ވާހަކަ

ރުހުން ދީފާނުހޭ - 14

5

އައްޒާމްދެކެ އައިސްފައިވާ ރުޅިގަނޑު ބައެއްފަހަރު އޭނާއަށް ރައްޔާނަށް ބޭލެން އުޅެއެވެ. އެފަދަ ވަގުތުތަކުގައި އޭނާ އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވައެވެ. އައްޒާމް އާ އޭނާ އާ ދެމެދު ހިންގި އެއްވެސް ކަމެއްގައި ރައްޔާން ބައިވެރިކުރަން އޭނާ ބޭނުމެއްނުވެއެވެ. އެހެނީ ރައްޔާން އަކީ އޭނާގެ ދޮންދަރިއެއް ނަމަވެސް އުފަން ދަރިއަކަށް ވުރެ އެންމެ ތަންފުކެއްވެސް ދަށް ކުއްޖެއް ނޫނެވެ.

"ތިދަނީތަ؟ ކޮފީ ބޮއެގެން ދާންވީނު" ރައްޔާން ސައިކަލް ސްޓާޓްކޮށްލުމުން ތަބައްސުމް ބުންޏެވެ.

"މިރޭ އަދި އާދެވޭނެއްނު" ހީލާފައި ރައްޔާން ބުންޏެވެ.

****

ދޮރު ހުޅުވާލަން އުޅުނު މެލެކް އަށް ހެވުނީ ދޮރާށި ހުޅުވާލާފައި ނިކުތް ބާޒިލް ފެނިފައެވެ. ކުރިމަތިން އެކަކު އަނެކަކަށް ފެނުމާއެކު ހިނދުކޮޅަކަށް އެކަކު އަނެކަކަށް ބަލަހައްޓައިގެން ހުރެވުނެވެ. އެވަގުތު ދެ ޒުވާނުންގެ ސިކުނޑީގައިވެސް ވީ އެއް މަންޒަރެވެ. ބާޒިލް ގެ ކައިރިޖް ނެއްޓިގެން ބޮޑަށް ދޮރުހުޅުވާލާފައި މެލެކް އެތެރެއަށް ވަނެވެ.

"މިހާރު ކިހިނެއް؟" ބާޒިލް ގެ އަޑު އިވުމުން މެލެކް ފަހަތަށް ބަލައިލިއެވެ.

"ރަނގަޅެއްނު ވާނީ. ބާޒިލް ދިޔައީ ރަނގަޅުކޮށްފައެއްނު" މެލެކްގެ ޖުމްލައިން ބާޒިލް ހައިރާންވިއެވެ. ބުނެވުނު އެއްޗަކާމެދު މެލެކް އަށް ވިސްނާލެވުނީ މާފަހުންނެވެ. ބާޒިލްގެ ނަޒަރުން ސަލާމަތްވުމަށް އޭނާ އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރުނެވެ. ދެ ދަތްޕިލަ ދެމެދުގައި ދުލު ކުރި ފިއްތާލާފައި އަވަހަށް ގޯތި ތެރެއަށް ވަންނަން އުޅުނެވެ. އެހިނދު ބާޒިލް ގޮވާލިއެވެ.

"އަހަރެން ކުރި ކަމަކުންތަ މެލެކް ރަނގަޅުވީ. އެހެންވިއްޔާ އަހަރެން ބުނާނީ މެލެކް ކުރި ކަމަކުން އަހަރެން ރޯގާ ޖެހިއްޖޭ. ކަރުގަވެސް އެބަރިއްސާ" ބާޒިލް ބުންޏެވެ.

"އަހަރެން ކީއްކުރީ؟" އެނބުރިފައި މެލެކް އަހާލިއެވެ.

"އަހަރެންގެ އަނގަ...."

ބާޒިލް އަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް މެލެކް އަނެއްކާވެސް ބާޒިލް އަށް ފުރަގަސްދީފިއެވެ.

"އައްޗީޑި. ދައްކާ ހަޑި ވާހަކަ" މެލެކް ހިނގައިގަތެވެ.

ބާޒިލް ހިނިއައެވެ. އޭނާ ނިކުމެގެން ގޮސް ސައިކަލަށް އެރިއެވެ. އޭނާ ނިކުތީ ތަންކޮޅެއް ދުރުގައި ހުރި ފިހާރައަކަށް ދިޔުމަށެވެ. މެލެކް ފެނުމުން އޭނާ އަށް ވީގޮތެއް ހުދު އޭނާއަށް ވެސް ނޭނގުނެވެ. ސަމާސާކޮށްލާހިތއްވީއެވެ. އާދައިގެ ދުވެއްޔެއްގައި އޭނާ ކުރިއަށް ދުއްވަމުން ދިޔައެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ މެލެކް އާ އެހާ ގާތަށް ދެވިގެން ނުވާނެއެވެ. ސާރާ...." ކުއްލިއަކަށް އޭނާ ބުރަކި ޖައްސާލިއެވެ. ސާރާ މަތިން ހަނދާންވުމުން މުށްގަނޑަށް ބާރުކޮށްލެވުނެވެ.

****

އެތެރެއަށް މެލެކް ވަދެގެން ދިޔައީ ލަސްލަހުން ހިނގާފައެވެ. އޭނާ ބޭނުންވީ އަދިވެސް ބާޒިލް އޭނާ އާ ވާހަކަދައްކާށެވެ. އެ އަޑު އަހާށެވެ. މައި ދޮރާ ހަމައަށް ގޮސްފައި އޭނާ ފަހަތަށް ބަލައިލިއެވެ. ބާޒިލް ފެންނާކަށް ނެތެވެ. އަމިއްލަ ނަފްސަށް ހިނިތުންވެލުމަށްފަހު މެލެކް އެތެރެއަށް ވަނެވެ. ފުރަތަމަވެސް އޭނާގެ ކަންފަތުގައިޖެހުނީ ލޫލުގެ ރުއިމުގެ އަޑެވެ.

"ކާކުތަ މަގޭ ދަރި މާވަރަކަށް ރޮއްވަނީ" ހުޅުވާފައި ހުރި ކޮޓަރިން އެތެރެއަށް ވަންނަމުން މެލެކް ބުންޏެވެ. ޒޭބާ ބަލައިލީ މެލެކްގެ އަޑަށެވެ.

"މަންމަ ނުފެންނަންޏާ ރޯނެއްނު. ބަލާބަ ނިކަން މެލީ އައިމަ ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން އޮތްގޮތް" ޑައިޕާ ހިފައިގެން ޑަސްބިނާ ދިމާލަށް ދަމުން ޒޭބާ ބުންޏެވެ. މެލެކް އެއައި ގޮތަށް އައިސް ލޫލު އުރާލާފައި މޫނުގައި ބޮސްދޭން ފެށިއެވެ. އޭނާ ވަރަށް ހަނދާންވި ވާހަކަ ކޮންމެ ބޮސްދިނުމަކަށްފަހު ބުނަމުން ދިޔައެވެ. ޒޭބާ އެމަންޒަރު ބަލަހައްޓައިގެން ހުރީ ހެވިފައެވެ.

"އަދިވެސް އަޑެއްނެތް ދޯ. ފިޔާ ކައިބަލަ ގިނައިން. ޒެއްލުވެސް މިއަދު ރޯގާޖެހިފަ ހުރީ." ޒޭބާ ބުންޏެވެ.

" ދެންމެ ދިމާވެގެން ބުނި. ކިހިނެއްވީ އަޑު ހަޑީ ތަ؟ ތެދެއްތަ ދައްތިގެ ލޫލުއަށް ވެސް މި އަޑު ހަޑިވީތަ؟" ލޫލުގެ ނޭފަތާ އޭނާގެ ނޭފަތް ހާކާލަމުން މެލެކް ބުންޏެވެ. ޒޭބާގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވިއެވެ. ލޫލު އަށް މެލީ ކިޔައިދެނީ އޭނާއަށް ދައްތަ އެވެ. އެހެން މީހުން ލޫލުއަށް ބުނެދިނީ މަންމަ ކިޔުމަށެވެ. ބޮޑުވަމުން އެކުއްޖާ މުހާތަބްކުރާނީ ކޮން ނަމެއް ކަމެއް ނޭނގެއެވެ.

****

ފިހާރައިން އައި ބާޒިލް އެތެރެއަށް ވަތްއިރު އެނދުގައި ލޫލު ރީތިކުރަން އިނީ މެލެކް އެވެ. ޒޭބާ ވީ ފާހާނާގައެވެ. މެލެކް ގާތަށް ހިނގާފައި އައިސް ބާޒިލް އިށީނީ އެނދުގައެވެ.

"ކޮބާ ކުޑައްތަ" ބާޒިލް އަހާލިއެވެ.

"ފާހާނައިގަ" މެލެކް ބުންޏެވެ.

"ކުޑައްތަ ބުނެގެން ޔޯގަޓް ގަންނަން ދިޔައީ. ލޫލު ކާނެ ދޯ މިވައްތަރު" އަތުގައި އޮތް ކޮތަޅު ދައްކާލަމުން ބާޒިލް އަހާލިއެވެ. މެލެކް ބަލައިލާފައި ހީލިއެވެ. މެލެކްގެ އުނގުގައި އިން ލޫލުގެ އިސްތަށިކޮޅުގައި ކުޑަ ފުނަލަކުން ފުނާ އަޅުވަމުން ދިޔައިރު ލޫލުގެ އަތްތިލައިގެ ތެރެއަށް އިނގިލި ލައިގެން ބާޒިލް އިނެވެ. އެހެން އިނދެފައި މެލެކްގެ މޫނަށް އޭނާއަށް ބަލައިލެވުނީ ކީއްވެގެން ކަމެއް ނޭނގެއެވެ.

"ބާޒިލް ތިކުރީ ރަނގަޅު ކަމެއްނޫން. ސާރާ އާ ރައްޓެހިވެގެން އިންނަން ތިއުޅެނީ؟ އަހަރެން ޔޫސްކޮށްލީ ހިނދުކޮޅަކަށް. އަހަރެން މިއީ ބާޒިލް ތިހީކުރާކަހަލަ އަންހެން ކުއްޖެއްނޫން" މެލެކް ވާހަކަދެއްކިއެވެ.

ކުއްލިއަކަށް މެލެކް ފެށި ވާހަކަތަކުން ބާޒިލް އަށް އުނދަގުވިއެވެ. ވާހަކަތަކުގެ މެދަށް ސާރާ ގެ ނަން ލުމުންނެވެ. ސާރާ އަށް ބޭވަފާތެރިވެވުނު ކަމަށް އޭނާގެ ހިތް ނިންމު ނިންމުމަށް ސިކުނޑި ދެކޮޅު ހެދިއެވެ. ބައެއްފަހަރު އޭނާގެ ސިކުނޑި ބުނާ ކަހަލައެވެ. ބާޒިލް ބޭވަފާތެރިތިވަނީ ސާރާއަކަށް ނޫނެވެ. ކައިވެނިން ބޭރުން އަންހެނެއް ގާތްކޮށްގެން ބޭއިންސާފުން ކަންތައްތިކުރެވެނީ މެލެކް އާ މެދުގައެވެ.

"މި ނިމުނީ. ބޭރަށް މި ނިކުންނަނީ؟ ޒޭބާއްތަ ނިކުތީމަ ތިއީ ރަނގަޅު ވައްތަރެއްކަން ނޫނީ ނޫންކަން އެނގޭނީ" މެލެކް ބުންޏެވެ. އޭނާ ލޫލު ބާޒިލް އަތަށް ދީފައި ލޯގަނޑު ކައިރިއަށް ގޮސް ލައިގެން ހުރި ހެދުމާ ބުރުގާ ރީތިކޮށްލިއެވެ. އަލުން އައިސް ލޫލު އުރާލައިގެން ނިކުންނަން ދިޔައެވެ. އެހުރިހާއިރު ބާޒިލް އިނީ މެލެކް އަށް ބަލަހައްޓައިގެންނެވެ.

"ބައި ބުނޭ ބައްޕި އަށް" ދޮރާ ހަމައިން ހުއްޓިފައި މެލެކް ބުންޏެވެ.

****

ބަށި ކުޅެން ގޮސްފައި ސިހާމާ ގެއަށް އައިރު ސޯފާގައި ސާރާ އަށް އޮތީ ނިދިފައެވެ. ޓީވީ އިން އަޅުވާފައި ހުރި ފިލުމުގެ އަޑު ހުރީ ސިނަމާއެއް ފަދައިންނެވެ. އެއް ކުޝަން ތިރިއަށް ވެއްޓިފައި އޮތް އިރު ޓިވީގެ ރިމޯޓްވެސް އޮތީ ސާރާގެ ބޮލާ ދިމާލުން ކާޕެޓްމަތީގައެވެ. ފޯނު އޮތީ ސާރާގެ މޭމަތީގައެވެ. ސިހާމާ ހީކުރީ އިރުއޮށްސުމުގެ ކުރިން ބާޒިލްގެ ހަބަރެއް ވާނެ ކަމަށެވެ. ސާރާ އަށް ނިދިފައި އެވަނީ ބާޒިލްގެ އިންތިޒާރުގައި އޮށްވައެވެ. ސިހާމާ ބާޒިލް އަށް ކުދި ކިޔާލިއެވެ. އެއީ މީހުން ލޯބިވާ ގޮތް ހެއްޔެވެ؟ ސާރާ ބުނިހެން ކުރިން ބާޒިލް އެހުންނަނީ އަޅާނުލާށެވެ. އެކަމަކު މިކަން މިދަނީ އަތްނުފޯރާހާ ދުރަށެވެ. ބާޒިލް އާ ސާރާ އެއްކޮށް ދުރުވެގެން ނުވާނެއެވެ. އެހެން އެކަން ވެއްޖެނަމަ ސާރާގެ ހިތް ދެވަނަ ފަހަރަށް ހަލާކުވާނެއެވެ. ސާރާ އަށް ބާޒިލް ލިބެންޖެހޭނެއެވެ. ދެކުދިންގެ ކައިވެނި ކުރެވެން ޖެހޭނެއެވެ. މިހާރު ކޮންމެސް އެކަކު ގޮތްދޫކުރަން ވެއްޖެއެވެ.

"ސާރާ... އޭ ދަރިފުޅު ތެދުވެބަލަ" ސިހާމާ ސާރާ އަށް ގޮވިއެވެ.

ސާރާ އަކީ ނިދިމަޑު ކުއްޖަކަށް ވާތީ އަތުގައި އެންމެފަހަރަކު ކޮށްޓާލާއިރަށް ތެދުވެ އިށީނދެއްޖެއެވެ. ވެއްޓިފައި ހުރި އެއްޗެހި ނަގާފައި ޓިވީގެ އަޑު ކަނޑާލާފައި ސާރާ ކައިރީގައި ސިހާމާ އިށީނެވެ.

"މިއީ ކޮން ވަގުތެއް ނިދަން. ބަންގިވެސް ގޮވައިފި" ސިހާމާ ބުންޏެވެ.

"ލަވަ އަޅުވައިގެން އޮށްވަ ނިދުނީ" ސާރާ ބުންޏެވެ.

"ފެންވަރައިގެން ނަމާދުކޮށްލާ. އިޝާފަހުން ކައިގެން އެގެއަށް ދާންވީނުން. ދައްތަ އަށް ހީވަނީ ކޮންމެސް އެއްފަރާތަކުން ގޮތް ދޫކޮށްގެން ގުޅުމެއް ކުރިއަށް ގެންދެވޭނީ" ސިހާމާ ބުންޏެވެ.

"މިހާރު އެނގިއްޖެއްނު ބާޒިލް ރުޅިއައިސްފަ ހުރިވަރު" ސާރާ ބުންޏެވެ.

"ދައްތައަކަށް ނޭނގެ. ސާރާ އަށް އަދިވެސް ބާޒިލް މުށުތެރެއަށް ނުލެވެނީ. އެހެންވެ ބޭނުންހާ އެއްޗެއް އެ ހެދެނީ. ދެން ތެދުވޭ. ބަލާބަ ތިއޮށް ރީތި އިސްތަށިތައް. އަނެއްކާ ރީބޮންޑިންގ ހަދާލަންވީނު. ނިކަން އަދިވެސް ރީތިކޮށް ހުރެބަލަ. ތިހަށިގަނޑު ތި ނޫންގޮތަކަށް ނުބަހައްޓާތި. މި ރަށުގައިވެސް ނޫޅޭނެ ސާރާގެ ހަށިގަނޑާ ވާދަކޮށްލެވޭވަރުގެ އަންހެން ހަށިގަނޑެއް. ދައްތަ އަށް ފެންނަނީ ކައިވެނި ކުރުމުގެ ކުރިން ރީތިވާ ތަނަކަށް ގޮސް އަލުން ފްރެޝްވެލަން. ނިޔަފަތިތައްވެސް ރީއްޗަށް ހަދާލަން" ސިހާމާ ވާހަކަދެއްކިއެވެ.

އަމިއްލަ އަތުގެ ނިޔަފަތި ތަކަށް ބަލަން އިނދެފައި ސާރާ ހިނިތުންވެލިއެވެ. އޭނާ ތެދުވެގެން ހިނގައިގަތެވެ.

****

އިޝާނަމާދުން އައިސް ބާޒިލް ގެއަށް ވަތްއިރު ޒިޔާދު އަދި ނާދެއެވެ. ކާން ހަދައިގެން ނިކުމެ މައުސޫމާ އިނީ ރޭގަނޑު އަށެއްގަ ހަބަރު އަޅުވައިގެންނެވެ. ބާޒިލް ފެނުމުން ހީލާފައި ކައިރީގައި އިށީނދެލުމަށް ބުންޏެވެ. ބާޒިލް އައިސް ގާތުގައި އިށީނެވެ.

"މިހާރު ރޯގާގަނޑު ކިހިނެއްތަ؟ ކަރުގަ އަދިވެސް އެބަރިއްސާތަ؟" މައުސޫމާ އަހާލިއެވެ.

"އެހާބޮޑުވަރެއްނުވޭ. މިހާރު ރަނގަޅު" ބާޒިލް ބުންޏެވެ. އިރުކޮޅަކުން އިނގުރި ސައި ތައްޓެއް ހިފައިގެން އައިސް ބާޒިލްގެ ކުރިމަތީގައި މައުސޫމާ ބެހެއްޓިއެވެ.

"މެލީ ހޮޑުލަނީ އޯ. ދެންމެ މިގެއިން އެދިޔައީ" ޖެހިގެން ހުރި ގޮނޑީގައި އިށީންނަމުން މައުސޫމާ ބުންޏެވެ.

"ކީއްވެ؟ އަނެއްކާ މާބަލިވީތަ؟" ބާޒިލް އަހާލިއެވެ.

"މައިލީން ބުނި އެ ކާބެސްތަކުން ބައެއްފަހަރު އެހެންވެއޯ. މަންމަ އަށް ވަރަށް ރަނގަޅު ނިދުމުގެ ކުރިން ދަރިފުޅު މެލީ ގެ ހާލު ބަލާލިއްޔާ. އޭރުން ތާބާމެންވެސް ހިތްހެޔޮވާނީ. ހާލު ބަލާލަނަން ދޯ" މައުސޫމާ ބާޒިލްގެ އަތުގައި ފިރުމަމުން ދިޔައެވެ. މަންމަގެ އަތުގައި ހިފާލަމުން ބާޒިލް ބޯޖަހާލިއެވެ.

"ތިހެންވިއްޔާ ލޫލު މިރޭ ވަރަށް ބޮޑާހާކާނެ. މެލެކް އަށް ކިހިނެއްތަ އެނގެނީ އެއީ އޭނަ މަންމަ ކަމެއް؟" ބާޒިލް ކުރި މޮޔަ ސުވާލުން މައުސޫމާއަށް ހެވުނެވެ.

"ގުދުރަތީ ގުޅުމެއް އެއީ. މިދުނިޔޭގައިވާ އެންމެ ރީތި ގުޅުން. މަންމަގެ ބަނޑުގައި އެކުދިން ހޭދަކުރާ ނުވަ މަހަކީ މަންމަގެ ހުރިހާ ކަމެއް އަލިފުން ޔާއަށް އެކުދިން ދެނެގަންނަ ދުވަސްތައް. މައިމީހާ އުފާކުރިޔަސް ހިތާމަ ކުރިޔަސް އެކުދީންނަށް އިހުސާސުވޭ. ދުނިޔެއަށް އައުމަށްފަހު އެކުދީންގެ ނޭފަތުން މައިމީހާ ގެ ވަސް ފިލައިގެން ނުދޭ. މެލީ ހޮސްޕިޓަލުގައި އޮތް ދުވަސްތަކުގައިވެސް މެލީގެ ކުރީގެ ވީޑިޔޯތައް ދެއްކީމަވެސް ލޫލު މައިތިރިވޭ. އެކަން އެނގެއެއްނު... މިރޭ ނަސީބަކުން މެލީ ދިޔައީ ލޫލު ނިންދަވާފަ. ދޭބަލަ ނިކަން. ކުޑައްތަގެ ކޮޓަރީގަ އެބައިން ދަރިފުޅު ހޯދަން އައިސް އިން މީހަކު"

ބާޒިލް ހިނގައިގަތެވެ. އޭނާ ހޯދަން އައިސް އިންމީހަކު ކުޑައްތަ ކޮޓަރިއަށް ދާންޖެހޭ ސަބަބެއް އޭނާއަށް ނޭނގުނެވެ. ދޮރު ހުޅުވާލުމާއެކު ޒޭބާ އާ ވާހަކަދައްކަން އިން ސާރާ ފަހަތް ބަލައިލިއެވެ. ބާޒިލް ފެނުމުން ސާރާ ހިނިތުންވެލިއެވެ. އޭގެ ޖަވާބުދޭނެ ގޮތެއް ބާޒިލް އަށް ނުވިސްނުނެވެ. އޭނާ މޫނުމަތިން ތަފާތު އަސަރެއް ފާހަގައެއްނުވިއެވެ.

"ޒެއްލު... ކިހިނެއްތަ؟" ސާރާ އަހާލިއެވެ.

ބާޒިލް އަށް ލިބުނީ ހައިރާންކަމެކެވެ. އޭނާ ހީކުރީ ސާރާގެ ހަބަރެއް ދެން އޭނާ އަށް ނުވާނެ ކަމަށެވެ. ގޮރްދޫނުކުރަންވެގެން އޭނާވެސް ގޮތުގައި ހިފަހައްޓާލީއެވެ. އަންގާވެސްނުލާ ސާރާ ގެއަށް އައިސްތަން ފެނުމުން ބާޒިލް ހިތްހަމަޖެހުނެވެ.

"ދެކުދިން ވާހަކަދައްކާލާ" ޒޭބާ ނިކުމެގެން ދިޔައީ އެއްކޮށް ދޮރުނުލައްޕައެވެ. އެނދުގައި ނުއިށީނދެ ބާޒިލް ހުރީ ކޮޅަށެވެ. އޭނާ ހުރީ ކުރިން އަނަގއިން ނުބުނާށެވެ. އެންމެފަހުން ސާރާ އައިސް ބާޒިލްގެ ކުރިމަތީގައި ހުއްޓިފައި ދެކަންފަތުގެ ކުޑަ ފޫޅުގައި ހިފާލިއެވެ.

"އައިމް ސޮރީ" ސާރާ ބުންޏެވެ. ބާޒިލް ދުރުބަލަން ފެށިއެވެ. ގޮތްދޫކޮށް ކުރިން ސާރާ އެގޮތަށް މަޢާފަށްއެދުމުން އޭނާއަށް ސާރާ ދުރުކޮށްލާކަށް ނުކެރުނެވެ.

"އިޓްސް އޯކޭ" އެއްވެސް އަސަރެއް ނެތް ގޮތަކަށް ބާޒިލް ބުންޏެވެ. އޭނާ އެނދުގައި އިށީނެވެ. ބާޒިލްގެ ފަރުވާކުޑަ އެ އަމަލުން ސާރާ ދެރަވެއްޖެއެވެ. މީހަކު މަޢާފަށްއެދުމުން ހަމައެކަނި މައާފްކޮށްފީމޭ ބުނެ ނިންމާލައިގެން ނުވެއެވެ.

"ދިސް އިޒް ވެރީ ރޫޑް" ސާރާ ބުންޏެވެ.

ބާޒިލް ސާރާއަށް ބަލައިލިއެވެ.

"އަހަރެންގެ ފަރާތުން ސާރާ އެހާ އުންމީދުނުކޮށްބަލަ. އަހަރެން މިބުނީ މައާފްކޮށްފީމޭ. އަހަރެން އުންމީދުކުރަން ޝަކުވާ މަދުކޮށްފަ ޝައްކުކުރުން އެއްކޮށް ހުއްޓާލާނެކަމަށް" ބާޒިލް ބުންޏެވެ.

"ޕާސްޓްގަ ވީ ކަމެއްވިއްޔާ ހަނދާންނައްތައެއް ނުލެވޭނެތަ؟ އަލުން ލޯބިން ނޫޅެވޭނެތަ؟ ވީކަމެއް ވުމުގައި އަހަރެން އެކަނި ކުށްވެރިވާހެން ބާޒިލް އަށް ހީވާނަމަ އަނެއްކާވެސް މިބުނަނީ ސޮރީ" ސާރާ ބުންޏެވެ.

"އަހަރެން އެއްކަމެއްވެސް ހަނދާނެއްނުނެތޭ. ސާރާ އަށް އެނގޭތަ ޝައްކުކޮށް ރިލޭޝަންޝިޕެއްގަ ކަންކަމަށް އަބަދު ފޯސްކުރާ ކޮންމެފަހަރަކު ލޯބިވާ މީހާ އާ ދުރަށް އެޅޭނީ ފިޔަވަޅެއްކަން. ލޯބިވަންޏާ ދުރަކަށް ނުދާނޭ ކޮންމެ ހާލެއްގަވެސް އެކުގަ އުޅޭނޭ ކަންކަން ގުރުބާން ކުރާނޭ މިއީ ހަމަ އަނގައަށް ފަސޭހައަށް ދައްކާލާ ވާހަކަ. ކޮންމެ ކަމެއްގަވެސް ލިމިޓެއް އޮންނާނެ. އިންސާނަކަށް ވީތީ ކެތްކުރެވޭނީވެސް ވަކި ހިސާބަކަށް. ނޫންތަ؟ އަހަރެން ސާރާދެކެ ލޯބިވޭ. ސާރާ އަހަރެންދެކެ ލޯބިވޭ. ކޮންމެ އިންސާނެއްގެވެސް މާޒީއެއް އޮންނާނެ. ސާރާ އަހަރެންގެ ދިރިއުޅުމަށް އައިފަހުން މިވަރުގެ ކަމެއްވެސް ކޮށްފައެއް ނޯންނާނެ ސާރާ ކައިރީގަ ނުބުނެ. ކައިވެނިކުރަން ޖެހުނީތީ އެވާހަކަވެސް ބުނިން. މެލެކް ބަނޑުބޮޑުވި ވާހަކަވެސް ބުނިން. މިހާރު އަހަރެންގެ ދަރިއެއް އެބައޮތް. އެކުއްޖާ އާ ދުރަށް ދާން އުޅެނީ ސާރާ. އަހަރެން ޝަކުވާއެއް ނުކުރަން. އެހެންވެ މިބުނަނީ އަހަރެންގެ އުނި ކަންތައްތަކެއް ވެޔޭ ސާރާ އަށް ހީވަންޏާ އަމިއްލަ އަށް ގަބޫލުކުރޭ ސާރާގެވެސް އުނި ކަންކަން ވާކަން" ބާޒިލް ވާހަކަދެއްކިއެވެ.

ސާރާ ތުންފަތުގައި ދަތްއަޅާލިއެވެ. މައާފްކުރިޔަސް ބާޒިލްގެ ހިތުގައި އުދާސްތަކެއް ހުރިކަން ސާރާ އަށް ގަބޫލުކުރެވުނެވެ. އޭނާ ބާޒިލް ގާތުގައި އިށީނދެލާފައި ބާޒިލްގެ ކޮނޑުގައި ބޯ އަޅާލިއެވެ.

"އަހަރެން ގަބޫލުކޮށްފިން. ދެން އެހެންނުވާނެ" ސާރާ ބުންޏެވެ. ސާރާގެ އަތުގައި ފިރުމާލާފައި ބާޒިލް ހިނިތުންވެލިއެވެ. މިފަހަރު އޭނާއަށް ކުރިން ކުރެވުނު އުފާވެރި އިހުސާސު ނުކުރެވުނެވެ.

****

ކައިގެން މައިލީން ކޮޓަރިއަށް ވަނީ އޭނާ ކިޔަވަން ގެންގުޅޭ ބޭސް ފޮތްތައް މުޠާލިޔާ ކުރާށެވެ. ލިބޭ ހުސްވަގުތުތަކުގައި މައުލޫމާތު އިތުރުކުރުމަށް އެފަދަ ފޮތްތައް އޭނާ ކިޔައެވެ. ކޮޓަރީގައި ނޯވެވިގެން ނިކުތީ ބޭރަށް ނިކުތްފަހުން މެލެކްގެ ހަބަރެއް ނުވާތީއެވެ. ތަބައްސުމްގެ ކޮޓަރި ހުޅުވާފައި ހުރިތަން ފެނުމުން މައިލީން ގޮސް ވަނީ އެކޮޓަރިއަށެވެ. އެނދުމަތީގައި ހުރި ފޮށްޓަށް ފަތްޖަހާފައި ހުރި ހެދުންތައް އަޅަން އިން މެލެކް ފެނުމުން މައިލީން ހިނިތުންވެލިއެވެ. ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލާފައި އޭނާ އައިސް އިށީނީ މެލެކް ގާތުގައެވެ.

"ކަމަނަ އަދިވެސް ހޮޑުލަވާތަ؟" މައިލީން އަހާލިއެވެ.

"ނުލަވާ. ވައިލެވޭ ގަޑީގަ އެ ބޭސް ރަހަ އަނގައިގަ ލާތީ ހޮޑުލެވުނީ" މެލެކް ބުންޏެވެ.

އަލަމާރީގައި ހުރި އެއްޗެހި އެހެން ފޮށްޓަކަށް އަޅަން ހުރި ތަބައްސުމް ދެ ދަރީންނަށް ބަލައިލާފައި ހިނިތުންވެލިއެވެ.

"ބާކީ އެއްޗެހި މަންމަ އަޅާލަފާނަން. ދަރިފުޅުމެން އެއްޗެހި އަޅައިފިންތަ؟ ރައްޔާނު ބުންޏެއްނު ހެނދުނު މި އެއްޗެހި ގެންދަން އަންނާނަމޭ" ތަބައްސުމް ބުންޏެވެ.

"އަހަރެން ނިމިއްޖެ. ދޮނާގެ ސްލޯކަމާ ހުރެ އަދި އެއްކަމެއްވެސް ނުވޭ" މެލެކް ބުންޏެވެ.

"އެއްޗެހި ޕެކް ކުރަން އަހަރެން ނުގަނާނެ ފަސްމިނެޓްވެސް. މީ މެލީއެއް ނޫނޭ" މެލެކްގެ ބޮލުގައި ޖަހައިލަމުން މައިލީން ބުންޏެވެ.

ކޮޓަރީ ދޮރުގައި ޓަކިޖަހާލި އަޑު އިވުމުން ތިން އަންހެނުން އެއްކޮށް އެދިމާލަށް ބަލައިލިއެވެ. އެއްކޮށް ނުލެއްޕި ހުރި ދޮރު ދޭތެރެއިން ހުދު ކުލައިގެ އަތެއް ފެނުމުން ތަބައްސުމް އަށް އެނގުނެވެ.

"ރައްޔާނު އެ އައީ. އެސޮރު ކައި ނިމެންދެން އެތަނުގައި އެކަކު ހުންނަންޖެހޭނެ" ތަބައްސުމް ބުންޏެވެ.

އެނދުން ފުންމާލީ މެލެކް އެވެ.

"މަންމަމެން ތިބޭ. އަހަރެން އިންނާނަން ޔާން ކައި ނިމެންދެން. ލަހުން ކާން އައިމަ އަދަބުވެސް ދޭންޖެހޭނެއްނު" މެލެކް ނިކުތް ދޮރާ ދިމާލަށް ބަލަން އިނދެފައި މައިލީން ބަލައިލީ ތަބައްސުމް އަށެވެ. އޭނާ ވިސްނާގޮތަށް މަންމަ ވިސްނާނެބާއޭ ހިތަށް އެރިއެވެ.

"މަންމައަކަށް ހިއެއްނުވޭތަ ޔާން މެލީދެކެ...."

"ޔާރައްބީ. ތިކަހަލަ ވާހަކަނުދައްކާ. މެލީ އަށް އަދި ތިފަދަ ފުރުސަތެއްނެތް. އެހެންނޫނަސް ރައްޔާނު އާ މެލީ ގުޅޭކަށް މަންމައަށް އެއްބަހެއް ނުވެވޭނެ" ތަބައްސުމް ބުންޏެވެ.

"އެއީ...؟ މިސާލަކަށް އެފަދަ ދުވަހެއް އައިއްޔާ މަންމަ މެލީގެ ހުރަހަކަށް ވާނީތަ؟ މަންމައަކާ ނުވެސް ގުޅޭ" މައިލީން ބުންޏެވެ.

"ތިއިން އެއްވެސް ކުއްޖެއްގެ އުފާތަކަށް ހުރަހަކަށް ވާކަށް މަންމަ ބޭނުމެއްނޫން. އެކަމަކު ރައްޔާނު... މަންމަ އެކުއްޖާ އަށް ނަފްރަތެއް ނުކުރަން. އެކަމަކު މާޒީގަ ކަންތައްތައް ވެފައި އޮތްގޮތުން ވޭންތަކާ ތަކުލީފުތައް އަދިވެސް ފަސޭހަނުވާ ޒަހަމްތަކެއް ހިތުގައި ލެވިފައި އެބަހުރި. މިއީ ދަރިފުޅުމެންގެ ބައްޕަ މަންމައަށް ދިން ޒަހަމްތަކެއް" ތަބައްސުމް ބުންޏެވެ.

"މަންމަ އާ ބައްޕަ އާ ދެމެދު މީގެކުރިން ހިނގާފައިވާ ކަމަކާ ޔާނު އާ ކޮންކަމެއް. އޭރުގައި އަހަރެމެން ފަދައިން ޔާން އަކީ ވެސް މައުސޫމު ތުއްތު ކުއްޖެއް. ޒަމާނާ ތަހުޒީބުވެފައިވާ މާހައުލެއްގައި ރަނގަޅު ތަރުބިއްޔަތަކާ ތައުލީމެއް ލިބިގެން ބޮޑުވުމުގެ ހައްގު ޔާނު އަށްވެސް އޮންނަންވާނެއްނު. އެ ފުރުސަތު ބައްޕަ އެކުއްޖާއަށް ހޯދައިދިނީ އެއީ ބައްޕަގެ ހެޔޮކަމެއްނު. އަމިއްލަ ދެ ދަރީން ބިކަކުރި ދެއަތުން އެހެން ތުއްތު ފުރާނައަކާ ހަވާލުވެ ދިރިއުޅުމެއް ހޯދައިދީފިއެއްނު. މަންމާ، މަންމަ އެއްވެސް މީހަކަށް ނަފްރަތު ނުކުރައްޗޭ. ޔާނު އެއީ ވަރަށް ވަރަށް އަހުލާގު ރަނގަޅު ކުއްޖެއް. އެހެންނޫނީ މި އާއިލާ ތެރޭގަ ޖެހޭ ހުރިހާ ކަމެއް ކޮށްގެން ޔާނު އެއް ނޫޅޭނެއްނު. ތި ބާޒިލް އަށް ވުރެ ކިތަންމެ ތަނެއް އޭނާ ރަނގަޅު. ނޫންތަ މަންމާ؟ މަންމަ އަށް މަންމަ ނުކިޔަސް ފިރިހެން ދަރިއެއްގެ ޒިންމާ ބަރާބަރަށް އަދާކުރެއެއްނޫންތަ؟ މިއީ އޭނަގެ އުފަން ރަށް ނޫނަސް އަމިއްލައަށް އެދިގެން މިތަނުގައި ވަޒީފާ އަދާކުރާނީ ކޮންމެސް ކަމެއްވީމައެއްނު" މައިލީން ވާހަކަދެއްކިއެވެ.

އަތުގައި އޮތް ހެދުމާއެކު އެނދުގައި ތަބައްސުމް އިށީނެވެ. ހިޔާލަކަށް ގެއްލިފައި އިންނަ މީހެއް ފަދައިން އޭނާ އިރުކޮޅަކު އިނެވެ. ބަލައިލީ މައިލީން އޭނާގެ އަތުގައި ހިފާލުމުންނެވެ.

"މަންމައަކީ އެހާ ނުބައި މީހެއްނޫން. ރައްޔާނު އަށް މަންމަގެ ހިތް ވަރަށް ސާފު. އެކަމަކު އެ އަންހެނާ..... ދަރިފުޅުމެން ބޮޑެތިކުރަން މަންމަ އުޅުނު ހާލު. އުފުލި ތަކުލީފުތައް. ބަލި ތަންމަތީގައި އޮތް މުސްކުޅި މަންމަ ބަލަމުން ދަރިފުޅުމެންގެ ކަންތައްތައް ބަލަހައްޓަން މަންމައަށް ކުރިމަތިވި ގޮންޖެހުންތައް. ނުބައި ލޯތަކުންނާއި ޝައިތާނީ ފިރިހެނުންގެ އަތްދަށުން ތިދެކުދިންގެ އިތްފަތްތެރިކަން ރައްކާކުރަން މަސައްކަތްކުރި މިންވަރު. އެމަސައްކަތް މަންމަގެ އިތްފަތްތެރިކަން ރައްކާކުރަން ކިތައްރޭ މަސައްކަތްކުރީ. ކިތައް ފިރިހެނުން މަންމައަށް ފައިސާ ދެނީ. ދަރިފުޅުމެންގެ ބައްޕަ މަންމަ ދޫކޮށްލާފަ ދިޔުމުންވެސް އެ އިންސާނާއަށް ހިތުގައި ދެވިފައިވި އިހުތިރާމާ ގަދަރެއްގެ ބޮޑުކަމުން އޭނައަށް ތެދުވެރިވެ ވަފާތެރިވުމަށްޓަކައި މިހާތަނަށްވެސް ނޯންނާނެ ހިލޭ ފިރިހެނަކަށް ނުނިޔަތެއްގަ ބަލާލާފަވެސް. މިވާހަކަތައް ދެއްކިޔަސް މަންމަގެ ހިތަށް ހާދަ އަސަރެއްކުރެއޭ. މިހުރިހާ ހުރަސްތަކެއް ކަޑައްތުކުރަން މަންމަ އަށް ޖެހުނީ ހަމައެކަނި އެ އަންހެނާގެ ސަބަބުން....." ތަބައްސުމްގެ އަޑު ކުރެހިގެން ދިޔައެވެ. މައިލީން އައިސް މަންމަގެ ގާތުގައި އިށީނެވެ. މަންމަގެ އަތުގައި ފިރުމަމުން ކޮނޑުގައި ހިފާ ގަޔާ ކައިރިކޮށްލިއެވެ.

"މަންމަ މީހަކުދެކެ ލޯބިވިޔަސް އަދި މީހަކަށް ނަފްރަތު ކުރިޔަސް ކުރަންވާނީ ވަކި މިންވަރަކަށް. މަންމަ ތިހުރިހާ ރުޅިއެއް ތިބާލާ އަންހެންމީހާ މިހާރު ދުނިޔޭގަ ނެތް. އެހެންވީމާ ދިރިތިބީންނަށް އޮތީ އެމީހުންގެ މައްޗަށް ހެޔޮ ދުއާކުރުން. އެމީހާ އަށް ހިތް ހެޔޮކޮށްފަ ތިހުރިހާ ކަމެއް ހިތުން ނެރެލަން މަސައްކަތްކުރޭ..." މައިލީން ވާހަކަދައްކަމުން ދިޔައެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟