ދަރިންނަށްޓަކައި މައިން ނުކުރާ ކަމެއް ނޯންނާނެއެވެ. ކަމަނައަކީ ލާނާގެ މޭގެ އެތިކޮޅެވެ. ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ވެފައި އޮތަސް ލާނާއަށް ކަމަނަގެ އަބުރާއި އިއްޒަތާއި އުފަލާއި ރައްކާތެރިކަމަށްވުރެ އެހެން އެއްވެސް ކަމެއް މުހިންމު ނުވާނެކަން ރޫހީންމެން އެންމެނަށްވެސް އެނގެއެވެ.
ޖަލު އޮފިސަރުން ގައިދީންނާއި ގޮޅިތައް ބަލައިފާސްކޮށް، ތަނުން ފެނުނު މަނާ ތަކެއްޗާއި އެތަކެއްޗާ ހަވާލުވި ފަރާތްތަކުގެ ނަންތައް ނަގައިގެން، ގޮޅިތައް ހުޅުވުމަށްފަހު ބަންކަރަށް ދިޔަތާ ދެ ގަޑިއެއްހާ އިރު ވެއްޖެއެވެ.
ހަވީރުގެ ސައި ގަޑި ޖެހުނު އިރުވެސް ގައިދީން ތިބީ ގޮޅިތަކަށް ލައި ތަޅުލާފައި ކަމަށްވާތީ ރޫހީނަށް ޖެހުނީ ގޮޅިތައް ކައިރިއަށް ގޮސް ސައި ދޭށެވެ. އަދި އެއަށްފަހު ގޮޅިއަށް ވައްދައި ތަޅުލުމުން ގޮޅިތެރެ ތަރުތީބު ކުރިއެވެ.
މިއީ ހުރިހާ ގޮޅިއެއްގެވެސް އޮންނާނެ ހާލަތެވެ. ރޭޑެއް ނިމިގެން ދާއިރު އެ ގޮޅިއެއްގައި އޮންނާނީ ޑިއުޓީންގެ ބޫޓު ކިލާ ވެއްޔާއި ދޮވެފައި، ރީތިކޮށް ތަރުތީބުން ފަށްޖަހާފައި ހުރި ތަކެތީގެ ގުޅަވެފައި އެގޮތް މިގޮތަށް ފުނި ޖަހާލެވިފައި ހުންނަ އަންނައުނުތަކާއި ބިންމަތީ ކުނަލެއްގެ މައްޗަށް ނޫނީ އަށީގެ މައްޗަށް ފުނިޖެހިފައި ހުންނަ ކާ ތަށި، ފެންބޯ، ސަޔާއި ކޮފީވެސް ބޯން ގެންގުޅޭ ޖޯޑު، ރީތިވާ ސާމާނު ފަދަ ހުރިހާ އެއްޗެއް އެކުވެފައި ހުންނަ ބައިތަކެވެ.
ރޭޑް ދިއުމަށްފަހު ގޮޅިތައް ހުޅުވުމުން އެންމެންވެސް އެކަކު އަނެކަކަށް ބައްދަލުވެ، ގެންދިޔަ ނުގެންދިޔަ އެއްޗެހީގެ ހަބަރު ބަލައެވެ. އަދި ފޯނެއް ގެންގޮސްފިނަމަ އެ ފޯނު ގެންގުޅޭ ހުރިހާ އެންމެނަށް ސަލާމަތުން އޮތް ފޯނަކުން ގުޅައިދޭނެ ކަމުގެ ޔަގީންކަން ދެއެވެ. އަދި ފޯނު ހުރި މީހުން އެކުވެގެން މަޝްވަރާ ކުރުމަށްފަހު ފޯނު ނެތް މީހުންނަށް ކޯލު ދޭނެ ގޮތްތައް ހަމަޖައްސައެވެ.
މުޅި ޖަލުގައި އެކިކަހަލަ މީހުން އެކަކު އަނެކަކާ ޖެހި ފިތި ބާރުވާހާ ހިތްހަމަނުޖެހި ރުޅި އައިސްފައި ތިބި ކަމުގައިވިޔަސް މިފަދަ ކަންކަމުގައި އަބަދުވެސް އަރަނީ އެކުއެކީގައި އެއްގަލަކަށެވެ.
ހަވީރުގެ ގަޑި ނިމި، ހައެއް ޖެހުމުން ދޮރުތައް ތަޅުލުމުގެ ކުރިން އާދައިގެ މަތިން ކޮފީއެއް ބުއިމަށް ރޫހީން ދިޔައީ ލާނާގެ ގޮޅިއަށެވެ. ޖެހިގެން ހުރި ހަތް ނަންބަރު ގޮޅިއަށެވެ.
"އަރޭ ވާހް.... ސާފުކޮށް ނިންމާލީ، ތަރުތީބުވެސް ކޮށްފި.. ގަދައޭ...."
(އަށި) އެނދުގެ ކަނެއްގައި އިށީންނަމުން ރޫހީން ބުނެލިއެވެ.
"އޭތް.... ތާތިޖާނާ، ފާހާނާގައި ޓައިލްސް ނުޖަހާ، މިހާރު ހުންނާނީ ފެންވެރިފައި، ނުކުންނަންވީނު ދޯ!"
ފާހާނާ ތެރޭގައި ހުރި ތާތިއަށް ބަލައިލަމުން ރޫހީން ހީނގަތެވެ. ފާހާނާއަށް ވަންނަ ދޮރަކަށް ހުންނަ ތަން ނިވާކޮށްފައިވަނީ ދަނޑިގަނޑެއްގެ އެހީގައި ކުނާ އަޅައިގެންނެވެ.
"ކޮފީ ބުނެބަލަ، މި ނުކުންނަނީއޭ... ފޯނުކޮޅު ގެންދިޔައީމަ ދުނިޔެއިން މޮޔަވެފަ ތިބި މީސްމީހުންގެ ކަންކަން ހަމައަކަށް އަޅުވައި ނިމުނުތަނާ ޖެހުނީ ސެލްފްބެންކުން ނެގި ފޯނުތަކަށް ފެން އެޅިފައި ހުރުމުން ރަނގަޅުކޮށްދޭން، ލެޑި ވަހުން ނޯއް ވެސް ކުނިވެފަ މިހިރީ، އެހެންވީމަ ގައިން ތާހިރުވާށޭ ވަނީ...."
ފާހާނާއިން ނުކުންނަން ތައްޔާރުވަމުން ތާތި ބުނެލިއެވެ.
"ކާކުގެ ސެލްފް ބޭންކެއް؟ ޗީ ދެން، ހަމަ ހުވާ މިބުނީ މަށެއް ފޯނު ސަލާމަތް ކުރާކަށް އެވަރުގެ ރިސްކެއް ނުނަގާނަން، ނަފުސު ދެކެ ކުޑަކޮށްވެސް ސެލްފް ރެސްޕެކްޓެއް ނުހުރޭ މިއުޅޭ މަންޖެމެންގެ...."
ކޮފީ ގިރަން ފެން ކައްކަން ހުރި ލާނާއަށް ރޫހީންގެ ވާހަކަ އިވިފައި ހީނގަނެވުނެވެ.
"ފޯނު ނަގަންވީތަ؟" ލާނާ އެނބުރިލަމުން އަހާލިއެވެ.
"އުނހު. ކާންދީފަ އައިސް ނަގާނީ، ޗާޖު ކޮށްލަން ޖެހޭނެނު، މާދަން ކޯލުތައް ދޭން ޖެހޭނެ،" ރޫހީން ބުނެލިއެވެ.
"އައްސަލާމް އަލައިކުމް، ވަދެވޭތޯ......؟"
މީހަކު ސަލާމް ގޮވާލި އަޑަށް ތިންމީހުންނަށްވެސް ބަލައިލެވުނެވެ.
"ވައަލައިކުމުއްސަލާމް، ސާބަސް ދޮން....."
ގޮޅި ތެރެއަށް ވަނީ މަތީ ކޮރިޑޯގައި އުޅޭ މީހެކެވެ. ޖަލުގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކަށްވީއިރު ޔޫލީއަކީވެސް އެއިން އެކަކެވެ. އެންމެންގެ ނަމުންނަމަ މިއީ ދޮންދައްތަ ނުވަތަ ދޮން އެވެ. ޖަލުގެ ޒަމާންވީ އެންމެ އިހުގެ ޖަލު ދޫންޏެކެވެ. މާލެ ދާއިރަށް މަގު އޮޅޭނެއެވެ. ޖަލަށް ގެންނައިރަށް ރަނގަޅުވެފައި ހުރެފައި މަގު އޮޅިދާނެއެވެ، އަނެއްކާވެސް ރަނގަޅަށް ހުރެފަ މަގުން ކައްސާލައެވެ.
"މަގު އޮޅުނީ؟" ކޮފީތަށި ރޫހީނަށް ދިއްކޮށްލަމުން ލާނާ އަހާލިއެވެ.
"ނޫން. ވާހަކައެއް ދައްކަން ވެގެން..." ދޮން އެތެރެއަށް ވަދެ ގޮނޑިއެއްގައި އިށީނެވެ.
"ކޮން ވާހަކައެއް، އަވަހަށް ބުނޭ...." ތާތި އަނެއް ގޮނޑީގައި އިށީންނަމުން އަހާލިއެވެ.
"ހަނދުބަލާ މަހަކީ ރޯދަމަހެއްނު..... މިފަހަރު ތަރާވީސް ކުރާނީ އެންމެން އެކުގައި ކަމަށް ކޮރިޑޯތައް ހުޅުވަން ވާހަކަ ދައްކަންވީނު..."
ރޫހީންމެނަށް ބަލައިލެވުނީ އެކަކު އަނެކެއްގެ މޫނަށް ހައިރާންކަމުގެ ނަޒަރަކުންނެވެ.
އެއީ މިއަދު ރޭޑަށް ނެރެފައި ތިބި ވަގުތު ޔާޑު ތެރޭ ދެކެވުނު ވާހަކައަކަށްވާތީއެވެ. ރޯދައަށް ހަނދުބަލަން ބާކީ އޮތީ ދެ ހަފުތާއެއް ހާ ދުވަހެވެ. އެ ވާހަކަ ފެށީ މާމައެވެ.
ބީ ކޮރިޑޯގެ ތިންވަނަ ގޮޅީގައި އުޅޭނީ ދެމައިންނެވެ. ދަރިފުޅު ބަލިވެ އިނުމުން ދިވެހި ބޭހެއް ދީގެން ނުވަމަހުގެ ފުރާނައިގެ ކަންތައް ނިންމާލީއެވެ. ވިހޭގޭތެރޭގައި ދަރިފުޅަށް ހެދި ގޮތެއް އެންމެން މާމަ ކިޔާ ދަލޭކަގެ ދަރިފުޅު ފަރީދާއަކަށް ނޭނގެއެވެ.
ވިހޭގޮތަށް ހަމަހޭވެރިކަމެއް ނެތި އޮތީ ދީފަ ހުރި ބޭހެއްގެ ބާރުގަދަ ކަމުންނެވެ. ތުއްތު ރުއިމެއްގެ އަޑު ދެ ފަހަރަކު އިވުނުކަމަށް ފަރީދާ ކިޔައިދެއެވެ. ތުއްތު ކުއްޖާއަށް ހެދި ގޮތެއް ހެދީ ދަލޭކަ އެކަންޏެވެ.
އެހެންނަމަވެސް ފުލުހުންގެ ތަހުގީގަށް ފަރީދާ ދޮގު ހެދީ މަންމައަށްޓަކައެވެ. މަންމަ ބުނެދިން ގޮތަށެވެ. ފަރީދާއަކީ މުޅިން ސިކުނޑި ހަމަޖެހޭ މީހެއް ނޫންކަން ޝަރީއަތަށް ސާބިތެއް ނުކޮށްދެވުނެވެ. 25 އަހަރަށް ޖަލަށް ލާން ހުކުމްކުރީ ދެމައިންނަށް އެކީ އެއްދުވަހެއްގައެވެ.
ކޮންމެފަދަ ކުށެއް ކޮށްގެން އައިސް އުޅުނަސް ޖަލުގައި ތިބޭ އެންމެންވެސް ހަމަހަމަ ވާނެއެވެ. އެ މާމަ މިހާރު ޖަލުގައި އުޅޭތާ ނުވަ އަހަރު ވެއްޖެއެވެ. ލޯބޯކޮށިވެ ހިނގުމުގައިވެސް މިހާރު ކުޑަކޮށް ކޮރު ޖަހައެވެ. އެހެންވެ ރޫހީން މި މީހުންނަށް ހާއްސަކަމެއް ބަހައްޓައެވެ.
"ދޮން ގާތު ތި ވާހަކަ ދެއްކީ ކާކު....؟" ރޫހީން ދެބުމަ ގޮށް ޖަހާލިއެވެ.
"އެންމެންގެ ފަރާތުން މިއައީ...."
"އެއްގޮޅިއެއްގައި އެންމެނަށް ތަރާވީހެއް ނުކުރެވޭނެނު...."
"ރޫހީ އެއްބަސްވެއްޖެނަމަ ވެދާނެ، ކޮރިޑޯވެސް މިހިރީނު. މުސައްލަ އަޅައިގެން ކުރެވޭނެ..."
"ދޮން ހަމަޖެހޭ ވާހަކައެއް ދައްކަބަލަ. ތި ދައްކަނީ ނަމާދުގެ ވާހަކައޭ، ކޮރިޑޯ އެހާ ހަނި. ގޮޅިއަކަށް އެރޭނީ ދިހަ ބާރަ މީހުންނަށް، އެކަކުގެ ފަހަތަކު އެކަކުގެ އިމާމު ކަމުގައެއް ނުކުރެވޭނެނު.... ދެން ކޮރިޑޯ ހުޅުވާ ވާހަކަ. މަތިން ތިރިއަށް އާދެވުނަސް ތިރިން މައްޗަކަށް ނުދެވޭނެ.."
"އަސްލު ކާންދޭ ގަޑީގަ ތަޅުލާފައި ހުރުމުން ރޫޙީ މެނަށްވެސް ވަރަށް ބަރުވާނެ. ޖެހޭނީ ބަރޯ އުފުއްލައިގެން ސިޑިން އަރަން، އެކީގައި ކައި އުޅޭ މީހުން ކާން ޖެހޭނީ ވަކިން ގޮޅީގަ، އެހެންވެ އަސްލު..... ރޯދަ ވީއްލާ އިރަށް ދެން ތިރިން މައްޗަށް ގެންދާ އެއްޗެއް ގެންދެވިދާނެ ތަޅުނުލަނީސް، އެކަމަކު ހާރު ގަޑިއަކު އެހެނެއް ނުވާނެނު...."
"ރޫހީ، އެ ތެދެއް އަހަރުމެންވެސް ބޭނުން އެކީގަ ހާރުކާން، ހިނގާ މިކަމާ އުޅެންދޯ؟" ލާނާ ބުނެލިއެވެ.
"ހުމްހޫމް.... އެންމެ ރަނގަޅު، ދެ ދުވަހެއް ފަހުން ރަމީޒާ ސުފްޔާނާ ބައްދަލު ކުރާނީ...."
ދޮން ތެދުވެގެން ދިއުމުން ލާނާގެ އަތުގައި ހިފައި ގާތުގައި އިށީންނަށް ރޫހީން ބުނެލިއެވެ.
"ކަމަގެ ވާހަކަ ކިޔައިދީބަލަ..... ކޮންއިރަކު ކިހިނެއްވީ ކަމެއް އެއީ...؟"
ރޫހީން ސުވާލުކުރީ ލާނާގެ ކޮއްކޮ ކަމަނައާ ބެހޭ ގޮތުންނެވެ.
"މަގޭ މައްސަލަ، އެންމެ ދެރަވަނީ އެހެންވެ، ހަސަންގެ ކޮއްކޮ ނޫހުއާ ބައްދަލުކުރުވީ މިކޮޅުގެ ކަންކަން ހުންނަ ގޮތުން މަށަށް ފޯނަށް ޖަވާބު ނުދެވުނަސް ކަމެއް ވެއްޖެ ނަމަ ނޫހުއަށް ގުޅައިގެން ހަމަޖައްސާށޭ ބުނީމަ، އަހަންނަން ނުވެސް އެނގޭ، މިހާރު ބިރު ގަންނަނީ. ހީވަނީ ދެންމެދެންމެ ބަންކަރުން ގޮވާލަފާނެހެން. ކަމަ ހިނގާފައި އަންނަ ތަންވެސް ފެންނަނީ،،،،" ލާނާއަށް ރޮވުނެވެ.
"ވެއިޓް، ވެއިޓް، ވެއިޓް، ކަމަ ޕްރެގް އޭ ބުނީ. ޕްރެގް ވުމަކީ ޖަލަށް އަންނަންޖެހޭ ކަމެއް ނޫނެއްނު.... ދެން ކޮންކަމަކާ ހާސްވަނީ...." ލާނާގެ އަތުގައި ހިފާލަމުން ރޫހީ ބުނެލިއެވެ. އެކަމަކު ތާތިގެ މޫނުމަތިން ހާސްކަމެއް ފެނުމުން މިއުޅެނީ ބޮޑު ކަމެއް ވެގެން އުޅޭ ކަމުގެ އިހުސާސް ކުރެވުނެވެ.
"ދެ ދުވަސްވެއްޖެ ހަބަރެއް ނުވާތާ.... ނޫހު އާއެކީ ބަސްޓެއް ވެގެން ދޫނިދޫގައި އޮތްކަން އެނގުނީ ރޭޑް އައުމުގެ ކުޑައިރުކޮޅެއް ކުރިން...." ލާނާއަށް ބުނެވުނީ އެހާ ވަރަށެވެ. ގިސްލެވިއްޖެއެވެ. ރޫހީންގެ މޫނުމަތީގައި ހީވީ އެއްޗަކުން ބާރަށް މީހަކު ޖެހިހެނެވެ. ޔާﷲ، މިއުޅެނީ ކުޑަކަމެއް ވެގެނެއް ނޫންތާއެވެ.
"ބަސްޓުވީ، ރެޑްހޭންޑެޑް ދެމީހުން......؟" ލާނާގެ ދެކޮނޑުގައި ހިފައި ގާޔާ ކައިރިކޮށްލަމުން ލާނާ އަހާލިއެވެ. "އެކަމަކުވެސް ޖަލަށް ގެންނަ ކަހަލަ ކަމެއް ނޫނެއްނު...."
"ދެ ދަޅު ހޭޝްއޮއިލް ފެނުނު، އެ ދެމީހުން އެކަންޏެއް ނޫނޭ، އެހެން ހަތަރު ކުއްޖަކުވެސް ތިބި، ހަބަރުން މެންދުރު ދޭއްގެ ހަބަރުގަ އެ ގޮވީ ކަމަ މެންގެ ވާހަކަ...." މިފަހަރު ތާތިއަށްވެސް ލިބުނީ ސިހުމެކެވެ.
"އަސްތަގުފިރުﷲ.... ޕާޓީ ޑްރަގްސް....." ލާނާގެ ކޮނޑުގައި އިތުރަށް ބާރަށް ހިފަހައްޓާލެވުނީ ބޭއިހުތިޔާރުގައެވެ.
ކުޑައިރުކޮޅެއްވަންދެން ގޮޅި ތެރެއަށް ވެރިވެފައި އޮތީ ފުން ހިމޭންކަމެކެވެ.
"ހައި. ކޮފީ.... ހުސްވީތަ...." ގޮޅީ ދޮރު ހުޅުވާފައި އެތެރެއަށް ވަނީ ޒޭނާއެވެ. ގޮޅި ތެރޭގައި ތިން މީހުން ތިބި ގޮތް ފެނުމުން ކޮންމެވެސް ނުރަނގަޅު ކަމެއް އެބައުޅޭކަން ދެނެގަތެވެ.
"ސޮރީ. ގައިސް. ގޮޅި ތެރެ ސާފުކޮށް ނިންމާލިތަނާ ލަޝްލީ ބުނެފި އެންމެނަށް މައިލޯ ގިރާފައި ނޫޑުލްސޭންޑްވިޗު ހަދަން... ހިނގާށޭ، އެހެންވެ އޭނައަށް ހެލްޕް ވެފައި މިއައީ، އަށް ނަންބަރަށް ހުރިހާ އެއްޗެހި ވައްދާފައި، މިރޭގެ މެޗަށްވެސް ތައްޔާރުކޮށްފަ...." ޒޭނާ ބެލީ މާހައުލުގެ ކުލަވަރު ބަދަލުކޮށްލާށެވެ.
(ނުނިމޭ)