"އަހަރެން ހަމަ އެހެން އަހާލީ. ޝައްކޭ ތިބުނަނީ އަތުން ބީވާން ނޭދެންޏާ ލޯބީގަ ތިބުނާ ބައިތައްވެސް އޮންނާނެ. އިތުބާރަކީ ޝައްކާ ގުޅިފައިވާ އެއްޗެއް ނޫން. ޒެއްލުއަށް އަހަރެން އިތުބާރުކުރަން" ސާރާ ބުންޏެވެ.
"އެނގޭ. އަހަރެން ސާރާދެކެ ލޯބިވަނީ" ސާރާގެ މޫނުގައި ފިރުމާލަމުން ބާޒިލް ބުންޏެވެ.
"އަހަރެން ގެއަށް ގެންގޮސްދީފަ ދާންވީނު" ސާރާ ބުންޏެވެ. ސާރާގެ އަތުގައި ހިފައިގެން ބާޒިލް ދިޔައީ ލާރި ދައްކަން ކައުންޓަރު ކައިރިއަށެވެ.
****
ފިހާރައިން ނިކުތްވަގުތު މައުސޫމާގެ ހިނގުން ބާރުވީ އިންޖީނުގެ އާ ހަމައިގައި އެހެން ބަޔަކާ ވާހަކަދައްކަން ހުރި ސިހާމާ ފެނިފައެވެ. އޭނާ ސިހާމާ އާ ވާހަކަދައްކަން ބޭނުންވެފައި ހުންނަތާ ދެތިން ދުވަސް ވެއްޖެއެވެ. ރަނގަޅު ފުރުސަތެއް ނުލިބޭތީ އަދި އެވާހަކަ ނުދެއްކިފައެވެ. ސިހާމާ ދިރިއުޅޭ މާޖެހިގެ އަކީ އެއްވެސް އިރެއްގައި އޭނާ ވަދެ އުޅޭ ގެޔަކަށް ނުވާތީ އާވެސް އެކުގައެވެ. މައުސޫމާ އަށް އެހިސާބަށް ދިޔުމުގެ ކުރިން ސިހާމާ ހިނގައިގަނެއްޖެއެވެ. ސިހާމާއަކީ އިސްކޮޅުން ދިގު ހިމަތޮޅިކޮށް ހުންނަ އަންހެނަކަށްވުމުން އޭނާގެ ހިނގުން އާދަޔާހިލާފަށް ބާރެވެ. މައުސޫމާއަށް ސިހާމާ އާ އެއްވަރު ކުރެވުނުއިރު ގެއާ ތަންކޮޅެއް ގާތަށް އާދެވިއްޖެއެވެ.
މައުސޫމާ ސިހާމާއަށް ހިނިތުންވުމެއްދިނެވެ. ދުވަސްގަނޑެއްކޮށްލާފައި ދިމާވުމުން އޭނާ ސިހާމާގެ ހާލު އޮޅުންފިލުވާލިއެވެ. އެދަނޑިވަޅުގައި އޭނާ ސާރާ ކޮބައިތޯވެސް އެހިއެވެ.
"ލަސްނުވަންޏާ އަހަރެން މިދައްކާ ވާހަކަ އަޑުއަހާލާފަ ދާންވީނު" މައުސޫމާ ބުންޏެވެ.
ސިހާމާ ބޯޖަހާލުމުން ދެ އަންހެނުން އައިސް އިށީނީ ހެޕީކޯނާރ ކައިރީގައި ހުރި ޖޯލިފަތީގައެވެ.
"ކޮންވާހަކައެއް؟" ސިހާމާ އަހާލިއެވެ.
"ސާރާ އާ ބާޒިލްގެ ވާހަކައެއް" މައުސޫމާ ބުންޏެވެ.
ސިހާމާގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވިއެވެ. ސާރާ އާ ގުޅޭގޮތުން މައުސޫމާ ދައްކަންޖެހޭ ވާހަކައެއް އޮންނާނެބާއޭ ހިތަށް އެރިއެވެ. މައުސޫމާ ނުބުންޏަސް އެވާހަކަތައް ގުޅިފައިވާނީ ކޮންކަމަކާ ކަން ސިހާމާއަށް ފަހުމުވިއެވެ. އޭނާގެ ހިނިތުންވުން ފަނޑުވެގެން ދިޔައީ އެހެންވެއެވެ.
"އެއްޗެކޭ ހީނުކުރައްޗޭ. އަހަރެންގެ ބާޒިލް ސާރާ އާ ކައިވެނިކުރަން އުޅޭތީ އަހަރެން އެކަމާ ބުނާ އެއްޗެއް ނޫން. އެކަމަކީ އަހަރެމެންގެ ދެމަފިރިންގެ ރުހުމާއެކު އޭނާ ކުރަންއުޅޭ ކަމެއް. ކައިވެންޏަށްފަހު އަހަރެންގެ ދެން ތިބި އަންހެންދަރިންނާ ސާރާ އާ ތަފާތެއް ނުކުރާނަން. އިންނަން ކިޔާއިރު މިހާރުވެސް ކޮށްފައެއް ނޯންނާނެ" މައުސޫމާ ވާހަކަދެއްކިއެވެ. އެއް އިނގިލިން އަނެއް އަނެއް އަތުގެ އިނގިލީގައި އޮތް އަނގޮޓި އާ ކުޅެން އިން ސިހާމާ މައުސޫމާގެ މޫނަށް ބަލައިލިއެވެ.
"ދެން؟ ދެން އެކުދިންގެ ކޮންވާހަކައެއް؟" ސިހާމާ އަހާލިއެވެ.
"ބުނަން މިއުޅެނީ ސާރާގެ މަޔަކީ ސިހާމާ އޭ. ސާރާ އަށް ވިސްނައިދޭށޭ. މެލެކް އަކީ ބާޒިލްގެ ދަރިފުޅުގެ މަންމަ. އެދަރިފުޅު މިދުނިޔޭގައި ހުރިހާ ހިނދެއްގައި ބާޒިލް އާ މެލެކް ކިތަންމެ ދުރުގައި ތިއްބަސް އެދެމެދުގައި އޮތް ގުޅުމެއް ނުކެނޑޭނެ. ސާރާއަކީ މައުސޫމު އަންހެންކުއްޖެއް. އަހަރެމެން ބޮޑެތިމީހުން މިގޮތަށް އެ މަންޖެއަށް ވިސްނައިދިނީމަ ނޫނީ ނުވިސްނޭނެ. ވިސްނައިދިނީމަ އެއީ ވިސްނޭނެ ކުއްޖެއް" މައސޫމާ ވާހަކަދެއްކިއެވެ.
"ތިގޮތަށް އަހަރެން އޭނައަށް ވިސްނައިދޭނަން. އެކަމަކު ސާރާގެ މަގާމުގައި ސާރާ ގޯހެއްނޫން. އޭނާ ހިތާފުރާނައިން ބާޒިލްދެކެ ލޯބިވޭ. ލޯބިވާމީހާ ދެވަނަ ފަހަރަށް ގެއްލިދާނެކަމުގެ ބިރު އޭނާގެ ހިތުގައި އޮންނާނެ ދޯ އެއްފަހަރު ގެއްލިފަ ހުރީމަ. އަހަންނަށް ހީވަނީ ބާޒިލްވެސް ވިސްނަންޖެހޭނެހެން. އެހެންނޫނަސް އެކަކު އަނެކަކުދެކެ ނުލާހިކު ލޯބިވާ ދެކުދިން. އެކުދިން ދިރިއުޅުން ކުރިއަށް ގެންދާނެގޮތެއް އެނގޭނީ އެކުދިންނަށް. އެއީ އަހަރެމެން ބެހެންޖެހޭ ކަމެއް ނޫނެއްނު" ސިހާމާ ވާހަކަދެއްކިއެވެ.
މައުސޫމާ ފުންނޭވައެއް ދޫކޮށްލިއެވެ. ސިހާމާއާ އޭނާ ވާހަކަދެއްކީ އެކަމުގައި ރަނގަޅު ޖަވާބެއް ސިހާމާގެ ފަރާތުން ލިބޭނެކަމަށް އުންމީދުކޮށްގެނެއް ނޫނެވެ. ސާރާ އާ ވާހަކަދެއްކުމުގެ ކުރިން ވާހަކަދައްކާލަން ބޭނުންވީއެވެ. އެކަމަކު ސިހާމާގެ ވާހަކަތައް ހުރިގޮތުން ކުރެވުނީ ބޭކާރު ކަމެއްކަން މައުސޫމާ އަށް އެނގިއްޖެއެވެ.
"އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެ.... މިހާރު ސަންފަދައިތަ ކިހިނެއްތަ؟" މައުސޫމާ އަހާލިއެވެ. އިތުރަށް އެ މައުޟޫ އަށް ވާހަކަދެއްކުން ހުއްޓާލިއެވެ.
****
ހިރުނދު ގަހުގައި އެލުވާފައި ހުރި ޖޯލީގައި ލޫލު އުނގަށް ލައިގެން އޮން މެލެކްއަށް ބަލައިލާފައި ހަނޑޫ ދޮންނަން ތަބައްސުމް ޖެހުނީ ވަޅު ކައިރިއަށެވެ. ގޭތެރެއިން ބޭނުންކުރާ އެއްޗެހި ނެރުމުގައި ރައްޔާން ފޮނުވި ބިދޭސީއެއް އުޅުނެވެ. ހަނޑޫ ތެލި ހިފައިގެން ބަދިގެ އާ ދިމާލަށް ދަމުން މެލެކް އަށް ތަބައްސުމް ބަލައިލިއެވެ.
"ދަރިފުޅާ ލޫލު އެގެއަށް އިހަށް ގެންދަންވީނު. ގޭތެރެ އެއްކޮށް މިހުސްވީނު" ތަބައްސުމް ބުންޏެވެ.
"މެންދުރު ކައިގެން މާމަގެއަށް ދަމުން ގެއަށް ލާނީ. މަންމަ އަވަސްކޮށްބަލަ"މެލެކް ބުންޏެވެ.
"ދެން އެހެންވިއްޔާ ބުށްފުޅިއެއް ހަދާލަންވީނު" ތަބައްސުމް ބުންޏެވެ.
ލޫލު ގޮވައިގެން މެލެކް ތެދުވަން އުޅުމުން ތަބައްސުމް އިހަށް މަޑުކޮށްލާށޭ ބުންޏެވެ.
"މޭޒު މަތީގައި އެހެރީ ލޫލުގެ ސާމާނު. މެލީ އެތަނަށް ގާތްވިއްޔާ ހުރިހާ އެއްޗެއް ހުންނާނީ ބިންމަތީގަ. މަންމަ ބަތްތަވާ އުދާލާފައި ނިކުމެ ބުށްފުޅި ހަދާލާނަން" ތަބައްސުމް ބުންޏެވެ.
ލޫލު ގޮވައިގެން ސަކަރާތުގައި އިން މެލެކް ބަލައިލީ ދޮރާއްޓާ ދިމާލުން ބަރު ފިރިހެން އަޑެއް އިވިގެންނެވެ. އޭނާ ފަހަތަށް އެނބުރި ބަލައިލިއެވެ. ހުޅުވިފައިވާ ދޮރު ދޭތެރެއިން އަލި ނޫކުލައެއްގެ ގަމީހެއް ލައިގެން ހުރި އިސްކޮޅުން ދިގު މީހެއް ފެނުނެވެ. އެމީހަކު ހުރީ ބޭރުގައި ހުރި މީހަކާ ވާހަކަދައްކާށެވެ. ގިނައިރެއް ނުވެ ދޮރާށި ބޮޑަށް ހުޅުވާލާފައި އެވަނީ އޭނާގެ ބައްޕައެވެ. ލޫލު ގޮވައިގެން ފުންމައިގެން ޖޯލިން ތެދުވިގޮތަށް މެލެކް ދިޔައީ އައްޒާމް އާ ދިމާލަށެވެ. އަލި ނޫކުލައިގެ އަތްދިގު ގަމީހާއި ކަޅު ޖީންސްގައި އައްޒާމް ފެނުނީ ވަރަށް ޝަހްސިއްޔަތު ވަރުގަދަކޮށެވެ. އައްޒާމް ދެއަތް ފުޅާކޮށްލުމާއެކު މެލެކް ގޮސް ވަނީ އެދެއަތުގެ ހިމާޔަތުގެދަށަށެވެ. މެލެކްގެ ބޮލުގައި ފިރުމައިލަމުން ކާފަ ދަރިފުޅު އައްޒާމް އުރާލިއެވެ. ބީރައްޓެހި ބެލުމަކުން އައްޒާމް އަށް ބަލަހައްޓައިގެން ހުރުމަށްފަހު ތުންފިއްތާލާފައި ލޫލު ރޯންފެށިއެވެ. އައްޒާމަށް ހެވުނެވެ.
"ބައްޕަގެ ބޯ ތުނބުޅި ފެނުނީމަ ބިރުގަތީ ކަންނޭނގެ" ލޫލު އުރާލަމުން އައްޒާމް ބުންޏެވެ. މެލެކް ހަމަ އުރާލުމާއެކު ލޫލު ރުއިން ހުއްޓާލައިފިއެވެ.
"ހާދަ ދެރަގޮތެކޭ ތިވީ. މެލީ ޖެހޭނެ އެނގޭ ބައްޕަ އާ މި މަންޖެ ރައްޓެހިކުރުވަން. މިއީ ބައްޕައަށް ވަރަށް މުހިންމު ކުއްޖެއް" އައްޒާމް ބުންޏެވެ. މެލެކް ހީލާފައި ބޯޖަހާލިއެވެ.
މަންމަ ކޮބައިތޯ އައްޒާމް އަހާލި ވަގުތު އެއީ ލޫލުގެ ބުށްފުޅު ހިފައިގެން ތަބައްސުމް ނިކުތް ވަގުތެވެ. މެލެކް އަށް ވުރެ ތަންކޮޅެއް ކުރީގައި ހުރި އައްޒާމް ފެނުމާއެކު ތަބައްސުމް އަތުން ބުށްފުޅި ދޫވެގެން ނުވެއްޓުނީ ކިރިޔާއެވެ. ބުށްފުޅި ހިފައިގެން ގޮސް މެލެކް އަތަށް ދީފައި ތަބައްސުމް ހިނގައިގަތީ ގޭތެރެއަށެވެ. އައްޒާމަށްވެސް ހުރެވުނީ އެހާ ދުވަހަށްފަހު ތަބައްސުމް ފެނުމުން ބަލަހައްޓައިގެންނެވެ. އެހެންނަމަވެސް ހިމޭނުން ހުރެ ތަބައްސުމް ގޭތެރެއަށް ވަދެގެން ދިޔަގޮތް ފެނިފައި އައްޒާމް އިސްޖަހާލިއެވެ. އޭނާ ކިތަންމެ ބޭނުންވިޔަސް ތަބައްސުމްގެ ހިތް ހަލާލު ހޯދުމަށް ކަޑައްތު ކުރަންޖެހޭ ހަރުފަތްތައް ގިނަކަން އެވަގުތު އޭނާއަށް އިހުސާސްވިއެވެ.
"ކޮބާ މައި؟" މެލެކްގެ ކޮނޑަށް އަތް އެއްލައިގެން ހުރެ ޖޯއްޔާ ދިމާލަށް އައްޒާމް ހިނގައިގަތެވެ.
****
މެންދުރު ކާން ލިބުނު ވަގުތުގައި ގެއަށް ކާން އައުމުގެ ބަދަލުގައި ބާޒިލް ނިކުތީ މޯޑު އާ އެކު ބޭރަށެވެ. ދެ އެކުވެރިން ކާން އެރީ އޮފީސް ކައިރި ރެސްޓޯރަންޓްއަށެވެ. އެތަނުގައި މެންދުރުގެ ބުފޭއަށް އެކި ދުވަހު ތައްޔާރުކޮށްފައި ހުންނަ ކާއެއްޗެހީގެ ސަބަބުން އެތަނުން މީހުން ހުސްވާ އެއްވެސް އިރެއް ނުދެއެވެ. ބޭނުންވާ ކާއެއްޗެހި ތައްޓަށް އަޅައިގެން ގޮސް ދެކުދިން ޖައްސާލީ ދުންފަތުވެ އިސްތިއުމާލުކުރާ މީހުންނަށް ހާއްސަކޮށްފައި ހުންނަ ބައިގައެވެ. ކެޔުމުގެ ކުރިންވެސް އަންމަޑޭ ސިނގިރެޓެއް ދަމާލަން ބޭނުންވާނެއެވެ. ކާން ފެށުމުގެ ކުރިން ބާޒިލް ލައިގެން ހުރި ގަމީހުގެ އަތުކުރި އުނޅަބޮއްޓާ ހަމައަށް އޮޅާލިއެވެ. މޯޑު އަތުން މޮޑެން ފެށުމުން އޭނާވެސް ބޭނުންވީ ތެލުލި މަސްކޮޅު އަތުން ފިލުވާލާފައި އަތުން ރޮށިތަށި މޮޑެލާށެވެ. އެހެންނަމަވެސް ރޮއްޓާ މަހާ ދެން ހުރި އެއްޗަކާ މުޅި ތަނަށް ބުރައިގެން ގޮސް އޭނާ ލަދެއްގަ ބެދިދާނެތީ ރޮށި ތަށި މޮޑުނީ ސަމްސަލަކާ އުލެއް ބޭނުންކޮށްގެންނެވެ. އެވަގުތުވެސް އޭނާ ހަނދާނަށް އައީ މެލެކް އޭނާ އާ ދިމާކުރާވަރެވެ. އަބަދުވެސް އޭނާއަށް އަމިއްލައަށް ކާއެއްޗެހި މޮޑެން ނޭނގެއޭ ކިޔާ އޭނާ އާ ދިމާކުރާނެއެވެ. އިހުތިޔާރަކާނުލާ ބާޒިލްއަށް ހެވުނެވެ. އެމަންޒަރު މޯޑަށް ފެނުމުން ނުލަފާ ފާޑަކަށް ބާޒިލް އަށް ބަލައިލިއެވެ.
"ކަލޭ މިތާވެސް ސާރާ މަތިން ހަނދާންކޮށްފަ ހެނީތަ؟ މިހާރު އެމަންޖެއަށް ހޭއަރުވާލައިފިން ދޯ" މޯޑު އަހާލިއެވެ. މޯޑުގެ ވާހަކަތައް ހުންނާނީ އަބަދުވެސް އެގޮތަށެވެ.
"ސީރިޔަސްކޮށް. ސާރާ މިގެންގުޅެނީ އަދި ވަރަށް ދުރުން. ގޯސްކަމެއް ނުކުރާނަން. އަހަރެން ހާދަ ލޯބިވެޔޭ އޭނަދެކެ. ފަހުން ރިގްރެޓް ކުރަންޖެހޭވަރުގެ ކަމެއް ނުކުރާނަން" ބާޒިލް ބުންޏެވެ.
"ތިހެން ބުންޏޭ މިއުޅޭ ފާއްޑޭވެސް. ބުނި އައިޝާ އަތުގަ އަތްވެސް އަދި ޖައްސާނުލަމޯ. އެކަމަކު ހަފްތާއަކު އެއްފަހަރު އޭނާ އައިޝާ ގޮވައިގެން މާހިރުބެގެ ރުއް ދަނޑުން ނިކުންނާނެ. މަގޭ ހިތަށް އަރަނީ އަތުގަވެސް އަތްލަން ބޭނުންނުވާ މީހަކު އައިޝާ ގޮވައިގެން ރޭގަނޑު ކަނު އަނދިރީގަ ރުއްދަނޑަށް ވަންނަނީ ކާށި ހޮވަންބާއޭ" ހިނިގަނޑަކާއެކު މޯޑު ވާހަކަދެއްކިއެވެ.
"ފާއްޑޭގެ ގޮތެއް ހަމަ އެއްގޮތަކަށްވެސް ނޭނގެ. މަގޭ ވާހަކަ މިބުނީ" ބާޒިލް ބުންޏެވެ.
"ކަލޭމެންގެ ވެޑިންގ އޮތީ ކޮންއިރެއްގަ. އެހެންވެސް ކިޔަނީ. މަށަށް ހީވަނީ އެންމެފަހުން ކަލޭ ވެއްޓިޖެހޭނީ ދަރި މަންމަ އުނގަށްހެން" މޯޑު ބުންޏެވެ.
އެހެންބުނުމާއެކު ބާޒިލްގެ ހަރަކާތްތަކަށް ލަސްކަމެއް އައެވެ. މެލެކްގެ އެކި ހިޔާލުތައް ޕްލޭކޮށްފައިވާ ފިލްމެއް ފަދައިން އޭނާ ލޯމަތީގައި އެނބުރެން ފެށިއެވެ. ނޫންކަމަށް ހެދިފައި މޫނު ދެފަރާތަށް ހޫރާލިއެވެ.
"މެލެކް ދޯ... އޭނަދެކެ ލޯބިނުވާއިރު ކިހިނެއް ތިހެންވާނީ. އެއީ ހަމައެކަނި މަގޭ ލޫލުގެ މަންމަ. އަހަރެން މެލެކްއަށް އިހުތިރާމްކުރަން" ބާޒިލް ބުންޏެވެ.
"އަސްލު އެނގޭތަ. އަހަރެން މިހެން ހިތަށް އެރީމަ އަސްލު ވަރަށް އެހެންގޮތެއްވޭ. ކަލެއަށް އެނގޭތަ މެލެކް ހުރިހާ އެއްޗެއް ހަނދާންވެގެން އައިމަ ހާދަ ދެރަވާނޭ. އަނެއްހެން އެއީ ސަޅި ބިޓެއް އިނގޭ. ކަލެއަށް އިނގޭތަ މިރަށު ކިތައް ކުދިން އޭނައަށް ފްލާޓްކުރާކަން. މިއުޅޭ ކޮޕު ވެސް ކެޓިފަ ހުންނަނީ. އަނެއްކޮޅުން ފަހުމިއްޔާތަމެންގޭ ހަސަންޓޭވެސް ކުރިން ދުވަހު މަ ކައިރީގަ އޭނަ ވާހަކަ އެހި" މޯޑު ވާހަކަދެއްކިއެވެ.
ކަމުން ދިޔަސް ބާޒިލްގެ ތުންފަތަށް ފާޑުވެރި ހިނިތުންވުމެއް ވެރިވިއެވެ. އޭނާއަށް އުނދަގުލެއްވާކަމުގެ އިހުސާސްވެސް ނުވާ ހާލު ކައިރީގައި ހުރި ތަށިން ޕާޕަރެއް ނަގާފައި ހަފާލިއެވެ. ދެން އަނެއްކާވެސް މޯޑަށް ބަލައިލިއެވެ. ރޮށި ތައްޓަށް ބަލައިގެން މޯޑު ކާން އިންގޮތުން އެވާހަކަތަކަކީ ޖޯކަކަށް އަންމަޑޭ ދެއްކި ވާހަކަތަކެއް ނޫންކަން އޭނާއަށް އެނގުނެވެ. އެކަމާ އޭނާ ވިސްނަންޖެހޭނެ ހެއްޔެވެ؟ ސުވާލުކޮށްލެވުނީ އަމިއްލަ ހިތާއެވެ.
"ސާރާގެ ވާހަކަ ދައްކަބަލަ. އެނގޭތަ. މިއުޅެނީ ސާރާ ޝައްކުކުރާވަރުން" ބާޒިލް ބުންޏެވެ.
"މީހެއްގެ ފަރާތުން ކަމެއް ނުފެންނަންޏާ ޝައްކުކުރުން ދިގުލައިގެނެއް ނުދާނެ. ކަމެއް ކުރީތަ އަނެއްކާ" މޯޑު އަހާލިއެވެ.
"މެލެކް އައިފަހުން. ލޫލު ކައިރިއަށޭ ކިޔާފަ އަބަދު މެލެކް ގެއަށް އަންނާތީ. އެކި ކަންކަމުގަ އަހަރެން އެގެއަށް ދާންޖެހޭތީ. އަހަރެން ކިހިނެއް ސާރާއަށް ވިސްނައިދޭނީ" ބާޒިލް ބުންޏެވެ. އޭރު ކައި ނިމިގެން މޯޑު އިނީ ކޮށާފައި ހުރި ކަރާތަށި ކައިރިކޮށްގެންނެވެ.
"މިހާރު އެނގިއްޖެ. ސީރިޔަސްކޮށް މިއަހަނީ އެނގޭ. މެލެކް އާ ދެމީހުންގެ މެދުގަ ކަމެއް ހިނގީތަ؟ މިހެން މިއެހީ ކަލޭ އެހާވަރަކަށް އެގެއަށް މީގެކުރިންވެސް ނުދޭ. އެދުމެއް އޮތިއްޔާ އެކަމެއް ހާސިލްކުރަން އިންސާނަކު ކިތަންމެ މަސައްކަތެއްވެސް ކޮށްފާނެ. އަދި އެ އެދުން ހާސިލްވިޔަސް އެކަން ހިތުން ފިލުވާލަން އުނދަގުވިއްޔާ ދެވަނަ ފަހަރަށް ވެސް ނޫނީ ތިންވަނަ ފަހަރަށްވެސް އެކަމަކަށް އެދޭނެ. އަދި ދާއިމީ ގޮތެއްގައި ހިތުގައި އެކަން ހަރުލާހެން ތިމާއަށް ހީވަންޏާ ހިތުގައި ސުވާލުވެސް އުފެދޭނެ. އަނބިމީހާ ނުވަތަ ފިރިމީހާ ކިތަންމެ ޝައްކެއް ކުރިޔަސް އެކަން ފޮރުވަން ދޮގު މަތިން ދޮގު ހެދޭނެ. ދެން އިނގޭތަ އާހިރުގަ ކަންނިމޭއިރު އެއްކަލަ ޝައްކުކުރި މީހާ ހީކުރި ހީކުރުންތައް ހަގީގަތަކަށްވެ އަނެއްމީހާގެ ސޯޓުބެލޭނީ. ދެން އޮންނާނީ ޖެހޭނެތާކު ޖެހިފަ" ފެންތަށި ބޯލާފައި ބިއްލޫރި ތަށި މޭޒުމަތީގައި ބަހައްޓަމުން މޯޑު ބުންޏެވެ.
"ކަލޭ ހާދަ ފެންވަރުގެ ވާހަކަތަކެއް ތިދެއްކީ. ތީ ހަމަ އައިންތުގެ މޮޅުކަންތަ؟" ޓީޝޫ އިން އަތްފޮހެން އިނދެ އެންމެފަހުން ބާޒިލްވެސް މޯޑު އާ ދިމާކޮށްލަން މޮޅު އެއްޗެއް ބުންޏެވެ.
"އައިންތު ބަހައްޓާ. އެއަކަށް މަގޭ ހިތަކުން ނުނިކުމެވޭނެ ދުވަހަކުވެސް. ދެން ބުނެބަލަ. މެލެކް އާ އެކު ކީއްކުރީ؟ ދެވަނަ ދަރިއަށް ޓްރައި ކުރީތަ؟" މޯޑު ބުންޏެވެ.
"ހެހެހެ... ކަލޭ ދޯ...." އަތްފޮހެމުން ދިޔަ ޓީޝޫ ބޮނޑިކޮށްލާފައި މޯޑު ގައިގައި ޖަހަމުން ބާޒިލް ބުންޏެވެ.
****
ފިހާރަ ބަންދުކޮށްފައި މިއަދު މާ އަވަހަށް ޒިޔާދު އައި ދުވަހެކެވެ. ސޯފާގައި އިށީނދެފައި އޭނާ ގޮވާލީ ޒޭބާ އަށެވެ. ދަރިފުޅު ފެނުމުން ފިނިފެންތައްޓެއް ގެނެސްދޭން ބުންޏެވެ. ފެންތަށި ހިފައިގެން އައިސް ފެންތަށި ބައްޕަ އަށް ދިއްކޮށްލާފައި ކައިރީގައި ޒޭބާ އިށީނެވެ.
"ކޮބާ ކުޑަމަންޖެ؟" ޒިޔާދު އަހާލިއެވެ.
"މެލީ ހެނދުނު ގެންގޮސްފަ މިއަދު ވަރަށް އަވަހަށް ގެނެސްފި. އެގޭމީހުން މިއަދު މި މަގުގަ ހުންނަ ފާތިންދައިތަމެން ގެއަށް ބަދަލުވަނީނު. އެހެންވެ މެލީމެން އުޅެނީ އެކަމުގަ. މިހާރު ނިދިފަ އޮތީ. ބައްޕަ ބަލީތަ މިއަދު މާ އަވަހަށް ތިއައީ" ޒޭބާ އަހާލިއެވެ.
"ނޫނޭ. މިވީގޮތަކީ ފިހާރައިގައި އިންދާ މިއަދު ބައްޕަ އާ ބައްދަލުކުރަން އައްޒާމް އައީ. މައިގަނޑު ގޮތެއްގައި ދެއްކީ މެލެކް އާ ބާޒިލްގެ ވާހަކަ. އައްޒާމް ހުރީ ވަރަށް ވަރަށް ދެރަވެފަ. އޭނަގެ ދެލޮލުން އަހަރެން ކަރުނައެއް ނުދެކެން. އެކަމަކު ހިތާމައާއި މާޔުސްކަން ދުށީން. ގަޑިއެއްހާއިރު ވާހަކަދައްކަން އިންއިރުވެސް އެންމެފަހަރަކުވެސް ބާޒިލް އަށް ކުޑައިމީސްކޮށްފަ އެއްޗެއް ނުބުނޭ. ބާޒިލް ދިފާއުކޮށްފަ ދައްކާނެ އެއްވެސް ވާހަކައެއް ބައްޕަގެ ދުލަކަށް ނައި. ކީކޭ ވަކި ބުނާނީވެސް. އެކަމާ މާބޮޑަށް ވިސްނާލީމަ ބޮލުގައި ރިއްސައިގަނެގެން ބުނެލާފަ ގެއަށް މިއައީ" ޒިޔާދު ވާހަކަދެއްކިއެވެ.
"ދެން ވަކި ކީކޭ ބުނާނީ؟ މެލީ ގުޅާފަ ބުނީމަ މިއަދު އެގެއަށް ލޫލު ބަލާދިޔައިރުވެސް އައްޒާމްބެ އިން. އެއީ ހާދަ ހެޔޮ މީހެކޭ. އަހަރެންނާ ވަރަށް ހިތްހެޔޮކޮށްފަ ވާހަކަދެއްކި" ޒޭބާ ވާހަކަދެއްކިއެވެ.
"ކިތަންމެ ވިޔާނުދާ ކަމެއް ކޮށްފަ ހުރި މީހަކަސް ވިސްނިދާނެ. އައްޒާމަށް އެނގޭ ދެ ދަރިންނާއެކު އަންބަކު ދޫކޮށްލާފަ ދިޔުމަކީ ރަނގަޅު ގޮތެއް ނޫންކަން. އެކަމާ އޭނާ ނިހާޔަތަށް މިހާރު ހިތާމަކުރޭ. ބުނި ތަބައްސުމް ހިތްހަމަނުޖެހެންޏާ ދެން މިރަށުން ފުރައިގެން ނުދާނަމޭ..... ކޮބާތަ މަންމަ؟" ޒިޔާދު ބުންޏެވެ.
"ފެންވަރައިގެން ނިކުމެދާނެ މިހާރު. ..... މިހެރީނު" ކޮޓަރިން ނިކުތް މައުސޫމާ ފެނުމުން ޒޭބާ ބުންޏެވެ.
"ދެބަފައިން ކޮންވާހަކައެއްގަ" އެހެން އަހާލާފައި މައުސޫމާ ނިކުތީ ބޭރަށެވެ. ބޮލުގައި އޮޅާލާފައި އޮތް ތެތް ތުވާލި ގެންގޮސް ރޯނުގައި އަޅުވާފައި އޭނާ އައިސް ޒިޔާދު ކައިރީގައި އިށީނެވެ.
"އައްޒާމް އައިސް އެބައުޅޭ. ސައެއް ތައްޔާރުކުރަންވާނެ" ޒިޔާދު ބުންޏެވެ.
މައުސޫމާ ތުންފަތުގައި ދަތްއަޅާލިއެވެ. ހަގީގަތުގައި އޭނާ ގަތީ ލަދެވެ. އައްޒާމް އާ ކުރިމަތިލާނެ ގޮތެއްވެސް ނޭނގެއެވެ. ޔަގީނުންވެސް އައްޒާމްގެ ހިތުގައި ކޮންމެސް ވަރަކަށް ހިތްހަމަނުޖެހުމެއް ވާނެއެވެ. އެންމެންގެ ލޯތްބާ އަޅާލުން ބޭނުންވި ވަގުތު ހަގު ދަރިފުޅު ދުރުކޮށް ހަޔާތުން ނެރުނީ އެމީހުންގެ ދަރިފުޅު ވިއްޔާއެވެ. ކުރާނެކަމެއް ނެތެވެ. ދުނިޔޭގައި ތިބީތީ މިވެސް ދެކެންޖެހުނު ދުވަހެކެވެ.
****
ތަބައްސުމްގެ އާއިލާއަށް ބަދަލުވި ގެއަށް އެއްކޮށް ވަދެވުނީ ދުވަހުގެ އިރުއޮށްސުނު ވަގުތުގައެވެ. ބޭނުންވާނެ އެހެނިހެން ސާމާނު ހިފައިގެން ތަބައްސުމް ގޭތެރެއަށް ވަތްއިރު ދެ އަންހެންދަރީންނާއެކު އައްޒާމް މަސައްކަތުގައި އުޅުނެވެ. އޭނާއަށް ލިބުނީ ހައިރާންކަމެވެ. ހަރުގަނޑެއްގެ އެންމެ މަތީގައި އައްޒާމް ހުރިއިރު ދެ އަންހެންދަރީން ތިބީ ހަރުގަނޑުގައި ހިފަހައްޓައިގެންނެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ އައްޒާމް ލައިގެން ހުރި އެއްޗެހި ފެނިފައެވެ. ކަޅު ކުލައިގެ ސޯޓު ހުރީ ކަކުލުން ތިރިއަށެވެ. ގަދަ ފެހި ކުލައިގެ ޓީޝާޓުގައި ބޮޑުވެފައި ތިބި ދެ އަންހެންދަރީންނާ އޭނާ ސަމާސާ ކުރަމުން، މަތީގައި ހޮޅިބުރި ހަރުކުރަމުން ދިޔައިރު އެއީ ރާއްޖޭގެ ނަން މަޝްހޫރު ބޮޑު ގަދަރުވެރިއެކޭ އެއްވެސް މީހަކު ނުބުނާނެއެވެ. ތަބައްސުމް އަށް ލިބުނު ހައިރާންކަން ފޮރުވާފައި އޭނާ ވަނީ ތިން ކޮޓަރީގެ ތެރެއިން އެންމެ ކުޑައަށް ހުރި ކޮޓަރިއަށެވެ.
"ދޭބަލަ މަންމަ ކައިރިއަށް" އެ މަންޒަރު ދެ އަންހެންދަރީންނަށް ދައްކާލަމުން އައްޒާމް ބުންޏެވެ. އޭނާ ގެއަށް އައިފަހުން އެންމެފަހަރަކުވެސް ތަބައްސުމް އޭނާއަށް އިސްއުފުލާ ބަލައިވެސްނުލައެވެ.
އެ ކޮޓަރި އާ ދިމާލަށް ދިޔައީ މައިލީން އެވެ. ކޮޓަރީގައި ހުރި އެކަކަށް އޮވެވޭވަރުގެ އެނދުގައި ބެޑްޝީޓް ބަދަލުކޮށް ބާލިސްތަކަށް އުރަ ލައްވަންދެން މައިލީން މޭޒު ކައިރީގައި ހުރި ގޮނޑިއެއްގައި އިނެވެ. ހަޑިވެފައި ހުރި އެއްޗެހި ހިފައިގެން ނިކުންނަން އުޅެނިކޮށް ތަބައްސުމް އަށް މައިލީން ގޮވާލިއެވެ.
"ދަރިފުޅުމެން ނިދާ ކޮޓަރި ތައްޔާރުކޮށްފިންތަ؟" މައިލީން ގޮވާލުމާއެކު ތަބައްސުމް ބުންޏެވެ.
"އިހަށް މަޑުކޮށްބަލަ. މަންމަ ހާދަ ބިޒީއޭ" މައިލީން ބުންޏެވެ.
"އެންމެ ކަމެއް ނުކޮށް އޮތަސް ތަނެއްގަ ހަމަޖެހިގެން މަންމައަށް ނީނދެވޭނެ. އަދި މިތާ ފެންފޮތި އަޅާފަ ބަދިގޭ މަސައްކަތްތައްވެސް ނިންމަންޖެހޭ" ތަބައްސުމް ބުންޏެވެ.
(ނުނިމޭ)