ވާހަކަ

ރުހުން ދީފާނުހޭ - 17

7

"ދަރިފުޅުމެން ނިދާ ކޮޓަރި ތައްޔާރުކޮށްފިންތަ؟" މައިލީން ގޮވާލުމާއެކު ތަބައްސުމް ބުންޏެވެ.

"އިހަށް މަޑުކޮށްބަލަ. މަންމަ ހާދަ ބިޒީއޭ" މައިލީން ބުންޏެވެ.

"އެންމެ ކަމެއް ނުކޮށް އޮތަސް ތަނެއްގަ ހަމަޖެހިގެން މަންމައަށް ނީނދެވޭނެ. އަދި މިތާ ފެންފޮތި އަޅާފަ ބަދިގޭ މަސައްކަތްތައްވެސް ނިންމަންޖެހޭ" ތަބައްސުމް ބުންޏެވެ.

"މިކޮޓަރީގަ އެއްވެސް މީހަކު ނުނިދާނެއްނު. މާދަމާ އަށް މިކޮޓަރީގެ މަސައްކަތް ބަހައްޓަންވީނު" މައިލީން ބުންޏެވެ.

"ކާކު ބުނީ މިތާ ނުނިދާނޭ. މިއީ މަންމަގެ ކޮޓަރި" ތަބައއްސުމް ބުންޏެވެ.

މައިލީން ހައިރާންވިއެވެ. ގޭގައި ހުރި މާމަގެ އެންމެ ކުޑަކޮޓަރީގައި ނިދަން މަންމަ ނިންމި ސަބަބު މައިލީންގެ ސިކުނޑިއަށް ވިސްނިއްޖެއެވެ. މާމަ ދުނިޔޭގައި އެކޮޓަރިއަކީ ކާޑުގެ ބާވަތްތައް ވައްދާ ފުރާފައި އޮތް ގުދަނެވެ. މާމަ ނިދި ކޮޓަރިއަކީ މާމަގެ އަމިއްލަ މަސައްކަތުން ހަދާފައިވާ އެންމެ ބޮޑު އެންމެ ރީތި ކޮޓަރިއެވެ. އެކޮޓަރީގައި ހުރި ފަރުނީޗަރަކީ ވެސް ރަށުގައި ވަޑާމުގެ މަސައްކަތްކުރާ އެންމެ ޒަމާންވީ މީހާ ލައްވާ މާމަ ހައްދާފައިވާ ފަރުނީޗަރެވެ. ފަނަރަ އަހަރު އެތަކެއްޗަށް ވިއިރު ގުޑުމެއްވެސް އަރާފައިނުވާ ވަރުގަދަ ތަކެއްޗެވެ. އަމުދުން ބައްޕަ އައިސް ހުރީ މަންމަ ނިދަންޖެހޭނީ ބައްޕަވެސް ނިދާ ތަނެއްގަ ނޫން ހެއްޔެވެ؟ ބައްޕަ ރަނގަޅުވާން މަސައްކަތް ކުރާއިރު މަންމަ ފުރުސަތު ނުދެނީ ކީއްވެ ހެއްޔެވެ؟ މަންމަ އާއި ބައްޕަގެ ދުރުކަން މައިލީން ރޮއްވާލިއެވެ. ބައްޕަގެ ދުރުކަން މަންމަ ނިކަމެތިކޮށްލިއިރު މަންމަގެ ދުރުކަން ބައްޕަވެސް ނިކަމެތިކޮށްފިއެވެ. މަންމައަކީ ހެޔޮލަފާ އަނެކާ އާ މެދު ވިސްނާ ސާދާ މިޒާޖެއްގެ މީހަކަށްވާއިރު މިކަން ވިސްނޭނެނަމައެވެ.

"މަންމާ، ކުރިން މިހެން ނުބުނަން. ޕްލީޒް،... ބައްޕައަށް މައާފްކޮށްބަލަ. މަންމަ އާ ބައްޕަ ޕީސްވެބަލަ. ބައްޕަ ދުރުކޮށްނުލާ މަންމާ. ބައްޕަ މިހާރު އެހެނީ ނުލާހިކު ބޮޑަށް ބަދަލުވެފަ" މައިލީން ހުރީ މަންމަގެ އަތުގައި ހިފާލައިގެންނެވެ. މަންމަ އަށް ބަލަހައްޓައިގެން ހުރީ ކަރުނަވީ ދެލޮލުކުންނެވެ.

"މަންމަ އާ ބައްޕަ ގެ މި މައްސަލަގަނޑުގެ ތެރެއަށް ދަރިފުޅުމެން ނުވަދޭ. ދަރިފުޅުމެން ތި ތިބީ ބޮޑެތިވެފަ. މަންމައަކީ މަންމަގެ ބެރި ރައްބަށް ހަރާންކޯރު ވާނެ މީހެއްނޫން. އެހެންވީމަ މަންމަގެ ހިތް ބުނަނީ ދަރިފުޅުމެންގެ ބައްޕައަށް މަންމަ ގެ މައާފެއް އެހީތެރިކަމެއް ބޭނުންނުވާނޭ. ކުރިންވެސް އޭނަ އުޅުނު ދިރިއުޅުން މިހާރުވެސް އުޅެވޭނެ. އަދި ދަރިފުޅުމެން ގާތު އޭނަ މިތާ ކިތަންމެ ދުވަހެއް ވަންދެން ހުއްޓަސް މަންމަ އެއްޗެއް ނުބުނާނަން" ތަބައްސުމް ބުންޏެވެ.

"މަންމާ، ގެ ހަޟްރަތުގައި ތައުބާނުވެވޭނެ ވަނީ އެންމެ ފާފައެއް. ބައްޕަ ކުރީ އެވަރުގެ ފާފައެއްތަ؟ އެކަލާނގެ އަޅުން ތައުބާވީމަ ތައުބާ ގަބޫލުކުރައްވާ މަޢާފްދެއްވާ. ވިއިރު އަޅުގަނޑުމެން އިސްނާނުންނަކީ ކޮންބައެއް؟ މަންމަ އަޅެ ވިސްނަބަލަ. ބައްޕަ ރަނގަޅުކުރަނީއެއް ނޫން. އެކަމު މަންމައަށް ކަންތައް ތިކުރެވެނީ ރަނގަޅަށްތަ؟" އިސްޖެހިފައި އިން ތަބައްސުމްގެ އަތްތިލައިގައި މައިލީން ހިފަހައްޓާލިއެވެ. އެއީ އޭނާ މަންމަ އާ ދައްކަން ބޭނުންވި ވާހަކައެއް ނޫނެވެ. އެހެންނަމަވެސް ދުވަހަކަށްފަހު ދުވަހެއް މައިންބަފައިންގެ ގުޅުން ހީނަރުވަމުންދާ މަންޒަރު ބަލަން އޭނާއަށް ކެތްނުވީއެވެ. ތަބައްސުމް ހިމޭނުން އިނދެ ރޯން ފެށުމުން އެހިސާބުން މައިލީން ވާހަކަތައް ހުއްޓާލިއެވެ. އެގޮތަށް މަންމައަށް ރޮވޭނީ ބައްޕަގެ ސަބަބުން މަންމަގެ ހިތުގައި ލެވިފައިވާ ޒަހަމްތައް ލަކުނަށް ނުވާތީއެވެ. ތުންފަތުގައި މައިލީން ދަތްއަޅާލިއެވެ. އޭނާގެ ވާހަކަތަކުން މަންމަގެ ހިތުގައި ޖެއްސިއްޖެކަން އެނގުމުން އޭނާ ދެރަވެއްޖެއެވެ.

"ސޮރީ މަންމާ" މައިލީން އަށް ވެސް އެންމެފަހުން ރޮވުނެވެ.

****

އިޝާނަމާދުން އައިސް ބާޒިލް ގެއަށް ވަތްއިރު މައުސޫމާ އާއި ޒިޔާދު ސޯފާގައި ތިއްބެވެ. މިސްކިތުން ފައިބައިގެން އެހެން ދިމާލަކަށް ގޮސްފައި ބާޒިލް އަށް ގެއަށް އާދެވުނީ ޒިޔާދަށް ވުރެ ލަހުންނެވެ. އޭނާ ލޫލު ކޮބާތޯ އަހާލީ ސޯފާގައި އިން ޒޭބާގެ ގާތުންނެވެ.

"ނިދައިފި. މިރޭވެސް މެލީ އަށް ނާދެވުނު" ޒޭބާ ބުންޏެވެ.

"ކް...ކިހިނެއްވީ؟ އަނެއްކާ މެލެކް ބަލިވީތަ؟" ބާޒިލް އަށް އަހާލެވުނެވެ.

"ސާބަސް ދަރިފުޅާ. އެގޭމީހުން ފާތިންދައިތަ ގޯއްޗަށް ބަދަލުވެއްޖެ. އެވަރުވެސް ނޭނގޭ ދޯ" ޒިޔާދު ބުންޏެވެ.

"ނޫން އެނގޭ. ހަނދާންނެތުނީ" ބާޒިލް ބުންޏެވެ.

މޭޒުމަތީގައި ބަހައްޓާފައި ހުރި ބޮޑު ވަށިގަނޑު ފެނުމުން ބާޒިލް އޭގެއާ ދިމާލަށް ބަލައިލާފައި ދެން ބަލައިލީ މައުސޫމާގެ މޫނަށެވެ.

"ތިއީ އެގޭމީހުންނަށް ވީ ކާއެއްޗެހި. ކުއްލިއަކަށް ގެ ބަދަލުވީމަ ކާއެއްޗެއް ރޯފިލުވަން އެމީހުންނަށްވެސް ދަތިވާނެ. ތި އެގެއަށް ގެންގޮސްފަ އާދެބަލަ. ޒެއްލު އައިމަ އެންމެން އެއްކޮށް ކާނީ" މައުސޫމާ ބުންޏެވެ.

ބާޒިލް ފަސްޖެހުނެވެ. އޭނާ އެހުންނަނީ އައްޒާމް ފުރައިގެން ނުދަނިސް އެމަގަށް ވެސް ނާރަންވެގެންނެވެ. ކާއެއްޗެހި ހިފައިގެން ދާން އޭނާ ހިތްވަރު ނެރޭނީ ކޮންތާކުން ހެއްޔެވެ؟ ބާޒިލް އެހެން އިނުމުން އެކަކު އަނެކަކަށް އެންމެން ބަލައިލިއެވެ.

"ދަރިފުޅު އައްޒާމް ކުރިމައްޗަށް ނާރަން ތިއުޅެނީ ކީއްވެ؟ މަންމަ އާ ބައްޕަ ކައިރީގަ ބުނިގޮތަށް އައްޒާމް ކައިރީގަވެސް ބުނަން ކެރެންވާނެއްނު ތިމަންމަ އިންނަން ބޭނުންވަނީ ސާރާ އާއޭ. ބުނަން ކެރެންވާނެ މެލެކް އަކީ ތިމަންނައަށް މަޖޫބުރުވި ލޯތްބެކޭ. ތިމާއަށް ކެރޭކަން ހަމައެކަނި މަންމަމެން ކައިރީގަ ބުނެގެން ކަމަކުނުދާނެއްނު" މައުސޫމާ ބުންޏެވެ.

"ކުޑައްތަ ދާންވީނު" ބާޒިލް ބުންޏެވެ.

އިތުރަށް ބާޒިލް އަށް އެކަކުވެސް މަޖުބޫރެއް ނުކުރެއެވެ. ބާޒިލް އަށް ދާން ނުކެރޭނެކަން މާކުރިންވެސް އެމީހުންނަށް އެނގެއެވެ. ދެރައީ ދުނިޔެ އުމުރަށް އައްޒާމް ކުރިމައްޗަށް ނާރާ ބާޒިލްއަށް ނޫޅެވޭނެތިއެވެ.

"ވަރަށް ބަނޑުހައި. މަށަކަށް ނީނދެވޭނެ. ޒެއްލު ހިނގާ ކުޑައްތަ ގޮވައިގެން ސައިކުގަ. ޒެއްލު ބޭރުގަ ހުރޭ. ކުޑައްތަ އެތެރެއަށް ވަދެފަ މި ހަވާލުކޮށްފަ ނިކުންނާނަން" ތެދުވެ ވަށިގަނޑުގައި ހިފަމުން ޒޭބާ ބުންޏެވެ. ޒޭބާގެ ފަހަތުން ބާޒިލް ހިނގައިގަތެވެ.

****

ހުރިހާ އެންމެން ކާ މޭޒު ކައިރީގައި އިންއިރު ތަބައްސުމް އަށް އެންމެ ބޮޑަށް ބެލެމުން ދިޔައީ މައިލީން އަށެވެ. މަންމަ އާއި ބައްޕަގެ މައްސަލަގަނޑުގެ ތެރެއަށް ނުވަންނަން އުޅުނަސް އޭނާއަށް ވިސްނެމުން ދަނީއެވެ. ބައްޕަ ނިކަމެތިވާކަށް އޭނާ ބޭނުމެއް ނުވެއެވެ. މަންމަ އަށް އެއްޗެއް ބުނާކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ. މަންމަގެ މަގާމުގައި މަންމަ ގޯހެއް ނޫނެވެ. މައިލީންގެ ބޮލުގައި އެންމެފަހުން ރިއްސަން ފަށައިފިއެވެ.

"ދަރިފުޅުގެ ބަތް ތަށި ބައްޕަ މޮޑެލަންދެންތަ؟" ކައިރީގައި އިން މެލެކް ގެ ބޮލުގައި އައްޒާމް ފިރުމާލިއެވެ. މެލެކް ބޯޖަހާލުމުން އޭނާ ދެ ދަރީންނަށް ބަލައިލާފައި ދެ ދަރީން ގަޔާ ކައިރިކޮށްލިއެވެ. އޭނާއަށް ވީ ތައްޓަށް ބަތް އަޅާފައި ކުޅި މަސްކޮޅު ލައިގެން އޭނާގެ އަތުން މޮޑެލިއެވެ. އޭނާ ދެ ދަރީންނަށް އަމިއްލަ އަތުންލަވާ ބަތް ކާންދެމުން ދިޔައެވެ. އެމަންޒަރު ފެނުމުން އުނދަގޫވީ ތަބައްސުމް އަށެވެ. ދަރިން ބޮޑެތިވެ މީހުންނާ އިންނަ އުމުރަށް ދިޔުމުން އެމަންޒަރު ދެކޭކަށް އޭނާ ބޭނުމެއް ނެތެވެ. އެއީ އެދަރިން ކުޑައިރު އޭނާ އެންމެ ދެކެން ބޭނުންވި މަންޒަރެވެ. އެދުވަހު ދަރިންގެ ބައްޕަ ކޮބާ ހެއްޔެވެ؟

"ދަރިފުޅުމެން އަމިއްލަ އަތުން ކާންވީނު" ތަބައްސުމް ބުންޏެވެ.

"އަމިއްލަ އަތުން ކާ ބަތް ސުވަލަށް ވުރެ މަންމަ އާ ބައްޕަ އަތުން މޮޑެލާފަ ދޭ ކާއެތިކޮޅު މާ މީރު" މެލެކް ބުންޏެވެ. ތަބައްސުމް އަށް ފާހަގަކުރެވުނެވެ. ގޭގައި އެންމެ މަދުން ކަނީ އަބަދުވެސް މެލެކްއެވެ. މިހާރު އެކުއްޖާ އެދަނީ އައްޒާމް ދިން ވަރަކަށް ކަމުންނެވެ.

"ދެން ބައްޕަ ކާންވީނު" ކައި ނިމި ފެންތަށި ބޯލަމުން މައިލީން ބުންޏެވެ. ތެދުވެ މޭޒުކައިރިން ހިނގައިގަންނަމުން މައިލީން މަންމައަށް ބަލައިލިއެވެ. މަންމަގެ ކުރިމަތީގައި ހުރި ތަށި ހުރީ ހުސްކޮށެވެ. އެއްވެސް ކާއެއްޗެއްގައި މަންމަ އަތްނުލައެވެ. މައިލީން އަށް ވިސްނުނެވެ. މަންމަ އެ އިންނަނީ ބައްޕަ ކާން ނުފަށާތީ ކާން ނުފަށައެވެ. މައިލީންގެ ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ.

"މެލީ އާދޭ އެތެރެއަށް" ހިނގައިގަންނަމުން މައިލީން ބުންޏެވެ.

ދުރުގައި ހުރި ކާތަށިތަކުން ކާއެއްޗެހި އެޅީ އައްޒާމް އަމިއްލައަށެވެ. މޭޒުގެ އަނެއް ފަޅީގައި އަނބިމީހާ އިންކަން އެނގޭއިރުވެސް އޭނާ ތަބައްސުމްއަށް އުނދަގުލެއް ނުކުރިއެވެ. ވަކިން ހުރި އަސާރަފުޅިން ސަމްސަލެއް ތަށީގެ އެއްއަރިމަތީގައި ބެއްވިއެވެ. އެމަންޒަރު ފެނުމުން ތަބައްސުމް ތެޅިގަތެވެ.

"މައިލީން...." ނިކުންނަންދިޔަ މައިލީން އާ މެލެކް އެއްކޮށް ހުއްޓުނެވެ. ތަބައްސުމްގެ އެގޮވާލުމުގައި ސިހުމެއްގެ އަސަރު ހުރިކން އެ ދެކުދިންގެ އިތުރުން އައްޒާމް އަށް ވެސް އިހުސާސްވިއެވެ. ސިހިފައި އޭނާވެސް އެއްފަހަރު ތަބައްސުމް އަށް ބަލައިލިއެވެ.

"ތިއީ ކެރެޓް އަސާރަ. ތިއަށް ހުންނާނީ ރާހުތް އަޅާފަ" ތަބައްސުމް ތެދުވެގެން ހިނގައިގަތެވެ.

ވަޓް؟ އަސާރައޭ. ކޮބާ އަސާރަ؟ ކީއްވެ ދޮނާއަށް ގޮވާފަ" މެލެކް ބުންޏެވެ.

ހީލާފައި މެލެކްގެ އަތުގައި ހިފާ ދަމަމުން މައިލީން ދިޔައީ ކޮޓަރި އާ ދިމާލަށެވެ.

ބަތްތައްޓަށް ބަލަހައްޓައިގެން އިން އައްޒާމްގެ ނަޒަރު ހުއްޓިފައި ހުރީ ތައްޓަށް އޭނާ ލި އަސާރަ ސަމްސަލަށެވެ. މަޑުމަޑުން އޭނާގެ ދެތުންފަތް ދެފަރާތަށް ދެމިލައިފިއެވެ. މީގެ ޒަމާންތަކެއް ކުރިން އޭނާއަކީ އެކިވައްތަރުގެ ކާއެއްޗިއްސަށް އެލާޖިކުވި މީހެކެވެ. ޑޮކްޓަރީ ބޭސްތަކުން މުޅިއަކުން އެކަން ރަނގަޅު ނުވެއެވެ. އަދިވެސް ބައެއް ކާއެއްޗިއްސަށް އޭނާ އެލާޖިކުވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހެއެވެ. މިފަހަރު އައްޒާމަށް ހެވުނީ އެކަން އަދިވެސް ތަބައްސުމްގެ ހަނދާނުގައި ހުރުމުންނެވެ. އަދިވެސް ތަބައްސުމް އޭނާއަށް އަޅާލާކަން މިއަދު އޭނާއަށް އިހުސާސްވެއްޖެއެވެ.

****

ހުސް ޖަގު ހިފައިގެން ކޮޓަރިން ނިކުތް ސިހާމާއަށް ގޯތިތެރޭގައި ހުރި ޖޯލީގައި އޮތް ސާރާ ފެނުމުން ޖޯއްޔާ ކައިރިކޮށްލިއެވެ. ފޯނާ ކުޅެން އޮތްއިރު ސާރާގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން އޭނާ ވާހަކައެދައްކަނީ ބާޒިލް އާ ކަން އެނގެއެވެ. ކައިރީގައި އިށީނދެފައި އުނގުގައި ޖަގު ބޭއްވިއެވެ. ސާރާ އަށް ސިހާމާއަށް ބަލައިލިއެވެ.

"ހާދަ އުފަލުން އިން ރެއެއް. ދެކުދިންގެ މެދު ޖެހުނު ކުނިބުނިތައް މިހާރު ރަނގަޅުވީތަ؟" ސިހާމާ އަހާލިއެވެ.

"ހޫމް... ޒެއްލު ބުނި އަހަރެން އެދޭގޮތަށް ކަންތައް ކޮށްދޭނަމޭ. ޒެއްލު ބުނީ މިފަހަކަށް އައިސް މައްސަލަތައް ޖެހިޖެހި ތިމަންނަ ވަރުބަލިވެއްޖޭ. އެހެންވާކަށް ބޭނުމެއްނޫނޭ" ސާރާ ވާހަކަދެއްކީ ހިނިއައިސްފައި އިނދެއެވެ.

"ތިވީ މާރަނގަޅަކަށްނު. މިއަދު ދައްތަ އާ މަގުމަތިން ދިމާވެގެން މައުސޫމާ ވަރަށް ވާހަކަދެއްކި. މައުސޫމާ ގެ ވާހަކަތަކުގައި ހުރިހާވެސް މައްސަލައަކީ ސާރާ. ދައްތަ އޮންނާނީ މައުސޫމާއަށް ދޭންވާ ޖަވާބުދީފަ" ސިހާމާ ވާހަކަދެއްކިއެވެ.

"ޒެއްލުގެ މަންމަ އަހަންނަކަށް ގޯހެއްނޫން" ސާރާ ބުންޏެވެ.

"އެއީ ހަމަ ދަޅަ. އިނދެގެން ދިޔައިމަ ސާރާއަށް އެނގޭނީ މައިދައިތަންއިންގެ ނުބައިކަން. އެހެންނޫނަސް އެމީހުންގެ ރަން ދަރިއަކީ މެލެކް އެއްނު. އެނގޭތަ މެލެކްގެ މުއްސަނދި ބައްޕަ ދުރުވެގެން އުޅޭކަން. އެގެވެސް އުޅެނީ ތިން ބުރިއަށް ހިއްލާލަން. އެވަރުގެ ޖަވާހިރެއް އަތުން ދޫވާން މައުސޫމާ ބޭނުންވާނެތަ؟ ދުވަސްކޮޅަކުން މިރަށުގަ ނުހުންނާނެ އެ އާއިލާ އަށް ވުރެ ފޯރާ ބަޔަކު. އެމީހުންގެ ކުރިމަތީގަ އަހަރެމެން ނިކަމެތިން ވާނެތަ ބަޔަކަށް" ސިހާމާ ވާހަކަދެއްކިއެވެ.

"އަހަރެން ހާހެއްނުވޭ ދައްތާ. ޒެއްލު ލޯބިވަނީ އަހަރެންދެކެ. ތިބުނާ މުއްސަނދިކަމަކަށް ޒެއްލުގެ ހިތް ހޭނޭހާ ދުވަސް ވެއްޖެއްނު. މެލެކްދެކެ އޭނަ ލޯބިވާނަމަ ދަރިއަކު ލިބުނީމަ މެލެކް ދުރުކޮށް ނުލާނެއްނު. ބައެއްފަހަރު އަހަރެން ހިތަށްއަރާ ޒެއްލުއަށް ޝައްކުކުރެވެނީ އަހަރެން ގަމާރުކަމުންނޭ... ހެހެހެ..." ސާރާ އިނީ ވަރަށް ރަނގަޅު މޫޑެއްގައެވެ. އެހެންކަމުން މިވަގުތު އޭނާއަށް ބާޒިލްގެ އެއްވެސް އުނި ސިފައެއް ނުފެނެއެވެ.

"ސާރާ އަށް ގުދުރަތުން ދެއްވާފައިވާ ތިވާ ރީތިކަމަކީ ތިދިމާލަށް ބާޒިލް ލެނބިފަ ހުރި ސަބަބު. ސާރާއަކީ މެލެކް އާ އެއްތަނެއްގައި ހުރެވޭނެވެސް މީހެއްނޫން. ކައިވެންޏަށްފަހު ދަރިއަކު ނުހޯދާތި. ސާރާގެ ބައްޕަ ބުނާނެ ތިމަންނަ ކާފަ ދަރިއެއް ބޭނުންވެޔޭ. އެކަމަކު ދައްތަ ބޭނުމެއްނޫން އެހާ އަވަހަށް ދޮންމާމައަކަށް ވާކަށް" ހީނލަމުން ސިހާމާ ބުންޏެވެ. ސާރާއަށް ވެސް ހެވުނެވެ. އޭނާއަށް ލިބިފައިވާ ދޮންމަންމައަކީ ނަސީބަކުން އޭނާ އާ ގުޅޭ އުމުރަށް ވުރެ ޅަކޮށް ހުންނަ އަންހެނެކެވެ.

"މާމަގެ ފަހުގެ ހަބަރަކީ ކޮބާތަ؟ މިއަދު އެއްކޮށް މިދަނީ ބައްޕަ ގުޅާނުލާ" ސާރާ ބުންޏެވެ.

****

މަގުމައްޗަށް ނިކުންނަން ދިޔަ މެލެކް އަށް ސިޓިންގރޫމުގައި ހުރި ތަބައްސުމް ގޮވާލިއެވެ. ކައިރިއަށް ގެނެސްފައި މެލެކް އަތަށް ދިނީ ދުފާ ތަބަކެވެ. އޭގައި ދުފުމަށް ބޭނުންވާނެ ހުރިހާ ސާމާނެއް ހުއްޓެވެ. ތަބަކުގައި ހިފާފައި މެލެކް މަންމައަށް ބަލައިލިއެވެ.

"މަންމަ ރުޅިއައިސްފައި ހުއްޓަސް އަސްލު ބައްޕައަށް ކެއާ ކުރެވޭ ދޯ" ހިނިއައިސްފައި މެލެކް ބުންޏެވެ.

"އެއީ ތިދެބެންގެ ބައްޕައެއްނު. މަންމަ ކިހިނެއް އެގުޅުން ކަނޑާނީ" ތަބައްސުމް ބުންޏެވެ. އޭނާ އެތެރެއަށް ވަނީ މެލެކް ހިނގައިގަތުމުންނެވެ.

މެލެކް ނިކުތްވަގުތު އެއީ އައްޒާމް ފޯނުގައި އޮވެފައި ނިންމާލި ވަގުތެވެ. މެލެކް ފެނުމުން އައްޒާމް ހީލާފައި ކައިރީގައި އިށީންނަން ތަން ދެއްކިއެވެ.

"މަންމަ ދިން އެއްޗެއް" ކައިރީގައި އިށީންނަމުން މެލެކް ބުންޏެވެ.

އައްޒާމް އޭގައި ހިފިއެވެ. އޭނާގެ ހިތަށް ހިތްހަމަޖެހުމެއް ލިބުނެވެ. އަދި ގެއަށް އައިފަހުން އޭނާއަށް ތަބައްސުމް އިސްއުފުލާ ބަލައިވެސްނުލައެވެ. އޭނާ ހާލު އަހާލުމުންވެސް ތަބައްސުމްގެ ފަރާތުން ލިބުނީ ރުންކުރު ޖަވާބެކެވެ. ހަމަޖެހިގެން އަނބިމީހާ އާ ވާހަކަދައްކާލަން އޭނާ އިނީ ނުހަނު ބޭނުންވެފައެވެ. އެވަގުތު ސީދާ އޭނާއަށް ދޭން ތަބައްސުމް ބޭނުންނުވާކަންވެސް އޭނާއަށް އެނގެއެވެ. ތަންމަތި ވަކިކޮށް އޭނާ އާ އެކަހެރިވެގެން ނިދަން ތަބައްސުމް ބޭނުންވީތީ އޭނާ އެއިނީ ތަބައްސުމްގެ އެ ނިންމުމަށްވެސް އިހުތިރާމު ކޮށްގެންނެވެ. ތަބައްސުމް އާ މެދު އޭނާގެ ހިތުގައި އެއްވެސް ޝަކުވާއެއްނެތެވެ. އޭނާއަށް ނޭނގެނީ އޭނާ އާ ތަބައްސުމް އާ ދެމެދު ލެވިފައިވާ ފާރު ނެތިގެންދާނެ އިރެކެވެ. އޭނާއަށް އެނގެނީ ދުވަހަކުވެސް ދެން އޭނާ އަނބިމީހާ އާ ދެ ދަރީން ދޫކޮށްފައި ނުދާނެ ކަމެވެ. ފަހުނޭވައަށް ހަމައަށް އޭނާ ހިދުމަތްކުރާނީ އަނބިދަރިންނަށްކަމެވެ.

"ކޮބާ ދޮނާ؟ މިހާރު ނިދީތަ؟" މެލެކްގެ ބޮލުގައި ފިރުމާލަމުން އައްޒާމް އަހާލިއެވެ.

"ކޮންތާކު؟ ދޮނާއަށް ހުންނާނީ މުސާރަ ނުލިބޭ ވަޒީފާއެއް ހަވާލުކޮށްފަ. އެއީ އަޅުގަނޑު ނިދާ ގަޑީގަ ބޭސްދޭން. މަންމަ އާ ދޮނާއަކީ އަޅުގަނޑުގެ ނަރުސް"ހިނިތުންވެލައިގެން އިނދެ މެލެކް ބުންޏެވެ.

"ހެހެހެ... އެހެންވީމަ ބައްޕަ މިޖެހުނީ ދޮނާއަށް މުސާރަދޭކަށްނު" އައްޒާމް ބުންޏެވެ.

"އުނހު ދޭނެކަމެއް ނެތް. ބައްޕަ އަޅުގަނޑަށް މުސާރަ ދޭންވީނު. މަންމަވެސް ދޮނާވެސް ބޭނުމެއްނުވޭ އަޅުގަނޑު ވަޒީފާއަކަށްދާކަށް" މެލެކް ބުންޏެވެ.

"ދަރިފުޅަށް ކަމަކަށް ދަތިވަނީތަ؟ ބުނޭ ބައްޕަ ކައިރީގަ" އައްޒާމް ބުންޏެވެ.

"ދައްޗެއްނުވޭ. އެކަމުވެސް މިރަށު އަޅުގަނޑު އުމުރުގެ ގިނަ ކުދިންނަކީ ވަޒީފާތަކަށްދާ ކުދިން. އަމިއްލަ އަށް މަސައްކަތްކޮށްގެން ލިބޭ ފައިސާ އިން އަމިއްލަ ހަރަދުތައް ބެލެހެއްޓުމަކީ މުޅިން އެހެން ދަރަޖައެއްގެ އުފަލެއްނު އެހެންވެ" މެލެކް ބުންޏެވެ.

"ދަރިފުޅު ވަޒީފާއަދާކުރަންވީމަ ބައްޕަ ބުނާނަން. އިހަށް ގޭގަ ހުރެގެން ލޫލު ބަލާ. އެއީ މެލީގެ ވަޒީފާއަކީ. ކިހާ ހިތްގައިމު ވަޒީފާއެއް. ލޫލު ދުނިޔޭގައި ހުރިހާ ދުވަހަކު އެއީ ދަރިފުޅުގެ ވަޒީފާ. އެ ވަޒީފާގެ ސަވާބާ ދަރުމަ ދަރިފުޅަށް ނުފެނުނަސް ދަރިފުޅުގެ ހެޔޮކަމުގެ ތިލަފަތަށް ކޮންމެދުވަހަކު އެދަނީ ޕޮއިންޓް އިތުރުވަމުން. ދަރިފުޅު ތީ އެއްވެސް ކުށެއްނެތް މައުސޫމް ކުއްޖެއް. ތިއީ ބައްޕަގެ ފުރާނަފަދަ ލޯބިވާ ދަރިފުޅު. ދަރިފުޅަށް ބާޒިލް ހެޔޮތަ؟ ވާހަކަދައްކާތަ؟" އައްޒާމް ވާހަކަދެއްކިއެވެ.

މެލެކް ހައިރާންވިއެވެ. ބައްޕަ އާ އޭނާގެ ވާހަކަތަކުގެ މެދުން ބާޒިލްގެ ވާހަކަ އައީ ކީއްވެގެން ހެއްޔެވެ؟ އޯހް... އެވާނީ ލޫލުގެ ބައްޕައަށް ވީތީ އެހިކަމަށެވެ.

"ބާޒިލް އޭ. އެއީ ވަރަށް ފޮނި ފިރިހެނެއް. ހިތަށް އެރިއްޔާ ވާހަކަދައްކާނެ. ހިތަށް އެރިއްޔާ ނުދައްކާނެ... ހެޔޮ ކޮންމެހެން ނުދެއްކިޔަސް އަޅުގަނޑަށް ކޮންކަމެއް؟ އެގޭގަ ލޫލު ނެތްނަމަ އޭނަ ފެންނަ ހިސާބެއްގަވެސް ނުހުރީމުސް" މެލެކް ވާހަކަދެއްކިއެވެ.

މެލެކްގެ ވާހަކަތަކުން އައްޒާމްގެ ހިތުގައި ރިއްސާލިއެވެ. އޭނާ ކިތަންމެ ބޭނުންނުވިޔަސް ތަބައްސުމް ބުނި ފަދައިން މެލެކް އާ މެދު އެވަނީ ކަންތައްވެފައެވެ. ލޯބިވާ ހަގު ދަރިފުޅުގެ މޫނަށް އޭނާ ބަލަހައްޓައިގެން އިނީ ހަމްދަރުދީގެ ނަޒަރަކުންނެވެ.

"ދަރިފުޅު ލޫލުދެކެ ވަރަށް ލޯބިވޭތަ؟" އެހެން އިނދެފައި އައްޒާމް އަހާލިއެވެ.

"އޮފްކޯޒް ބައްޕާ. މަންމަ ނެތް ކުޑަކުޑަ ދަރިއެއް. ލޯބިވާނެއްނު. ހީވަނީ އަޅުގަނޑުގެ އުފަން ދަރިއެއް ގެންގުޅެވޭހެން. މި ބާޒިލް އިންނަން އުޅޭ އަންހެންމީހާ ލޫލު ނުގެންދިޔައިއްޔާ ރަނގަޅީވެސް.... " ވިސްނުމެއް ފިކުރެއްނެތް މެލެކް ބުނަމުން ދިޔައެވެ. ކުއްލިއަކަށް މެލެކްގެ އަނގަމަތީގައި އައްޒާމް އަތް އެޅިއެވެ.

"ދެން ތިހެން ނުބުނާތި. ލޫލު އަކީ މަންމަ ނެތް ކުއްޖެއްނޫން. ލޫލުގެ މަންމަވެސް ދެފަރާތުގެ މާމަ ކާފަ ވެސް ދެފަރާތުގެ ބޮޑުދައިތައިންވެސް އެބަތިބި. އަދި އެމީހުން ލޫލުދެކެ އިންތިހާއަށް ލޯބިވޭ" އައްޒާމް ބުންޏެވެ.

"ބައްޕައަށް އެނގޭތަ ލޫލުގެ މަންމަ. ބޭނުން ބައްދަލުކުރާން" މެލެކް ބުންޏެވެ.

'އާނ އެނގޭ" މެލެކްގެ އަތްތިލަ ނަގައި އޭނާގެ އަތްތިލައިގެ ތެރެއަށް ލަމުން އައްޒާމް ބުންޏެވެ.

"ތީއެއްނު ލޫލުގެ މަންމަ"

ހައިރާންކަމާއެކު އައްޒާމަށް ބަލަހައްޓައިގެން އިނދެފައި މެލެކް ހީލިއެވެ. "ތިހެން އަސްލަށްވެސް ވާނެނަމަ" އޭނާ އައްޒާމްގެ ކޮނޑުގައި ބޯ އަޅާލިއެވެ.

****

މެންދަމު ބާރަޖަހަން އުޅެނިކޮށް ކޮޓަރީ ދޮރުގައި ޓަކިޖަހާލި އަޑު އިވުމުން މައުސޫމާ ދޮރުހުޅުވާލިއެވެ. ކުރިމަތީގައި ހުރި ބާޒިލް ފެނުމުން އޭނާ ދަރިފުޅު އެތެރެއަށް ވަންނަން ބޮޑަށް ދޮރު ހުޅުވާލިއެވެ. ބާޒިލް އައިސް އިށީނީ މަސައްކަތެއްކުރަން މޭޒު ކައިރީގައި އިން ޒިޔާދު ކައިރީގައެވެ. މައުސޫމާވެސް އައިސް ބާޒިލްގެ މޫނު ފެންނަ ހިސާބުގައި މަޑުކޮށްލިއެވެ.

"މަންމަ އާ ބައްޕަ ކައިރީގަ ވާހަކައެއް ބުނަންވެގެން" ބާޒިލް ބުންޏެވެ.

"އަވަހަށް ބުނޭ. މުހިންމު ވާހަކައެއް ނޫންނަމަ މިކަހަލަ ގަޑިއެއްގަ ނާންނާނެ" ޒިޔާދު ބުންޏެވެ.

"ކައިވެނިކޮށްގެން ސާރާ ބޭނުންވަނީ އެގޭގަ ހުންނަން. މިބުނީ އަހަރެމެންގެ ދެމީހުން އެގޭގަ ދިރިއުޅެން" ބާޒިލް ބުންޏެވެ.

އެއްޗެއް ނުބުނެ މައުސޫމާ އާއި ޒިޔާދު އެކަކު އަނެކަކަށް ނަޒަރެއް ދިނެވެ. ފިރިހެން ދަރިފުޅުގެ އެ ބުނުން ދެމަފިރިންވެސް ހިތްހަމަނުޖެހުނެވެ. އެހެންނަމަވެސް އެކަކުވެސް އެއްޗެއް ނުބުނެ ބާޒިލް އަށް ބަލައިލިއެވެ.

"ކައިވެންޏަށްފަހު ސާރާ ބޭނުންވަނީ ވަރަށް މިނިވަން ދިރިއުޅުމެއް. މިބުނީ އިހަށް ލޫލު...."

"ލޫލު އާ މެދު ޒެއްލު ވިސްނާކަށް ނުޖެހޭނެ. ލޫލުގެ މަންމަ ދުނިޔޭގައި އެބަހުރި. ކޮންމެ ހާލެއްގަ އުޅެން ޖެހުނަސް މެލީ ލޫލު ބަލާނެ. މިހާރުވެސް ލޫލު އަކީ އޭނާގެ އުފަން ދަރިއެއްކަން ނޭނގޭ ހާލު އެކުއްޖާގެ ހުރިހާ ކަމެއް މެލީ އެދަނީ ކުރަމުން" ބުނެވުނީ ހަރުކަށިކޮށްކަން މައުސޫމާއަށް އެނގުނީ ބަސް ބުނި ފަހުންނެވެ. އޭނާ ފުންނޭވައެއް ދޫކޮށްލާފައި ހަމަޖެހިލިއެވެ.

"ޒެއްލު ބޭނުންގޮތަކަށް ނިންމާ. މައިންބަފައިންގެ ރުހުން ތިކައިވެންޏަށް ދިނީމެއްނު" މައުސޫމާ ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟