"މަންމަ މީހަކުދެކެ ލޯބިވިޔަސް އަދި މީހަކަށް ނަފްރަތު ކުރިޔަސް ކުރަންވާނީ ވަކި މިންވަރަކަށް. މަންމަ ތިހުރިހާ ރުޅިއެއް ތިބާލާ އަންހެންމީހާ މިހާރު ދުނިޔޭގަ ނެތް. އެހެންވީމާ ދިރިތިބީންނަށް އޮތީ އެމީހުންގެ މައްޗަށް ހެޔޮ ދުއާކުރުން. އެމީހާ އަށް ހިތް ހެޔޮކޮށްފަ ތިހުރިހާ ކަމެއް ހިތުން ނެރެލަން މަސައްކަތްކުރޭ..." މައިލީން ވާހަކަދައްކަމުން ދިޔައެވެ.
****
ރައްޔާން ކައި ނިމެންދެން ދިމާލަށް ހުރި ގޮނޑީގައި މެލެކް އިނެވެ. އިރުކޮޅަކާ ދެ އިނގިލިން މޭޒުގައި ތަޅާލައެވެ. އޭނާ ލަސްވެފައި އިން ކަހަލައެވެ. މެލެކް ބަލާވަރުން ރައްޔާނަށް ރަނގަޅަށް ނުވެސް ކެވުނެވެ. އަވަސްކުރަން އުޅެން ހަދައިގެން ހޫނު ކަޅުސައިތަށި އަނގައިގަ ޖައްސާލިތަނާ ދޫވެސް ފިހިއްޖެއެވެ.
"ތިހާ ވަރަށް ތިބަލަނީ މިރޭ އަހަރެން މާ ރީތީތަ؟" ގޮނޑިން ތެދުވެ ޒިންކާ ދިމާލަށް ދަމުން ރައްޔާން ބުންޏެވެ.
މެލެކް އަށް ހެވުނެވެ. ކެއި ތަށިތައް ހިފައިގެން ރައްޔާން ފަހަތުން އޭނާ ތެދުވިއެވެ. އަތްދޮވެފައި އެނބުރުނު ރައްޔާން ފަހަތުގައި ޖައްސާފައި ހުރި މެލެކްގެ ގައިގައި ޖެހުނެވެ. މެލެކް އަތުން ތަށިތައް ދޫވުމުގެ ކުރިން ރައްޔާން ހިފެހެއްޓިއެވެ. އޭނާއަށް ހިފަހައްޓައިގެން ހުރެވުނީ މެލެކްގެ އަތުން ބަޔާކާ އެއްކޮށެވެ. ދާދި ގާތުން އޭނާއަށް މެލެކްގެ މޫނަށް ބެލުމުގެ ފުރުސަތު ލިބުމުން އެ ފުރސަތު ގެއްލުވާލަން އޭނާ ބޭނުމެއް ނުވިއެވެ.
"ވަރަށް ރީތި ހަނދާނެއް. ހަނދާންވީމަވެސް އެވާގޮތެއް ނޭނގޭ" މެލެކް ބުންޏެވެ.
މެލެކް ބުނި އެއްޗެއްގެ މާނަ ރައްޔާނަށް ފަހުމު ނުވިއެވެ. އޭނާ ކުއްލިއަކަށް މެލެކްގެ އަތުން ދޫކޮށްލާފައި ދުރަށް ޖެހުނެވެ. މޭޒު ކައިރީގައި ހުރެ ފެންތަށި ބޮމުން ދިޔައިރު އެ ޖުމްލަ އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. "ކޮން ހަނދާނެއް ހެއްޔެވެ؟ ހަނދާންވަނީ ކޮންކަމެއް ހެއްޔެވެ؟ މެލީގެ ހަނދާންތައް އަންނަނީ ހެއްޔެވެ؟
"ހިގާބަލަ ބޭރު ޖޯއްޔަށް" މެލެކް ބުންޏެވެ.
"ކަމެއް އޮތީތަ؟" ރައްޔާން އަހާލިއެވެ.
"ދެން ކަމެއްނެތަސް. އަދި ނިދާކަށްނުވޭ. ހިނގާބަލަ" މެލެކް ބުންޏެވެ.
ތަބައްސުމް އާއި މައިލީން އަށް އެނގިލާފައި ދެކުދިން އިށީނީ ދޮރާށިން އެތެރޭގައި ހުރި ޖޯލީގައެވެ.
"ކޮންމެސް ވާހަކައެއް ބުނަން އުޅޭހެން ހާދަ ހީވެޔޭ" މެލެކް އަށް ބަލައިލާފައި ރައްޔާން ބުންޏެވެ.
"ޔާން ބުނީމެއްނު އަހަންނަށް އަހަރެންގެ ލޯބި ލިބޭތޯ ދުއާކޮށްދޭނަމޭ. އަހަންނަށް ލޯބިވެވިއްޖެހެން ހީވަނީ. އެހެންވީމަ ގިނަގިނައިން ދުއާކޮށްދީ. އޭރުން އަހަރެންވެސް ޔާން އަށް ޔާންގެ ލޯބި ލިބޭތޯ ދުއާކޮށްދޭނަން" މެލެކް ބުންޏެވެ.
މެލެކްގެ މޫނަށް ބަލަހައްޓައިގެން ރައްޔާން އިނީ ހެވިފައެވެ. އޭނާގެ ބެލުން ބުނާ ކަހަލައެވެ. ލޯބި ލިބޭތޯ ދުއާ ކޮށްދޭނަމޭ އެއީ ބުނެލަން ދުލަށް ހާދަ ފަސޭހަ ލަފްޒުތަކެކެވެ. އެކަން އެގޮތަކަށް ނުވާނެއެވެ. މެލެކް އަށް ނުވިސްނޭނެއެވެ.
ތެދެއް ބުނަންތަ؟ އަހަންނަށް އަހަރެންގެ ލޯބި ލިބުމަށް އެދި މެލީ ތިކުރާ ދުއާ މިރެއިން ފެށިގެން ދެން ނުކުރޭ" ރައްޔާން ބުންޏެވެ. މެލެކް ރައްޔާންގެ މޫނަށް ބަލައިލީ ހައިރާންވެފައެވެ.
"ކީއްވެ ނުކުރަންވީ. ޔޫ އާ މައި ބެސްޓްފްރެންޑް. ޔާން އަށް ޔާންގެ ލޯބި ލިބުނީމަ އަހަންނަށް ވުރެ ބޮޑަށް ވަކި އުފާވާނީ ކާކު؟" މެލެކް ބުންޏެވެ.
"ބެސްޓްފްރެންޑޭނު ތިބުނީ. އެހެންވީމަ މިމަގާމުގަ އަހަރެން ހުއްޓަދީ. އަހަންނަށްޓަކައި މެލީ ދުއާ ކުރަން ހަދައިގެން މެލީގެ ލޯބި މެލީ އަތުން ގެއްލިދާނެ. އެހެންވާކަށް އަހަރެން ބޭނުމެއްނޫން. އަހަންނަށް ވުރެ ބޮޑަށް މެލީއަށް މެލީގެ ލޯބި ލިބުން މާ މުހިންމު. އެއީ ތިބުނާ ލޯތްބަކީ ހަމައެކަނި މެލީގެ ލޯތްބެއްނޫން. މެލީގެ ހުރިހާވެސް އުފަލަކާ ހިތާމަ އާ މުޅި ދުނިޔެ އަދި މެލީގެ ދިރިހުރުމާ މަރުވުންވެސް ގުޅިފައިވަނީ ތި ލޯތްބާ" ރައްޔާން ބުންޏެވެ.
"ތީ ތެދަކަށް ވެދާނެ. އެކަމަކު ޔާންގެ ލޯބި ޔާން އަށް ލިބުމަކުން އަހަންނަށް ގެއްލޭނެ އެއްޗެއް ނޯންނާނެ. ކީއްވެ އެހެން ތިބުނީ؟" މެލެކް ބުންޏެވެ.
"އެހެން ބުނަން ޖެހުނު ސަބަބު އަހަންނަށް ދޫކޮށްލާފަ މެލީގެ ތި ހެޕީނިއުސް ޝެއާކޮށްބަލަ" ރައްޔާން ބުންޏެވެ.
"ހީ ކިސްޑް މީ" ރައްޔާނާ ގާތަށް ޖެހިލާފައި ތަންކޮޅެއް މަޑުން މެލެކް ބުންޏެވެ. ކުއްލިއަކަށް މެލެކް ބުނެލި އެއްޗެއްގެ ސަބަބުން އަތުގައި އޮތް ފޯނު ރައްޔާނު އަތުން ދޫނުވީ ކިރިޔާއެވެ. ހިތަށް ވެރިވި އިހުސާސްތައް ހުޝިޔާރުކަމާއެކު ރައްޔާން ފޮރުވާލިއެވެ.
"ވަޓް؟" ރައްޔާނަށް ބުނެވުނެވެ. ހައިރާންވެފައި މެލެކްގެ މޫނަށް ރައްޔާން ބަލައިލި ނަމަވެސް އޭނާގެ ހިތުގައި ރިހުމެއް އުފެދިއްޖެއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔަ ވަގުތު އެއީ އެ ރިހުން މޭގައި އެންމެ ގަދަވެގެން ދިޔަ ވަގުތެވެ. ހިތަށް ލިބެމުންދާ ވޭނާ ތަކުލީފުތައް ހިނިތުންވުމަކުން ފަރުދާކޮށްލުމަކީ ރައްޔާން ކަހަލަ ހިތްވަރުގަދަ ފިރިހެނަކަށް ނޫނީ ނުވާނެ ކަމެކެވެ.
****
ފޯނުން ސާރާ އާ ވާހަކަދައްކަން އޮވެފައި ބާޒިލް ރޭގަނޑުގެ ފަހު ސަލާމްކޮށްލިއެވެ. ސާރާ ބޭނުންނުވިޔަސް ބާޒިލް ވާހަކަދެއްކުން ހުއްޓާލުމުން އޭނާއަށް އިތުރު ގޮތެއް ނެތިގެން ނިދަން ދަނީ ކަމުގައި ބުންޏެވެ. މޭމަތީގައި ފޯނު ބާއްވައިގެން އޮތްއިރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ސީލިންގަށެވެ. އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ މެލެކްގެ ފޯނުން އޭނާއަށް ފެނުނު ވީޑިޔޯއެވެ. އެއީ ފަހުގެ ވީޑިޔޯއެއް ކަން އޭނާ އަށް އެނގުނީ ވީޑިޔޯ ނަގާފައި އިން ތާރީހު ފެނުމުންނެވެ. ބުރުގާ އާ ނުލާ މެލެކް ހުއްޓާ އޭނާއަށް ފެނުނީ ހާދަ ދުވަހެއް ފަހުންނެވެ. އަދި އެއްފަހަރު އޭނާ އެ ވީޑިޔޯ ބަލާލާހިއްވީ ކީއްވެކަމެއް ނޭނގެއެވެ. އެއް އަތުން މޭގައި ފިރުމާލި ވަގުތު މެލެކް އާ އެކު ހޭދަކުރެވުނު ޖާދޫވީ ވަގުތުކޮޅު ސިކުނޑީގައި ހަރުލައިފިއެވެ. މެލެކް ދެލޯ މަރާލައިގެން ހުރި ގޮތެވެ. އޭނާގެ ބުރަކަށީގައި މެލެކް ދެއަތުން ބާރަށް ހިފަހައްޓާލި ގޮތެވެ. ފަހުން މެލެކް ރޯންފެށި ގޮތެވެ. އެހުރިހާ ކަމެއް ހަނދާންވުމުން ބާޒިލް އަށް ހެވުނެވެ.
"ސިލީ ގާލް" ބާޒިލް އަށް ބުނެވުނެވެ.
އަރިއަކަށް ޖެހިލާފައި މޭ މަތީގައި އޮތް ފޯނު ނަގާފައި ކައިރީގައި އޭނާ ބޭއްވިއެވެ. މެލެކް މަތިން ހަނދާންވާން ފެށުމުން މިރޭ އޭނާގެ ހިތަށް ލިބެނީ އާދަޔާހިލާފު އުފަލެކެވެ. ހަނދާނުގައި އެއްވެސް އެއްޗެއް ނެތުމުން މެލެކް އަށް ހީވީ އެއީ އަލަށް ކުރެވުނު އިހުސާސެއް ހެންނެވެ. ކުރީގެ ހަނދާންތައް ހުރިނަމަ އެ އިހުސާސެއް ނުކުރެވޭނެކަން ޔަގީނެވެ. ބާޒިލްއަށް ހެވެނީ އެހެންވެއެވެ. އަނެއްކާވެސް ކުއްލިއަކަށް ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެގިލިއެވެ. މެލެކް ހޮޑުލާ ބަލިވި ވާހަކަ މަންމަ ބުނިކަން އޭނާ ހަނދާންވިއެވެ. އޭގެފަހުން ސާރާ އަށް ވަގުތުދޭން ހަދައިގެން އޭނާ މެލެކް އަށް ގުޅާފައި ހާލުބަލަން ހަނދާންނެތުނީއެވެ. އޭނާ ފޯނު ނެގިއެވެ. މެލެކް އަށް ގުޅަން ހިތަށް އަރާފައި ފޯނުން ފެންނަން އިން ގަޑި ބަލައިލާފައި ހުއްޓުން އެރިއެވެ. އެއްގަޑި ބައިވެއްޖެއެވެ. މިއީ މީހުންގެ ހާލު ބަލަން އެކަކުވެސް ގުޅާނެ ގަޑިއެއް ނޫނެވެ. ފަތިހު އެގެއާ ދިމާލަށް ދާން ހިތާ ބާޒިލް އަލުން އޮށޯތެވެ.
****
ފަތިސްނަމާދު ކޮށްގެން ބާޒިލް އައީ ގެއަށެވެ. ޒިޔާދު އަށް ކޮފީތަށި ހަދައިގެން އައި މައުސޫމާ ފެނުމުން ބައްޕަ މިސްކިތަށް ނުދާކަން އޭނާއަށް އެނގުނެވެ. ބާޒިލް ސޯފާގައި އިށީނދެފައި ސުވާލުކުރިއެވެ.
"ބޭރަށް ހިންގާވަރުން ބައްޕަ އުޅެނީ" މައުސޫމާ ޖަވާބުދިނެވެ.
ބޭހެއް ގަންނަންދާން ނިކުންނަން އުޅެފައި ބާޒިލް ބަލައިލީ މައުސޫމާ ގޮވާލުމުންނެވެ.
"މަންމަ އަންނާނަން މިދިމާ ބޭރުގަ ހިނގާލާފަ. އެމަންޖެ އުރާލަބަލަ. ހަތަރެއް ނުޖަހަނީސް މިއަދު ހޭލައިފި" މައުސޫމާ ބުންޏެވެ.
ބާޒިލް ބޯޖަހާލިއެވެ. އާދަވެގެން ކޮންމެ ދުވަހަކު ފަތިސްނަމާދު ކޮށްގެން މަންމަ ހިނގަން ދާނެއެވެ. މިއަދު ދާން އުނދަގުވެގެން އެ އުޅެނީ މާ އަވަހަށް ލޫލު ހޭލުމުންނެވެ. ބާޒިލް ބޯޖަހާލިއެވެ. ކޮޓަރިއަށް ވަދެފައި ނިކުތްއިރު އޭނާގެ އަތްމަތީގައި ލޫލު އިނެވެ. އެހެންމީހުންގެ ދެލޮލުން ނިދި ފިލައިގެން ނުދާއިރު ލޫލުގެ މައުސޫމު ހުދު ބޯކިރުކޮޅެއް ފަދަ ދެލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. އަނގައިން އަޑުނެރެ އަޑުގަދަކުރަމުން ދާއިރު ފަތިހުގެ ހިތްގައިމު ވަގުތުގައި ލޫލު އަށް އީދެއް އައިސްގެން އުޅޭ ކަހަލައެވެ. ފެންފޮދެއް ބޯން ބަދިގެއަށް ވަދެފައި ލޫލު ބޭންދީ ކާމޭޒު މަތީގައެވެ. ލޫލުގެ އަތުތެރެއަށް އޭނާގެ ފޯނު ލާފައި އޭނާ ޖެހިލީ އައިސްއަލަމާރި ކައިރިއަށެވެ. ފެންފުޅި ހިފައިގެން އޭނާ އައީ ލައިޓް ޖައްސާލާފައެވެ. މޭޒު ކައިރިއަށް ހުއްޓުމާއެކު އޭނާ ހަރަކާތްތަކަށް ލަސްކަމެއް އައެވެ. ޕިޖާމާކޮޅުގައި އިން ލޫލު ހުދު އަލީގެ ތެރެއިން ފެންނަނީ ހަނދެއް ފަދައިންނެވެ. ބާޒިލް ބަލަހައްޓައިގެން ހުރިތަން ފެނުމުން ލޫލު ހީލިއެވެ. އެހިނދު ލޫލުގެ މޫނުމަތިން ބާޒިލްއަށް ސިފަވެގެން ދިޔައީ މެލެކް އެވެ. ފެންބޯންވެސް ބާޒިލް ހަނދާންނެތުނު ކަހަލައެވެ. ގޮނޑީގައި އިށިންގޮތަށް ލޫލުގެ ދެފައިކޮޅުގައި ހިފާލާފައި ގާތަށް ދަމާލިއެވެ. ލޫލުގެ އަތްތިލައިގައި ހިފަހައްޓާލިގޮތަށް އެ އަތްތިލަ އޭނާގެ ތުންފަތުގައި ޖައްސާލިއެވެ. ކުއްލިއަކަށް ބާޒިލް ހަނދާންވިއެވެ. ލޫލު ލައްވާފައި އިން ޕިޖާމާ ކަހަލަ ބޮޑު ޕިޖާމާއެއް މެލެކްވެސް ލާނެއެވެ. އެއީ އޮންލައިން ޕޭޖަކުން މެލެކް ގަތް އެއްޗިއްސެވެ. ބާޒިލް ދެފަރާތަށް ބޯހޫރާލިއެވެ. މެލެކްގެ ކުދިކުދި ކަންތައްތައް އޭނާގެ ހަނދާނަނަށް އަންނަން ފެށީ ކީއްވެގެން ހެއްޔެވެ؟ ދެފަރާތަށް ބޯހޫރާލާފައި އޭނާގެ ސަމާލުކަން ލޫލުއަށް ދިނެވެ.
"ދުއްވާލަން ދަމާ" ލޫލު އުރާލަމުން ބާޒިލް ބުންޏެވެ.
"ދޮރާށި ތަޅުދަނޑި ހިފައިގެން ނިކުންނައްޗޭ. ކުޑާ އެ އޮތީ ނިދާފަ. ރޭގަ ކުޑާގެ ނިދި ހަރާބުކޮށްފަ ބަލާބަ މާމަ ދޫނިކޮޅު މަޖާވެފަ އިންވަރު" ކޮޓަރިން ނިކުތް މައުސޫމާ ގޮވާލިއެވެ.
ހަށިގަނޑާއެކު ރަނގަޅަށް ބެލްޓު ބާރުކޮށްގެން ސައިކަލުގައި ބާޒިލް ނައްޓާލީ ވަކި މިސްރާބެއް ނެތިއެވެ. ކިރިޔާ ބިމަށް އަލިވާން ފަށާފައިވާއިރު ގުދުރަތީ ހިމޭން ވައިން ހިތްތަކަށް އަރާމު ގެނުވައެވެ. މަގުތައްމަތިން ދެކޮޅަށް ހިނގަން އުޅޭ މީހުންގެ ތެރެއިން ތަބައްސުމް ފެނުމުން ކުއްލިއަކަށް ބާޒިލްގެ ހިތަށް އައިސް ވަނީ މެލެކް އެވެ. މެލެކް މިހާރު އުޅޭނީ ހޭލައެވެ. މިގަޑީގަ މެލެކް އާ ބައްދަލުކޮށް ހާލު އަހާލެވިދާނެއެވެ. ލޫލު ވެސް އުފާވާނެއެވެ. ބާޒިލްގެ ހިޔާލު ބަދަލުވިއެވެ. އޭނާ ސައިކަލު އަނބުރާލިއެވެ.
"ލޫލު ބޭނުންތަ ލޫލުގެ މަންމި އުޅޭ ގެއަށް ދާން" އޭނާ ކުރިއަށް ދުއްވަމުން ދިޔައީ ލޫލު އާ ވާހަކަދައްކަމުންނެވެ.
****
ޕާން ފޮއްޗެއްގައި ޕީނަޓް ބަޓަރ ހާކައިގެން އައިސް މެލެކް ޖައްސާލީ ގޯތީގައި ހުރި ޖޯއްޔެއްގައެވެ. ދެފައި ޖޯއްޔަށް އަރުވައިގެން ޕާންފޮތިން ފަހަރަކު އެތިކޮޅެއް އޭނާ ކަމުން ދިޔައެވެ. ފަހަތުން މީހެއްގެ ހިލަންވިހެން ހީވުމުން އޭނާ ސިހިފައި ބަލައިލިއެވެ. އަވަށް ޖޯލިން ތެދުވަން އުޅުމުގެ ތެރޭގައި ޕާންފޮތީގެ ބޮޑު ބައި އޮތްގޮތަށް ކޮށްޕާލީ އަނގައަށެވެ. ދެލޯ ބޮޑުކޮށްގެން ހުރި މެލެކްގެ ދެކޯ ފުފިފައި ހުރިތަން ފެނުމުން މިފަހަރު ހިނިއައީ ލޫލުއެވެ. ބާޒިލް ބަލަހައްޓައިގެން ހުރިތަން ފެނުމުން ޕާންގަނޑު އެއްކޮށް ދިރުވާލިއެވެ. އެވީ މަދު ސިކުންތުކޮޅުގެ ތެރޭގައި އޭނާ އުޅުނު ގޮތެއް ހުދު އޭނާއަށް ވެސް ނޭނގެއެވެ.
"ކިހިނެއް ތިއުޅެނީ؟" ބާޒިލް ބުންޏެވެ. މެލެކް ކަޅިޖަހާނުލާ ބާޒިލްގެ މޫނަށް ބަލަން ހުރީ ހައިރާންވެފައެވެ. ގެއިން އެވަގުތު ބާޒިލް ފެނުމުންނެވެ އެވެސް ލޫލު ގޮވައިގެންނެވެ.
"ކޯޗެއް ފެންނަނީ؟ އަން ލޫލު އުރާލަބަލަ"
މެލެކް ލޫލު އުރާލާފައި ލޯބިކޮށްލިއެވެ. ގޭތެރެއަށް ބާޒިލް ވަދެގެން ދާތަން މެލެކް ހުރީ ހައިރާންވެފައެވެ. އޭނަ އެދަނީ ކޮންތާކަށް ހެއްޔެވެ؟ ދޮނާ ވީ ފާހާނައިގައެވެ. ބުރުގާ ނާޅާ ހުއްޓާ ބާޒިލް ފެނުމުން ދޮނާ ހިތްހަމަނުޖެހިވެސް ދާނެއެވެ. ކަންބޮޑުވެފައި މެލެކް ޖޯލީގައި އިންދާ ގޭތެރެއިން ބާޒިލް ނިކުތީ ފެންތައްޓެއް ހިފައިގެންނެވެ. އޭނާ އައިސް ފެންތަށި ދިއްކޮށްލީ މެލެކް އަށެވެ.
"މަށަށްތަ؟" ގަބޫލުނުކުރެވިފައި މެލެކް އަހާލިއެވެ.
"ދެން އިތުރު މީހަކު މިތާ އެބަހުރިތަ؟ މިފެންތަށި ލޫލު ބޯލަފާނެ. އަވަސްކުރޭ" ބާޒިލް ބުންޏެވެ.
ފެންތަށިން އެއްބައި ބޮއެފައި މެލެކް ތަށި ބެހެއްޓީ އެއްފަރާތުގައި ހުރި ގޮނޑިމަތީގައެވެ.
"މަންމަ ބުނި ރޭގަ މެލެކް ބަލިވި ވާހަކަ. މިބުނީ ހޮޑުލި ވާހަކަ. މިހާރު ރަނގަޅުތަ؟" ބާޒިލް ބުންޏެވެ.
"އަހަރެން ބަލާލާގޮތަކުންވެސް އެމީހުން ބުނެދާނެ އަހަރެން ބަލިވެއްޖޭ. އެކަމު ބައްޔެއްނޫން" މެލެކް ބުންޏެވެ.
ދެން ފާއިތުވެގެން ދިޔައީ ވާހަކަނުދައްކާ ދިޔަ ވަގުތުކޮޅެކެވެ. މެލެކް ވީތަނެއް ބަލާލަން ބޮލުގައި ތުވާލި އޮޅާލައިގެން ނިކުތް މައިލީން އަށް ޖޯލީގައި ތިބި މެލެކް އާއި ބާޒިލް ފެނުމުން ދުމެއްޖަހާފައި ވަނީ އެތެރެއަށެވެ.
"ގޭތެރޭގަ އެބަހުރި ފޮށިތަކެއް ބަންދުކޮށްފަ. މީހަކު ތަނަކަށް ފުރަނީތަ؟ ހީވަނީ މިގޭ އެންމެންގެ ސާމާނު ބަންދުކޮށްފައި ހުރިހެން" ބާޒިލް ބުންޏެވެ.
"މިއަދު މިއުޅެނީ މާމަ ގޯއްޗަށް ބަދަލުވާންވެގެން. ގެ ތަޅާލާފާ އަލުން ގެ ހަދަން އުޅެނީ" މެލެކް ބުންޏެވެ.
"އެހެންތަ. މެލެކްގެ ބައްޕަ.... ބައްޕަ އަންނަނީތަ ރަށަށް" ބާޒިލް އަށް ބައްޕަގެ ވާހަކަ އެހުނީ އުނދަގުލުންނެވެ. އެއީ އޭނާއަށް އެމީހެއްގެ ކުރިމައްޗަށް އަރަން ނުކެރޭ އިންސާނެކެވެ. މިރަށަށް އައިސްފިނަމަ ނުފެނިއެއްވެސް ނޫޅެވޭނެއެވެ.
"ނޭނގެ. ދޮނާ ކައިރީގަ ބުނި އެއްޗެއް ބުނީ" މެލެކް ބުންޏެވެ.
އަނެއްކާވެސް ފާއިތުވެގެންދިޔައީ ވާހަކަނުދައްކާ ދިޔަ ހިނދުކޮޅެކެވެ. މެލެކް ލޫލު އާ ޖަހާ ސަކަރާތުގެ އަޑު ނޫން އެހެން އަޑެއް ނީވެއެވެ.
"އޮފީހުގަ ސޮއިޖަހާލާފަ އަންނާނަން ހެލެޕްވާން" ބާޒިލް ބުންޏެވެ.
"އޯކޭވާނެ ނަޔަސް. ޔާން ހުރީ މިއަދު އޮފް ކޮށްގެން. ޔާން އުޅޭނެ. ބުނި އަށްގަޑި ބަޔަށް އަންނާނެ ވާހަކަ" މެލެކް ބުންޏެވެ.
ބާޒިލް ހިތްހަމަނުޖެހުނެވެ. އޭނާ ކަމެއް ކުރަން އުޅޭއިރު އެންމެ ބޮޑު ހުރަހަކަށް އަދިވެސް ވަނީ ރައްޔާނެވެ. ރައްޓެއްސަކަށް ރައްޔާން ނޫނީ އެހެންމީހަކު ގެންގުޅެން މެލެކް އަށް ނޭނގެނީ ހެއްޔެވެ؟ ރައްޔާނަކީ މެލެކް މާ ގާތްކޮށްގެން މޮޅުކޮށްގެން އުޅޭ މީހެކެވެ. ބާޒިލް ދެފަރާތަށް ބޯ ހޫރާލިއެވެ. މިއީ އޭނާ އާ ބެހޭކަމެއް ނޫނޭ އަމިއްލަ ހިތަށް ވިސްނައިދިނެވެ. އެއްޗެއް ނުބުނެ ލޫލުއަށް ބަލަން އިންދާ އޭނާގެ ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށިއެވެ. ބަލައިލިއިރު ގުޅަނީ ސާރާއެވެ. ސާރާގެ ނަން ފޮޓޯއާއެކު މެލެކް އަށް ވެސް ފެނުނެވެ. އިނދެވުނީ ކޮންތާކުކަން ބާޒިލް އަށް ވިސްނާލެވުނީ ސާރާ ގުޅަން ފެށުމުންނެވެ. އެގޭގައި އިނދެ ސާރާގެ ފޯނަށް ޖަވާބުދޭން ބޭނުންނުވާތީ އޭނާ އަވަހަށް ގެއިން ނިކުންނަން ބޭނުންވިއެވެ. ކޮޅަށް ތެދުވެފައި ލޫލުއަށް އަތް ދިއްކޮށްލިއެވެ. ލޫލު ދާން ދެކޮޅު ހަދާލުމުން ބާޒިލް އަށް ބަލައިލެވުނީ މެލެކްގެ މޫނަށެވެ.
"ދާންވެއްޖެ" ބާޒިލް ބުންޏެވެ.
"ދޭބަލަ. އަހަރެން ނުހިފަހައްޓަމެއްނު" މެލެކް ބުންޏެވެ.
"ލޫލު..." ބާޒިލް ބުންޏެވެ.
"އެހެން ދުވަސްދުވަހުވެސް މިކުއްޖާ ދުވާލުގެ ވަގުތުތައް ހޭދަކުރަނީ މިގޭގައެއްނު. ބާޒިލް ތިދާ ތަނަކަށް ދޭބަލަ. އެހެންނުނީ އަލިފާންގަނޑު ހުޅުފަޅައިގެން ގޮސްދާނެ. މީކީ ސިފައިން ތިބޭ ރަށެއްވެސް ނޫން" މެލެކް ބުންޏެވެ.
ބާޒިލް ދެބުމަ ގޮށްޖަހާލާފައި މެލެކް އަށް ބަލައިލިއެވެ. ހުޅުފަޅައިގެންދާވަހަކަ އެބުނީ ސާރާގެ ރުޅިގަނޑުގެ ވާހަކައެވެ. ސާރާ އަކީ ކޮންކަހަލަ މީހެއްކަން މިހާރު މެލެކް އަށް ވެސް އެނގިއްޖެއެވެ. އެބުނާހެން ސާރާ ރުޅިއައިއްޔާ އަނެއްކާ ދެމެދުގައި ޖެހޭނީ އިތުރު ކުންޏެކެވެ. ކައިވެންޏެއް ކުރަން އުޅޭއިރު ސާރާގެ އުފާތަކަށް ސަމާޅުކަންދޭންޖެހޭނެއެވެ.
"މާ ފާޑަކަށް ބަލަހައްޓައިގެން ތިހުންނަނީ؟ އަހަރެން މިހާރު ބިރުގަނޭ ބާޒިލް ކައިރީ އެކަނި ހުންނަން" މެލެކް ބުންޏެވެ.
ބާޒިލް ހިނިއައީ އަނެއްފަރާތަށް އެނބުރުނު ފަހުންނެވެ. އެއްޗެއް ނުބުނެ އޭނާ ދޮރާއްޓާ ދިމާލަށް ހިނގައިގަތެވެ. ދޮރާއްޓާ ހަމައިން މެލެކް ގޮވާލުމުން ބާޒިލް ހުއްޓިފައި ބަލައިލިއެވެ.
"ލޫލުގެ އެއްޗެހި ގެނެސްދޭތި" މެލެކް ބުންޏެވެ.
****
ސިހާމާ އާއެކު ހެނދުނުގެ ސަޔަކަށް ސާރާ އިނީ ރަށުގެ އަތިރިމަތީގައި ހުރި ކެފޭއެއްގައެވެ. އޭނާ ބާޒިލް އަށް އެގުޅަނީ ކެފޭއަށް އަންނާށެވެ. ލޫލު ގޮވައިގެން އުރަހަގެއަށް ބާޒިލް ވަތް ވާހަކަ ސާރާ ކައިރީގައި ބުނީ ސިހާމާ އެވެ. ސިހާމާ މައުލޫމާތު ދިންގޮތުގައި އެވަގުތު އެގޭގައި އިނީވެސް މެލެކް އެކަންޏެވެ. އެކަން އެނގިހުރެ އެގެއަށް ބާޒިލް ދާކަށް ނުޖެހެއެވެ. ބާޒިލް ކިތަންމެ ނުރުހުނަސް ހިތްހަމަނުޖެހޭ ކަންތަކުގެ ވާހަކަނުދައްކައެއް ސާރާއަކަށް ނުހުރެވޭނެއެވެ.
"އެބައާދޭތަ؟" ސިހާމާ އަހާލިއެވެ.
"ދެންމެ ބުނި ކައިރިކުރަނީ އޭ" ސާރާ ބުންޏެވެ.
"އެއްޗެއް އެނގޭކަމަށް ނަހަދާ ފުރަތަމަ އަހާލަބާ ކޮންތާކު އުޅެފަހޭ ތިއައީ" ސިހާމާ ބުންޏެވެ.
ކޮފީތައްޓަށް ބަލަހައްޓައިގެން ސާރާ އިނީ މެލެކް ދެކެ ފޫހިވެފައެވެ. އެއްވެސް ކަމެއް ހަނދާންނެތް މީހެއް ފަދައިން ހަމްދަރުދީގެ ބޯޑު މޫނުމަތީގައި އަޅައިގެން ދެވަނަ ފަހަރަށް އޭނާ އަތުން ބާޒިލް ޖަހައިގަންނަން މެލެކް އެދަނީ މަސައްކަތް ކުރަމުންނެވެ. ސާރާ ހިތާހިތުން އެއްޗެހި ގޮވީ މެލެކް އަށެވެ.
ކުއްލިއަކަށް ސާރާ ސިހުނީ އޭނާގެ ލޯމަތީގައި މީހަކު އަތް އެޅުމުންނެވެ. އެމީހެއްގެ ގައިން ދޮވި ސެންޓްވަހުން އެކަނިވެސް އޭނާއަށް އެއީ ބާޒިލްކަން އެނގުނެވެ. ސާރާ ހީލާފައި ބާޒިލްގެ ދެއަތް ލޯމަތިން ދުރަށްލިއެވެ.
"ދައްތަ މިދަނީ ގޭދޮށަށް" ސިހާމާ ހިނގައިގަތެވެ.
"އަހަރެންގެ ކަމަނަ އަހަރެން މަތިން ހަނދާންކޮށްލާއިރަށް އަހަރެން މިހުރީ އައިސް" ސާރާ ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން ބާޒިލް ބުންޏެވެ.
"ކީއްވެ ފޯނަށް ޖަވާބުނުދެނީ. ވަރަށް ބިޒީކޮށް އުޅެނިކޮށްތަ އަހަންނަށް ގުޅުނީ" ސާރާ އަހާލިއެވެ.
ސާރާއަށް ކަމެއް އެނގިގެން ސުވާލު ކުރިހެން ބާޒިލް އަށް ހީވިއެވެ. އެކަމަކު ސީދާ އެކަން ޔަގީން ނުވަނިސް ކަމެއް އެނގުނު ކަމަށް އޭނާ ނެހެދިއެވެ.
"ސައިކުލަތީގަ އިނީމަ ނުނެގުނީ. ޖީބުގަ ފޯނު އޮތީ. އެހެންވެ ނޭނގުނީ. މިއަދު ކަސްރަތު ނިންމާލާފަ މިތަނަށް އައި ދުވަހެއްތަ؟" ބާޒިލް ބުންޏެވެ.
"ހަމަ ހިތަށް އެރީ ދައްތަ އާ ދެމީހުން ސައެއް ބޯލަން މިތަނަށް ވަދެލަން. މިރަށުގަ މިތަން ނޫނީ ސައްވިސް ގަޑިއިރު ހުޅުވާފަ ހުންނަ ތަނެއް ނުހުރެއެއްނު. ދެން ބުނެބަލަ މިހާ ހެނދުނު ހެނދުނާ ސައިކުގަ ކޮންތާކަށް ދިޔައީ؟" ސާރާ އަހާލިއެވެ.
ސާރާ އަށް ބާޒިލް ބަލަހައްޓައިގެން އިނެވެ. މިފަހަރު އޭނާ ބޭނުންވީ ސާރާގެ ގޮތްބަލަން ސީދާ ތެދުބަހުން ބުނާށެވެ.
"އުރަހައަށް ދިޔައީ. އެގެއަށް ލޫލު ގެންދިޔައީ. މެލެކް އާ ލޫލު ހަވާލުކޮށްފަ ސާރާ ގުޅީމަ މިތަނަށް މިއައީ. އިތުރު އެއްޗެއް އޮޅުންފިލުވަން ބޭނުންތަ؟" ބާޒިލްގެ އަޑުން އޭނާ ހިތްހަމަނުޖެހިއްޖެކަން ސާރާއަށް އެނގުނެވެ. އޭނާ ބާޒިލްގެ އަތުގައި ހިފާލިއެވެ.
"ސާރާ އަށް އަހަންނަށް އިތުބާރެއް ނުކުރެވޭދޯ. އަހަރެން ކުރާ ހުރިހާ ކަމެއްގެ ހުރިހާ ރިޕޯޓެއް ގެނެސްދޭ މީހަކު މިރަށުގަ ހުރީތަ؟ މީހަކަށް ވަޒީފާ ދީގެންތަ ތިއުޅެނީ؟ ބާޒިލް އަހާލިއެވެ. ސާރާ ބަހެއްނުކިޔާ އިނީ އޭނާއަށް ބުނެވޭ އެއްޗަކުން އިތުރަށް ބާޒިލް ރުޅިއައިސްދާނެތީއެވެ.
"އޮފީހަށްދާން ޖެހޭނެ. މިދަނީ ގެއަށް ދާން. ސާރާވެސް ލަސްނުކޮށް ގެއަށް ދޭ" އަތުކުރީގައި އޮތް ގަޑިއަށް ބަލައިލާފައި ބާޒިލް ބުންޏެވެ.
"އޭ އިހަށް މަޑުކޮށްބަ" ތެދުވަން އުޅުނު ބާޒިލްގެ އަތުގައި ސާރާ ހިފާލިއެވެ.
"އަހަރެން ހަމަ އެހެން އަހާލީ. ޝައްކޭ ތިބުނަނީ އަތުން ބީވާން ނޭދެންޏާ ލޯބީގަ ތިބުނާ ބައިތައްވެސް އޮންނާނެ. އިތުބާރަކީ ޝައްކާ ގުޅިފައިވާ އެއްޗެއް ނޫން. ޒެއްލުއަށް އަހަރެން އިތުބާރުކުރަން" ސާރާ ބުންޏެވެ.
"އެނގޭ. އަހަރެން ސާރާދެކެ ލޯބިވަނީ" ސާރާގެ މޫނުގައި ފިރުމާލަމުން ބާޒިލް ބުންޏެވެ.
"އަހަރެން ގެއަށް ގެންގޮސްދީފަ ދާންވީނު" ސާރާ ބުންޏެވެ. ސާރާގެ އަތުގައި ހިފައިގެން ބާޒިލް ދިޔައީ ލާރި ދައްކަން ކައުންޓަރު ކައިރިއަށެވެ.
(ނުނިމޭ)