ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ. "ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ލިޔުމުގައި 45 މެންބަރުން ވަނީ ސޮއިކުރައްވައިފަ އެވެ.
އިދިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ދާދި ދެންމެ ވިދާޅުވީ، މި ފަހަރު ވެސް ސޮއިކުރައްވައިފައިވާ މެންބަރުންގެ ތެރޭގައި ޕީޕީއެމްގެ މެންބަރުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން މެންބަރުންނެއް ކަމެއް އެމެންބަރު ވިދާޅެއް ނުވެ އެވެ.
45 މެންބަރުންގެ ސޮޔާ އެކު މަސީހު ވަކިކުރަން މާދަމާ ހުށަހަޅާ އިރު، މަޖިލީހުގެ ގަވައިދަށް ދާދި ފަހުން ގެނައި ގަވައިދު ބުނާ ގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރަން ހުށަހެޅޭނީ މަދުވެގެން 42 މެންބަރުންގެ ސޮޔާ އެކުގަ އެވެ. ކުރީގެ ގަވައިދު އޮންނަ ގޮތުން 15 މެންބަރުންގެ ސޮޔާ އެކު ވެސް އެ މައްސަލަ މަޖިލީހަށް ވެއްދޭނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 85 ކަމަށްވާ އިރު، ފުލް ހައުސްގެ މެޖޯރިޓީ އަށް ބެލިޔަސް ބޭނުން ވާނީ 43 ވޯޓެވެ.
ވަން އޮންލައިން އަށް މައުލޫމާތުދެއްވި މެންބަރު ވިދާޅުވީ މަސީހު ވަކި ކުރުމުގެ ލިޔުމުގައި ސޮއިކުރައްވާފައި އޮތީ 45 މެންބަރުން ކަމަށް ވިޔަސް، މަޖިލީހުގެ ތަޅުމުގައި ވޯޓު ނަގާ އިރު އިތުރު މެންބަރުން ވެސް ވޯޓު ދެއްވާނެ ކަމަށެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު މާދަަމާ ނަގާ އިރު، އެ ޕާޓީގެ މަޖިލިސް މެންބަރުން ވަކިކުރަން ޕާޓީން އެދުނަސް ވަކި ނުކުރާނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ. އެހެން ކަމުން ވޯޓުދޭ ގޮތަކުން ގޮނޑި ގެއްލުވައިލުމުގެ ބިރު އެ މެންބަރުންނަކަށް ވެސް މިހާރަކު ނެތެވެ.