ވާހަކަ

ރުހުން ދީފާނުހޭ - 19

4

މިގޭ މީހުން ކަންތައްމިކުރާ ގޮތް ޒަމާނެއްގެ ކޮޅުންވެސް ލޫލުގެ މަންމައަށް އެނގިއްޖިއްޔާ ހާދަ ދެރަވާނެއެވެ. ލޫލުގެ މަންމަ ހޯދަންވީއެވެ. މަންމަގެ ލޯބި ލޫލުއަށް ވެސް ހައްގެވެ. ލޫލުގެ މަންމަ އައުމަކުން ލޫލު އާ މެދު ހިތުގައި އުފެދިފައިވާ ލޯބީގެ މައިވަންތަ އިހުސާސް ފިލައިގެން ނުދާނެކަން ކަށަވަރެވެ. ދެވަނަ ކަމަކީ ޒޭބާ ދެންމެ ބުނި ޖުމްލައެވެ. ބާޒިލް ސާރާ ގޮވައިގެން އައުމަކުން ބައްޕައަށް ކޮންކަމެއް ހެއްޔެވެ؟ އެއީ ބާޒިލްގެ އަމިއްލަ ކަމެއް ނޫން ހެއްޔެވެ؟

"އަރަތެއް ކަހަލަ ބައެއް. ހުވާ މިބުނީ" އަމިއްލަ ނަފްސަށް މެލެކް ބުންޏެވެ.

****

މައިލީން ކިޔަވަން ގެންގުޅޭ ފޮތްތައް ބަލަން އިނދެފައި ފޫހިގޮތަކަށް މެލެކް ތެދުވިއެވެ. އެއްފޮތުގައި އޮތީ ސިކުނޑިއެއް ކުރަހާފައެވެ. ދެން އޭގެއާ ބެހޭ ތަފާތު މައުލޫމާތެވެ. މެލެކްގެ ސިކުނޑި އޮޅުންބޮޅުންވިއެވެ. އޭގައި އެވާ ހުރިހާ އެއްޗެއް މައިލީން އަށް އެނގެނީ ހުރިހާ އެއްޗެއް ކިޔައިގެން ހެއްޔެވެ؟

"ވަޓް ދޮނާ...؟ މިއީ ކޯޗެއް؟ މި ކިޔައިގެން އެބައެނގޭތަ އެއްޗެއް" މެލެކް ބުންޏެވެ.

"މެލީއަށް ނޭނގުނަސް ދޮނާއަށް އެނގެޔޭ. ފޫހިވަންޏާ ނިދާބަލަ" މައިލީން ބުންޏެވެ.

"އާނ ނިދަންވީ. އެބައަންނަން މަންމަ ނިދަންވަދެފިތޯ ބަލާލާފަ" މެލެކް ބުންޏެވެ.

ކޮޓަރި ދޮރުހުޅުވާލާފައި ނިކުތްއިރު ތަބައްސުމް ސިޓިންގރޫމުގައި އިންދާ ފެނުނެވެ. ޓީވީ އަދިވެސް ހުރީ ހުޅުވާފައެވެ. ޓެލެވިޜަން މޯލްޑިވްސް އިން ފޮނުވަމުންދިޔަ ދިވެހި ޓެލެޑްރާމާއަކަށް ތަބައްސުމް އިނީ ގެއްލިފައެވެ. ގަޑިން ވީއިރެއްވެސް ބަލައިނުލާ ތަބައްސުމް އިނީ އެ ޑްރާމާގެ ޖާދޫގައި ޖެހިފައެވެ. އޭނާ ބަލައިލީ އޭނާގެ އުނގުގައި ބޯ އަޅައިގެން މީހަކު އޮށޯތުމުންނެވެ. ބަލައިލިއިރު މެލެކްއެވެ.

"މެލީ ކިހިނެއްވީ؟" ތަބައްސުމް އަހާލިއެވެ.

"ކަމެއްނުވޭ. ކޮންއިރަކުން ތި ނިމެނީ؟" މެލެކް އަހާލިއެވެ.

"މެލީ ތިހެން ނުބުނެގެން އެނިމުނީނު" ތަބައްސުމް ބުންޏެވެ.

ކުރިމަތީގައި ހުރި ކުޑަމޭޒުމަތީގައި ބަންޑުން ބާއްވާފައި އޮތް ފޯނު އޭނާ ބަލައިލިއެވެ. ގަޑިން އެގާރަ ގަޑި ބައިވަނީއެވެ.

"ވަރަށް ލަސްވެއްޖެ. ނިދަން ދޭ. ކޮބާ ދޮނާ؟ ނިންދަވާފަ ދޯ ތިނިކުތީ" ތަބައްސުމް ބުންޏެވެ.

ނޫން. ދޮނާ އެބައިން ފޮތްތަކަށް ގެއްލިފަ. އެއީއެއްނު ދޮނާގެ ކަމަކީ. މިހާރު ނުފެނޭ އަރުސަލްބެ ގުޅައިގެން އުޅޭ ތަނެއްވެސް" މެލެކް ބުންޏެވެ.

"ދޮނާ މާ ބިޒީވަނީ އޭ މިދުވަސްކޮޅު. ކައިރި ރަށްތަކުން ކިހާ ބަޔަކު އައިސް އެ އުޅެނީ ޑޮކްޓަރަށް ދައްކަން. ދަރިފުޅު ދެން ހިނގާ އޮށޯންނަން" ތަބައްސުމް ބުންޏެވެ.

"އިހަށް މަޑުކޮށްބަ މަންމާ. ވާހަކައެއް އަހަންވެގެނޭ" މެލެކް ބުންޏެވެ.

'އަހާބަލަ" ތަބައްސުމް ބުންޏެވެ.

"މަންމާ، ކޮބާ ލޫލު ގެ އަސްލު މަންމާ؟ ދޮނާ ބުނި އެއީ މިރަށު މީހެއްނޫނޭ. އިތުރަކަށް ނުބުނި. މަންމައަށް އެނގޭތަ އެއީ ކާކުކަން. ނޫނީ އޭނަ އުޅޭ ރަށެއް" މެލެކް ބުންޏެވެ.

ތަބައްސުމް ހައިރާންވިއެވެ. މާޔޫސްކަމާއި ހިތްދަތިކަން އިންތިހާއަށް އެކުލެވިގެންވި ނަޒަރަކުން އޭނާ ލޯބިވާ ދަރިފުޅަށް ބަލައިލިއެވެ. އަތްއުފުލާލުމަށްފަހު އޯގާތެރިކަމާއެކު އޭނާ މެލެކްގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. ބުނާ ކަހަލައެވެ. ލޫލުގެ ހަގީގީ މަންމައަކީ ތިއީ އެވެ. އެހެންނަމަވެސް އޭނާއަށް ނުބުނެވުނެވެ. އޭނާގެ ދުލަށް ވެފައިވާ މަޖުބޫރީ ދަރިފުޅަށް ނުވިސްނޭނެއެވެ. ކުއްލިއަކަށް ލޫލުގެ މަންމައާ މެދު މެލެކް ޝަކުގުވެރިވީ ސަބަބެއް ހޯދަން އޭނާ ސުވާލުކުރިއެވެ.

"ދަރިފުޅު ކީއްކުރަން އެހާވަރުން ލޫލުގެ މަންމަ ތިހޯދަނީ؟"

"ބައްދަލުކޮށްލަން.... ވިސްނައިދޭން. ކުޑަކުޑަ ދަރިއަކު އެގޮތަށް ދޫކޮށްލާފަ ދުރުގަ ހުންނަން އެ އަންހެންމީހާއަށް ކެތްވޭތަ؟ މެލެކް ބުންޏެވެ.

"ތިއީ ބޭކާރު ކަމެއްނު ދަރިފުޅު. ލޫލުގެ މަންމައަކީ ތިއީ. ދަރިފުޅު ތިއީ ކިހާ އޯގާތެރި މަންމައެއް. ތިކަހަލަ މަންމައެއް ލޫލުއަށް ލިބުމަކީ ކިހާ ބޮޑު ނަސީބެއް" މެލެކްގެ މޫނުގައި ތަބައްސުމް ފިރުމާލިއެވެ.

"ދެން... ލޫލުގެ ހުރިހާ ކަމެއް އަޅުގަނޑު ކުރުމަކީ ލޫލުގެ މަންމައަށް އަޅުގަނޑު ވާންޖެހޭ ސަބަބެއް ނޫނެއްނު. ސީރިޔަސްކޮށޭ މަންމާ. ލޫލު އާ މެދު އަޅުގަނޑު ވަރަށް ފިކުރުބޮޑުވޭ. ބޭނުންވަނީ ލޫލުއަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބެން" މެލެކް ވާހަކަދެއްކިއެވެ.

"ދަރިފުޅު ތިކަމާ ނުވިސްނާ.. ތިއީ ބޭކާރު ވިސްނުމެއް" ތަބައްސުމް ބުންޏެވެ.

"މަންމަ އިހަށް މަޑުކޮށްބަ. ބާޒިލް އެބަގުޅާ" ފޯނަށް ބަލައިލަމުން މެލެކް ބުންޏެވެ.

ބާޒިލް 'ހެލޯ' އޭ ބުނުމާއެކު މެލެކްގެ އަޑު ކަންފަތުގައި ޖެހިއްޖެއެވެ.

"މީހުން ، މީހުންނާ ބައްދަލުކުރަން ބުނީމަ ރޭގަނޑު ދަންވަރުތަ ބައްދަލުކުރަން ގުޅަނީ؟ އަހަރެން ނޫޅެން ދަންވަރު ބާޒިލް އާ ބައްދަލުކުރާކަށް" ބާޒިލްގެ ދެ ބުމަ ގޮށްޖެހުނެވެ. އޭނާ އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ މެލެކް އެއްޗެހި ގޮވަމުން ދިޔައެވެ.

މެލެކް ބާޒިލް އާ ވާހަކަދައްކަމުން ދިޔަގޮތުން ތަބައްސުމް އިނީ ހައިރާންވެފައެވެ. އޭނާއަށް ގަބޫލުކުރެވުނެވެ. ލަސްލަހުން ނަމަވެސް މެލެކް ބާޒިލް އެދަނީ ބާޒިލް އާ ގާތަށެވެ. ހަމަ އެހިނދު އޭނާގެ ހިތުގައި ނުތަނަވަސްކަމުގެ ރާޅެއް ދުވެލިއެވެ. މެލެކް އެއިން ހާލަތުގައި ބާޒިލް އާ ގާތަށް މެލެކް ފިޔަވަޅު އެޅުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އޭރުބްވެސް މެލެކް އަށް ލިބިދާނެ އަނިޔާއެއް ހިޔާލަށް ގެންނަންވެސް ދައްޗެވެ.

"ކިހާ ވަގުތެއް މިދިޔައީ. ސާރާ ކައިރިން ސަލާމަތްވީ އަދި ކިރިޔާ ދޯ.. އެހެންޏަ... ބާޒިލް ނުނިދިޔަސް އަހަރެން ނިދަންޖެހޭ. ކުއްލިއަކަށް ނިދިވެސް އައިސްފި. ބާއްވަނީ"

ބާޒިލް ފޯނަށް ބަލައިލީ ކުއްލިއަކަށް ފޯނު ކެނޑުމުންނެވެ. އޭނާ ހައިރާންވެފައި އިރުކޮޅަކު ފޯނަށް ބަލަހައްޓައިގެން ހުއްޓެވެ. ދެން މަޑުމަޑުން އޭނާގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ.

"ކޮންކަހަލަ އަންހެންކުއްޖެއް؟" ބާޒިލް ހިތަށް އެރިއެވެ.

****

އިޝާނަމާދަށްފަހު ހުރިހާ މީހުން ކާމޭޒު ކައިރިއަށް ޖަމާވެއްޖެއެވެ. މޭޒުމަތީގައި ހުރި ސްޕެގެޓީ ތަށި ފެނުމާއެކު ބާޒިލްގެ ކުޅު ދިޔާވެއްޖެއެވެ. އެދިމާލަށް އޭނާގެ އަތް ދިޔައީ ބޭއިހްތިޔާރުގައެވެ.

"ވާއު ކާކު ހެދީ" ބާޒިލް އަހާލިއެވެ.

"މެލެކް" ޒޭބާ ބުންޏެވެ. ބާޒިލްގެ ހަރަކާތްތަކަށް ކުއްލިއަކަށް ހުއްޓުމެއް އައެވެ. އުލެއް ހިފައިގެން އައި މެލެކް ބާޒިލް އަށް ބަލައިލިއެވެ.

"ކިހިނެއްވީ؟ ތިއަށް ޒަހަރެއް ނާޅަމޭ. އަހަންނަށް ޔަގީން ތި ބޮލަށް ލައިގެން އުޅޭ ސާރާ އަށް ވުރެ މީރުކޮށް އަހަރެން ކައްކާނަން. ކައިބަލަ" ބާޒިލްގެ ތައްޓަށް ސްޕެގެޓީ އަޅަމުން މެލެކް ބުންޏެވެ. މެލެކްގެ އެ ހަރަކާތުން ހުރިހާމީހުން ތިބީ ބަލަހައްޓައިގެންނެވެ. އެއީ ހަމައެކަނި ލޮލަށް ބަލާލަން ހިތްގައިމު މަންޒަރަކަށް ނުވުމަށް އެދި މައުސޫމާ ދުއާކޮށްލިއެވެ.

"ދަރިފުޅުވެސް އިށީނދެބަލަ ކާން" މައުސޫމާ ބުންޏެވެ.

ޒޭބާ އިން ގޮނޑި އާ ޖެހިގެން އިން ގޮނޑި ދަމާލާފައި މެލެކް އިށީނެވެ.

"ޒޭބާއަށް އެނގޭތަ! ކައިވެންޏަށްފަހު ޒެއްލު ސާރާގެ ގެއަށް ބަދަލުވަނީނު" މައުސޫމާ ބުންޏެވެ.

ޒޭބާ އާއި މެލެކް އަށް ލިބުނީ ހައިރާންކަމެވެ. އެގޮތަށް ބާޒިލް ކަންތައްކޮށްގެން ނުވާނެއެވެ. މައިންބަފައިން ބަލަހައްޓަން މިތާ ހުންނަ ދަރިއަކީ ހަމައެކަނި ބާޒިލްއެވެ. ސާރާ އާއެކު ބާޒިލް ދިޔުމުން މަންމަ އާ ބައްޕަ ހާދަ އެކަނިވާނެއެވެ.

"ތެދެއްތަ؟" ޒޭބާ އަހާލިއެވެ.

"ސާރާ ބޭނުންވަނީ ވަކިން އުޅެން" ބާޒިލް ބުންޏެވެ.

"ދެން ޒެއްލު ތިއީ ކާކު؟ ސާރާ ތަ ފިރިމީހާ އަކީ" ޒޭބާ ހިތްހަމަނުޖެހުނެވެ.

އެކަން ވަގުތުން މައުސޫމާ ހުއްޓުވިއެވެ. ޒޭބާގެ ވާހަކަތައް ހުރިގޮތުން ޒުވާބަކަށް ހިނގައިދާނެކަމުގެ ބިރު އޭނާއަށް ހީވިއެވެ. ދަރިންގެ މެދުގައި އޮންނަ ލޯތްބާ ގޭތެރޭގެ މަސްލަހަތަކީ ދާއިމަށް އޭނާ ހިމާޔަތްކުރާނެ ދެ ކަންތަކެވެ.

"އެއީ މައްސަލައެއްނޫނޭ. އެއް ރަށެއްނު. އެހެންނޫނަސް ލޫލު ގޮވައިގެން މަންމަ އާ ބައްޕަ އުޅޭނީ ވަރަށް އުފަލުގަ" މައުސޫމާ ބުންޏެވެ.

"ލޫލު އަހަންނަށް ދޭންވީނު" ތަން ހިމޭންވެގެން ދިޔަވަގުތު މެލެކް ބުންޏެވެ.

ބާޒިލް ހައިރާންވެފައި މެލެކް އަށް ބަލައިލިއެވެ.

"އިނގޭ ލޫލުއަކީ އަޅުގަނޑުގެ ދަރިއެއް ނޫންކަން. އެކަމަކު މިހާރު ކަންތައްވާގޮތުން ލޫލު ނިކަމެތިވެދާނެކަމުގެ ބިރުހީވޭ. އަބަދު، އަބަދު ލޫލު އަށް މިވެނިގޮތެއް ވެދާނޭ އެވެނި ގޮތެއްވެދާނޭ ކިޔާ އަޑު އިވުނީމަ އަޅުގަނޑަށް ވަރަށް އުނދަގުވޭ. މި ބާޒިލް އަކީ ކަމެއް ކުރާއިރު އެއްވެސް ވަރަކަށް ވިސްނާނެ މީހެއްނޫން" މެލެކް ހިތްހަމަނުޖެހުނެވެ.

"މެ ލެ ކް" ބާޒިލް ގޮވާލި ހިތްހަމަނުޖެހިފައެވެ.

ނުކައި ބާޒިލް ދިޔުމުން ޒިޔާދު ކެއުންމަތިން ފޫހިވިއެވެ. ފިކުރަކަށް ގެއްލިފައި އިންނަ މީހަކު ފަދައިން ޒިޔާދު އިންތަން ފެނުމުން ޒޭބާ ކައިރިވެލާފައި ތަށި ކައިރިކޮށްލިއެވެ. ބާޒިލްގެ ތަށި ހިފައިގެން މައުސޫމާ ތެދުވަން އުޅުމުން ޒޭބާ ހުއްޓުވިއެވެ.

"ގެނޭ އަހަރެން އަތަށް" ޒޭބާ ބުންޏެވެ.

****

ކާއެއްޗެހި ތަށި ހިފައިގެން ޒޭބާ ކޮޓަރިއަށް ވަތްއިރު ބާޒިލް އިނީ އެނދުގައި އިށީނދެގެންނެވެ. ޒޭބާ ފެނުމުން އޭނާ ބަލައިލާފައި ފަރުވާކުޑަ ގޮތަކަށް އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލިއެވެ. ސައިޑްކަބަޑުމަތީގައި ކާއެއްޗެހި ތަށި ބަހައްޓާފައި ޒޭބާ އިށީނީ ބާޒިލްގެ ކައިރީގައެވެ. ބާޒިލްގެ ސަމާލުކަން ނުލިބުމުން އޭނާ ބާޒިލްގެ އަތުގައި ހިފިއެވެ.

"ތިއީ މަންމަގެ އެންމެ ކުޑަކުއްޖާ ވީމަތަ؟ ނޫނީ ހުރި ހަމައެކަނި ބޯއީ އަށް ވީމަތަ ތިހާ ބޮޑާހާކަނީ؟" ޒޭބާ ބުންޏެވެ.

"ސޮރީ" ބާޒިލް ބުންޏެވެ.

ހީލާފައި ޒޭބާ ބާޒިލްގެ އަތްތިލަ އޭނާގެ ދެއަތްތިލައިގެ ތެރެއަށް ލިއެވެ.

"ޒެއްލު ބުނި ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރަން މަންމައާ ބައްޕަ އެ ހުންނަނީ ތައްޔާރަށް. ޒެއްލުއަށްޓަކައި ކިތަންމެ ބޮޑު ގުރުބާނީއެއް ވާންޖެހުނަސް އެތިބެނީ ތައްޔާރަށް. އޭގެ މާނައެއްނޫން އެއީ ޒެއްލު ހިތުހުރި ގޮތަކަށް އެމީހުންނާ މެދު ކަންކަން ކުރުން" ޒޭބާ ވާހަކަދެއްކިއެވެ.

"އަހަންނަކީ ތިބުނާހާ ވިޔާނުދާ މީހެއްތަ؟ މެރީކޮށްގެން އެގޭގަ އުޅުމަކީ މައްސަލައެއްތަ؟" ބާޒިލް ބުންޏެވެ.

ޒޭބާ ފުންނޭވައެއް ދޫކޮށްލިއެވެ. ބާޒިލް ނިންމުމަކަށް ފަހު ނިންމުމެއް ނިންމަމުން ދިޔަސް މަންމަ އެކަމަށް ފާޑެއް ނުކިޔާނެއެވެ. އެއްޗެއް ބުނެފާނެތީ ބައްޕަވެސް ހިފަހައްޓާނެއެވެ. އެކަމަކު އެންމެ އަނގަ ބަންދުކޮށްގެން ތިބުމަކީ އަދި ހައްލެއް ނޫނެވެ. ކޮންމެސް އެކަކު ކުރިއަށް ފިޔަވަޅެއް އަޅައިގެން ވިޔަސް ބާޒިލް ހުއްޓުވަން ޖެހޭނެއެވެ.

"ދިރިއުޅުމުގަ ކޮންމެ އިންސާނަކަށްވެސް ގޯސް ނިންމުންތައް ނިންމޭނެ. ބައެއްފަހަރު އެ ނިންމުންތައް އެކަމެއްވުމުގެ ކުރިން ރަނގަޅުކުރަން އެމީހަކަށް ފުރުސަތުލިބޭ. ބައެއްފަހަރު އެ ނިންމުންތަކުގެ ސަބަބުން ތިމާގެ މުޅި ދިރިއުޅުން އަނދަވަޅަކަށް ވެއްޓިގެންދޭ. އެހެންވެ ބުނަނީ ކަމެއް ނިންމާއިރު ނިންމާނީ ހަމައެކަނި ތިމާއެއް ނޫނޭ. ގާތް ރަހްމަތްތެރިއެއް ނުވަތަ އިތުބާރުކުރެވޭ އެހެންމީހެއް ކައިރިން ހިޔާލު ހޯދަންވާނެ. ދިރިއުޅުމުގައި ބޮޑެތި ކަންތައްތައް ނިންމާއިރު އިސްތިޚާރާ ނަމާދޭ ކިޔާ ނަމާދެއްވެސް އޮވޭ. ޒެއްލުއަށް ހީވޭތަ ސާރާ އާ އެކު އެގެއަށް ދިރިއުޅުން ބަދަލުކުރުމަކީ އެންމެ ރަނގަޅު ގޮތްހެން" ޒޭބާ ވާހަކަދެއްކިއެވެ.

"ދެން އަހަރެން ކިހިނެއްހަދަންވީ؟ އެއްކޮޅުން ސާރާ. އަބަދު އެއްވާހަކަ. އަހަންނަކަށް ނޭނގުނު. އަހަރެން ކަންތައްކުރާގޮތް ސާރާއަކަށް ކަމަކުނުދޭ. މިގޭ މީހުންނަކަށް ކަމަކުނުދޭ. ދެން އަހަރެން މޮޔަވާންވީތަ؟" ބާޒިލް ވާހަކަދެއްކިއެވެ.

"ޒެއްލު މޮޔަވާން އަދި ކައިރިވެސްނުވޭ. ކުޑާ މިކިޔާ އެއްޗެހި އަޅެ ތަންކޮޅެއް ހަމަޖެހިގެން އިނދެ ފިނި ސިކުނޑިއަކުން ވިސްނާލަބަލަ. ސާރާއަކީ ޒެއްލުގެ ލޯބި. ކުޑަދުވަސްކޮޅަކުން ތިއުޅެނީ މެރީކުރަން. މިގޭ އެއްވެސް މީހަކު ޒެއްލުގެ ތި ނިންމުމަށް ފާޑު ކިއިތަ؟ ތިއީ ޒެއްލުގެ އަމިއްލަ ނިންމުމަކަށްވީތީ މަންމަވެސް ބައްޕަވެސް އެއްޗެއް ނުބުނޭ. ދެން ތިބުނަނީ ސާރާގެ ވާހަކަ. އެކީގަ އުޅެވޭނީ ދެމެދުގަ ކޮންމެވެސް ވަރަކަށް އިތުބާރޭ މިކިޔާ ވާފަށް ވަރުގަދަކޮށް އޮވެގެން. ދެފަރާތުން ކުރެ އެންމެ ފަރާތަކުން ދުލެއް ދިނަސް ދިރިއުޅުން އަރިއަޅާލާނެ. ކުޑާއަށް އިނގޭ ޒެއްލު އާ މެލީ އަށް ސާރާ ޝައްކުކުރާކަން. މިހާރު އޭނައަށް އެންގެންވެއްޖެއްނު މެލެކް ހުރީ ޒެއްލުގެ ދިރިއުޅުމުން އެއްފަރާތްކޮށްފަކަން. މިހާރު ވިސްނެންވެއްޖެ ދޯ ޒެއްލު އޭނަދެކެ ލޯބިނުވާކަން. ސާރާ ފޮނިވަނީ. ބޮޑާވަނީ. ސޮރީ މިވަރަށްވެސް ނުބުނަން ހުރީ. އެކަމަކު... ހަގީގީ ލޯބި ސާރާ ޒެއްލު ދެކެ ވާނަމަ ގަބޫލުކުރާނެ ޒެއްލު އާ ގުޅުން ހުރި ކޮންމެ އެއްޗެއް. ލޫލު އަކީ ޒެއްލުގެ ހަށިގަނޑުގެ އެއްބައެއް ނޫންތަ؟ ސާރާ މިހާތަނަށް ރުހުމުގެ ލޮލަކުން ލޫލު އަށް ބަލާލިތަންވެސް އަހަރެން ނުދެކެން. މިހުރިހާ ކަމެއް ފެނިހުރެ ޒެއްލު ތިހުންނަނީ ނުފެންނަ ކަމަށް ހަދައިގެން. ދެން މެރީކޮށްގެން ސާރާ ވަކިން އުޅެން ބޭނުންވާތީ ތިއުޅެނީ އެގެއަށް ދާން. މިގޭގަ ސާރާގެ މިނިވަންކަމަށް ހުރަސްއަޅަން ކާކު ހުރެގެން. މަންމަ އާ ބައްޕަގެ ސަބަބުންތަ؟ ނޫނީ ލޫލުގެ ސަބަބުންތަ؟ ޒެއްލު ވިސްނާލަބަލަ. ޒެއްލުގެ ތި ނިންމުމުގެ ސަބަބުން މަންމައާ ބައްޕަ ކިހާ ދެރަވާނެ. އަންހެންދަރިންނަކީ ކައިވެންޏަށްފަހު ފިރިންގެ ބާރުގެ ދަށަށް ދާ މީހުން. ކުޑައްތަ، ތުއްތަ ދޮންތަ ކިތަންމެ ބޭނުންވިޔަސް ފިރިމީހާގެ ރުހުމާ ނުލާ ގެއިން ބޭރަށް އެންމެ ފުޔަވަޅެއް އެޅުމުގެ ހުއްދަވެސް ނޯވޭ. ވީއިރު ކުޑައްތަމެން ކިހިނެއް މަންމައާ ބައްޕަ ބަލަން މިގެއަށް އަންނާނީ. މިބުނީ ކޮންމެހެން އަންނަ ޖެހިއްޖެ ހާލަތެއްގަވެސް ނާންނާނަމެކޭ ނޫން. މާދަމާވެސް ބައްޕަ ލޯ މަރާލައިފިއްޔާ ދިރިއުޅުމުގެ ހުރިހާ ޒިންމާއެއް ނަގަންހުރީ ޒެއްލު. ސާރާ މިގޭގަ ހުރުމަކުން ކޮބާތަ މައްސަލައެއް. މެލީއެއް ނާންނާނެ ޒެއްލުގެ ދިރިއުޅުމަށް ޒަހަރުލާކަށް. އޭނާ ހަނދާންތައް އަޔަސް މަރުވާނެކަން ޔަގީން ފަދައިން އަހަންނަށް ޔަގީން ހައްގު ހޯދަން މެލީ ނާންނާނެ. ދެން؟ ދެން ހުރީ ލޫލު. ތިކައިވެނީގެ ކުރިން ކޮންމެސް ގޮތަކަށް ލޫލުގެ ބެލެހެއްޓުން ތެރިޔަކަށް މެލީ ހަދާނަން. އެއީ ތައިމޫރު އަންނައިރަށް އަހަރެންވެސް ގެއަށް ބަދަލުވާންޖެހޭނެ. ޕްލިޒް މަންމަ އާ ބައްޕައަށްޓަކައި ނަމަވެސް އަދި އެއްފަހަރު ވިސްނާލަބަލަ" ޒޭބާ ގެ ވާހަކަތަކަށްފަހު ހިމޭނުން އިން ބާޒިލްގެ އަތްތިލައަށް ފިތާލިއެވެ. ބާޒިލްގެ ހިމޭންކަމަކީ އެކަމާ އޭނާ ވިސްނާނެކަމުގެ ހެއްކެކެވެ. އެވާހަކަތަކާ ބާޒިލް ދެކޮޅުނަމަ އޭނާ އެވާހައިކައިގެ ކުރިވެސް ބައްދާނެއެވެ. ރައްދުވެސް ދޭނެއެވެ. ޒޭބާ އަމިއްލަ ނަފްސަށް ހިނިތުންވެލިއެވެ. ތެދުވެފައި އޭނާ ކާއެއްޗެހި ތައްޓަށް ބަލައިލިއެވެ.

"ދެން ތިހެން ނީނދެ ކާން އުޅޭ. ޒެއްލުއަށް އެނގެއެއްނު ޒެއްލު ނުކައި ނިދައިފިއްޔާ މަންމަގެ ދެލޮލަށް ނިދިވެސް ނާންނާނެކަން" ޒޭބާ ބުންޏެވެ.

****

ޒޭބާގެ ވާހަކަތަކަށްފަހު ބާޒިލްއަށް ކެވޭގޮތެއް ނުވިއެވެ. އޭނާގެ ކަންފަތުގައި ޒޭބާގެ ކޮންމެ ޖުމްލައެއް ހުރީ ހަރުލާފައެވެ. ސިކުނޑިން ނެރެލެވޭ ގޮތްވެސް ނުވިއެވެ. އޭނާގެ ހިތާ ނަފްސު ކުށްވެރިކުރީ ސާރާއެވެ. ސާރާ ވިސްނަންޖެހޭ ކަންތައްތަކާ ނުވިސްނާ ހުރީ އަމިއްލަ އެދުން އިސްކޮށްފައެވެ. މުޅިންވެސް ބަހަނާއަކަށް ދައްކާފައިވަނީ ކުރިން ބާޒިލްގެ ބޭވަފާތެރިކަން އޭނާ ތަހައްމަލު ކުރި ވާހަކައެވެ. ކޮންމެފަހަރަކު އެކައްޗެއް ކިޔާ ބާޒިލްގެ އަނގަމަތީގައި މަލަން އަޅާ ބައްދާލަނީއެވެ. ކޮންމެފަހަރަކު އެހެނެއް ނުވާނެއެވެ. ސާރާ ޖެހޭނީ ގޮތްދޫކުރާށެވެ. ލައިގެން ހުރި ޖީންސުގެ ދެފަރާތު ޖީބުގައި ބާޒިލް އަތްހާކާލިއެވެ. އޭނާ ފޯނު ހޯދާލިއެވެ. އެނދުމަތީގައި އޮތް ފޯނު ނަގާފައި ވަގުތުން ސާރާއަށް ގުޅިއެވެ. ފޯނެއް ނުނަގައެވެ. އޭނާ މަޑުނުކޮށް ސައިކަލުގެ ތަޅުދަނޑި ހިފައިގެން ނިކުތެވެ. ދުއްވާލުމުގެ ކުރިންވެސް އޭނާ ސާރާއަށް ގުޅިއެވެ. ފޯނެއް ނުނެގިއެވެ.

ގޭ ދޮރުގައި ޓަކިޖަހާލާފައި ބާޒިލް މަޑުކޮށްގެން ހުއްޓެވެ. އެއްވެސް މީހެއްގެ ހަބަރެއް ނުވުމުން ދޮރުގައި ހިފާލާފައި އެތެރެއަށް ހުޅުވާލިއެވެ. އެއީ ޓަކިޖަހާ އަޑަށް ކޮޓަރީގައި އޮތް ސިހާމާ ނިކުމެގެން އައި ވަގުތެވެ. ދޮރުން އެތެރެއަށް ވަތް ބާޒިލް ފެނުމުން ސިހާމާ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ.

"ސާރާ..؟ ސާރާ ކޮބާ؟" ބާޒިލް އަހާލިއެވެ.

ސިހާމާއަށް ފުރަތަމަ ދޭނެ ޖަވާބެއް ނޭނގުނެވެ. ސާރާ ގެގައި ނެތެވެ. ރަހްމަތްތެރިޔަކާއެކު ފިހާރައަކަށް ކަމަށް ބުނެ ދިޔަފަހުން އިރުކޮޅެއްވެއްޖެއެވެ.

"ސާރާ.." ސިހާމާ ބުންޏެވެ.

"ނިދިފަ ދޯ. ހަވީރު އުޅުނެއްނު ބޮލެއްގައި ރިއްސާތީ. ބަލާލާފަ ހޭލާ އުޅެންޏާ ގޮވާލަދީބާ" ސިހާމާ ކުރިމަތީގައި ހުރުމުން ކޮޓަރިއާ ދިމާލަށް ދާން ބާޒިލް އަށް ނުކެރުނެވެ. ސިހާމާ ކޮޓަރިއަށް ވަދެފައި އިރުކޮޅަކުން އައިސް ބާޒިލް ކުރިމަތީގައި ހުއްޓުނެވެ.

"ނިދިފަ އޮތީ. ކުޑަކޮށް ހުންވައްތަރުވެފަ" ސިހާމާ ބުންޏެވެ.

ސާރާ އާ ބައްދަލުކުރުން ފަސްކޮށްލާފައި ގެއަށް ދާން ބާޒިލް ނިކުތެވެ. އަވަސް އަރުވާލައިގެން ކޮންމެހެން ގޮތެއް ނުނިންމުނަސް އަދި ވަގުތު އެބައޮތް ކަމަށް އޭނާގެ ސިކުނޑި އޭނާއަށް ވިސްނައިދިނެވެ. ސައިކަލުގައި ދިޔަ މަގުމަތީގައި އޭނާ އަށް ފޯނެއް އަންނަން ފެށުމުން މަޑުކޮށްލާފައި ފޯނަށް ޖަވާބުދިނެވެ. އެއީ އަންހެންކުއްޖަކާއެކު އޭނާގެ ކުރިމަތިން ހުރަސްކޮށް ހުޅަނގުކެފޭ އަށް ސާރާ ވަތް ވަގުތެވެ. ބާޒިލްއަށް ގަބޫލުކުރަން ދަތިވިއެވެ. އެއީ ހަމަ ސާރާ ކަން އޭނާއަށް ޔަގީނެވެ. އެހާބޮޑު އޮޅުވާލުމެއް އޮޅުވާލުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ގެއަށް ދާން ބާޒިލް ބޭނުމެއް ނުވިއެވެ. ފޯނު ކުރުކޮށްލާފައި ހަމަ އެތަނުގައި ސައިކަލް ޕާކުކުރިއެވެ. ތަޅުދަނޑި ޖީބަށް ކޮށްޕާލާފައި މަގު ހުރަސްކޮށް އޭނާ ކެފޭތެރެއަށް ވަދެގެން ދިޔައެވެ. އޭނާއަށް ސާރާ އިން މޭޒު ފެނުނީ ވަރަށް އެތެރެއަށް ވަތް ފަހުންނެވެ. ކެފޭތެރޭގައިވާ ފަނޑު އަލީގެ ތެރެއިން ހިނގާފައި ގޮސް އޭނާ މަޑުކޮށްލީ ސާރާ އިން މޭޒާ ޖެހިގެން އިން މޭޒުގައެވެ. ދެމީހުން ތިބީ ދެމީހުންނަށް ފުރަގަސްވާގޮތަށެވެ. އެކަކަށް އެކަކުވެސް ނުފެންނާނޭ ހެންނެވެ. އެހެންނަމަވެސް ވާހަކައެއް ދައްކައިފިނަމަ އެކަކު އަނެކަކަށް އިވޭހާ ގާތުގައެވެ. ބާޒިލް އިނީ ސާރާ ކަންތައްކުރާ ގޮތް ބަލާށެވެ. އޭނާ އެތަނުގައި އިނދެފައި ސާރާ އަށް ގުޅިއެވެ. ފޯނު ރިންގުވެފައި ނުނެގުމުން ކެނޑިއްޖެއެވެ.

"ބާޒިލް... ހާދަ ވަރަކަށޭ އެގުޅަނީ. ބޮޑުކަމެއްވީތަ އަނެއްކާ" ސާރާ ހިތަށް އެރިއެވެ.

އަލުން ފޯނު ދަބަހަށް ލާން އުޅެނިކޮށް ސިހާމާ ގުޅަން ފަށައިފިއެވެ. ސާރާ ވަގުތުން ފޯނު ނަގާފައި ސްޕީކަރަށް ލިއެވެ. ސިހާމާގެ އަޑު އިވުމާއެކު ބާޒިލްގެ ކަންފަތް ކޮޅަށް ޖެހިގެން ދިޔައެވެ.

"ބާޒިލް އައިސްފަ އެދިޔައީ" ސިހާމާ ބުންޏެވެ.

"ކީކޭ؟ ދައްތަ ބުނީތަ އަހަރެން ވީތަނެއް" ސާރާ ބުންޏެވެ.

"ތިދެކުދިން މެދުގަ މައްސަލައެއް އުފެދޭ ވަރުގެ ކަމެއް ދައްތަ ނުކުރާނެއްނު. ނިދާފައޭ ބުނީމަ ދިޔައީ" ސިހާމާ ބުންޏެވެ.

"ތެންކް ގޯޑް.... އަޅާނުލާ. މިދަނީ ވަރަށް އަވަހަށް" ސާރާ ބުންޏެވެ.

ބާޒިލް ހައިރާންވިއެވެ. ސާރާ އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލަންވީ ސަބަބެއް އޭނާއަށް ނުވިސްނުނެވެ. ކޮންމެހެން އެތަނުގައި ބޮނދައިގެން އިންނަންޖެހޭ ސަބަބެއް އޭނާއަށް ނުވިސްނުނެވެ. އޭނާ ބޭނުންވީ ސާރާ ކުރިމައްޗަށް އަރާށެވެ. ސާރާއަށް ސިއްރުން ކަމެއް ކުރެވިއްޖެކަން އަންގާށެވެ. ވެއިޓަކު ބެހެއްޓި ފެންތަށި އެއްފަހަރާ ދަމާލާފައި އޭނާ ތެދުވެގެން ގޮސް ސާރާ އިން މޭޒުގައި ހުރި ގޮނޑިއެއް ދަމާލާފައި އިށީނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟