
ސާރާ އަނގަހުޅުވުނެވެ. އެކަމަށް އެތައް ވައުދެއްވެފަ ބާޒިލް އެއްބަސްވީ މީގެ ދެ ރޭ ކުރިންނެވެ. މިހާރު ކުއްލިއަކަށް ހިޔާލުބަދަލުވީ ގޮތެއް ނޭނގެއެވެ. މައްސަލައެއްނެތެވެ. މިވަގުތަށް ބާޒިލް އެދޭގޮތަށް އާއެނކޭ ބުނުން ގޮތެއް ނޯންނާނެއެވެ. މަޑުމަޑުން އަދިވެސް ހިޔާލުބަދަލުކުރަން މަސައްކަތް ކުރެވިދާނެއެވެ.
"އަދި އެއްވާހަކަ" ބާޒިލް ބުންޏެވެ. ސާރާ އަނެއްކާވެސް ބާޒިލްގެ މޫނަށް ބަލައިލިއެވެ.
"މާޒީގަ ހިނގާފަ އޮތް ކަމެއްގެ ވާހަކަދައްކައިގެން އަބަދުވެސް ސާރާ އަހަރެންގެ އަނގަ ބަންދުކުރަނީ. އަހަރެން އެދެނީ އެވާހަކަތައް އިތުރަށް ދެން ނުދެއްކުން. ކައިވެންޏަށްފަހު ސާރާ ވާނެ ލޫލުއަށް މައެއްގެ ލޯބިދޭން. ލޫލު މަންމަ ހުއްޓަސް އަހަރެންގެ ދަރިފުޅާ ސާރާ ގާތްވާން އަހަރެން ބޭނުން. އެއީ ތިއީ އަހަރެންގެ އަނބިމީހާއަށް ވާނެތީ" ބާޒިލް ބުންޏެވެ.
ސާރާގެ މޫނުމަތިން ހިތްހަމަނުޖެހުން ފެނިލިއެވެ. އޭނާ އެއްޗެއް ނުބުނެ ހިމޭނުން އިނެވެ. ހުރިހާ ކަމަކަށް އެއްބަސްވެފައި ބާޒިލް ހަނދާންނައްތާލުމުން ސާރާ އިނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
"މިކަންކަމަށް ސާރާ ރުހެންތަ؟" ސާރާ ހިމޭނުން އިނުމުން ބާޒިލް އަހާލިއެވެ.
"އަހަރެން ނުރުހެމޭ ބުނިއްޔާ ޒެއްލު މި ރިލޭޝާންޝިޕް ނިންމާލާނީތަ؟" ސާރާ އަހާލިއެވެ.
"ނޭނގެ. ހަމަ ގައިމުވެސް ކައިވެންޏަކާ ހަމައަށް ދާން ދަތިވާނެ" ބާޒިލް ބުންޏެވެ.
ކުއްލިއަކަށް ދެމީހުންގެ ވާހަކަތައް ހުއްޓާލީ ދޮރުން އެތެރެއަށް ވަތް މެލެކް ފެނިފައެވެ. މެލެކް ފެނުމާއެކު ބާޒިލް ފުންމައިގެން ތެދުވެއްޖެއެވެ. އޭނާއަށް ވީގޮތެއް އޭނާއަށް ވެސް ނޭނގުނެވެ. ބާޒިލް އަށް ވީގޮތް ފެނިފައި ސާރާ ހައިރާންވިއެވެ. އޭނާ އެއްފަހަރު ބާޒިލް އަށް ދެވަނަ ސިކުންތުގައި މެލެކް އަށް ބަލައިލިއެވެ. އޭނާގެ ނުރުހުމުން އެވަގުތު އަމާޒުވެގެން ދިޔައީ މެލެކް އަށެވެ.
"އިންނަން އުޅޭ ދެމީހަކު ތިބި ތަނަކަށް ތިގޮތަށް ވަދެގަތުމަކީ ހަޑިކަމެއް. މެލެކްއަށް އެކަމެއް ނޭނގޭތަ؟" ސާރާ ހިތްހަމަނުޖެހުނެވެ. އެވަރުގެ ކަމަކާ ސާރާ މެލެކްއަށް އެއްޗެއް ބުނީތީ ބާޒިލް ހިތްހަމަނުޖެހޭގޮތް ވިއެވެ.
"ސޮރީ. އަދި ނުއެއް އިންނަމެއްނު. ސާރާ ހާދަ ރުޅިގަދައޭ. އަހަރެންގެ މޭގެ އެތިކޮޅު ފޮރުވައިގެން ތިއުޅެނީ. އެހެންވެ ދަގަށްފާނު ދަގަނޑަށް ދަމަންފެށީމަ ނުވަންނަން ހުއްޓަސް ތަންތަނަށް ވަދެވޭނެ" މެލެކް ބުންޏެވެ.
ދެލޯ ވަށްކޮށްފައި ސާރާ މެލެކް އަށް ބަލައިލިއެވެ. ޝަކުވާކުރާ ފާޑަކަށް އަނގައިން އަޑެއް ލައްވަމުން މެލެކް އާ ދިމާލަށް ލޫލު ފިރުކެން ފެށިއެވެ. މެލެކް އައިސް ލޫލު ގޮވައިގެން ނިކުންނަން ހިނގައިގަތެވެ. އޭނާ ފަހަތް ބަލައިލީ އެއްޗެއް ބުނަން ހަނދާންވެފައެވެ.
"ބާޒިލް އަހަރެން ކައިރީގަ ދައްކަން ތިއުޅޭ ވާހަކައެއް އިހަށް ބާއްވާފަ ސާރާ ރުޅިމަޑުވޭތީ ފަންޑިތައެއް ހަދަންވީނުން" މެލެކް ބުންޏެވެ. މެލެކް އެފަދަ އެއްޗެއް ބުނެފާނެ ކަމަކަށް ބާޒިލް ހިއެއް ނުކުރެއެވެ. މެލެކް ނިކުމެގެން ދިޔުމުން ސާރާ ބަލައިލީ ބާޒިލް އަށެވެ. މެލެކްގެ ޖުމްލައިން ލިބުނު ހައިރާންކަން އަދިވެސް ސާރާގެ މޫނުމަތިން ފާޅުވަމުން ދިޔައެވެ.
"ސާރާ، މެލެކް އެކުރީ އެހާ ގޯސްކަމެއް ނޫނެއްނު. މީހުންނާ ތިހާ ރޫޑްކޮށް ވާހަކަދައްކާކަށް ނުވާނެ. އެހެންނޫނަސް އެބުނީނު ލޫލު ބަލައޭ އައީ" ބާޒިލް ބުންޏެވެ.
ސާރާ ހިތްހަމަނުޖެހިފައި ބާޒިލް އަށް ބަލައިލިއެވެ.
"އޯވް... މެލެކް ކުރާ އެއްވެސް ކަމެއް ބާޒިލް އަށް މިހާރު ގޯހެއް ނޫން ދޯ. އަހަރެމެން ދެމީހުން މިތާ އެކަނި އިން ގަޑިއެއްގަ ކޮންމެހެން އަންނާކަށް ނުޖެހޭ. ލޫލުއަކީ ބާޒިލްގެވެސް ދަރިއެއް. އަހަރެން ލޯބިން އެކުއްޖާ އުރާލައިގެން މިތަނަށް ވަނީމަ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން މިތަނަށް ވަދެގަތީ. ނުވީތާކަށް ލޫލުވެސް ގެންދިޔައީ. އަނެއްކޮޅުން ކީކޭ ބުނެފަ އެދިޔައީ. ބާޒިލް ބުނަން އުޅޭ ވާހަކަ. ކޮންވާހަކައެއް މެލެކް ކައިރީގަ ބުނަން ތިއުޅެނީ؟ ބާޒިލް އަހަންނަށް ސިއްރުން ކޮންކަމެއް ތިކުރަނީ؟" ސާރާ އަށް ރުޅިގަނޑު މައިތިރި ނުކުރެވުނެވެ.
"އަހަރެން ނޫޅެން އެއްވެސް ވާހަކައެއް ބުނާކަށް. އެވާނީ މެލެކް ސާރާއަށް ޖެއްސުމަށް ބުނި އެއްޗެއް ކަމަށް. ބުނާނެއްނު ސާރާ ތިއަންނަ ރުޅިއެއް ދޯ. ސާރާ އަށް ހީވޭތަ އަހަރެމެން ދެމީހުންގެ މެދުގަ ތިހާ ރުޅިއައިސްގެން އެއްވެސް ކަމެއް ރަނގަޅުވާނެހެން" ބާޒިލް އެނދުގައި އިށީނެވެ. އިތުރަށް ބަހެއް ނުބުނެ ސާރާ ކޮޓަރިން ނިކުމެގެން ދިޔައެވެ.
****
ފަތިސްނަމާދަށް ފަހު މައުސޫމާ މިއަދު މާއަވަހަށް ބަދިގެއަށް ވަދެއްޖެއެވެ. ސޯފާގައި ލޫލު ގޮވައިގެން އިނީ ޒިޔާދުއެވެ. އޮފީހަށްދާން ތައްޔާރުވެގެން ނިކުތް ބާޒިލް މިސްރާބުޖެހީ ސައި މޭޒާ ދިމާލަށެވެ. އޭނާ މޭޒު ކައިރީގައި އިށިންއިރު ހެނދުނުގެ ނާޝްތާ ހުރީ ތައްޔާރުވެފައެވެ. ބާޒިލްގެ ފަހަތުން ޒިޔާދުވެސް އައިސް އިށީނެވެ. ލޫލުގެ ހިނިތުންވެފައިވާ މޫނު ފެނުމުން ބާޒިލްގެ މުޅި ދުވަސް އުޖާލާވެގެން ދިޔަ ފަދައެވެ. ކޮފީތަށި ހިފައިގެން މައުސޫމާ އިށީނީ ބާޒިލްގެ ކުރިމަތިންނެވެ.
"ކޮބާ މިއަދު ކުޑާ؟" ބާޒިލް އަހާލިއެވެ. އެހެންދުވަސްތަކު އެންމެ ފަތިހާ ބަދިގެއިން އޭނާއަށް ފެންނަ މޫނަކީ ޒޭބާ ވިއްޔާއެވެ.
"ކުޑާ މިއަދު އުޅެނީ ބަލިވެ. މެންދުރު ކާން އާދެވޭނެތަ؟ އޭރުން އެނގޭނީ މެންދުރަށް ކާއެއްޗެއް ރޯފިލުވަން. އިރުކޮޅަކުން ލޫލު ވެކްސިން ދޭން ދާންޖެހޭނެ" މައުސޫމާ ބުންޏެވެ.
"މަންމަ ތަ ދަނީ؟ ރޭގަ އަޑުއެހިން މެލެކް ދާނެ ވާހަކަ" ބާޒިލް ބުންޏެވެ.
"މެލީ ނުފޮނުވޭނެ ލޫލުގެ އައިޑީ ކާޑު ދީފައެއް. މިހެން މިބުނީ ކީއްވެގެންކަން ޒެއްލުއަށް އެނގެއެއްނު" މައުސޫމާ ބުންޏެވެ.
"ތިހެންވިއްޔާ ބޭރުން ކާނީ. އެކަމަކު ގޭގަ ތިބި ބައެއްވިއްޔާ ކައިގެންތާ ތިބެވޭނީ" ބާޒިލް ބުންޏެވެ.
"މަންމަ ޒެއްލު ގާތުގަ ވާހަކައެއް ބުނަންވެފަ އެބައޮތް" މައުސޫމާ ބުންޏެވެ.
ރޮށިކޮޅު އަނގައަށް ލަމުން ބާޒިލް މަންމައަށް ބަލައިލިއެވެ. ބަހެއްނުކިޔާ ދެމައިން ދައްކަމުންދިޔަ ވާހަކަތައް އަހަން އިން ޒިޔާދު ކަޅުސައި ތެރޭގައި ރޮށި ފޯކޮށްފައި އެތިއެތިކޮޅުން ލޫލުއަށް ލަވަމުން ދިޔައެވެ.
"ބުނެބަ. ކޮންވާހަކައެއް؟" ބާޒިލް ބުންޏެވެ.
"ޒެއްލުގެ ކައިވެންޏަށްފަހު ކަންކަން ކުރާނެގޮތުގެ ވާހަކަ މަންމައާ ބައްޕައަށް ކިޔައިދީފީމެއްނު. މަންމަވެސް ނިންމުމެއް ނިންމައިފިން" މައުސޫމާ ބުންޏެވެ. ބާޒިލް ހައިރާންވެފައި މަންމަގެ މޫނަށް ބަލަހައްޓައިގެން އިނެވެ.
"ކޮންކަހަލަ ނިންމުމެއް" ބާޒިލް އަހާލިއެވެ.
"ކައިވެނިކޮށްގެން ޒެއްލު މިގެއިން ދިޔައިމަ މިގެއަށް ދާއިމީގޮތެއްގައި މެލެކް އަންނާނެ. ލޫލުގެ ހުރިހާ ކަމަކާ ހުރިހާގޮތަކުން މެލީ ހަވާލުވާނެ" މައުސޫމާ ބުންޏެވެ.
ބާޒިލް ކެއުން ކުރިއަށް ގެންދަން ފެށިއެވެ. ރޮށިކޮޅު އަނގައިގެ ތެރޭގައި ހަފަމުން އޭނާ ވިސްނަމުން ދިޔައެވެ. އޭނާގެ ވިސްނުން ބަދަލުކޮށްފިއެވެ. މެލެކް އައިސްފިއްޔާ އޭނާ އާ ސާރާގެ ގުޅުމުގައި ކުނި ޖެހޭނެއެވެ. ކޮންމެސް އެއްގޮތަކަށް މިކަން ނިންމަންޖެހޭނެއެވެ. ބާޒިލް ބަހެއްނުކިޔާ ހިމޭނުން އިނުމުން މައުސޫމާ ޒިޔާދަށް ބަލައިލިއެވެ.
"ނުދަން އެގެއަކަށް. މިގޭގަ އުޅޭނީ. އެކަމު މަންމައަށް އެނގއެއްނު މިގޭގަ މެލެކް ހުރެފިއްޔާ ސާރާ ހިތްހަމަނުޖެހޭނެކަން" ބާޒިލް ބުންޏެވެ.
"ތިހެންވިއްޔާ ޒެއްލު މުޅިއުމުރަށް އުޅެން ބޭނުންވަނީ ތިހެންތަ؟ މިގެއަށް މެލެކް ވަނުން މަނާ. ކީއްވެ؟ ސާރާ ރުޅިއަތުވެދާނެތީ. ސާރާގެ ހިތުގައިއެވަނީ ކޮންކަހަލަ ހަސަދައެއް ދަރިފުޅާ. އެހެން ކިހިނެއް އަބަދު އުޅޭނީ. މާދަމާ ނޫނީ މިއަދުވެސް މެލެކް މިގެއަށް ބަދަލުވެދާނެ. އާ ކައިވެންޏެއްކުރަން ތައްޔާރުވާއިރު ކީއްވެތަ ހުރިހާ ޒިންމާއެއްގެ މަތިން ޒެއްލު ހަނދާންނެތެނީ" މައުސޫމާ އިނީ ހަގީގަތުގައި ހިތްހަމަނުޖެހިފައެވެ. އޭނާގެ އަޑުން އެކަން ބާޒިލްއަށް ފާހަގަވެސްވެއްޖެއެވެ.
"މިހާރު ގަޑިޖެހެނީ. އިހަށް މިވާހަކަ ބާއްވަމާ ހިނގާ" ބާޒިލް ބުންޏެވެ.
މައުސޫމާ އެހިސާބުން ވާހަކަތައް ހުއްޓާލައިފިއެވެ. ބާޒިލް ތެދުވެގެން ދިޔުމުން އޭނާ ބަލައިލީ ޒިޔާދަށެވެ. މައުސޫމާ ތެދުވެގެން ގޮސް ލޫލު އުރާލިއެވެ. ޒިޔާދަށް ސައި ކައިރިކޮށްދިނެވެ.
"މައުސޫމާއެއްނު އަހަރެން ގާތުގަ ބުނީ ޝަކުވާނުކުރާށޭ. މިއަދު ކިހިނެއްތިވީ؟" ޒިޔާދު ބުންޏެވެ.
"ބައެއްފަހަރު ކެތްތެރިކަން ކުޑަވަނީ. އަހަރެންގެ ބާޒިލްއަށް ހެޔޮވިސްނުން ދެއްވުމަށް އެދި ހާދަ ދުއާއެއް ކުރެވެޔޭ" މައުސޫމާ ބުންޏެވެ.
"އެހާބޮޑަށް ނުވިސްނާ. ޔަގީނުންވެސް ކޮންމެސް އެއްދުވަހަކުން ވިސްނޭނެ" ޒިޔާދު ބުންޏެވެ.
****
ހަވާދު ފުނޑަން ހުރި ތަބައްސުމް ކުއްލިއަކަށް ބަލައިލީ ދޮރާށިން އެތެރެއަށް ވަތް ދެ ތިން ފިރިހެނުން ފެނިފައެވެ. ދެފަރާތުގައި ތިބި ދެ ފިރިހެނުންގެ އެހީތެރިކަމާއެކު މެދުގައި ހުރެ ހިނގަމުން އައީ އައްޒާމެވެ. ތަންކޮޅެއް ދުރުގައި ހުރި ހިޔާދޭ ބޮޑު ގަހެއްގެ ދޮށުގައި ފަތުރާފައި ހުރި ފަތްޖެހި އެނދުގައި އައްޒާމް ބައިންދާފައި ދެ ފިރިހެނުން ތަބައްސުމް އަށް ބަލައިލިއެވެ.
"ކިހިނެއްވީ؟" ތަބައްސުމް ސުވާލުކުރީ ދެ ފިރިހެނުންނާއެވެ.
"ވެއްޓުނީ. ތަންކޮޅެއް ރަނގަޅު ބޭސްގަނޑެއް އަޅަންޖެހޭނެހެން ހީވަނީ. ފައިތިލަ އެ އޮތީ އެއްކޮށް ދުޅަވެފަ" ދެ ފިރިހެނުން ބުންޏެވެ.
ތަބައްސުމް އައްޒާމަށް ބަލައިލިއެވެ. އޭނާ އިންގޮތުންވެސް ވޭނެއް ތަހައްމަލު ކުރަމުންދާކަން ތަބައްސުމްއަށް އެނގުނެވެ. އެވަރުންވެސް އަނބިމީހާ ކައިރީގައި ރިހެއޭ ބުނެ ޝަކުވާއެއްކުރަން އޭނާ ބޭނުން ނުވިއެވެ. ލައިގެން އިން ސޯޓުބުރީގެ ޖީބުގައި އޮތް ފޯނު ނަގާފައި އޭނާ އުޅުނީ ރައްޔާނަށް ގުޅާށެވެ. އެހެންނަމަވެސް ވަގުތުގެ ގޮތުން އޭނާގެ ކޯލު ރައްޔާނު ހުރި ހިސާބަށް ނުފޯރިއެވެ.
"ބައްޕާ، ބައްޕައަށް ކިހިނެއްވީ؟" ގޭތެރެއިން ނިކުތް މެލެކް ދުމެއްޖަހާފައި ގޮސް އިށީނީ އައްޒާމް ކައިރީގައެވެ. އޭނާ އައްޒާމްގެ ފަޔަށް ބަލައިލިއެވެ. މުޅި ތިލަމަތި އޮތީ ދުޅަވެފައެވެ. އޭނާ އަވަސް އަވަހަށް ގޮނޑިއެއް ކައިރިކޮށްލާފައި ބައްޕަގެ ފައި ގޮނޑިއަށް އެރުވިއެވެ. ދެން ގޭތެރެއަށް ވަދެފައި ނިކުތީ އައިސް ހިފައިގެންނެވެ. ފޮތިކޮޅެއް ހޯދަމުން ގޮސް ބަދިގެއަށް ވަތްތަނާ އުނދުން ކައިރީގައި ހުރި މަންމަ ފެނިއްޖެއެވެ. މެލެކް ހައިރާންވީ މަންމަގެ ދެލޮލުން ކަރުނަ ފެނިފައެވެ.
"މަންމާ" މެލެކްގެ އަޑު އިވުމާއެކު ތަބައްސުމް ކަރުނަތައް ފޮރުވަން މަސައްކަތް ކުރިއެވެ.
"ފެނިއްޖެ މަންމާ. މަންމައަށް ތިހެން ހުރެވޭތަ؟ ބައްޕައަށް ވަރަށް ތަދުވޭއެބަ މަންމާ" މެލެކް ބުންޏެވެ.
ތަބައްސުމް ކަރުނަތައް ފޮހެލާފައި ނިކުންނަން އައެވެ. މެލެކް އާ ހަމައިން ހުއްޓިފައި މެލެކް އަށް ބަލައިލިއެވެ. އޭނާ ބަދިގެއިން ނިކުމެފައި ދެން ވަނީ އޭނާގެ ކޮޓަރިއަށެވެ. އުއި ފޮތިކޮޅެއް ހިފައިގެން ނިކުމެ އޭނާ އައްޒާމް ކައިރިއަށް ހުއްޓިފައި ތިރީގައި އިށީނެވެ.
"ނޫން ރަނގަޅުއެބަވޭ މިހާރު" ތަބައްސުމް އޭނާގެ ފައިގައި ހިފާލަން އުޅުމުން އައްޒާމް ބުންޏެވެ.
އަނބިމީހާ ނުރުހިފައި ހުރެ އޭނާއަށް ހިދުމަތްކޮށްދޭން އޭނާއަށް ނުރުހެވިއްޖެއެވެ. އޭނާގެ ކަމެއްގައި އަނބިމީހާ އެއްވެސް ތަކުލީފެއް އުފުލާކަށް އޭނާ ބޭނުމެއްނުވިއެވެ. އައްޒާމް ދައްކާ ވާހަކައަކަށް ތަބައްސުމް ބެލުމެއްނެތި އޭނާ ކުރަން އުޅުނު ކަންތައް ކުރަމުން ދިޔައެވެ. ކަރުނަވީ ދެލޮލަކުން ތަބައްސުމްގެ ކޮންމެ ހަރަކާތަކަށް އައްޒާމް ބަލަމުން ދިޔައެވެ. މިއަދު އޭނާއަށް އިހުސާސް ވެއްޖެއެވެ. ތަބައްސުމް އަކީ ހަރު ހިތެއްގެ ވެރިއެއް ނޫނެވެ. އެއީ އޯގާތެރި އިންސާނެކެވެ. އެ އަތުގެ ބީހުން އޭނާއަށް އިހުސާސްކޮށްދެނީ ލޯތްބެވެ. އެކަމަކު..... އެ ހިތުގައި ލެވިފައިވާ ޒަހަމްތައް އަދިވެސް ތާޒާކަން ޔަގީނެވެ. އެ ޒަހަމްތައް ފަސޭހަވާނީ ކޮންދުވަހަކުން ހެއްޔެވެ؟ އަދިއެއްފަހަރު އެ ހިތުގައި ފިރުމާލުމުގެ ފުރުސަތު ލިބޭނެނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ އައްޒާމްގެ ލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ.
****
ދުވަހުގެ ހަވީރު ވަގުތެވެ. ރައްޔާނާއެކު ހިނގަމުން އައި މެލެކް އަތްމަތީގައި ލޫލު އިނެވެ. އެހެންދުވަސްތަކާ ހިލާފަށް ވެކްސިން ދިނުމުން ލޫލު ހުމެއް ނާދެއެވެ. އެހެންނަމަވެސް މެލެކް އާ މައުސޫމާ އަދި ޒޭބާ ނޫން މީހަކު އޭނާގެ ގައިގައި އަތްލާކަށް ބޭނުމެއް ނުވެއެވެ. އަނގައިން ބަހެއް ނުކިޔާ އިންއިރު އިނީ މޫޑީވެފައެވެ. ދޭތެރެއަކުން ލޫލުގެ އަތްތިލައިގައި ރައްޔާން ހިފާލިޔަސް ބަލައިނުލައެވެ.
"މިގެތަ އެއީ" ރައްޔާން އަހާލިއެވެ.
ހުއްޓިފައި އެގޭ އެޑްރެސް އަށް މެލެކް ބަލައިލިއެވެ. އަދި ގޭގެ ވައަތްފަރާތުގައި ހަރުކޮށްފައިވާ ބޯޑުގައިވާ ނަން ކިޔާލިއެވެ.
"އައްސޭރިއާބާދު. އާނ މިއީ އެގެއަކީ. މިގެއަށް ކީއްކުރަންބާ އަންނަން ބުނީ؟" މެލެކް ކިޔާލިއެވެ.
ރައްޔާން ދެކޮނޑު އަރުވާލުމުން ނޭނގެއޭ ބުނެލިއެވެ. އެގެއަށް މެލެކް އެކަނި ވައްދަން އޭނާ ބޭނުމެއްނުވިއެވެ. ކޮންމެ ވަގުތެއްގައި މެލެކްގެ ފަހަތުގައި މީހަކު ހުންނަންޖެހެއެވެ. މެލެކް އާ އެގެއިން ބައްދަލުކުރަން ބުނީ އެކަން އެންމެ ނުވިސްނޭ މީހާއެވެ.
"އާދޭ އިށީންނަން" މެލެކް އަށް ރަނގަޅަށް ސަލާމްގޮވާނުލެވެނިސް ކޮޓަރިއަކުން ނިކުތް އަންހެންކުއްޖަކު ބުންޏެވެ. މެލެކް ހީލާފައި އެތެރެއަށް ވަނެވެ.
"ތިއީ ދޯ މެލެކް އަކީ. މިއީ މޯޑްގެ ވައިފް އައިންތު" އެ އަންހެންކުއްޖާ ބުންޏެވެ.
"އާނ. ބާޒިލް ކޮބާ؟ ކީއްވެ މިގެއަށް އަންނަން ބުނީ" މެލެކް އަހާލިއެވެ.
"މޯޑު އާ ބާޒިލް އާ ދެކުދިން އެބައާދޭ. އިށީންނަންވީނު" އައިންތު ބުންޏެވެ.
މެލެކް އާ ރައްޔާން ސޯފާގައި އިށީނެވެ. ކައިރީގައި އައިންތުވެސް އިށީނެވެ. އޭނާ އަތުގައި އޮތް ފޯނުން މޯޑުގެ ނަންބަރަށް ގުޅާލިއެވެ. އެދެމީހުން ވީ ހިސާބެއް ބަލައިލާފައި ފޯނު ބޭއްވިއެވެ. ދެން އެމީހުން ގެ އާ ކައިރި ކުރަނީ ކަމުގައި ބުންޏެވެ.
"ތިއީ ދޯ މެލެކް އާ ބާޒިލްގެ ދަރިފުޅު. މާޝާﷲ. ހާދަ ވައްތަރޭ މެލެކް އާ" އައިންތު ބުންޏެވެ.
މެލެކް އަށް ލިބުނީ ކުއްލި ސިހުމެކެވެ. ހައިރާންވެފައި އޭނާއަށް ބަލައިލެވުނީ ރައްޔާންގެ މޫނަށެވެ. ރައްޔާނަށް އެއްޗެއް ބުނަން ހަނދާންވީ ދެނެވެ. މެލެކްގެ އަތްތިލައިގައި ރައްޔާނަށް ހިފަހައްޓާލެވުނީ މެލެކްގެ ހަށިގަނޑަށް ކޮށްފާނެ އަސަރަކާމެދު ވިސްނާލެވުމުންނެވެ. ވީވެސް އެހެންނެވެ. މެލެކްގެ އަތްތިލަ ގަނޑުފެންކޮޅެއްހާ ފިނިވެގެން ދިޔައެވެ. އޭނާގެ ހަށިގަނޑުގައި މަޑު ތުރުތުރުލުމެއް އުފެދިއްޖެއެވެ. އެވަގުތު ރައްޔާން ހުޝިޔާރުވިއެވެ.
"ނޫނޭ. މެލީގެއެއްނޫން" ރައްޔާން ބުންޏެވެ.
ހައިރާންވެފައި އައިންތު ދެބުމަ ގޮށްޖަހާލިއެވެ. އޭނާއަށް މޯޑު މައުލޫމާތު ދިންގޮތުގައި ލޫލުއަކީ މެލެކް އާ ބާޒިލްގެ ދަރިއެކެވެ. މެލެކް ބަލިކަން އައިންތުއަށް ކިޔައިދިނެވެ. އެހެންނަމަވެސް ބަލީގެ ތަފްސީލު ބުނެނުދެއެވެ.
"އެހެންތަ. މޯޑު އެކަހަލަ އެއްޗެއް ބުނިހެން ހީވީމަ" އައިންތު ބުންޏެވެ.
"ވެދާނެ އަބަދު އަހަރެން ލޫލު ގެންގުޅޭތީކަމަށް. އަހަރެންނަށް ހީވަނީ ހަމަ އަސްލަށްވެސް މިއީ އަހަރެންގެ ދަރިއެކޭ. އެކަހަލަ އިހުސާސެއް ކުރެވެނީ" މެލެކް ބުންޏެވެ.
އެއީ ބާޒިލް އާ މޯޑު ގެއަށް އައިސް ވަތް ވަގުތެވެ. މެލެކް އާ ބާޒިލްގެ ހަތަރުކަޅި ބަދަލުވެގެން ދިޔައެވެ. އޭނާ ލޫލު އުރާލަން އުޅުނެވެ. އެހެންނަމަވެސް ލޫލު ނުދިޔައެވެ.
"އާދޭ އެތެރެއަށް" އައިންތު ބުނީ މެލެކްއަށެވެ.
މެލެކް ހައިރާންވިއެވެ. ދާންވީ އަދިވެސް އެތެރެއަށް ހެއްޔެވެ؟ ބާޒިލް ބުނަން ބޭނުންވާ އެއްޗެއް މިތަނުގައި ނުބުނެވޭނެ ހެއްޔެވެ؟ އެހާވަރަކުން ގެއާ މާދުރަށް އެގެނައީ ކޮންވާހަކައެއް ދައްކަން ހެއްޔެވެ؟ އަޖައިބެކެވެ. ބާޒިލް ހަމަ ބުނާއިރަށް އަހަރެން މިއައީ ކީއްވެ ހެއްޔެވެ؟ އަހަރެން ބުނަން އުޅުނު ވާހަކައިގެ އަޑުއަހަން އިސްކަން ނުދިން މީހާގެ ވާހަކަތައް އަހަން އަހަރެން އިސްކަން ދޭންވީ ކީއްކުރަން ހެއްޔެވެ؟
"އަހަރެން މަޑުކޮށްލާނަން" މެލެކް ބަލައިލުމުން ރައްޔާން ބުންޏެވެ.
އައިންތު ފަހަތުން މެލެކް ހިނގައިގަތެވެ. ބާޒިލް ހިތްހަމަނުޖެހިފައި ބަލައިލީ ރައްޔާނަށެވެ. އެކަން ރައްޔާނަށް ފާހަގަވިޔަސް ކަމަކަށް ނަހަދާ އަތުގައި އޮތް ފޯނާ ކުޅެން ފެށިއެވެ.
"ކަލޭ ދިޔަސް އެންމެރަނގަޅު" ބާޒިލް ބުންޏެވެ.
ރައްޔާން އިވޭކަމަށް ނެހެދިއެވެ.
"އަހަރެން މިބުނީ ކަލޭ ދިޔަސް އެންމެރަނގަޅޭ. މެލެކް ގެއަށް ދާނެ" ބާޒިލް ތަންކޮޅެއް ބާރަށް ބުންޏެވެ.
"މަށާތަ ތިވާހަކަދައްކަނީ" ބާޒިލް އަށް ބަލައިނުލާ އިނދެފައި ރައްޔާން ބުންޏެވެ.
ހިތްހަމަނުޖެހިފައި ބާޒިލް ބަލައިލީ ކައިރީގައި ހުރި އެކުވެރިޔާއަށެވެ.
"އަހަރެން މިގެއަށް އައީ ކަލޭ ކައިރީގަ އަހާފަތަ ނޫނީ ކަލޭ ބުނެގެންތަ ނުނީ ކަލެޔާ އެކުގަތަ؟" ރައްޔާން ބާޒިލް އާ އެއްހަމަޔަކަށް ތެދުވެފައި ވާހަކަދެއްކިއެވެ.
"މެލެކް އަކީ ކާކު ކަން ކަލޭ ހަނދާންނެތުނީތަ؟" ބާޒިލް ބުންޏެވެ.
" ހެހެހެ... އެއީ ކާކު ކަން އަހަންނަށް އެނގޭތީ މިހާތަނަށްވެސް މި މަގާމުގަ އަހަރެން މިހުރީ. އެކަމަކު ހީވަނީ އެއީ ކާކު ކަން ކަލޭ ހަނދާނުގަ ނެތްހެން. އެހެނޫންނަމަ އެމަގާމުގަ މެލީއެއް ނުހުންނާނެ" ރައްޔާން ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. ބާޒިލް އޭނާ އާ މެދު ހިތްހަމަނުޖެހޭކަން ކުރިންވެސް އޭނާއަށް އެނގެއެވެ. މެލެކްގެ ހަނދާނުގައި ހުރިހާ ކަމެއް ހުރިއިރު ބާޒިލް އޮންނަނީ މެލެކް އަށް ރައްޔާނާ ވާހަކަދެއްކުން މަނާކޮށްފައެވެ.
"ވަރަށް އަވަސްކޮށްލަދީ. މެލީ އެ އައީ ކަލޭމެންގެ ދަރިފުޅު ގޮވައިގެނެއްނު. އިރުއޮށްސެންވާއިރަށް އެކުއްޖާ ގެއަށް ވައްދަންޖެހޭނެ. އަހަންނަށް ހީވަނީ އެކަންވެސް ކަލޭގެ ހަނދާނުގަ ނެތްހެން" ރައްޔާން ބުންޏެވެ.
ބާޒިލްގެ ދެއަތް މުށްކެވެމުން ދިޔައެވެ. ރައްޔާން ފެނުމުން އޭނާގެ ގާތަށް އެ އަންނަ ރުޅިއަކީ އާދަޔާހިލާފު ރުޅިއެކެވެ. މިއަދު އެރުޅި ފިލުވާލަން ފުރުސަތު ލިބުމުން އޭނާ އެއްޗެއް ނުބުނެ ދުރަށްދާން ބޭނުންނުވީއެވެ.
"އިޓްސް އޯކޭ. ދެން ހިނގާ އެތެރެއަށް. މެލެކްއަށް ލަސްވާނެ" ބާޒިލް އާ ރައްޔާނާ ދެމެދު ކުރަމުންދިޔަ ބަހުސް ޒުވާބަކަށް ބަދަލުވުމުގެ ކުރިން މޯޑު ބޭނުންވީ އެތަނުން ބާޒިލް ގެންދާށެވެ.
"އަދި އެއްވާހަކަ. މެލީގެ ހާލަތު އެހެންމީހަކަށް އޮޅުންފިލުވައިދެންޏާ އޭނާއަކީ ހަނދާނުގެ މުހިންމު ބައެއް ފިލާފައިވާ މީހެއްކަންވެސް ބުނެދީ. މިބުނީ މޯޑުގެ ވައިފްގެ ވާހަކަ. ދެންމެ މެލީ ކައިރީގަ ބުނި ލޫލު އަކީ މެލީގެ ދަރިއެކޭ. މެލެކް ވިސްނަންފަށައިފިއްޔާ ދެން ވާނެ ގޮތް ކައިރީގަ ތިހުރި މީހާއަށް ނޭނގުނަސް މަށަށް އެނގޭ" ދެ ޖީބަށް އަތްޖަހާލަމުން ރައްޔާނު ބުންޏެވެ. ހިތްހަމަނުޖެހިފައި ބާޒިލް ބަލަހައްޓައިގެން ހުއްޓެވެ.
"ކަލެއަށް ކޯޗެއް އެނގޭނީ؟ އެންމެ ރަނގަޅުވާނީ މިތަނުން ކަލޭ ދިޔައިއްޔާ" ބާޒިލް ބުންޏެވެ.
(ނުނިމޭ)