ބާޒިލް ހައިރާންވިއެވެ. ސާރާ އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލަންވީ ސަބަބެއް އޭނާއަށް ނުވިސްނުނެވެ. ކޮންމެހެން އެތަނުގައި ބޮނދައިގެން އިންނަންޖެހޭ ސަބަބެއް އޭނާއަށް ނުވިސްނުނެވެ. އޭނާ ބޭނުންވީ ސާރާ ކުރިމައްޗަށް އަރާށެވެ. ސާރާއަށް ސިއްރުން ކަމެއް ކުރެވިއްޖެކަން އަންގާށެވެ. ވެއިޓަކު ބެހެއްޓި ފެންތަށި އެއްފަހަރާ ދަމާލާފައި އޭނާ ތެދުވެގެން ގޮސް ސާރާ އިން މޭޒުގައި ހުރި ގޮނޑިއެއް ދަމާލާފައި އިށީނެވެ.
"ހެލޯ ސާރާ" ބާޒިލް ބުންޏެވެ.
ސާރާ ދިޔައީ ސިހިގެންނެވެ. ދިރުވާލަން އުޅުނު ފެންފޮދާއެކު ސާރާ ކޮށިއަރައިގަތެވެ. އޭނާ ކެއްސަން ފެށިއެވެ. ނޭވާ ހާސްވެގެން ދިޔަވަރުން ދެލޮލުން ކަރުނަ ފައިބަންވެސް ފަށައިފިއެވެ. ބާޒިލް ފެނުމުން އޭނާ ހީވީ ބިރެއް ފެނިގެން އުޅުނުހެންނެވެ.
"ކިހިނެއް ތިހެދީ" ސާރާގެ ބުރަކަށީގައި ފިރުމާލަމުން ބާޒިލް ބުންޏެވެ. ކައިރީގައި އިން ސާރާގެ އެކުވެރި ރިހާނާވެސް ސާރާގެ އަތުގައި ފިރުމަމުން ދިޔައެވެ.
"ހައި ބާޒިލް ކިހިނެއްތަ؟" ރިހާނާ ބުންޏެވެ.
ސާރާގެ ވަގު ފަޅާއެރީކަން ރިހާނާއަށް ވެސް އެނގުނެވެ. އެވަގުތު ދެން އެންމެ ރަނގަޅުވާނީ ބާޒިލް އާ ސާރާއަށް ވަގުތުދީފައި ނިކުތުންކަން އެނގުމުން ރިހާނާ ކަންތައްކުރީ އެގޮތަށެވެ.
"މިހާރު އޯކޭތަ؟" ސާރާ ހަމަޔަކަށް އެޅުމުން ބާޒިލް އަހާލިއެވެ. ސާރާ ބޯޖަހާލިއެވެ. ދެން ފާއިތުވެގެން ދިޔައީ ހިމޭންވަގުތު ކޮޅެކެވެ. ސާރާ އިނީ އިސްޖަހައިގެންނެވެ. ބާޒިލް އިނީ ސާރާގެ މޫނަށް ބަލަހައްޓައިގެންނެވެ.
"ސޮރީ ބާޒިލް" ސާރާ ބުންޏެވެ.
"ކީއްވެ؟ ކީއްވެ ސާރާ؟ ކޮންކަމެއް ތި ފޮރުވަނީ؟" ބާޒިލް އަހާލިއެވެ.
"އަހަރެން އެއްވެސް ކަމެއް ނުފޮރުވަން. ސިއްރެއްވެސް ނުކުރަން. ވީގޮތަކީ ރިހާނާ މިރަށަށް އައިސް އުޅޭކަމެއް ނޭނގޭ. އެއީ އެކޮޅުގަ ކިޔަވަން ހުރިއިރު އަހަރެންގެ ބެސްޓްފްރެންޑްކަން ޒެއްލުއަށް އެނގެއެއްނު. އަހަރެން ބޭސްކައިގެން ފާޑަކަށް ނިދިފަ އޮއްވަ ރިހާނާ އައިސް ގޮވީ. އާއިލާ ބަޔަކު މިރަށަށް އަންނަން އުޅޭތީ އޭނާވެސް އަހަންނާ ބައްދަލުކޮށްލަން ޖައްސާލީ. އަހަރެން އެނދުން ނެގީ ރިހާނާ. ޒެއްލު ކައިރީގަ އަހަންނަށް ބުނަން ނުކެރުނީ ހީކުރާނެ އެއްޗެއް ނޭނގޭތީ. ސޮރީ ލަވް... " ސާރާ ވާހަކަދެއްކިއެވެ.
"ވެދާނެ ސާރާ ތިހެދީ ތެދެއްކަމަށްވެސް. އަހަރެން ސާރާއަށް އިތުބާރުކޮށްފިން. އެކަމަކު ޝަކުވާއެއް އުފެދިއްޖެ. ލޫލުގެ ކޭކު ފަޅާތަނަށް ދާނަމޭ ބުނީ ސާރާ އަމިއްލައަށް. ބަލާ އަންނާށޭވެސް ބުނި. އަހަރެން ދިޔައިން ބަލާ. އެކަމަކު ސާރާ ބޮލުގައި ރިހޭތީ ނުދެވުނު. ރިހާނާ ބުނީތީ ނިދާފައި އޮވެފައިވެސް ދެވިއްޖެ. ސާރާއަށް ލޫލު މުހިންމެއްނުވި"ބާޒިލް ވާހަކަދެއްކިއެވެ.
"އަޅޭ ތިހީކުރާހެންނެއް ނޫނޭ. ދެން ކިހިނެއް އަހަރެން ބުނެދޭނީ؟" ސާރާ ބުންޏެވެ.
"އެއްޗެއް ބުނެދޭނެ ކަމެއްނެތް. އަހަރެން ސާރާ އާ ވަރަށް މުހިންމު ވާހަކައެއްދައްކަންވެފަ އޮތީ. ވަގުތު އެބައޮތްތަ؟" ބާޒިލް ބުންޏެވެ.
ފުންނޭވައެއް ދޫކޮށްލާފައި ސާރާ ބާޒިލްއަށް ބަލައިލިއެވެ. މޭޒުމަތީގައި އޮތް ބާޒިލްގެ އަތްތިލައިގައި ސާރާ އަތްބޭއްވިއެވެ.
"މިވަގުތު ޒެއްލު ހިތުގައި ވަރަށް ޝަކުވާ އެބަހުރި. އެހެންވީމަ ތިވާހަކަދައްކަން އެންމެ ރަނގަޅު ވަގުތެއްނޫން މިއީ" ސާރާ ބުންޏެވެ.
"ދެން އެހެންވިއްޔާ ސާރާއަށް ކަމުދާ ވަގުތުދެވޭނެ އިރެއް ބުނެބަލަ. މި ރިލޭޝަންޝިޕް މި ކުރިއަށްދަނީ ސާރާގެ ކޮމާންޑަކަށްނު. އަހަރެން ހުންނާނަން ސާރާގެ ދަށުވެފަ" ބާޒިލް ބުންޏެވެ. ހަގީގަތުގައިވެސް ބާޒިލް އިނީ ވަރަށް ހިތްހަމަނުޖެހިފައެވެ. އޭނާއަށް ސާރާ އާ ރަނގަޅަށް އަނގައިން ނުބުނެވިގެން އުޅެނީ އެހެންވެއެވެ. އެންމެފަހުން ސާރާގެ އަތްވެސް ދުރށް ޖައްސާލިއެވެ.
"އިހަށް ރުޅިމަޑުކޮށްފަ ހިނގާބަލަ ދުއްވާލަން" ސާރާ ބުންޏެވެ.
ސާރާއަށް ބަލައިލުމަށްފަހު ބާޒިލް ތެދުވިއެވެ. މޭޒުމަތީގައި އޮތް އޭނާ ފޯނު ނަގާފައި ޖީބަށް ލިއެވެ.
"މަށަށް ހީވަނީ މިރޭ ދެން އެންމެ ރަނގަޅުވާނީ އަހަރެން ގެއަށް ދިޔުންހެން. އަހަންނަށް ވަގުތުދެވޭނެ އިރެއް މެސެޖަކުން ވިޔަސް އަންގާލާ. ގުޑްނައިޓް" ބާޒިލް ހިނގައިގަތެވެ.
ސާރާ އިނީ ތުންފަތުގައި ދަތްއަޅާލައިގެންނެވެ. އޭނާއަށް ކުށެއް ކުރެވިއްޖެކަމުގެ އިހުސާސް ކުރެވުމުން އިތުރަށް އެ ކުށުން ރެކެވޭނެ ގޮތެއް އޭނާއަށް ނުވިސްނުނެވެ. ޔަގީނުންވެސް އޭނާއަށް އެއްކަމަކުން ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. އޭނާ ބާޒިލްއަށް ދޮގުނަހަދާ ކަމެވެ. ބާޒިލް އެދިޔައީ ހިތްހަމަނުޖެހިގެން އެކަންޏެއް ނޫނެވެ. އެދިޔައީ ވަރަށް ބޮޑަށް ރުޅިވެސްއައިގެންނެވެ. އެހެންނޫނީ ސާރާ އެގޮތަށް އެކަނި ތަނަކަށް ދޫކޮށްލާފައި ނުދާނެއެވެ.
****
"ބައްދަލުކުރާނެ ގަޑިއެއް ބުނޭ" މެލެކް ބުންޏެވެ. މިރޭވެސް މެލެކް އޮތީ ތަބައްސުމްގެ އުނގުގައި ބޯ އަޅާލައިގެންނެވެ. ދެމައިން ތިބީ ސިޓިންގރޫމު ސޯފާގައެވެ.
"ތިގެއަށް މާދަން އަހަރެން ދާނަން. މާދަމާ ވާހަކަދައްކާ. އެހެންނޫނަސް ސާރާ އަށް ވަގުތުނުދީ މިހާރަކަށް އައިސް އަހަންނަށް ތިގުޅަނީ ކީއްވެތަ؟" މެލެކް ބުންޏެވެ. ހުޅުވާފައި ހުރި ޓީވީ އަށް ބަލަހައްޓައިގެން އިނަސް ތަބައްސުމްގެ ދެކަންފަތް ދެވިފައިވަނީ މެލެކްގެ ވާހަކަތަކަށެވެ.
"އޯކޭ އޭ.... ވަރަށް ފޫހިވޭ" މެލެކް ބުންޏެވެ. ތަބައްސުމް ބަލައިލިއރު މެލެކްގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ.
"ހިނގާ ނިދަން ދާން" ތަބައްސުމްގެ އުނގުން ފުންމައިގެން ތެދުވަމުން މެލެކް ބުންޏެވެ. މެލެކް ދެއްކި ވާހަކަތަކާއި ހަރަކާތަތްކަށް ވިސްނައިގެން އިނދެފައި ތަބައްސުމް ސުވާލުކުރިއެވެ.
"ބާޒިލް އާތަ ތިވާހަކަދެއްކީ؟" ތަބައްސުމް އަހާލިއެވެ.
"ކޮންވާހަކައެއްދައްކަން. އެއްފަހަރުން ތިބަވާ ކުދިކޮށްލީ ދަރިފުޅަށް އެނގޭތަ އެއީ ދަރިފުޅުގެ ކާކު ކަން" ތަބައްސުމް ބުންޏެވެ.
މެލެކް އަށް ހެވުނެވެ. މަންމަ އެހާ މަޖާ އެއްޗެއް ބުނެފާނެކަމަށް އޭނާ ހީވެސްނުކުރެއެވެ.
"ބާޒިލް... އެއީ އަޅުގަނޑުގެ ކާކު؟ މަންމަ ތިބުނި އެއްޗެއް ދޯ.... ވާހަކައެއްބުނަންވެފަ އޮތޭ ބުނީމަ އެވާހަކަ ހޯދަން އެގުޅީ. މިއީ މީހުން މީހުން މީހުންނަށް ގުޅާ ގަޑިތަ؟" ތަބައްސުމް އަތުގައި ހިފައިގެން ހިނގައިގަންނަމުން މެލެކް ބުންޏެވެ.
"އެއީ ތިމާއާ ގުޅުމެއް އޮތް މީހެއް ނޫނަސް ވާހަކަދައްކަންވާނީ އަދަބު އިހުތިރާމާއެކު. ދަރިފުޅާ! ހަނދާންކޮށް ދެން ބާޒިލް އާ ވާހަކަދައްކާއިރު މިކަންކަމަށް ވިސްނާތި" ތަބައްސުމް ބުންޏެވެ.
"އޯކޭ މަންމާ.... ވަރަށް ނިދިއައިސްފި" މެލެކް ބުންޏެވެ.
މެލެކް ކޮޓަރިއަށް ވައްދާފައި ތަބައްސުމް ހިނގައިގަތީ މެލެކް އާ މެދު ވިސްނަމުންނެވެ. އެއްވެސް ކަމެއް ނޭނގޭ ހާލު މެލެކް އާ ބާޒިލް އާ ގާތްވަމުން އަންނަކަން އެނގުމުން އޭނާ ކަންބޮޑުވިއެވެ. މެލެކްގެ ސަބަބުން ބާޒިލް އާ ސާރާ އާ ދެމެދު ބޮޑު މައްސަލަގަނޑެއް ހިލިގަނެފާނެތީ ހިތުގައި ނުތަނަވަސްކަމެއް އުފެދުނެވެ.
****
ފަތިސްނަމާދުގެ މޫރިތިވި ކަލިމަތަކަށް ހިތްދޫކޮށްލައިގެން އިނދެފައި ތަބައްސުމް ކޮޓަރިން ނިކުތެވެ. އޭރުވެސް އޭނާގެ ބޮލުގައި ނަމާދު ހުދު ބުރުގާ އޮތެވެ. ނަމާދަށް އެރުމުގެ ކުރިން ދެ ދަރީންނަށް ނަމާދަށް ގޮވަން އޭނާ ނިކުތް ވަގުތު އެއީ ނަމާދަށް ދާން ތައްޔާރުވެގެން އައްޒާމް ކޮޓަރިން ނިކުތް ވަގުތެވެ. ދެމަފިރިން އެކަކު އަނެކަކަށް ބަލަހައްޓައިގެން ހުރެފައި ކުރިން އައްޒާމް ހިނގައިގަތެވެ. ލޯބިވާ އަނބިމީހާ އޭނާ އަށް ހިތްހެޔޮކުރާނެ ދުވަހަކަށް އޭނާ އެދަނީ ހުއްޓުމެއްނެތި އިންތިޒާރުކުރަމުންނެވެ. އޭނާ ވާހަކަދައްކަން ބޭނުންވިޔަސް ތަބައްސުމްގެ ނިންމުންތަކަށް އިހުތިރާމު ކުރުމުގެ ގޮތުން އޭނާ ބޭނުންވަނީ ހިމޭނުން ހުންނާށެވެ. އޭނާގެ ގާތުން ވަރިވާން ދުވަހަކުވެސް ތަބައްސުމް އުޅެފައެއްނެތެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އޭރުގައިވެސް ތަބައްސުމް ހިތުން އޭނާއަށް ދީފައިވާ އިހުތިރާމާ ލޯބި އަދިވެސް އެ ހިތުގައި އެބައޮތެވެ. އެހެންކަމުން އޭނާގެ ހިތުގައި އޮތް އުންމީދުގެ ހުޅުކޮޅަށް އެއްވެސް ބަދަލެއް ނާދެއެވެ.
ނަމާދުކޮށް ނިމިގެން ތަބައްސުމް ނިކުތީ އިލޮށިފަތި ހިފައިގެން މަގު ކުނިކަހާށެވެ. ކޮފީތައްޓާއެކު ކުކުޅު ބިހެއް މޭޒުމަތީގައި ނޮޅާފައި އޭނާ ބެހެއްޓިއެވެ. އެއީ އޭނާ ޒަމާނުއްސުރެ އައްޒާމްއަށް ފަތިހު ދެމުން އައި ކާނާއެވެ. ކުއްލިއަކަށް އޭނާ ބަލައިލީ ދާދި ގާތުގައި މީހަކު ހުއްޓުމުންނެވެ. ބަލައިލިއިރު އައްޒާމްއެވެ. އައްޒާމް އެއްޗެއް ބުނަން އުޅޭހެން ހީވުމުން ބަހެއްނުކިޔާ ތަބައްސުމް ވަނީ ހުޅުވާފައި ހުރި ދޮރާށިން އެތެރެއަށެވެ.
"އަހަރެން މިދަނީ ފުރަން" އައްޒާމް ބުންޏެވެ.
ތަބައްސުމް އެނބުރުނީ އަނެއްފަރާތަށެވެ.
"މިކަހަލަ ތަނެއްގަ ތިކަހަލަ އިތްޒަތްތެރިންނަށް މާގިނަދުވަހު ކެތެއްނުވާނެ. އަވަހަށް ފުރަންވީ. އައްޒާމް ހިފަހައްޓާނެ މީހަކު މިތަނުގަ ނެތް" ތަބައްސުމް ބުންޏެވެ.
މިއީ މިފަހަރު އައްޒާމް އެނބުރި އައިފަހުން ދެމަފިރިންގެ މެދުގައި ވާހަކަދެކެވުނު ފުރަތަމަ ފަހަރެވެ.
އައްޒާމްގެ އެއްވެސް އަޑެއްނީވި ގިނައިރުވުމުން ތަބައްސުމް ފަހަތް ބަލައިލިއެވެ. އައްޒާމް ފެންނާކަށް ނެތެވެ. އޭނާ ދެކޮޅު ބަލައިލިއެވެ. ކޮޓަރިއަށް ވަނީކަމެއް ނޫންކަމެއް ނޭނގުނެވެ. އައްޒާމައަށް ޖަވާބުދެވުނު ގޮތުން އޭނާ ހިތަށް ތަދުވެލައިފިއެވެ. ކުޑަކޮށް ކުރިއަށް ޖެހިލާފައި މޭޒުމައްޗަށް އޭނާ ބަލައިލިއެވެ. އައްޒާމްއަށް އޭނާ ތައްޔާރުކޮށްފައި ހުރި އެއްޗެހި ހުރީ ބޭނުންކޮށް ނިމިފައެވެ. އޭނާ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ކަންތައްކުރެވުނު ގޮތުން އެހާ ދެރަވެސްވެއްޖެއެވެ. ފުރުމުގެ ކުރިން ފިރިމީހާއަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭން އޭނާ ބޭނުންވިއެވެ. އެހެންނަމަވެސް ހިތުގެ ކަނަކުން އަދިވެސް އޭނާ ހުއްޓުވަމުން ދިޔައެވެ.
****
ހުކުރު ދުވަހަށްވުމާއެކު ހެޕީކޯނާރ ގައި ދިހައެއް ނުޖަހަނީސް މެންދުރުގެ ކެއުން ތައްޔާރުކުރަން ފަށައިފިއެވެ. މޭޒުކައިރީގައި އިން ޒޭބާ ހަލުވިކަމާއެކު ފިޔާކޮށަމުން ދިޔައެވެ. މޭޒުމަތީގައި ހުޅުވާފައި ހުރި ލެޕްޓޮޕުން އޭނާގެ އެއްބަނޑު ދެ ދައްތަ ފެންނަން ހުއްޓެވެ. އެކުދިންވެސް އުޅުނީ ގޭތެރޭ މަސައްކަތުގައެވެ. ހުކުރު ވެއްޖިއްޔާ އެއީ އެކުދިންގެ އާދައެވެ. އެކުއްޖަކު އަނެއްކުއްޖަކަށް ވީޑިޔޯ ކޯލް ހަދައިގެން އެތައް ވާހަކައެއްދައްކައެވެ. އެއްކުއްޖަކު އަނެއް ކުއްޖަކާ ސަމާސަކުރެއެވެ. އެއްކުއްޖަކުގެ ގޭގައި އަނެއް ކުއްޖަކު ހަދާ ކާއެއްޗިއްސާ ބެހޭގޮތުން އޮޅުންފިލުވައެވެ.
"ދޮންތަބެ ބުނީ މިއަދު ކާނީ ތެޔޮމިރުސް ބަތޭ... އެހެންވެ އެކަމުގަތާ އުޅެންޖެހޭނީ. ދޮންތަ ކައްކާ ތެޔޮމިރުސް ބަތް އީތަންގެ ކޮއްކޮމެންނަށްވެސް ވަރަށް މީރުވާނެ. މިގޭ ބައްޕައަކީ މިކަހަލަ އެއްޗެހި ކައި އުޅޭވެސް މީހެއްނޫން. އެކަމަކު މިބަތް ކައްކައިފިއްޔާ ބަދިގެއަށް ވަގަށް ވަދެވެސް ކާނެ" ބަދިގޭ މަސައްކަތުގައި އުޅުނު ހިބާ ކިޔަމުން ދިޔައެވެ.
"އޯ ދޮންތަގެ ތިބަތްގަނޑު ވަރަށް މިސް. ސީރިޔަސްލީ" ލައިބާ ބުންޏެވެ.
"ތުއްތަ ކޯޗެއްތަ ތިހަދަނީ" ފިޔާ ތަށި ހިފައިގެން މޭޒު ކައިރިން ތެދުވަމުން ޒޭބާ އަހާލިއެވެ.
"ކޯޗެއް މިގޭގަ ހަދާނީ. ޒޭބްގެ ތުއްތަބެ ކޮންމެ ހުކުރެއްގަވެސް ކާނީ ކުކުޅެއްނު. އެއީ ކުކުޅުގެ ބައްޕަ ވިއްޔާ" ލައިބާ ބުންޏެވެ.
"ކޮބާތަ ޒެއްލު. ހާދަ ވަގޭ މިހާރު. ލޯބިވާ މީހާ ލިބެންއުޅޭތީ އުފަލުން ހަބަރެއްވެސްވެނުލާ އެ އުޅެނީ" ހިބާ ބުންޏެވެ.
"އަދި ހިއްލާނުލާ. މަންމަވެސް އަޅެ ފިހާރައަށް ވަދެފައި މިއަންނަނީއޭ ބުނެފަ ދިޔަ މީހާ އަދި ދައްކާނުލާ. އެކަނި މިއުޅެނީ. ބަލާ އެއޮށް އައި ކުއްޖެއް" ލޫލު އުރާލައިގެން ބަދިގެއަށް ވަދެގެން އައި މެލެކް ދައްކާލަން ލެޕްޓޮޕް އަނބުރާލަމުން ޒޭބާ ބުންޏެވެ.
ހައި ލާވް.... " މެލެކް ފެނުމާއެކު ހިބާ އާއި ލައިބާ އާ އެކު ގޮވާލިއެވެ. އެކުދިންނަށް ހީވީ ބޮޑު އުފަލެއް ލިބުނުހެންނެވެ. މެލެކް އައިސް ލެޕްކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. ހިބާ އާއި ލައިބާ އަށް ލޫލުގެ އެއް އަތް ހިއްލާލާފައި ބާއި ކިޔާލިއެވެ. މޫޑީވެފައި އިނުމުން ލޫލުގެ މާބޮޑު ޝައުގުވެރިކަމެއް ނުލިބުނެވެ.
"ހުވާ މިބުނީ މޮޑެލާހިއްވަނީ" ހިބާ ބުންޏެވެ.
"އިންޝާﷲ. އީދަށް ދެވޭތޯ އަޔާޒް ކައިރީގައި ކިޔައިގެން މިއުޅެނީ" ލައިބާ ބުންޏެވެ.
"ދޮންތަވެސް އުޅެބަލަ އީތަންބެ ގޮވައިގެން އަންނަން" މެލެކް ބުންޏެވެ.
"ހޫމް... ދެން ތިޖެހުނީ ބަލަންތާ... މެލީ ވިއްޔާ... އައި ރިއަލީ މިސް ޔޫ ތިންކުދިން މެލީ ޒެއްލު ލޫލު ލޯބިކޮޅު... ވަރަށް ހެޕީވެއްޖެ ފެނުނީމަ" ހިބާ ބުންޏެވެ.
"ބާޒިލް އާ ސާރާގެ ވެޑިންއަށް އަންނަންވާނެއްނު. އޭރުންނެއްނު މަޖާވާނީ. ގުރޫޕް ކިހާ ބޮޑުވާނެ" މެލެކް ބުންޏެވެ.
އެހިނދު ހިބާ އާއި ލައިބާ އަށް ހިމޭންކަމެއް ވެރިވިއެވެ. މެލެކްގެ ފަހަތުގައި ހުއްޓިގެން ހުރި ޒޭބާ އިޝާރާތުން އެއްވެސް ވާހަކައެއްނުދައްކަން ބުނަމުން ދިޔަތަން ހިބާ އާއި ލައިބާއަށް ފެނުނެވެ. ދެކުދިން ކުއްލިއަކަށް ހުއްޓުންއެރި ގޮތުން މެލެކް ހައިރާންވިއެވެ.
"ކިހިނެއްވީ ދެމީހުންނަށް؟ ސާރާއަކީ ވަރަށް ބިއުޓިފުލް ގާލްއެއް. ވަރަށް ފެޝަން. އިނގޭތަ ފޫކޮޅުވެސް ވަރަށް ބޮޑު" މެލެކް ބުންޏެވެ. އެހިނދު ޒޭބާ ހީގަތް އަޑު އިވުނެވެ. ހިބާ އާއި ލައިބާއަށް މަޖާނުވިއެވެ.
"ޒެއްލު ކައިވެނިކުރާތީ މެލީ ތިހުންނަނީ ހެޕީކޮށްތަ؟ މުޅި އުމުރަށް މެލީ ހެޕީކޮށް ހުންނާނަންތަ؟" ލައިބާގެ ސުވާލާއެކު މެލެކް ނިތުގައި ސުވާލުމާކެއް އުފެދިގެން ދިޔައެވެ. ބުނާނެ އެއްޗެއް ނޭނގި ހައިރާންކަމާއެކު މެލެކް އިނީ ބަލަހައްޓައިގެންނެވެ.
"ތުއްތަ ކޮންކަހަލަ ވާހަކައެއްތަ ތިދައްކަނީ؟ ޒެއްލުގެ ކައިވެންޏާ މެލީ އާ ކޮންކަމެއް؟ ނިކަން ތިރަށުން ރީތި ކުއްޖެއް ހޯދައިގެން މެލީ ގާތަށް ގެނެސްބަލަ. ތުއްތަބެ ކަހަލަ ސްމާޓް ގުޑްލުކިން މީހެއް. ދޯ މެލީ" ޒޭބާ އައިސް ހުއްޓުނީ މެލެކްގެ ފަހަތުގައެވެ. ވަގުތުން އޭނާ ބޭނުންވީ މެލެކްގެ ސިކުނޑީގައި އެނބުރެމުންދިޔަ ސުވާލު އޮށްބާލާށެވެ. ވީވެސް އެހެންނެވެ. މެލެކްގެ ސިކުނޑިން ނުލާހިކު ފަސޭހައިން އެކަން ފޮހެވިގެން ހިނގައްޖެއެވެ.
"ލޫލު ނިދި އައިސްގެން ކަންނޭނގެ. އެބައަންނަން ބާއްވާލާފަ" މެލެކް ހިނގައިގަތެވެ.
މެލެކް ކޮޓަރިއަށް ވަނުމާއެކު ޒޭބާގެ ޝަކުވާތައް އޮށްސާލާފައިފިއެވެ. އެނގެންޖެހޭ އެއްވެސް ކަމެއް މެލެކްގެ ހަނދާނުގައި ނެތްކަމަށް ބުނަމުން ދިޔައެވެ. ޑޮކްޓަރުން ނުކުރަން އަންގާފައިވާ ކަންކަން ކިޔައިދިނެވެ.
"މެލީގެ ހަނދާނުން ބައެއް ކަންކަން ފިލާފައި ހުރީ އަޖައިބެއްކަހަލަ ގޮތަކަށް. ލޫލުގެ މަންމަ ހޯދަން މިހާރު ފައި ވިއްދާލާފަ ހުރީ. ހަގީގަތުގަ އަހަރެމެންގެ މީހަކުވެސް އޭނަގެ ހަނދާނުގަ ނެތް. މައި ފޮޓޯދައްކާފަ ކިޔައިދިން ކަމަށްވަނީ އަހަރެމެން. އެކަމު މަންމަ އާ ބައްޕަ ހަނދާންހުރި. ލޫލުވެސް ހަނދާނުގަ ހުރި. އެކަމަކު އޭނައަކީ ލޫލުގެ މަންމަ ކަމެއް ހަނދާނުގަ ނެތް. ޒެއްލު މަތިން އަމުދުން ހަނދާނެއްނެތް. އޭނައަށް ހީވަނީ ޒެއްލު އަކީ އޭނަގެ ވަރަށް ކުރީގެ ރައްޓެއްސެކޭ. ތާބައްތަމެން ވަރަށް ބަލައިގެން އޭނަ ގެންގުޅެނީ. އަބަދު ފަހަތުގަ ވިއްދާފަ ހުންނަނީ. ފަރުވާއަށްފަހު އައިރު ކުރިއަށް ވުރެ އަނގަވެސް ގަދަ. މަންމަ އާ ބައްޕަ ހުއްޓަވެސް ކުރީގަހެން ޒެއްލު އާ ދެމީހުން ޒުވާބުކޮށްލަފާނެ. އެކަމު ބައެއްފަހަރު ދެމީހުން ވަރަށް ކިއުޓް. ދެރަވަނީ މެލީގެ ހަނދާން އެނބުރި އަންނައިރު ހުރިހާކަމެއް ބަދަލުވެފައިކަން އެނގުނީމަ ވާނެގޮތް ހިތަށްއަރާފަ" ކުރަން ހުރި މަސައްކަތްތައް ހުއްޓާލާފަ ތިންކުދިން ތިބީ ވާހަކައިގައި ޖެހިފައެވެ. ޒޭބާގެ ކައިރީގައި މައުސޫމާ އިންކަމެއްވެސް އޭނާއަށް ނޭނގުނެވެ.
"ކީއްކުރާނީ؟ ޒެއްލުގެ އެހީތެރިކަމާ އޯގާތެރިކަން މިވަގުތު މެލީއަށް އެންމެ ބޭނުންވާ ވަގުތުގަ އެހެން ހަދާކަށްނުވާނެއްނު. ހެޔޮ ވިސްނުންދެއްވާށި" ލައިބާ ބުންޏެވެ.
"އެ ހުންގަނޑު އެދިޔައީ އެކުއްޖާގެ މުޅި ސިކުނޑި ދޮވެލާފައެއްނު" އަސަރާއެކު ހިބާ ބުންޏެވެ.
"ހޫން... ތިވާހަކަ ދެން ބާއްވާ. ވިއްސާރަވެއްޖެ" މައުސޫމާ ބުންޏެވެ.
އެއީ މެލެކް އައިސް ހުއްޓުނު ވަގުތެވެ. މައސޫމާ އިޝާރާތްކުރި ވިއްސާރަގަނޑަކީ ކޮބައިކަން ތިންކުދީންނަށް ފަހުމުވުމުން ފަހުން އެކަމާ ގުޅޭ އެއްވެސް ވާހަކައެއް ނުދައްކައެވެ. ބާކީ އޮތް ވަގުތުތަކުގައިވެސް އެތައް ވާހަކަތަކެއް ހަތަރުކުދީންގެ މެދުގައި ދެކެވެމުން ދިޔައެވެ.
****
ކައިރީގައި އަތްގާތްކޮށްދޭން އުޅުނު މައިލީން މާ މަޑުން ހުންނަކަން އެނގުމުން ތަބައްސުމް އަށް ސުވާލުނުކޮށް ނުހުރެވުނެވެ. މައިލީން އަކީ މީހަކު ކުރިން ވާހަކަދައްކަންދެން ހުންނާނެ ކުއްޖެއް ނޫނެވެ. މެލެކް ހާ އަނގަގަދަ ކުއްޖަކަށް ނުވިޔަސް މައިލީން އަކީ ކުރިން ވާހަކަދައްކާ ކުއްޖެކެވެ.
"ރޭގަ ތަންކޮޅެއް ލަހުން ނިދުނީ. ފަތިހާ މިއަދު ހޭލިގޮތަށް އަދި ތަނެއްގަ ޖައްސާނުލާ އުޅޭތީ ކަންނޭނގެ. ބޮލަށް ބަރުވެފަ ހުރީ" މައިލީން ބުންޏެވެ.
"ކާން ހަދާލީމަ މައި ދޭ ޖައްސާލަން. ނަމާދަށްވެސް ނޭރެއެއްނު. ފޯނުން ބަލައިގެން އޮށޯވެލައިގެން އޮވެވެސް ކިޔަވާލެވޭނެ" ތަބައްސުމް ބުންޏެވެ.
"ބައްޕަ ކާ ގަޑިއަށް ނިކުމެލާނަން. މެލީ މިއަދު އެގޭގަ ބައިންދާ" މައިލީން ބުންޏެވެ.
"ބައްޕަ ނާންނާނެ. ފުރައިފި. ނުބުނޭތަ ދަރިފުޅުމެން ގާތުގަ" ތަބައްސުމް ބުންޏެވެ.
"ހެހެހެ.. ފުރިތާކުން އައިސްފި. ބައްޕަ ހުކުރަށްދާ އެއްޗެހި އިސްތިރިކޮށްފަ މިއައީވެސް. ބައްޕަ އެބައުޅޭ ކޮޓަރީގަ" މައިލީން ބުންޏެވެ.
"މަންމަ ކައިރީގަ ފަތިހު ބުނި ފުރާ ވާހަކަ. މަންމަ ބުނިން ދާށޭ" ތަބައްސުމް ބުންޏެވެ.
"ސާބަސް މަންމައަށް. ބައްޕަ ދިޔައީ ހުސޭނުބެމެންނާއެކު ފަރުމަސް ބާނަން. ބައްޕަ ގެނައި މަސްތައް ފުރިޖަށްވެސް ލައިފިން" މައިލީން ބުންޏެވެ.
ތަބައްސުމް ހިނގައިގަތީ މައިލީން އާ ދުރަށެވެ. އޭނާއަށް ވިސްނުނީ މާ ނުބައިކޮށެވެ. ކަމުގެ ދެކޮޅު ބަލައިނުލާ އެއްޗެހިވެސް ބުނެވުނީއެވެ. އޭނާ ދެރަވެއްޖެއެވެ. އިތުރަށް އޮޅުންފިލުވައިނުދީ އައްޒާމް ދިޔައީވެސް އަނބިމީހާ ރުޅިއަރުވަން ބޭނުންނުވާތީއެވެ.
****
ހުކުރު ނަމާދަށްފަހު ކައިގެން އައިސް ބާޒިލް ވަނީ ކޮޓަރިއަށެވެ. އެނދުގައި އިށީނދެފައި އޭނާ ފޯނު ބަލައިލިއެވެ. އަދިވެސް ސާރާގެ ހަބަރެއް ނުވެއެވެ. ބައްދަލުކުރަން ބޭނުންވާކަމަށް ބުނެފައި މެސެޖެއްހާ ހިސާބުވެސް ނުފޮނުވައެވެ. ބާޒިލް ގުޅަން ހިތަށް އަރާފައިވެސް އެ ހިޔާލު ދޫކޮށްލިއެވެ. ޓަކި ޖަހާލި އަޑު އިވުމުން ބާޒިލް ބަލައިލިއެވެ. ބޭރުގައި ހުރި މީހަކު ކައިރީގައި އެތެރެއަށް ވަންނާށޭ އޭނާ ބުނެލިއެވެ. ދޮރުން އެތެރެއަށް ވަނީ ސާރާ އެވެ. ސާރާގެ އަތްމަތީގައި އިނީ ލޫލު އެވެ. ބާޒިލްއަށް ލިބުނީ ހައިރާންކަމެވެ. އެގެއަށް ސާރާ އައި އިރެއްވެސް އޭނާ އަށް ނޭނގެއެވެ. ހައިރާންވެފައި ބާޒިލް ތެދުވިއެވެ. ބާޒިލް ފެނުމާއެކު ލޫލު ބޮޑާހާކާލިއެވެ. ސާރާ ކައިރީގައި އިންނަން ވުމުން ލޫލު އިނީވެސް ގަޔާނުވެފައެވެ. އެކަން ލޫލުގެ މޫނަށް ބަލައިލިޔަސް އެނގޭނެއެވެ. ލޫލު އުރާލާ، ލޯބިކޮށްލާފައި އެނދުގައި ބޭންދިއެވެ. ދެން އޭނާގެ ފޯނު ލޫލު ކުޅެން ދީފައި ސާރާއަށް ބަލައިލިއެވެ.
"އަދިވެސް ރުޅިއައިސްފަތަ؟" ސާރާ އަހާލިއެވެ.
'ސާރާ ކޮންއިރަކު އައީ؟" ބާޒިލް އަހާލިއެވެ.
ސާރާއަށް ބަލައިނުލާ ބާޒިލްގެ ޝައުގުވެރިކަން ދެވިފައި ހުރީ ލޫލު އަށެވެ. އެކަން ފާހަގަވުމުންވެސް ސާރާ އަށް ނުބައި ގޮތެއް ވިއެވެ.
(ނުނިމޭ)