"ލޫލު އާ މެދު ޒެއްލު ވިސްނާކަށް ނުޖެހޭނެ. ލޫލުގެ މަންމަ ދުނިޔޭގައި އެބަހުރި. ކޮންމެ ހާލެއްގަ އުޅެން ޖެހުނަސް މެލީ ލޫލު ބަލާނެ. މިހާރުވެސް ލޫލު އަކީ އޭނާގެ އުފަން ދަރިއެއްކަން ނޭނގޭ ހާލު އެކުއްޖާގެ ހުރިހާ ކަމެއް މެލީ އެދަނީ ކުރަމުން" ބުނެވުނީ ހަރުކަށިކޮށްކަން މައުސޫމާއަށް އެނގުނީ ބަސް ބުނި ފަހުންނެވެ. އޭނާ ފުންނޭވައެއް ދޫކޮށްލާފައި ހަމަޖެހިލިއެވެ.
"ޒެއްލު ބޭނުންގޮތަކަށް ނިންމާ. މައިންބަފައިންގެ ރުހުން ތިކައިވެންޏަށް ދިނީމެއްނު" މައުސޫމާ ބުންޏެވެ.
މައުސޫމާގެ މޫނަށް ބާޒިލް ބަލަހައްޓައިގެން އިނެވެ. ސާރާ ބޭނުންވާގޮތް މައިންބަފައިންނަށް ހާމަކޮށްގެން ކުރެވުނީ ރަނގަޅު ކަމެއްބާއޭ އޭނާގެ ހިތަށް އެރިއެވެ.
"މަންމަމެން ހިތްހަމަނުޖެހޭތަ؟" ބާޒިލް އަހާލިއެވެ.
"އިތުރަށް މަންމަ އެއްޗެއް ނުބުނާނަން. ދެން ނިދަން ދޭ" މައުސޫމާ ބުންޏެވެ.
"ތާރީހު ތަންކޮޅެއް އަވަސްކުރަން ސާރާ ބޭނުންވޭ. ދޮންތަ އާ ތުއްތަ މިކޮޅަށް އަވަށް އާދޭތޯ މަންމަ ވާހަކަދައްކާލަބަލަ" ބާޒިލް ބުންޏެވެ.
"މާދަމާ ގުޅާނަން" މައުސޫމާ ބުންޏެވެ.
ބާޒިލް ނިކުމެގެން ދިޔުމުން މަޑުމަޑުން ހިނގާފައި އައިސް މައސޫމާ އިށީނީ އެނދުގައެވެ. އޭނާ އިނީ އިންތިހާއަށް ހިތަށް އަސަރުކޮށްފައެވެ. އޭނާ އާ ޖެހިގެން ޒިޔާދު ވެސް އިށީނެވެ. ލޮލުގައި އޮތް ނަންބަރު އައިނު ހިއްލާލުމަށްފަހު ދެލޮލުން ފޭދިފައިވާ ކަރުނަތައް ޒިޔާދު ފޮހެލިއެވެ. ހުރި ހަމައެކަނި ފިރިހެން ދަރިފުޅު އެފަދަ ނިންމުމެއް ނިންމީތީ އޭނާ އިނީ އިންތިހާއަށް ދެރަވެ ހިތުގައިޖެހިފައެވެ. މިހުރިހާއިރު އެއްޗެއް ނުބުނެ އޭނާ އިނީވެސް ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ.
"ކުރާނެ ކަމެއްނެތް. ކައިވެންޏަށްފަހު ބާޒިލްވެސް އެދަނީ. މައުސޫމާ.... ދަރިން ބޮޑެތިވެ އަމިއްލަ ފައި މައްޗަށް ތެދުވެވުނީމަ މައިންބަފައިން ނުވޭ އެއްވެސް އެއްޗަކަށް. އަހަރެން ހީކުރީ ތިން އަންހެންދަރީންގެ މައްޗަށް ފިރިހެން ދަރިއެއް ލިބުނީމަ އެވާނީ އަހަރެމެންގެ ނަސީބަށް ކަމަށް. ބާޒިލްގެ އަލަތު ކައިވެނި މެލެކް އާ ކުރަން އެސޮރު އެއްބަސްވީމަވެސް އަހަރެން ހީކުރީ އެއީ ވަރަށް ކިޔަމަންތެރި ދަރިއެއްކަމަށް. އަހަރެން އެއްގޮތަކަށްވެސް ހިއެއްނުކުރަން ދެވަނަ ކައިވެންޏެއްކޮށްގެން މި ގެ ދޫކޮށްފަ ކުޑަކުޑަ ދަރިއަކާ މައިންބަފައިން ދޫކޮށްފަ އެހެން ތަނަކަށް ބާޒިލް ގޮސްދާނެ ކަމަކަށް. މިގެއިން ސާރާއަށް ނުލިބޭނީ ކޮން އުފަލެއް؟ މަދުވާނީ ކޯޗެއް؟ ދެން ކޮބާ މައްސަލައަކީ؟" ހިތުގައި އުފެދުނު ޝަކުވާތައް އެއްފައްޗަކަށް ޒިޔާދު އަމުނާލިއެވެ.
"ފިކުރުބޮޑުނުވޭ" ޒިޔާދުގެ ކޮނޑުގައި މައުސޫމާ އަތްޖައްސާލިއެވެ.
"ދެން ނުބެހޭނަން ޒެއްލުގެ ދިރިއުޅުމުގެ ކަމަކާ. އެދަރިއެއް ބޭނުންގޮތަކަށް ދިރިއުޅުން ކުރިއަށްގެންދޭ. އެތާ އުޅުނަސް މިތާ އުޅުނަސް އަބުރުވެރި ދިރިއުޅުމެއް އުޅެ އުފަލުގަ ދުވަސްތައް ހޭދަކޮށްލާ. ސާރާ އާ އެކު ބާޒިލް ދިޔަސް އަހަރެމެން އެކަންޏެއްނުވޭ. ލޫލު ހުންނާނެއްނު" މައުސޫމާ ބުންޏެވެ. ހަގީގަތުގައި އޭނާ އިނީ ޒިޔާދަށް ވުރެ މާހާލުގައެވެ. އޭނާ ފިކުރުކުރާކަން ފިރިމީހާއަށް ސިއްރުކޮށްގެންނެވެ.
"އަހަރެމެން ދެމަފިރިން އެކަނިމާއެކަނި ލޫލު ގޮވައިގެން ކިހިނެއް އުޅޭނީ؟ ތައިމޫރު އައުމާއެކު ޒޭބާ މާލެދާން ފުރާނެ. އޭރުން..." ޒިޔާދު ބުންޏެވެ.
"އޭރުންވެސް އަހަރެމެން އެކަންޏެއްނުވާނެ. އެހެރީނު މެލެކް... އަހަރެންވެސް ނިންމުމެއް ނިންމައިފިން" މައުސޫމާ ބުންޏެވެ. ހައިރާންކަމާއެކު މައުސޫމާގެ މޫނަށް ޒިޔާދު ބަލައިލިއެވެ.
****
ދުވަހުގެ މެންދުރުފަހުގެ ވަގުތެވެ. މެލެކްއަށް މެންދުރުފަހު ކާންޖެހޭ ބެސްދީފައި ތަބައްސުމް ކޮޓަރިން ނިކުތީ ދެންމެއެވެ. ހިތުގެ ބައްޓަމަށް އޮތް މަޑުމަޑު ރަތްކުލައިގެ ބާލީސް މޭމަތީގައި ބާއްވާލައިގެން އޮތް މެލެކްގެ ނަޒަރު ހުއްޓިފައި ވަނީ މަތިން އެނބުރެމުން ދިޔަ ފަންކާއަށެވެ. ކައިރީގައި ނިދާފައި އޮތް ލޫލު އަށް އޭނާ ބަލައިލިއެވެ. ލޫލު މިއަދު މާގިނައިން ނިދާ ދުވަހެކެވެ. އިތުރަށް ލޫލު އާ ކައިރިވެލާފައި ލޫލުގެ ތުއްތު އަތްތިލައިގައި މެލެކް ތުންފަތް ޖައްސާލިއެވެ. އެހިނދު ނިދީގައި އޮތް ލޫލުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެހިނިތުންވުން މެލެކް އާ އެއްގޮތްވީ ބާޒިލްގެ ހިނިތުންވުމާއެކު. ބާޒިލް ހިތަށް ސިފަވުމާއެކު މެލެކްގެ މުޅި ނަފްސަށް ހިމޭންކަމެއް ވެރިވެއްޖެއެވެ. ހަނދާނަށް އައީ މިފަހުން އޭނާ އާ އެކު ބާޒިލް ހޭދަކުރި ވަގުތުކޮޅެވެ. މެލެކްގެ ހިތުގައި ސުވާލު އުފެދުނެވެ. އެދުވަހު ބާޒިލް އެހެން އުޅުމުގެ ބޭނުމެއް ކޮބާ ހެއްޔެވެ؟ ތިމާ އިންތިހާއަށް ލޯބިވާ މީހަކާ އިންނަން އުޅޭއިރު އެހެން އަންހެނެއް ކައިރިކޮށް އެފަދަ އަމަލެއް ހިންގާނީ ކޮންމެސް ނުބައި ވިސްނުމެއް އޮތީމައެވެ. ބާޒިލް އާ ސުވާލުކުރަންޖެހޭނެއެވެ. ބާޒިލް އެފަދައިން ކަންތައްކުރި ސަބަބެވެ. ބާޒިލްގެ ބޭނުމެވެ. ބާޒިލްގެ ވިސްނުމެވެ. ބާޒިލް ޖެހޭނީ ޖަވާބުދޭށެވެ.
ކަންފަތް ކައިރިން އެއްޗެއް ތެޅުވޭ އަޑު އިވުމުން މެލެކްއަށް ހިޔާލީ ދުނިޔެއިން ނިކުމެވިއްޖެއެވެ. އަޑު އައި ދިމާލަށް ބަލައިލިއިރު ކައިރީގައި ލޫލު މިއނީ އިށީނދެގެންނެވެ. ލޫލުގެ އަތުގައި އޮތީ މެލެލްގެ ފޯނެވެ. ތެޅުވުނު އަޑު އިވުނީ މެލެކްގެ ފޯނުގައި އެލުވާފައި އޮތް ރިހިކުލައިގެ ހިތްތަކެއްޖަހާފައިވާ ވާކޮޅެވެ. މެލެކް ބަލައިލިތަން ފެނުމުން ލޫކު ހަދިޔާކޮށްލީ ހިނިތުންވުމެކެވެ.
"ހެޕީ ސެވެން މަންތްސް ލަވް...." ލޫލު ނަގާ އޭނާގެ ބަނޑުމަތީގައި ބައިންދަމުން މެލެކް ބުންޏެވެ.
މެލެކް ކަމެއް ހަނދާންވި ފަދައިން އަވަހަށް ފޯނު ނަގާފައި ގަޑި ބަލައިލިއެވެ. ނަސީބަކުން ހަތަރެއްޖަހަން އަދި ވަރަށް ގިނައިރު އެބައޮތެވެ. ލޫލުގެ ހަތްމަސް ފުރޭ އުފަންދުވަހުގެ އުފަލުގައި ހެޕީކޯނާރ ގައި ކުޑަކުޑަ ޕާޓީއެއް އެބައޮތެވެ. ޒޭބާ އޮތީ އެޕާޓީއަށް ކޮންމެހެންވެސް މެލެކް އަންނަން ބުނެފައެވެ.
****
ސަލާންގޮވާލި އަޑަށް ފަހަތް ބަލައިލީ ޓީވީ ކުރިމަތީގައި އިން އައްޒާމްއެވެ. ދޮރުމަތީގައި ހުރި ބާޒިލް އާ އައްޒާމްގެ ހަތަރުކަޅި ބައްދަލުވުމާއެކު ބާޒިލް ލަދުން އިސްޖަހާލިއެވެ. އެންމެފަހުން މެލެކްގެ ބައްޕަގެ ކުރިމައްޗަށްވެސް އެރުނީއެވެ. ލޫލުގެ ޕާޓީ ހެދުން އޭނާ އަތަށްދީފައި އޭނާ އެގެއަށް ފޮނުވީ ޒޭބާ އެވެ. އެވަގުތު ގެއިން އައްޒާމް އާ ދިމާނުވޭތޯ އޭނާ އައީ ދުއާކުރަމުންނެވެ. މިފަހަރު ތަގުދީރު އޭނާ އާ އެއްބައި ނުވީތާއެވެ.
"އަސްތާ، ވަޑައިންނަވާ އެތެރެއަށް" އައްޒާމް ބުންޏެވެ.
ނުކެރި ހުރެފައިވެސް ބާޒިލް އައިސް އައްޒާމް ދެއްކި ތަނުގައި އިށީނެވެ. ބާޒިލްގެ މޫނަށް އިރުކޮޅަކު ބަލަހައްޓައިގެން އިނދެފައި އައްޒާމް ހީނލިއެވެ. ބާޒިލްއަށް ވެފައި އިންގޮތް އޭނާއަށް ފަހުމުވީ ކަހަލައެވެ.
"އެބަ އަންނަން. ބޮޑުމީހާ އަށް ވަގުތު އެބައޮތްތަ؟" އައްޒާމް އަހާލިއެވެ.
ބާޒިލް ބޯޖަހާލިއެވެ. އައްޒާމް ތެދުވެގެން ދިޔުމުން އޭނާ ހިފަހައްޓައިގެން އިން ނޭވާ މިނިވަންކަމނާއެކު ދޫކޮށްލިއެވެ. ކޮންފަދަ ލަދެއް ހެއްޔެވެ؟ އަވަހަށް ދާކަށްވެސް ދެން ނުކެރޭނެއެވެ. މިއީ ކުޑައްތަގެ ކަންތަކެވެ. ކުއްލިއަކަށް ބާޒިލް ބަލައިލީ އޭނާގެ އަތަށް އައްޒާމް އެތެރެ ނުފެންނަ ކޮތަޅެއް އެއްލުމުންނެވެ.
"މިއީ..މިއީ ކޯޗެއް؟" ހައިރާންވެފައި ބާޒިލް ބުންޏެވެ.
"ބަލާލަބަލަ" އައްޒާމް ބުންޏެވެ.
"ގެއަށް ގޮސްފަ ބަލައިލާނަން" ބާޒިލް ބުންޏެވެ. އައްޒާމަށް އަނެއްކާވެސް ހެވުނެވެ. ބާޒިލް އޭނީ އުނދަގޫވެފައެވެ. އަވަހަށް ދާން ބޭނުންވެފައެވެ.
"އިންސާނުންނަކީ ހާދަ އަވަހަށް މީހުން ކޮށްދޭ ހެޔޮކަންތައް ހަނދާންނައްތާލާ ބަޔެކޭ ދޯ. މިބުނީ ބާޒިލްގެ ވާހަކައެއްނޫން. ޒިޔާދުއަށް އަހަރެން ކޮށްދިން ކަމަކީ އިހުސާންތެރިކަމެއްނޫން. އަދި ވެދުމެއް އޮތީތީ ކުރި ކަމެއްވެސް ނޫން. އެކަން އެންމެ ބޮޑަށް ސާބިތު ތިކޮށްދިނީ ބާޒިލް. އެންމެ ފުރަތަމަ ދުވަހުވެސް ބާޒިލްގެ ލޮލުން އަހަރެން ދުށީ ހަރުދަނާކަން. އަމާނާތްތެރިކަމާ ކިޔަމަންތެރިކަން. އަހަރެންގެ މެލެކް އަށް ބާޒިލްފަދަ ނާޒާހާތްތެރި ޒުވާނެއް ހޯދައިދެވުނީތީ އަހަރެން ހާދަ އުފަލެއްކުރީމޭ. ފުރަތަމަދުވަހުވެސް އަހަރެން ޒިޔާދު ކައިރީގައި ބުނިން މި ކައިވެންޏަކީ އަހަރެން ބަދަލަކަށް ބޭނުންވެގެން ކުރި ރިކުއެސްޓެއްނޫނޭ. އަހަރެން ބުނިން ހޮސްޕިޓަލުން އަހަރެމެންގެ އުފެދުނު ރަހްމަތްތެރިކަން އިތުރަށް ގާތްކޮށްލަން ކުރެވޭ ކަމެއްގެ ގޮތުގައި ދެކޭށޭ. އަލްހަމްދުލިއްﷲ. މެލެކްގެ ދެލޮލުން އަހަރެން ދުށިން އުފާވެރި މުސްތަގުބަލެއްގެ އުންމީދުގެ ހުޅުކޮޅު. އަހަރެންގެ ދަރިފުޅު ކުރިންވެސް ބާޒިލްދެކެ ލޯބިވާކަން އަހަންނަށް އެނގުނީ ތިދެކުދިން ކައިވެނިކުރި ފަހުން. އުފާވި މެލެކް ލޯބިވާ ޒުވާނާ އޭނާއަށް ހޯދައިދެވުނީމަ. ހަމަ ދެރަވެސްވި އަމިއްލަ އެދުން އިސްކުރެވުނުކަމުގެ އިހުސާސް ކުރެވުނީމަ. މިހާރު އަހަރެންގެ ދަރިފުޅުގެ ދެލޮލުން އަހަންނަށް ފެންނަނީ ނިކަމެތިކަން. އެކަނިވެރިކަމާ ނާމާންކަން. އަހަރެން ހިތަށް އަރަނީ މެލެކްގެ ހަނދާނުން ފޮހެވިފައިވާ ހުރިހާ ކަމެއް މިވަގުތު ހަނދާނަށް އަޔަސް އެފަކީރު ވެއްޓިގެންދާނީ ހާދަ ފުން ވަޅުގަނޑަކަށޭ. ބައެއްފަހަރު ހިތަށް އަރާ އެގޮތަށް ހަނދާންނެތިފަ ހުރުން އެކުއްޖާއަށް އެއީ މާ މޮޅު ގޮތެކޭވެސް...." އައްޒާމް ފުންނޭވައެއް ދޫކޮށްލިއެވެ. ދައްކަން ބޭނުންވި ވަރަށް ވުރެވެސް ބޮޑަށް އޭނާއަށް ވާހަކަދެއްކިޖެއެވެ.
"ސޮ... ސޮ ރީ..." ބާޒިލް އަށް ބުނެވުނީ ކުރު އެންމެ ލަފްޒެކެވެ.
"ހެހެހެ... އަހަރެންގެ ހިތް ހަދަ ހުދު ބޯކިރުކޮޅެއްހާ ސާފު. މި ހަފްތާ ބަންދު ނިންމާފަ އޮފީހަށް ނިކުންނައިރު އަހަރެން މިދިން ހަދިޔާ ބޭނުންކުރައްޗޭ... އަހަރެން ދެކެނީ ދެ އަންހެންދަރިން ފަދައިން އަހަރެންގެ ދެ ފިރިހެން ދަރިންވެސް ތިބިކަމަށް. ދެ ފިރިހެންދަރިން އަހަންނާ ރުޅިވިޔަސް އަހަރެން ދާނީ އެކުދިންނާ ގާތަށް. އެއީ މާޒީގަ ކުރެވުނު ހިތި ތަޖުރިބާއިން އަހަރެން ހާސިލްކުރި އެންމެ ބޮޑު އިބްރަތް. ރައްޔާން އާ ބާޒިލް އަކީ އަހަރެންގެ ދަރިންފަދަ" އައްޒާމް ބުންޏެވެ.
ކޮތަޅު ހިފައިގެން ބާޒިލް ތެދުވިއެވެ. ސޯފާގައި އޮތް އޭނާ ގެނައި ކޮތަޅު އެއީ ލޫލުގެ އެއްޗެހިކަމަށް ބުންޏެވެ. ބާޒިލް އާ އެއްހަމަޔަކަށް ތެދުވެފައި އައްޒާމް ސަލާމަށް އަތްދިއްކޮށްލިއެވެ. އެ އަތުގައި ހިފާ ބާޒިލް ސަލާމްކޮށްލިއެވެ.
****
ހަވީރުގެ ޒިކުރުތައް ކިޔަމުން ކޮޓަރިން ނިކުތް މައުސޫމާ ދެލޯ ކުޑަކޮށްލީ ފާރުކައިރީގައި އޮތް ފުއްޕާހަންތައް ފެނިފައެވެ. ޒޭބާ އެދިޔައީ އެހުރިހާ ހަންތަކެއް އަނގައިން ފުއްޕާފައެވެ. މައުސޫމާ ދެފަރާތަށް ބޯހޫރާލާފައި ކުރިއަށް ހިނގައިގަތް ވަގުތު ހުއްޓެވުނީ ބާޒިލްގެ ކޮޓަރި ދޮރު ހުޅުވިފައި ހުރި ދޭތެރެއިން ލޯގަނޑު ކުރިމަތީގައި ހުއްޓިގެން ހުރި މީހަކު ފެނިފައެވެ. އަޅި ކުލައަކަށްދާ ކަހަލަގެ އަތްދިގު ގަމީހާއެކު ހުރި އެމީހަކީ ބާޒިލް ކަން އޭނާއަށް އެނގުނީ ބާޒިލް ކުރިމައްޗަށް އެނބުރިލުމުންނެވެ. މައސޫމާ ވަދެގެން ގޮސް އެނދުގައި އިށީނުމުން ބާޒިލް އައިސް ހުއްޓުނީ ކުރިމަތީގައެވެ. އޭނާ ލައިގެން ހުރި ގަމީހާ އެއާ ގުޅޭ އޮފީސް ފަޓުލޫނާއި ޓައީ ގެ އިތުރުން އޮފިޝަލް ބޫޓުވެސް މައސޫމާއަށް ދައްކާލިއެވެ.
"ތިއީ ކޮންކަމެއް؟ އޮފީހުގަ ކަމެއް އޮތީތަ؟" މައުސޫމާ އަހާލިއެވެ.
"ނޫން. މިއީ މެލެކްގެ ބައްޕަ އެގެއަށް ދިޔަތަނާ ހަދިޔާއަކަށް ދިން އެއްޗެއް" ބާޒިލް ބުންޏެވެ.
މައުސޫމާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ކިހާ ހިތްތިރި ބައެއް ހެއްޔެވެ؟ މިޒަމާނު ތިމާގެ ދަރިއެއް ނިކަމެތިކޮށްލި އިންސާނަކަށް ހިތްހެޔޮވާނީ ކޮން މައެއް ނުވަތަ ބަފައެއް ހެއްޔެވެ؟
"ވަރަށް ރީތި ދޯ. ވަރަށް ބްރޭންޑެޑް އެއްޗެހި މީ. ދެންމެ މި ބަލާލީ އިންޓަނެޓްގަ ޖަހާލައިގެން" ބާޒިލް ބުންޏެވެ.
"ކިހާ ރަނގަޅު ބައެއް. ޝުކުރުއަދާކުރީންތަ؟" މައުސޫމާ އަހާލިއެވެ.
"ހަނދާނެއްވެސް ނެތް. އެހެންޏަ. ނުކެރުނޭ އެހާ ގިނައިރު އިންނާކަށް" ބާޒިލް ބުންޏެވެ.
"ހާދަ ލަދެކޭ ގަތީ" ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލަމުން ބާޒިލް ބުންޏެވެ.
"ލަދޭ... ޒެއްލު ލަދުގަތޭ ބުނީމަ މަންމަ ކިހިނެއް ގަބޫލުކުރާނީ.... ދެން އެވާހަކަ ބާއްވާ. ދެން ބައްދަލުވާ ފަހަރަކުން ޝުކުރުއަދާކުރާތި" މައުސޫމާ ބުންޏެވެ.
ބާޒިލް ބޯޖަހާލުމުން މައުސޫމާ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. އެއީ ލޫލު ރީތިކޮށްގެން އައިސް މެލެކް ގޭތެރެއަށް ވަތް ވަގުތެވެ. މައުސޫމާ ފެނުމާއެކު ލޫލު އަށް ހެވިއްޖެއެވެ. އެކުއްޖާ ހައްދާލާފައި އިންގޮތުން ކޮންމެ މީހަކުވެސް ލޯބިން މަރުވާނެއެވެ. މައުސޫމާ ކައިރިވެލާފައި ލޫލު އުރާލިއެވެ. މޫނުކޮޅު ހުރިލެއް ލޯބިކަމުން މޫނުގައި ބޮސްނުދީ ލޫލުގެ އަތުގައި ބޮސްދިނެވެ.
"ކޮބާ ޒޭބައްތަ؟" މެލެކް އަހާލިއެވެ.
"ކޮޓަރީގަ ދޭބަލަ" މައސޫމާ ބުންޏެވެ.
މެލެކް އެތެރެއަށް ހިނގައިގަތެވެ. ކޮޓަރިން ނިކުތް ބާޒިލްއަށް މެލެކް ހިނިތުންވުމެއް ދިނީ ގަދަކަމުންނެވެ. މެލެކް ކުރިއަށް ހިނގައިގަތްތަނާ ބާޒިލް ގޮވާލިއެވެ.
"ކަރު..." ބާޒިލް ބުންޏެވެ. މެލެކް ވަގުތުން ދެއަތުން ބުރުގަލުގެ ދެފަރާތުގައި ޖައްސާލިއެވެ. ދެއަތުން ބުރުގާ ރީތިކޮށްލިއެވެ.
"އަދިވެސް..." ބާޒިލް ބުންޏެވެ.
މެލެކް ކުރިއަށް ވުރެވެސް ބޮޑަށް ރީތިކޮށްލިއެވެ. ދޮޅިއަށް ޖަހާފައި އިން ދަތި ނެއްޓިފައިކަން އެނގުމުން އަލުން ބުރުގަ ނަގައިގެން ނޫނީ ރީތިނުކުރެވޭނެކަން އޭނާއަށް އެނގުނެވެ.
"ވަދޭ އެތެރެއަށް" ބާޒިލް ބުންޏެވެ.
މެލެކް އެތެރެއަށް ގޮސް ހުއްޓުނީ ލޯގަނޑު ކައިރީގައެވެ. އޭނާ ބުރުގާ އެއްކޮށް ނުނަގާ ކަރު ނުފެންނާނޭހެން ބުރުގާ ރީތިކޮށްލިއެވެ. ފަހަތަށް އެނބުރި ބަލައިލިއިރު ބާޒިލް ބަލަހައްޓައިގެން ހުރިގޮތް ފެނިފައި ހައިރާންވިއެވެ.
"ސާރާ އާ ވައްތަރީތަ؟" މެލެކް އަހާލިއެވެ.
ބާޒިލް އަށް ހަމަ ދުނިޔެއަށް އާދެވުނީ ދެނެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އޭނާ ހުރީ ހިޔާލީ ކަނޑެއްގެ ތެރޭގައެވެ. މީގެ ދުވަސްތަކެއް ކުރިން މެލެކް އެތަނުގައި ކިތައްފަހަރު ރީތިވާން ހުއްޓުނު ހެއްޔެވެ؟ އެއްވެސް ހުރަހަކާ ނުލާ މެލެކްގެ އިސްތަށިގަނޑުގައި ކިތައްފަހަރު އޭނާ އަތްލި ހެއްޔެވެ؟ މިއީވެސް ހަމަ އެކޮޓަރިއެވެ. އެއްވެސް ކަމެއް ބަދަލެއް ނުވެއެވެ. ބާޒިލްއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އޭނާއަށް މެލެކްގެ ކަންތައްތަކާމެދު މާވަރަކަށް ވިސްނެނީ ކީއްވެގެން ކަމެއް ނޭނގުނެވެ.
"ސާރާ ނާދޭތަ ލޫލު ކޭކު ފަޅާ ތަނަށް" ކޮޓަރިން ނިކުންނަމުން މެލެކް ބުންޏެވެ.
ސާރާ މަތިން ބާޒިލް ހިތަށްވެސް އެރީ ދެނެވެ. ލޫލު ކޭކު ފަޅާ ތަނަށް އަންނާނެ ވާހަކަ ސާރާ އޮތީ ބުނެފައެވެ. ބާޒިލް އަވަސް އަވަހަށް ޖީބުގައި އޮތް ފޯނު ނަގާފައި ބަލައިލިއެވެ. ނަސީބަކުން ސާރާ ގޮވައިގެން އަންނާނެހާ ވަގުތު އޮތެވެ. ޑްރެސިނގޓޭބަލް މަތީގައި އޮތް ތަޅުދަނޑި ހިފައިގެން ބާޒިލް ކޮޓަރިން ނިކުތެވެ.
****
އެއީ ތަބައްސުމް އާއި މައިލީންވެސް އައިސް ވަތް ވަގުތެވެ. މައުސޫމާ އާއި ޒިޔާދުއަށް ހައިރާންކަމެއް ލިބުނީ އެދެމައިން ފަހަތުން އައިސް ވަތް އައްޒާމް ފެނިފައެވެ. އާއިލާ ކަންތައްތަކުގައި އޭނާ ބައިވެރިނުވާންވީ ސަބަބެއް ނުފެނުމުން އައްޒާމްވެސް އަންނަން ބޭނުންވީއެވެ. އައްޒާމް ފެނުމާއެކުހެން މެލެކްގެ އަތްމަތީގައި އިން ލޫލު ރޯން ފަށައިފިއެވެ. ހުރިހާ މީހުންނަށް އެއްފަހަރާހެން ހެވުނެވެ. ލޫލު ހުއްޓުވަން ޒޭބާ އާ މެލެކް ޖެހުނީ ކުޅިވަރެއް ދައްކާށެވެ. ހުރިހާ މީހުން ގޮނޑިތަކުގައި އިށީނުމާއެކު ލޫލުއަށް ހާއްސަ ކުޑަކުޑަ ޕާޓީ ފެށިއްޖެއެވެ. ކޭކު ފަޅާ ވަގުތު ޖެހުނުއިރުވެސް ބާޒިލްގެ ހިލަމެއް ނުވެއެވެ.
"ކޮބާ ޒެއްލު؟" ޒޭބާ އަހާލީ މައުސޫމާ ގާތުގައެވެ.
މައުސޫމާ މަޑުމަޑުން ޒޭބާ އާ ގާތަށް ޖެހިލިއެވެ. އޭނާ ވާހަކަދެއްކީ ވަރަށް މަޑުންނެވެ. އައްޒާމަށް އިވިދާނެކަމަށެވެ.
"ސާރާ ގޮވައިން އެބައަންނަމޭ ކިޔާފަ ދިޔައީ. އަނެއްކާ އައްޒާމް ހުއްޓަ އެހެން ނުބުނާތި. އެހެރަ އައީ" މައުސޫމާ ބުންޏެވެ.
ބާޒިލް އެކަނިހުރުމުން މައުސޫމާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އައްޒާމް ކުރިމައްޗަށް ސާރާ ގޮވައިގެން އެރިނަމަ އިހުނަށްވުރެވެސް ބޮޑަށް ދެމަފިރިން ލަދުގަތީހެވެ. ހެއްދެވިފަރާތަށް މައުސޫމާ ހަމްދުކޮށްލިއެވެ.
"ބޮޑުމީހާ ނައިސްގެނޭ މިހުންނަނީ. ބަލާބަ ލޫލު ރުޅިވެފަ އިންވަރު. މިރަށުން އަހަންނަށް ނުލިބެނީ ހަމައެކަނި ލޫލުގެ އިހުތިރާމު" ހިނިގަނޑަކަށްފަހު އައްޒާމް ބުންޏެވެ.
"އަހަރެމެންގެ ލޫލު އަދި ލޯބިވާނެޔޭ ދޯ ކާފަދެކެ" ލޫލުގެ އަތުގައި ހިފާލަމުން މައުސޫމާ ބުންޏެވެ.
ޕާޓީ ނިންމާފައި ތަބައްސުމްގެ އާއިލާ ގެއަށް ދާން ނިކުތެވެ. މެލެކް އެގޭގައި މަޑުކުރީ ލޫކު ނިދީމަ ގެއަށް ދާންވެގެންނެވެ. ލޫލުގެ ކާއެއްޗެހި ހަދަން ބަދިގޭގައި ހުއްޓާ ފަހަތުން މީހެއްގެ ހިލަންވެގެން ބަލައިލިއިރު ދޮރުމަތިން ހިޔަންޏެއް ފެނުނެވެ. އެއީ ޒޭބާކަން މެލެކްއަށް އެނގުނީ ހިޔަނީގެ ބައްޓަން ހުރި ގޮތުންނެވެ. އިތުރު މީހަކާ ޒޭބާ ވާހަކަދައްކަނީކަން އެނގުނީ ތަންކޮޅެއް ގާތަށް ދިޔަފަހުންނެވެ. ދެން އިވުނީ ބާޒިލްގެ އަޑެވެ. މެލެކް ހުއްޓުނީ އެހިސާބުންނެވެ.
"ނޭނގެ. އަންނާނަމޭ ކިޔާފަ ބަލައިދިޔައިމަ ބުނީ ބޮލެއްގަ ރިއްސާ ވާހަކަ" ބާޒިލް ބުންޏެވެ.
"އަޅާނުލާ. ނަސީބެއް އައްޒާމްބެ ހުއްޓަ ސާރާ ގޮވައިގެން ޒެއްލު ނައިކަން" ޒޭބާ ބުންޏެވެ.
މެލެކް ހައިރާންވިއެވެ. ދެމީހަކު ދައްކާ ވާހަކަ އެގޮތަށް އަޑުއެހުމަކީ އެހާ ރަނގަޅު ގޮތެއް ނޫންކަން ވިސްނި އޭނާ ދުރަށްޖެހުނެވެ. އެހެންނަމަވެސް ސިކުނޑީފައި ވަކިހިއްޕާލާފައިވާ ވިސްނުންތައް ދުރަށް ނުލެވުނެވެ. ފުރަތަމަ ކަމަކީ ހުރިހާ މީހުންވެގެން ލޫލު ލައްވާ އޭނާއަށް 'މަންމަ' ކިޔުއްވަން އުޅުމެވެ. ތަބައްސުމް އަށް މާމަ ކިޔުއްވުމެވެ. އައްޒާމްއަށް ކާފަ ކިޔުއްވަންވެސް އުޅުނީއެވެ. އެއީ މެލެކް ހިތްހަމަޖެހޭގޮތެއް ނޫނެވެ. ލޫލުގެ ހަގީގީ މަންމަ އާއި މާމަ އަދި ކާފަ ކޮންމެސް ތަނެއްގައި ހުންނާނެއެވެ. މިގޭ މީހުން ކަންތައްމިކުރާ ގޮތް ޒަމާނެއްގެ ކޮޅުންވެސް ލޫލުގެ މަންމައަށް އެނގިއްޖިއްޔާ ހާދަ ދެރަވާނެއެވެ. ލޫލުގެ މަންމަ ހޯދަންވީއެވެ. މަންމަގެ ލޯބި ލޫލުއަށް ވެސް ހައްގެވެ. ލޫލުގެ މަންމަ އައުމަކުން ލޫލު އާ މެދު ހިތުގައި އުފެދިފައިވާ ލޯބީގެ މައިވަންތަ އިހުސާސް ފިލައިގެން ނުދާނެކަން ކަށަވަރެވެ. ދެވަނަ ކަމަކީ ޒޭބާ ދެންމެ ބުނި ޖުމްލައެވެ. ބާޒިލް ސާރާ ގޮވައިގެން އައުމަކުން ބައްޕައަށް ކޮންކަމެއް ހެއްޔެވެ؟ އެއީ ބާޒިލްގެ އަމިއްލަ ކަމެއް ނޫން ހެއްޔެވެ؟
"އަރަތެއް ކަހަލަ ބައެއް. ހުވާ މިބުނީ" އަމިއްލަ ނަފްސަށް މެލެކް ބުންޏެވެ.
(ނުނިމޭ)